ވާހަކަ: މެންދަން ވީމާ ހިމޭން

ވާހަކަ

ވާހަކަ: މެންދަން ވީމާ ހިމޭން

އަހަރެންނަށް ވީގޮތް ސާފުކުރަން މީހުން ސުވާލު ކުރިއެވެ. ނަމަވެސް އެވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެގޮތުގައި ދުވަސްތައް ދިއުމުން މީހުންނަށް އެކަން ހަނދާން ނެތުނީ ކަހަލައެވެ. އެވާހަކަ ފަހަކުން ނުދައްކައެވެ.
4 ޖުލައި 2022

އެޕިސޯޑް 2

އެ ވަގުތު ބޭއިޚުތިޔާރުގައި ފަހަތް ބަލާލެވުނެވެ. އަހަރެންގެ ދެ ލޯ ބޮޑުވިއެވެ. ފެނުނީ ވަރަށް ބޮޑު އަލި ގުޅައެކެވެ. އެކި ބައްޓަމަށް ބަދަލުވަމުން ގޮސް ކުއްލިއަކަށް މައްޗަށް އެރިއެވެ. މުޅި ތަން އަލި ވެގެން ދިޔައެވެ. ހުރެވުނީ ރަށުގެ ފުއްޓަރު ފަރާތުގައި ކަން އެނގުނެވެ. އަލި ގުޅަ މައްޗަށް އެރި ފަހުން ތަން އަލިވި ގޮތަށް އަނދިރިއެއް ނުވިއެވެ. ހީވަނީ ދުވާލު ހެންނެވެ. ނަމަވެސް އަލި އޮތީ ދުވާލު އަވި ދިނީމައި އޮންނަ ގޮތަކަށް ނޫނެވެ. މުޅި ތަނުގައި ވަނީ ނޫކުލައިގެ އަލިކަމެކެވެ. ހަނދު ފެންނަން ހުރީ ދުވަހަކު ވެސް ނުދެކޭހާ ބޮޑު ކޮށެވެ. ހީވަނީ ވަރަށް ކައިރިން ފެންނަ ހެންނެވެ. ހަނދުގެ ރިހި އަލިން މުޅި މޫދު ވަނީ ދިއްލިފައެވެ. އަހަރެންނަށް އެއް ކަމެއް ޔަގީންވިއެވެ. މިއީ ހަނދުވަރުދޭ މޫސުމެއް ނޫނެވެ. ވީމާ ހަނދު ފެންނަން އެ ހުރީ ކީއްވެގެން ހެއްޔެވެ؟

މީގެ ހިނދުކޮޅެއް ކުރިން ފެނުނު ބިރުވެރި މަންޒަރު ހިތުގައި ބިންވަޅު ނެގުނެވެ. އަހަރެންނަށް މި ތަނަށް އާދެވުނީ ކިހިނެއް ހެއްޔެވެ؟ ގައިމު ވެސް ރަށުގެ އެއް ކޮޅުން އަނެއް ކޮޅަށް ދުވެވޭހާ އިރެއް އަދި ނުވާނެއެވެ. ރަށަކީ ދިގު ރަށެކެވެ. އަހަރެމެން ތިބީ ރަށުގެ ކުޅި ކައިރީގައެވެ. ކުޅި އޮންނާނީ ރަށުގެ އުތުރުކޮޅުގެ ހުޅަނގު ފަރާތުގައެވެ. ފުއްޓަރު ފަރާތަކީ ރަށުގެ ދެކުނުގެ އިރުމަތީ ފަރާތަށް އޮންނަ ތަނެކެވެ. އަހަރެން ހުރީ ބިރުން ހަދާނެ ގޮތެއް ނޭނގިފައެވެ. ތަން ކިތަންމެ އަލިވެފައި ވީ ނަމަވެސް ފަރާތް ފަރާތަކަށް ބަލާކަށް ނުކެރުނެވެ. އަހަރެންގެ ހަށިގަނޑުގައި އެ ވަގުތު މަސައްކަތް ކުރީ އަހަރެންގެ ހިތް އެކަންޏެވެ. އިނގިއްޔެއް ވެސް ގުޑުވާލަން ނުކެރިފައި ހުއްޓާ އިޝާ ނަމާދަށް ގޮވާ އަޑު އިވުނެވެ. އެއާއެކު ދެން ވީ ގޮތެއް ނޭނގުނެވެ.

އަހަރެން ލޯ ހުޅުވާލި އިރު ވަށައިގެން މީހުން ތިއްބެވެ. މަންމަ އާއި ބައްޕަގެ އިތުރުން ތިއްތިބެ އާއި ބޮޑުދައިތައެވެ. ތިއްތިބެއަކީ އަހަރެންގެ މަންމައާ އެއްބަނޑު އެއްބަފާ މީހެކެވެ. އުމުރުން އަހަރެންނަށް ވުރެ ކިތަންމެ ދޮށީ ނަމަވެސް އަހަރެންނަށް ވަރަށް ނަސޭހަތް ދޭ އަހަރެންގެ މިތުރެއް ފަދަ މީހެކެވެ.

އަހަރެންނަށް ފުންމައިގެން ތެދުވެވުނެވެ. އޭރު މީހާ ތުރުތުރުއަޅައެވެ. ވީ ގޮތް އަހަމުން ދިޔައީ އެންމެން އެއްފަހަރާއެވެ. ނަމަވެސް އަހަރެން އިނީ އެ މީހުންނަށް ޖަވާބު ދެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. އަހަރެން އެ ވަގުތު ބޭނުންވީ އެކަނިވެލާށެވެ. އަހަރެންނާ ސުވާލު ކުރުމުން އުނދަގޫވާ ވާހަކަ ބުނުމުން އެންމެން ނުކުތެވެ. އަހަރެން ފުންމައިގެން ގޮސް ދޮރު ތަޅުލީމެވެ. އަދި ލައިގެން ހުރި ގަމީސް ބާލާފައި އަހަރެންގެ ބުރަކަށި ބަލާލީމެވެ. ކަނދުރާއަށް ވެސް ބެލީމެވެ. އަހަރެން ފުއްޓަރުގައި ހުރި އިރު ބުރަކަށީގައި އެއްޗެއް އަތްލި ހެން ހީވިއެވެ. އެއީ އެންމެ ފަހުން އަހަރެންނަށް ވީ ގޮތެވެ. ނަމަވެސް ހަނދާންވީ ދެންމެއެވެ.

އޭގެ ފަހުން މަހެއް ވީ އިރު ވެސް އަހަރެން ފުއްޓަރަކަށް ނުދަމެވެ. ނަމަވެސް ތުނޑިއަށް ދަމެވެ. އަދި ކުޅި ކައިރިއަށް ވެސް ދަމެވެ. އެ ކަހަލަ އެއްވެސް ކަމެއް ނުވެއެވެ. ވީ ކަންތައް ހަނދާނެއް ނުނެތެއެވެ. އެ ވާހަކަ ހިއްސާ ކުރާކަށް ވެސް ބޭނުމެއް ނުވެއެވެ. ޕޮލިހަށް ވަންނަން އަހަރެން ފޯމް ލީމެވެ. މިއަދަކީ އަހަރެން ފުރާ ދުވަހެވެ. ޓްރެއިނިންއަށް އަހަރެން ދާން ޖެހުނީ މާލެ އަތޮޅުގައި އޮންނަ ފަޅު ރަށަކަށެވެ. އަހަރެންނާ އެކު ގާތް ގަނޑަކަށް 200 އެއްހާ ކުދިން ޓްރެއިނިންގައި އުޅެއެވެ.

އަހަރެމެން ތިބޭ އެކޮމޮޑޭޝަނާ ވަރަށް ކައިރީގައި ބޮޑު ނިކަ ގަހެއް ހުރެއެވެ. ގަސް ދަށުގައި ޖޯއްޔާއި ތިން އަށި ހުރެއެވެ. އަދި އުނދޯއްޔެއް ވެސް އޮވެއެވެ. އަހަރެމެން ނިދާ ގެ ހުންނަނީ ރަށުގެ ދެކުނު ފަރާތުގައެވެ. އެ ތަން ގޮނޑުދޮށާ ވަރަށް ކައިރިއެވެ. ނިދަން އޮންނަ އިރު ވެސް ރާޅު ޖަހާ އަޑު އިވެއެވެ. ހުރަހަކަށް ވެފައި ހުންނަނީ ގަސް ގިނަ ހޭޅިއެވެ. އެތަނުގައި ހިރުނދު ގަހާއި ދިއްގާ ގަހުގެ އިތުރުން މިދިލި ގަސް ހުރެއެވެ. ލިބޭ މަދު، ހުސް ވަގުތުތައް އަހަރެން ހޭދަ ކުރަނީ ނިކަ ގަސް ދަށުގައެވެ. އެތަނުގައި ހުންނަ ޖޯލިތަކުގައެވެ. އަހަރެން އަބަދުވެސް އޮންނަނީ އެއް ޖޯއްޔެއްގައެވެ. އެ ޖޯލީގައި އެހެން މީހަކު އޮތް ނަމަވެސް އެ ޖޯލި ދޭން ބުނަމެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އަހަރެންނަށް އެ ޖޯލި ނޫން ތަނެއް ފަސޭހައެއް ނޫނެވެ.

މިތަނަށް އައި ފަހުން އަހަރެން ގަވާއިދުން ނަމާދު ކުރަމެވެ. ނަމަވެސް ކުރާ ހިތަކުން ނޫނެވެ. އެއީ މަޖުބޫރު ކޮށްފައިވާ ކަމަކަށް ވާތީއެވެ. މެންދުރު ޓްރެއިނިން ނެތް ދުވަހެކެވެ. މާލެއިން އަންނަން އުޅުނު ދެ ޓްރެއިނަރަށް ނާދެވިގެން، މެންދުރު ފަސް ހުސްކޮށް ލިބުނު ދުވަހެކެވެ. ހުސް ވަގުތެއް ލިބުމުން ގިނަ މީހުން އުޅުނީ އެކި ކަހަލަ ކުޅިވަރު ކުޅުމުގައެވެ. އެއް ބަޔަކު ފުޓްބޯޅަ ކުޅެނީއެވެ. އަނެއް ބަޔަކު ރާޒުވާ ކުޅެނީއެވެ. އަތިރިމަތީގައި ސަކަރާތް ޖަހާ ގުރޫޕެއް ވެސް އުޅުނެވެ.

އަހަރެން އޮތީ ޖޯލީގައެވެ. އެއިން އެއްވެސް ކަމެއްގައި ބައިވެރިވާ ހިތް ނުވެފައެވެ. އެ މީހުންނާއެކު ބައިވެރިވުމަށް ކިތަންމެ ފަހަރަކު ބުންޏެވެ. ނަމަވެސް އަހަރެން އެއްވެސް ކަމެއް ކުރާ ހިތެއް ނުވިއެވެ. މަތި ބަލަހައްޓައިގެން އޮތް އިރު އަހަރެންނާ ދިމާ ސީދަލަށް ނިކަ ގަހުގައި ގޮފިގަނޑެއް ވީދައިގެން ގޮސް ހެލި ހެލި އޮތެވެ. ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެ ހެންނެވެ. އެކަމަކު ވެސް އަހަރެން ނުތެދުވަމެވެ. އެ ދިމާލަށް ބަލަހައްޓައިގެން އޮވެފައި ދެ ލޯ ކުޑަ ކޮށްލެވުނެވެ. ގޮފި ގަނޑުން ސިފައެއް ފާޅުވިހެން ހީވިއެވެ. އަހަރެން ޖޯލީގައި އިށީނީމެވެ. އަދި ރަނގަޅަށް އެއަށް ބަލާލީމެވެ. އަދިވެސް ސިފައެއް ފެންނަން ހުއްޓެވެ. އޭރު ގޮފިގަނޑުގެ ހެލުން ހުއްޓިއްޖެއެވެ. އަހަރެން ޖޯލިން ތެދުވީމެވެ. އެކަމަކު ކަރު މައްޗަށް ނަގައިގެން އެއާ ދިމާލަށް ބެލީމެވެ. އެހެން ދިމާލެއް އަހަރެންނަކަށް ނުވެސް ބެލެއެވެ. އެހެން އަޑެއް ވެސް ނީވެއެވެ. ކަރަށް ތަދުވާކަން އިހުސާސް ވިއެވެ. ނަމަވެސް ކަރު ތިރިއެއް ނުކުރެވުނެވެ. އަހަރެންގެ އަތް ހަރަކާތް ކުރަން ކިތަންމެ ފަހަރަކު އަތް ނެގީމެއެވެ. އެކަމަކު ކޮނޑަށް ވުރެ މައްޗަކަށް އަތެއް ނުނެގުނެވެ. ލޮލުގެ އެސްފިޔަ ނުޖެހޭކަން ފާހަގަވީ ލޮލުން ފެން ފައިބަން ފެށުމުންނެވެ. އެއްޗެއް ބުނަން އަނގަ ހުޅުވުނެވެ. އެކަމަކު ދުލެއް ހަރަކާތެއް ނުކުރިއެވެ.

އެލިފައިވާ ގޮފިގަނޑު އަހަރެންގެ މޫނާ ދިމާލަށް އައެވެ. އެ ވަގުތު ލޯ މެރުނެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް