Majlis 2024

ވާހަކަ: މެންދަން ވީމާ ހިމޭން

ވާހަކަ

ވާހަކަ: މެންދަން ވީމާ ހިމޭން

އަހަރެންގެ ކަނދުރާ މައްޗަށް ހޫނު އިހުސާސެއް ވިއެވެ. މީހަކު މަޑުމަޑުން ފުމެލާ ގޮތަށެވެ.

އެޕިސޯޑް 1

އިންސާނުންގެ ހިތަކީ ފުރޭ އެއްޗެއް ނޫނޭ ބުނާ އަޑު އަހަމެވެ. ކިތަންމެ ގިނަ އެއްޗެހި ލިބުނަސް ހިތެއް ނުފުރެއެވެ. ކިތަންމެ ބޭނުންވާ މުހުތާދުތަކެއް ފުދުނަސް އަދިވެސް އިތުރަށް ހިތްއެދެއެވެ. މީހުން ބުނެއުޅެނީ އެހެންނެވެ. އެއީ ތެދެއްބާވައޭ އަހަރެންގެ ހިތަށް އަރައެވެ. އެކަމަކު އަހަރެންގެ ހިތް ހުހެވެ. މި ހިތުގައި އެއްވެސް އެއްޗެއް ނެތެވެ.  ބޭނުންވާ ކަމެއް ވެސް ނެތެވެ. އެދޭ އެދުމެއް ވެސް ނެތެވެ. އެހެން ވެދާނެ ހެއްޔެވެ؟ ނުވަތަ ވަގުތު ނުޖެހެނީ ހެއްޔެވެ؟

އަހަރެންގެ އުމުރަކީ ސަތާރަ އަހަރެވެ. ކިޔަވާ ނިމުނީ މިދިޔަ އަހަރުގައެވެ. ނަތީޖާ އެހާ ފުރިހަމަ ނުވި ކަމުގައި ވިޔަސް ދެރައެއް ނޫނެވެ. އާދައިގެ ވަރެކެވެ. އަހަރެންނަކީ އެއް އިރެއްގައި ވެސް ކިޔަވާ ހިތްވާ މީހެއް ނޫނެވެ. އަބަދުވެސް އުޅެނީ ކުޅިވަރާއި މަޖަލުގެ ތެރޭގައެވެ. ވަގުތުތައް ހޭދަ ކުރެވެނީ ރައްޓެހިންނާ އެކުގައެވެ. ސަކަރާތް ޖެހުމާއި ރަށުތެރޭގައި ބައިސްކަލް ދުއްވުމުގައެވެ. ނުވަތަ ފުޓްބޯޅަ ކުޅުމުގައެވެ. އެއީ އަހަރެން އެންމެ ކުރާހިތްވާ ކަންކަމެވެ. އަހަރެންގެ ނަމަކީ ފަވާޒެވެ.

އަހަރެންގެ ރަށަކީ ތަރައްގީ ވެފައިވާ އުތުރުގެ ރަށެކެވެ. ރަށުގެ ގިނަ ޒުވާނުން އުޅެނީ ކިޔަވައިގެން ވަޒީފާތަކުގައެވެ. ބައެއް މީހުން ރިޒޯޓުތަކުގައެވެ. އަހަރެން ވެސް ރުފިޔާ ހޯދަން ބޭނުމެވެ. ނަމަވެސް މާ މައްޗަށް ކިޔަވާފައި ނެތުމުން ރަށުން ވަޒީފާ ލިބުން ދަތިވިއެވެ. ސުކޫލުގައި އުޅުނު އިރު އެންމެ ކުރާހިތްވި ކަމަކީ ކެޑޭޓްގައި އުޅުމެވެ. އޭރު ހިތަށް އެރީ ބޮޑުވުމުން ޕޮލިހަށް ވަންނާށެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް ޕޮލިހަށް ވަންނަން މިހާރު ވެސް ވިސްނަމުން ދިޔައީމެވެ.

ހުކުރު ދުވަހުގެ އެގާރަ ޖެހިއެވެ. އަހަރެން އޮތީ ނިދާފައެވެ. ހޭލެވުނީ އަހަރެންގެ ކަންފަތަށް ރެ އާއި ދުވާލު އެންމެ ގިނައިން އިވޭ  އަޑަށެވެ. އަހަރެންގެ މަންމައާއި ބައްޕަ ޒުވާބު ކުރާ އަޑަށެވެ. ވީ ފޫހިން ކަންފަތުގައި ބާލީސް އެޅީމެވެ. ނަމަވެސް އަޑެއް މަޑެއް ނުވިއެވެ. ޗޮކެއް ކަނޑާލާފައި ތެދުވެ ފާހާނާއަށް ވަނީމެވެ. އަދި ފެންވަރާލައިގެން ހުކުރަށް ދިޔައީމެވެ.

ހުކުރު ވަގުތު މިސްކިތަށް ދިޔަ ނަމަވެސް އަހަރެންނަކީ ގަވާއިދުން ނަމާދު ކުރާ މީހެއް ނޫނެވެ. އެކަން ކުރާ ހިތް ވެސް ނުވަނީ އެވެ. އެންމެ ފަހުން ގުރުއާނުގެ މިންވަރެއް ކިޔެވީ އަހަރެން ވަރަށް ކުޑައިރު މާމަ ދުނިޔޭގައެވެ. އެއީ މީގެ ދިހަ ވަރަކަށް އަހަރު ކުރިއެވެ. އެކަމަށް ވެސް ދެވޭ ޝައުގުވެރިކަން ކުޑަކަމުންނެވެ. ކަމުގެ މުހިންމުކަން ވެސް ނޭނގޭތީއެވެ. އަދި މީގެ އިތުރުން އެކަމަށް ބާރު އަޅާނެ މީހަކު ވެސް ނޫޅޭތީއެވެ. އަހަރެންގެ ދޮންބެ އާއި ކޮއްކޮ ވެސް މިފަދައެވެ. ތައުލީމީ ދާއިރާއިން އަހަރެންނަށް ވުރެ ވެސް ދަށްވެފައި ފަރުވާކުޑައެވެ. ދޮންބެ ސުކޫލަށް ނުދާތާ ކިތަންމެ ދުވަހެއްވެ އުމުރު ހަމަ ވެގެން ސުކޫލުން ވަކިވެއްޖެއެވެ. އަދި މީގެ އިތުރުން ދީނީ ގޮތުން ކުރަން ޖެހޭ އެއްވެސް ކަމެއް ދެ މީހުން ވެސް ނުކުރެއެވެ.

ހުކުރު ދުވަހުގެ ރެއެވެ. ދެ ނަމާދު ދޭތެރޭ ވަގުތަކީ އަހަރެން އެންމެ ގިނައިން ބޭރުގައި ހޭދަ ކުރާ ވަގުތެވެ. ރައްޓެހިންނާއެކު ރަށުގެ ފުއްޓަރު ފަރާތަށް ދަމެވެ. ތުނޑިއަށް ވެސް ދަމެވެ. މިރޭ ވެސް ސަކަރާތާއި މަޖަލުގެ ތެރޭގައި އަހަރުމެން ހޭދަ ކުރީމެވެ. ރަށުގެ ބޮޑު މަގުން ދިޔައިރު ގޭގެއިން ގުރުއާން ކިޔަވާ އަޑު އިވެއެވެ. ނަމަވެސް އަހަރެމެން ދިޔައީ ބައިސްކަލުގައި އަޑުގަދަ ކުރަމުންނެވެ. ކާކަށްތޯ އެންމެ ބާރަށް ދުއްވެނީ ބަލަން ވާދަ ޖަހަމުންނެވެ. ދުއްވަމުން ގޮސް ރަށުގެ ކުޅި ކައިރީގައި ހެދިފައިވާ ވިނަގަނޑަށް މަޑު ކުރީމެވެ. ތަން އަނދިރިއެވެ. ނަމަވެސް މީހުން ވަކިވާ ވަރު ވެއެވެ. ވިނަގަނޑުމަތީގައި އިށީނީ އަހަރެންނާ އެކު މުޅި ޖުމްލަ ހަތް މީހުންނެވެ. އެކި މީހުން އެކި ވާހަކަ ފެށިއެވެ. އެއީ ކޮންމެ ރެއެއްގެ ވެސް އާދައެވެ. ހެދިފައިވާ ބޮޑެތި ގަސްތަކުގައި ވައި އަޅާ އަޑު ކޮންމެވެސް ވަރަކަށް އިވިއިވި ހުއްޓެވެ. އެންމެ ގިނައީ އުނި ގަހާއި މަގޫ ގަހެވެ. އުނިމާ ވަސް މުޅި ތަނުގައި ފެތުރިފައި ހުއްޓެވެ. ކުރެދި ގަސްތަކުގެ މައްޗަށް ވާ ގޮތަށް ވިހަލަގޮނޑި ވެޔޮތައް ވެސް ހެދިފައި އޮތެވެ. ވެލުގައި އޮތީ މާތައް ފޮޅިފައެވެ.

އަހަރެން ކުޑަކަމުދާން ޖެހުނެވެ. އެތަނުން ތެދުވެގެން މަގޫ ގަސްތަކުތެރެ ހާވަމުން މަޑުމަޑުން ވަނީމެވެ. އެކުވެރިން ކިރިޔާ ފެންނަ ހިސާބުގައި ހުރެ ކުޑަކަމުދާން ފެށީމެވެ. ތުނބުން ފުމެމުންނެވެ. އެފަދަ ވަގުތެއްގައި ތިމާ ރައްކާތެރިކަމަށް ކިޔަން ޖެހޭ އެއްވެސް އެއްޗެއް ކިޔާކަށް ހަނދާނެއް ނުވެއެވެ. އެހެން ހުރި އިރު ވެސް ރައްޓެހިންގެ ހުނުމުގެ އަޑު އިވެއެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައެވެ. އަހަރެންނާ ދާދި ގާތުން އަންހެން ކުއްޖަކު ހޭން ފެށި އަޑު އިވުމުންނެވެ. ތުނބުން ފުމުން ހުއްޓާލެވުނެވެ. އަޑު އައީ ސީދާ ކޮން ދިމާލަކުން ކަން ބުނާކަށް ނޭނގުނެވެ. ވަށައިގެން ހޯދާލެވުނެވެ. މިފަދަ ގަޑިއެއްގައި މި ކަހަލަ ތަނަކަށް އަންހެން ކުއްޖަކަށް ވަންނާކަށް ނުކެރޭނޭ ހިތަށް އެރިއެވެ. އަހަރެންގެ ނިތްކުރިއަށް ރޫތައް ގިނަވިއެވެ. ވިސްނާލެވުނެވެ. އަތްމަތި އަވަސް ކޮށްލާފައި ނުކުންނަން ހިނގައިގަތީމެވެ. ހިނގުން ހުއްޓުނީ އަނެއްކާވެސް އެ އަޑު ތަކުރާރު ވުމުންނެވެ. މި ފަހަރު އަޑު އައީ ފުރަގަހުންނެވެ. އެއީ ހީވި ގޮތެއް ނޫނެވެ. އަހަރެންނަށް ޔަގީނެވެ. ނަމަވެސް ފަހަތަށް އެނބުރޭކަށް ނުކެރުނެވެ.

އެ ސަރަހައްދު ވަރަށް އަނދިރިއެވެ. ކައިރީގައި މީހަކު ހުރި ނަމަވެސް ނޭނގޭނެއެވެ. ހިތަށް ބިރުވެރިކަން ވަނެވެ. އަނެއްކާވެސް ހޭން ފެށިއެވެ. ގުޑާލަން ވެސް ނުކެރިފައި ހުރި ފިޔަވަޅު މަތީގައި ހުރެވުނެވެ. ބިރުގެންފައި ހުރި ނަމަވެސް އެ އަޑު ކަމުދިޔައެވެ. ހިތްގައިމެވެ. ދުވަހަކު ވެސް އެހާ ރީތި އަންހެން އަޑެއް ނާހަމެވެ. ފަހަތް ބަލާލަން ބޭނުންވިއެވެ. އެކަމަކު ހިތް އެކަމަށް އިޖާބައެއް ނުދިނެވެ. އެ ވަގުތު އަހަރެންގެ ކަނދުރާ މައްޗަށް ހޫނު އިހުސާސެއް ވިއެވެ. މީހަކު މަޑުމަޑުން ފުމެލާ ގޮތަށެވެ. ނުވަތަ ނޭވާގެ ހޫނެވެ. ދުއްވައިގަންނަން ކިތަންމެ ފަހަރަކު ވިސްނީމެއެވެ. އެކަމަކު ދެން ވާނެ ގޮތެއް ނޭނގޭތީ ނުކެރުނެވެ. ހިތަށް އެރިއެވެ. އެއީ އިންސާނަކަށް ނުވާނެއެވެ. އަންހެން ކުއްޖަކަށް މިހާ އަނދިރި ރެއެއްގައި މިފަދަ ގަޑިއެއްގައި، މި ކަހަލަ ތަނެއްގައި ހުންނާކަށް ނުކެރޭނެއެވެ.

ދެ ހިޔާލެއްގައި ހުރެ އެއް ފިޔަވަޅު ކުރިއަށް އެޅީމެވެ. ކަމެއް ވޭތޯ ބަލަން މަޑުކޮށްލީމެވެ. އެއްވެސް ކަމެއް ނުވުމުން އަނެއްކާވެސް ފިޔަވަޅެއް ކުރިއަށް އެޅީމެވެ. ކުރިއެކޭ އެއްގޮތަށް މަޑުކޮށްލީމެވެ. ކަމެއް ނުވިއެވެ. ކުއްލިއަކަށް ދުއްވައިގަތީމެވެ. ފައިގައި ހުރި ބާރެއް ލާފައެވެ. ދުވެވޭ އެންމެ ބާރަކަށެވެ. ދުވެދުވެ ބަލިވި އިރު ވެސް ވަލުން ނުކުމެވޭ ގޮތެއް ނުވިއެވެ. ފަރާތް ފަރާތަކަށް ބަލާކަށް ނުކެރުނެވެ. ފެނިދާނެ ބިރުވެރި މަންޒަރަކުންނެވެ. ދުވެދުވެ ވަރުބަލިވެގެން ހުއްޓިފައި ގުދުވެލީމެވެ. ދެ ކަލުގައި އަތް ވިއްދާލައިގެން އޮވެ މާނޭވާ ލެވެމުން ދިޔައެވެ. އޭރު ވެސް ފަހަތް ބަލަން ހިތަށް އަރަމުން ދިޔައެވެ. އެކަމަކު ނުބަލަމެވެ. އަނެއްކާވެސް ދުއްވައިގަތީމެވެ. އޭރު މީހާ ވަނީ ދާހިތްލާ ފޯވެފައެވެ. ބިރުން ތުރުތުރު އަޅައެވެ. ދެވެނީ ކޮން ދިމާލަކަށް ކަމެއް ނޭނގެއެވެ. ގައިމު ވެސް އަހަރެން ވަލަށް ވަނީ ކޮށާފައި އޮތް މަގަކުން ނޫނެވެ. މިހާ އެތެރެއަކަށް ނުވެސް ވަންނަމެވެ. ކިތަންމެ އަނދިރި ނަމަވެސް ދުވެވެނީ މަގަކުންކަން އެނގެއެވެ. އެއްވެސް އެއްޗެއްގައި އަޅައި ނުގަންނާތީއެވެ. އެއްޗެއްގައި ނުޖެހޭތީއެވެ.

އެތަށް އިރަކު ދުވި ފަހުން ތަނަކަށް ނުކުމެވުނުކަން އިހުސާސް ވިއެވެ. ނަމަވެސް ކޮން ތަނެއް ކަމެއް ނޭނގުނެވެ. ރާޅު ޖަހާ އަޑު ވެސް އިވެއެވެ. އެ ވަގުތު ބޭއިޚުތިޔާރުގައި ފަހަތް ބަލާލެވުނެވެ. އަހަރެންގެ ދެ ލޯ ބޮޑުވިއެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

ކޮމެންޓް (1)

ޖުންދު

30 ޖޫން 2022
ފުރަތަމަވެސް ވަރަށް ބިރުވެރި ހެން ހީވާންފެށީ. ވަރަށް އިންޓްރެސްޓް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް