އާޝާ ބޯސްލޭ

ބޮލީވުޑް

ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ

އާޝާއަކީ ގްރޭމީ އެވޯޑަށް ނޮމިނޭޓުވި އިންޑިއާގެ ފުރަތަމަ ލަވަކިޔުންތެރިޔާ؛ އިންޑިއާގެ ރައްޔިތުންނަށް ދެވަނަ އަށް ދޭ އެންމެ ޝަރަފުވެރި އެވޯޑުކަމަށްވާ ޕަދުމާ ވިބޫޝަން އެވޯޑު 2008 ވަނަ އަހަރު ލިބިފައިވޭ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އާޝާ ބޯސްލޭ އުމުރުން 92 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

އާޝާ ބޯސްލޭގެ ސިއްހީ ހާލަތު މި ފާއިތުވި ދެތިން މަސް ތެރޭ ވަރަށް ގޯސްވެފައިވާ ކަމަށް ހިންދުސްތާން ޓައިމްސްގައި ބުނެފައިވެ އެވެ. ނޭވާލާ ނިޒާމުގެ އަދި ހިތުގެ މައްސަލަތަކަށް ފަރުވާ ހޯދުމަށް އޭނާ ވަނީ އިއްޔެ މުމްބާއީގައި ހުންނަ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ އެވެ.

އޭނާ މަރުވީ ކާޑިއެކް އެރެސްޓެއްގެ ސަބަބުން އައިސީޔޫގައި އެޑްމިޓުކޮށް ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނު އެވެ.

ހިންދީ ސިނަމާގެ ގިނަ ފިލްމުތަކަކަށް ލަވަ ކިޔާދީފައިވާ އަދި އެ ދާއިރާ އިން ގިނަ އެވޯޑުތަކެއް ހޯދާފައިވާ އާޝާ ބޯސްލޭގެ އެންމެ ފާހަގަ ކުރެވޭ ލަވަތަކުގެ ތެރޭގައި 'ޗުރާލިޔާހެ ތުމްނޭ ޖޮ ދިލްކޯ'، 'ދޯ ލަފްޒޯކީ'، 'އޭކް މޭ އޯރް އޭކް ތޫ'، 'ޖަވާނެ ޖާނެމަން'، 'ޓިޕް ޓިޕް ބަރްސާ ޕާނީ' އަދި 'ތުމްސޭ މިލްކޭ' ފަދަ ލަވަތައް ހިމެނެ އެވެ.

އޭނާއަކީ ގްރޭމީ އެވޯޑަށް ނޮމިނޭޓުވި އިންޑިއާގެ ފުރަތަމަ ލަވަކިޔުންތެރިޔާ އެވެ.

އާޝާ ބޯސްލޭއަށް ލިބިފައިވާ ބައެއް އެވޯޑުތަކުގެ ތެރޭގައި:

  • އެކި އަހަރު މަތިން ފިލްމު ފެއާ އެވޯޑް

  • އިންޑިއާގެ ރައްޔިތުންނަށް ދެވަނަ އަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ޕަދުމާ ވިބޫޝަން އެވޯޑު 2008 ވަނަ އަހަރު

  • އެކި އެވޯޑު ހަފްލާތަކުގައި ލައިފް ޓައިމް އެޗީވްމެންޓު އެވޯޑު

އާޝާ ބޯސްލޭއަކީ 2022 ވަނަ އަހަރު މަރުވި އިންޑިއާގެ ރަން އަޑުގެ ވެރިޔާ، ލަތާ މަންގޭޝްކަރުގެ ކޮއްކޮ އެވެ. އޭނާ ލަވައިގެ ދުނިޔެއަށް ނިކުތީ އުމުރުން އެންމެ 9 އަހަރުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް