ބީޓީއެސް އިޒްރޭލުގެ ބްރޭންޑަކާ އެކު ގުޅުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ
ބީޓީއެސްއިން ޕްރޮމޯޓު ކުރަން ފެށި ފޯނު ކޭސްތަކެއްގެ ފަހަތުގައި ވަނީ އިޒްރޭލުގެ ދެބެން
ދެކުނު ކޮރެއާގެ މަޝްހޫރު ފިރިހެން 'ކޭ-ޕޮޕް' ބޭންޑު ބީޓީއެސްއިން އެންމެ ފަހުން ގުޅުނު ބްރޭންޑުގެ ސަބަބުން ސަޕޯޓަރުންނާއި ގިނަ ބައެއްގެ ފާޑުކިޔުން އެ ބޭންޑަށް އަމާޒު ވެއްޖެ އެވެ.
ކޮރެއާގެ މުނިފޫހިފިލުވުމުގެ ބޮޑު ކުންފުންޏެއް ކަމަށްވާ ހައިބް ކޯޕަރޭޝަނުން އުފައްދާފައިވާ މޮބައިލް އެޕެއް ކަމަށްވާ 'ވެވާސް'އިން ބީޓީއެސްއާ އެކު، 'އާބަން ސޮފިސްޓިކޭޝަން' ކިޔާ ބްރޭންޑެއްގެ ފޯނު ކޭސްތަކެއް އިޝްތިހާރު ކުރަން ވަނީ ފަށައިފަ އެވެ. މި ފޯނު ކޭސްތައް ހިފައިގެން ބީޓީއެސްގެ އެކި މެމްބަރުން ވަނީ އެ އުފެއްދުން ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ގަދަޔަށް ޕްރޮމޯޓުކޮށްފަ އެވެ.
އާބަން ސޮފިސްޓިކޭޝަން އަކީ އިޒްރޭލަށް ނިސްބަތްވާ އެކަމަކު އެމެރިކާގެ ނިއު ޔޯކްގައި ދިރިއުޅޭ ދެބެން ކަމަށްވާ އެލާޑް ޔާމް އާއި ނޭތާ ޔާމް ގުޅިގެން 2015ގައި އުފެއްދި ބްރޭންޑެކެވެ.
އެ ބްރޭންޑުގެ އެންމެ މަޝްހޫރުވި ފޯނު ކޭސްތަކުގެ ތެރެއިން އެއް ކޭސްއެއްގައި، "ސޯޝަލް މީޑިއާ ކޭން ސީރިއަސްލީ ހާމް ޔޯ މެންޓަލް ހެލްތު" ލިޔެފައިވެ އެވެ. މި އިންޒާރު ޖަހާފައިވާ ފޯނު ކޭސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވި އެވެ. އަދި އެ ކޭސް ޕްރޮމޯޓު ކުރި ސެލެބްރިޓީއިންގެ ތެރޭގައި ކެންޑަލް ޖެނާ، ބްލެކްޕިންކްގެ ލީސާ އަދި ދުއާ ލިޕާ ހިމެނުނެވެ.
Friendly reminder that Urban Sophistication is from Israel. Let’s not support zionist brands like this! https://t.co/o535wNUsIP
— 패이⁷ 🪭 (@fayeradise) March 31, 2026
ބީޓީއެސްއިން އާބަން ސޮފިސްޓިކޭޝަން ޕްރޮމޯޓްކުރަން ފެށިތާ މާ ލަސްތަކެއް ނުވަނީސް، ފޭނުން މި ބްރޭންޑުގެ ހަގީގަތް ހޯދައި ބީޓީއެސްއަށް ފާޑުކިޔަން ފެށި އެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި ފަލަސްތީނު މީހުން ނައްތާލުމަށް ހިންގަމުންގެންދާ ހުދުމުހުތާރު އަމަލުތަކުގެ ހަބަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް އެނގި، އިޒްރޭލު ބްރޭންޑުތައް ބޮއިކޮޓް ކުރަން ގޮވާލަމުންދާ ދަނޑިވަޅެއްގައި ބީޓީއެސްއިން އިޒްރޭލުގެ ބްރޭންޑަކާ ގުޅުން ވެގެންދިޔައީ ހެދުނު ވަރަށް ބޮޑު ގޯހަކަށެވެ.
އެކަމަކު މިއީ ބީޓީއެސްގެ ފޭނުން އެ ބޭންޑަށް ފާޑުކިޔަން ޖެހުނު ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މީގެ ދެ އަހަރު ކުރިން 2024ގައި އޭޝިއާގެ އެކި ކަންކޮޅުތަކުން ބީޓީއެސްގެ ފޭނުން އެކީއެކައްޗަކަށް ގޮވާލީ އެ ގްރޫޕްގެ ރެކޯޑް ލޭބަލް އިޒްރޭލާ ގުޅުން ހުރި ޖަމާއަތްތަކުން ވަކިވާށެވެ.
ބީޓީއެސް ނުވަތަ ކޮރެއާ ބަހުން ނަމަ "ބަންގްޓަން ސޮނިއޯންޑަން" ("ބުލެޓް ޕްރޫފް ބޯއި ސްކައުޓްސް") އަކީ 2013ގައި އުފެއްދި، ކޮރެއާގެ މިއުޒިކް އިންޑަސްޓްރީގެ އެންމެ ފައިދާ ބޮޑު އެއް ފްރެންޗައިޒް އެވެ.
ބީޓީއެސްގެ މަގުބޫލުކަން ދެކުނު ކޮރެއާގެ އިތުރުން މުޅި ދުނިޔެއަށް ފެތުރި އެތަކެއް މިލިއަން ސަޕޯޓަރުންނެއް އުފެދުނެވެ. ބީޓީއެސްގެ ފޭނުންނަށް ބީޓީއެސް 'އާމީ'އޭ ވެސް ކިޔަ އެވެ.
ދެކުނު ކޮރެއާގެ މިލިޓަރީ ސާވިސްގެ ހިދުމަތުގައި ބައިވެރިވާންޖެހުމުން އެ ގްރޫޕު ވަނީ ހަތަރު އަހަރު ވަންދެން މިއުޒިކާއި ޕާފޯމު ކުރުން މެދުކަނޑާލާފަ އެވެ. އަނެއްކާވެސް ސްޓޭޖު މަތީން ބީޓީއެސް ފެންނާނެކަން މިދިޔަ އަހަރު އިއުލާނު ކުރި އެވެ. އަދި ގްރޫޕުގެ ޕްރޮމޯޝަންތައް ގަދަޔަށް ޖައްސަން ފެށި އެވެ.
is this a joke😭 pic.twitter.com/WHHCqGfo16
— Uncle Gmail⁷ (@joemygs) March 31, 2026
$155? does it come with yoongi’s phone number like hello?😭 pic.twitter.com/0X8dRlhnm9
— suhani⁷⋆˖ ࣪⭑ ୨ৎ is seeing bts! (@S0P3WRLD) March 31, 2026
އާބަން ސޮފިސްޓިކޭޝަން އަކީ އިޒްރޭލު ބްރޭންޑަކަށް ވުމުގެ އިތުރުން، އެ ބްރޭންޑުން ވިއްކާ ބީޓީއެސް ފޯނު ކޭސްތައް އިންތިހާއަށް އަގުބޮޑުކަން ވެސް މީހުން ވަނީ ފާހަގަ ކޮށްފަ އެވެ. ފޯނު ކޭހެއްގެ އަގު އުޅެނީ 90 ޑޮލަރުން ފެށިގެން 155 ޑޮލަރާ ހަމައަށެވެ. މިއީ މާޗަންޑައިޒްގެ ގޮތުގައި ގަންނަން އެއްގޮތަކަށް ވެސް އެކަށީގެންވާ އަގެއް ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ.
ނަމަވެސް ފޯން ކޭސްތަކުގެ އަގަށް ވުރެން ބޮޑަށް، އިޒްރޭލަށް ނިސްބަތްވާ ކުންފުންޏަކާ ބީޓީއެސް ގުޅުން ވެގެން ދިޔައީ އަދި މާ ނޭދެވޭ މައްސަލައަކަށެވެ.