މުޅިން އާ އެކްޓަރުންނާ އެކު 'ދޯދި' އިން ގެނެސްދެނީ ޒުވާން ދެ އަންހެންކުއްޖެއްގެ ހަޔާތުގެ މުހިއްމު ދަނޑިވަޅެއް.

ދިވެހި ފިލްމު

'ދޯދި' އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް: އަލިގަދަވާނެތަ؟

މޮވަނު ޝަފީގުގެ ފުރަތަމަ ފީޗާ ފިލްމު މިރޭ އޮލިމްޕަހަށް ގެނެސްދޭނީ ދިވެހި ސިނަމާއަށް މުޅިން އާ ޖޮންރާއެއް. ފިލްމު ހާއްސަކޮށްފައިވަނީ ފުރާވަރުން ޒުވާން އުމުރަށް އަޅާ ދުވަސްވަރުގެ ތަޖުރިބާތަކަށް.
28 ޖެނުއަރީ 2026

އޮލިމްޕަހުގައި މިރޭ އެޅުވުމަށް ހަމަޖެހިފައިވާ ފިލްމް 'ދޯދި' އަށް ގިނަ ބައެއްގެ ސަމާލުކަން މިވަނީ ހުއްޓިފަ އެވެ. ސަބަބުތައް ބައިވަރެވެ. ދާއިރާއަށް މުޅިން އަލަށް ނުކުންނަ ތަރިންތަކެކެވެ. އަދި އެއަށް ވުރެ ބޮޑަށް، ޑައިރެކްޓަރުގެ މޮވަނު ޝަފީގުގެ ފުރަތަމަ ފީޗާ ފިލްމެވެ.

މީގެ އިތުރުން، މިއީ ދިވެހި ސިނަމާއަށް މުޅިން އާ ޖޮންރާއެކެވެ. މީގެ ކުރިން ދިވެހި ސިނަމާ އިން ބާކީކޮށްލާފައިވާ ނޫކަށިފުރައިގެ ޒުވާނުންނަށް ހާއްސަަކޮށްފައިވާ ފިލްމެކެވެ.

ފުރާވަރު އުމުރުން ޒުވާނަކަށް މީހާ ބަދަލުވެގެންދާ ދުވަސްވަރު ތަފާތު ގިނަ ކަންކަމާ ކުރިމަތިލަ އެވެ. މޮވުނު ގެނެސްދެނީ މި އުމުރުފުރައިގައި ކުރެވޭ އިހުސާސްތައް ދައްކާލާ ފިލްމެކެވެ.

ފިލްމު 'ދޯދި' އިން ފެނިގެންދާ ތިން ތަރިން

މީގެ ކުރިން ދިވެހި ފިލްމުތަކުން ނުފެންނަ އުމުރުގެ މީހުން މެއިން ކެރެކްޓަރުންގެ ގޮތުގަައި ދައްކާލާ ފިލްމުން ފެނިގެންދާނީ ލާނާ ޖަލީލް އާއި އައިމިނަތު އިންނަ އަދި ޝަހުދާން ޝަރީފް އެވެ. މިއީ އާއްމުކޮށް ދިވެހި ފިލްމުތަކުގެ އޯޑިއަންސުން ވެސް ނުފެންނަ އުމުރުގެ ޒުވާނުންނެވެ.

ފިލްމާ އެއްކޮށް އޮލިމްޕަހަށް އަންނަނީ ޒުވާނުންގެ އީދެއްހެން ވެސް ހީވެ އެވެ. ފިލްމު އެޅުވުމުގެ ކުރިން ފިލްމާ މެދު އެވަރަށް ހައިޕު ވެސް އެބައޮތެވެ. ކޮފީ ޝޮޕްތަކާއި ސޯޝަލް މީޑީއާގައި ވެސް އޮތީ ފިލްމުގެ ވާހަކަތަކެވެ.

އެއް ކަމެއް ސާފެވެ. ފިލްމް އުފެއްދުމުގެ ދާއިރާއިން އިނގިރޭސިވިލާތުން ތައުލީމު ހާސިލްކޮށްފައިވާ މޮވުނު މީގެ ކުރިން ހަދާފައިވާ ކުރު ފިލްމް 'ފަޅު' ބަލާލަން ދިއުމުން ކުރެވުނު ތަޖުރިބާއަށް ބަލާއިރު، މޮވަނުގެ ޑައިރެކްޝަނެއްގައި ފެންވަރު ހުންނާނެކަން އެނގެ އެވެ.

ސްޓާލިޓް ޕްރޮޑަކްޝަންސް އާއި ޝެޕާޑް ސްޓޫޑިއޯ އިން އޮލިމްޕަހުގައި އަޅުވާ 'ދޯދި'ގެ ޓްރެއިލާ އިން ފެންނަ ގޮތުގައި ފިލްމުން ދައްކާނީ ޒުވާން ދެ އަންހެންކުއްޖެއްގެ ހަޔާތުގެ މުހިއްމު ދަނޑިވަޅުތަކެވެ. މުޅިން އާ އެކްޓަރުންތަކެއް ކަމުގައިވީ ނަމަވެސް ކެރެކްޓާތައް ދައްކާލާފައިވާ ގޮތް ވަރަށް އޮމާނެވެ. 

މިރޭ 'ދޯދި' އޮލިމްޕަހުގައި ޕްރިމިއާ ކުރާ އިރު ފިލްމް ބަލާލަން ދާން ޓިކެޓް ނަގައިގެން ތިބީ ކޮން ބައެއް ހެއްޔެވެ؟ އުފެދިފައިވާ ހައިޕާ އެއްވަރަށް ފިލްމުގެ އަލި ގަދަވާނެ ހެއްޔެވެ؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް