ގޯލްޑަން ގްލޯބްސް އެވޯޑްސްގެ ގިފްޓު ބޭގް.

ގޯލްޑަން ގްލޯބްސް އެވޯޑުގެ އަގުބޮޑު ހަދިޔާ ދަބަހުގައި ރާއްޖޭގެ 3 ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު

ތަފާތު 35 ލަގްޒަރީ ހަދިޔާ ހިމެނޭ މި ގިފްޓު ބޭގުގައި ޓްރެވަލް، ވެލްނެސް، ބިޔުޓީ އަދި މިނޫން ވެސް ދާއިރާތަކުން ހާއްސަ ހަދިޔާތައް ހިމަނާފައިވޭ

ގޯލްޑަން ގްލޯބްސް އެވޯޑުގެ އަގުބޮޑު ހަދިޔާ ދަބަހުގައި ރާއްޖޭގެ ތިން ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭ އިނާމުތައް ހިމަނައިފި އެވެ.

މި އަހަރުގެ ގޯލްޑަން ގްލޯބްސް އެވޯޑު ހަފްލާ މިއަދު ބާއްވާފައިވާއިރު އެވޯޑު ހާސިލްކުރި ފަންނާނުންނަށް ދިން މިލިއަން ޑޮލަރުގެ ހަދިޔާ ދަބަހުގައި ތަފާތު ތަޖުރިބާތައް ހިމެނޭ ހަދިޔާތައް ވަނީ ހިމަނައިފަ އެވެ.

ތަފާތު 35 ލަގްޒަރީ ހަދިޔާ ހިމެނޭ މި ހަދިޔާ ދަބަހުގައި ޓްރެވަލް، ވެލްނެސް، ބިޔުޓީ އަދި މިނޫން ވެސް ދާއިރާތަކުން ހާއްސަ ހަދިޔާތައް ހިމަނާފައިވެ އެވެ.

މި ހަދިޔާ ދަބަހުގެ ޓްރެވެލް އެންޑް އެކްސްޕީރިއަންސް ބައިން ހިމަނާފައިވާ ތިން އިނާމުގެ ތެރޭގައި ރާއްޖޭގެ އެންމެ މަތީ ފަންތީގެ ތިން ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުތައް ހިމެނެ އެވެ.

މީގެ ތެރޭ ހިމެނެނީ:

  • ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑުގައި ހުންނަ ރަންގަލި އޯޝަން ޕެވިލިއަންގައި ގާއިމްކޮށްފައިވާ ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ރެޒިޑެންސް 'މުރަކަ'އިގައި ދެ ރޭ ހޭދަކުރުމުގެ ފުރުސަތު؛ 70،000 ޑޮލަރުގެ މި އަގުހުރި ހަދިޔާ އެވޯޑު ލިބުނު ފަސް މީހަކަށް ދީފައިވޭ

  • ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓު އެންޑް ސްޕާގެ 'ދަ ރެޒިޑެންސް'ގައި ތިން ރޭ ހޭދަކުރުމުގެ ފުރުސަތު؛ 80،000 ޑޮލަރުގެ މި އަގުހުރި ހަދިޔާ ވެސް ގޯލްޑަން ގްލޯބްސް މި އަހަރު ހާސިލްކުރި 5 މީހަކަށް ދިން

  • ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ގްރޭންޑް އޯވާވޯޓާ ވިލާގައި ތިން ރޭ ހޭދަކުރުމުގެ ފުރުސަތު؛ 26،000 ޑޮލަރުގެ މި އަގުހުރި ހަދިޔާ 6 މީހަކަށް ދިން

މިއަހަރުގެ އެވޯޑު ހަފްލާގައި ބެސްޓު މޯޝަން ޕިކްޗާ (ޑްރާމާ)ގެ ބައިން އެވޯޑު ހޯދީ ފޯކަސް ފީޗާސްގެ ފިލްމު ހެމްނެޓް އެވެ. އެ ފިލްމުގެ ލީޑު ތަރި ޖެސީ ބަކްލޭ ވަނީ ބެސްޓް ޕާފޯމަންސް ބައި އަ ފީމޭލް އެކްޓާ އިން އަ މޯޝަން ޕިކްޗާ (ޑްރާމާ)ގެ ބައިން އެވޯޑު ހޯދައިފަ އެވެ. އެ ކެޓަގަރީގެ މޭލް އެވޯޑު ލިބުނީ ދަ ސީކްރެޓް އެޖެންޓުގައި އަދާކުރި ރޯލަށް، ވެންގާ މޯރާ އަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް