'މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިން' އިން 150 މިލިއަން ޑޮލަރު ޓޮމް ކްރޫޒްއަށް ލިބުނު
ޓޮމް ކްރޫޒް 'މިޝަން އިމްޕޮސިބަލް' އިން 150 މިލިއަން ޑޮލަރާ އެކު ދުނިޔޭގެ އެންމެ ބޮޑު އާމްދަނީ ލިބުނު އެކްޓަރުގެ މަގާމަށް
މީގެ އަހަރުތަކެއް ކުރިން ހޮލީވުޑްގައި މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް އެކްޓަރަކަށް ލިބުމަކީ ބޮޑު ކަމެކެވެ. އަދި ބޮޑު އާމްދަނީއެއް ފިލްމަކުން ޑިމާންޑު ކުރަން ފުރުސަތު ލިބެނީ ހަމައެކަނި ދުނިޔޭގެ އެންމެ ބޮޑެތި ސުޕަސްޓާރުންނަށެވެ. މިއަދު އެ މިންގަނޑަކީ 100 މިލިއަން ޑޮލަރެވެ.
މިހާރު ބޮޑެތި ސްޓޫޑިއޯތަކުގެ ބޮޑެތި ފްރެންޗައިޒް ފިލްމުތަކުގައި ލީޑް ރޯލު ކުޅޭ މަޝްހޫރު ތަރިންނަށް އެ މީހުންގެ އެންމެ ބޮޑެތި ރޯލްތަކަށް މިލިއަނުން އާމްދަނީ ލިބެ އެވެ. މިދިޔަ އަހަރު ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި އެކްޓަރު ވަނީ އެންމެ ފިލްމަކުން 150 މިލިއަން ޑޮލަރު ހޯދައިފަ އެވެ. އަދި އޭނާ އެކަން ކުރީ އުމުރުން 63 އަހަރުގަ އެވެ.
ފިލްމަކުން އެންމެ ބޮޑު މުސާރައެއް ލިބުނު އެކްޓަރުގެ މަގާމު ހޯދީ ޓޮމް ކްރޫޒް އެވެ. މިދިޔަ އަހަރު ނެރުނު 'މިޝަން އިމްޕޮސިބަލް' ސިލްސިލާގެ ފަހު ފިލްމުން އޭނާއަށް 130 މިލިއަން ޑޮލަރާއި 150 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ލިބިފައިވެ އެވެ.
'މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިން' އިން ޓޮމް ކްރޫޒްއަށް ލިބުނު އާމްދަނީގެ ސަބަބުން އޭނާ ވަނީ 10 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ލިސްޓުގެ އެންމެ ކުރިއަށް އަނެއްކާވެސް އަރާފަ އެވެ. އޭނާ އެންމެ ފަހުން، ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބުނު އެކްޓަރުގެ މަގާމު ހޯދީ 2012ގަ އެވެ. ނަމަވެސް މިހާރު ޓޮމް ކްރޫޒް ވަނީ، މިދިޔަ ނުވަ އަހަރުގެ ތެރޭގައި ފަސް ފަހަރު އެ ރޭންކިންގެ އެއްވަނަ ހޯދި ތަރި ޑްވޭން ޖޯންސަންގެ މަގާމު އަތުލައިފަ އެވެ.
މިދިޔަ އަހަރު ޓޮމް ކްރޫޒްއަށް ލިބުނު އާމްދަނީގެ ދެބައިކުޅަ އެއްބަޔާ އެއްވަރަށް ވެސް އެހެން އެކްޓަރަކަށް ފިލްމަކުން މުސާރަ ލިބިފައެއް ނުވެ އެވެ. އެ ރޭންކިންގެ ދެވަނައަށް ދިޔަ ޑެނިއަލް ކްރެއިގްއަށް މުސާރައިގެ ގޮތުގައި ލިބުނީ 50 މިލިއަން ޑޮލަރެވެ. 'ބެކް އިން އެކްޝަން' އިން ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި އެކްޓްރެސްގެ ގޮތުގައި އެ ލިސްޓުގައި ހިމެނުނު ކެމެރަން ޑިއާޒްއަށް 45 މިލިއަން ޑޮލަރު ލިބުނެވެ.
މީގެ އިތުރުން އެކްޓަރު ބްރެޑް ޕިޓްއަށް 'އެފް 1' އިން 30 މިލިއަން ޑޮލަރު، ލިއޮނާޑޯ ޑި ކެޕްރިއޯއަށް 'ވަން ބެޓްލް އާފްޓާ އެނަދާ' އިން 25 މިލިއަން ޑޮލަރު، އަދި އެޑަމް ސޭންޑްލާއަށް 'ހެޕީ ގިލްމޯ 2' އިން 20 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.