އޭއައި ބޭނުންކޮށްގެން ރާއްޖޭގެ ތާރީހީ ޑޮކިއުމެންޓްރީ ހަދަމުން އަންނަ އަހުމަދު މުހައްމަދު ދީދީ (އަހަންމާ)

ލިވިން

އޭރު ވެސް އެއީ ތަފާތު މީހެއް، މިހާރު ވެސް އެދަނީ އެކަން ސާބިތުކޮށްދެމުން

އަހުމަދު މުހައްމަދު ދީދީ، މަޝްހޫރު ނަމުން ނަމަ އަހަންމާއަކީ ޓީވީއެމްގައި އެ ޒަމާނުގައި ވެސް ތަފާތު އުފެއްދުންތަކުގެ ފަހަތުގައި ހުރި ހުނަރުވެރިއެއް. މިހާރު އޭނާގެ ވިސްނުން ގެނެސްދެނީ އޭއައިގެ އެހީގައި
23 ޖެނުއަރީ 2026
2

މުހިންމު ނުކުތާތައް

ޓީވީއެމްގައި އޭނާ ވަނީ އެ ޒަމާނުގައި އާންމުން ގަބޫލުނުކުރާ ވަރުގެ ތަފާތު އެއްޗެހި އުފައްދާފައި

ވަކި އެއްޗެއް ލިބެން ނެތިއްޔޭ ކިޔާފައި މަސައްކަތެއް ނުކޮށް ތިބުމަކީ އޭރުގެ އާދައެއް ނޫން

އޭއައި ބޭނުންކޮށްގެން އެންމެ ފަހުން އޭނާ އުފެއްދީ ރެހެންދި ހަދީޖާއާ ބެހޭ ތާރީހީ ޑޮކިއުމެންޓްރީއެއް

ލިބެން ހުރި އެއްޗެއް ބޭނުންކޮށްގެން އޭރުގެ ހާލަތަށް ވުރެ މޮޅު އުފެއްދުންތަކެއް ނެރެ އާންމުންނާ ހަމައަށް ގެނެސްދޭ މީހުންނަކީ ހަގީގީ ހުނަރުވެރިންނެވެ. އުފެއްދުންތެރި ސިކުނޑިތަކުގެ ވެރިންނެވެ. ގައުމީ ޓީވީ، ޓީވީއެމްގައި އެ ޒަމާނުގެ ފެންވަރުން ވެސް އެކަށީގެންވާ ސާމާނު ނެތް އިރު އަހުމަދު މުހައްމަދު ދީދީ (އަހަންމާ) އާއި އެެހެން މުވައްޒަފުން، ބައެއް ފަހަރަށް، ވަރަށް ޒަމާނީ އުފެއްދުންތައް ދައްކުވާލި އެވެ.

އޭރުގެ ޓީވީއެމްގެ ބެލުންތެރިން ސިއްސައިގެން ދެ އެވެ. އަޖައިބުވެގެން އެ ވާހަކަ ދައްކަ އެވެ.

'ހުވަފެން' ޑްރާމާ ޓީވީން ދެއްކުމާ އެކު އަންތަރީސްވެގެން ތިބެ މީހުން ބުނެ އެވެ: ޓީވީއެއްގެ ތެރެއަށް ވަދެގެން އިންސާނަކު އެ އުޅެނީ އެވެ. އޭގެ ސާމާނުތަކާ ކުޅެ ހަދަނީ އެވެ. އެ ޑްރާމާގައި ދައްކަނީ ޓީވީއެއްގެ ތެރޭގައި މީހަކު އުޅޭ ތަނެވެ.

ޓީވީއެމްގައި މަސައްކަތްކުރި އިރު އަހުމަދު މުހައްމަދު ދީދީ އެއްޗެއް އެޑިޓްކުރަނީ

ޑައިރެކްޓަރު މުހައްމަދު ނިިޔާޒު (ޓެޑްރީ)ގެ 'ސަޅިބައިސާ' ސިލްސިލާގެ 'ޖިންނި އަލީ'ގައި، ބަތަލް އަހުމަދު ނިމާލް، މާލޭގެ މަތިންނާއި ޖައްވު ތެރޭގައި، އުދުހޭ ދޫލައެއްގައި އިނދެ ދަތުރުކުރާ މަންޒަރުތަކުން މީހުން ކޮސްވި އެވެ. އެކަހަލަ މަންޒަރުތަކެއް ދިވެހި ފިލްމާއި ޑްރާމާތަކުން ނުފެންނާނެ ކަމަށް އާންމުން އޭރު ތިބީ ގަބޫލުކޮށްގެންނެވެ. އެފަދަ ގާބިލްކަމެއް ހުންނާނީ ހޮލީވުޑާއި ބޮލީވުޑްގައި ކަމަށް ބުނެއުޅުނެވެ.

އެކަމަކު އަހުމަދު މުހައްމަދު ދީދީ ފަދަ ދިވެހިންގެ ވިސްނުމާއި ހުނަރު އޭރު ވެސް ތަފާތެވެ. އެ މީހުން މަސައްކަތްކުރީ ލިބެން ހުރި އެއްޗަކުން މޮޅު ކަމެއް ދައްކާލާށެވެ. އޭނާ އާއި އޭނާގެ އެކުވެރިން ސާބިތުކޮށްދިނީ އެ ހުނަރެވެ.

މިއަދު އެ ފަންނުވެރިޔާގެ ހަބަރެއް ނެތި، ދިގު މުއްދަތެއް ހޭދަވި ފަހުން، އަނެއްކާވެސް އަޅުގަނޑުމެންނާ ހަމައަށް އަތުވެއްޖެ އެވެ. އެކަމަކު މިފަހަރު ޒަމާނީ ވަސީލަތްތައް ލިބި، އޭގެ ބޭނުންހިފަމުންނެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި އޭނާގެ އުފެއްދުންތެރި ހިޔާލުތައް ސޯޝަލް މީޑިއާގައި އެބަ ގެނެސްދެ އެވެ. އެންމެ ފަހުން ނެރުނީ 'ރެހެންދި ހަދީޖާ' ޑޮކިއުމެންޓްރީ އެވެ. އޭގެ ކުރިން ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ އަވަހާރަކޮށްލުމެވެ. ކުރީގެ ދިވެހި ބައެއް ލަވަތައް ވެސް އޭއައިގެ ތެރެއިން އާ ސިފަތަކެއްގައި އެބަ ގެނެސްދެ އެވެ.

އަހުމަދު ދީދީ މިހާރު ދިރިއުޅެނީ އެމެރިކާގެ އަންހެނަކާ ކައިވެނިކޮށްގެން އެ ގައުމުގަ އެވެ. ފޯނުން 'ދައުރު'އަށް ދިން އިންޓަވިއުގައި އޭނާގެ ހަނދާންތައް ގުޅުވާލީ ސްކޫލް ނިންމާފައި  ދިވެހިރާއްޖޭގެ އަޑުން، އޭގެ ފަހުން ޓީވީއެމުން، އޭގެ ފަހުން ސްލޭމް ސްޓޫޑިއޯ ފަދަ ތަންތަނުގައި، އޭޭނާ އާއި އެކުވެރިން ކުރި ބައެއް މަސައްކަތްތަކާ އެވެ.

"ވޮއިސް އޮފް މޯލްޑިވްސް [ދިވެހިރާއްޖޭގެ އަޑު]ގައި އަހަރެއް ވަންދެން އުޅުނު ތަނުން ބަދަލުކުރީ ޓީވީއެމްއަށް، އެއީ ހުސެން ޝިހާބު އަޅުގަނޑު ޓީވީއެމްއަށް ގެންދެވީ،" 1987ގައި ޓީވީއެމްއަށް ދިޔަ ގޮތް ކިޔައިދިނެވެ.

ޓީވީއެމްގައި މަސައްކަތްކުރި އަހަންމާ (ހުދު ގަމީހުގައި) އަދި ޓެޑްރީ (ޖެހިގެން ކަނާތް ފަރާތުގައި) އޭރުގެ އެހެން ބައެއް މުވައްޒަފުންނާ އެކު

އޭނާއަކީ، މަގާމުގެ ނަންތަކުން ބަލާ ނަމަ، ފުރަތަމަ ޓެކްނީޝަނެކެވެ. ފަހުން އެޑިޓަރެކެވެ. ސައުންޑް އިންޖިނިއަރެކެވެ. ވިޝުއަލް އެފެކްޓްސްގެ މާހިރެކެވެ. މިޔުޒިކް ކޮމްޕޯސާއެކެވެ. ރީތި އަޑެއްގެ ވެރިއެއް ވެސް މެ އެވެ. އެގޮތުން ބައެއް ޕްރޮގްރާމްތަކަށް އަޑުއަޅައިދިނެވެ. ބައެއް ލަވަތަކުގައި ވެސް އޭނާގެ އަޑު ހިމެނެ އެވެ.

އަހަމަދު ދީދީ ބުނި ގޮތުގައި އޭރު މަސައްކަތްކުރި މީހުންގެ ތަފާތަކީ ވަކި އެއްޗެއް ނުލިބުނިއްޔޭ ކިޔާފައި އަތްއުރާލައިގެން ނުތިބުމެވެ. ލިބެން ހުރި އެއްޗެއް ބޭނުންކޮށްގެން ވެސް، އޭރަށް ވުރެ މާ ފެންވަރު މަތީ އުފެއްދުންތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ ވިސްނުމެވެ.

"ޓީވީއެމްއަކީ ވަރަށް އެނަލޮގްކޮށް، ވަރަށް މެނުއަލްކޮށް އޭރު މަސައްކަތްކުރި ތަނެއް. އަހަރެމެންނަށް މާ ބޮޑު ތަމްރީނުތަކެއް ވެސް ނުލިބޭނެ،" އަހުމަދު ކިޔައިދިނެވެ.

އެކަމަކު މެލޭޝިއާ އާއި ޖަރުމަނުގައި އޭނާ ތަމްރީން ޕްރޮގްރާމްތަކެއް ފުރިހަމަކުރި އެވެ. އެނގުނު އެއްޗެއްގެ ބޭނުން ހިފަަން ޖެހެނީ ލިބެން ހުރި 'މުސްކުޅި ސާމާނު'ގެ ތެރެއިންނެވެ. އަމިއްލަ އީޖާދުންނެވެ. އެތައް ވަގުތެއްގެ ބުރަ މަސައްކަތުންނެވެ. ބައެއް ފަހަރަށް ނުނިދައި ތިބެ، އެތައް ދުވަހެއް ހޭދަކޮށްގެންނެވެ.

ޓީވީއެމްގައި 1980ގެ އަހަރުތަކުގެ ފަހުކޮޅާއި 1990ގެ ކުރީކޮޅުގެ ގިނަ އުފެއްދުންތަކެއްގައި އަހުމަދުގެ ބައިވެރިވުން ބޮޑެވެ. އޭގެ ފަހުން ރާއްޖޭގައި ނެރުނު ބޮޑެތި ފިލްމުތައް ކަމަށްވާ 'ދެރިޔާ' އާއި 'އަމާނާތް' އަދި 'ފަތިސް ހަނދުވަރު'ގައި އޭނާގެ މަސައްކަތް ހިމެނެ އެވެ.

"އަލަށް ކޮމްޕިއުޓަރު ގެނެސް ރެންޑާ ކުރަން އެއް ހަފުތާއަށް ޖައްސާފައި ހުންނަން ޖެހޭ. މިސްޓޭކެއް އިނިއްޔާ އަނެއް ހަފުތާއަށް އެ ދިޔައީ. އެހާ ސްލޯ،" އަހުމަދު ކިޔައިދިނެވެ.

ނަމަވެސް އެ މާޒީއާ މެދު އޭނާ ފަހުރުވެރިވެ އެވެ. އެއީ އޮފީހުގެ ކަންކަމުގައި ޝަކުވާއެއް ނެތި މުވައްޒަފުން އުޅުނު ޒަމާނެވެ. ލިބޭ ކުޑަ އާމްދަނީން ފުއްދައިގެން، އެންމެން އެންމެންނަށް އެހީތެރިވަމުން ވަޒީފާ އަދާކުރި ޒަަމާނެވެ. ސަޔާއި ކެއުމާއި ނިދުން ވެސް، ބައެއް ފަހަރަށް، އޮފީހުގަ އެވެ. ހާއްސަކޮށް ޓީވީއެމްގެ އަހަރީ ދުވަހާއި ރޯދަމަހު އެވެ. ގައުމީ ބޮޑެތި ދުވަސްތަކުގަ އެވެ.

އޭނާއަކީ ހުނަރުވެރިއެއް ކަމުން އަބަދުވެސް އާ ކަންކަން ދަސްކުރުމަކީ އަހުމަދު މުހައްމަދު ދީދީއަށް ދޫނުކޮށްލެވުނު ސިފައެކެވެ. އެހެންވެ އޭއައިގެ ޒަމާނާ އެކު އޭނާ މިހާރު ވަދެ އެހުރީ އޭގެ ތެރޭގަ އެވެ.

ރެހެންދި ހަދީޖާގެ ވާހަކަ

ރެހެންދި ހަދީޖާގެ ޑޮކިއުމެންޓްރީ ތައްޔާރުކުރީ ވަރަށް ގިނަ ދިރާސާތަކަށް ފަހު އެވެ. ދިވެހި ބަހުން ލިބެން ހުރި މައުލޫމާތާއި އިނގިރޭސި އާއި އަރަބި ބަހުން ހުރި ލިއުންތައް، އޭއައި މެދުވެރިކޮށް، އަޅާބެއްޔެވެ. ބޮޑު ތަފާތެއް ހުރިތޯ ކަށަވަރުކުރި އެވެ.

އެގޮތަށް ހެދީ "މީގައި ހުރި ކޮންފްލިޓްތަކަކީ ކޮބައިތޯ، [އެޗު.ސީ.ޕީ] ބެލް އާއި އިބުނު ބަތޫތާ އާއި ހަސަން ތާޖުއްދީންގެ [ލިއުންތަކުން] ދިމާވަނީ ކޮން ވާހަކަތަކެއްތޯ، ހިޔާލު ތަފާތުވަނީ ކޮން ވާހަކަތަކެއްތޯ ބަލަން،" އަހުމަދު ބުންޏެވެ.

"މައިގަނޑު ކަންކަން އެބަ ދިމާވޭ. އެކަމަކު ޓައިމްލައިން ދިމައެއްނުވޭ."

އަހަންމާ އޭނާ ތައްޔާރުކުރި 'ރެހެންދި ހަދީޖާ' ޑޮކިއުމެންޓްރީގެ މަސައްކަތުގައި

ރެހެންދި ހަދީޖާއަކީ އެކަމަނާގެ ރަނިކަން ދިފާއުކުރައްވަން ދެ ފިރިކަލުން އަވަހާރަކޮށްލެއްވި ރާނީއެކެވެ. އޭގެ ކުރިން ތަހުތު ހޯއްދަވަނީ އޭރު ރަސްކަމުގައި އިންނެވި ފިރިހެން ކޮއްކޮ އަހުމަދު ޝިހާބުއްދީން ހައްދުން މައްޗަށް ފޮނުވާލައި، އަވަހާރަކޮށްލައިގެންނެވެ. އާ ޑޮކިއުމެންޓްރީގައި އެ ބައި ގެނެސްދެނީ ގަހެއް ނެތް ފިނޮޅަކަށް ޝިހާބުއްދީން ދޫކޮށްލާ ތަނެވެ.

އެ ބައި އެގޮތަށް ގެނެސްދިނީ ކީއްވެގެންތޯ އަޅުގަނޑު ސުވާލުކުރީމެވެ. އޭނާ ޖަވާބު ދިނީ މީގެ 645 އަހަރު ކުރީގައި ކަންކަން ހުންނާނެ ގޮތަށް ވިސްނައިގެންނެވެ. އެއީ އޭނާގެ ނިންމުމެކެވެ.

"މީހުން އުޅޭ ރަށަކަށް ގެންގޮސްގެން މަރާލަން އުނދަގޫވާނެ. އޭއައި ވެސް ބުރަވަނީ ފަޅުރަށަކަށް ދޫކޮށްލީ ކަމަށް،" އެ ނިންމުމަށް ވާސިލްވެވުނު ގޮތް ކިޔައިދެމުން އަހުމަދު ބުންޏެވެ.

"ރާއްޖޭގައި އޭރު ފަޅުރަށްރަށް ވަރަށް ގިނަވާނެ. ކާއެއްޗިއްސާއި އެއްޗެހި ލިބޭނެ. އެހެންވެ ގިނަ ދުވަހު ދިރިއުޅޭނެ."

'ރެހެންދި ހަދީޖާ'ގެ ޑޮކިއުމެންޓްރީގައި އެކަމަނާގެ ކޮއްކޮ ޝިހާބުއްދީން ފިނޮޅަކަށް ދޫކޮށްލާ މަންޒަރު

އެކަމަކު އެއްވެސް ގަހެއް ނެތް ފިނޮޅަކަށް ދޫކޮށްލައިފި ނަމަ ޝިހާބުއްދީން އެތަނުގައި، އެއްވެސް މީހަކަށް ނޭނގި، އަވަހާރަވާނެ ކަމަށް، އަހުމަދު ގަބޫލުކުރި އެވެ. އެ ރަސްގެފާނަށް އަސްލު ވީ ގޮތުގެ މާ ގިނަ މައުލޫމާތެއް ތާރީހުން އެނގޭކަށް ނެތެވެ. އެހެންކަމުން ޑޮކިއުމެންޓްރީގައި އެ ދައްކަނީ އަސްލު ކަން ވީ ގޮތް ނޫން ކަމަށް، ބުނެވޭނެ ޖާގައެއް ވެސް ނުލިބެ އެވެ.

އަހުމަދުގެ ވިސްނުން ރެހެންދި ހަދީޖާގެ ވާހަކައަށް އެނބުރުނީ، އޭނާ ބުނި ގޮތުގައި، އެ ރާނީއަކީ މިހާރުގެ ދިވެހި އަންހެނުން ނަމޫނާއެއްގެ ގޮތުގައި ގަބޫލުކުރަމުން އަންނާތީ، އެކަމަނާގެ އަސްލު ގެނެސްދިނުމެވެ. އެއީ ވަރުގަދަ ޝަހުސިއްޔަތެއްކަަން އޭނާ ވެސް ގަބޫލުކުރެ އެވެ. ނަމަވެސް ފިރިހެން ކޮއްކޮއަށް ވީ ގޮތާއި ދެ ފިރިކަލުން އަވަހާރަކޮށްލުން ފަދަ 'ލޭއޮހޮރުވުމަކީ' އޭނާއަށް ރަނގަޅު ނަމޫނާތަކެއް ނޫނެވެ.

ރެހެންދި ހަދީޖާގެ ހަޔާތުގެ މައްޗަށް އޭއައި ބޭނުންކޮށްގެން ހެދި ޑޮކިއުމެންޓްރީގެ ސްކްރީން ފޮޓޯތަކެއް

"ކޮންޓްރޮވާޝަލް ކަމެއް [މިގޮތަށް ޑޮކިއުމެންޓްރީ] ހެދުމަކީ. އެކަމަކު މިހާރު މި އޮތީ ވަރަށް ބޮޑަށް ރަނގަޅުވެފައި [ރެހެންދި ހަދީޖާ]. އެވޯޑް އެބަ ދޭ. ސްކޫލްތަކަށް ނަން ދޭ. ރަދީފުގައި މި އޮންނަނީ ރެހެންދިއަކީ އަލަތު އަންހެން ދަރި ކަމަށް،" އަހުމަދު ބުންޏެވެ.

'ރެހެންދި ހަދީޖާ' އަކީ، އޭއައި ބޭނުންކޮށްގެން އަހުމަދު އުފެއްދި ތިން ވަނަ ޑޮކިއުމެންޓްރީ އެވެ. އޭގެ ކުރިން 'މުހައްމަދު އަމީންގެ ވެއްޓުން' އާއި 'ރަންނަމާރި' އުފެއްދި އެވެ.

އޭއައިގެ ޒަމާނުގައި އަހުމަދު މުހައްމަދު ދީދީ ފަދަ ހުނަރުވެރިއަކު މަޑުން ނުހުންނާނެކަން، އޭނާގެ ޔޫޓިއުޓް ޗެނެލް 'ޑީޑީ'އަށް ބަލައިމުން އެނގޭނެ އެވެ. އޭނާގެ ގިނަ ވަގުތުތަކެއް ހުސްކުރަނީ ދެނެގަންނާށެވެ. ދަސްކުރާށެވެ. އުފައްދާށެވެ. މިހާރު ވެސް ކުރީގެ ބައެއް ލަވަތަކަށް އޭއައިގެ 'ފުރާނަ' އަޅުވައިފި އެވެ. އޭގެ ތެރޭގައި ލަވަކިޔުންތެރިޔާ އުމަރު ޒާހިރުގެ މަޝްހޫރު، އަދި ކުރީގެ ތަރިން ކަމަށްވާ ރީކޯމޫސާ މަނިކާއި މަރިޔަމް ނިޝާގެ ޖޯޑުން ދިވެހިންގެ ހިތް އަތުލި 'މޫނޭ ތީ ހިތް އެދޭ' ލަވަ ވެސް ހިމެނެ އެވެ.

އަހަންމާ ޒުވާން އިރު ޓީވީއެމްގައި: އޭނާއަކީ ޓެކްނިކަލް ދާއިރާގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރި މީހެއް

ވީޑިއޯ އާއި އޯޑިއާގެ ދާއިރާގައި އަހުމަދުގެ ވިސްނުން އުފަންވި ދުވަސްވަަރާއި މިހާރު ލިބެން ހުރި ފަސޭހަތަކާ ދެމެދު އޮތް ފަރަގު ވަރަށް ބޮޑެވެ. އޭރު ކަންކަން ދަސްކުރީ އުނދަގުލުންނެވެ. ގޫގުލްކޮށްލައިގެން ނުވަތަ އޭއައިއާ ސުވާލުކޮށްލައިގެން ކޮންމެ ކަމަކަށް އަވަސް ޖަވާބެއް ލިބޭނެ ޒަމާނެއް އަތުވެދާނެ ކަމަށް އޭރު ގަބޫލެއް ވެސް ނުކުރާނެ އެވެ. 

"އެއްޗިއްސާ ކުޅެމުން ކުޅެމުން ދަސްކުރަނީ. ކިޔައިދޭނެ މީހުން ނުތިބޭ. ޖަޕާން މީހުން އަންނާނެ ދޭތެރެ ދޭތެރެއިން ޓްރޭނިން ދޭން. އެކަމަކު އެއީ ޕްރޮޑަކްޝަން ދާއިރާގައި، ޓެކްނިލް އެއްޗެހި ވަރަށް ނާދޭ،" އަހުމަދު ބުންޏެވެ.

މިހާރު މިއީ އޭރު ނުކުރެވޭ ކަންކަން އަތުގައި އޮންނަ ފޯނުން ވެސް ކޮށްލެވޭ ޒަމާނެވެ. ޓެކްނޮލޮޖީ އެހާ ވެސް ކައިރިވެއްޖެ އެވެ. ފަސޭހަވެއްޖެ އެވެ. އެހެންކަމުން އޭގެ އަޖުމަބަލައިނުލާ މަޑުން ހުރެވޭނެ ވަރަށް ވުރު އަހުމަދުގެ ހިޔާލުތައް މާ ގިނަ އެވެ.

މިހާރުގެ އުފެއްދުންތަކުގައި އޭނާ ހިމަނާ ވާހަކަތަކާ މެދު ބެލުންތެރިންނާއި ތާރީހު ދިރާސާކުރާ މީހުންގެ ހިޔާލު ތަފާތުވެދާނެ އެވެ. އެކަމާ އަހުމަދުގެ ކަންބޮޑުވުމެއް ނެތެވެ. އޭނާގެ އޮތީ އަަޒުމެކެވެ: ލިބިފައި އޮތް ފަސޭހައެއްގެ ބޭނުންހިފައި، އާ އުފެއްދުންތަކެއް ނެރުމެވެ. އެއީ މަޝްހޫރު ނަމުން ނަމަ 'އަހަންމާ' ކުރިން ވެސް މަަސައްކަތްކުރި ގޮތެވެ. އޭނާ ހުންނާނީ ވަންހަނާވެގެންނެވެ. އެކަމަކު އޭނާ ދަންނަ މީހުންނަށް އެއީ އޭގެ ދެވަނައެއް ނެތް ހުނަަރުވެރި، އުފެއްދުންތެރި އަދި ހިޔާލު ތަނަވަސް ޝަހުސިއްޔަތެކެވެ.

ކޮމެންޓް (2)

އޭއައި ބޮޓް

24 ޖެނުއަރީ 2026
ދޮހޮއްކޮބޭގެ ލަވަ އޭއި ބޭނުންކޮށްގެން ސީދާ ދޮހޮއްކޮބޭ ވިޑިއޯގައި ބޭނުން ކުރުން އެތިކަލް ކަމަކަށް ނުދެކެން. ދޮހޮއްކޮބޭ ވަނީ ނިޔާވެފަ.
0 7

ކޮސް

24 ޖެނުއަރީ 2026
ރާއްޖޭގަ މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅުގެ ފުންމިން ހުރި މިންވަރު އޭއައިީ ބޭނުންކޮށްގެން ޑޮކިއުމެންޓުރީއެއްގެ ގޮތުގައި ، އަހަންމާ ހައްދަވާދެއްވާނެކަމަށް އުއްމީދުކުރަން..
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް