'ލިލީ'ގެ ތަރި އައިޝާ އަލީ

ދިވެހި ފިލްމު

ލިލީ: އަޒްހާންގެ ސިނެމެޓިކް މެޖިކާއި އައިޝާގެ މޮޅު އެކްޓިން އިން އާޝޯހުކޮށްލައިފި

މި މަހު 30ގެ ނިޔަލަށް އޮލިމްޕަހުގައި ދެއްކުމަށް ޓިކެޓު ވިއްކަމުން އަންނަ 'ލިލީ' މިހާތަނަށް ބެލި އެންމެންހެން ކުރަނީ ތައުރީފު
25 ނޮވެމްބަރު 2025
4

ކްރިއޭޓިވް ނެޓްވޯކާއި ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އަޒްހާން އިބްރާހިމްގެ 'ލިލީ' މިދިޔަ ހަފްތާގައި އޮލިމްޕަހުގައި ޕްރިމިއާ ކުރީ ތަފާތު ގޮތަކަށް އިޝްތިހާރުކޮށްގެންނެވެ. ފިލްމުގެ ނަން ހާމަކުރުމުގެ ކުރިން ލިލީ މާތަކެއް ބަހައި، އެއީ ކޮން ކަމެއްތޯ ސުވާލު އުފައްދައިގެން އާއްމުން ޝައުގުވެރިކުރުވި އެވެ.

ފިލްމުގެ ނަން ހާމަކުރުމާ އެކު ތަފާތު އިވެންްޓްތައް ބޭއްވި އެވެ. ޓްރެއިލާ އިވެންޓަކާއި ފިލްމަށް ޓިކެޓް ގަނެގެން ޕްރޮމޯޝަންތަކެއް ހިންގި އެވެ. ގެވިންއިން ދޭ ބަދިގެ ސެޓަކާއި ކޮންސިއާޖްް އެއާލައިނުން މެލޭޝިއާ ދެކޮޅު ޓިކެޓް، ޕްރިމިއާގެ ކުރިން ފިލްމުގެ ޓިކެޓް ނަގާ މީހުންނަށް ހުށަހެޅި އެވެ. ވަކި ދުވަހެއްގައި ޓިކެޓް ނަގާ މީހުންނަށް ލިލީ މާ ބެހި އެވެ. 

'ލިލީ' ޕްރިމިއާ ކުރުމުގެ ކުރިން ވަނީ ފިލްމާ ގުޅޭ ބޮޑު ހައިޕެއް އުފައްދާފައި

ޕްރިމިއާ ޝޯއަށް ދައުވަތު ދިނީ ވެސް ތަފާތު ގޮތަކަށެވެ. ކޮންމެ މީހަކަށް ކުޑަ ދުފާ ފޮއްޓެކެވެ. އަދި ފަސްޓް ކްލާހުގައި 'ލިލީ' ބަލާލަން ދިން ދައުވަތު ކާޑު ޑިޒައިންކޮށްފައިވަނީ ބޯޑިން ފާހެއް ގޮތަށެވެ. ޕްރިމިއާ ނައިޓުގައި ލައިވް ބޮޑުބެރެވެ.

މި ހުރިހާ ކަމަކާ އެކު، ފިލްމެއް ޕްރިމިއާ ކުރުމުގެ ކުރިން ދިވެހި ފިލްމަކުން އާއްމުންގެ ސަމާލުކަން ދަމައިނުގަންނަ ވަރަށް 'ލިލީ'ގެ ޓީމުގެ މި މަސައްކަތުން ފިލްމަށް ސަަމާލުކަން ލިބުނެވެ.

ފިލްމު ބަލަން އޮލިމްޕަހަށް ގޮސް ފިލްމު ތައާރަފުކޮށްދިނުމަށް ނަން އަރަން ފެށިއިރު ފެންނަނީ ލިލީ މަލަކަށް ލޭތަކެއް މަޑުމަޑުން ފޭދިގެން ދާ ތަނެވެ. މި މަންޒަރުން ވެސް ފިލްމު ސަޅިވާނެކަން ޔަގީންވެއްޖެ އެވެ.

'ލިލީ'ގެ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އަޒްހާން އިބްރާހިމް (މ) އޭނާގެ ދެވަނަ ފީޗާ ފިލްމުގެ ކާސްޓާ އެކު

އަޒްހާން ލިޔެ ޑައިރެކްޓްކުރި ފުރަތަމަ ފިލްމު 'މީ އިޝްގު' ބަލައިފައި ހުރި މީހެއް ނަމަ ލިޔުންތެރިއެއް އަދި ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އޭނާ ހަރުފަތްތަކެއް ކުރިއަށް ޖެހިލަައިފިކަން، 'ލިލީ' ބެލުމުން ފާހަގަކުރެވޭނެ އެވެ. ސަބަބުތައް ބައިވަރެވެ.

ކުރިމަރާނުލައި، ފިލްމުގެ ކުޑަ ހުލާސާއެއް

ހަގީގީ ހާދިސާއެއްގެ މައްޗަށް ހިޔާލީ ކަންކަން ހިމަނައިގެން ގެނެެސްދީފައިވާ 'ލިލީ'ގެ ޓްރެއިލާ ބަލައިފި ނަމަ ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނާނީ ފިލްމުގެ މައިގަނޑު ރޯލް އަދާކުރާ އެއް ތަރި އައިޝާ އަލީ އެވެ.

ޅ. ހިންނަވަރުގައި ކުޅެފައިވާ މި ފިލްމުން ފެންނަނީ މައިވަންތަކަމުގެ ލޯބިން މަހުރޫމުވެފައިވާ އަންހެންކުއްޖެއްގެ ދިރިއުޅުމެވެ. ދެން ޅަފުރައިގެ ލޯތްބެކެވެ. ދިރިއުޅުމުގެ ހިއްޗާއި ފޮނި ފެނި، މަޖުބޫރުކުރުވާ ހާލަތެއްގެ ސަބަބުން ހަޔާތަށް އަންނަ ބޮޑު ބަދަލެވެ. ބޯއްޓަކުން ލިލީ މަލެއް ފޮޅިގެން އެ މިލާމޯޅިވެ ފިޔަތައް ފައިބާ ގޮތަށް، ފިލްމުގެ މައިގަނޑު ރޯލް ކުޅޭ އައިޝާގެ ކެރެކްޓާ ޝައުފާ ލިލީއަކަށް ބަދަލުވާ ގޮތެވެ. ފިލްމުގައި އޭނާއަށް ލިލީ ކިޔަނީ ކީއްވެގެންކަމެއް ސީދާ ނުބުނެ އެވެ.

އަލަށް 'ލިލީ' އިން ފެނިގެން ދިޔަ އެކްޓްރެސް މަރިޔަމް ޝިމާ

އަށާރަ އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްފައިވާ ފިލްމުގައި އަނިޔާ އާއި ޖިންސީ ގޯނާ ގެނެސްދީފައިވަނީ އަނިޔާ ލިބޭ މީހާގެ ނަޒަރުންނެވެ. އެހެންވެ އަނިޔާ ލިބޭ ފަރާތުގެ އިހްސާސްތައް ހުންނާނެ ގޮތް ވަޒަންކޮށްލެވެ އެވެ.

ފިލްމުގެ މައިގަނޑު ފިރިހެން ރޯލު އަދާކުރަނީ އަހުމަދު ޝާރިފް އެވެ. އާއްމުކޮށް އޭނާ އަދާކުރާ ރޯލްތަކާ މުޅިން ތަފާތު މައުސޫމް ރޯލެއްގައި ޝާރިފް ފެނުން ވެސް މިއީ ތަފާތެކެވެ.

އަހުމަދު ޝާރިފް މި ފިލްމުގައި ދައްކާލީ މިފަހުން އޭނާ އާއްމުކޮށް ފެންނަ ރޯލްތަކާ ތަފާތު ރޯލެއް

އަޒްހާންގެ ފިލްމުތައް ބަލާހިތްވާ އެއް ސަބަބަކީ އޭނާގެ އާޓިސްޓިކު ސިކުނޑިން ފިލްމުގެ މަންޒަރުތަކުގައި ކުލަޖައްސާލައި ސްކްރީނުން ދައްކާލާއިރު ބަލާލަން ހިތްގައިމުވުމެވެ. އޭގައި ސިނެމެޓިކް މެޖިކް ހުންނާނެ އެެވެ. ވަރަށް ކުދިކުދި ކަންކަމަށް ވެސް އޭނާ ފިލްމުގައި ސަމާލުކަން ދޭނެ އެވެ. ފިލްމުގެ ކަލާ ގްރޭޑިން ފާހަގަކޮށްލަން ޖެހެ އެވެ. ލ. އަތޮޅުގައި ނަގާފައިވާ ލަވައެއްްގެ މަންޒަރުތައް ހިތްގައިމެވެ.

މީގެ އިތުރުން، ފިލްމުގައި ގެނެސްދީފައިވާ ޝަލަބީ އިބްރާހިމް އާއި ލައިޝާ ހިލްމީގެ ލަވަޔަކުން އަސަރު ކުރެ އެވެ.

'ގަންގޫބާއި'އާ އޮތީ ކޮން ގުޅުމެއް؟

'ލިލީ' ނުބަލާ ނަމަ ޝަކުވާއަކަށް ވާނީ މިއީ ހިންދީ ފިލްމު 'ގަންގޫބާއި'ގެ ކޮޕީއެއް ކަމުގެ ޝައްކެވެ. ތެދެކެވެ. ވައްތަރު ގޮތްގަނޑެއް އެބަހުއްޓެވެ. އެކަމާ ދެބަސްވުމެއް ނެތެވެ. އެކަމަކު މިއީ މުޅިއަކުން ކޮޕީއެއް ނޫނެވެ. ސަބަބަކީ ފިލްމުން ކިޔައިދެނީ ހަމައެކަނި އެ ވާހަކައެއް ނޫނެވެ. ތަފާތު އެތައް ތީމެއް ހުށަހަޅައިދީފައިވާ 'ލިލީ'ގައި އެއް ކަމެއް އަނެއް ކަމަކާ ގުޅިލާމެހިގެންދާ ގޮތް ފުރިހަމަ އެވެ. މުުޖުތަމައުއަށް ދެނީ މުހިއްމު އެތައް މެސެޖެކެވެ.

ދިވެހި ފިލްމް 'ލިލީ' އާއި 'ގަންގޫބާއި' ވައްތަރު ނަމަވެސް މުޅިން އެއްގޮތެއް ނޫން

ފިލްމުގައި މަރިޔަމް ހަލީމް، އައިޝާގެ މަންމަގެ ބައި ގެނެސްދީފައިވާ ގޮތް ފުރިހަމަ އެވެ. މީގެ ކުރިން މިހާ މޮޅަށް މައެއްގެ ރޯލް ދިވެހި އިންޑަސްޓްރީން ފެނިފައިވަނީ ހާޖަރާ އަބްދުލްކަރީމްގެ ފަރާތުންނެވެ.

އިޝްފާންގެ ކެރެކްޓާގެ އެންމެ މަންޒަރަކުން ނަމަވެސް "ޓޮކްސިކް މަސްކިއުލިނިޓީ" ކިޔައިދީފައިވާލެއް ފުރިހަމަކަމުން އެއީ މުޖުތަމައުގެ ހަގީގަތްކަން އިނގެ އެވެ. ހަށިވިއްކާ މީހުންނަށް މުޅި މުޖުތަމައު ނަފުރަތާ އެކު ބެލިޔަސް ހަށިގަަންނަ މީހުންނާ މެދު މުޖުމަތަމައުން ޝަކުވާއެއް ނުކުރާތީ މި ފިލްމުން ސުވާލު އުފައްދަ އެވެ.

އައިޝާގެ ހުނަރު

'ލިލީ'ގެ ތަރި އައިޝާ އަލީ

މި ފިލްމުގައި އައިޝާ ދައްކާ އެކްޓިންއަށް ފަސް ތަރި އެވެ. ޓްރެއިލާއިން ފެންނަ ތަންކޮޅެއްގައި އަދި ޕްރިމިއާ ނައިޓުގައި ސްޓޭޖް މަތީގައި ހުރެފައި ވެސް އޭނާ ބުނެލަ އެވެ: "އަހަންނަކީ މުޅި ހިންނަވަރަށް މަޝްހޫރު ލިލީ. އަހަރެން ބިރެއް ނުގަންނާނެ" އެވެ.

ފިލްމު ބަލާ ނިންމާލުމުން އިހްސާސްވީ، އައިޝާ އަކީ މުޅި އޮލިމްޕަހަށް އަދި ރާއްޖެއަށް މަޝްހޫރު ތަރިއެކޭ އެވެ. އޭނާގެ ކިބައިގައި ހުނަރު އެބަ ހުއްޓެވެ. އޭނާ ފަހަތަކަށް ނުޖެހޭނެ އެވެ. މިއީ މިހާތަނަށް އޭނާ ކުޅުނު އެންމެ ވަރުގަދަ ރޯލެވެ.

"މީހުން ވަރަށް ޝައްކު އުފެއްދި މި ކެރެކްޓާ އައިޝާއަށް ކުޅެވޭނެތޯ. އެހެންވެ ވަރަށް ހިތްހަމަޖެހިފައި މިހިރީ މިގޮތަށް މި ކެރެކްޓާ ގެނެސްދެވުނީމަ،" ފިލްމާ ގުޅޭ ގޮތުން 'ދައުރު'އާ ވާހަކަ ދައްކަމުން އައިޝާ ބުންޏެވެ. "އަހަންނަށް މިކަން ވާނެކަން ގަބޫލުކުރި މީހުންނާއި އެހީތެރިވެދިން މީިހުންނަށް ޝުކުރު އަދާކުރަން."

'ލިލީ' މި މަހު 30ގެ ނިޔަލަށް އޮލިމްޕަހުގައި ދެއްކުމަށް ޓިކެޓު އަންނަނީ ވިއްކަމުންނެވެ. އަސްލު ވެސް މި ފިލްމުން ބެލުންތެރިން އާޝޯހުކޮށްލާނެ އެވެ. އެކަން އެނގެނީ ފިލްމު މިހާތަނަށް ބެލި އެންމެންހެން ފިލްމަށް ކުރަމުން އަންނަ ތައުރީފުންނެވެ. ޝޯތައް އަންނަނީ ހައުސްފުލްވަމުންނެވެ.

ކޮމެންޓް (4)

ޖެލަސްވާ މީހުން

25 ނޮވެމްބަރު 2025
ހާދަ ހަޖަމު ނުވެޔޭ. ދެން ރީތި ފިލްމެއް ހަދާބަލަ.
0 1

ރައުން

25 ނޮވެމްބަރު 2025
ހަޑި ފިލްމެއް މިފިލްމުގެ ބަދަލުގަ ގަންގޫބައީ ދެވަނަފަހަރަށް ބެލިޔަސް މާރަންމގަޅުވާނެ.
3 1

މިލީ

25 ނޮވެމްބަރު 2025
ލިލީ އެހާ މޮޅެއްނޫން އެކްޓް ކުރާކަށް
3 0

ލިލީ

25 ނޮވެމްބަރު 2025
ހަމަ ވަރަށް ހަޑި،ލިލީ ބަދަލް ވިގޮތް ނޭގެ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް