ވާހަކަ: މިތުރާ މަގޭ
9 ޖުލައިގެ ބަޔާ ގުޅޭ
ހަތަރު މީހުން ގޮސް އިށީންއިރު ޔާސިރު އިށީނދެލީ ވަކިން ހުރި ސޯފާއެއްގަ އެވެ. ޒުހުރާ އާއި ރައިނާ ދިގު ސޯފާގެ މެދާކަށް ހަމައިގައި އިށީންއިރު ހަމްރާއު އިށީނދެލީ ރައިނާ އިން ފަރާތުގައި ރައިނާއާ ޖެހިގެންނެވެ.
ސަކީނާ ކުރި ސުވާލަކަށް ޖަވާބުދޭން ވެގެން ޒުހުރާ ފުރަތަމަ އިނީ ސަކީނާއާ ވާހަކަދައްކާށެވެ. އެ ވަގުތުކޮޅު ރައިނާއަށް އެތާ ތިބި އަނެއް ދެ މީހުންގެ އަމަލުތައް ދިރާސާކޮށްލަން ފުރުސަތު ލިބުނެވެ. ޔާސިރު އިނީ ފޯނަށް ބަލާކަމަށް ހެދިގެންނެވެ. ހަމްރާއު އެކި ދިމަދިމާއަށް ނަޒަރު ހިންގަމުން ދިޔަ އެވެ. އެއްފަހަރު ސަކީނާ އާއި ޒުހުރާ އަށެވެ. އަނެއް ފަހަރު ޔާސިރުއަށެވެ. އެކި ދިމަދިމާއަށް ބަލާލައިފައި ރައިނާއާ ވެސް ހަތަރުކަޅި ބައްދަލުވި އެވެ.
ރައިނާ ހިނިތުންވެލި އެވެ. އެކަމަކު ހަމްރާއު އެ ހިނިތުންވުން ރައްދެއްނުކުރި އެވެ. ބަލަހައްޓައިގެން އިނީ އެވެ. ރައިނާގެ ހިނިތުންވުން ފިލީ އެ ހިސާބުންނެވެ. ހަމްރާއު އެ އިނީ ހިތްހަމަނުޖެހިފަ އެވެ.
އެރޭ ޔާސިރުމެން ނިކުމެގެން ދިޔަ ފަހުން ރައިނާ އުންމީދުކޮށްގެން ހުރީ ހަމްރާއު ކޮންމެވެސް ގޮތަކުން ހިތްހަމަނުޖެހުނުކަން އަންގާނެ ކަމަށެވެ. ކޮންމެވެސް އެއްޗެއް ބުނާނެ ކަމަށެވެ. އެކަމަކު އޭނަ ހީކުރި ފަދަ އެއްވެސް ކަމެއް ނުވި އެވެ. މެހުމާނުން ދިއުމުން ހަމްރާއު އެދުނީ ބޭސްގުޅައެއް ދިނުމަށެވެ. ބޮލުގައި ރިއްސާތީ ތަންކޮޅެއް އަވަހަށް ނިދަން ބޭނުންވީ އެވެ. ރައިނާ ހަމްރާއު އެދުނު ފަދައިން ކަންތައް ކޮށްދިނުމުން ނިކަން ލޯބިން އޭނަގެ ކޯތާފަތުގައި ހިފާލައިފައި "ގުޑްނައިޓް" ކިޔާލުމަށް ފަހު އެނދަށް އަރައި އޮށޯވެއްޖެ އެވެ.
ޖެހިގެން އައި ދުވަހުވެސް ހަމްރާއު އެ ވާހަކައެއް ނުދެއްކި އެވެ.
"ހަމްރާއު އަހަރެން ދެކެ ހިތްހަމަނުޖެހިފަތަ ތި ހުންނަނީ؟ ތިންވަނަ ދުވަހު ރައިނާ އެންމެފަހުން އެހި އެވެ.
"އެ ކީއްވެ ހިތްހަމަނުޖެހެންވީ؟" ހަމްރާއު ލެޕްޓޮޕް ދޮށުގައި އިނދެފައި އެއިން ނަޒަރު ވަކިކޮށްލުމަށް ފަހު ރައިނާގެ މޫނަށް ބަލައިލީ ކުޑަކޮށް ބުމަ ކައިރިކޮށްލާފަ އެވެ.
"އަހަންނަށް ކުރެވުނު ކަމަކުން،" ރައިނާ ޖަވާބުދިނެވެ.
"ކަމެއް ކުރެވުނުތަ؟ ނޭނގެ..." ހަމްރާއުގެ ސަމާލުކަން އަނެއްކާވެސް އެނބުރުނީ މަސައްކަތަށެވެ.
"ކުރީ ރޭ ޔާސިރުމެން އައީމަ ރުޅިއައިސްފައެއްނޫންތަ އަދިވެސް ތިހުންނަނީ؟ އެހެންވެ ހަމްރާއު ނުބުނަނީސް އަހަރެން އަމިއްލައަށް މާފަށް އެދޭތޯ ދޯ ތި ހުންނަނީ؟" ރައިނާ އެންމެފަހުން ސީދާ މައުލޫއުއަށް ދިޔަ އެވެ.
"އަނބިމީހާ ދެކެ ލޯބިވާ އެއްވެސް ފިރިއަކު ބޭނުމެއް ނުވާނެ ދޯ އޭނަގެ އަނބިމީހާއާ ދިމާއަށް އެހެން ފިރިހެނަކު ބަލައިލަން ވެސް. އޭނަ އެއީ އަދި އިރެއްގަ ރައިނާއަށް ކަޅިއެޅި މީހެއް،" ހަމްރާއު އެއްބަސްވި ނަމަވެސް ބުނެލީ ތަންކޮޅެއް އާދައިގެ ގޮތަކަށެވެ.
"ހަމަ ތިހެންވާނެއެއްނު އަންހެނުންނަށް ވެސް،" ރައިނާ ފުރުސަތުގެ ބޭނުންހިފާފައި ބުނެލި އެވެ.
އެ ވަގުތު ހަމްރާއު މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލިތަން ފެނުނެވެ.
"އަންހެނުންނާ ފިރިހެނުންނާ ވަރަށް ތަފާތު،" ހަމްރާއުގެ ޖަވާބަކީ އެއީ އެވެ.
ރައިނާއަށް އިތުރަށް ވާހަކަދެއްކޭ ގޮތް ނުވީ ހަމްރާއުއަށް ފޯނެއް އައިސްގެން އެތަނުން ތެދުވެގެން ދިޔައީމަ އެވެ.
ދުވަސްކޮޅެއް ފަހުން ޒުހުރާގެ ފޯނެއް އަ އެވެ. ޒުހުރާ އެހީ ބައްދަލުކުރަން އެ ގެއަށް އައުން އެކަށީގެންވާ ވަގުތެއްތޯ އެވެ. އެއީ ހަވީރުގެ ވަގުތެވެ. ގޭގައި އުޅެނީ ރައިނާ އެކަންޏެވެ. ކުޑަމަންޖެ ދިޔައީ މާމައާ އެކު ޕާކަށެވެ. ހަމްރާއު ބޭރަށް ނިކުމެ އެވެ. ރައިނާ ހުއްދަ ދިނުމުން ޒުހުރާ އަ އެވެ.
އެ ދުވަހު ދެ އެކުވެރިން އެކަނި ތިބެ އަމިއްލަ ޒާތީ ވާހަކަތަކަށް ދާންދެން ދެއްކި އެވެ. އެތައް ދުވަހަކަށް ފަހު އެގޮތަށް ބައްދަލުވުމުން ހިތުގެ އެންމެ ފުނުގައިވާ އުދާސްތަކަށް ދާންދެން ހިއްސާކުރި އެވެ. އެކަކު އަނެކަކަށް ހިޔާލު ބަދަލުކޮށް ވާހަކަ ހޫނު ވެސް ވި އެވެ. ކޮންމެ މީހެއްގެ ވެސް ހިޔާލާއި ވިސްނުމަކީ ތަފާތު އެއްޗެކެވެ.
ޒުހުރާ ނިކުމެގެން ދިޔައެއް ކަމަކު ޒުހުރާ ދެއްކި ވާހަކަތައް ރައިނާގެ ހިތަކުން ނުދިޔަ އެވެ. އެކި ފަހަރުމަތިން އެ ހިޔާލުތައް އައިސް ހިތާއި ސިކުނޑި ވަށާލަ އެވެ.
ޒުހުރާ ބުންޏެވެ. މައްސަލައަކީ ދެވަނަ ކައިވެންޏެއް ނޫނެވެ. މައްސަލައަކީ އަހަރުމެން އުޅެބޮޑުވެފައި ހުރި މާހައުލެވެ. އަހަރުމެންގެ ސަގާފަތެވެ. އެންމެ މީހަކު ފިޔަވާ އިތުރު މީހަކާ ކުރާ ކައިވެނި ގޯސްކުރަނީ އެ ސަގާފަތެވެ. ދީނުގެ ހުދޫދުން ބޭރުގައި ކުރާ އެތައް ކަމެއް މި މުޖުތަމައުގައި އާންމުވެފައި ވާއިރު އެކަންކަން މައްސަލައަކަށް ނުވާ މީހުންނަށް ވެސް ދެވަނަ އަދި ތިންވަނަ ކައިވެނި މައްސަލައަކަށްވެ އެވެ. ފާފައަކަށް ނާރައި ހަލާލުކުރެވެން އޮތްއިރު، އަދި ހަމަހަމަކުރެވޭނެ ކަމުގެ ޔަގީންކަން އޮވެފައި ބެލެހެއްޓުމުގެ ގާބިލުކަން ވާ ނަމަ އެކަން މަނާކުރަން މި މުޖުތަމައުގެ ފަރުދުންނަކީ ކޮން ބައެއް ހެއްޔެވެ؟ ހަމްރާއު ރައިނާއާ ކައިވެނި ކުރުމުން އޭނަގެ މުޅި ދިރިއުޅުން ރައިނާއަށް އެކީ މިލްކުވީއެއް ނޫނެވެ. އެކަކު އަނެކަކަށް ލިބޭ ބައިވެރިންނާ އެކު އެ ލިބޭ ވަގުތަކީ ދެއްވި ހަދިޔާއެކެވެ. އެ ނިއުމަތްތައް ހެޔޮ ގޮތުގައި ބޭނުންކުރަންވީ އެވެ. ވަކިވެގެން ދާނީ ކޮން އިރަކުކަމެއް އެކަކަށް ވެސް ނޭނގެ އެވެ. މި ވަގުތީ ދުނިޔޭގެ އެދުންވެރިކަމުގައި ތިމާގެ ދުވަސްތައް ހަސަދަ އާއި ފިތުނައިގައި ބޭކާރުކޮށްނުލައި އާހިރަތާ ދިމާއަށް މި އަޅަމުންދާ ކޮންމެ ފިޔަވަޅެއް ހެޔޮ ގޮތުގައި އެޅޭތޯ ގަދައަޅައި މަސައްކަތް ކުރަންވީ އެވެ.
ޒުހުރާގެ އަނެއް ވާހަކައަކީ މީހެއްގެ ގޮތުގައި ހަމްރާއުގެ ރަނގަޅު ވާހަކަ އެވެ. މި ޒަމާނުގައި މި އުޅެނީ ސައުވީސް ގަޑިއިރު ހަމަ ހޭގައި ހުންނަ މީހަކު ނުލިބިގެންނެވެ. ނޫނީ ދެން އުޅޭނީ ކޮންމެވެސް ހަރާމް ވިޔަފާރިއެއް ކޮށްގެން މަންފާ ހޯދާ މީހުންނެވެ. ނޫނީ ދީނާއި ދުނިޔެ ވަކިކޮށްގެން އުޅޭ މީހުންނެވެ. އަނިޔާކުރާ ފިރިންނެވެ. ހަލާލު އަނބިމީހާ އަނދިރީގައި ބަހައްޓައިގެން ހިލޭ އަންހެނުންނަށް ހަރަދުކުރަމުން ދުވާތީ އަނބިދަރިންނަށް ދޭނެ އެއްޗެއް އަތުގައި ނޯންނަ މީހުންނެވެ. ހެއްދެވިފަރާތަކީ ކޮބައިކަން ހަނދާން ނުހުރެފައި މިސްކިތެއްގެ ކުރިމަތިން ދިޔަސް އެ ދިމާއަށް ބަލައިނުލާ ފިރިހެނުންނެވެ. މިފަދަ ޒަމާނެއްގައި ހަމްރާއު ކަހަލަ ފިރިއަކީ ރަނެވެ.
ރައިނާ އަމިއްލަ ހިތާ ސުވާލުކުރި އެވެ. އޭނަ ނިމިގެންދާން ބޭނުންވަނީ ހަމްރާއު އެ އަތްނބަކާ މެދު ހިތްހަމަޖެހިގެންވާ އަތްނބެއްގެ ގޮތުގައި ހެއްޔެވެ؟ ނޫނީ ހަމްރާއުގެ ހިތް ޝަކުވާއިން ފުރިފައިވާ ފަދަ ބައިވެރިއެއްގެ ގޮތުގައި ހެއްޔެވެ؟
ރައިނާ އިތުރަށް ވިސްނަން ފެށި އެވެ. ހަމްރާއުގެ ފުށުން އޭނައަށް ލިބިފައިވާ ދެރައަކީ ކޮބައި ހެއްޔެވެ؟ ހޫރައިން އައުމުން އުނިވީ ކޮން ކަމެއް ހެއްޔެވެ؟ އިހާނެތިވީ ކޮން އިރަކު ހެއްޔެވެ؟ ބާރަށް އަޑުލައި އަނިޔާކުރި ދުވަހެއް އައި ހެއްޔެވެ؟ އިތުރު ގޮތަކަށް ވިސްނާއިރު އޭނަގެ ފުށުން ހަމްރާއުއަށް އުނިވީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ހޫރައިން އޭނަގެ ދިރިއުޅުމުގެ މާކުރިން ފެށިގެން ހަމްރާއު އޭނައާ ދޭތެރޭ ރަސްދަރިކަނބަލެއް ފަދައިން ކަންތައް ކުރަމުންދާއިރު އޭނައަށް ވެސް ހަމްރާއުއާ މެދު އެ ދަރަޖައަށް އަމަލުތައް ބެހެއްޓިފައިވޭ ހެއްޔެވެ؟ އަބަދުވެސް ލިބިގަންނަ ފަރާތުގައި ހުރުމުގެ ބަދަލުގައި ބައެއްފަހަރު ދޭ ފަރާތުގައި ވެސް ހުރުމަކީ ކިހާ މުހިންމު ކަމެއްކަން އޭނައަށް ކުރިން ވިސްނިފައެއް ނެތެވެ.
ހަމްރާއު ކަމަކާ ދެރަވެފައި ހުންނަކަން ރައިނާއަށް ފާހަގަވި އެވެ. ސުވާލުކުރުމުން އެއްބަހެއްނުވި އެވެ. އެއް ރެއަކު ނިދިން ހޭލެވުނު ވަގުތެއްގައި ހަމްރާއު ތެދުވެ އިނީ ދުރު ބަލަހައްޓައިގެންނެވެ. އިރުކޮޅަކުން ލޯ ފުހެލިތަން ފެނުނެވެ. ރައިނާއަށް ވީ މުޅިން ތަފާތު ގޮތެކެވެ. ތެދުވެ ހިތްވަރުދޭން ބޭނުންވި ނަމަވެސް ފެނުނުކަން އަންގާކަށް ނުކެރުނެވެ. ހަމްރާއު އުޅެނީ ބަލިވެތޯ ނޫނީ ތަނެއްގައި ރިއްސާތޯ އެހީ ހެނދުނު ތެދުވެ އުޅެފަ އެވެ. ހަމްރާއުގެ ޖަވާބު އައީ ދެކޮޅަށެވެ. އެހެން އެހީ ކީއްވެތޯ ވެސް ނާހަ އެވެ. ރައިނާއަށް ދެން ވެސް އެ ވާހަކަ ބުނާކަށް ނުކެރުނެވެ.
އެއީ ރައިނާއަށް އެޕޮއިންޓްމެންޓް ލިބިފައި އޮތް ދުވަހެވެ. ހަމްރާއު ނިކުމެގެން ދިޔައީ ވަރަށް އަވަހަށް އަންނަން ބުނެފަ އެވެ. އެކަމަކު ގަޑިޖެހެން ދިހަ މިނިޓަށް ވީއިރު ހަބަރެއް ނުވި އެވެ. ރައިނާ ހާސްވި އެވެ. ހަމްރާއު ކޮބައިތޯ ބަލަން ގުޅަން ފެށި އެވެ.
ފޯނު ރިންގްވެ އެވެ. އެކަމަކު ޖަވާބެއް ނާދެ އެވެ.
ވީގޮތެއް ނޭނގިގެން ކަންބޮޑުވެގެން ދެކޮޅަށް ހިނގަން ހުއްޓާ ގުޅީ ނުދަންނަ ނަންބަރަކުންނެވެ. އެކޮޅުން ދިނީ ހަމްރާއު އެކްސިޑެންޓްވި ހަބަރެވެ. ރައިނާ ހަނދާންވީ އެންމެފަހުން ބައްދަލުވީ ރޭ ޒުހުރާއާ ދެ މީހުން ދެއްކި ގިނަ ވާހަކަތަކުތެރެއިން ވާހަކަދެކެވުނު މައުލޫއުއެކެވެ.
މަރު އަންނަނީ ކުއްލިއަކަށެވެ. ތިމާ ކުރަން އެތައް ކަމެއް ރާވާފައި އޮއްވަ އެވެ. އެތައް ކަމެއް ފުރިހަމަނުވެ ވަނިކޮށެވެ. ތައްޔާރުނުވެ ހުއްޓަ އެވެ. ވަގުތު ޖެހުމުން ލަހެއް ފަހެއް ނުވެ އެވެ. ހިތް ނޭދުނަސް ޖެހޭނީ ދާށެވެ.
ހޮސްޕިޓަލާ ދިމާއަށް ދަތުރުކުރަމުންދިޔަ ކާރުގައި އިނދެގެން ރައިނާ ދުއާ ކުރަމުންދިޔަ އެވެ. ހަމްރާއު ސަލާމަތްކޮށްދެއްވުމަށް އެދި ހެއްދެވި ފަރާތުގައި އެދެމުން ދިޔަ އެވެ. ހަމްރާއު އޭނައާ ވަކި ނުކުރުމަށެވެ. ކޮންމެ ސިފައެއްގައި ވެސް އޭނަ ހަމްރާއު ބޭނުމެވެ. ނުކުޅެދޭ ހާލުގައިވިޔަސް މެ އެވެ. އޭނަގެ އެކަނި ފިރިއެއްގެ ގޮތުގައި ނުވިޔަސް މެ އެވެ.
***
ދަރިފުޅުގެ ރުއިމުގެ އަޑާއެކު ރައިނާއަށް ނިދިން ހޭލެވުނެވެ. ދަރިފުޅު އޮތް ކުޑަ އެނދާ ދިމާއަށް ކުޑަކޮށް އެނބުރި ބަލާލިއިރު ނަރުހަކު ކައިރީގައި ހުއްޓެވެ. ރައިނާ ބަލައިލިތަން ފެނިގެން ހިނިތުންވެލި އެވެ. ނަރުހުގެ ކުޑަ މަސައްކަތަކުން ތުއްތު ދަރިފުޅުގެ ރުއިން މެދުކެނޑުނެވެ. ދެން އައީ ރައިނާ ކައިރިއަށެވެ. އޮޅުންފިލުވަންވި ކަންކަމާ ބެހޭގޮތުން ސުވާލުތަކެއް ކޮށްފައި ނިކުމެއްޖެ އެވެ.
އެނދު ކައިރީ ބަހައްޓާފައި ހުރި ގޮނޑިއެއްގައި ސަކީނާ އިނެވެ.
ދަރިފުޅު އަލުން ހޭލައިގެން ރޯން ފެށުމުން ސަކީނާ އެ ކުއްޖާ އުރައިގެން އައިސް ގޮނޑީގައި އިށީނދެލި އެވެ. ރައިނާގެ ނަޒަރު ހުރީ އެ ދަރިފުޅަށެވެ. އެ ދަރިފުޅު ވައްތަރީ ވެސް ހަމަ ހަމްރާއުއާ އެވެ.
ކުޑައިރުކޮޅެއް ފަހުން ރަނާ އައިސް އެތެރެއަށް ވަނެވެ.
"ރަނާ! ބޭބީ އެކަނިތަ؟" ރައިނާ ކައިރިވަމުންދިޔަ ރަނާއަށް ބަލަމުން އެހި އެވެ.
ރަނާ އައިސް ހުއްޓުނީ ސަކީނާ ކައިރިއަށެވެ. ސަކީނާ ރަނާގެ އަތުގައި ހިފާލި އެވެ.
ރަނާ ބުނީ ދައްތަ ބޭރުގައި މަޑުކުރި ވާހަކަ އެވެ. ރައިނާއަށް އެނގުނެވެ. ރަނާ އެ ބުނީ ހޫރައިންގެ ވާހަކަ އެވެ. ހޫރައިން އައިސް އުޅެނީ ޗުއްޓީގަ އެވެ. އޭނަ ވިހަން ގެނައީއްސުރެ ރަނާ އުޅެނީ ހޫރައިންއާ އެކީގަ އެވެ.
ރައިނާ އިތުރަށް ސުވާލެއްނުކޮށް ހިމޭންވި އެވެ.
ބަނޑުހައިކަން ފިލުމުން ކުޑަމީހާ ނިދައިފި އެވެ. ރަނާ މަންމަގެ ފޯނު އަތުލައިގެން އެނދުގެ އެއްކޮޅަށް އަރާ އިނދެ ފޯނުން ގޭމް ކުޅެން ފެށި އެވެ. ސަކީނާ އައިސް ރައިނާގެ އަތުން ކުޑަމީހާ ނަގައިގެން ގެންގޮސް އެނދަށްލި އެވެ. ރައިނާ އިރުކޮޅަކު ރަނާއަށް ބަލަން އިނެވެ. ގެއަށް ދަނީ ކޮން އިރަކުންހޭ އެހުމުން ރަނާއަށް އަޑެއް ނީވުނެވެ.
"މަންމަ ދާންވީނު އޭނަ ކައިރީ ބުނަން. ރަނާ ހިއެއްނުވޭ ދެން އަވަހަށް ދާނެ ހެނެއް،" ރައިނާ މަންމައަށް ބަލާލައިފައި ވާހަކަދެއްކި އެވެ.
ސަކީނާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ހޫރައިންގެ އަތުގައި ހިފައިގެން އެތަނަށް ވަންތަން ފެނުނީ ހަމްރާއު އެވެ. އެތެރެއަށް ވަދެވުމާ އެކު ހަމްރާއު ވެސް އަވަހަށް ހޫރައިން އަތުން ދޫކޮށްލާފައި ތަންކޮޅެއް ކުރީގައި އެ މީހުންނާ ދިމާއަށް އަ އެވެ. ހޫރައިން ފަހަތުން އައީ އެޅުނު އެންމެ ލަހަކުން ފިޔަވަޅު ނަގަމުންނެވެ. އެ މޫނުގައި ކަންބޮޑުވުމާއި ހާސްކަމެވެ.
ރައިނާގެ ހިތުގައި ހޫރައިންއާ މެދު ފުރަތަމަ ފަހަރަށް ހަމްދަރުދީ އުފެދިގެން ނުފެންނަ ކަމަށް ހަދައިލި އެވެ. ހޫރައިން ހުއްޓުނީ ތަންކޮޅެއް ދުރުގަ އެވެ.
ހަމްރާއު އައިސް ރައިނާއަށް ހިނިތުންވުމެއް ދީފައި ގޮސް ތުއްތު ދަރިފުޅު ބަލައިލަން ކައިރިވި އެވެ. އެތާ ހުރެގެން ރައިނާމެނާ ވާހަކަދައްކަދައްކާފައި އެނބުރި ހޫރައިންއަށް ބަލާލަމުން އެ ދިމާއަށް ދާން އަތުން އިޝާރާތްކޮށްލި އެވެ. ނުބަލާ އިންދާ ވެސް ހޫރައިންގެ ނަޒަރު އޭނައަށް ހުއްޓުނުކަން ރައިނާއަށް އެނގުނެވެ.
"އެބަ އަންނަން ފާހާނާއަށް ވަދެފައި،" ރައިނާ މަޑުމަޑުން އެނދުން ފައިބަން އުޅުނު ވަގުތު ހަމްރާއު އަވަހަށް އައިސް އެހީވި އެވެ.
"އެކަނި ދެވޭނެ،" ރައިނާ ހަމްރާއުގެ އަތް ދުރަށް ލާފައި އެ މޫނަށް ބަލައިލަމުން ބުނެލި އެވެ.
އިރުކޮޅަކުން އޭނަ ފާހާނާކޮށްގެން ނިކުތްއިރު ހޫރައިން ހުރީ ތުއްތު ދަރިފުޅު އުރައިގެންނެވެ. ކައިރީގައި ހަމްރާއު ހުރި އިރު ދެ މީހުންގެ ތުންފަތުގައި ވެސް ހިނިތުންވުމެވެ. އެކަމަކު ހޫރައިންގެ ތުންފަތުގައިވި ހިނިތުންވުމުގައި ރިހުމެއްވީހެން ރައިނާއަށް ހީވި އެވެ.
އޭނަ އައުމަށް ފަހު ހޫރައިން އިތުރަށް އެތާ މަޑުކުރާ ހިޔާލެއްނުކުރި އެވެ. ހޫރައިން ބުނެލިހާއިރުން ރަނާ ވެސް ގެއަށް ދާން އެއްބަސްވެއްޖެ އެވެ. ރަނާ ހުންނަނީ ފަހަކަށް އައިސް ހޫރައިން ނުގުޅައިގެންނެވެ.
މަންމަ އަރާމުކުރަން ގެއަށް ފޮނުވާފައި ހަމްރާއު އާއި ރައިނާ އެކަނިވީ ދެނެވެ.
"އަހަންނަށް ހީވަނީ ބޭބީ ފެނިގެން ހޫރައިން ހުރީ ކޮންމެވެސް ވަރަކަށް ދެރަވެފަ ހެން،" ރައިނާ ވިސްނަން އޮވެފައި ބުނެލި އެވެ.
"ހޫމް. އެބޯޓްވި ބޭބީ މަތިން ހަނދާންވެފަ ކުޑަކޮށް އިމޯޝަނަލްވެފަ ހުރީ،" ހަމްރާއު އެއްބަސްވި އެވެ.
ހަމްރާއުގެ އެކްސިޑެންޓްގެ ކުރިން ހޫރައިން ގުޅާފައި ބުނީ އޭނަ ޝައްކުކުރި ފަދަ ހަބަރެވެ. ހޫރައިން ބަލިވެއިން ވާހަކަ އެވެ. އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން ދެން ހަމްރާއުއަށް ލިބުނީ ދުނިޔެއަށް އައުމުގެ ކުރިން ވަކިވެގެން ދިޔަ ހަބަރެވެ. ހަމްރާއު ހޫރައިން ގާތަށް ދާން އުޅުމުން ހިލާ އޭނަ އެގޮތާ އެއްބަހެއްނުވި އެވެ. އޭނައަށް ވުރެ ހަމްރާއުއަށް އެ ވަގުތު ބޭނުންވެފައި ވަނީ ރައިނާކަމުގައި ބުނެ ދެކޮޅުހެދި އެވެ. ދުނިޔެއިން ވަކިވެގެން ދިޔަ ކުއްޖަކަށްވުރެ ދުނިޔެއަށް އަންނަންވެފައިވާ ފުރާނައެއް މާ މުހިންމުވާނެ އެވެ. އެ ހިތާމަވެރި ދުވަސްކޮޅު ވެސް ހޫރައިން ހޭދަކުރީ އެކަންޏެވެ. އެއީ ފިރިއެއްގެ ގާތްކަމާއި އަޅާލުން އެންމެ ބޮޑަށް ބޭނުންވާނެ އެއް ދުވަހެވެ. ގައުމާއި އާއިލާއާ ދުރުގައި އެކަނި ހޫރައިން ހުރި ދުވަސްވަރެކެވެ.
ރައިނާއަށް އެ ވާހަކަ އެނގުނު ދުވަހު ފުރަތަމަ ފަހަރަށް ހޫރައިންއާ ކުޑަކޮށް ނަމަވެސް ހިތް ސާފުވެލި އެވެ.
ހަމްރާއު ހޮސްޕިޓަލުގައި އޮވެފައި ފުރަތަމަ ލޯ ހުޅުވާލި ވަގުތު ރައިނާ އޭނަގެ ހިތް ބަންޑުންކޮށްލި އެވެ. ފަހަރުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެ ނިންމުމާ މެދު ހިޔާލު ތަފާތުވެ ހިތާމަކުރާ ދުވަސްތަކެއް ވެސް އައިސްދާނެ އެވެ. ނޫނީ އެއް ދުވަހު ތަންކޮޅެއް ރަނގަޅަށް ހުރެފައި އަނެއް ދުވަހު އެ ދެ މީހުންނާ ދޭތެރޭ ޝަކުވާއިން ހިތް ފުރިދާނެ ދުވަހެއް ވެސް އަތުވެދާނެ އެވެ. އެކަމަކު އޭނަ އަކީ ހަސަދައިގެ އަލިފާނުން ހަމްރާއުގެ ދިރިއުޅުމުގައި ހުޅުޖަހަން މަސައްކަތްކުރާ މީހަކަށް ނުވާނެ އެވެ. އޭނަ ހަމްރާއުގެ ނިންމުމަށް އިހުތިރާމް ކުރާނެ އެވެ. ހަމްރާއުގެ އުފަލަށް މަރުހަބާ ކިޔާނެ އެވެ. ހޫރައިންއަކީ ހަމްރާއުގެ ހަޔާތުގެ އެއްބައިކަމުގައި ބަލައިގަންނާނެ އެވެ.
(ނިމުނީ)
ކޮމެންޓް (14)
ހަންޓިން
އއމނ
މުނާ
ހައްވަ
ހޫރު
ފޭން
ޓަސްމާ
ޖޯޖް 2
ހައްޖާ
ޖޯޖް
ޖާދު
ކިޔުންތެރިޔާ
އައިޝާ
ހަންޓިން