ވާހަކަ: މިތުރާ މަގޭ
ބުދަ ދުވަހުގެ ބަޔާ ގުޅޭ
ހޫރައިންގެ ނަން އޮތުމުން މެސެޖުން ފެންނަން އިން ތަންކޮޅު ކިޔާލެވުނީ އިހުތިޔާރަކާ ނުލަ އެވެ.
"އައި ހޭވް ނިއުސް ފޯ ޔޫ..." ރައިނާގެ މެއަށް ފިނިގަނޑު ވަނެވެ.
"ރައި؟" ހަމްރާއުއަށް ހޭލެވިގެން ގޮވާލީ އޭގެ ކުޑަކުޑަ އިރުކޮޅެއް ފަހުންނެވެ.
ރައިނާއަށް ފުންމައިގެން ތެދުވެވުނީ ހަމްރާއުގެ ފޯނު ހިފައިގެންނެވެ. ހަމްރާއު ބަލައިލަންވާއިރަށް ފޯނު ލީ އަވަހަށް ފުރަގަހަށެވެ. ހަމްރާއު ތެދުވެ އިށީނދެފައި ދެ އަތުން ލޯ އުނގުޅާލައިފި އެވެ. އާފުރެން ފެށުމުން އަނގަމަތީ އަތް އަޅާލުމަށް ފަހު ތިރިކޮށްލާފައި އޭނާއަށް ނިދުނު ފަހުން ވަރަށް ގިނައިރުވެއްޖެހޭ އަހާލައިފައި ކޮފީ ޖޯޑު ނެގި އެވެ.
ރައިނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލައިފައި އަނެއް ފަރާތަށް އެނބުރި ބަދިގެއާ ދިމާއަށް ނައްޓައިލީ ފޯނު އަނެއް ފަރާތަށް ލައި ހަމްރާއުއަށް ނުފެންނާހެން ފޮރުވައިގެންނެވެ.
"ކޮންތާކަށް ތިދަނީ މިހާރު؟" ހަމްރާއު ބަލަން އިނދެފައި ގޮވި އެވެ.
"ސްނެކްއެއް ބަލާ..." ރައިނާ ދޮގެއް ހަދާލީ އެވަގުތަށް ސަލާމަތްވުމަށެވެ.
އެތެރެއަށް ވަދެވުމުން އޭނަ ގޮސް ބަދިގޭގެ ކައުންޓަރުމަތީ ފޯނު ބޭއްވި އެވެ. ހާސްކަމާއެކު، އަނގަމަތީ ހިފަހައްޓާލައި މަތީ ތުންފަތްމައްޗަށް ޖަމާވި ދާތިކިތައް އަތުން ފުހެލުމަށް ފަހު އަނެއް ފަރާތަށް އެނބުރި ދެއްކި ވާހަކަ ފޫބައްދަންވެގެން ބޭރަށް ގެންދާނެ އެއްޗަކާ މެދު ވިސްނައިލި އެވެ. އެއްޗެއް ހަނދާންވެގެން ކަބަޑުތައް ހުޅުވާލައިފައި މަންމަ ހަދާފައި ހުރި ދެ ވައްތަރެއްގެ ލުއިކާނާ ބޯތަށްޓަށް އަޅައި ތަބަކަށް ލައިގެން ނިކުތެވެ.
ހަމްރާއު ފޯނު ހޯދާކަށް ނުވެސް އުޅެ އެވެ. އޭނަގެ ސަމާލުކަން ހުރީ ކާއެއްޗިއްސަށެވެ.
ސޯފާގައިން އިން ރައިނާއަށް އިރުކޮޅަކުން ހަމަޖެހިލެވުނެވެ. ހަމްރާއުއަކީ އާންމުކޮށް ފޯނާ އަވަލައިގެން ކޮންމެ ކަމެއް ކުރާއިރު އެ އަތަށް ލައިގެން އުޅޭ މީހެއް ނޫނެވެ. ގިނަ ފަހަރަށް ފޯނެއް އައިސްގެން ނޫނީ ހަމްރާއު ފޯނެއް ނުވެސް ހޯދާނެ އެވެ. ހޫރައިން ދޭން އެ އުޅޭ އުފާވެރި ހަބަރަކީ ކޮބައިކަން އޮޅުންފިލުވަން ކިތަންމެ ބޭނުންވިއަސް ބޭނުންވަނީ ވީހާވެސް ގިނައިރު ހަމްރާއު ހޫރައިންގެ ހިޔާލުތަކާ ވެސް ދުރުގައި ބެހެއްޓުމެވެ. އެ ފޯނުން ދޭ ހަބަރަކުން ހަމްރާއުގެ ހިތުގައި މުޅި ދުވަހު ހޫރައިން ރަނިކަން ކުރަން ލިބޭ ފުރުސަތަކަށް ވިޔަނުދޭށެވެ.
"ހާދަ ހީވެއޭ ކަމަކާ ކަންބޮޑުވެފަ އިންހެން؟ އުނދަގުލެއް ވަނީތަ؟" ހަމްރާއު އިރުކޮޅަކު ރައިނާގެ ހަރަކާތްތަކަށް ބަލަން އިނދެފައި އެހި އެވެ.
"ކަ ކާކު ކަންބޮޑުވެފަ؟ އަހަރެން؟ ރައިނާ ހުހަށް އޮތް އަތުން މޭގައި އަތް އަޅާލަމުން އަހައިލީ ނިކަން މޮޅަށެވެ. އަވަސްއަވަހަށް އެކްޓްކުރަން އުޅެގެން ކުޑަކޮށް ކަރުގައި އަޅައިގަތެވެ.
"ދެން ކާކު؟" ހަމްރާއު ގާތަށް ކުޑަކޮށް ހިނިއަ އެވެ.
"ކަންބޮޑުވެފައެއް ނޫން،" ރައިނާ ދެކޮޅުހެދި އެވެ. "އެން އައިމް ފައިން."
"ކޮންއިރަކަށް އެޕޮއިންޓްމެންޓް ލިބުނީ؟" ހަމްރާއު މައުލޫއު ބަދަލުކޮށްލި އެވެ.
***
މެންދުރެއްހާއިރު މަންމަ ބަދިގޭގައި އުޅެފައި ނިކުމެގެން އައީ ހަމްރާއުގެ ފޯނު ހިފައިގެންނެވެ. ހަމްރާއު އަތަށް ދީފައި ބުނީ ފޯނެއް އައިސްގެން ދެ ފަހަރަކު ވައިބްރޭޓްވި ވާހަކަ އެވެ. ރައިނާގެ ހިތް ތެޅިގަތެވެ. ހަމްރާއު ސޯފާގައި އިނދެފައި ތެދުވެ ފޯނުގައި ހިފި އެވެ. ރައިނާ ތެދުވަން ބޭނުންވި ނަމަވެސް އޭނަ އިނީ އެފަދަ ހާލަތެއްގައެއް ނޫނެވެ. ރަނާ އޭނަ އެތާ ބައިންދައިގެން މޭކަޕްކޮށްދެނީ އެވެ. ކައިރީ ހުރި މޭޒުމަތީގަ އާއި ރައިނާގެ އުނގުމަތީ ވެސް މޭކަޕް ސާމާނުތައް ހުޅުވާފައި އަތުރާފަ އެވެ. ހަމްރާއު ފޯނުގައި ހިފާފައި ކުޑަކޮށް ބުމަ ކައިރިކޮށްލުމާއެކު ޗެކްކޮށްލިތަން އޭނަ ދުށްޓެވެ. ދެން އެހެން ދިމާއަކަށް ވެސް ބަލައިލުމެއްނެތި އެ ހިފައިގެން މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ.
ރައިނާގެ ހިތް އިތުރަށް އަވަސްވި އެވެ. ހަމްރާއު ކޮޓަރިއަށް ވަދެ ދޮރު ލައްޕައިފި އެވެ.
އިތުރަށް ހޭދަވި ކޮންމެ މިނިޓެއް ރައިނާއަށް ވަކިވަކިން ގުނަން އެނގުނެވެ. ހަމްރާއު ކޮޓަރިން ނިކުތީ ބަރާބަރު ފަނަރަ މިނިޓް ކޮށްފަ އެވެ. އޭނައަށް ފުރަތަމަ ވެސް ބަލައިލެވުނީ އެ މޫނުގެ ކުލަވަރަށެވެ. ހަމްރާއު އައީ އެ ވަގުތު ވެސް ފޯނަށް ބަލަމުންނެވެ. އެހެންވެ މާބޮޑަކަށް ޔަގީންކުރާކަށް ނޭނގުނެވެ.
ހަމްރާއު އެ ހުރީ އުފާވެފައި ހެއްޔެވެ؟ ނޫނީ ކަންބޮޑުވެފައި ހެއްޔެވެ؟ ހެނދުނު ހޫރައިން ކުރި މެސެޖެއް އެހާ ލަހުން އޭނައަށް ފެނުމުން ހިތްހަމަނުޖެހިފައި ހެއްޔެވެ؟ ރައިނާގެ ހިތަށް އަރަމުންދިޔަ އެވެ.
"ކޮންތާކަށް ތިދަނީ؟ ބޭރަށްތަ؟" ހަމްރާއު އައިސް އަރާ ހަމަވުމާއެކު ރައިނާއަށް އަހައިލެވިއްޖެ އެވެ.
ހަމްރާއު އިސްއުފުލައިލި އެވެ.
"އާނ. ކުޑަކަމެއް ޖެހިގެން ނިކުމެލަން މިދަނީ،" ހަމްރާއު ދިނީ ކުރު ޖަވާބެކެވެ.
"ބައްޕާ ޗޮކްލެޓެއް ގެންނާތި އަންނަމުން،" ރަނާ ކުރަން ހުރި މަސައްކަތް މެދުކަނޑާލައިފައި ހަމްރާއު ފަސްދިން ފަހުން އެދިމާއަށް އެނބުރިފައި ގޮވާލި އެވެ.
ހަމްރާއު އެއްވެސް ދެކޮޅުހެދުމެއްނެތި އާއެނކޭ ބުނެ އެއްބަސްވި ގޮތުން ވެސް އެ ސިކުނޑީގައި އެވަގުތު އެނބުރެމުންދިޔައީ ކޮންމެވެސް އެހެން ކަމެއްކަން ރައިނާއަށް އެނގުނެވެ.
ހަމްރާއު ނިކުމެގެން ދިޔަ ފަހުން ރައިނާއަށް އެ ދުވަހު ހަމަޖެހުމެއް ނުލިބެ އެވެ. ހަނދާން ނެތިފައި ވެސް އަނެއްކާ ހަނދާންވެ އެވެ. ހަމްރާއު ގެއަށް އަންނައިރެއް ބަލަންވެގެން ގުޅަން ބޭނުންވި އެވެ. އެކަމަކު ހިތްވަރެއް ނުލިބުނެވެ. ޖެހިލުންވަނީ އެވެ. ކީއްވެކަމެއް ނޭނގެ އެވެ. ފާޑުފާޑު ނުބައި ވަސްވާސްތައް ހިތަށް ވަންނަނީ އެވެ.
ބޮލުގައި ރިއްސާތީ ކުޑަކޮށް ނިދާލެވޭތޯ އުޅެ އެކަމެއް ވެސް ކާމިޔާބެއް ނުވި އެވެ. ރައިނާގެ ދުވަސްވީ އެކުވެރިއެއްގެ ފޯނު އައީ އޭނަ އެ ނުތަނަވަސްކަމުގައި އުޅެނިކޮށެވެ.
އެކުވެރި ދެމަފިރިންނަށް އެ ރޭގެ ކެއުމަށް އޭނަ ދައުވަތުދިނީ ހަމްރާއުގެ އިހްސާސްތައް ހުންނަ ގޮތް އިމްތިހާނުކޮށްލަންވެގެންނެވެ. ޒުހުރާގެ ފިރިމީހާ ޔާސިރުއަކީ އެއް ދުވަސްވަރެއްގައި ރައިނާގެ ފަހަތުން މޮޔަވެގެން އުޅުނު ޒުވާނެކެވެ. އަދި އެއީ ހަމްރާއުއަށް ވެސް ސިއްރުވެފައިވާ ކަމެއް ނޫނެވެ. ޔާސިރުއާ ދުވަހަކުވެސް ވާހަކަނުދައްކަން ހަމްރާއު ވައުދުކުރުވި ދުވަސް އެއީ މާޒީ އެވެ. އެކަމަކު ޔާސިރުގެ އާއިލާ މިހާރު މެލޭޝިޔާގައި ދިރިއުޅޭތާ ވެސް ދިހަވަރަކަށް އަހަރުވަނީ އެވެ. ރައިނާ އާއި ޒުހުރާ އެންމެފަހުން ބައްދަލުވީ ފިހާރައަކުންނެވެ. އެއްބަނޑު ކުއްޖެއްގެ ކައިވެންޏަށް އައިސް އުޅެނިކޮށެވެ. ފަހުން ބައްދަލުވާން ރާވާފައި އެ ގަޑީގައި ދެ މީހުން ވެސް ވަކިވީ އެހާ އެކަށޭނަ ވަގުތަކަށް ނުވާތީ އެވެ.
"އާދެވެންޏާ އެހާ ލަސްނުކޮށް މިރޭ ގެއަށް އަންނާތި. އަހަރެންގެ މެހުމާނުން އަންނާނެ ރޭގަނޑުގެ ކެއުމަށް،" ރައިނާ މެސެޖެއް ލިޔެފައި ހަމްރާއުއަށް ފޮނުވި އެވެ.
މަންމަ ލައްވާ ދެތިން ވައްތަރެއް ހަދާފައި ގިނަ އެއްޗެހި ރައިނާ ގެނައީ ބޭރުން އޯޑަރުކޮށްގެންނެވެ. މެއިޑު ވެސް ކޮންމެވެސް ވަރަކަށް އެހީތެރިވެދިނެވެ.
ކެއްކުމުގައި މާބޮޑަށް ބައިވެރިނުވިއެއްކަމަކު ބަދިގޭގައި ގިނަ ވަގުތު އުޅުމުން ހެދުމުގައި ހުރީ ވަސްހިފާފަ އެވެ. ފެންވަރާލައިގެން ނިކުމެ އިޝާނަމާދު ކުރުމަށް ފަހު ރައިނާ ތައްޔާރުވީ އެކުވެރިންނާ ބައްދަލުކުރުމަށެވެ.
ރައިނާ ނިކުމެ ސޯފާގައި އިންދާ ހަމްރާއު ގެއަށް ވަނެވެ. ރައިނާ ފެނިގެން އައިސް ކައިރިވެފައި ނިކަން ޝައުގުވެރިކަމާއެކު ބަލައިލި އެވެ.
"ގެސްޓުން އައީތަ؟" ހަމްރާއު ދަތްދޮޅި ކަހާލަމުން ދެފަރާތް ހޯދައިލި އެވެ.
"އުނހު. އަދި ނާދޭ. ހަމްރާއު ދޭ ފްރެޝްވެލައިގެން ނިކުންނަން،" ރައިނާ ޖަވާބުދީފައި އެތާ އޮތް މެގަޒިންއެއް ނަގައިގެން ގަނޑުއުކަން ފެށި އެވެ.
އޭނަ ހުއްޓައިލީ ހަމްރާއު ބޯޖަހާލައިފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލީމަ އެވެ. ރައިނާ މެގަޒިން ކުރިން އޮތްތަނުގައި ބާއްވާފައި އެއްފަހަރު ދޮރާ ދިމާއަށް އަނެއްފަހަރު ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލައިލި އެވެ. މެއިޑު ބަދިގެއިން ނިކުތްތަން ފެނިގެން ރެޑީހޭ އަހާލައިފައި މޭޒުމަތީގެ ތަރުތީބު ފަހު ފަހަރަށް ބަލައިލަން އެދިމާއަށް ދިޔަ އެވެ.
"ހެއި،" ރައިނާ މޭޒު ކައިރީގައި ތަށިތަކުގެ ތަރުތީބު ބަދަލުކުރަން ހުއްޓާ ހަމްރާއު އައިސް ފަހަތުގައި ހުރެފައި ބުނެލި އެވެ.
ރައިނާ ދިޔައީ ސިއްސައިގެންނެވެ. ތެޅިގަނެވުމާއެކު ހަމްރާއުގެ މޫނަށް ބަލައިލެވުނެވެ. ހަމްރާއު އަވަހަށް އޭނަގެ ދެކޮނޑުގައި ހިފާލައިފައި ހަމަޖައްސާލަންވެގެން ފިރުމާލި އެވެ.
"ސޮރީ،" ހަމްރާއު ހިނިތުންވެލި އެވެ.
ރައިނާ ވަކި އެއްޗެއް ނުބުނެ މަސައްކަތަށް އެނބުރުނެވެ. ހަމްރާއު އަތް ތިރިކޮށްލާފައި ކުޑަކޮށް ފަހަތަށް ޖެހިލައި ރައިނާ އުޅޭ ގޮތަށް ބަލަން އިރުކޮޅަކު އެއްޗެއް ނުބުނެ ހުއްޓެވެ.
"ކޮން ބައެއްތަ އަންނަނީ؟ އަހަރެން ދަންނަ ބައެއްތަ؟" ހަމްރާއުގެ ސުވާލު އަ އެވެ.
ރައިނާގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެއްޖެ އެވެ. ހަމްރާއު މި އުޅެނީ ސުވާލު އުފެދިގެންތާއޭ ހިތަށްއެރި އެވެ. އޭނަ ބަލައިލަން ބޭނުންވަނީ ޔާސިރު ވަދެގެން އަންނައިރު ހަމްރާއުގެ މޫނުގެ ކުލަވަރެވެ. މާޒީ އެއީ މާޒީކަމުގައި ދެކިފައި އުފަލާއެކު އެ މީހުންނަށް މަރުހަބާ ކިޔައިފިއްޔާ އޭނަ ވެސް ހިތްހަމަޖެހޭނެ އެވެ. އެކަމަކު ހަމްރާއު ޅަކުއްޖެއްހެން ބޮޑާހާކައި ޔާސިރު އައިސްގެން މައްސަލަ ޖެއްސިއަސް މިއަދު ގައިމު ވެސް ކުރިއެއް ނުލިބޭނެ އެވެ.
"އެ އައީ ކަންނޭނގެ،" ބެލް ޖެހި އަޑަށް ރައިނާ އަވަހަށް ބަދިގެ ދޮރާ ދިމާއަށް އެނބުރުނެވެ.
"އަހަރެން އަންނާނަން،" ހަމްރާއު ރައިނާގެ މޫނަށް ބަލައިލާފައި އަމިއްލައަށް ހުށައެޅި އެވެ.
ރައިނާ ނޫނެކޭ ބުނަން އުޅެނިކޮށް މަންމަ ދޮރުމަތިން ހުރަސްކުރަމުން މި ދަނީ ދޮރުހުޅުވާށޭ ބުނި އަޑަށް ދެ މީހުން އެ ހިސާބުން ހުއްޓުނެވެ.
ރައިނާ ދެން އައިސް ހުއްޓުނީ ހަމްރާއު ކައިރިއަށެވެ. އޭނަ ހަމްރާއުގެ އަތުގައި ހިފާލައިފައި އެތަނުން ނިކުންނަން ދަމުން ސޮރީއޭ ބުނެލި އެވެ. ހަމަ ކުއްލިއަކަށް ކުށްވެރިކަން އިހްސާސްކުރެވިގެން ދުލުން ބޭރުވީ އެވެ.
ހަމްރާއު ކުޑަކޮށް ބުމަ ކައިރިކޮށްލަމުން ރައިނާގެ މޫނަށް ބަލައިލި އެވެ. ސުވާލު ކޮށްލަން އުޅެފައި އޭނައަށް ވެސް ބަލައިލެވުނީ ބަދިގެއިން ނިކުމެވުމާއެކު ސިޓިންރޫމަށް ވަދެގެން އެ އަންނަ މީހުންނަށެވެ. ވަގުތުން ހަމްރާއުއަށް ހުއްޓެވުނެވެ. އޭނައާއެކު ރައިނާއަށް ވެސް ހުއްޓެން މަޖުބޫރުވި އެވެ.
"ރައިނާ!" ސަކީނާގެ ފަހަތުން ނިކުތް ދެމަފިރިންގެ ތެރެއިން ޒުހުރާއަށް ރައިނާ ފެނުމުން ޅަ ދުވަސް ފަދައިން އެ ނަމުން ގޮވާލައިފައި ކައިރިއަށް އަންނަން ފެށި އެވެ.
"ޒުހާ،" ހަމްރާއުއާ ދުރަށް ޖެހިލާފައި ރައިނާ ވެސް ގޮސް ސިޓިންރޫމް މެދާ ހިސާބުން އެކުވެރިޔާއާ ބައްދަލުވެ ސަލާމަށް ދިއްކޮށްލެވިފައިވާ އެ އަތްތިލައިގައި ހިފާލި އެވެ.
ފަހަތުގައި ހުރި ޔާސިރުގެ ނަޒަރު ދެ އަންހެނުންނަށް ހުއްޓިފައި ދެން އަމާޒުވީ ހަމްރާއު އަށެވެ. އެއިރު ހަމްރާއު ވެސް ހުރީ ޔާސިރުއަށް ބަލާށެވެ.
"ކޮބާ ދަރިންކޮޅު؟ ނިދީތަ މިހާރު؟ ކިތައް ދަރިން ލިބިއްޖެ؟"
"ވެއްޖެ ކޮޓަރީގަ. މިހާރު ނިދާފާނެ. އެކަނި އޮވެގެން ވެސް ނިދާނެ. އަދި އެއް ކުއްޖަކު ހުރީ. ޒުހާގެ ބޭބީސްތައް ކޮބާ؟"
ފަހަތުގައި ތިބި ދެ މީހުންނަށް ބެލުމެއްނެތި ދެ އަންހެނުން ފޯރީގައި ވާހަކަދައްކަނީ އެވެ.
"އަހަރެންގެ ދެ ކުދިން މަންމަ ގޭގަ ބައިތިއްބާފަ މި އައީ. ޔާސިރު ގަބޫލެއް ވެސް ނުކުރި އަހަންނަށް ރައިނާ ފެނުނު ވާހަކަ ބުނީމަ. މި ގެއަށް އެ އައީ ވެސް އަދިވެސް ޝައްކެއްގެ މަތީ ހުރެ. ރައިނާ ނުދޭނެއޯ ދައުވަތެއް،" ޒުހުރާ ވާހަކަދައްކަ ދައްކާފައި ޔާސިރު މަތިން ހަނދާންވެގެން އެނބުރި ބަލާލި އެވެ.
"ޔާސިރު އަދިވެސް ހުރީތަ؟" ޒުހުރާ ޔާސިރުއަށް ކައިރިއަށް އައުމަށް އަތުން އިޝާރާތްކޮށްލި އެވެ.
"ހަމްރާއު،" އެވަގުތު ރައިނާ ޒުހުރާ އަތުން ދޫކޮށްލާފައި ގޮސް ހަމްރާއު ކައިރިއަށް ހުއްޓި އެ އަތުގައި ހިފާލައިފައި ކުރިއަށް ގެންދަންވެގެން ކުޑަކޮށް ދަމާލި އެވެ.
ހަމްރާއު ހިނގައިގެންފައި ގޮސް ޔާސިރު އާއި ޒުހުރާ ތިބި ހިސާބަށް ހުއްޓިފައި ފުރަތަމަ ހިނިތުންވެލީ ޒުހުރާ އަށެވެ. "ހާލު ރަނގަޅު ދޯ. ވަރަށް އުފާވެއްޖެ އެހާ ދުވަސް ފަހުން ބައްދަލުވީމަ.
ދެން ހަމްރާއު ބަލައިލީ ޔާސިރު އަށެވެ. "ޔާސިރު!"
"ހަމްރާއު،" ޔާސިރު ވެސް ހަމްރާއުގެ ނަން ކިޔާލައިފައި ކުރިއަށް އަދި އެއް ފިޔަވަޅު އަޅައިލި އެވެ.
ރައިނާއަށް އެ ދެ މީހުންގެ މޫނަށް ބަލަން ނުކެރިގެން ޒުހުރާގެ މޫނަށް ބަލާލައިފައި އެ އަތުގައި ހިފަމުން ހާސްކަން ފޮރުވައިލީ ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލާފަ އެވެ. ޒުހުރާ ވެސް ހާސްވިހެން އެ މޫނުން ހީވި އެވެ.
"ކޮޅަށް ނުތިބެ އެންމެން އިށީނދެބަލަ. ޒުހުރާ ބައްޕަ މިހާރު ހޮސްޕިޓަލުން ދޫކޮށްލައިފިތަ؟" މާހައުލުގެ ސީރިއަސްކަން ކެނޑުނީ ސަކީނާ ތަންކޮޅެއް ދުރުގައި ހުރެފައި ވާހަކަ ފެށުމުންނެވެ.
"އަވަހަށް އިށީނދޭ!" ހަމްރާއު ޔާސިރުއަށް ސޯފާ ދައްކާލައިފައި ޒުހުރާއަށް ވެސް އިޝާރާތްކުރި އެވެ.
ހަތަރު މީހުން ގޮސް އިށީންއިރު ޔާސިރު އިށީނދެލީ ވަކިން ހުރި ސޯފާއެއްގަ އެވެ. ޒުހުރާ އާއި ރައިނާ ދިގު ސޯފާގެ މެދަކާ ހަމައިގައި އިށީންއިރު ހަމްރާއު އިށީނދެލީ ރައިނާ އިން ފަރާތުގައި ރައިނާއާ ޖެހިގެންނެވެ.
(ނުނިމޭ)
ކޮމެންޓް (7)
ޕާސްޓް
ޓަސްމާ
މޭން
ހހހހ
ވަފ|ާ
ހހހހ
ސސސސސަމާ