ވާހަކަ: މިތުރާ މަގޭ

ވާހަކަ

ވާހަކަ: މިތުރާ މަގޭ - އަށާވީސްވަނަ ބައި

މިތުރާ މަގޭ

"ރައިނާ!" ހަމްރާއު ގޮވާލި ގޮތުން ރައިނާގެ ހިތް ތެޅިގަތެވެ. ބުނަން އެ އުޅެނީ އޭނަ އަހަން ބޭނުން ނުވާ ކަހަލަ ވާހަކައެއް ކަމުގައި ހިތަށް އަރައި މޭގަނޑު ފިނިވެގެން އަ އެވެ.

"އިޒް ޝީ ޕްރެގްނެންޓް؟" ރައިނާއަށް އަވަސް އަވަހަށް އަހައިލެވުނެވެ.

އެއީ އޭނަ ހިޔާލަށް ވެސް ގެންނަން ބޭނުންވާ ވާހަކައެއް ނޫނެވެ. އެކަމަކު ލިބުނު ކަންބޮޑުވުމުގައި އެ ސުވާލު ވެސް ކޮށްލެވިއްޖެ އެވެ. ހަމްރާއުއަށް އެވަގުތު އޭނައަށް ދެވޭނެ އެންމެ ހިތި ޚަބަރަކަށް ވާނީ އެ ޚަބަރެވެ.

"ޝީ ކުޑް ބީ،" ހަމްރާއު މަޑުޖެހިލާފައި ނިތްމަތި ކަހާލަމުން ބުނެލި އެވެ.

އޭނައަށް ވެސް އެކަމާ ވިސްނާލެވުނީ ރައިނާ އެ ސުވާލުކުރުމުންހެން ހީވި އެވެ.

ރައިނާއަށް އަނގަމަތީ އަތް އެޅުނެވެ. ވަގުތުން ފުރަގަސްދީފައި އޭނަ ގޮސް ކޮޓަރިއަށް ވަދެއްޖެ އެވެ. ހަމްރާއު ގޮވާލި އަޑު އިވުނު ނަމަވެސް އޭނަ އެ އަޑަކަށް އިޖާބައެއް ނުދެ އެވެ. ކޮޓަރިއަށް ވަދެފައި ފުރަތަމަ ދެ އަތުން ނިތްމަތީ ހިފާ ބާރުކޮށްލެވުނެވެ. އެ ދެ އަތް ތިރިކޮށްލާފައި ދެން ފެށީ ދެކޮޅަށް ހިނގާށެވެ. ވަށައިގެން އިރުއިރުކޮޅާ ނަޒަރު ހިންގާލަނީ އެއްޗެއް ގެއްލިގެން ހޯދާ މީހަކު ފަދައިންނެވެ. ޔަގީނުން ވެސް ގެއްލުނު ހަމަޖެހުން އަލުން ހޯދާނެ ގޮތެއް އޭނަގެ ވިސްނުމަކަށް ނަ އެވެ.

"ޔާ ރައްބު. މި އަޅާއަށް ކެއްތެރިކަން ދެއްވާނދޭ! ޔާ ރައްބު. މި އަޅާގެ މި ހިތުގެ ނުތަނަވަސްކަން ގެންދަވާނދޭ! ޔާ ރައްބު މި އަޅާ...ގެ ހިތް ފަސޭހަ ކުރައްވާނދޭ!" ރީތިވާ މޭޒުކައިރިއަށް ހުއްޓި އެއް އަތުން އެ މޭޒުގައި ހިފާލުމާއެކު ކަރުނަތައް އޮއްބާލަން މޫނު މައްޗަށް އުފުލާލައިގެން ހުރެ އޭނަ ދުއާކުރަން ފެށި އެވެ.

ދުލުން ބޭރުވި ކޮންމެ ޖުމްލައެއް ނިކުތީ މަޑު ތުރުތުރަކާއެކުގަ އެވެ. ކަރުތެރެ ހިކި އިތުރަށް ވާހަކަދައްކަން ދަތިވި އެވެ. ކަރުނަތައް އިތުރަށް ނުހިފެހެއްޓިގެން ކޯތާފަތްމައްޗަށް ފައިބައިގެންފި އެވެ.

ހަމްރާއު އެތެރެއަށް ވަން އަޑު އިވިގެން އެދިމާއަށް ބަލައިލާފައި އަވަހަށް ގޮސް ފާހާނާއަށް ވަދެ އެތެރެއިން ދޮރު ތަޅުލި އެވެ.

ހަމްރާއު ރައިނާ ވަން ދޮރާ ދިމާއަށް ބަލައިލާފައި ގޮސް އިށީނދެލީ އެނދުގަ އެވެ. ހިމޭނުން އިރުކޮޅަކު އިންތިޒާރުގައި އިނދެލާފައި ގޮސް ދޮރު ކައިރިއަށް ހުއްޓުނެވެ.

"ރައިނާ!" ހަމްރާއު ދޮރުފަތުގައި ޖަހާލައިފައި ގޮވާލި އެވެ.

ރައިނާގެ ޖަވާބަކަށް މަޑުކޮށްލާފައި އަނެއްކާވެސް ދޮރުގައި ޖަހައިލި އެވެ.

ރައިނާ އައިސް ދޮރު ހުޅުވީ ދެނެވެ. ހަމްރާއުގެ މޫނަށް ބަލައިވެސްނުލާ އޭނަ ގޮސް އެނދަށް އަރައި އިށީނދެ ބާލީސްތަކުގައި ލެނގިލާފައި ރަޖާ ގެނެސް މެއާ ހަމައިން އަޅައި ނިވާކޮށްލި އެވެ. ކައިރީގައި އޮތް ފޯނު ނަގައި އެއަށް ސަމާލުކަން ހުއްޓާލި ނަމަވެސް ހަމްރާއު އެދިމާއަށް އަންނަތަން ފެނުނެވެ.

ހަމްރާއު އަރައި އިށީނދެލީ ރައިނާގެ މަގަތުގަ އެވެ. ހަމްރާއު ބަލަހައްޓައިގެން އިންކަން އެނގެ އެވެ. އެކަމަކު ރައިނާ އަނގައަކުން ނުބުނެ އެވެ. އިސްއުފުލައި ބަލައިވެސްނުލި އެވެ.

"ކައިވެންޏަކީ ކުޅިވަރެއް ނޫން. އަހަންނަށް ހޫރައިން ދޫކޮށެއް ނުލެވޭނެ. އަހަރެން އޭނައާ އިނީ ރައިނާއަށް ކަމެއް ސާބިތުކޮށްދޭކަށް ނޫން،" ހަމްރާއު މަޑުމައިތިރި އަޑަކުން ވާހަކަދެއްކި އެވެ.

"ގްރޭޓް. ދެން އެހެންވިއްޔާ އަހަރެން ދޫކޮށްލަންވީނު،" ރައިނާ ފޯނުން ނަޒަރު ވަކިކޮށްލުމެއްނެތި އާދައިގެ ވާހަކައެއް ބުނެލާހެން ހިޔާލު ފައުޅުކުރި އެވެ.

ހަމްރާއު ވަގުތުން ހިމޭންވި އެވެ.

ރައިނާ އިސްއުފުލައިލީ ދެނެވެ.

"އައްދެ ކީއްވެ ތި ހިމޭންވީ؟ މާ އަވަހަށް ޖަވާބުދީފިއްޔާ ހަމްރާއު އަހަރެން ދޫކޮށްލަން ބޭނުންވެފަ ހުރިވަރު ފަޅާއަރާފާނެތީތަ؟ މިހާރު އަހަރެން ހަމްރާއުއަށް ތިބޭނުންވާ ޗޮއިސް މިދެނީ. ލީވް މީ އެން ލިވް ވިތު ހާ. އެންމެ ރަނގަޅެއްނު،" ރައިނާގެ ގާތަށް އައި ރުޅީގައި ޖޯޝާއެކު އެ ޖުމްލަތައް ބުނެލިއިރު ލޮލަށް ކަރުނަ ގިނަވި އެވެ.

އެކަމަކު އެއީ ހިތާމައިގެ ކަރުނައެއް ނޫނެވެ. ގަދަ ރުޅީގެ ސަބަބުން އެ ދެލޮލަށް ޖަމާވި ކަރުނަ އެވެ.

ހަމްރާއު ވެސް އިނީ ރުޅިއައިސްފަ އެވެ. އަނގައިން ނުބުނެ އިނީ އެހެންވެ އެވެ. އޭނަ ހިތްވަރުކޮށްލާފައި ތެދުވެގެން އެތަނުން ދުރަށް ދާން ހިނގައިގަތެވެ. ރައިނާއާ ޒުވާބު ކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. 

ރައިނާއަށް އިތުރަށް ވާހަކަދައްކަން ހިތްވަރު ލިބުނީ ހަމްރާއު އެގޮތަށް ދާތަން ފެނުނީމަ އެވެ.

"ތީ ވެސް ފިރިހެނެއް. އިނދެގެން ދަރިން ލިބި އަނބިމީހާ ތަންކޮޅެއް ދުވަސްވީމަ ފިރިހެނުންނަށް ހަގީގީ ލޯބި ފެންނާނީ ޅަ އަންހެންކުއްޖެއްގެ ސިފައިގައި. ދޫކޮށްލަން ނުކެރިގެން ދެއަތްނބަށް އިންނަނީ ދޮށީ އަނބިމީހާ ކޮންމެވެސް ދުވަހަކުން ދޫކޮށްފަ ދޭތޯ. އަހަރެން ހިނގައިދާނަން ދަރިން ގޮވައިގެން އަހަރެންގެ ރަށަށް. ހަމްރާއު ހުރޭ ދަރިއަކާ އެއްވަރުގެ ޅަ އަނބިމީހާ ކައިރީގަ،" ހަމްރާއު ދޮރު ލައްޕާލުމުގެ ކުރިން ރައިނާގެ ފަހު ޖުމްލައަކަށް އިވުނީ އެ ޖުމްލަ އެވެ.

***

"ކޮބާ މިރޭ ހަމްރާއު؟" ރައިނާ އެރޭ ކާން ނިކުމެ އިންދާ މަންމަ އަހައިލި އެވެ.

ރައިނާގެ ޖަވާބަކަށް ވީ ނޭނގެއޭ ބުނުމުގެ ގޮތުން ކޮނޑު އަރުވައިލުމެވެ. ރަނާ ވެސް ދެ ފަހަރެއްގެ މަތިން ބައްޕަ ކޮބައިތޯ އެހި އަޑު އޭނައަށް އިވުނެވެ.

"ދެ މީހުން ޒުވާބުކުރީތަ؟ މެންދުރު ނިކުމެގެން ދިޔަ ފަހުން ގެއަކަށް ނާދޭ ދޯ؟" ސަކީނާ މޭޒު ކައިރިއަށް ހުއްޓި ހުރެފައި އިތުރަށް އެހި އެވެ.

ރައިނާ އެއްވެސް އެއްޗެއް ނުބުނެ ކެއުން ކުރިއަށް ގެންދިޔަ އެވެ. ސަކީނާ އެންމެފަހުން ފުން ނޭވައެއް ދޫކޮށްލައިފައި އެތަނުން ނިކުމެއްޖެ އެވެ.

އެރޭ ރައިނާ ނިދަން އޮށޯވެ އެތައް އިރެއް ވީއިރު ވެސް ހަމްރާއު ގެއަކަށް ނާދެ އެވެ.  ހީވާ ގޮތުން ހޫރައިންއާ ދެ މީހުން ދިރިއުޅުނު ތަނުގައި ނިދީ އެވެ. ރައިނާގެ ހިތަށް އުނދަގޫވި ނަމަވެސް ކެތްކުރި އެވެ. ފުރޮޅި ފުރޮޅިފައި ނުނިދިގެން ފޯނުން ގުރުއާން ޖެހިއެވެ. ހިތަށް ކިރިޔާ ވެސް ތަސައްލީއެއް ލިބުނީ އެ ހިސާބުންނެވެ.

ދަންވަރު ހޭލެވުނީ ބަނޑުހައިވެގެންނެވެ. އެނބުރުނުއިރު ހަމްރާއު އެނދުގެ އަނެއް ފަޅީގައި ނިދާފައި އޮތެވެ. ރައިނާއަށް ގަޑި ބަލައިލެވުނެވެ. ގަޑިން ތިނެއް ޖަހަން ދަނީ އެވެ. ހަމްރާއު ގެއަށް އައީ ކޮންއިރަކު ބާވައޭ ހިތަށްއެރި އެވެ. އެހާ ރުޅިއައިސްގެން ނިކުމެގެން ދިޔަ މީހަކު އެރޭ ދެން އަލުން ގެއަށް އަތުވެދާނެ ކަމަކަށް އޭނަ ހިއެއްނުކުރެ އެވެ.

ތެދުވެ އެ މޫނަށް ބަލަން އިނދެލާފައި އޭނަ ފުރަތަމަ ގޮސް ވަނީ ފާހާނާ އަށެވެ. ދެން ނިކުމެގެން ގޮސް ބަދިގެއަށް ވަދެ ކާހިތްވާ ޒާތުގެ އެއްޗެއް ހޯދަން ފްރިޖް ހުޅުވައިލި އެވެ. ފްރިޖުގައި ހުރީ ބޮޑަށް ފޮނި ކާއެޗިއްސެވެ. އެ ގަޑީގައި ކާހިތްވީ ލޮނު އެއްޗެކެވެ. ފަހަރަކު ކަބަޑެއް ހުޅުވަން ހުއްޓާ ހަމްރާއު އޭނަ ހޯދަމުން އައިސް އެތެރެއަށް ވަނެވެ.

"ކޯއްޗެއް ތި ހޯދަނީ؟" ހަމްރާއުގެ އަޑު ހުރީ ނިދީގެ ސަބަބުން ބަރުވެފަ އެވެ.

ރައިނާ އެނބުރި ބަލައިލި އެވެ. ހަމްރާއު އާފުރުމުން ކަނާއަތުން އަނގަ ފޮރުވާލާފައި ތިރިކޮށްލި އެވެ. އޭނަ ހުރީ ނިދަން ލީ ސޯޓާއެކު ހުސްގަޔާ އެވެ. އިސްތަށިގަނޑު ހޭވިފަ އެވެ.

"ބަނޑުހައިވެގެން. އެކަމަކު ނެތް ކާ ކަހަލަ އެއްޗެއް،" ރައިނާ އައިސް މޭޒު ދޮށުގައި ގޮނޑިއެއް ދަމާލައިގެން އިށީނެވެ.

"ކޮބާ ކާ ކަހަލަ އެއްޗަކީ؟" ހަމްރާއު އައިސް މޭޒުގެ އަނެއް ފަރާތުގައި ހުއްޓުނެވެ.

ރައިނާ ދަތް އަޅައިލީ ތިރީ ތުންފަތުގަ އެވެ. ކާން ބޭނުންވާ ވަކި އެއްޗެއްގެ ނަން ބުނާކަށް އޭނައަކަށް އެ ވަގުތު ނޭނގުނެވެ. "ކޮންމެވެސް ލޮނު، ކުޅި އެއްޗެއް."

"ބޭރުން އެއްޗެއް ގެންނަންތަ؟" ހަމްރާއު ހިޔާލު ހުށައެޅި އެވެ.

"މި ގަޑީގަ؟ ހަމްރާއު ހިނގައިދާނަންތަ؟" ރައިނާއަށް ލޯ ބޮޑުކޮށްލެވުނެވެ.

"ހުޅުވާފަ ހުންނަ ތަންތަން ހުރޭނު. އެބަ އަންނަން،" ހަމްރާއު ތެދުވެގެން ނިކުންނަން ދިޔައިރު އަދިވެސް އެއް ފަހަރު އާފުރުނުތަން ފެނުނެވެ. އިރުކޮޅަކުން ޓީޝާޓަކާއި ހަރުވާޅެއް ލައިގެން އެތަން ހުރަސްކޮށް މައި ދޮރާ ދިމާއަށް ދާތީ ފެނުނެވެ.

ރައިނާ އެތާ އިނދެލާފައި ނިކުމެ ޖައްސާލީ ބޭރުގައި ޓީވީ ބަލާށެވެ. ގިނަ އިރެއްނުވެ ހަމްރާއު ކޮތަޅެއް ހިފައިގެން އައިސް އެތެރެއަށް ވަދެއްޖެ އެވެ. އުފަލުން ރައިނާގެ ލޮލުގެ ވިދުވަރު ގަދަވި އެވެ. ކައިރީ ހުރި މޭޒުމަތީ ކޮތަޅު ބަހައްޓާފައި ހަމްރާއު އިށީނދެލީ ސޯފާގެ އަނެއް ކޮޅުގަ އެވެ.

"ހަމްރާއު ނުކާނަންތަ؟" ރައިނާ ބާގާއެއް ނަގައި ކާން ތައްޔާރުވެފައި އަދި ފްރެންޗް ފްރައިސްކޮޅެއް ނަގައި ކާލަމުން ހަމްރާއު ކުރެން އެހި އެވެ.

ހަށަން ބަނދެލައިގެން އެ އިން ގޮތަށް އިނދެފައި ހަމްރާއު ބޯޖަހައިލި އެވެ.

އެތިކޮޅެއް ކާލިތަނާ ކުޅިވެގެން ރައިނާ ކޮށްޓަން ފެށި އެވެ.

"އެބަ އަންނަން ފެން ހިފައިގެން،" ހަމްރާއު ވަގުތުން ތެދުވެގެން ގޮސް ބަދިގެއަށް ވަނެވެ. އެނބުރި އައީ ފެން ފުޅިއަކާއި ބިއްލޫރި ތަށްޓެއް ހިފައިގެންނެވެ. ފުޅި މޭޒުމަތީ ބެހެއްޓީ ވެސް ތަށްޓަށް ފެން އަޅާފަ އެވެ. އެ ތަށި ދެން ދިއްކޮށްލީ ރައިނާ އަށެވެ.

"ތޭންކްސް،" ރައިނާ އަވަހަށް ތަށީގައި ހިފާފައި ފެން ބޯން ފެށި އެވެ.

ހަމްރާއު އަނެއްކާވެސް ހިމޭނުން އިށީނދެ އިނީ ރައިނާއަށް ބަލާށެވެ. ކަމުން ރައިނާ ބަލަމުން ދިޔައީ ޓީވީ އެވެ. ޖަހާފައި ހުރި ހުޅި ދޫވެގެން މޫނު ވަށައިގެން ކުރު އިސްތަށިތައް ފައިބާފައި އޮތެވެ. ލައިގެން އިނީ ސެޓިން ފޮތީގެ ފިޔާތޮށި ކުލައިގެ ހަރުވާޅަކާއި ގަމީސްމަތިކޮޅެކެވެ.

"ނިދަންޏާ ދޭ އެތެރެއަށް. އަހަރެން ކައިގެން ހިނގައިދާނަން،" ރައިނާ އިރުކޮޅަކުން ހަމްރާއުއަށް ނަޒަރެއް ދީފައި ބުނެލި އެވެ.

ހަމްރާއުގެ ޖަވާބެއް ނާދެ އެވެ. އަދި ރައިނާ ނިމުނީމަ ނޫނީ އެތަނުން ނުވެސް ތެދުވި އެވެ. އަލުން ކޮޓަރިއަށް ވަނީ ދެ މީހުން އެކީގަ އެވެ.

ރަނގަޅު މޫޑެއްގައި ތިބުމުން އެނދުގައި އޮށޯވެލީ އެކަކު އަނެކަކުގެ މަގަތުގަ އެވެ.

"މިއަދު ދެއްކި ކަހަލަ ވާހަކައެއް ދެން ދުވަހަކުވެސް ނުބުނާތި. އަހަރެން ރައިނާ ދޫކޮށްލާކަށް ގަސްތެއްނުކުރަން ދުވަހަކުވެސް." ނިދެމުން ދަނިކޮށް ހަމްރާއު ހަގީގަތުގައި ވެސް ބުނި އެއްޗެއް ކަމެއް ނޫނީ އެއީ ހުވަފެނެއް ކަމެއް ވަކި ކުރާކަށް ރައިނާއަކަށް ނޭނގުނެވެ. އެކަމަކު ފަތިހު ހޭލުމާއެކު ފުރަތަމަ ވެސް އޭނަ އެޖުމްލަ މަތިން ހަނދާންވި އެވެ.

ހަމްރާއު އެނދުގައި ނެތުމުން މިސްކިތަށް ދިޔައީކަން އެނގުނެވެ. ރައިނާ ވެސް އަވަސްވެގަތީ އިރު ނާރަނީސް ތެދުވެ ނަމާދުކޮށްލުމަށެވެ.

ސިޓިންރޫމަށް ނިކުތްއިރު ނޭފަތުގައި ކޮފީގެ ވަސް ޖެހުނެވެ. މަންމަ ބަދިގޭގައި، މޭޒުދޮށުގައި އިނީ ކޮފީ ގިރައިގެންނެވެ. ހޮޅިބުރި ދިއްލާފައި ހުރިއިރު މަންމަގެ އުނގުމަތީގައި ހުޅުވާފައި އޮތް ހަތިމެއް އޮތެވެ.

ހަމްރާއު އައީ ދެމައިން އެތާ ތިއްބަ އެވެ. ހަމްރާއު ހަމަ ފެނުނުހާއިރުން މަންމަ ކޮފީ ހަދައިދޭން ހުށައަޅައިފި އެވެ.

"މަންމަ ކިޔަވާލާ! އަހަރެން ހަމްރާއުއަށް ކޮފީ ދޭނަން،" ރައިނާ މަންމަގެ މޫނަށް ބަލާލައިފައި ބުނެލި އެވެ.

ސަކީނާ ބޯޖަހާލައިފައި ކިޔަވަން ފެށި އެވެ. ހަމްރާއު ހިނިތުންވެލާފައި އެތަނުން ނިކުތެވެ.

ރައިނާ ކޮފީ ގިރައިގެން ދެ ޖޯޑު ތަބަކަކަށް ލައިގެން ހަމްރާއު ހޯދަން ނިކުތްއިރު އެހާ އަވަހަށް ހަމްރާއު އޮތީ ސޯފާގައި ދިގަށް އޮށޯވެލައިގެން ނިދާފަ އެވެ. ރައިނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. އޭނަ ތަބައް މޭޒުމަތީ ބަހައްޓާފައި ހަމްރާއުގެ މަގަތުގައި އިށީނެވެ. ސޯފާއިން ބޭރަށް އެލިފައި އޮތް ހަމްރާއުގެ އަތް ރީތިކޮށް މޭމައްޗަށް އަރުވާލައިފައި ސޯފާ އާއި ހަމްރާއުގެ އަރިކަށްޓާ ދެމެދަށްވާހެން ފިތިފައި އޮތް ފޯނު ނަގައި ބާއްވަން އުޅެނިކޮށް މެސެޖެއް އައިސްގެން ދިއްލުނެވެ.

ހޫރައިންގެ ނަން އޮތުމުން މެސެޖުން ފެންނަން އިން ތަންކޮޅު ކިޔާލެވުނީ އިހުތިޔާރަކާ ނުލަ އެވެ.

"އައި ހޭވް ނިއުސް ފޯ ޔޫ..." ރައިނާގެ މެއަށް ފިނިގަނޑު ވަނެވެ.

(ނުނިމޭ)

ކޮމެންޓް (11)

ވަނީފު

8 ޖުލައި 2025
އޯމައިގޯޑް. މިތާ ޒުވާބު ނުކޮށް ކޮންމެ މީހަކުވެސް އަމިއްލަ ލައިފާގެން އުޅެބަލަ. މަވެސް މަގޭ ލައިފާގެން މި އުޅެނީ. ލޮލް
2 0

ގުރާފެހި

8 ޖުލައި 2025
@ވަނީފު ކިހާ މަޖާ…ކިޔުންތެރިން މިހެން ސަކަރާތް ޖެހީމަ ޔަސްވެސް ވާހަކަ ލިޔާ ހިތްވާނީ…
1 0

ޓީމް ހޫރް

3 ޖުލައި 2025
ތިއެންމެން ހަނޑަދާން ނެތުނަސް މަށެއް ނުނެތޭ ހަނދާނެއް. ތި ހަމްދަރުދީވާ ރައިނާ ފިރިއެއްގެ ޒިންމާއިން ބަރީއަވެގެން މިނިވަނެއްހެން އުޅުނު ހަނދާން. އޭނަހެ ނުރުހުމުގަ ނީންނާކަށްނު އެދެމީހުން ވަކިވީ؟ އަނެއް މީހާގެ އަބުރު ކަތިލާ ވެއްޔަށް ހެދީމައެއްނު އިންނަންޖެހުނީ. ހުވާ މިބުނީ. ދެއަތްބަށް ނުން ތިން އަނބިންވެސް ހަލާލު ފިރިހެނުންނަށް. އޭނާގެ ވެރި ރައްބު ދެއްވި ބާރެއް އެއީ. މުޖުތަމަޢުގެ އަންހެނުންގެ ބަންދުވެފައިވާ ވިސްނުން ކޮމެންޓުތަކުން ފެނޭ. މިމުޖުތަމަޢުގައި ހަމްރާއު ކަހަލަ ފިރިން ތިބިނަމަ އިންނަންވީ ހަމަ. އޭނަވާ އެބަ ހަމަހަމަ ކުރޭނު.
13 5

ސަކީނާ

5 ޖުލައި 2025
@ޓީމް ހޫރް އަބުރުގެއްލުނީ މީހެއްގެ ފިރިއަކާ ހިތާވެގެން އުޅެވުނު ގޮތުންދޯ. މިހާރު އިނދެގެން އެއުޅެނީ ރައިނާގެ ރުހުމުގަތަ؟ ހަމްރާއު ރައިނާ ޕެމްޕާ ކޮށްކޮށް ހުރިހާ ކަމަކަށް ޑިޕެންޑު ވާންޖެހޭ ވަރު ކޮއްފަ ރައިނާ ގެ ފޯލްޓް ދައްކާކަށް ނުޖެހޭ.
6 2

ކައި

5 ޖުލައި 2025
@ޓީމް ހޫރް ވަރަށް ރަނގަޅު ވާހަކައެއް
4 4

ނޮޓް ޓީމް ހޫރައިން

5 ޖުލައި 2025
@ޓީމް ހޫރް ފިރިހެނަކަށް ހަތަރު އަނބިން ހުއްދަކުރައްވާފައި ވަނީ ވަކި ސަބަބު ތަކަށް ޓަކައި. އެ ޒަމާނުގައި ހަނގުރާމައިގައި ޝަހީދުވެފައިވާ ފިރިހެނުން ގިނަކަމާއެކު އެ މީހުންގެ ހުވަފަތް އަނބިންނާއި ޔަތީމު ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން 4 އަނބިން ހުއްދަ ކުރެއްވީ. މިއީ އެއް ސަބަބު. ހަމްރާއު ހެން ހިތާވެގެން ފިސިކަލް އެޓްރެކްޝަން އާއި ހެދީ މޮޔަވެގެން ދެއަންބަށް އިންނާކަށް ނުޖެހޭ...
7 4

ރައިނާ

7 ޖުލައި 2025
@ޓީމް ހޫރް ތިހެން ކިޔާނީ. އަމިއްލަ ފިރިމީހާ ދެއަތްންބަށް މީހަކާ އިންނަން އުޅެންފެށީމަ އިނގޭނީ ތިހުރިވަރެއް
7 1

ސަކީ

2 ޖުލައި 2025
ކަންތަކާ ޖެހުނީ. ރައިނާ އަށް އެހާލު ޖައްސާފަ ހޫރައިން އަށް ނިދޭކަން. ގިލްޓީ ވާންވެސް ނޭގޭހާ އަމިއްލަ އެދުން ބޮޑު ހޫރައިން އާ ހަމްރާއު. މާބަނޑު އަންހެނަކަށް އެހާލު ޖައްސަން ކެރޭނީ ވަރަށް ދަށުދަރަޖައިގެ މީހަކަށް. ވާހަކައެއްގެ މެއިން ކެރެކްޓާ ދެކެ އަދި މިހާ ފޫއްސެއް ނުވޭ. އައި ޖަސްޓް ކާންޓް ޓޮލަރޭޓް ހޫރައިން. ފޫހި ގަނޑެއް
5 7

ނޫބު

8 ޖުލައި 2025
@ސަކީ އަހަރުމެން ދިވެހިންގެ ވަރަށް ބޮޑު އާދައެއް އަމިއްލަ ދަރި ދޮންފުތުކުރުން ދުވަހަކުވެސް ފިރިމީހާ ގޯހެއް ނުވާނެ އޭނަ ދެވަނަޔައް އިންނަމީހާ ނުވަތަ ހިތާވާމީހާ ގޯސްވާނީ ހީވަނީއެއީ ނުވިސްނޭ ކުޑަކުއްޖެއްހެން. އަންހެނުންގެ ކަންތައް ކުރާމީހަކު އެކަކު ނުވިއްޔާ އަނެކަކުވެސް ހޯދާނެ ބައެއް އަންހެނުންނަށް ނޭގިވެސް ވާހަކަދެއްކޭ ލޯބިވާފިރިން އެއަންހެނުން ކައިރީ ބައެއްފަހަރު ބުނޭވަރިކޮއްފައޭވެސް.އަހަރެންގެ ފިރިމީހާ އަންހެނެކާ ވާހަކަ ދައްކަންޔާ އެއީ އޭނަގެ ކުއް އަދި މަކަރުވެރިކަން
4 0

ހަޔާ

2 ޖުލައި 2025
ހޫރައިންވެސް ވެއްޖެވިއްޔަ މީހެއްގެ ފިރިއަކާ އިންނަން. ފިރިހެނުން ހުސްވެގެން...
5 4

ޖޯޖް

2 ޖުލައި 2025
އަނެއްކާ ހޫރައިން މާލެ އަންނަނީ ތަ؟ މި ޖެހުނީ ކަންތަކާ. މަ މިހާރު ޓީމް ރައިނާ. ހޫރައިން ދެކެ ފޫހި ވެެއްޖެ. ހަމްރާއު ވެސް ދެން މާ ރަނގަޅު ވާން ވެގެން ފަތިހު ބާރގާ ގެނެސްދޭނެ ކަމެއް ނެތް. ތިހާ ލޯބި ވާނަމަ ކީއްކުރަން ހޫރައިންއާއި އިންނަން ވީ؟
8 6

އިތުރު އާޓިކަލް

އިތުރު އާޓިކަލް