ވާހަކަ: މިތުރާ މަގޭ

ވާހަކަ

ވާހަކަ: މިތުރާ މަގޭ - ހަތާވީސްވަނަ ބައި

މިތުރާ މަގޭ

"އަވަހަށް ޓިކެޓް ނަގާ،" ހަމްރާއުގެ ބަހެއް ނައުމުން ހޫރައިން ކުޑަކޮށް ހީލާފައި އަނެއްކާވެސް ބުނެލި އެވެ.

"އަހަންނާ ދުރުގަ އުޅެވޭނެތަ؟" ހަމްރާއު އޭނަގެ އަތުގައި ހިފާލި އެވެ.

"ހޫމް..." ހޫރައިންގެ ޖަވާބު އަ އެވެ.

***

ވިއްސާރަ ދުވަހެކެވެ. އިރު އެރީއްސުރެ ވާރޭ ވެހެނީ އެވެ. ސުކޫލުން އައި ގޮތަށް ރަނާ އެދެން ފެށީ ގަސް އިންދުމަށެވެ. ވާރެއާ ތެމިގެން މަޖާނަގައި ސަކަރާތް ޖެހުމަށެވެ. އެކަމަކު ރައިނާ ބޭނުންވެފައި ހުރީ މީރު އެއްޗެއް ކައްކައިގެން ރަޖާލައިގެން ތިބެ ފިލްމެއް ބަލާށެވެ. ވާރޭ ވެހެންޏާ އޭނަ ކުޑައިރު ވެސް ކުދިން އެއްކޮށްގެން ކޮޓަރިއަށް ވަދެ އަބަދު ކުޅޭ ވާހަކަ މަންމަ ކިޔާނެ އެވެ.

ރަނާ ބޮޑާހާކައިލި އިރަށް ހަމްރާއު ޓީޝާޓު ބާލައިގެން ގަސް އިންދަން ނިކުމެއްޖެ އެވެ. ރަނާ ފޮނިވެގެން ފުމެމުން އަ އެވެ. ދެބަފައިން ނިކުތީ ބެލްކަންޏަށެވެ. ރައިނާ ގޮސް ދޮރު ކައިރީ ބަލަން ހުއްޓާ މެއިޑު، ކާމޭޒު ދޮށުން ގޮނޑިއެއް ނަގައިގެން ގެނެސް އެތާ ބަހައްޓާފައި ރައިނާ އިށީންނަން ބުނެލި އެވެ.

"ސޯ ސްވީޓް. ތޭންކްސް،" ރައިނާ މެއިޑުގެ ކޮނޑުގައި އަތް ޖައްސާލައިފައި އުފަލާއެކު ޝުކުރު އަދާކުރި އެވެ.

ހަމްރާއު ކަކޫ ނިވާވާ ސޯޓާއެކު ވެސް ހުސްގަޔާ ހުއްޓާ ފެނުމުން މެއިޑު އަނގަމަތީ އަތް އަޅައިގެން ރަކި ގޮތަކަށް ހީގެންފައި އަވަހަށް އެތަނުން ނައްޓާލި އެވެ. ރައިނާއަށް މެއިޑު އުޅުނު ގޮތުން ހެވުނެވެ. ހަމައެއާއެކު ހަމްރާއުގެ ހަށިގަނޑަށް ރީތިކޮށް ބަލާލެވުނެވެ. ތިރީގައި އޮތް ގޯނިގަނޑެއްގައި ފަހާއި ކާނާ އެއްކޮށްފައި ހުރި ތަނުން ނަގައި ޕޮޓްތަކަށް އަޅައި އުފުލައި އުޅުނުއިރު ކޮންމެ ހަރަކާތަކުން އެ ހަށިގަނޑުން ފެންނަ ބަދަލުތައް ވެސް އޭނައަށް ރީތިވި އެވެ.

ހަމްރާއުއަށް ބަލާލެވުނު ވަގުތު ރައިނާ ބަލަން އިން ގޮތުން ސުވާލު އުފައްދަންވެގެން ބުމަ އަރުވާލި އެވެ. ރައިނާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

މަސައްކަތް ނިންމާފައި ރަނާ ހިތް ފުރެންދެން ވާރެއާ ތެމުމަށް ފަހު ފެންވަރައިގެން ނިކުންނަންވާއިރަށް ރައިނާ އާއި މެއިޑު ގޮސް ޕޮޕްކޯން ހެދި އެވެ. ދެން ހުރީ ޗިޕްސްއާ އެކު ދެތިން ވައްތަރެއްގެ މޭވާ ކޮށާފަ އެވެ. ސަކީނާ ވެސް އެ މީހުންނަށް އެހީވާން އުޅުނެވެ. ހުރިހާ ތަށިތައް ގެނެސް ސޯފާ ކުރިމަތީ ހުރި މޭޒުމަތީ އަތުރާފައި ރައިނާ ދިޔައީ ރަނާ ކޮބައިތޯ ބަލާށެވެ. މަންމަ އުޅެނީ ރަނާ އެތަނުން ނުނިކުމެގެންނެވެ. ރައިނާއަށް މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. ނަސީބަކުން ޕޮޕްކޯން ހެދި ވާހަކަ ބުނެގެން ނިކުންނަ ހިޔާލު ކުރި އެވެ.

"މަންމަ ދޭ. އަހަރެން މީނަ ރީތިކުރާނަން،" ރައިނާ މަންމަ ދިއުމުގެ ހުއްދަ ދިނެވެ.

ރަނާ ލިބުނު ފަހަރާ ހިލާފަށް މިފަހަރު ރައިނާގެ ތަބީއަތު ފެންނަނީ ކުރިއަށްވުރެ ރަނގަޅަށެވެ. ފުރަތަމަކޮޅު މާބޮޑަށް ހާލު ދެރަވެ ދިމާވި ކަންކަމުން އުނދަގޫތައް ދިމާވި އެވެ. އެކަމަކު ތިން މަހަށް އެޅުނު ފަހުން ވަރަށް ބޮޑުތަން ރަނގަޅުވެއްޖެ އެވެ.

ރަނާ ފެންވަރުވާ ރީތިކޮށްގެން ފުނާ އަޅައިދޭން ހުއްޓާ ދޮރު ހުޅުވާލައިފައި ހަމްރާއު ބޯ ދިއްކޮށްލި އެވެ.

"އަދިވެސް ނުނިމޭތަ؟ ހާދަ ލަސްވީ؟" ހަމްރާއު އެހި އެވެ.

"ރަނާ ފެނާ ކުޅެ ނިމިގެންނު ނިކުމެވޭނީ،" ރައިނާގެ ޖަވާބު އަ އެވެ.

ރަނާ އެ އަޑަކަށް ސަމާލުކަމެއް ނުދެ އެވެ. އަތުގައި އޮތް ބުދެއްގެ އިސްތަށިގަނޑުގައި ފުނާ އަޅަނީ އެވެ.

ކުޑައިރުކޮޅެއް ފަހުން ސޯފާގައި ރަޖާ ލައިގެން ރައިނާ އާއި ހަމްރާއު ތިއްބެވެ. ރަނާ ދިޔައީ ތިރީ ބައިގައި ދިރިއުޅޭ އަވަށްޓެރި ކުއްޖަކު ކުޅެލަން ދާން ހޯދަން އައިސްގެން އެ ގެއަށެވެ. ސަކީނާގެ ކަމަކަށް އޮންނާނީ ކިރިޔާ ވެސް ހުސް ވަގުތެއް ލިބޭއިރަށް ބަދިގެއަށް ވަދެ ކޮންމެވެސް ކާއެއްޗެހިތަކެއް ތައްޔާރުކުރުމެވެ. ބަންދުކޮށްގެން ގިނަ ދުވަހު ބަހައްޓައިގެން ކެވޭ ޒާތުގެ ތަފާތު އެއްޗެހި ހަދާފައި ހުރެ އެވެ. މާމަ އައި ފަހުން ރަނާއަށް އަނގަ ފޫހިވެގެން އުޅޭކަށް ނުޖެހެ އެވެ. ކުޅެކުޅެފައި އިރުއިރުކޮޅާ އައިސް މާމަ ތައްޔާރުކޮށްފައި ހުންނަ ކޮންމެވެސް އެއްޗެއް ކާނެ އެވެ. އަދި ރައިނާ ވެސް އަބަދު ކާހިތްވެފައި ހުންނާތީ މަންމަ ތައްޔާރުކޮށްފައި ހުންނަ އެއްޗެހި ނިކަން ކަމުދެ އެވެ.

"ހަމްރާއު!" ހަމްރާއުގެ ކޮނޑުގައި ބޯ އަޅައިގެން އޮވެފައި ރައިނާ މަޑުމަޑުން ގޮވާލި އެވެ.

ހަމްރާއު އިނީ ޓީވީގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެންނެވެ. އަނގައިގައި އޮތް ޕޮޕްކޯންކޮޅު ހަފަމުން "ހޫމް" އަޅުވާލައިފައި ރައިނާގެ މޫނަށް ބަލައިލި އެވެ. ރައިނާ އޮތީ ބަލަހައްޓައިގެންނެވެ.

"ކިހިނެއްވީ؟" ރައިނާ ކުރިއަށް ނުގެންދިއުމުން ހަމްރާއުއަށް ސުވާލުކޮށްލެވުނެވެ.

ރައިނާ ތުންފަތުގައި ދަތް އަޅައިލި އެވެ. ބުނަން އޮތް ވާހަކަ ބޮޑުކަމުން ބުނާނެ ގޮތެއް ނޭނގިގެން އުޅޭކަހަލަ އެވެ.

"ބުނެބަލަ ތި ބުނަން އުޅޭ އެއްޗެއް،" ހަމްރާއު ޓީވީ އަޑު މަޑުކޮށްލާފައި ރައިނާއަށް ސަމާލުކަން ހުސްކޮށްލީ އެދިމާއަށް ހަށިގަނޑު ވެސް ބޮޑަށް އަނބުރާލައިފަ އެވެ.

"ރުޅިއަތުވެދާނެތީ،" ރައިނާ ސަބަބު ބުނެދިނެވެ.

"އުނހު. ނާންނާނެ،" ހަމްރާއު ޔަގީންކަން ދިނެވެ.

ރައިނާގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅެއް އެއްފަރާތްކޮށްދީފައި ކޯތާފަތުގައި ކުޑަކޮށް ހިފައިލުމަށް ފަހު އަތް ތިރިކޮށްލި ގޮތަށް ދެން ފިރުމައިލީ ރައިނާގެ ބަނޑުގަ އެވެ. ރައިނާއަށް ވެސް އެ އަތަށް ބަލައިލެވުނެވެ. ހަމްރާއުގެ އެ ބީހުމުން އޭނަ ބޭނުންވި ހިތްވަރު ލިބުނެވެ.

"އަހަރުމެންނަށް އަލުން އަނބުރާ ކުރީގެ ދުވަސްތަކަކަށް ނުދެވޭނެތަ؟ އަހަންނާއި ހަމްރާއުއާ ރަނާ އެކަނި ފެމެލީއެއްގެ ގޮތުގައި އުޅުނު ދުވަސްތައް؟ ހަމްރާއުގެ އަތްނބެއްގެ ގޮތުގައި ހަމައެކަނި އަހަރެން ވީ ދުވަސްތައް..." ރައިނާ ހަމްރާއު ބަލާލި ވަގުތު ކަންބޮޑުވެގެން ހުއްޓައިލި އެވެ.

ލޮލަށް ޖަމާވި ކަރުނަތަކާ އެކު އޭނައަށް އިސްޖަހައިލެވުނެވެ. މި ދެއްކެނީ ވަރަށް ވެސް އަމިއްލަ އެދުން ބޮޑު ވާހަކައެއްކަން އޭނައަށް އެނގެ އެވެ. އެކަމަކު އެ އަގުހުރި ދުވަސްތަކުގެ ތަޖުރިބާގެ ފޮނިމީރުކަން ވެސް ދެކެފައި ހުރި މީހަކަށްވެ ހުރެ އެ ވާހަކަ ދުލާ ހަމައަށް ގެންނަން މަޖުބޫރުވީ އެވެ.

"އޭނަގެ ނެތެއްނު ކިޑެއް ވެސް. ކިޑެއް ނެތީސް ވަކިވެވޭނީ،" ހަމްރާއުގެ ޖަވާބެއް ނުލިބުމުން ރައިނާ އިތުރަށް ބުނެލި އެވެ.

ހަމްރާއު ދުރުވެލަން އުޅުމުން އޭނަ ހަމްރާއުގެ އަތުގައި ހިފާ ކުރިއަށްވުރެ ކައިރިވެ އެ މޭގެ ތެރޭގައި ބޮނޑިވެލި އެވެ.

"ޕްލީޒް ހަމްރާއު އަހަންނަށްޓަކައި. އަހަރެމެންގެ މި ދެ ކުދިންނަށްޓަކައި އޭނަ ދޫކޮށްލާ. އައި ޕްރޮމިސް އަހަރެން ހަމްރާއުގެ ހިތުން އޭނަގެ ހަނދާންތައް ފިލާ ވަރަށް ލޯބި ދޭނަން. ދެން ދުވަހަކުވެސް ހަމްރާއު ޝަކުވާކުރާނެ ފުރުސަތެއް ނުދޭނަން. އަހަންނަށް މިހާރު އިހްސާސްކުރެވިއްޖެ އަހަރެންނަށް ހެދުނީ ކިހާ ބޮޑު ގޯހެއްކަން،" ރައިނާއަށް ރޮވެން ފެށުމުން ހަމްރާއު އޭނަ ވަށާލައި ބުރަކަށީގައި ތަކުރާރުކޮށް ފިރުމައިދިނެވެ.

ފޯނެއް އައުމުން ހަމްރާއު ދުރަށް ޖެހިލާފައި ސައިޑު ޓޭބަލްމަތީ އޮތް ފޯނަށް ބަލައިލި ވަގުތު ރައިނާ ވެސް ހަމްރާއުގެ މޫނަށް ބަލައިލި އެވެ. އެ މޫނުން ފެނުނު ކުލައިން ގުޅަނީ ކާކުކަމެއް ލަފާކޮށްލާކަށް ނޭނގުނެވެ.

ހަމްރާއު އަތުގެ އިޝާރާތުން މަޑުކޮށްލާށޭ ބުނެފައި ފޯނު ހިފައިގެން ގޮސް ބެލްކަންޏަށް ނިކުތެވެ.

ރައިނާއަށް ދެ އަތުން މޫނު ފޮރުވާލެވުނެވެ. ފޯނަށް އެ ގުޅީ ހޫރައިން ނޫންކަމެއް ވެސް ނޭނގެ އެވެ.

ހަމްރާއު ފުރަތަމަ ހޫރައިން ފުރި ވާހަކައެއް ނުބުނެ އެވެ. އެކަމަކު އުޅެން ފެށީ ހުރިހާ ވަގުތެއް އެ ގޭގަ އެވެ. ނިދަނީ ވެސް ކަނީ ވެސް އެ ގެއިންނެވެ. ނަމާދަށާއި މަސައްކަތަށް ނޫނީ ބޭރަށް ދާ ތަނެއް ނުފެނެ އެވެ. މަސައްކަތުގެ ގޮތުން ގިނަ ފަހަރު ގޭގައި ހުރެގެން ވެސް ކުރާތީ ބޭރަށް ދާނީ ވަރަށް މަދުންނެވެ. ރައިނާއަށް ސުވާލު އުފެދުނެވެ. އޭގެ ޖަވާބު ލިބުނީ ރައްޓެއްސެއްގެ ފުށުންނެވެ. އެ ވާހަކަ އެހުމުން ހަމްރާއު ޔަގީންކޮށްދިނެވެ. ހޫރައިން ކިޔަވަން ފުރުވާލިކަން ހާމަކުރި އެވެ.

އެ ދުވަހަށް ފަހު ރައިނާއަށް ފެނުނީ އޭނަ އެންމެ ބޭނުންވި ހަމްރާއު އެވެ. ހީވީ ކައިވެނީގެ ކުރީގެ ދުވަސްތަކަށް އަލުން ދެވުނު ހެންނެވެ. ހަމްރާއު ހުންނަނީ އަބަދު އޭނާގެ ހިދުމަތުގަ އެވެ. ހޫރައިންއަށް ގުޅާ ހާލު ބަލާ ބާވައޭ ވެސް ބައެއް ފަހަރު ހިތަށް އަރަ އެވެ. އެކަމަކު ކިތަންމެ އޮޅުންފިލުވަން ބޭނުންވިއަސް އޭނައަކީ ހޫރައިންގެ ނަން ދުލާ ހަމައަށް ގެންނާނެ މީހެއް ނޫނެވެ. އެ ފުރުސަތަކީ އޭނައަށް އަލުން ހަމްރާއުގެ މުޅި ހިތް އެކީ ހާސިލްކުރަން ލިބުނު ފުރުސަތެކެވެ. ވީއިރު އެ ވިޔާނުދާ އަންހެނާގެ ވާހަކަ ދައްކައިގެން ހަމްރާއުއަށް ހަނދާންކޮށްދިނުމުގެ ބޭނުމެއް ނެތެވެ. ރައިނާއަށް މިހާރު ބައެއް ފަހަރު ހީވެ އެވެ. ހަމްރާއުއަށް ވެސް އަމިއްލަ ކުށް އިހްސާސްވެއްޖެ އެވެ. ހަމްރާއުގެ ލޯތްބަކީ އޭނާކަމާއި ހޫރައިންއަކީ ހަމައެކަނި ވަގުތީގޮތުން ގަޔާވެވުނު ކުއްޖެއްކަން ގަބޫލުކުރެވިއްޖެ އެވެ. އެހެން ނޫން ނަމަ އެހާ ލޯބިން އަބަދު އޭނައާ ދޭތެރޭ ކަންތައް ކުރާނެ ހެއްޔެވެ؟

ހަމްރާއު ފޯނު ނިންމާލާފައި އައިސް ކުރިން އިން ތަނުގައި އިށީނދެލި އެވެ.

ރައިނާއަށް އިތުރަށް ވާހަކަދައްކާނެ ފުރުސަތު ލިބުނެވެ. އަދި އެއީ އަލުން ފަށައިގެން ދައްކަން ފަސޭހަ ވާހަކައަކަށް ނުވާތީ އޭނަ ގަސްތުކުރީ އެ ވާހަކަ ދެއްކުނު ދުވަހު ކުރިއަށް ގެންދާށެވެ.

"ޔޫ ނޯ ހަމްރާއު. އަހަންނަށް ހީވަނީ ހަމްރާއުއަށް އޭނައާ މެރީކުރެވުނީމަ ދޫކޮށްލަން ނުކެރިފަހެން. އޭނައާ އިނީ ވެސް އަހަރެން ދެކެ ރުޅިއައިސްގެން ގަދަކޮށްލާށެއްނު. އެކަމަކު ރިގްރެޓްކުރާ ކަމަކަށް އެއްބަސްވުމަކީ މީހާ ދަށްވުމެއް ނޫން. ކިޑެއް ލިބިއްޖެއްޔާ ދެން ދޫކޮށްލުމުގެ ފުރުސަތެއް ވެސް ނޯންނާނެ،" ރައިނާ ހަމްރާއުއަށް ވިސްނައިދޭންވެގެން ވާހަކަދެއްކި އެވެ.

"ހޫރައިންގެ މަގާމުގަ ރައިނާގެ އަންހެންކޮއްކޮ ހުރި ނަމަވެސް ތިހެންތަ ބުނާނީ؟ ދޫކޮށްލާށޭތަ؟ އޭރުން ދެން އޭނައަށް ވެދާނެ ގޮތަކާ މެދު ނުވިސްނަންތަ؟" ހަމްރާއު ހިމޭނުން އިނދެފައި ސުވާލުކޮށްލި އެވެ.

ރައިނާ ބަލާލުމުން އެ މޫނަށް ނުވެސް ބަލާ ހަމްރާއު އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. ރައިނާގެ މެއަށް ފިނިވެލި އެވެ. ހަމްރާއު އެ އިނީ ހިތްހަމަނުޖެހިފަ އެވެ.

"ކަމްއޯން ހަމްރާއު. ޝީޒް ޔަންގް. ހަމްރާއު ދޫކޮށްލިއަސް އޭނައަށް މީހުން ވާނެ. ބައެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެ ހުރުމަށްވުރެ އެކަނި ހުރުން ވެސް ރަނގަޅު ދޯ؟" ރައިނާ ގާތަށް ރުޅި އަ އެވެ.

އޭނަ ކުއްލިއަކަށް ރަޖާ އެއްފަރާތްކޮށްލާފައި އެނދުން ފައިބައިގެން ގޮސް ބެލްކަންޏަށް ނިކުތެވެ. ވާރޭ ހުއްޓާލައިފައި އޮތަސް ފަޒާ ފިނިކޮށް އޮތުމުން ޖެހިލި ވައިރޯޅިއާ އެކު ހީކަރުވައިގަތެވެ. ދެއަތް ހުރަސްކޮށްލާފައި މުލައްދަނޑީގައި ފިރުމަން ފެށުނެވެ. ހަމްރާއު ފަހަތުން އަންނަ އަޑު އިވުމުން ބަލައިލަން އުޅެފައި ވެސް ހިޔާލު ބަދަލުވި އެވެ.

ހަމްރާއު އައިސް ހުއްޓިފައި ދިއްކޮށްލީ ރައިނާ ބޯން ގެންގުޅޭ ފެން ފުޅި އެވެ. ރައިނާ ރުޅިއައިސްގެން ބަލާލައިފައި ނުހިފަން އުޅުމުން ދެވަނަ ފަހަރަށް ދިއްކޮށްލި އެވެ.

"މި ބުޔަސް އަހަރެން ރުޅިމަޑެއް ނުވާނެ،" ރައިނާ ފެން ފުޅި ޖަހައިގަންނަމުން ބުނެލި އެވެ.

ހަމްރާއު ބޯޖަހާލައިފައި ދުރު ބަލަން ފެށި ވަގުތު ރައިނާ ފެން ފޮދެއް ބޯލާފައި ފުޅި ތިރިކޮށްލި އެވެ.

"އެއްވެސް ކައިވެންޏެއް އަބަދު އެއްގޮތަކަށް ނޯންނާނެ. ލޯބި ވެސް އެފަދަ. އަހަރުމެންގެ ދިރިއުޅުމަށް ހޫރައިން ނައިކަމުގައިވިއަސް ފުރަތަމަ ބައްދަލުވެގެން ވީ ފަދަ ލޯތްބެއް ނޫން އަހަރުތަކެއް ފަހުން އަހަރުމެން މެދުގައި އޮންނާނީ. މީހުން އެކަކު އަނެކަކަށް ހޭނި އެކަކު އަނެކަކާ އެކު އުޅެން ދަސްވެ އަދި ގުރުބާނީތަކެއް ވެސް ދީގެން އެ އުޅޭ އުޅުމަށް މެރިޖް މި ކިޔަނީ. ކިހިނެއް އެނގޭނީ އަހަންނަށް ހޫރައިންއާ ދިމާނުވި ނަމަ ރައިނާއަށް އެހެން މީހަކު ފެނިގެން ނުދާނެ ނޫންކަމެއް ވެސް،" ހަމްރާއު މަޑުމަޑުން ފެށި ވާހަކަ ނިންމާލައިފައި ރައިނާގެ މޫނަށް ބަލައިލި އެވެ.

"ނުވާނެ ކަމެއް،" ރައިނާ ވަގުތުން ދެކޮޅުހެދި އެވެ.

"އެކަކަށް ވެސް ނޭނގޭނެ ކުރިއަށް ވާނެ ގޮތެއް. އަހަރުމެންގެ ލައިފްސްޓައިލް ވެސް ކިހާ ތަފާތުވެފަ ހުރީ ރަށުގަ އުޅުނުއިރު ވެސް. އަހަރުމެންނަކީ އެންމެ ފުރަތަމަ ލޯބިވެގެން މެރީކުރި ދެ މީހުންގެ ގޮތުގައެއް ނޫން ތިބީ ހޫރައިން ފުރަތަމަ އަހަރުމެން ގެއަށް ދިޔައިރު ވެސް،" ހަމްރާއު ރައްދުގައި ބުނެލި އެވެ.

"ވެއިޓް، ހަމްރާއުގެ ދެވަނަ ކައިވެނި ޖަސްޓިފައިކުރަން ވެގެންތަ މިހާރު ތި ހުރިހާ އެއްޗެއް ތި ކިޔަނީ؟ އަހަންނަށް އެނގޭ އަހަންނަށް ތަންކޮޅެއް ފްރީވެގެން އުޅެވުނުކަން. އެކަމަކު އެއީ އަހަރެން ހަމްރާއު ދެކެ ލޯބިނުވާތީއެއް ނޫން. އަހަންނަށް އަބަދުވެސް އެނގޭ އަހަރެން ކޮންމެ ތާކު އުޅެފަ އަޔަސް ގެއިން އަހަރެން އެންމެ ލޯބިވާ ފިރިމީހާއާ ބައްދަލުވާނެކަން. ޔޫ ވާ އެން ޔޫ އާ މައި ހޯމް ހަމްރާއު،" ރައިނާ ހަމްރާއުއާ ދިމާއަށް އެނބުރި ހުރެގެން ވާހަކަދެއްކި އެވެ.

ހަމްރާއު އަނެއްކާވެސް ދުރު ބަލާލި އެވެ.

"ރައިނާ!" ހަމްރާއު ގޮވާލި ގޮތުން ރައިނާގެ ހިތް ތެޅިގަތެވެ. ބުނަން އެ އުޅެނީ އޭނަ އަހަން ބޭނުން ނުވާ ކަހަލަ ވާހަކައެއް ކަމުގައި ހިތަށް އަރައި މޭގަނޑު ފިނިވެގެން އަ އެވެ.

(ނުނިމޭ)

ކޮމެންޓް (2)

ޖޯޖް

29 ޖޫން 2025
ކުދިންނޭ މި އޮތީ އަޕްވެފައި. ޝުކުރިއްޔާ ޔަސް، ނޫސް ކުދިން! ދެން އެބުނާހެން ހަމްރާއު ވީ ރީތިކޮށް ދެދަރިން ގޮވައިގެން ރައިނާއާއެކީ އުޅެން. މީނަ ދެ ތަށިން ކާންހަދައިގެން ގޮސް އެއްކޮޅުންވެސް ލައްވާނުލާނެ ކަންނޭގެ.
4 3

ާއިނާ

30 ޖޫން 2025
@ޖޯޖް ހަމްރާއު ރައިނާ ދޫކޮއްލިޔަސް ހޫރައިން ދުލެއްނުކުރާނެ. ހޫރައިން ހުރީ ރަނގަޅަށް ދެމަފިރިން ދޭތެރެއަށް ވަދެ ހަމްރާއު މަޅީގަ ޖައްސާފަ. ވަޓް އަ ޝޭމް ހޫރައިން. އަމިއްލަ އެދުމުން ފޯވެފަ.
3 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް