ވާހަކަ: މިތުރާ މަގޭ
(12 ޖޫންގެ ބަޔާ ގުޅޭ)
ހަމްރާއު އަދިވެސް އެއްޗެއް ނުބުނެ އަޑުއަހަން ހުރީ އެވެ. ހޫރައިން އިތުރު އެއްޗެއް ބުނޭތޯ ނޫނީ އަދިވެސް އޭނައަށް ބުނާނެ އެއްޗެއް ނޭނގިފައި ކަހަލަ އެވެ. ރަނާ ދުވެލާފައި އައިސް މަންމަ އެބަ ހޯދައޭ ބުނީ އެ ގަޑީގަ އެވެ. ހަމްރާއު ފަހުން ގުޅާނަމޭ ކިޔާފައި ފޯނު ބޭއްވީ އެކޮޅުން ހޫރައިން އާނއެކޭ ބުނީމަ އެވެ. ފޯނު މުށުތެރެއަށް ލައިގެން އޭނަ ރަނާ ފަހަތުން ކޮޓަރިއާ ދިމާއަށް ދިޔަ އެވެ.
***
ވަގުތެއް ހޯދާލައިގެން ހަމްރާއު ގެއަށް އައީ އިރުއޮއްސި ނަމާދުކުރަން މިސްކިތަށް ދާން ނިކުމެފައި އެނބުރި ގެއަށްދިޔަ މަގުމަތީގަ އެވެ. ހަވީރުގެ ވަގުތެއްގައި ރޭގަނޑު ނިދުމުގެ ކުރިން ޖައްސާލާނަމޭ ކިޔާފައި ހޫރައިންއަށް މެސެޖެއް ކުރި އެވެ. ހޫރައިން އެ މެސެޖު ވަރަށް ސީރިއަސްކޮށް ނެގިކަން އެނގުނެވެ. ހަމްރާއު ގެއަށް ވަންއިރު ދުވަނީ މީރު ކާއެއްޗެހި ތައްޔާރުކުރާ ވަހެވެ. އެކަމަކު އޭނަ ގޮސް ބަދިގެއަށް ބޯދިއްކޮށްލިއިރު އެތަން އަދި އޮތީ ހުހަށެވެ.
ކުޑަކޮށް ބުމަ ކައިރިކޮށްލައިގެން ހުރެ ދެކޮޅު ހޯދާލައިފައި ގޮސް ކޮޓަރި ދޮރު ހުޅުވާލި އެވެ.
ހޫރައިން އިނީ ނަމާދުކޮށް ނިމިގެން މުސައްލަމަތީ ތަސްބީހަ ކިޔާށެވެ. ހަމްރާއުގެ އަޑު އިވިގެން ބަލާލައިފައި ރީތި ހިނިތުންވުމެއް ވެރިކޮށްލި އެވެ. މަޑުކޮށްލާށޭ ބުނީ އަތުގެ އިޝާރާތުންނެވެ. ހަމްރާއު ބޯޖަހާލައިފައި ދޮރު ލައްޕާލުމަށް ފަހު ގޮސް ސިޓިންރޫމް ސޯފާގައި އިހަށް އިށީނދެލި އެވެ.
އިރުކޮޅަކުން ހޫރައިން ތެދުވެ މުސައްލަ އޮޅާލައިފައި ގެންގޮސް އަލަމާރިއަށް ލި އެވެ. ދެން ގޮސް ހުއްޓުނީ ލޯގަނޑު ކުރިމައްޗަށެވެ. އޭނަ ލައިގެން ހުރީ އެންމެ ރީތި އެއް ހެދުމެވެ. ނަމާދަށް ހުންނައިރު އަބަދުވެސް އެންމެ ރީތި ހެދުން ލުމަށް އޭނަ އިސްކަންދެ އެވެ. ގައިގައި އަތަރުލައި ހެއްދެވިފަރާތާ ބައްދަލުކުރަން ހިތާއި ނަފްސް ތައްޔާރުވެ އެވެ. ހަމްރާއުއާ ބައްދަލުވުމަށްޓަކައި އޭނަ ބުރުގާ ނަގައި އިސްތަށިގަނޑުގައި ފުނާ އަޅައި ފުރަގަށް ދޫކޮށްލި އެވެ. ލޮލުގައި އަނދުން އަޅައި ތުންފަތުގައި ވެސް ކުލަ ޖައްސައިލި އެވެ. ދެން އަވަހަށް ދުވެލާފައި ގޮސް ކޮޓަރި ދޮރު ހުޅުވާލައިފައި ނިކުމެއްޖެ އެވެ.
ސޯފާގައި ހަމްރާއު އިންދާ ގޮސް ފުރަގަހަށް ހުއްޓިފައި ހަމްރާއުގެ ދަތްދޮޅިއާ ހިސާބުން ދެކޯތާފަތުގައި ހިފާ އޭނައާ ކުރިމަތިވާނެހެން މައްޗަށް މޫނު އުފުލާލި އެވެ.
"ހައި،" ހޫރައިން ލޯބިވެތި އަޑަކުން ބުނެލި އެވެ.
"މައި ލަވް،" ހަމްރާއުގެ ޖަވާބު ވެސް އައީ ހަމަ އެހާ ލޯތްބާއެކުގަ އެވެ.
"މިކޮޅުން ކާން މަޑުކުރެވޭނެތަ؟ އައިމް މޭކިން ޑިނާ،" ހޫރައިން ހަމްރާއުގެ ނިތުގައި ތުންފަތް ޖައްސާލުމަށް ފަހު އެ މޫނުން ދޫކޮށްލާފައި ސޯފާ ވަށާލުމަށް ފަހު އައިސް ހަމްރާއު ކުރިމައްޗަށް ހުއްޓިފައި ވާހަކަދެއްކި އެވެ.
"މިހާރު ރެޑީވެފަތަ ހުރީ؟ ކޯއްޗެއް ތި ކައްކަނީ؟" ހަމްރާއު ތެދުވަމުން އެހި އެވެ.
"ގާތްގަނޑަކަށް ނިމިފަ. އެންމެފަހުގެ ކަންކަން ދެން ހުރީ. ކޯއްޗެއްކަން އެނގޭނީ ބަދިގެއަށް ވަނީމަ،" ހޫރައިން އަތުގެ އިޝާރާތުން ފަހަތުން ދާން އަންގާފައި ބަދިގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
އޭނަ ކުރީގައި ހުރެގެން ގޮސް ހަމްރާއުއާ އެކު ބަދިގެއަށް ވަދެފައި ފުރަތަމަ ގޮސް ހުއްޓުނީ އަވަން ކައިރިއަށެވެ. ހަމްރާއު މޭޒު ކައިރީ ހުރި ގޮނޑިއެއްގެ ލެނގޭބައިގައި އަތް އަޅުވާލައިގެން ހޫރައިންގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. ހޫރައިން ދެން އައިސް ހުޅުވާލީ އައިސްއަލަމާރި އެވެ. ކޮށާފައި ހުރި ތަރުކާރީ އަޅައި މަތި ޖަހާފައި ހުރި ދެ ތައްޓެއް ގެނެސް މޭޒުމަތީ ބަހައްޓާފައި ހުސް ބޯތަށްޓެއް ވެސް ގެނެސް ބެހެއްޓި އެވެ. ހޫރައިން ނުވެސް ބުނަނީސް ހަމްރާއުއަށް ދެން ކަންތައް ކުރަންވީ ގޮތް އެނގުނެވެ.
އޭނަ ޓީޝާޓުގެ ދެއަތުކުރި ކުޑަކޮށް މައްޗަށް ޖައްސާލައިފައި ގޮސް ފުރަތަމަ ސިންކު ކައިރިއަށް ހުއްޓި އަތް ދޮވެލި އެވެ. ހޫރައިން ގޮސް އިތުރު ތަށްޓަކަށް ކާއެއްޗެހި އަޅަން ހުރެފައި އެނބުރި ބަލާލިއިރު ހަމްރާއު ސެލެޑް ތައްޔާރުކުރަން ފެށި އެވެ. ހޫރައިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވުމާއެކު މަސައްކަތަށް އެނބުރުނެވެ. ފަރުދާގެ ފުރަގަހުގައި ހުރެ ހަމްރާއުއަށް ހިދުމަތްކޮށްދިން ދުވަސްތައް އެއީ އެހެން އިރެކެވެ. އެކަމަކު ހަމްރާއުގެ ދިރިއުޅުމަށް އައުމުން ހޫރައިންއަށް އެނގުނީ އެގޮތަށް ހަމްރާއު ބަހައްޓައިގެން ހިދުމަތްކުރުމަށްވުރެ ހަމްރާއުއަށް ކަމުދަނީ ދެ މީހުން އެއްބައިގައި ކަންކަން ކުރުން ކަމުގަ އެވެ.
"ރައިނާ އަބަދުވެސް ވަރަށް ފޫހިވާނެ ކައްކަން. އެކަމަކު އަހަރެން ގަޔާވާ ކަމެއް ވީމަ އަހަރެން އަބަދުވެސް އޭނައަށް ކައްކަދެނީ،" ހަމްރާއު މަސައްކަތުގެ ތެރެއިން ބުނެލި އެވެ.
"އެހެންތަ؟ އެކަމަކު އަހަރެން ހީކުރީ އަހަރެން ކައްކާފަ ކާން ދިނީމަ ކަމަށް ހަމްރާއުއަށް އަހަރެން ކަމުދިޔައީ،" ހޫރައިން އައިސް މޭޒުމަތީ ތަށި ބަހައްޓާފައި ހަމްރާއުގެ ފަހަތުގައި ހުއްޓި ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން ވާހަކަދެއްކި އެވެ.
ހަމްރާއު އެ ވަގުތު މޫނު އަނބުރާލައިފައި ބަލައިލި އެވެ.
"ވަޓް؟ އެހެނެއް ނޫންތަ ވީ؟" ހޫރައިން ސީރިއަސްވިކަމަށް ހެދުނެވެ.
ހަމްރާއު ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރުވާލައިފައި މަސައްކަތް ކުރިއަށް ގެންދިޔަ އެވެ.
"އެހެންވިއްޔާ ގޭގަ އުޅުނު މެއިޑު ދެކެ ވެސް އަހަރެން ލޯބިވާންވީނު. އޭނަ ވެސް އަހަރެންނަށް ކައްކާފަ ކާންދިން،" ހަމްރާއު ހިނިގަނޑެއް ޖަހައިލި އެވެ.
ހޫރައިން ގާތަށް ވެސް ހިނި އައުމާއެކު ހަމްރާއުގެ މުލައްދަނޑީގައި ވިކައިގަތެވެ.
މަސައްކަތް ނިންމާފައި ހަމްރާއު ހޫރައިންއާ ކުރިމަތިލީ ސަމުސަލަށް ނެގި ސެލެޑްކޮޅެއް ރަހަ ދައްކަން އަނގައާ ކައިރިކޮށްލަދެމުންނެވެ. ރަހަ ބަލާލައިފައި ހޫރައިން ބޯޖަހައިލީ ކަމުދިޔަކަން އެންގުމަށެވެ.
"ކޮންމެ މީހަކު އެ މީހެއްގެ މެޓީރިއަލިސްޓިކް ނީޑްތައް ފުރިހަމަކޮށްދޭ މީހާ ދެކެ ލޯބިވާންވެއްޖެއްޔާ ކޮބާ ސަލާމަތެއް. ލޯތްބަކީ ހިތާއި ރޫހާ ގުޅިފައި އޮންނަ ކަމެއްނު؟ އަމިއްލަ އިހުތިޔާރުގަ އޮންނަ ކަމެއް ނޫން މައި ލަވް،" ހޫރައިންގެ ދަތްދޮޅީގައި ހިފާލަމުން ހަމްރާއު ހާމަކުރި އެވެ.
ހޫރައިންގެ ދެތުންފަތް ފަރިވެގެން އައީ ހިނިތުންވުމަކުންނެވެ. ހަމްރާއު ކިތަންމެ ގިނައިން ދެއްކިއަސް އޭނަ އަހާ ފޫހިނުވާނެ ވާހަކައަކީ ހަމްރާއު އޭނަ ދެކެ ލޯބިވާ ވާހަކަ އެވެ.
"ލެޓްސް އީޓް!" ހަމްރާއު ކާއެއްޗެއްސަށް އިޝާރާތްކޮށްލާފައި ބުނެލި އެވެ.
އެއަށް ފަހު ދެ މީހުން ފެށީ ކެއުމަށް އިންސާފު ކުރުމަށެވެ.
***
"މާދަން އެއްކޮށް މިކޮޅުގަ މަޑުކުރާނީ. އައި ޕްރޮމިސް،" ނިކުންނަންވެގެން ދޮރު ކައިރީ ހުރެ ހޫރައިންގެ ކޯތާފަތުގައި ހިފާލައިފައި ހަމްރާއު އެހެން ބުނެލީ އެރޭގެ ބާކީބައި ހޫރައިންއަށް ހަމަޖެހިގެން ހޭދަކުރެވޭނެ ގޮތަށް ބުނި އެއްޗެއްގެ ގޮތުގައި ކަމަށްވެދާނެ އެވެ.
ހޫރައިންއަށް ގަބޫލުކުރެވުނީ އެގޮތަށެވެ. އަދި އެ ޖުމްލައަށް ދޭނެ ރައްދު ވެސް އޭނަގެ ހިތާ ހަމައަށް އައިސް ދުލަށް ނުގެނެވެނީސް އަވަހަށް ބޯޖަހާލައިފައި ދޮރު ލައްޕަން އަވަސްވެގަތެވެ.
ހަމްރާއު ނިކުތުމުން ދޮރު ތަޅުލާފައި އިރުކޮޅަކު ދޮރުފަތުގައި ލެނގިލައިގެން ހުއްޓެވެ. ހިތާ ދިމާއިން މޭގައި ފިރުމައިލީ މަސަލަސްކުރަން ބޭނުންވާ ޅަކުއްޖަކަށް ވެސް ތަސައްލީދޭން ފިރުމައިދޭފަދައިންނެވެ.
ހޫރައިން ހިނގައިގެންފައި ގޮސް ޓީވީ ނިއްވައިލި އެވެ. ބަދިގެ ސާފުކޮށްފައި ކުރިއްސުރެ ދެމީހުން ނިކުތީ ބޮކިތައް ނިވާފަ އެވެ. އެހެންވެ އޭނަ ދެން ގޮސް ވަނީ ކޮޓަރިއަށެވެ. އަރާމު ފުން ނިންޖަކަށް ގެނބިގެން ގޮސް ހުރިހާ ހިޔާލުތަކާ ދުރުވާން އެދެވުނުވަރުން ފެންވަރައިލި އެވެ.
އަލަމާރިތެރޭ ހުރި ސޫޓުކޭހުގައި ލޯ އަޅައިގަތީ ފެންވަރައިގެން ނިކުމެ އުޅުނުގަޑީގަ އެވެ. އެ ސޫޓުކޭސް ބަންދުކުރީ އެހެން މަގުސަދެއްގަ އެވެ. އެކަމަކު އެ ހުސްނުކޮށް އެ ހުރި ގޮތަށް ބަހައްޓާފައި އެ ހުރީ މިހާރު އަނެއްކާވެސް އިތުރު އެހެން މަގުސަދެއްގަ އެވެ.
ސެޓިން ފޮތީގެ މަޑުފިޔާތޮށި ނިދާ ހެދުމާއެކު އައިސް އެނދަށް އަރައި ރަޖާތެރޭ ހަމަޖެހިލަމުން ކަންފަތަށް ޖަހައިލި ހެޑްސެޓުން އިވެން ފެށީ މިހާރަކަށް އައިސް އެންމެ ގަޔާވެގެން އަޑު އެހޭ ސޫރަތެވެ. މަރްޔަމް ސޫރަތެވެ. ގާރީގެ ރީތި އަޑުން އެހާމެ ރީތި ރާގެއްގައި ކިޔަވަމުން ދިޔައިރު ހިތުގެ ހުރިހާ ނުތަނަވަސްކަމެއް ފިލައި އަޑުއަހަން އޮވެވުނެވެ. ހާއްސަކޮށް އެ ސޫރަތުގެ ފެށުމުގައިވާ ޒަކަރިއްޔާ عَلَيْهِ ٱلسَّلَامُގެ ވާހަކައަކީ ހޫރައިންގެ ހިތުގައި އެތަކެއް އިހްސާސްތަކެއް ހޭލައްވައިދިން ވާހަކައެކެވެ.
***
"ގުޑް މޯނިން،" ނިދިފައި އޮތް ހޫރައިންގެ ކޯތާފަތުގައި ފިރުމާލުމާއެކު ފިރިހެންވަންތަ އަޑަކުން ބުނެލި އެވެ.
ލޯ ހުޅުވާލިއިރު މަގަތުގައި އިނީ ހަމްރާއު އެވެ. ހޫރައިންއަށް ސިހިފައި ތެދުވެ އިށީނދެވުނެވެ. އަވަހަށް ގަޑިއާ ދިމާއަށް ނަޒަރު ގެންދެވުނީ އޭނައަށް އެތާ އޮވެވުނީ ކިހާ އިރެއް ވަންދެންކަމެއް ނޭނގިފަ އެވެ. ފަތިސް ނަމާދުކޮށްގެން އެނދުގައި ޖައްސައިލެވުނީ އިތުރަށް ނިދިއައިސްގެންނެވެ. ހަމްރާއު ކައިރީގައި ނެތުމުން ކޮފީ ބޯހިތް ވެސް ކެނޑުނީ އެވެ.
"އަދި ނުވޭ ދޯ ލަހެއް؟ އަހަރެން ހީކުރީ މެންދުރު ވެދާނެ ކަމަށް،" ހޫރައިން ރަޖާ އެއްފަރާތްކޮށްލާފައި ފައިބަން އުޅެނިކޮށް ހަމްރާއު އެ އިން ގޮތަށް އިނދެފައި އަތުގައި ހިފެހެއްޓި އެވެ.
"އަހަރެން ބުނީމެއްނު މިއަދު ފުލް ޑޭ ހޫރު ކައިރީގައޭ ހޭދަކުރާނީ؟ އެހެން ބުނެފަ މެންދުރުތަ އަންނާނެ ކަމަށް ހީކުރީ؟ މިހާރު އެހާ އިތުބާރެއް ވެސް ނެތީ؟" ހަމްރާއު ބޭނުންވީ ސަމާސާކޮށްލާށެވެ.
"އެހެނެއް ނޫން. އާންމުކޮށް ގޮވާނެ މީހަކު ނެތިއްޔާ ނުހޭލެވި އޮވެވިދާނެ ކިތަންމެ އިރަކު ވެސް،" ހޫރައިން ކުޑަކޮށް ހިނިތުންވެލާފައި ކިޔައިދިނެވެ.
ހަމްރާއު އަތުން ދޫކޮށްލުމުން ތެދުވެފައި އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލި އެވެ. ހަމްރާއު އުއްޑުން ވެއްޓިގަތީ އެނދަށެވެ. އޭނަ ބޯދަށަށް ދެއަތްތިލަ ލައްވާލައިގެން ހަމަޖެހިލި އެވެ. ހޫރައިން ގޮސް ވަނީ ފާހާނާ އަށެވެ.
"ހޫރައިން! ހޫރައިން!" ފާހާނާގައި އުޅެފައި ނިކުތްއިރު ހަމްރާއު ދެ ފަހަރަކު ތަންކޮޅެއް ބާރަށް ގޮވާލި އެވެ.
"ކީއްވެ އަދިވެސް ފޮށްޓަށް އެއްޗެހި އަޅާފަ މިހުރީ؟" ހަމްރާއު ސުވާލުކުރީ އަލަމާރި ހުޅުވައިގެން ހުރެ އެވެ.
ފާހާނާއިން ނިކުމެގެން އައި ހޫރައިންއަށް އެ ހިސާބުން ހުއްޓެވުނެވެ. ހަމްރާއު އެނބުރުނުއިރު ހޫރައިން ހުރީ މޫނު ފުހެން ތުވާލިކޮޅު ޖެއްސި ގޮތަށެވެ. އޭނަ އެ ތިރިކޮށްލާފައި އައިސް ގޮނޑިއެއްގެ މައްޗަށް އެއްލުމަށް ފަހު ރީތިވާ މޭޒު ކުރިމަތީ ހުއްޓުނުއިރު ހަމްރާއު އަލަމާރި ލައްޕާލައިފައި އެނބުރެނީ އެވެ.
"ފޮށި ރެޑީކޮށްފަ ތިހުރީ ފުރަން،" ހޫރައިން ލޯގަނޑުން އެ ސޫރައަށް ބަލަން ހުރެގެން ހާމަކުރި އެވެ.
ހަމްރާއު ބުމަ ކައިރިކޮށްލިތަން ހޫރައިންއަށް ފެނުނީ ލޯގަނޑުންނެވެ.
"ހޫރައިން ބުނީމެއްނު...." ހަމްރާއު ޖުމްލަ ފުރިހަމައެއް ނުކުރެ އެވެ.
"އަހަރެން އެކަނި ފުރަނީ،" ހޫރައިން އިތުރަށް ބުނެލި އެވެ.
އޭނަ އަނެއް ފަރާތަށް އެނބުރި ހަމްރާއުއާ ކުރިމަތިލި އެވެ.
އެ ވަގުތު ހަމްރާއު ވެސް އައިސް އޭނަ ކުރިމައްޗަށް ހުއްޓިއްޖެ އެވެ.
"ކުރިން އަހަންނަށް ނުވިސްނުނީމަ ދެކޮޅުހެދުނީ. އެކަމަކު މިހާރު އަހަރެން ކިޔަވަން ދާން މައިންޑު ސެޓުކޮށްފިން. އަހަރެން ބޭނުމެއް ނޫން އަހަންނާ ހެދި ހަމްރާއުގެ ފުށުން ރައިނާއަށް ނާއިންސާފުން އެއްވެސް ކަމެއް ވާކަށް. ހަމްރާއު ހުންނާނީ ރައިނާ ކައިރީ މިކޮޅުގަ. މީ އެންމެންނަށް ވެސް މި ވަގުތު އެންމެ ރަނގަޅު ނިންމުން،" ހޫރައިންގެ ވާހަކަ ނިންމައިލީ ހިނިތުންވުމަކާ އެކުގަ އެވެ. އެކަމަކު އެ ދެލޮލުގައި ކަރުނަ ވިދަން ފެށި އެވެ.
ހަމްރާއު އަނގައިން ވެސް ނުބުނެ ބަލަން ހުއްޓެވެ. އަނެއްކާވެސް ބަސް ހުސްވެފައި ހުރި މީހަކު ފަދައިންނެވެ.
"އަވަހަށް ޓިކެޓް ނަގާ،" ހަމްރާއުގެ ބަހެއް ނައުމުން ހޫރައިން ކުޑަކޮށް ހީލާފައި އަނެއްކާވެސް ބުނެލި އެވެ.
"އަހަންނާ ދުރުގަ އުޅެވޭނެތަ؟" ހަމްރާއު އޭނަގެ އަތުގައި ހިފާލި އެވެ.
"ހޫމް..." ހޫރައިންގެ ޖަވާބު އަ އެވެ.
(ނުނިމޭ)
ކޮމެންޓް (1)
އަލްޔާ