ދިވެހި ފިލްމު 'އަބަދަށް'ގެ މަންޒަރެއްގައި އަހްމަދު ޝާރިފް އާއި ވާޝިޔާ މުހައްމަދު (ފޮޓޯ/ނޫރުއެންމޫވީޒް)
"އަބަދަށް" ސަސްޕެންސުން ސަލާމަތެއް ނުވި: މީގެ 2 ވަނަ ބައި ކޮބާ؟
"ތި ފަށާބަލަ ދެން،" ފިލްމު ނުފަށައިގެން ކެތްމަދުވެފައި ހުރި މީހަކު އޮލިމްޕަސް ބޮޑު އިސްކިރީނުން ދައްކަމުންދިޔަ އިޝްތިހާރު ރޯލަށް ބަވައިގަތް އަޑު އިވުނެވެ. ކައިރީގައި ހުރި އެހެން މީހަކު ހުސްވެފައި ހުރި ޕޮޕްކޯން ބަކެޓެއް ތެރެއަށް އަތް ބާނައިގެން އިނދެ ހަމަ ހެސްކިޔާފައި ހާވަނީ އެވެ. ތަންކޮޅެއް ދުރުގައި ހުރި މީހަކު، އޭނާގެ ބޮލަށް ބަރުކޮށްގެން ހުރި ޝަކުވާތައް ދުލުން ބޭރުކޮށްލި އަޑު އިވުނެވެ. އޭނާ މޮޔަ ހީވެފައި ހުރީ ބާލީހާއި ގޮދަޑިއެއް ނުލައި އާދެވުނީތީ އެވެ.
އެއްޗެކޭ ހީނުކުރައްޗެވެ. ފިލްމު ފެށެންދެން ދިގު އިންތިޒާރެއް ކުރުމަށް ފަހު އަހަންނަށް ވެސް ބަލަން ޖެހުނީ އިޝްތިހާރެވެ. އެހެންވެ އަހަރެން ވެސް މި ފަށަނީ އިޝްތިހާރުގެ ވާހަކައިންނެވެ. މި އަގުވަޒަންކޮށްލީ ގަޑިއަށް އޮލިމްޕަހަށް ވަދެ، ގޮނޑީގައި ތިބެ ނިދިޖެހުނު މީހުންނާއި 'އަބަދަށް'ޓަކައި އިންތިޒާރުގެ ކަޅި އުކައި ދެ ކޮޅު ހޯދި މީހުންނެވެ. ފިލްމު ބަލަމުން ކާން ގަތް ސުނެކުތައް ކައި ހުސްކުރި މީހުންނާއި ސްޕޮންސަރުގެ ހެޔޮ އެދުމާ އެކު ހަދިޔާކުރި ސަންކުއިކު ޕަކެޓު ހުސްކުރި މީހުންނެވެ. އެކަމަކު މި ހިސާބުން އިޝްތިހާރު ރޯލު ހުސްކޮށްލާނަމެވެ. ފިލްމު ފެށުނީ އެވެ.
އޭޕްރީލް 28ގައި ޕްރިމިއާ ކުރިއިރު ވެސް 'އަބަދަށް' އޮތީ ސަސްޕެންސެއްގެ ތެރޭގަ އެވެ. ސަބަބަކީ މިއީ ހުސައިން ނޫރައްދީން ނާސިރު އާއި މޫމިން ފުއާދު ގުޅިގެން ގެނެސްދޭ ފިލްމަކަށް ވުމެވެ. މިއީ 'ލޫދިފާ' ނުކުތްތާ 14 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މި ދެ މީހުން އެކުގައި ކުރި ފުރަތަމަ މަސައްކަތެވެ.
'އަބަދަށް'ގެ ކެމެރާ ކުރިމަތިން:
-
ވާޝިޔާ މުހައްމަދު – ހައިފާ
-
އަހްމަދު ޝާރިފް – ލޫތު
-
ޔޫސުފް ޝަފީއު – އަމްރު
-
އިސްމާއިލް ރަޝީދު – ކާނަލް
-
ސޫޒަން އިބްރާހިމް ފުޅު – ފަރުޒާނާ
-
ފާތިމަތު ވިސާމާ (ވިކީ) – މަހާ
-
މުހައްމަދު ސާމީ - އަޔާން
-
ފާތުން - ނައިއްތަ
ކެމެރާގެ ފުރަގަހުން:
-
ލިޔެ، ޑައިރެކްޓުކުރީ – މޫމިން ފުއާދު
-
ޕްރޮޑިއުސަރު – ހުސައިން ނޫރައްދީން ނާސިރު (ނޫރު)
-
ޑައިރެކްޓާ އޮފް ފޮޓޯގްރަފީ – އިބްރާހިމް ވިސާން (ކަނޑި)
-
އެޑިޓުކުރީ – ޖަޒްލާން ހަމީދު (ޖޭޒް)
-
ވީއެފްއެކްސް އާއި ކަލަގްރޭޑިން – މުހައްމަދު ސާމީ
-
މިއުޒިކު – މުހައްމަދު އިކުރާމް
-
އެސްއެފްއެކްސް އާއި މޭކަޕް – އިބްރާހިމް ހަސަން (ކްރިސް)
-
ޕްރޮޑަކްޝަން ހައުސް - އޯކޭޒް
ފިލްމުގެ ފުރަތަމަ މަންޒަރުން ގެންގޮސްދެނީ ފަރުޒާނާ އާއި ހައިފާގެ ސާދާ ދިރިއުޅުމަށެވެ. ބައިތިއްބަނީ އެ ދެމައިން ދިރިއުޅޭ ކުޑަ ގޭގެ ބަދިގޭގަ އެވެ. ބަލި މަންމައަކަށް ކާންދީ، ގޭތެރޭގެ ކަންކަމުން އަވަދިވެގެން ހައިފާ ދަނީ އޮފީހަށެވެ. އަދި އޮފީހުގައި އޭނާއާ އެންމެ ގާތް އެކުވެރިޔާއާ އެކު ލަންޗަށެވެ. އެއީ އަޔާން އެވެ. ބެލުންތެރިން އޭނާއަށް ހަރުކޮށްލި ނަމުން ނަމަ 'ކަވާބު' އެވެ.
ހައިފާ އާއި އަޔާން ކާން ތިބި ސީނުން އެ ދެ މީހުން ގެއްލުވައިލަނީ ހީ ވެސް ނުކުރާ މީހެއްގެ ކެމިއޯއަކުންނެވެ. އެއީ ފާރުތަކާއި ސޯޝަލް މީޑިއާ ވޯލްތަކުގައި ތަތްކުރި ޕޯސްޓަރުތަކުން ވެސް ފެނުނު މޫނެއް ނޫނެވެ. ދޫކޮށްލި ޓްރެއިލާއަކުން ވެސް އޭނާއެއް ނުދައްކަ އެވެ. އެކަމަކު މޫމިން އެ މީހަކު އެ ސީންއަށް ފައްތާލި ގޮތާއި ހައިފާ އާއި އަޔާންގެ ޑައިލޮގްތަކުން ފިލްމު ބަލަން ތިބި އެންމެންގެ ހިނިގަނޑު ފަޅައިގެން ގޮސް ހީވީ ތަން ވައްޓާލަފާނެ ހެންނެވެ. ފިލްމު ޕްރިމިއާ ކުރުމުގެ ކުރިން ވެސް އެހާ ސިއްރުން، ފޮރުވައިގެން ގެންގުޅުނު މީހަކަށް ވާތީ އެ މީހެއްގެ ނަން އަހަރެން ބުނެފި ނަމަ ގޯސްވާނެ އެވެ.
ހައިފާގެ ދިރިއުޅުން އަބަދަށް ބަދަލުވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ އަމްރު އުދުހިލާފައި އައިސް އޭނާގެ ދިރިއުޅުމަށް، ސީދާ ގެއަށް ފުންމާލާ ހިސާބުންނެވެ. އަމްރު އައުމާ އެކު ފަރުޒާނާގެ ބަލި ބޮޑުވެ، އިތުރު މައްސަލަތަކެއް ދިމާވެ އެވެ. ފިލްމުގެ މައިގަނޑު ޕްލޮޓަށް ބެލުންތެރިން ގެންގޮސްދޭ މީހަކީ ހަގީގަތުގައި އަމްރުއޭ ބުނެވިދާނެ އެވެ.
ލޫތުއަކީ ހައިފާގެ އަވަށްޓެރިއެކެވެ. އަވަށުގެ ބޮޑު ގުންޑާ އެވެ. އަރައިނުގަންނަ ކުށެއް، ނުބޯ ޑުރަގެއް މި އުޑު ދަށުގައި ނޯވެ އެވެ. އެކަމަކު އޭނާގެ ހިތް އޮންނަނީ ހައިފާ އަށެވެ. އަދި އެކަން އެނގެނީ ވެސް އޭނާއަށް އެކަންޏެވެ. ދުޝްމަނުންނަށް އޭނާގެ ގޮށްމުށުން މަރުހަބާ ކިޔަސް، ހައިފާއާ ބައްދަލުކުރަނީ އޯގާތެރި ނަޒަރަކުންނެވެ. ހައިފާ އެންމެ ބޮޑަށް އެކަނިވެރިކަން އިހުސާސްކުރާ ވަގުތުކޮޅުގައި އެހީގެ އަތެއް ދިއްކޮށްލަނީ އެ ގުންޑާ އެވެ.
އެކްޓަރަކަށް ދޫކުރާ އެކްޓަރެއް ނެތް
ފިލްމުގެ އިންޓަވަލްގެ ކުރިން ދޮޅު ގަޑިއެއްހާއިރަށް 'އަބަދަށް'ގެ ދުނިޔޭގައި ބެލުންތެރިން ހިފަހައްޓާފައި ތިބީ މޫމިންގެ ސްކްރިޕްޓާއި ފިލްމުގެ ކާސްޓުންގެ އެކްޓިން މޮޅުވީމަ އެވެ. ޑައިލޮގުތައް ވެސް މޮޅުވެފައި ގިނަ މީހުންނަށް 'ރިލޭޓަބަލް' އެވެ. ޕްރިމިއާ ނައިޓުގައި ދިމާވި އެކި ކަންކަމާ ހުރެ ގަޑިއެއްހާއިރު ލަސްކޮށް ފިލްމު ފެށިޔަސް، އިންޓަވަލްއަށް މީހުން ދޫކޮށްލީ ގޮނޑިއާ ލައި ޗެންޗޭނު ޖަހާފަ އެވެ. އެ ގަޑީގައި ވެސް ބައެއް މީހުންނާ ސުވާލުކޮށްލުމުން ބުނީ، ލަހުން ފެށިޔަސް މައާފުކޮށްފި ކަމަށެވެ. އެހާތަނަށް ވެސް ފިލްމު ފުރިހަމަ އެވެ.
ފަރުޒާނާގެ ބައި ކުޅުނު ސޫޒަންގެ އެކްޓިން ވަކިން ފާހަގަކޮށްލެވެ އެވެ. ޔޫއްޕެގެ އެކްޓިންއާ މެދު ސުވާލު އުފައްދާނެ މީހަކު ހުންނާނެހެން ހިޔެއް ނުވެ އެވެ. އެކަމަކު ޔޫއްޕެ ވެސް ހިމެނޭ ގޮތަށް ދެން ތިބި އެންމެން ކަހަލަ ގޮތަކަށް ފިލްމުން ގެއްލުވާލާހާ ވެސް ސޫޒަންގެ އެކްޓިން މޮޅެވެ. އޭނާގެ ޕްރެޝަރު ފަޅައިގެންދާ ގަޑިގަޑީގައި އޯޑިއެންސް ތިބެނީ ހިންޏައިގެން ފަޅައިގެންގޮސްފަ އެވެ.
އުޅުން ކޮންމެ ގޮތަކަށް ހުރި ނަމަވެސް، ލޫތު ރޮމޭންޓިކް ވާ ގަޑިގަޑީގައި ބައެއް ފަހަރު އޭނާ ވެސް ހުންނަނީ ލަދުން ހަލާކުވެފަ އެވެ. މިއީ ލޫތުގެ ބައި ކުޅުނު ޝާރިފް، ފިލްމެއްގެ ލީޑު ރޯލުން ފެންނަ ފުރަތަމަ ފިލްމެވެ. އެކަމަކު އެކަން ނުދަންނަ މީހަކަށް ފިލްމު ބަލާލާފައި އެކަހަލަ އިހުސާސެއް ނުކުރެވޭނެ އެވެ.
ކުރުކޮށް ބުނާ ނަމަ ފިލްމުގެ ވާހަކަ އެނބުރެނީ ހައިފާގެ ވަށައިގެންނެވެ. ފިލްމުގައި އުޅޭ ހުރިހާ އެންމެން ވެސް ކޮންމެވެސް ގޮތަކުން ގުޅެނީ ހައިފާއާ އެވެ. ނަމަވެސް ކެރެކްޓާގެ ގޮތުން ހައިފާ ފެންނަނީ ވަރަށް ހިމޭންކޮށެވެ. ދިރިހުރުމަށާއި މަންމަގެ ހިތަށް ތަސައްލީއެއް ހޯދައިދޭން ބިޔަ ބޮޑު ދުނިޔެއަށް އޭނާ ނުކުންނަނީ އަމިއްލަ ހަނގުރާމައެއްގައި، ކެރިގެންނެވެ. ހަނގުރާމައެއްގައި އޮންނާނެ ގޮތަކީ "ހޯދުނު ގޮތަކަށް" ކާމިޔާބު ހޯދުމެވެ. ތެދު ބުނެގެން ވިޔަސް ނުވަތަ ދޮގު ހަދައިގެން ވިޔަސް އެވެ. ވާޝިޔާ އެ ކެރެކްޓާ ޑެލިވާކޮށްދިން ގޮތަށް ހަމަ ސަތޭކަ އެވެ.
މަހާއަކީ މި ފިލްމުން އަހަރެމެންނާ ބައްދަލުކުރި ހިނދުކޮޅެއްގެ މެހެމާނެކެވެ. އެކަމަކު މަހާގެ ބައި ކުޅުނު ވިސާމާ (ވިކީ) އެ ކުޑަ ވަގުތުކޮޅުގެ ބޭނުން ހިފީ އެންމެ ފުރިހަމައަށެވެ. އިސްކިރީނުން އޭނާ ގެއްލުނީ ބެލުންތެރިން ހަނދާނުގައި ހުންނާނެ ވަރުގެ ސީންއެއް ދޫކޮށްލައި، އެންމެން ހެއްވާލަމުންނެވެ.
ސާމީ ކުޅެފައިވާ އަޔާންގެ ކެރެކްޓާއަކީ ވެސް ސައިޑް ރޯލެކެވެ. އެއީ އަމިއްލަ އެދުން ބޮޑު ކެރެކްޓާއެކެވެ. އަޔާންގެ ކަންފަތް މައްޗަށް ހައިފާ ހޫނު އެތިފަހަރެއް އަރުވާލަނީ ހަމަ އަރުވާލަން ޖެހިގެންނެވެ.
ތީމް ލަވަ: ހަޔާތަކުން
މޫމިން ފުއާދުގެ ފިލްމުތަކަކީ ދެ މީހަކު ބައްދަލުވާ ކޮންމެ ފަހަރަކު ނުވަތަ ކޮންމެ ޑައިލޮގެއްގެ ދެމެދަށް ލަވައެއް ލައިގެން ހަދާ ފިލްމުތަކެއް ނޫނެވެ. ހަމަ އެ ގޮތަށް މި ފިލްމުގައި އޮތީ އެންމެ ލަވައެކެވެ.
އެއީ ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ) ކޮމްޕޯސްކޮށް އަދި އޭނާ އާއި އަލީ އިއުފާފު އިސްމާއިލްގެ އަޑުން ކިޔައިދީފައިވާ 'ހަޔާތަކުން' އެވެ. ލަވައިގެ މިއުޒިކާއި ޅެން ވެސް ގުޅުވާފައިވަނީ ފިލްމުގެ ތީމްއާ އެވެ.
ކްލައިމެކްސްގައި ޖެހި އަބަދަށް ތާށި
ފިލްމުގެ އިންޓަވަލް ފައްތާފައި އޮތީ ވަރަށް ނުރައްކާ ދޭތެރެއަކަށެވެ. ކިރިޔާ ލަހުން ވަދެވުނަސް، ފިލްމުގެ ބޮޑު ޕްލޮޓް ޓުވިސްޓެއް ގެއްލޭނެ އެވެ. ވަރަށް ކުރުކޮށް ބުނާ ނަމަ، އެ ޓުވިސްޓާ އެކު މުޅި ފިލްމު އަދި ސިނަމާގެ މާހައުލު ވެސް ބަދަލުކޮށްލަ އެވެ. އިންޓަވަލްގެ ކުރިން ހީވި ހުރިހާ ހީވުމެއް މުޅިން އިދިފުށަށް ޖަހާލަ އެވެ.
ބްރޭކަށް ފަހު ފިލްމުގެ ވިލަން ވެސް އޮންނަނީ އޮޅިފަ އެވެ. އެކަމަކު އެއީ އަހަރެންގެ ނަޒަރުގައި އެކަން އޮތް ގޮތް ކަމަށް ވެސް ވެދާނެ އެވެ. ކުރުކޮށް ބުނާ ނަމަ، މި ފިލްމުން އެކި މީހުންނަށް ވިލަންގެ ގޮތުގައި އެކި ކެރެކްޓާތައް ބަލައިގަތުމުގެ ފުރުސަތު އެބައޮތެވެ.
ފިލްމުގެ ކްލައިމެކްސްއާ ހަމައަށް ގެންގޮސްދެނީ އެއަށް ފަހު އަންނަ ތީމް ލަވައިންނެވެ. ޝޮޓުން ޝޮޓަށް މި ލަވަ ނުބަލައިފި ނަމަ ފަހުން ސިކުނޑީގައި ސުވާލުތަކެއް އުފެދިދާނެ އެވެ.
ކާނަލްގެ ވާހަކަ ނުދައްކައި މި ހުންނަނީ ހަނދާން ނެތިގެނެއް ނޫނެވެ. ޓްރެއިލާގައި ފެނުނު ސިފައިން ޕެރޭޑުކުރާ މަންޒަރަކީ ފިލްމުގައި ވެސް އޭނާ ފެންނަ ފުރަތަމަ މަންޒަރެވެ. އެކަމަކު އޭގެ ފަހުން އޭނާ ފެންނަނީ ވަރަށް ތަފާތު ގޮތަކަށެވެ. ޑިއުޓީ ގަޑި ނިމި، ނުރަސްމީ ކިޓުގައި ހުންނަ ގޮތް ފެނުމާ އެކު އޯޑިއެންސުން މީހަކު އޭނާ ސިފަކޮށްލީ މިގޮތަށެވެ – "އެއީ ސަން ޓްރެވަލް ސިޔާމްތަ؟"
އެކަމަކު ބުނަން ހެއްޔެވެ؟ ލަވައިން ފެނުނީ ފުރަތަމަ ޕްލޮޓް ޓުވިސްޓެވެ. އެ ޓުވިސްޓުން އަރައިގަނެ، ފިލްމުގައި ވާން އުޅޭ ގޮތް ދެން މި އެނގުނީ ކަމަށް ހީވެފައި އޮއްވާ އަނެއްކާ ވެސް އޮޅުވާލަނީ ބޭން ޖަހާފައި އައި ކާނަލް އެވެ. ފިލްމު ނިމިގެންދަނީ ވެސް އޭނާ އެ ގެނައި ޕްލޮޓް ޓުވިސްޓުގައި 'އަބަދަށް' ތާށިވެ ތިބެގެންނެވެ.
ފިލްމު ނިމުމާ އެކު ދެން އިވުނީ ޝަކުވާގެ އަޑެވެ. ބައެއް މީހުންގެ ގާތަށް އައީ ރުޅި އެވެ. ފިލްމު ހަމަ އެއް ވަނަ އެވެ. އެކަމަކު ނިންމާލީ އަދި ލައްކަ ބައިވަރު މަންޒަރު ބަލަން އެދިއެދި ތިއްބަ އެވެ. އެތަނުން ނުކުމެގެން ދިޔަ އެތައް ބައެއްގެ ދުލުން ބުނި އަޑު އިވުނީ އަހަރެންގެ ހިތުގައި ވެސް އުފެދުނު ސުވާލުތަކެވެ – މީގެ ދެ ވަނަ ޕާޓު ކޮބާ ހެއްޔެވެ؟ އަވަހަށް ދެ ވަނަ ޕާޓު ނެރެން އުޅޭށެވެ. އެ ނުކުންނާނީ ކޮން ދުވަހަކު ހެއްޔެވެ؟ އެ ހުރިހާ ސުވާލަކަށް ވުރެ ވެސް އެންމެ ބޮޑު ސުވާލަކީ މިއީ އެވެ:
"މީގެ ދެ ވަނަ ބައެއް ނުކުންނާނެ ހެއްޔެވެ؟"
ފުލްސްޓޮޕު ނުޖަހައި ފިލްމު ނިންމާލީ ބެލުންތެރިން އޭގެ ޖަވާބަށް އާދޭސްކުރާ ވަރުގެ ސުވާލު މާކަކުންނެވެ. ނަމަވެސް މިއީ ޔަގީނުން ވެސް އަހަރުތަކެއް ވަންދެން އޭގެ ވާހަކަ ދައްކާނެ ވަރުގެ ތުރިލާއެކެވެ.
ސަބަބަކީ މި ފިލްމުން ދޭ މެސެޖެވެ. އަހަރެމެންގެ މި ކުޑަކުޑަ މުޖުތަމައުގައި ވަރަށް އާންމުކޮށް ފެންނަ މައްސަލައެއްގެ ވާހަކަ އެވެ. އަނެކާގެ މައްޗަށް ހިތްނުބައި ކުރުމާއި ދޮގު ހެދުމާއި އެ ކަންކަމުން ނުކުމެދާނެ ނަތީޖާތަކެވެ. ތީމް ލަވައިގައި އިޝާރާތް ކުރާ ގޮތަށް ހޯދުނު ގޮތަކަށް ހަމަޖެހުން ހޯދުމުން ނުކުމެދާނެ ނަތީޖާ އާއި އޭގެ ސަބަބުން އެހެން މީހަކަށް ކޮށްފާނެ އަސަރުތަކެވެ. މިއީ ދެ ވަނަ ބަޔަކަށް އިންތިޒާރު ކުރަމުން ފިކުރު ހިންގާލެވޭނެ ކަންކަމެވެ.
އެހެންވީމަ މިއީ ބަލަން ދާ ވަރުގެ ފިލްމެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު އަހަރެން ދޭނީ، އަހަރުތަކަކަށް ފަހު ދިވެހި ފިލްމެއް ބަލަން އޮލިމްޕަހަށް ދިޔަ މީހަކު ކުރި ކޮމެންޓަކުންނެވެ. އެއީ "އަބަދު އެކައްޗެއް ބަލާ ބަލާ" ފޫހިވެފައި ހުރި މީހެކެވެ. މި ފިލްމަށް އޭނާ ފުރުސަތު ދިނީ ޓްރެއިލާއިން ތަފާތުވާނެކަމުގެ އިހުސާސް ކުރެވިގެންނެވެ. އޭނާ ބުނީ މި ގޮތަށެވެ:
"މި ފިލްމު ބެލުނީމަ އަލުން އޮލިމްޕަހަށް ދާ ހިތް ޖެހިއްޖެ."