'އަބަދަށް'ގެ ޝޯއެއް ނިންމާލުމަށް ފަހު ބައެއް މީހުން އެ ފިލްމުގެ ޕްރޮޑިއުސަރު ނޫރައްދީން ކައިރީގައި (ދައުރު ފޮޓޯ)
'އަބަދަށް' ފިލްމުގެ ޕްރޮޑިއުސަރު ފަހަތުން މީހުން 'ދުވަނީ'
އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ 'އަބަދަށް' ފިލްމު ބެލުމަށް ފަހު ނުކުންނަ ގިނަ މީހުން 'ދުއްވައިގަންނަނީ' ޓިކެޓު ކައުންޓަރުގައި ހުންނަ އެ ފިލްމުގެ ޕްރޮޑިއުސަރު ހުސައިން ނޫރައްދީން ނާސިރު (ނޫރު) ފަހަތުންނެވެ. ނޫރުއަށް ވެގެންވާ ނަމަ އެ ގަޑީގައި ކައުންޓަރުގެ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ކައުންޓަރު މަތިން ފުންމައިގެން އަރައި ފިލީހެވެ. ޒުވާން އުމުރު ނަމަ އެތަނުން ނުކުމެ، ދުވެފައި ގޮސް ފިލަން އޮލިމްޕަހުގެ ފުރާޅަށް ވެސް އެރީހެވެ.
ނޫރަކީ ކޮންމެ ދުވަހަކު ފަތިހު އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ)އާ އެކު ދުވަން ވެސް ދާ މީހެކެވެ. އެކަމަކު ކިތަންމެ ވަރަކަށް ދުވިޔަސް، 'އަބަދަށް' ފިލްމުގެ ލީޑު ރޯލެއް އަދާކުރާ އަހްމަދު ޝާރިފު، އެ ފިލްމުގެ މަންޒަރެއްގައި ފުރާޅު މައްޗަށް އަރާ ގޮތަށް ނޫރުމެންނަށް އެރޭނެހެން ހިޔެއް ނުވެ އެވެ.
ދެން ފިލްމު ބަލާ މީހުން ނޫރު ފަހަތުން މި ދުވަނީ ކޮން ކަމަކާ ހެއްޔެވެ؟
އޮލިމްޕަހުގައި 28 އޭޕްރީލްގައި ޕްރިމިއާކުރި 'އަބަދަށް' ފިލްމުގެ ޝޯއެއް ނިމުނު ގަޑީގައި ފެނުނީ ބަޔަކު ކައުންޓަރު ކައިރިއަށް ބޮނޑިވެގެން ތިބި މަންޒަރެވެ. އެންމެ ފަހުން ނޫރު ފަކީރު ކައުންޓަރުން ވެސް ނެރެފި އެވެ.
މި ހިނގާ ކަންތައްތަކުގެ ފޮޓޯ ނަގަން ދުރުގައި ހުރުމުން އެ މީހުން ކިޔާ އެއްޗެއް، ނޫރު ކިޔާ އެއްޗެއް ވެސް ސާފުވާ ވަރެއް ނޫނެވެ. އެ ކިޔާ އެއްޗެއް ކިޔުމަށް ފަހު ބައެއް މީހުން ދަނީ ނޫރުއާ އެއްކޮށް ސެލްފީއެއް ވެސް ކަނޑާލައިގެންނެވެ.
ސުވާލުތަކަށް ޖަވާބުދީ، ސެލްފީތަކަށް ޕޯސްކޮށް ނިމި، ނޫރުއަށް ހަމަނޭވައެއް ލެވޭ ވަރުވުމުން އޭނާ ކައިރިއަށް ގޮސް އެ މީހުން ދެއްކީ ކޮން ވާހަކައެއްތޯ ސުވާލުކޮށްލީމެވެ.
"ހަމަ ފަހަރަކު މީހަކު އައިސް މި އަހަނީ 'އޭ ކޮބާހޭ މީގެ ދެ ވަނަ ބައި'. ދެ ވަނަ ބައި އަވަހަށް އަޅުވަން އުޅޭށޭ،" ފިލްމު ބެލި މީހުންގެ ސުވާލުތައް ހިއްސާކުރަމުން ނޫރު ބުންޏެވެ.
އޭނާ ބުނީ މިއީ ހަމައެކަނި ފިލްމު ބަލާފައި ނުކުންނަ ގަޑީގައި ދިމާވާ ކަމެއް ނޫން ކަމަށެވެ. ބޭރު ތެރޭގައި މިހެން އުޅޭ އުޅުމުގައި ވެސް މީހުން އޭނާ ފެނިގެން އެ ސުވާލު ކުރިމަތި ކުރެ އެވެ. ކޮންމެވެސް އެހެން ރެއަކު ސައިކަލަށް އަރައި ތަނަކަށް ނައްޓާލަން އުޅެނިކޮށް ވެސް ބަޔަކު އޭނާ ހުއްޓުވައި، ހަމަ އެ ސުވާލުކޮށްފި އެވެ.
މި ދާ ވަރުން ދާ ނަމަ، 'އަބަދަށް'ގެ ދެ ވަނަ ބަޔަކާ ހުރެ ނޫރު ދުވަސްކޮޅަކުން ބޭރަށް ވެސް ނުކުންނަން ޖެހޭނީ ފިލަފިލައިގެންނެވެ. މިހާރު ދާ ގޮތަށް މަހުރަބު އިއްބެއާ އެކު ފަތިހު ދުވަން ދިއުން ވެސް ދަތި ކަމަށް ވެދާނެ އެވެ. ސައި ހޮޓަލެއްގައި ހުއްޓާ މީހަކު މޭޒު ދަށުން ބޯދިއްކޮށްލާފައި ވެސް "އޭ، މީގެ ދެ ވަނަ ބައި ކޮބާހޭ" އެހުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.
'އަބަދަށް'އަކީ ކުޅަދާނަ ޑައިރެކްޓަރު މޫމިން ފުއާދަށް، ކޮވިޑް-19ގެ ފުރަބަންދުގައި އައި ހިޔާލެކެވެ. އެ ބަންދުގައި މޫމިންގެ ސިކުނޑިން އުފަންކުރި ހިޔާލު، އޭނާ ލިޔެ، ޑައިރެކްޓު ކުރި ފިލްމެއްގެ ސިފައިގައި މިހާރު އޮލިމްޕަސް ބޮޑު އިސްކިރީނުގައި އަންނަނީ ދައްކަމުންނެވެ.
ފިލްމުގެ ކާސްޓުން:
-
އަހްމަދު ޝާރިފް
-
ވާޝިޔާ މުހައްމަދު
-
ޔޫސުފް ޝަފީއު (ޔޫއްޕެ)
-
އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)
-
ސޫޒަން އިބްރާހިމްފުޅު
މިއީ ތުރިލާއަކަށް ވިޔަސް، ނޭވާ ހިފަހައްޓާލަން ޖެހޭ ވަގުތުކޮޅުތަކުގެ އިތުރުން ބެލުންތެރިންގެ ގާތަށް ހިނިއަންނަ މަންޒަރުތަކާއި ތަފާތު އެކި ޖަޒުބާތުތައް ދައްކައިދެ އެވެ.
އެކި ވަރުގެ ޕްލޮޓް ޓުވިސްޓުތަކުގެ ތެރެއިން 2 ގަޑިއިރާއި 10 މިނެޓުގެ ދަތުރަކަށް ފަހު އަބަދަށް ފިލްމު ގޮސް ބަނދަރު ކުރަނީ ހީ ވެސް ނުކުރާ މަންޒިލަކަށެވެ. ފިލްމު ނިންމާލީ 'ކްލިފްހޭންގާ'އެއްގަ އެވެ. ބައެއް މީހުން ގޮސް ޓިކެޓު ކައުންޓަރުގައި އެލިގަންނަނީ އެހެންވެ އެވެ.
"މަ ހީކޮށްގެން ހުރީ އަދި ލައްކަ ބޮޑު ބައި ދައްކަން އޮތް ކަމަށް،" ފިލްމު ބަލާފައި ނުކުތް މީހަކު ބުންޏެވެ.
"މަށަށް ހީވަނީ [ނިންމާލި ގޮތުން] މީގެ ދެ ވަނަ ބައެއް އަންނާނެހެން."
ފިލްމު ބަލައި ނިމިގެން ކޮންމެ މީހަކު ވެސް ދަނީ ފިލްމުން ދޫކޮށްލާ މެސެޖާ މެދު ފިކުރު ހިންގަމުންނެވެ. އަދި ދެ ވަނަ ބަޔަކަށް އެދޭ މީހުން ދުވަނީ ޕްރޮޑިއުސަރު ނޫރު ފަހަތުންނެވެ. އެ އެންމެން ވެސް އެދެނީ އެންމެ ކަމަކަށެވެ. ކުރަނީ އެއް ސުވާލުތަކެކެވެ:
"މީގެ ދެ ވަނަ ބައެއް ފެންނާނެތަ؟"
ބެލުންތެރިން ކުރާ އެ ސުވާލު އަހަރެން ވެސް ނޫރުއާ ކުރިމަތިކުރީމެވެ. އެކަމަކު އޭނާ ދިނީ ދެއުޅިއެއްނުވާ ޖަވާބެކެވެ:
"މި ފިލްމުގެ ދެ ވަނަ ބައެއް އޮންނާނެތޯ ނުވަތަ ނޫންތޯ ނިންމާނީ ބެލުންތެރިން."
ފުރަތަމަ ތިން ޝޯ އިއުލާންކޮށް، އެއަށް ފަހު ހައެއް އަދި މިހާރު 10 ޝޯއަށް އިތުރުކޮށްފައިވާ އަބަދަށް ފިލްމުގެ ހުރިހާ ޝޯތަކެއް ނިމުމުން ފަހަރެއްގައި ނޫރުގެ ފަރާތުން އެއަށް ވުރެ ސާފު ޖަވާބެއް ލިބިދާނެ އެވެ.
އެކަމަކު ވެސް ފިލްމު ބެލި މީހެއްގެ ހައިސިއްޔަތުން ބުނެވޭނީ، 'އަބަދަށް' ފިލްމު އަބަދަށް 'ކްލިފްހޭންގާ'އެއްގައި ބޭއްވުމަކީ ބޮޑު ބޭއިންސާފެއް ކަމަށެވެ.