ޝަރުމީލާ ޓަގޯރު (ކ) ދަރިފުޅު ސޯހާ އަލީ ހާންއާ އެކު.

ޝަރުމީލާ ޓަގޯރު ގިނަ ދުވަސްތަކަކަށް ފަހު ކުޅުނު 'ޕޫރަތޯން' އަށް ބޮޑު ސަމާލުކަމެއް

އޭނާ 14 އަހަރަށް ފަހު ބެންގާލީ ސިނަމާއަށް އެނބުރި އަންނަ 'ޕޫރަތޯން' އަކީ އޭނާގެ އެންމެ ފަހު ބެންގާލީ ފިލްމަށް ވެދާނެ ކަމަށް ޝަރުމީލާ ބުނި
15 އޭޕްރީލު 2025

ބައެއް އެވޯޑްތަކާ އެކު ބޮޑު ސަމާލުކަމެއް ހޯދަމުން އަންނަ ބެންގާލީ ފިލްމު 'ޕޫރަތޯން' އަކީ ތަޖުރިބާކާރު އެކްޓްރެސް ޝަރްމީލާ ޓަގޯރް 14 އަހަރަށް ފަހު ކުޅުނު ފުރަތަމަ ބެންގާލީ ފިލްމެވެ.

"ބެންގާލީ ފިލްމުތައް ވަރަށް ކުޅޭ ހިތްވޭ. ކަލްކަތާގެ ހުރިހާ ކަމަކަށް އަހަރެން ވަރަށް ލޯބިވޭ، އެކަމަކު ސިއްހީ ހާލަތު ހުރި ގޮތުން، ޝޫޓިންތަކުގައި އެކްޓް ކުރަން ބޭނުންވާ ވަރަށް ފިޓެއް ނޫން،" ޝަރުމީލާ ކިޔައިދިނެވެ.

ޝަރުމީލާ ފުއްޕާމޭގެ ކެންސަރާ ހަނގުރާމަ ކުރަމުން ދިޔަކަން 2023ގައި އެނގިގެންދިޔަ އެވެ. މި ހަބަރާ އެކު އޭނާގެ ފޭނުންނަށް ހައިރާންކަން ލިބުނު އެއް ސަބަބަކީ އޭނާގެ ކިބައިން ބަލިވެއުޅޭ ކަމުގެ އެއްވެސް ނިޝާނެއް ނުފެންނާތީ އެވެ.

ޝަރުމީލާގެ އަންހެން ދަރިފުޅު ސޯހާ އަލީ ހާން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ ކެންސަރު ޖެހިފައިވާކަން އެނގުނީ ބަލީގެ އެންމެ ކުރީކޮޅުގައި ކަމަށާއި އެކަމުގެ ސަބަބުން ޝަރުމީލާއަށް ފަސޭހަކަމާ އެކު ބަލިން އަރައިގަތުމަށް މަގުފަހިވި ކަމަށެވެ.

އޭނާ 14 އަހަރަށް ފަހު ބެންގާލީ ސިނަމާއަށް އެނބުރި އަންނަ 'ޕޫރަތުވާން' އަކީ އޭނާގެ އެންމެ ފަހު ބެންގާލީ ފިލްމަށް ވެދާނެ ކަމަށް ޝަރުމީލާ ބުނެފައިވެ އެވެ.

ސައިފް އަލީ ހާންގެ ވެސް މަންމަ ޝަރުމީލާ މި ފިލްމުގައި ވަނީ އެތައް އަހަރެއް ފަހުން ފިލްމެއްގައި ބެންގާލީ ބަހުން ވާހަކަ ދެއްކުމުގެ ހިތްހަމަޖެހުން ތަޖުރިބާކޮށްފަ އެވެ. އެހާ ގިނަ އަހަރުތަކަކަށްފަހު މުޅިން ވެސް ބެންގާލީ ބަހުން ފިލްމެއްގައި ވާހަކަ ދައްކަން ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށް އޭނާ ބުނެފައިވެ އެވެ.

ޑައިރެކްޓަރު ސުމަން ގޯޝްއަށް ތައުރީފުކޮށް އޭނާ ބުނީ "ކޮންމެ ފްރޭމެއްގައި ވެސް އަހަރެން ރީތި ކޮށްލަން އޭނާ ވަރަށް މަސައްކަތް ކުރި" ކަމަށެވެ. ޝަރުމީލާ ބުނިގޮތުގައި 'ޕޫރަތޯން'ގައި އުމުރުން ދުވަސްވީ މަންމައެއްގެ ރޯލު އޭނާ އަދާކުރީ އެއީ "އަބަދު އަންނާނެ ރޯލެއް ނޫން" ކަމަށް ވުމުންނެވެ. 

އިންޑިއަން ފިލްމް ފެސްޓިވަލް އޮފް ހިއުސްޓަންގެ އެންމެ މޮޅު ފީޗާ ފިލްމުގެ އެވޯޑް 'ޕޫރަތޯން' އަށް ވަނީ ލިބިފަ އެވެ. އަދި ވޮޝިންޓަން ޑީސީ ސައުތު އޭޝިއަން ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު ފިލްމާއި އެންމެ މޮޅު ބަތަލާގެ އެވޯޑު ޝަރުމީލާއަށް ލިބިފައިވެ އެވެ.

'ޕޫރަތޯން'ގެ ޝޫޓިން 2023ގައި ކުރިއަށްދިޔައިރުގެ ހަނދާންކުރަމުން ޝަރުމީލާ މިފަހުން ބުނީ ފިލްމުގެ ޓީމާ އެކު ގަންގާ ކޯރުގެ އައްސޭރީގައި އޮންނަ ރިސޯޓެއްގައި ހޭދަކުރި 14-15 ދުވަހަކީ އޭނާއަށް ވަރަށް އުފާވެރި ވަގުތުތަކެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް