ވާހަކަ: ގަބުރުސްތާނު

ވާހަކަ

ވާހަކަ: ގަބުރުސްތާނު - ނަވާވީސްވަނަ ބައި

'ޔަޒްދާގެ ރުހުމުގައި ކަންކަން ކުރެވޭތޯ އަހަރެން ވަރަށް ބަލައިފިން. އެކަމަކު ނުރުހުމުގައި ވިޔަސް ތި ތަނުން އެއް ދަރި އަހަރެންނަށް ދޭން ޖެހޭނެ.'
29 މާރިޗު 2025

އެޕިސޯޑް 29

އިރާ ދިމާލަށް ތަވީދު ދިއްކޮށްލި އެވެ. އަދި އެއަށް ފުމެލި އެވެ. އެއީ މުދިންބެ އެއަށް ހަދަން ބުނި ގޮތެވެ. ހަގީގަތުގައި އަސްލު ރުގްޔާ ކުރާ ގޮތަކީ އެއެއް ނޫނެވެ. ސުންނަތުން ސާބިތުވާ ގޮތަށް ރުގްޔާ ކުރުމުގައި، ތަށިލިޔުމާއި ތަވީދު އަޅުވާ ހެދުމަކީ އޮންނަ ކަމެއް ނޫނެވެ. ނަމަވެސް މި ކަންކަން ނޭނގޭ މީހުން ކޮންމެ ފަދަ ގޮތަކަށް ވެސް ކަންކަން ކޮށްފާނެ އެވެ. ދެން ނަން ދޭނީ ރުގްޔާގެ ނަމެވެ. އެކަންކަން ގަބޫލު ކުރާ މީހުން ވެސް އުޅެ އެވެ. އަދި އެއަށް ތަބާވެ އެވެ. ކޮންމެއަކަސް ވަހީދާ އެ ހިފައިގެން ޔަޒްދާ ގާތަށް ދިޔަ އެވެ. އޭރު ދޮރު ހުރީ ތަޅުލާފަ އެވެ. ވަހީދާ ގުޅާލި އެވެ. ޔަޒްދާ ފޯނެއް ނުނެގި އެވެ. އަނެއްކާވެސް ގުޅި އެވެ. އެ ގޮތަށް ހަ ފަހަރު ގުޅުމުން ޔަޒްދާ ފޯނު ނެގި އެވެ. އަދި ބުނީ ނިދިފައި އޮތް ކަމުގަ އެވެ.

"މީތި އަޅާބަލަ އުނަގަނޑުގައި. މިއީ މުދިންބެ ދިން ތަވީދެއް. މަށަކަށް ހިއެއް ނުވޭ ދެން ތި އަހުމަރަށް ޔަޒޫއަށް ގެއްލުން ދެވޭނެ ހެންނެއް،" ވަހީދާއަށް ހީވާ ގޮތަށް ބުންޏެވެ.

"މުދިންބެއަށް ވަހީދާ އެހާ އިތުބާރު ކުރަންތަ؟" ޔަޒްދާ އަހާލި އެވެ.

"އިތުބާރު ނުކޮށް ވާކަށް ނެތެއްނު. ކަންކަން މިވާ ގޮތުން މުދިންބެ ބުނާ ގޮތެއް ވެސް އެބަ ޖެހޭ ހަދަން. ދެން އެނގިދާނެތާ. އަޅެ މީތި އަޅާބަލަ،" ވަހީދާ އެދުނެވެ. ޔަޒްދާ ވަގުތުން އޭތި އެޅި އެވެ.

"އެއްކަލަ ބުޝްރީގެ ހަބަރެއް ނުވޭތަ؟" ޔަޒްދާ ހަނދާން ވެގެން އަހާލި އެވެ.

"އާނ. އޭނަ ނޭނގެ ވީ ތަނެއް ވެސް. ބިމަށް ކަމެއް ވަނީ ކަނޑަށް ކަމެއް ފުންމާލީ އެކަކަށް ވެސް ނޭނގެ. މިގޭ ކައިރީ ސައިކަލު ހުރެގެން މީހުން ވަރަށް ފާޑުފާޑުގެ ވާހަކަ ދެއްކިއެއްނު؟" ވަހީދާ ބުންޏެވެ.

"އެހެންތަ؟ ނޭނގެ މަށަކަށް. މީހުން ކިޔާފާނެ ކޮންމެ ފަދަ އެއްޗެކޭ ވެސް. އެކަމަކު އޭނަ މަށާ ހެދި ވަރަށް އުޅުނު އިނގޭ،" ޔަޒްދާ ބުންޏެވެ.

"އޭނ؟ އަސްލު؟" ވަހީދާ ހައިރާންވެފައި އަހާލި އެވެ.

"އާނ. އެކަމަކު އަހަރެން އަޅާ ވެސް ނުލަން. މަ އެބަ އުޅޭ ދޯ؟ އޭނަ ވައިފް ވެސް ވަރި ކުރީ އެހެންވެގެންނޯ. މަށާ އިންނާށޯ،" ފޫހިވެފައި ޔަޒްދާ ބުންޏެވެ.

"އެކަމަކު ބުޝްރީއަކީ ޝިފާޒްގެ އެންމެ ގާތް އެކުވެރިޔާ ދޯ؟ ތި ކަހަލަ ވާހަކަ ދައްކާނެ ހެން ހީވެސް ނުވޭ،" ވަހީދާ ބުންޏެވެ.

"މަށަށް ވެސް ގަބޫލު ކުރަން ވަރަށް އުނދަގޫވިއޭ. އެކަމަކު މިއީ ހަގީގަތް،" ޔަޒްދާ ބުންޏެވެ.

"އަޅެ ކޮންތާކަށް ބާ ދޯ އޭނަ އެ ދިޔައީ؟" ވަހީދާ އަހާލި އެވެ.

"ނޭނގެ. ފުލުހުން ވެސް ނުބަލާ ތަނެއް ނެތް،" ޔަޒްދާ ބުނެލި އެވެ.

"އޭތް. ތި ތަވީދު ނުނަގާތި އިނގޭ. އޭނަ އަދި އަންނާނެހެން މަށަށް ވެސް ހީވަނީ. އޭނަ ބުންޏަސް އެކަކު ބުންޏަސް ތި ތަވީދު ނުނަގާތި. މުދިންބެ ވަރަށް އިތުބާރާއެކު ހަދައިދިން އެއްޗެއް ތިއީ،" ވަހީދާ ބުންޏެވެ. "ދެން ޔަޒޫ ނަމާދު ކުރަން ފަށާބަލަ. ގާތް އެކުވެރިއެއް ވީމަ ރަނގަޅު ނަސޭހަތެއް މި ދެނީ. އެކަން ވެސް ބަރާބަރަށް ކުރާ ނަމަ ތި ކަހަލަ ކަންކަމުން އަރައިގަންނަން ފަސޭހަވާނެ."

ޔަޒްދާ އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް އޭނައަށް ވެސް އެ ކަންކަން ގަބޫލު ކުރެވެ އެވެ. އެކަމަކު އެކަން ކުރަން އުނދަގޫ ވަނީ އެވެ. ކުރާ ހިތް ވެސް ނުވަނީ އެވެ. ދީނީ ކަންކަމަށް އެއްވެސް އިސްކަމެއް އޭނައަކަށް ނުދެވެ އެވެ. އެއްވެސް ވަރަކަށް ގުރުއާން ކިޔަވައި ނަމާދުކޮށް ހެދުމަކީ އޭނާ ކުރާ ކަންކަމެއް ނޫނެވެ. ފަށައިގަންނަން ވެސް އެހާ އުނދަގޫވާނެ އެވެ.

ހަނދުވަރުގެ ރިހި އަލިން މަގުތައް އޮތީ އަލި ވެފަ އެވެ. ޔަޒްދާ އިނީ ގޯތިތެރޭގައި ހުރި ޖޯލިފަތީގަ އެވެ. އެތަނަށް އޮތީ ކޮކާ ހަނދުވަރު ދީފަ އެވެ. ގަސްތައް ދަށުގައި ހުރި ޖޯލިފަތީގައި އޮތް އިރު ޔަޒްދާއަށް ވަރަށް ފިނިވަމުން ދިޔަ އެވެ. ނަމަވެސް ވައިރޯޅިއެއްގެ ނިޝާނެއް ވެސް އެތަނަކުން ނުފެނެ އެވެ. ޔަޒްދާ މަޑުމަޑުން މުޅި ގައިގައި އަތް ކާއްތާލި އެވެ. ހަށިގަނޑު ވަނީ ފިނިވެފަ އެވެ. ކުއްލިއަކަށް ވަރަށް މީރު ވަހެއް ދުވަން ފެށި އެވެ. އެއީ އުނިމާ ވަހާ ދާދި އެއް ވަހެކެވެ. އެކަމަކު އެތަނުގައި އެއްވެސް ކަހަލަ މާ ގަހެއް ނެތެވެ. ޔަޒްދާ މާ ބޮޑަށް ހީކަރުވާން ފެށުމުން ގޭތެރެއަށް ވަނެވެ. އަދި ކޮޓަރި ތެރެއަށް ގޮސް އެނދުގައި އޮށޯވެ ރަޖާ އަޅާލި އެވެ. މުޅި ހަށިގަނޑު ނިވާ ކޮށްލި އެވެ. އެ ވަރުން ވެސް ހީ ކެރުވުން މަޑެއް ނުވި އެވެ. ދެން ފަންކާ ނިވާލިއެވެ. އެ ވަގުތު ކޮޓަރި ތެރެއިން ވެސް އެއްކަލަ ވަސް ދުވަން ފެށި އެވެ. ޔަޒްދާ ވަށައިގެން ބަލާލި އެވެ. ކުޑަދޮރު ކައިރިން ހިޔަންޏެއް ފެންނަން ހުއްޓެވެ. ޔަޒްދާ ގޮސް ދޮރުފޮތިގަނޑު ކަހާލި އެވެ. އޭރު އަހުމަރު ފެންނަން ހުއްޓެވެ. ޔަޒްދާ ކުޑަކޮށް ޖެހިލުންވި އެވެ. ނަމަވެސް މޫނުމަތިން އެކަން ފޮރުވި އެވެ. އަހުމަރު ހުރީ އެތެރެއަށް ވަންނަން ބޭނުން ވެފަ އެވެ.

"ޔަޒޫ ކީއްކުރަން އެޅި ތަވީދެއް ތިއީ؟ އަހަރެންދެކެ ބިރުންތަ؟" އަހުމަރު ބުންޏެވެ.

"އެއެއް ކަލޭ ބަލާކަށް ނުޖެހޭ،" ހިތްހަމަނުޖެހިފައި ޔަޒްދާ ބުންޏެވެ.

"ޔަޒޫ ކީއްވެތަ އަހަރެންނާ ތިހެން ތި ވާހަކަ ދައްކަނީ؟ ކީއްވެތަ އަހަރެން ދެކެ ތިހާ ރުޅިއެއް ތި އަންނަނީ؟ އަހަރެންގެ ކުށަކީ ޔަޒްދާއަށް އޮޅުވާލުންކަން އަހަރެން ގަބޫލު ކުރަން. އެކަމަކު އެ ކަން ކުރީ އަހަރެން ޔަޒްދާގެ ލޯބި ބޭނުންވާތީ. ޔަޒްދާއާ ގާތްވާ ހިތުން. ތި ހިތުން ޖާގައެއް ހޯދަން،" އަހުމަރު ކިޔައިދިނެވެ.

ޔަޒްދާ ގޮސް އެނދުގައި އިށީނެވެ. އޭނައަށް އުނދަގޫތަކެއް ވާން ފެށި އެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލި އެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ބަނޑުގައި ރިއްސަން ފެށި އެވެ. ޔަޒްދާ އެނދުގައި އޮށޯވެލި އެވެ. ބަނޑުގައި ރިހުން ލުއިވި އެވެ. އޭރު ވެސް އަހުމަރު ހުރީ ކުޑަދޮރުން ބަލަހައްޓައިގެންނެވެ. ޔަޒްދާ އަހުމަރަށް ބަލާލި އެވެ. އޭނާ ވިހަން ތައްޔާރު ވަނީ ކަން އިހުސާސް ކުރެވުނެވެ. ބަނޑުގައި ރިހުން ލުއިވި ގޮތަށް ދެން ނުރިއްސި އެވެ. ޔަޒްދާ ފުން ނޭވައެއް ބޭރު ކޮށްލި އެވެ. އެ ވަގުތު ކުއްޖަކު ވިހޭ ކަމުގެ އިހުސާސް ކުރެވުނެވެ. އިރުކޮޅެއްގެ ތެރޭގައި ދެވަނަ ދަރިފުޅު ވެސް ވިހެ އެވެ. ޔަޒްދާ މަޑުމަޑުން ތެދުވި އެވެ. އޭނާ ހައިރާންވި އެވެ. ދެ ކުދިން ވެސް ވަރަށް ބޮޑެވެ. ވިހެއުމުގެ އެއްވެސް އުނދަގުލަކާ ނުލައި އެ ކުދިން ވިހެއުމުން ޔަޒްދާ ހިތްހަމަޖެހުނެވެ. ނަމަވެސް އެކަން އެވީ ކިހިނެއްބާވައޭ އޭނާގެ ހިތަށް އެރި އެވެ. ޔަޒްދާ އަހުމަރަށް ބަލާލި އެވެ. އަހުމަރު ހުރީ ހިނިތުންވެލައިގެންނެވެ.

"ދީބަލަ އަހަރެންގެ ދަރިން އަހަރެން އަތަށް؟" އަހުމަރު އެދުނެވެ.

"އެ ކީއްކުރަން؟" ޔަޒްދާ ބުންޏެވެ.

"ބަލަ ތިއީ އަހަރެންގެ ވެސް ދަރިންނޭ. އެ ކުދިން އުރާލައި ލޯބިކޮށްލުމުގެ ހައްގު އަހަރެންނަށް ވެސް އޮންނަން ވާނެއެއްނު،" އަހުމަރު ބުންޏެވެ.

"ނޫން. މިއީ ހަމައެކަނި އަހަރެންގެ ކުދިން. މި ކުދިންނާ ލޯބި ކުރުމުގެ އެއްވެސް ހައްގެއް ކަލެއަކަށް ނޯންނާނެ،" ރުޅިއައިސްފައި ޔަޒްދާ ބުންޏެވެ.

"ޔަޒްދާއަށް ތިހާ ފަސޭހައިން ވިހައި ހެދުނީ ވެސް އަހަރެންގެ ސަބަބުން. އެހެން ނޫން ނަމަ ޔަޒްދާއަށް ވަރަށް އުނދަގޫވާނެ."

"އެހެންތަ؟ ތިހެން ބުނީމަ އަހަރެންވީ ގަބޫލު ކުރަންތަ؟ ތިހާ ވަރަށް އޮޅުވާލައި މަކަރުހަދާ މީހެއްގެ ބަސް ގަބޫލު ކުރުމަކީ އަހަރެންނަށް މިހާރު ކުރަން ވަރަށް އުނދަގޫ ކަމެއް،" ޔަޒްދާ ބުންޏެވެ.

"ޔަޒްދާގެ ރުހުމުގައި ކަންކަން ކުރެވޭތޯ އަހަރެން ވަރަށް ބަލައިފިން. އެކަމަކު ނުރުހުމުގައި ވިޔަސް ތި ތަނުން އެއް ދަރި އަހަރެންނަށް ދޭން ޖެހޭނެ. އެއީ އެއް ކުއްޖަކީ އަހަރެންގެ ނަސްލުގެ ކުއްޖެއް. ޔަޒްދާ އެ ކުދިންނަށް ރަނގަޅަށް ބަލާލަބަލަ،" އަހުމަރު އެހެން ބުނުމުން ޔަޒްދާ ބަލާލި އެވެ. އަދި ހައިރާންވި އެވެ. ބިރު ވެސް ގަތެވެ.

-ނުނިމޭ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް