ވާހަކަ: ގަބުރުސްތާނު

ވާހަކަ

ވާހަކަ: ގަބުރުސްތާނު - އަށާވީސްވަނަ ބައި

އެ ވަގުތު މުޅި ތަނަށް ދުންގަނޑެއް އަރައިގެން ދިޔަ އެވެ. އެ ގަޑީގައި ޔަޒްދާއަށް ކޮޓަރިއަށް ވަދެވުނެވެ. ދެންމެ ހިނގައިދިޔަ އެއްވެސް ކަމެއް ޔަޒްދާއަކަށް ނުފެނުނެވެ.
28 މާރިޗު 2025

އެޕިސޯޑް 28

ފެންނާނީ ކޮން ކަހަލަ މަންޒަރެއް ކަން ނޭނގިފަ އެވެ. ދެ ހިޔާލުގައި ހުރެފައި ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. ޔަޒްދާ އިނީ އެނދުމަތީގަ އެވެ. އިސްޖަހައިގެން އިނދެ ރޮނީ އެވެ.

"ޔަޒްދާ! ކިހިނެއްވީ؟" ލޯތްބާއެކު ބުޝްރީ އަހާލި އެވެ.

ޔަޒްދާ އިސްއުފުލާލި އެވެ. އެ ދެލޯ ވަނީ ރަތް ވެފަ އެވެ. ހީވަނީ ރޮއިރޮއި ހެންނެވެ. ބުޝްރީގެ ހިތަކަށް ކުޅަދާނައެއް ނުވި އެވެ. ދުވެފައި ގޮސް ޔަޒްދާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލައިދިނެވެ. ޔަޒްދާ އެ ވަގުތު ބުޝްރީގެ ގައިގައި ނިކަން ބާރަށް ބައްދާލި އެވެ. އަދި ހޭން ފެށި އެވެ. އެ އަޑުގައި ހުރީ ދެ އަންހެން އަޑު އެކުވުމުން އަންނަ ކަހަލަ އަޑެކެވެ. ބުޝްރީ އުޅުނީ އޭނާ ދުރު ކޮށްލެވޭތޯ އެވެ. އެއީ ޔަޒްދާ ނޫންކަން އޭނާއަށް ޔަގީން ކުރެވުނެވެ. ވަރަށް ބާރަށް ހޭ އަޑު އިވެމުން ދިޔަ އެވެ. ބުޝްރީ އިނީ ބިރުން ފިތްކަނޑައިގެން ގޮސްފައެވެ. އިވެމުން ދިޔައީ ބިރުވެރި އަޑެކެވެ. އެތައް އިރަކު މަސައްކަތް ކޮށްގެން ވެސް 'އޭނާ' ދުރެއް ނުކޮށްލެވުނެވެ. އެ ވަގުތު މުޅި ތަނަށް ދުންގަނޑެއް އަރައިގެން ދިޔަ އެވެ. އެ ގަޑީގައި ޔަޒްދާއަށް ކޮޓަރިއަށް ވަދެވުނެވެ. ދެންމެ ހިނގައިދިޔަ އެއްވެސް ކަމެއް ޔަޒްދާއަކަށް ނުފެނުނެވެ. ޔަޒްދާގެ ސިފައިގައި އިން ޖިންނި އާއި ބުޝްރީއެއް އެތާކު ނެތެވެ. ދުމުގެ އަސަރެއް ވެސް ނެތެވެ.

ޖިންނި ބުޝްރީ ގެންދިޔައީ އެވެ. ބުޝްރީ ހޯދަން ފުލުހުން ވެސް ވަރަށް މަސައްކަތް ކުރި އެވެ. އޭނާގެ ސައިކަލު ހުރީ ޔަޒްދާމެންގޭ ދޮރުމަތީގަ އެވެ. ވުމާއެކު ޔަޒްދާއާ ވެސް އެތައް ބައިވަރު ސުވާލެއް ކުރެވުނެވެ. ނަމަވެސް އެއްވެސް ހެއްކެއް ނުފެނުނެވެ. ޔަޒްދާ ބުނަނީ ބުޝްރީގެ ސައިކަލު އެ ގޭ ކައިރީގައި ހުންނަންވީ އެއްވެސް ސަބަބެއް އޭނައަށް ނުވިސްނޭ ކަމުގަ އެވެ. ފުލުހުން ދުލެއް ނުކުރި އެވެ. ފަހަރަކު ސުވާލެއް ކުރަމުން ދިޔަ އެވެ. ނަމަވެސް އެދެވޭ ނަތީޖާއެއް ނުނިކުތެވެ. ހަފުތާއެއް ވީ އިރު ވެސް ބުޝްރީއެއް ނުފެނުނެވެ. އެ ރަށުގެ އެކި ސަރަހައްދު ބެލި އެވެ. ކަނޑާއި ޖެހިގެން އޮތް ރަށްތައް ވެސް ބެލި އެވެ. އަތިރިމައްޗާއި ވަލުތެރެ އާއި ރަށުގެ ހުރިހާ ގެތަކެއް ވެސް ބެލި އެވެ. ބުޝްރީގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

ޔަޒްދާގެ ބަނޑުގައި މަޑުމަޑުން ރިއްސަ އެވެ. އެރޭ އަހުމަރު ދިޔަ ފަހުން އެއްވެސް ހަބަރެއް ނުވެ އެވެ. ޔަޒްދާ ހުންނަނީ ޖެހިލުންވެފަ އެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅެނީ ވެސް އެހާ މަދުންނެވެ. ހީވަނީ އަހުމަރު އޭނައަށް ފާރަލާ ހެންނެވެ. ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި ހުއްޓަސް އޭނާ އަތުވެދާނެ ކަމުގެ ބިރު އޮވެ އެވެ. ޔަޒްދާ އެންމެ ކަންތައް ބޮޑުވަނީ ބަނޑުގައިވާ ދެ ދަރިންނާ މެދުގަ އެވެ. އެ ކުދިންނަށް ވެދާނެ ގޮތަކާ މެދުގަ އެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ ޔަޒްދާގެ ވެސް ދަރިންނެވެ. ހިތާމައަކީ ކުދިންގެ ބައްޕައަކީ ޖިންނިއަކަށް ވުމެވެ. އެ ވާހަކަތައް ހިއްސާ ކުރާނެ މީހަކު ވެސް ޔަޒްދާގެ ނެތެވެ. ކުއްލިއަކަށް ވަހީދާ މަތިން ހަނދާންވި އެވެ. އެކަމަކު އޭނާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ގުޅާކަށް ނުކެރުނެވެ. ފޯނަށް އެތައް އިރަކު ބަލަހައްޓައިގެން އިނެވެ. ވަހީދާއަށް ގުޅަން ނުގުޅަން ހިތަށް އެރި އެވެ. ދެ ފިކުރުގައި އިނދެފައި ގުޅާލި އެވެ.

"ޔަޒޫ. ހާދަ ނުވަގުތެއްގައި؟ ކިހިނެއްވީ؟" ހިތްހެޔޮކަމާ އެކު ވަހީދާ ބުންޏެވެ. އޭނާގެ އަޑު ޖެހުމާއެކު ޔަޒްދާއަށް ރޮވޭ ގޮތްވި އެވެ. އެއްވެސް އެއްޗެއް ވެސް ނުބުނެވުނެވެ.

"ޔަޒޫ، ރޮނީތަ؟ ކިހިނެއްތަ ވީ؟" ހާސްވެފައި ވަހީދާއަށް ބުނެވުނެވެ. "އަހަރެން އެބަ ދަން ތި ގެއަށް. ގޭގައި ދޯ ތި އުޅެނީ؟"

ޔަޒްދާ އާނއެކޭ ބުންޏެވެ. އަދި ފޯނު ކަނޑާލި އެވެ. އިސް ޖަހައިގެން އިނދެ އޭނާ ހިތް ފުރެންދެން ރޯލި އެވެ. ކުރެވުނު ކަންތަކާ މެދު ލަދުގަތެވެ. ދެރަވި އެވެ. ނަމަވެސް ހިތާހިތުން އޭނާއަށް ބުނެވެ އެވެ. އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ؟

ވަހީދާއަށް އާދެވުނު އިރު ޔަޒްދާ އޮތީ ކޮޓަރީގަ އެވެ. އޭރު ވެސް އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ހުއްޓުމެއް ނާދެ އެވެ. ވަހީދާ ގޮސް ކޮޓަރިތެރެއަށް ވަނެވެ. ޔަޒްދާ އޮތީ ދޮރާ ދިމާލަށް ފުރަގަސް ދީގެންނެވެ. ވަހީދާ މަޑުމަޑުން ގޮސް ޔަޒްދާއަށް ގޮވާލި އެވެ. ޔަޒްދާ ވަހީދާއާ ދިމާލަށް އެނބުރުނެވެ.

"ވަހީދާ. ސޮރީ،" ރޮމުންރޮމުން ޔަޒްދާއަށް ބުނެވުނެވެ.

"އެކަން އެ ނިމުނީނު؟ އެ ކަމާތަ ތި ރޮނީ؟" ވަހީދާއަށް ބަލާލެވުނީ ޔަޒްދާގެ ބަނޑާ ދިމާލަށެވެ. މިހާރު ހީވަނީ ނުވަމަސް ފުރި ވިހަންވެފައި އިން ހެންނެވެ.

"އެކަމާއެއް ނޫން. އަހަރެންގެ ދިރިއުޅުމާ މެދު މި ހިތާމަ ކުރެވެނީ،" ޔަޒްދާ ބުންޏެވެ. ވަހީދާ ހީކުރީ ޝިފާޒްގެ މަރުގެ ވާހަކަ ޔަޒްދާ ދައްކަނީ ކަމަށެވެ.

"އެކަމާ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޯންނާނެ. މަރު އައިސް ޖެހުމުން ކޮންމެ މީހަކު ވެސް ގެންދަވާނެ. އެއަކަށް ނުފިލޭނެ،" ވަހީދާ ބުންޏެވެ. އަދި ޔަޒްދާ ގާތުގައި އިށީނެވެ. "އެހާ ވަރަށް އެކަމާ ނުވިސްނާ."

"އަހަރެން މި ދައްކަން އުޅެނީ ތި ވާހަކައެއް ނޫން،" ކަރުނަތައް ފޮހެލަމުން ޔަޒްދާ ބުންޏެވެ. "ނޭނގެ ވަހީދާ ގަބޫލުކުރާނެ ކަމެއް ވެސް."

"ދެން ކޮން ވާހަކައެއް؟ އަޅެ ބުނެބަލަ،" ވަހީދާ އެދުނެވެ.

ޔަޒްދާ ވާހަކަ ދައްކަން ފެށި އެވެ. އެންމެ ފުރަތަމަ ރޭ ގަބުރުސްތާނަށް ދިޔަ ހިސާބުންނެވެ. އަދި އެރޭ 'ޝިފާޒް'އާ ދިމާވި ގޮތެވެ. އޭނާ ގާތުގައި ދެއްކި ވާހަކަތަކެވެ. ވަހީދާ އިނީ ނިކަން ރަނގަޅަށް އަޑު އަހައިގެންނެވެ. ކުރިން ވެސް ވަހީދާއަށް އޮތީ އެ ކަހަލަ ޝައްކެއް ވެފަ އެވެ. ނަމަވެސް ކަންކަން އެ ހިސާބަށް ދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. ޔަޒްދާގެ ވާހަކަ ކުރިއަށް ދިޔަ އެވެ. ވަހީދާއަށް އެއްވެސް ކަމެއް ސިއްރެއް ނުކުރެ އެވެ. ހިނގާދިޔަ ހުރިހާ ކަމަކާއި ދެއްކިހާ ވާހަކަތައް ޔަޒްދާ ކިޔައިދިނެވެ. ބައެއް ފަހަރު ލަދުގަނެ އެވެ. އަނެއްބައި ފަހަރު ދެރަވެ އެވެ. ނަމަވެސް މިއަދު ކުރާނެ ކަމެއް ނެތެވެ. ހަގީގަތް ބަދަލެއް ނުކުރެވޭނެ އެވެ. ޔަޒްދާ ކިތަންމެ ބޭނުން ނުވިޔަސް ކަންތައްތައް ހިނގައިދިޔައީ ޔަޒްދާގެ ވެސް ރުހުމުގަ އެވެ. އެކަމަކު އެ ކަމުގައި ޔަޒްދާގެ ކުށެއް ނެތެވެ. ކޮންމެ ކަމެއްގައި ވެސް ވަނީ އޮޅުވާލުމާއި މަކަރުހެދުމެވެ. މިއަދާ ހިސާބަށް ހިނގި ހުރިހާ ކަމެއް ޔަޒްދާ ކިޔައިދިނެވެ. ވަހީދާ އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ހިތް ބުނަމުން ދިޔައީ ބަދޫރާއަށް ވެސް ދިމާ ވެގެން އެ އުޅެނީ މީގެ ކަންތައްގަނޑެއް ކަމަށެވެ. ނަމަވެސް މި ކަމާ އެ ކަމާ ގުޅުން ހުރީ ކިހާ ވަރަކަށް ކަމެއް ނޭނގެ އެވެ. ގޮތެއް ނިންމޭނީ ދެ ކަމުގެ ހަގީގަތް ރަނގަޅަށް އެނގިގެންނެވެ. ވަހީދާ އެތައް ސުވާލެއް ޔަޒްދާއާ ކުރި އެވެ. ހުރިހާ ސުވާލަކަށް ވެސް ޔަޒްދާ ޖަވާބު ދިނެވެ.

"ވަހީދާ ބުނެބަލަ. އަހަރެން ދެން ކިހިނެއް ހަދާނީ؟" ކަންބޮޑުވެފައި ޔަޒްދާ ބުންޏެވެ.

"އެއްވެސް ކަމެއް ކުރާނެ ކަމެއް ނެތް. މަށަށް ހީވަނީ ތިޔަ އަހުމަރެއް ތިޔަ ދިޔައީހެން. ދެން އަނބުރާ ޔަޒްދާގެ ހަޔާތަށް އަންނާނެ ހެންނެއް ހިއެއް ނުވޭ،" ވަހީދާއަށް ހީވާ ގޮތް ބުންޏެވެ.

"ވަހީދާއަކަށް ނޭނގޭނެ އޭނަގެ ގޮތެއް. މި ދަރިން ހޯދަން ވެސް އޭނާ އަންނާނެ. އަހަރެންގެ ހިތް ބުނޭ އޭނާ އަދި އަންނާނޭ،" ޔަޒްދާ ބުންޏެވެ. "ބައެއް ފަހަރު ހީވޭ އަހަރެންނަށް ފާރަލާ ހެން ވެސް. އަހަރެން ދާ ކޮންމެ ތަނަކަށް އޭނާ ދާ ހެން ވެސް ހީވޭ."

"ހިނގާ ފަންޑިތަ ހަދަމާ؟" ވަހީދާއަށް ފެންނަ ގޮތް ބުންޏެވެ.

"އޭރުން؟" ޔަޒްދާ ސުވާލު ކުރި އެވެ.

"އޭރުން އޭނާ ފެއްސިގެން ހިނގައިދާނެ. މަށަށް ހީވަނީ ތިކަމުން އެންމެ އަވަހަށް ސަލާމަތް ވާނީ އެ ކަހަލަ ކަމެއް ކޮށްގެންހެން. އެހެން ނޫނީ ޔަޒޫ ހުންނަން ޖެހޭނީ އަބަދުވެސް ތި ބިރުވެރި ކަމެއްގެ ތެރޭގައި."

"ތިއީ ވެސް ތެދެއް. އަސްލު އަހަރެން އޭނާ ދެކެ އެއްވެސް ބިރެއް ނުގަނޭ. މިހާ ދުވަހު އެކީގައި އުޅުމުން ކޮންމެވެސް ވަރަކަށް އަހަރެންނަށް އޭނާ ދަސްވި. އެކަމަކު ހަމަ ނޭނގޭނެ. ކޮންމެ ފަދަ ކަމެއް ވެސް އޭނާ ކޮށްފާނެ،" ޔަގީންކަމެއް ނެތި ޔަޒްދާ ބުންޏެވެ.

"މުދިންބެއާ އަހަރެން ވާހަކަ ދައްކަންތަ؟" ވަހީދާ އަހާލި އެވެ.

"ނޫން. އެކަމަކު ބުނޭ ތަވީދެއް ނަމަވެސް އަހަރެންނަށް ހަދާދޭށޭ. އެއީ އަހަރެންނާއި ދަރިންގެ ރައްކަލަކަށް،" ޔަޒްދާ އެދުނެވެ.

"މިރޭ އަހަރެން ދާނަން އެ ގެއަށް،" ވަހީދާ ބުންޏެވެ.

"ކޮބާތަ ބަދޫ؟ އަހަރެން ބޭނުން އޭނާ ދެކިލަން ދާން،" ޔަޒްދާ ބުންޏެވެ.

"ޔަޒޫ ތި ހާލުގައި އިނދެގެން އެ ކަހަލަ ތަނަކަށް ދާކަށް މަށަކަށް ނުފެނޭ. ބަދޫގެ ހާލު ވަރަށް ސަކަރާތް. އޭނަ ނުވޭ ރަނގަޅެއް. މުދިންބެ ވެސް ވަރަށް މަސައްކަތް އެބަ ކުރޭ. އެކަމަކު ކުރިއެރުމެއް ނުލިބޭ،" ވަހީދާ ބުންޏެވެ.

"ދެން ބަދޫގެ ފިރިމީހާ ކީކޭ ބުނަނީ؟" ޔަޒްދާ އަހާލި އެވެ.

"އޭނަ ވެސް ކަންތައް ބޮޑުވެފައި ހުންނަނީ. ކީކޭ ވަކި ބުނާނީ؟ ވަރަށް ދެރަވެފައި ހުންނަނީ،" ވަހީދާ ބުންޏެވެ.

އިރު ފެނުން ތޮޅިލި ވަގުތެވެ. ވަހީދާ ހުރީ ތަވީދު ހިފައިގެން އިރު އަރާ މަންޒަރު ބަލާށެވެ. އިރާ ދިމާލަށް ތަވީދު ދިއްކޮށްލި އެވެ. އަދި އެއަށް ފުމެލި އެވެ. އެއީ މުދިންބެ އެއަށް ހަދަން ބުނި ގޮތެވެ.

-ނުނިމޭ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް