ވާހަކަ: ގަބުރުސްތާނު
ވާހަކަ: ގަބުރުސްތާނު - ސައްބީސްވަނަ ބައި
އެޕިސޯޑް 26
"އަހަރެންނެއްނު ތި ސުވާލު ކުރަންވީ،" ހިތްހަމަނުޖެހިފައި ބުޝްރީ ބުންޏެވެ. އަދި އުނދޯލީގައި އިށީނެވެ.
"ބަލަ އަހަރެން ބުނީމެއްނު ހިރިގަލަކާއި ކިހާކެއް ގެންނަން. އެ ކަން ވެއްޖެހޭ؟ ކޮބާހޭ އެ އެއްޗެހި؟" ނަސީފް އެހި އެވެ.
"މީހަކު އަޅެ އަޖައިބެއް ނުވާނެތަ؟ މީގެ ދެ ރޭ ކުރިންނެއްނު މަ އެ އެއްޗެހި ނަސީފްއާ ހަވާލު ކުރީ. ބޮޑު ޖަންގައްޔަކަށް މަ ގެންގޮސް އެތަނުގައި އެތައް އިރަކު މަ ބަހައްޓައިގެން ވާހަކަ ދެއްކީ ނަސީފެއްނު؟" ބުޝްރީ ބުންޏެވެ.
"މަށޭ؟ ކޮން ރެއެއްގެ ވާހަކައެއް ތި ދައްކަނީ؟ ދެ ރޭ ވަންދެން މަ އުޅުނީ ވަރަށް ބޮޑަށް ރޯގާ ޖެހިގެން. ގެއިން ވެސް ނުނިކުންނަން. ދެން މަ ކިހިނެއް ތި ބުނާ ތަނަކަށް ދާނީ؟" ހައިރާންވެފައި ނަސީފް ބުންޏެވެ.
"ކަލެއޭ ހަމަ އެ ތަނަށް އައީ. ދެން މި ގަޑީގައި ސަކަރާތް ނުޖަހާ. ސީރިއަސްކޮށް ބުނެބަލަ. އެކަން ކާމިޔާބު ވާ ގޮތް ވޭތަ؟"
"ބަލަ އެ އެއްޗެހި ގެނައިމައޭ ކަމެއް ކުރެވޭނީ،" ނަސީފް ބުންޏެވެ.
"ދެން ނޭނގެ މި ވާއެއް ނުވާއެއް. ކަލޭ ގަޑި ކިޔާފައި އެއް ރޭ ނިދަން އޮވެދާނެ. އަނެއް ރެއަކު ހުމާ އޮވެދާނެ. ދެން އަންނަ ރެއަކު މާ ގިނައިން ބޮޑުކަމުދެވޭތީ އުޅެފާނެ. އެކަމަކު މަށާ ކަލޭ ބައްދަލު ކުރޭ،" ހިތްހަމަނުޖެހިފައި ބުޝްރީ ބުންޏެވެ. "އަހަރެން ހޯދި އެއްޗެހި ކަލެއާ އެރޭ ހަވާލު ކުރީމޭ."
"ބަލަ އަހަރެން ނުދަމޭ މި ބުނީއެއްނު،" ނަސީފް ވެސް ދުލެއް ނުކުރި އެވެ.
"މި ކަމުގައި ކޮންމެވެސް އެހެން އަތެއް އެބަވޭ،" ވިސްނާލަމުން ނަސީފް ބުންޏެވެ.
"ކޮން ކަހަލަ އަތެއް؟ މިހާރު ކީކޭ ތި ކިޔަނީ؟ ކަލޭ ހަމައިގައިތަ ތި ހުންނަނީ؟ ދުވާލަކު އެއްޗެއް އެބަ ކިޔާ،" ބުޝްރީ ބުންޏެވެ.
"މަށަށް ހީވަނީ ކޮންމެވެސް ކަހަލަ ގޯހެއް އެބަ އުޅޭހެން. ކަލެއަށް މަ ފެނޭ މަ ގޭގައި އޮންނަ ރޭރޭ ވެސް. އެހެންނެއް އެ ކަމެއް ނުވާނެއެއްނު. މަ ޖެހޭނީ މި ވާނުވާއެއް ބަލާލަން،" ނަސީފް ބުންޏެވެ. "މަ ބުނި އެއްޗެހި އަނެއްކާވެސް ހޯދާ. ހޯދައިގެން މި ގެއަށް އާދޭ. އެހެން ތާކުން ނޫން މަށާ ހަވާލު ކުރާނީ. ސީދާ މި ގެއަށް އަންނާނީ."
"ދެން ނުވާނެ ތި ކަމެއް،" ފޫހިވެފައި ބުޝްރީ ބުންޏެވެ. ނަސީފް ދައްކާ ވާހަކަ ގަބޫލު ކުރަން ބުޝްރީއަށް އުނދަގޫވި އެވެ. އޭނާއަށް ހީވަނީ ނަސީފް ދޮގު ހަދަނީ ހެންނެވެ. މި ކަން ގިނަ ދުވަހަށް ދަންމައިގެން ގިނަ ފައިސާ ހޯދަން އުޅެނީ ހެންނެވެ. އެއީ ބުޝްރީއަށް ގަބުލު ކުރެވޭ ގޮތެވެ.
ޔަޒްދާ ހީކުރާ ވަރަށް ވުރެ އަވަހަށް ބަނޑު ދިޔައީ ބޮޑުވަމުންނެވެ. މިހާރު ހީވަނީ ފަސް މަސް ފުރިފައި ހުރި ބަނޑެއް ހެންނެވެ. އެކަމަކު އަދި މިވީ އެންމެ ދޮޅު މަހެވެ. ޑޮކްޓަރަށް ދިޔުމުން ދިނީ އުފާވެރި ހަބަރެކެވެ. ބަނޑުގައި ދެ ކުދިން ތިބި ކަމަށް ޑޮކްޓަރު ބުންޏެވެ. އަދި ދެ ކުދިންގެ ސިއްހަތު ވެސް ރަނގަޅު ކަމަށް ބުންޏެވެ. އެ އުފާވެރި ހަބަރު ޝިފާޒްއާ ހިއްސާ ކުރަން ޔަޒްދާ ހުރީ ކެތްމަދުވެފަ އެވެ.
ގެއަށް ވަން އިރު ދޮރުމަތީގައި ވަހީދާ ހުއްޓެވެ. ވަހީދާއަށް ބަލާލެވުނީ ޔަޒްދާގެ ބަނޑާ ދިމާލަށެވެ. އޭނާ ހުރީ ހައިރާންވެފަ އެވެ. ޔަޒްދާގެ އުފާވެފައި ހުރި މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔަ އެވެ. ހިތްހަމަނުޖެހުމާއި ފޫހިވުމުގެ އަލާމާތްތައް އޭނާގެ މޫނު މައްޗަށް ވެރިވި އެވެ. މާ ބޮޑު ސަމާލުކަމެއް ނުދީ ޔަޒްދާ ގޭތެރެއަށް ވަދެގެން ދިޔަ އެވެ. ފަހަތުން ވަހީދާ ވެސް ވަނެވެ. ޔަޒްދާއާ އެކު ސޯފާގައި އިށީނެވެ.
"ޔަޒޫ މާބަނޑުވިކަން ނުވެސް އެނގޭ. ޝިފާޒްގެ އެންމެ ފަހުގެ ނިޝާން ދޯ؟" ވަހީދާއަށް ބުނެވުނެވެ.
"ވަހީދާ ތި އައީ ތި ކަހަލަ ވާހަކަ ދައްކަންތަ؟" ޔަޒްދާ ބުންޏެވެ.
"ނޫން. އަހަރެން މި އައީ ޔަޒޫގެ ހާލު ބަލާލަން. ޔަޒޫ ހިތްހަމަނުޖެހެންޏާ އަހަރެން ހިނގައިދާނަން،" ވަހީދާ ބުންޏެވެ. "އެކަމަކު ތިއީ އަހަރެން ވަރަށް ލޯބިވާ، ވަރަށް ގާތް ރަހުމަތްތެރިއެއް ވީމަ ކޮބާތޯ ބަލާލަން މި އައީ."
"އަހަރެންނަށް ތިހާ ހެޔޮ އެދެންޏާ ތި ކަހަލަ ވާހަކަ ނުދައްކާ. އަހަރެންގެ ޝިފާޒް މަރެއް ނުވެއޭ ކިތައް ފަހަރު ބުނެފިން. އެކަމަކު ވަހީދާއަކަށް ގަބޫލެއް ނުކުރެވެއެއްނު؟" ޔަޒްދާ ހިތްހަމަނުޖެހިފައި ބުންޏެވެ.
"ސޮރީ. ދެން އެ ވާހަކަ ބާއްވާ. ދެން އެ ވާހަކައެއް ނުދައްކާނަން. ޑޮކްޓަރު ކީކޭ ބުނީ؟" ވަހީދާ އަހާލި އެވެ.
"ޑޮކްޓަރު ބުނީ ހުރިހާ ކަމެއް ވެސް ރަނގަޅޭ،" ޔަޒްދާ ބޭނުންވީ ވަހީދާ އެތަނުން ދާށެވެ. ތިމާއަށް ލިބުނު އުފާވެރި ހަބަރު އެއްވެސް މީހަކާ ހިއްސާ ކުރާކަށް އޭނާ ބޭނުމެއް ނުވި އެވެ. ޝިފާޒް ފިޔަވަ އެވެ.
"ޔަޒޫ މިހާރު ހާދަ ތަފާތޭ. އެއީ ކީއްވެތަ؟" ވަހީދާއަށް އަހާލެވުނެވެ.
"ތިއީ ހީވާ ގޮތް. އަހަރެން މި ދަނީ ރެސްޓްކޮށްލަން،" ސޯފާއިން ތެދުވަމުން ޔަޒްދާ ބުންޏެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އަދިވެސް ޝިފާޒް ނާދެ އެވެ. ޔަޒްދާ އޮތީ ނިދޭތޯ އެވެ. ގައިމަތީގައި އަޅާފައި އޮތް ރަޖާގަނޑު ރީތި ކޮށްލި އެވެ. އެ ވަގުތު ރަޖާގަނޑުގެ ދަށުން އެއްޗެއް ހިރުނުހެން ހީވި އެވެ. ނޫނެކެވެ. އެއީ ފަންކާގެ ވަޔެވެ. ޔަޒްދާއަށް ގަބޫލު ކުރެވުނީ އެހެންނެވެ. އަނެއްކާވެސް ހިރުނެވެ. މި ފަހަރު ޔަޒްދާ އޮތީ ސީދާ އެ ދިމާލަށް ބަލަހައްޓައިގެންނެވެ. އެއީ ޔަޒްދާގެ ދެފައި ދޭތެރޭ ކަކުލާ ހިސާބެވެ. ޔަޒްދާ ބޭނުންވީ އެއީ ކޯއްޗެއްތޯ ބަލާށެވެ. ގެންފައި ހުރި ބިރުގެ ސަބަބުން ރަޖާގަނޑު ނަގާކަށް ނުކެރުނެވެ. ނުނަގައި އޮންނާކަށް ވެސް ނުކެރުނެވެ. ހިތްވަރުކޮށްފައި ރަޖާގަނޑު ނެގި އެވެ. އެ ވަގުތު ޔަޒްދާއަށް ހީވީ މޭގަނޑު އަނގައަށް އައީ ހެންނެވެ. އެހާ ވެސް ބިރުގަތެވެ. ހަޅޭއްލަވައިގަނެވުނެވެ. އަދި އެނދުން ތެދުވެ ގޮސް ދުރުގައި ބަލަހައްޓައިގެން ހުއްޓެވެ. އެނދުމަތީގައި އޮތީ ދެ ކުދިންނެވެ. އެއް ކުއްޖަކު ގައިން ލޭ ފައިބަނީ އެވެ. އެތަންމިތަނުގައި ހުރީ ޒަހަމްތަކެވެ. އަނެއް ކުއްޖަކު އޮތީ ހިނިތުންވެފައި ޔަޒްދާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ޔަޒްދާއަށް ބިރުން ހުރެވުނު ތަން ވެސް ނޭނގުނެވެ. ނަމަވެސް އެ ދެ ކުދިންނާ ކައިރި ވަމުން ދިޔައެވެ. މަޑުމަޑުން ހިނގާފައި ގޮސް އެ ކުދިންގެ ބޮލުގައި ފިރުމާލި އެވެ. އެ ވަގުތު ސިއްސައިގެން ގޮސްފައި ޔަޒްދާއަށް ހޭލެވުނެވެ. ފެނުނީ ހުވަފެނެކެވެ. އެ ހުވަފެނާ މެދު ވިސްނާލަން މަޖުބޫރުވި އެވެ. ޔަޒްދާ ބަނޑުގައި އަތް ކާއްތާލި އެވެ. ކައިރީގައި ނިދާފައި އޮތް ޝިފާޒަށް ޔަޒްދާ ބަލާލި އެވެ. ޝިފާޒަށް ގޮވަން ވެސް ހިތަށް އެރި އެވެ. ފެނުނު ހުވަފެން ކިޔައިދިނުމަށެވެ. ނަމަވެސް އެ ވަގުތު ހިޔާލު ބަދަލުވި އެވެ. ޔަޒްދާ ސިއްސައިގެން ދިޔަ އެވެ. ކޮޓަރި ތެރެއިން ހިޔަންޏެއް ފެނުމުންނެވެ. އެ ހިޔަނި ހިނގަމުން ގޮސް އަލަމާރިއާ ދިމާލަށް ނިވާވި އެވެ. ޔަޒްދާ ބޭނުންވީ އެއީ ކާކުތޯ ބަލާށެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވާ ފަނޑު އަނދިރިކަމުގެ ތެރެއިން އެއީ ކާކު ކަމެއް ވަތްކެއް ނުވެ އެވެ. ޔަޒްދާ އެނދުުން ތެދުވި އެވެ. އަދި އަލަމާރިއާ ދިމާލަށް ހިނގައިގަތެވެ. ހިޔަނި ނިވާވި ދިމާލަށް ދިޔަ އެވެ. އެ ތަނުގައި އެއްވެސް މީހަކު ނެތެވެ. ޔަޒްދާ ފަހަތަށް އެނބުރުނެވެ. އެ ވަގުތު ފަހަތުގައި ޝިފާޒް ހުއްޓެވެ. އޭނާގެ ލޯ ހުރީ އެއްކޮށް ކަޅު ވެފަ އެވެ. ފަނޑު އަދިރިކަމުގެ ތެރެއިން ވެސް އެ ވަރު ޔަޒްދާއަށް ފާހަގަ ކުރެވުނެވެ.
"ޝިފާޒް؟" ވައި އަޑަކުން ޔަޒްދާ ބުންޏެވެ. ޝިފާޒް ހިނިތުންވެލި އެވެ. އަދި ގޮސް ބޮކީގެ އަލި ގަދަ ކޮށްލި އެވެ. އޭރު ޝިފާޒްގެ ލޯ ހުރީ ރަނގަޅަށެވެ. ކުރިން ޔަޒްދާއަށް ފެނުނު ގޮތަކަށް ނޫނެވެ.
"ދެންމެ ޝިފާޒް ލޮލަށް ކިހިނެއްވެފައި އެ ހުރީ؟" ޔަޒްދާ އަހާލި އެވެ.
"ގޮތެއް ވެފައިތަ ހުރީ؟" ޝިފާޒް ގޮސް އެނދުގައި އިށީނެވެ.
"އަހަރެން ބޭނުން ޔަޒްދާއާ ވާހަކައެއް ދައްކާލަން،" ޝިފާޒް އިސްޖަހާލަމުން ބުންޏެވެ. ޔަޒްދާ ގޮސް ޝިފާޒް ގާތުގައި އިށީނެވެ.
"ކޮން ކަހަލަ ވާހަކައެއް؟" ހިތް އަވަސްވެފައި ޔަޒްދާ ބުންޏެވެ.
"އަހަރެން މިއީ ކާކުކަން ޔަޒްދާއަށް އަންގަން ބޭނުން. އަހަރެންގެ އަސްލު. އަހަރެންގެ ހަގީގަތް،" ޝިފާޒަށް ބުނެވުނެވެ.
"ތިއީ އަހަރެންގެ ފިރިމީހާއެއްނު. ޝިފާޒެއްނު؟" ޝިފާޒްގެ ކޮނޑުގައި ބޯ އަޅާލަމުން ޔަޒްދާ ބުންޏެވެ.
"ނޫން ޔަޒްދާ. އަހަރެންނަކީ އެހެން މީހެއް."
"ދެން މި ދަންވަރު ކޮން ސަމާސާއެއް ތި ކުރަނީ؟" ޔަޒްދާ ބުންޏެވެ.
"ހަމަ ހަގީގަތަށް މި ބުނަނީ. އަހަރެންނަކީ ޔަޒޫ ތި ހީކުރާ މީހާއެއް ނޫން،" ޝިފާޒްގެ އަޑުގައި ވަނީ ސީރިއަސްކަމެވެ. އެ ވަރު ޔަޒްދާއަށް ވެސް ވިސްނުނެވެ.
"ދެން ޝިފާޒް. އަހަރެން ހާސް ކުރުވަންތަ ތި އުޅެނީ؟"
"ނޫން. އެއްގޮތަކަށްވެސް އެހެންނެއް ނޫން. އެކަމަކު އަހަރެންގެ ހަގީގަތް އޮޅުވާލައިގެން ލައްކަ ދުވަހު އުޅެވިއްޖެ. ދެން އަހަރެން ބޭނުމެއް ނޫން އެންމެ ސިކުންތަކު ވެސް ޔަޒޫއަށް އޮޅުވާލާކަށް،" ޝިފާޒް ބުންޏެވެ.
ޔަޒްދާ އިނީ ދެ ބުމަ ގޮށްޖަހައިގެންނެވެ. ޝިފާޒްގެ ދެ ލޮލަށް ބަލަހައްޓައިގެންނެވެ. އެ ލޮލުގައި ވަނީ ތެދުވެރިކަމެވެ. ވަފާތެރިކަމެވެ. ޔަޒްދާއަށްޓަކައި އިންތިހާއަށް ލޯތްބެވެ.
"އަހަރެންނަކީ ޖިންނިއެއް،" ޝިފާޒް ކޮޅަށް ތެދުވަމުން ބުންޏެވެ. އަދި ދެ ލޯ މަރާލި އެވެ.
-ނުނިމޭ-