ވާހަކަ: ގަބުރުސްތާނު
ވާހަކަ: ގަބުރުސްތާނު - ފަންސަވީސްވަނަ ބައި
ޔަޒްދާ އެނބުރުނީ ޝިފާޒްއާ ދިމާލަށެވެ. އޭރު ޝިފާޒް ހުރީ ޔަޒްދާއާ ދާދި ގާތުގަ އެވެ. ޔަޒްދާގެ ބޮލުގައި ފިރުމާލި އެވެ. އަދި ނިތްކުރިއަށް ބޮސްދިނެވެ. ޔަޒްދާ ދެ ލޯ މަރާލި އެވެ. އަދި ޝިފާޒްގެ މޭގައި ބޯ އަޅާލި އެވެ. ބޭނުންވަނީ މުޅި އުމުރަށް އެހެން ހުންނާށެވެ. ދެ މީހުން ވެސް ތިބީ އެކަކު އަނެކަކާ ވާހަކަ ނުދައްކަ އެވެ. ހަމަހިމޭންކަމުގެ އެ ވަގުތުކޮޅު ދިޔައީ ލޯބިންނެވެ. ޔަޒްދާ އިންތިޒާރު ކުރަމުން އައި ދުވަސް މިހާ އަވަހަށް އަންނާނެ ކަމަކަށް ހިއެއް ނުކުރެ އެވެ. ޔަޒްދާގެ ބަނޑުގައި ޝިފާޒް އަތް ޖައްސާލި އެވެ. ދެ މީހުން އެކަކު އަނެކަކަށް ބަލާލި އެވެ. ޔަޒްދާ ހިނިތުންވެލި އެވެ. އެ މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެކެވެ. ހިތަށް ކުރުވީ ބަޔާންކޮށްދޭން ނޭނގޭ ފޮނި އިހުސާސެކެވެ. ލޯބީގެ ބަގީޗާގައި ފޮޅެން ތައްޔާރުވަމުންދާ މަލެއްގެ އިންތިޒާރުގައި ދެ މީހުން ވެސް ތިބީ ކެތްމަދުވެފަ އެވެ. ޔަޒްދާއަށް ލިބެމުން ދިޔަ ހިތްހަމަޖެހުމާއި އުފާވެރިކަން ބަޔާން ކޮށްދޭން ވެސް ދައްޗެވެ. އޭނާ ބޭނުންވީ އެއީ ހުވަފެނަކަށް ނުވެ ހަގީގަތަކަށް ވެގެން ދާށެވެ.
"ހަމަ އަސްލުވެސް އަހަރެން މާބަނޑުވީތަ؟" ޔަޒްދާއަށް ގަބޫލު ނުކުރެވިގެން އަހާލި އެވެ. ދެ މީހުން ތިބީ ކޮޓަރީގަ އެވެ. ޝިފާޒްގެ އުނގުގައި ޔަޒްދާ އޮތީ ބޯ އަޅާލައިގެންނެވެ. ފަން އިސްތަށިގަނޑާ ކުޅެމުން ދިޔަ ޝިފާޒް ޔަޒްދާގެ މޫނަށް ބަލާލި އެވެ.
"ގަބޫލު ނުކުރެވޭ ދޯ؟ މަށަށް ވެސް ވަރަށް އުނދަގޫ ގަބޫލު ކުރަން. އެކަމަކު މިއީ ހަގީގަތެއް. މިހާރު ޔަޒޫ ވެސް މަންމައަކަށް ވާން އުޅެނީ. ދެން ޖެހޭނެ ވަރަށް ޒިންމާދާރުވާން،" ޝިފާޒް ބުނެލި އެވެ.
"ދެން ތި ބުނަނީ މިހާރު އަހަރެން ޒިންމާދާރެއް ނޫނޭ؟" ޝިފާޒަށް ބަލާލަމުން ޔަޒްދާ އަހާލި އެވެ.
"އެހެންނެއް ނުބުނަމޭ ދޫންޏާ! ތިއީ އަބަދުވެސް ވަރަށް ހީވާގި އަތްނބެއް. ހަމަ އެ ގޮތަށް ވަރަށް ރަނގަޅު މަންމައަކަށް ވެސް ވާށޭ މި ބުނީ. ނަސޭހަތެއްނު މި ދިނީ." ޝިފާޒް ބުންޏެވެ.
"އަހަރެން ބޭނުންވަނީ ހަމަ ޝިފާޒް ކަހަލަ ފިރިހެން ކުއްޖެއް،" ޔަޒްދާ ބުންޏެވެ.
"އެކަމަކު އަހަރެން ބޭނުންވަނީ އަހަރެން ކަހަލަ އަންހެން ކުއްޖެއް،" ޝިފާޒް ބުންޏެވެ.
"އެ ކީއްވެ؟" ޔަޒްދާ އަހާލި އެވެ.
"އަސްލު އަންހެން ކުދިން ވަރަށް ސްޓްރޯންގް ވާނެ. ބަލާބަލަ ޔަޒްދާއަށް. ޔަޒޫ ވެސް ކިހާ ހިތްވަރުގަދަ ދޯ؟ ހަމަ އެ ގޮތަށް އަހަރެންގެ ދަރިފުޅު ވެސް ވަރަށް ހިތްވަރު ގަދަވާން ޖެހޭނެ. ކެތްތެރި ވާން ޖެހޭނެ. އަހަރެން އެ ކަންކަން ދަސްކޮށްދޭނަން،" ޝިފާޒް ބުންޏެވެ.
"އަހަރެންނަށް ޔަގީންކަން އޮވޭ ޝިފާޒްއަކީ ވަރަށް ރަނގަޅު ބައްޕައަކަށް ވާނެކަން. ކުރިން ވެސް އަހަރެން އެހެން ބުނަމެއްނު. ޝިފާޒް ގަބޫލު ނުކުރަނީއެއްނު،" ޔަޒްދާ ބުންޏެވެ.
"ކުރީގެ ވާހަކަ ބާއްވާ. މިއީ މިހާރު. މިހާރުގެ ވާހަކަ ދައްކާނީ. ކޮންމެ ގޮތެއް ވިޔަސް ދަރިއަކީ އަހަރުމެން ދެ މީހުންގެ ދަރިއެއް. ކޮންމެ ގޮތަކަށް ދަރިފުޅު އޮތަސް ޔަޒްދާ ޖެހޭނެ އެކަން ބަލައިގަންނަން. އިނގޭ؟" ޔަޒްދާގެ ދަތްދޮޅީގައި ހިފާލަމުން ޝިފާޒް ބުންޏެވެ.
"ކޮންމެ ގޮތަކަށޭ؟ ކީއްވެ ތިހެން ތި ބުނީ؟" ޔަޒްދާ އަހާލި އެވެ.
"މިހާރު މީހުންނަށް ވަރަށް ގިނައިން ނުކުޅެދޭ ކުދިން ލިބެއެއްނު. ހަމަ އަހަރުމެންނަށް ވެސް ލިބިދާނެއެއްނު. އުނި ސިފައެއް ހުރި ކުއްޖެއް ލިބުނަސް ޔަޒްދާ ޖެހޭނެ އެ ކަމަށް ކެތް ކުރަން،" ޝިފާޒް ވިސްނައިދިނެވެ.
"ތި ކަހަލަ އެއްޗެހި ބުނާކަށް ނުވާނެ،" ޝިފާޒްގެ އުނގުން ތެދުވަމުން ޔަޒްދާ ބުންޏެވެ. "އިރާދަކުރެއްވިއްޔާ އަހަރުމެންނަށް ލިބޭނީ ސިއްހަތު ސަލާމަތުން ހުރި ކުއްޖެއް."
"އަހަރެންގެ އާއިލާ މީހުން ވަރަށް ބޭނުންވާނެ ދަރިފުޅު ދެކިލަން. އެ މީހުން ގާތަށް ގެންދަން ވާނެ ދޯ؟" ޝިފާޒް ބުނެލި އެވެ. ޔަޒްދާ ބޯޖަހާލި އެވެ.
"އޭރުން ބައްޕަ ވެސް ވަރަށް އުފާވާނެ. ބައްޕަ ވެސް ބޭނުންވާނެ ފުރަތަމަ ކާފަ ދަރިފުޅު އުރާލަން. ލޯބިކޮށްލަން. އެހެންވީމާ ޔަޒްދާ ވިހާ އިރަށް ދުވަސްކޮޅަކަށް ބައްޕަ ގާތަށް ގެންދާނީ. އޭރުން ޔަޒްދާއަށް ވެސް ފަސޭހަވާނެ،" ޝިފާޒް ވާހަކަ ދެއްކި އެވެ.
"ދުވަސްކޮޅަކަށޭ؟ ދަރިފުޅު އެހާ ކުޑައިރު މަންމަ ކައިރިން ދުރަށް އެހާ ގިނަ ވަގުތަކަށް ނުގެންދެވޭނެއެއްނު. އޭނަ ބޭނުންވާނެ މަންމަ،" ޔަޒްދާއަކަށް އެއްބަހެއް ނުވެވުނެވެ.
"އެކަމަކު އޭރުން ޔަޒްދާއަށް ވެސް ލުއިވާނެއޭ،" ޝިފާޒް އުޅުނީ ވިސްނައިދެވޭތޯ އެވެ.
"ނޫން. އަހަރެން ގަބޫލެއް ނޫން އެހާ ގިނަ ދުވަހަށް ތި ގޮތަށް ގެންދާކަށް. ދަރިފުޅު ރޯނެ. ބަނޑުހައިވާނެ. ނިދި އަންނާނެ،" ޔަޒްދާ ބުންޏެވެ.
"އަހަރުމެންނަށް ލިބޭނީ ޔަޒްދާ ތި ހީކުރާ ކަހަލަ ކުއްޖެއް ނޫނޭ. އެއަށް ވުރެ މާ ހިތްވަރުގަދަވާނެ. އަހަރެން ބުނީތީ ވެސް ބަލައްޗޭ،" ޝިފާޒް ބުންޏެވެ.
"އެހެންތަ؟ މިހާ ކުރިން ޝިފާޒްއަށް ތި ހުރިހާ އެއްޗެއް ކިހިނެއް އެނގެނީ؟"
"ހަމަ އެނގެނީ،" ޝިފާޒްގެ ޖަވާބު ކުރެވެ.
ހަވީރު ހިޔާ ޖެހުމުން ޔަޒްދާ ބޭރަށް ނުކުމެލި އެވެ. މަޑު ހިނގުމެއްގައި އަތިރިމައްޗަށް ނުކުތެވެ. އެ ސަރަހައްދަކީ ބޮޑު ވެލިގަނޑެއް އޮންނަ ސަރަހައްދެކެވެ. ޔަޒްދާ ގޮސް ޖޯއްޔެއްގައި އޮށޯވެލި އެވެ. ދުރުދުރުން ފެންނަމުން ދިޔައީ ކުޑަކުދިންނާއި އެ ކުދިންގެ މައިންބަފައިންނެވެ. ކުޑަކުދިންތައް ފެނުމުން ޔަޒްދާ ބަނޑުގައި އަތް ކާއްތާލި އެވެ. އެ ވަގުތު ކަމެއް ފާހަގަ ކުރެވުނެވެ. ބަނޑު ތަންކޮޅެއް ބޮޑުވެފައި ހުއްޓެވެ. އެހާ އަވަހަށް ބަނޑު ބޮޑު ވާނެ ކަމެއް ޔަޒްދާއަކަށް ކުރިއަކުން ނޭނގެ އެވެ. ޔަޒްދާ އޮތީ ކާނި ގަހެއް ދޮށުގައި ހުރި ޖޯއްޔެއްގަ އެވެ. ޔަޒްދާ އޮތް ދިމާލުގެ މަތީގައި ކާޅެއް އިނެވެ. ޔަޒްދާއާ ދިމާލަށް ކަޅި ޖަހާނުލައި ބަލަހައްޓައިގެންނެވެ. އެ ކާޅު އެހެން ކާޅުތަކަށް ވުރެ މާ ބޮޑެވެ.
ޖެހެމުން ދިޔަ މަޑު ވައިރޯޅި ޔަޒްދާގެ ފަން އިސްތަށިގަނޑުގައި ބީހެމުން ދިޔަ އެވެ. ޔަޒްދާއަށް ލޯ މަރާލެވުނެވެ. އަދި ހިނިތުންވެލި އެވެ. ލޯ މަރާލުމާއެކު ފެނުނީ ޝިފާޒެވެ. ޔަޒްދާ ގާތަށް އަންނަ މަންޒަރެވެ. ޔަޒްދާ ގާތުގައި މީހަކު ހުރިހެން ހީވެގެން ލޯ ހުޅުވާލި އެވެ. ކައިރީގައި ހުރީ ބުޝްރީ އެވެ. ޔަޒްދާގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވި އެވެ. އެ މަންޒަރު ބުޝްރީއަށް ވެސް ފާހަގަ ކުރެވުނެވެ.
"މި ވަގުތަކީ ވަރަށް ހިތްގައިމު ވަގުތެއް ދޯ؟ ޔަޒްދާ ކީއްވެ އެކަނި މިތާ ތި އޮންނަނީ؟" ބުޝްރީ އަހާލި އެވެ.
"ކަމެއް ނުވޭ،" ރުންކުރުވެފައި ޔަޒްދާ ބުންޏެވެ.
"ކީއްވެތަ މަށާ ތި ގޮތަށް ތި ވާހަކަ ދައްކަނީ؟" ދެރަވެލާފައި ބުޝްރީ ބުންޏެވެ.
"ބުޝްރީއަށް ހަމަ ނޭނގިގެންތަ ތި އަހަނީ؟" ޔަޒްދާ ބުނެލި އެވެ.
"އާނ. ކޮބާ މަގޭ ކުށަކީ؟ ތި ގޮތަށް ހިތްހަމަނުޖެހިފައި މަށާ ވާހަކަ ދައްކާތީ މަ ވަރަށް ދެރަވޭ،" ބުޝްރީ ބުންޏެވެ.
"ބުޝްރީ ކީއްކުރަން އަހަރެންގެ ފިރިމީހާ މަރާލަން އުޅުނީ؟" ތުރުތުރުއަޅާ އަޑަކުން ޔަޒްދާއަށް އަހާލެވުނެވެ.
"އޭނ؟ މަ؟ ކޮން އިރަކު؟ މަ ކީއްކުރަން ކުރާނެ ކަމެއް އެއީ؟" ބުޝްރީ ސުވާލު ކުރި އެވެ.
"ތިއެއް އެނގޭނީ ބުޝްރީއަށް. އެކަމަކު މަށަށް ވެސް އެނގޭ ކަމެއް އެއީ. އަހަރެން ހިއެއް ނުކުރަން ބުޝްރީ ތިއީ ތި ކަހަލަ މީހެއް ކަމަކަށް،" ޔަޒްދާ ބުންޏެވެ.
"އެކަމަކު މަ ނުކުރަމޭ އެ ކަހަލަ ކަމެއް. ކާކު ދެއްކި ވާހަކައެއް ތިއީ؟"
"ޝިފާޒް،" ޔަޒްދާ ބުންޏެވެ.
"ޝިފާޒޭ؟ ކޮން އިރަކު؟" ހައިރާންވެފައި ބުޝްރީ އަހާލި އެވެ.
"ކޮންމެ އިރެއްގައި ވިޔަސް ބުޝްރީއަށް ހެވެއްނު. އެއީ ހަގީގަތެއް ދޯ؟ އެ ވަރުގެ ނުބައި ކަމެއް ކުރުމުގެ ބޭނުމަކީ ކޮބާ؟" ޔަޒްދާ އަހައިލި އެވެ.
"މަ ހުވާކޮށްފައި މި ބުނީ މަށެއް އެއް އިރަކު ވެސް ނޫޅެން ޝިފާޒަށް އެ ވަރުގެ ދެރައެއް ދޭކަށް. އެކަމަކު ޝިފާޒް ނިޔާވުމުން މަ ބޭނުންވޭ ޔަޒްދާއާ ކައިވެނި ކުރަން. އެހެންވެ އަންހެނުން ވެސް ވަރިކޮށްފިން،" ބުޝްރީ ބުންޏެވެ.
"އަމައްޔާތް. ތި ކަހަލަ ވިސްނުމެއް ވެސް ބުޝްރީއަށް އައީ ކިހިނެއް؟ މަ ނޫޅެން ބުޝްރީއާ އިންނާކަށް،" ޔަޒްދާ ޖޯލިން ތެދުވި އެވެ. އަދި ހިނގައިގަތެވެ. "ޝިފާޒް މަރެއް ނުވޭ. އޭނާ އެބަ އުޅޭ."
ގަހުގައި އިން ކާޅު އެ ވަގުތު ގޮވާލި އެވެ. ބުޝްރީ މަތި ބަލާލި އެވެ. ކާޅު އެއިރު އުދުއްސައިގަތެވެ. ބުޝްރީ އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ޝިފާޒް މަރެއް ނުވެއޭ ޔަޒްދާ އެ ބުނީ ކީއްވެ ހެއްޔެވެ؟ ނަފުސާނީ ގޮތުން މާ ބޮޑަށް ބަލިކަށިވެފައި ހުރުމުން ހެއްޔެވެ؟ ބުޝްރީގެ ހިތުގައި ސުވާލު އުފެދުނެވެ. ވަގުތުން ނަސީފްމެން ގެއާ ދިމާލަށް ސައިކަލުގައި މިސްރާބު ޖެހި އެވެ.
"ކަލޭއަށް ވަގުތު ވެއްޖެ ދޯ؟" ބުޝްރީ ފެނުމުން ނަސީފް ބުންޏެވެ. "މިހާރު މަ ބުނި ކަންތައް ވެއްޖެތަ؟"
"އަހަރެންނެއްނު ތި ސުވާލު ކުރަންވީ،" ހިތްހަމަނުޖެހިފައި ބުޝްރީ ބުންޏެވެ. އަދި އުނދޯލީގައި އިށީނެވެ.
-ނުނިމޭ-