ވާހަކަ: ގަބުރުސްތާނު

ވާހަކަ

ވާހަކަ: ގަބުރުސްތާނު - ސައުވީސްވަނަ ބައި

ދެ މީހުން ކާގެއަށް ވަނީ އެކުއެކީގަ އެވެ. އެ ވަގުތު ކާ ކޮޓަރީގެ ކުޑަދޮރާ ދިމާލުގައި ހުރި ގަސްތައް ހެލިލި އެވެ.
24 މާރިޗު 2025

އެޕިސޯޑް 24

"ކީއްކުރަން މަ މިތަނަށް ތި ގެނައީ؟" ޖިންނި ބުންޏެވެ.

"ކަލޭ ކީއްކުރަން މީހުންނަށް އަނިޔާ ކުރަނީ؟ އެއްވެސް ހައްގަކާ ނުލައި ބަދޫރާއަށް އެހާ ބޮޑެތި ތަކުލީފުތަކެއް ތި ދެނީ ކީއްވެ؟" މުދިންބެ އެހި އެވެ.

"ކަލެއަކަށް ނޭނގޭނެ އޭނަ ކުރީ ކީއް ކަމެއް. ނުބެހޭ ކަންތަކާ ބެހުމުގެ ނަތީޖާ މިއީ،" ޖިންނި ބުންޏެވެ. ޖިންނިންނަކީ މަކަރާއި އޮޅުވާލުމުގައި މާހިރުންނެވެ. ދޮގެއް ހެދެން އޮތް ތާކު ތެދެއް ނުހަދާނެ އެވެ. މީހުންގެ ހިތް މަރާލާއި އުންމީދުތައް ދުއްވާލުމަކީ ޖިންނިން ކޮށް އުޅޭ ކަންކަމެވެ.

"އެއީ ކޮން ކަމެއް؟" މުދިންބެ އެހި އެވެ. "ކަލޭމެންނަކީ އިންތިހާއަށް ދޮގު ހަދާ ބައެއް."

"އެހެން ވެއްޖިއްޔާ މަ ކީއްކުރަން މިތަނަށް ގެނައީ؟ ކަލޭމެން ސުވާލު ކުރާކަށްނު ތި ގެނައީ؟" ޖިންނި ބުންޏެވެ.

"ސުވާލު ކުރާކަށް ނޫން. ކަލޭ މީނަ ދޫކޮށްލާފައި ދާނީތޯ ނުވަތަ އަންދާލަންވީތޯ އަހަން މި ގެނައީ،" މުދިންބެ ބުންޏެވެ. "މީނަ ކުރީ ކޮން ކަމެއްހޭ؟ ކޮން ކަމަކާ ބެހުނީހޭ؟"

"އޭނަ އެ ހާލުގައި މަރުވެދާނީ. އޭނައެއް ސަލާމަތެއް ނުކުރެވޭނެ،" ހިނިގަނޑެއް ޖަހާލަމުން ޖިންނި ބުންޏެވެ. ބަދޫރާގެ މަންމަ އިތުރަށް މާޔޫސްވާ ގޮތްވި އެވެ.

"ކަލޭމެން ދައްކާހާ ވާހަކައެއް އަހަރުމެން ގަބޫލެއް ނުކުރާނަން. ބުނޭ ބަދޫރާ ދޫކޮށްލާނީތަ ނޫނީ ކަލޭ އަންދާލަންވީތަ؟" މުދިންބެ ބުންޏެވެ.

"އައްދެ، ކަލޭމެން ހާދަ ފޮނިބޮޑޭ ދޯ. ތިހެން ހަމަ އިންޒާރެއް ދޭ އިރަކަށް އަހަރުމެން ނުސިހޭނެ. ކަލޭމެންނަށް މަ އަންދާލެވޭނީ ވަރަށް މަސައްކަތް ކޮށްގެން،" ފަހުރުވެރިވެފައި ޖިންނި ބުންޏެވެ.

"އެހެންތަ ހީވަނީ؟ ކަލެއަށް ވެސް އެނގޭނެ މަށަކީ ކޮން ކަހަލަ މީހެއްކަން. އަދި ކަލޭމެންނާ ދޭތެރޭ މަ ކަންތައް ކުރާނީ ކިހިނެއްކަން ވެސް ކަލެއަށް ހަމަ ރަނގަޅަށް އެނގޭނެ،" މުދިންބެ ބުންޏެވެ.

"ކަލޭ ތީ ކޮންމެ މީހަކަށް ވިޔަސް މަށަށް ވަރިހަމަ. މަ ބޭނުމެއް ނޫން ކަލޭތީ ކާކުތޯ ބަލާކަށް،" ޖިންނި ބުންޏެވެ.

ޖިންނި ބެލީ ވާހަކަ ގިނަ ކުރެވޭތޯ އެވެ. ބޭކާރު ވާހަކަ ދައްކައިގެން ވަގުތުތައް ދެންމޭތޯ އެވެ. ޖިންނިންނަކީ އެ ކަހަލަ ބައެކެވެ. ހަގީގަތަށް އެއްޗެއް ބުނާނީ މަދު ފަހަރަކު އެވެ. އަބަދުވެސް ބަލާނީ މަކަރު ހަދައި އޮޅުވާލައިގެން އިންސާނާގެ ބޮލަށް އެރެވޭތޯ އެވެ. ގިނަ ފަހަރު ވަނީ ވެސް އެހެންނެވެ. އިންސާނާގެ ބޮލަށް އެރިގެން އޭނާ ލައްވައި ހުރިހާ ފާފައެއް ކުރުވަ އެވެ. ބޭކާރު ކަންތައް ވެސް ކުރުވަ އެވެ. އިންސާނާ މާޔޫސް ކޮށްލާ ކަންކަން ވެސް ކުރުވަ އެވެ. އެކަން ވިސްނޭ އިރު ގިނަ ފަހަރު އޮންނަނީ ވަގުތު ފާއިތު ވެފަ އެވެ.

"ކަލޭގެ އުނދަގޫ ވަރަށް ބޮޑު ވެއްޖެ. ހަމަ މިހާރު މި އަންދާލަނީ،" އަޑު ހަރުކޮށް މުދިންބެ ބުންޏެވެ.

"މަށަށް ހެޔޮ މަ އަންދާލިޔަސް. މަ މަރުވާ އިރަށް އަނެއްކާވެސް ޖިންނިއެއް އަންނާނެ. މަށަށް ވުރެ މާ އުނދަގޫ ކުރާނެ. މާ ޖެއްސުން ކުރާނެ. މާ ދެރަ ވެސް ދޭނެ،" ޖިންނި ބުންޏެވެ. އެއީ މީހުން މާޔޫސްކޮށް ގޮތް ހުސްކޮށްލަން ޖިންނިން އާންމުކޮށް ބުނެ އުޅޭ އެއްޗެކެވެ. ނަސްރީނާ އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ލޯބިވާ ދަރިފުޅަށް ލިބެމުން ދާ އަނިޔާތައް ބަލަން ކެތްނުކުރެވިފަ އެވެ. ނަމަވެސް އޭނާ މުދިންބެއަށް އިތުބާރު ކުރެ އެވެ. ވުމާއެކު ހިންދިރުވާލާފައި އިނީ އެވެ. ލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތައް އެތެރެއަށް ހިންދާލި އެވެ.

"ތިއީ ކަލޭމެން އާންމުކޮށް ކިޔާ އުޅޭ އެއްޗެއް. ތިހެން ބުނާހާ އެއްޗެއް އަހަރުމެން ގަބޫލެއް ނުކުރާނަން،" ޖޯޝާއެކު މުދިންބެ ބުންޏެވެ. "އަހަރުމެންނަށް ވެސް ގޮތެއް ހުހެއް ނުވާނެ."

"ތިހާ މޮޅު ގޮތްތައް އޮތިއްޔާ އެ ގޮތަކަށް ކަންތައް ކޮށްބަލަ،" ޖިންނި ބުންޏެވެ.

އެތައް އިރަކު ވާހަކަތައް ދެކެވުނެވެ. ނަމަވެސް މުދިންބެ ބޭނުންވާ މިސްރާބަކަށް ވާހަކައެއް ނުގެންދެވުނެވެ. ކޮންމެ ފަހަރަކު ވެސް ޖިންނި ވާހަކަ އޮޅުވާލަނީ އެވެ. ތަނަށް ވެރިވީ މަޑު ހަމަހިމޭންކަމެކެވެ. އެ ވަގުތު ބަދޫރާ ލޯ މަރާލި އެވެ. ދެ ވަނަ ސިކުންތުގައި ލޯ ހުޅުވާލި އެވެ. އަދި ވަށައިގެން ތިބި އެންމެންނަށް ބަލާލި އެވެ. މުދިންބެއަށް ޔަގީންވީ ޖިންނި ފިލީ ކަމަށެވެ. ދެން ކިޔަވައިގެން މިރޭ ނުވެސް އަންނާނެ އެވެ. މުދިންބެ ކޮޅު ގަދަ ކުރަން ޖެހޭނީ ކޮންމެވެސް މޮޅު އެތި ފަހަރެއް ހަދާށެވެ. އެހެން ނޫނީ މިކަން ކުރިއަކަށް ނުދާނެ އެވެ. އެއީ މުދިންބެގެ ވިސްނުން ހުރި ގޮތެވެ.

ޔަޒްދާ އިންތިޒާރު ކުރަމުން އައި ރެއަކީ މިރެ އެވެ. އެއީ ސާދަ ވިލޭރެ އެވެ. ޝިފާޒް ގެއަށް އަންނާނަމޭ ބުނެފައި އޮތީ މިރެ އެވެ. ރޭގަނޑުގެ ކެއުން ޔަޒްދާ ތައްޔާރު ކުރި އެވެ. ޝިފާޒަށް އެންމެ މީރު ކެއުމެވެ. ޔަޒްދާ ބޭނުންވީ އެ ރެއަކީ ހަނދާނުން ނުފިލާ ކަހަލަ ރެއަކަށް ހެދުމަށެވެ. އެތައް ދުވަހެއް ކޮށްފައި ލޯބިވާ ފިރިމީހާ ގެއަށް އަންނާތީ އޭނާ ހުރީ އުފަލުންނެވެ. ދުރާލާއި އެތައް ކަމަކަށް ތައްޔާރު ވެގެންނެވެ. އެތައް ބައިވަރު ވާހަކައެއް ދައްކަން ބޭނުންވެފަ އެވެ. ޔަޒްދާ ގަޑިއަށް ބަލާލި އެވެ. އޭރު ގަޑިން އަށްގަޑި ބައި ވަނީ އެވެ. ގޭތެރޭގައި ދެކޮޅަށް ހިނގަމުން ދިޔަ އެވެ. ދެން ގޮސް ސޯފާގައި އިށީނެވެ. އެއަށް ވުރެ އަވަހަށް ތެދުވި އެވެ. ޓީވީ ހުލުވާލި އެވެ. ކަމުދާ އެއްޗެއް ނާންނާތީ ނިއްވާލި އެވެ. ޔަޒްދާގެ ހިތް ބާރަށް ތެޅެމުން ދިޔަ އެވެ. އެ ހިތުގެ ވިންދުގެ އަޑު ޝިފާޒަށް އިވޭނެ ނަމައޭ އޭނާގެ ހިތަށް އެރި އެވެ. ކުއްލިއަކަށް ގޭ ދޮރުގައި މީހަކު ޓަކި ޖެހި އެވެ. އުފަލުން ހުރި ޔަޒްދާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވާލި އެވެ. ކުރިމަތީގައި ހުރީ 'ޝިފާޒް' އެވެ. ޔަޒްދާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

"ތިހެން ބަލަހައްޓައިގެން ހުންނާނީތަ؟ އެތެރެއަށް ވަންނާކަށް ވެސް ނުބުނާނަންތަ؟" ހިނިތުންވެފައި ހުރި ޝިފާޒް އަހާލި އެވެ.

"އާދޭ!" ޔަޒްދާ އެހެން ބުނުމާއެކު ޝިފާޒް އެތެރެއަށް ވަނެވެ. ބައެއް ޖިންނިންނަކީ ދައުވަތު ދިނުމުން ނުވަތަ ހުއްދަ ދިނުމުން ތިމާ އުޅޭ ތަނަކަށް ވަދެވޭ ބައެކެވެ. އެހެން ނޫނީ އެ ސޮރުމެންނަކަށް އެ ތަންތަނަކަށް ނުވަދެވޭނެ އެވެ.

ޔަޒްދާ ގޮސް ސޯފާގައި އިށީނެވެ. އަދި ޝިފާޒް ގާތުގައި އިށީނުމަށް ބުންޏެވެ.

"އަމިއްލަ ގޭގައި ބީރައްޓެއްސެއްހެން ތި އުޅެނީ ކީއްވެތަ؟ އަހަރެން ބުނީމަތަ ކޮންމެ ކަމެއް ކުރާނީ؟" ހިނިތުންވެލާފައި ޔަޒްދާ ބުންޏެވެ.

"އެއީ ޔަޒްދާގެ ތި ލޯބި އަޑުން އަހަރެން ގާތު ކޮންމެ ކަމަކަށް ބުނޭތޯ ބަލާލަން. ތި އަޑު އަހާއަހާ ނުވޭ ފޫއްސެއް. ހިތަށް އަރާ އަބަދުވެސް ތި އަޑު ކަންފަތުގައި ހަރުލާފައި ހުންނަ ނަމައޭ." ޝިފާޒް އެހެން ބުނުމުން ޔަޒްދާގެ މޫނު ލަދުން ގޮސް ރަތްވި އެވެ. އަދި އިސްޖަހާލި އެވެ.

"ދެން ޝިފާޒް އުޅޭ ގޮތެއް،" ލަދުން އިނދެ ޔަޒްދާ ބުންޏެވެ. "ހިނގާ ކާން. ހުންނާނެ ވަރަށް މީރު އެއްޗެއް ހަދާފައި."

"ޔަޒްދާގެ އަތުން ތައްޔާރުކޮށްފައި ކޮންމެ އެއްޗެއް ދިނަސް މީރު ވާނެ،" ޝިފާޒް ބުނެލި އެވެ.

ދެ މީހުން ކާގެއަށް ވަނީ އެކުއެކީގަ އެވެ. އެ ވަގުތު ކާ ކޮޓަރީގެ ކުޑަދޮރާ ދިމާލުގައި ހުރި ގަސްތައް ހެލިލި އެވެ. ގަސްތައް ތެރެއިން ބޯ ދިއްކޮށްގެން ހުރީ ބުޝްރީ އެވެ. ހުޅުވާފައި ހުރި ކުޑަދޮރުން ފެންނަން ހުރީ ޔަޒްދާ އެވެ. ގޮނޑިގައި އިށީނދެ އިން މީހާއެއް ބުޝްރީ އަކަށް ނުފެނެ އެވެ. ކުޑަދޮރު ހުޅުވާފައި ހުރިލެއް ކުޑަކަމުން އޭނާ އިނީ ނިވާ ވެފަ އެވެ. ދައްކަމުން ދިޔަ ވާހަކައެއް ވެސް ބުޝްރީއަކަށް އަޑެއް ނީވެ އެވެ. ބުޝްރީ ހިތަށް އެރި އެވެ. ޔަޒްދާ އެ ވަރަށް ހީހީފައި ވާހަކަ އެ ދައްކަނީ ކާކާ ހެއްޔެވެ؟ އޭނާގެ ހަޔާތުގައި އިތުރު މީހަކު ހުރީ ހެއްޔެވެ؟ ހުރި ނަމަ އެއީ ކާކު ހެއްޔެވެ؟

ބުޝްރީ އެކި ގޮތްގޮތަށް ބަލަން މަސައްކަތް ކުރި އެވެ. ނަމަވެސް ގޮނޑީގައި އިން މީހާއެއް ނުފެނުނެވެ. ޔަޒްދާ ހިނިތުންވެލައިގެން އެ މީހަކާ ވާހަކަ ދައްކަމުން ގެންދިޔަ އެވެ. އެ މަންޒަރު ބަލަން ބުޝްރީއަށް ކެތެއް ނުކުރެވެ އެވެ. އެ ވަގުތު ބުޝްރީއަށް ފޯނެއް އަ އެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ފޯނު ނަގަން ނުނަގަން ހުއްޓައި ޔަޒްްދާ އަންނަ ތަން ފެނުނެވެ. ބުޝްރީ ގަސްތަކާ ނިވާވި އެވެ. ޔަޒްދާ މޭގައި އަތް އަޅައިގެން އައީ ބުޝްރީ ހުރި ދިމާލަށެވެ. ޔަޒްދާ އޯކަށް ދެމިފައި ހޮޑުލި އެވެ. ބުޝްރީ ނިވާ ވެގެން ހުރި ގަހާ ދިމާލަށެވެ. އެކަމަކު ބުޝްރީ ގަޔަށް ވެސް އޭގެ އަސަރު ކުރި އެވެ. ވީ ފޫހިން އެ ތަނުން ނުކުމެގެން ދިޔަ އެވެ. ޔަޒްދާ އެނބުރުނީ ޝިފާޒްއާ ދިމާލަށެވެ. އޭރު ޝިފާޒް ހުރީ ޔަޒްދާއާ ދާދި ގާތުގަ އެވެ.

-ނުނިމޭ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް