ވާހަކަ: ގަބުރުސްތާނު

ވާހަކަ

ވާހަކަ: ގަބުރުސްތާނު - ތޭވީސްވަނަ ބައި

'އުހުނ. މަމީ ޖިންނިއެއް،' ހިނިގަނޑެއް ޖަހާލަމުން 'ނަސީފް' ބުންޏެވެ. އެއީ ތެދެއް ކަމެއް އޭރު ބުޝްރީ އަކަށް ނޭނގެ އެވެ.
23 މާރިޗު 2025

އެޕިސޯޑް 23

އެ ވަގުތު އަޑު ވެސް ހުއްޓުނެވެ. ދެން ފެނުނީ ބިރުން މީހާ ހަލާކުވާ ވަރުގެ މަންޒަރެކެވެ. ކުރިމަތިން ފެންނަން އޮތީ މާ ސިންގާ ބޮޑު ހިޔަޅެއް ފާޑުގެ އެއްޗެކެވެ. އޭތި އޮތް ދިމާލުގައި ފަނޑު އަލިކަމެއް އޮތެވެ. އޭގެ ދެ ލޯ ހީވަނީ އަލިފާންކޮޅެއް ހެންނެވެ. ހަށިގަނޑުގައި އޮތީ ކަޅުކުލައިގެ ކެހެރިތަކެއް ފަޅާފަ އެވެ. އޭތި ވަށައިގެން ވަށްބުރެއްހެން އޮތީ އަލިފާން ރޯވެފަ އެވެ. އަނގަ ހުޅުވައިގެން އޮތް އިރު ދޫ އޮތީ ބޭރަށް ނުކުމެފަ އެވެ. ބުޝްރީގެ މޭގަނޑު އަނގައަށް ނައީ ކިރިޔާ އެވެ. ހަދާނެ ގޮތެއް ނޭނގުނެވެ. ދުއްވައިގަންނަން ވެސް ހުރީ ހަނދާން ނެތިފަ އެވެ. އިނގިއްޔެއް ވެސް ގުޑާނުލައި ބަލަހައްޓައިގެން ހުރީ އެވެ. އޭތި ދެން ހަދާނީ ކިހިނެއް ކަމެއް ނޭނގޭތީ ބުޝްރީއަށް ވެސް ގޮތެއް ހަދާކަށް ނުކެރުނެވެ. ދުއްވައިގަންނަން ބޭނުމެވެ. އެކަމަކު އޭނައަށް ވުރެ ބާރަށް އޭތި ދުވާނެކަން އޭނައަށް ޔަގީނެވެ. ވުމާއެކު ދުއްވައިގަންނާކަށް ނުކެރުނެވެ. އޭތި ނޭފަތުން ނޭވާ ނުކުންނަ ކޮންމެ ފަހަރަކު ދުންގަނޑެއް ނުކުމެ އެވެ.

ކުއްލިއަކަށް އޭތި ހިނގަން ފެށި އެވެ. ހަތަރު މޮއްގަނޑު ޖަހައިގެން އޮތް އެ ސޮރު އަންނަން ފެށީ ބުޝްރީއާ ދިމާލަށެވެ. ވަކި ހިސާބަކުން ހިނގުން ބާރުކޮށްލަމުން އައިސް ދުއްވައިގަތެވެ. ދުވަމުން އައި ވަރަކަށް ބުޝްރީ ދިޔައީ ބިރުގަންނަމުންނެވެ. ދުވަމުން އައިސް ބުޝްރީގެ މޫނު މައްޗާ ދިމާލަށް އެ ސޮރު ފުންމާލި އެވެ. އެ ވަގުތު ބުޝްރީ މޫނުގައި އަތް އެޅި އެވެ. އެ ސޮރު ދުންކޮޅަކަށް ވެގެން މައްޗަށް އަރައިގެން ދިޔަ އެވެ. ބުޝްރީއަކަށް އެއްވެސް ގެއްލުމެއް ނުވެ އެވެ. އެ ވަގުތު ބުޝްރީގެ ކޮނޑުގައި މީހަކު ހިފާލި އެވެ. ގަނެފައި ހުރި ބިރެއްގެ ބޮޑުކަމުން ފަހަތް ބަލާލާކަށް ނުކެރުނެވެ. އެ މީހަކު ދެ ފަހަރަކު ބުޝްރީގެ ކޮނޑުގައި ޖަހާލި އެވެ. މަޑުމަޑުން ބުޝްރީ މޫނުމަތިން އަތް ނެގި އެވެ. އަދި އެ ހުރި ގޮތަށް ހުރީ އެވެ. ފަހަތެއް ނުބަލަ އެވެ. އަނެއްކާވެސް އޭނާ ބުޝްރީގެ ކޮނޑުގައި ޖަހާލި އެވެ. ބުޝްރީ ފަހަތަށް އެނބުރި ބަލާލި އެވެ. މަޑުމަޑުންނެވެ. ކުރިމަތީ ހުރީ ނަސީފެވެ. ނަސީފްކަން ޔަގީން ކުރުމަށް ބުޝްރީ ބޭނުންވި އެވެ. ނަމަވެސް ހަދާނެ ގޮތެއް ނޭނގުނެވެ. އަހާލާނީ ކީކޭ ކަމެއް ވެސް ވިސްނުމަކަށް ނަ އެވެ. ދެ މީހުން ކުރެ އެކަކު ވެސް އަނގައިން ނުބުނެ ތިއްބެވެ. އިރުކޮޅަކު އެހެން ހުރެފައި ބުޝްރީ ވާހަކަ ދެއްކި އެވެ.

"ކީއްވެފައިތަ ބަލަހައްޓައިގެން ތި ހުންނަނީ؟" ނަސީފް ސުވާލު ކުރި އެވެ.

"ތިއީ ހަމަ ނަސީފްތަ؟" ބުޝްރީ އަހައިލި އެވެ.

"އުހުނ. މަމީ ޖިންނިއެއް،" ހިނިގަނޑެއް ޖަހާލަމުން 'ނަސީފް' ބުންޏެވެ. އެއީ ތެދެއް ކަމެއް އޭރު ބުޝްރީ އަކަށް ނޭނގެ އެވެ.

"ކަލޭ ކީއްކުރަންތަ މި ކަހަލަ ތަންތަނަށް އަންނާށޭ ބުނަނީ؟ މި ނޫން ތަންތަން މި ރަށުގައި ހުންނާނެ،" ގެންފައި ހުރި ބިރު ފޮރުވަން މަސައްކަތް ކުރަމުން ބުޝްރީ ބުންޏެވެ.

"މިތަން ކިހިނެއްވީތަ؟ އަނެއްކާ ކަލޭ މާ ބޮޑަށް ބިރުގަތީތަ؟" ބުޝްރީއާ ދިމާލަށް ބަލާލަމުން 'ނަސީފް' ބުންޏެވެ.

"މަ ކޮން ބިރެއް ގަންނާކަށް؟ އެކަމަކު ދެންމެ ފެނުނު ކަހަލަ މަންޒަރެއް ކަލެއަށް ފެނުނު ނަމަ ކަލޭ ވެސް ބިރުން ކުޑަކަމުދެވޭނެ،" ބުޝްރީއަށް ބުނެވުނެވެ.

"އަނެއްކާ ކޮން ކަހަލަ މަންޒަރެއް ކަލެއަށް ފެނުނީ؟" "ނަސީފް" އަހައިލި އެވެ.

"ދެން އެ ވާހަކަ ބާއްވާ،" ނިތްކުރިން ހިއްލާފައިވާ ދާތައް ފޮހެލަމުން ބުޝްރީ ބުންޏެވެ. "މިހިރީ ކަލޭ ގެންނަން ބުނި އެއްޗެހި. ދެން މިއަށް ހަދާނެ ގޮތެއް ހަދާބަލަ. މި ފަހަރު ޖެހޭނެ ރަނގަޅު އެތިފަހަރެއް ހަދަން. އޭނަ މަށާ ހެދި މޮޔަވާ ކަހަލަ އެއްޗެއް."

'ނަސީފް' ދަތްކުނޑި ވިކައިގަތެވެ. ނަސީފްގެ ސިފައިގައި އައިސް ހުރީ އަހުމަރެވެ. ޔަޒްދާއަށް ނިސްބަތްކޮށް އެއްޗެކޭ ބުޝްރީ ބުނާ އިރަށް އަހުމަރު ރުޅިގަދަވެ އެވެ. ނަމަވެސް ކޮންޓްރޯލް ކުރަނީ އެވެ. ނަސީފަށް ހެޔޮވަރުގެ ލަގާއެއް ދޭނަމޭ އަހުމަރުގެ ހިތުގައި އޮވެ އެވެ. ބުޝްރީ ނަގާފައި ދިން އެއްޗެހީގައި އަހުމަރު ހިފި އެވެ. އަދި ބުޝްރީއަށް ބަލާލި އެވެ. އެ ވަގުތު އޭނަގެ ލޮލުގައި ހުރީ ހުދު ކުލަ އެވެ. ކަޅިއެއް ފެންނަން ވެސް ނެތެވެ. ނަމަވެސް ބުޝްރީއަށް އެ މަންޒަރެއް ނުފެނެ އެވެ. ބުޝްރީ ދިޔައީ ވާހަކަ ދައްކަމުންނެވެ. ހިތްހަމަނުޖެހިފައި ހުރި އަހުމަރު ހިތަށް އަރަމުން ދިޔައީ މިހާރުން މިހާރަށް ބުޝްރީގެ ދުވަސް ދުއްވާލުމަށެވެ.

"އިނގޭ؟" ބުޝްރީ ބުނި އަޑު އިވުނެވެ.

"އޭނ؟" 'ނަސީފް' ބުންޏެވެ.

"ކަލޭ ކޮން ހިޔާލަކަށް ގެއްލިފައި ތި ހުންނަނީ؟ މަ މި ދެއްކި ވާހަކައެއް އަޑެއް ނީވުނުތަ؟" ބުޝްރީ އަހާލި އެވެ.

"ނޫން. އަޑު އިވުނޭ. މަ ބުނި ގޮތަށްތަ މި އެއްޗެހި ގެނެސް މިހު ރީ؟ އެއްވެސް އެއްޗެއް ކަލޭ އަތުން ބިންމައްޗަށް ވެއްޓުނުތަ؟" 'ނަސީފް' އެހި އެވެ.

"އެއްވެސް އެއްޗެއް ނުވެއްޓޭ. ހަމަ ކަލޭ ބުނި ގޮތަށް،" ފަރާތް ފަރާތަށް ކަޅި ހިންގަމުން ބުޝްރީ ބުންޏެވެ. އޭނާ ހުރީ ބިރުން ހަލާކުވާ ވަރު ވެފަ އެވެ. "ދެން ހިނގާ މިތަނުން ދާން."

"ހާދަ އަވަހަކަށް ނުދެވިގެން ތި އުޅެނީ. ކަލޭ ތަނަކަށް ދާން ލަސް ވަނީތަ؟" 'ނަސީފް' ސުވާލު ކުރި އެވެ.

"މިތަން އަނދިރިކަމުން މަ ވަރަށް ޖެހިލުންވޭ. މި ކަހަލަ ތަންތަނަށް މަ އެހާ އަންނަ ހިތެއް ނުވޭ،" ބުނާނެ ނުބުނާނެ އެއްޗެއް ނޭނގިގެން ބުޝްރީ ބުންޏެވެ. "ކަލޭ ކީއްވެތަ މި ކަހަލަ ތަނަކަށް އަންނާށޭ ބުނީ؟"

"މީހަކަށް ފެނިދާނެތީ. މި ކަހަލަ ކަންކަމަކީ ވަރަށް ސިއްރުން ކުރާ ކަހަލަ ކަންކަން. ކަލޭ ތި ހީކުރާހާ ބާރުމިނުގައި ނުކުރެވޭނެ. އަދި މި ކަންކަން ކުރާކަށް އެހާ ފަސޭހައެއް ވެސް ނުވާނެ. ހިތް އަވަސް ވެގެން ނޫޅޭތި. މި އެއްޗެހި އަދި ހަވާލު ކުރިޔަސް ފަހަރެއްގައި ކަންތައްތައް ދާ ގޮތުން ކާމިޔާބުވާލެއް ލަސް ވެސް ވެދާނެ،" 'ނަސީފް' ކިޔައިދިނެވެ. ހަގީގަތް އޮޅުވާލަން އޭނާ މަސައްކަތް ކުރި އެވެ.

"އާނ. އެންމެ ރަނގަޅޭ. މަ ކެތްކުރާނަން. މިހާ ދުވަހު ވެސް ކެތްކުރީތާ. ދެން ވެސް ކުރާނީ. މި ރެއަށް މި ނިމުނީނު. މަ ދެން ގެއަށް ދަނީ. ކަލޭ ހުރޭ މިތާ،" ސައިކަލަށް އަރަމުން ބުޝްރީ ބުންޏެވެ.

ބުޝްރީ ދިޔުމުން އަހުމަރު އޭނާގެ އަސްލު ސިފައަށް ބަދަލުވި އެވެ. އަދި އަތުގައި ހުރި ތަކެއްޗަށް ބަލާލި އެވެ. އެއީ ކިހާކާއި ހިރިގަލާއި ޔަޒްދާގެ ހެދުމުގެ ފޮތިކޮޅެވެ. އަހުމަރު އެ އެއްޗެހި ބިންމައްޗަށް ވައްޓާލި އެވެ. އަދި އެ ތަކެތީގައި ރޯކޮށް، އަންދާ އަޅިއަށް ހަދާލި އެވެ. މަކަރުވެރި ހިނިތުންވުމެއް އަހުމަރުގެ ތުންފަތް މައްޗަށް ވެރިވި އެވެ. އަދި އުފާ ވެސް ވި އެވެ. ދެ ފިޔަ ހުޅުވާލާފައި ރުއްތައް މަތިން އުދުހިގަތެވެ.

ބަދޫރާމެންގެއަށް މުދިންބެ ދިޔަ އިރު ގަޑިން ބަރާބަރު ނުވައެއް ޖެހީ އެވެ. އޭރު ހުސެން އާއި ބަދޫރާގެ މަންމަ ތިބީ މުދިންބެގެ އިންތިޒާރުގައެވެ. މުދިންބެ ހޯދަން ބުނި ބައެއް ތަކެތި ހިފައިގެންނެވެ. ބަދޫރާއަށް އޮތީ ނިދިފަ އެވެ. އޭނާއަށް ނިދެނީ ނިދާ ބޭސް ދީގެންނެވެ. ބަދޫރާއަށް އެކި ކަހަލަ އުނދަގޫތައް ވެ އެވެ. ބޮލުގައި ރިއްސުމާއި ނޭނގި ބޮޑުކަމު ދެވުމާއި އަބަދު ބަނޑުގައި ރިއްސުން ފަދަ ކަންކަމެވެ. ހޮޑު ވެސް ލެވެ އެވެ. ހުސެން އުންމީދު ކުރީ އެ ހުރިހާ އުނދަގުލެއް މުދިންބެ ލުއިކޮށްދޭނެ ކަމަށެވެ.

"އޭނައަށް އޮތީ ނިދިފައި. ގޮވާލަންވީތަ؟" ބަދޫރާގެ މަންމަ ބުންޏެވެ.

"ނޫން. ގޮވާނެ ކަމެއް ނެތް. ނިދާފައި އޮތިއްޔާ މާ ރަނގަޅުވާނެ. ހުދު ބެޑްޝީޓެއް އޭނަ ގައިމަތީ އަޅާ." މިއީ މުދިންބެ ކިޔަވަން އަންނަތާ ފަސް ވަނަ ރެ އެވެ. އަދިއެއް އެއްވެސް ލުޔެއް ބަދޫރާއަކަށް ނުވެ އެވެ. އެކަމާ އެންމެ ކަންތައް ބޮޑު ވަނީ ބަދޫރާގެ މަންމަ އެވެ.

"މިއީ އިމްތިހާނެއްގެ ގޮތުގައި ބަލާ. ކެތްތެރިވާން ވާނެ. އަދި ކާމިޔާބު ވާނެ،" މާޔޫސްވެފައިވާ ބަދޫރާގެ މަންމަގެ މޫނަށް ބަލާލަމުން މުދިންބެ ބުންޏެވެ. އޭނާ ހިނިތުންވެލި އެވެ.

މުދިންބެ ކިޔަވަން ފެށި އެވެ. ކިޔަވަމުން އެކި ކަހަލަ މާ ބަދޫރާއާ ދިމާލަށް އުކަމުން ދިޔަ އެވެ. ކިޔެވުން މެދާ ހަމައަށް ދިޔަ ތަނާހެން ބަދޫރާ ދެ ލޯ ހުޅުވާލި އެވެ. ހަމަ ކުއްލިއަކަށެވެ. އޭނާއަށް ހީވީ އޭނަގެ ހަތަރެސްފައި ބަނދެފައި އޮތް ހެންނެވެ. ނަމަވެސް ބަދެވިފައި އޮތީ އޭނަގެ ހަށިގަނޑު އެތެރޭގައި އޮތް ޖިންނި އެވެ.

"މަ ދޫކޮށްލާ!" ވަގުތުން ޖިންނި ބުންޏެވެ. ބަދޫރާގެ އަރުތެރެއިން ނުކުތް އަޑަކީ ދެ ފިރިހެނުންގެ އަޑު އެއްވީމާ ނުކުންނަ ކަހަލަ އަޑެކެވެ. "އަޑެއް ނީވޭތަ؟ މަ ދޫކޮށްލާށޭ."

"ކަލޭގެ އަމުރަށް އަހަރުމެން ޖެހޭތަ ތަބާވާން؟" ކިޔެވުން ހުއްޓާލާފައި މުދިންބެ ބުންޏެވެ. ހުސެން އާއި ބަދޫރާގެ މަންމަ ތިބީ ހައިރާންވެފަ އެވެ. ދަރިފުޅުގެ ކަޅި ހުރީ މަޑު ނޫކުލައެއްގަ އެވެ.

"ކީއްކުރަން މަ މިތަނަށް ތި ގެނައީ؟" ޖިންނި ބުންޏެވެ.

-ނުނިމޭ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް