ވާހަކަ: ގަބުރުސްތާނު

ވާހަކަ

ވާހަކަ: ގަބުރުސްތާނު - ބާވީސްވަނަ ބައި

އެކަމަކު ވަރުކަނދު ގަހުގެ ވަށައިގެން ފައިބައިފައި އޮންނަ ފަލަ މޫތަކުގެ ތެރެއިން ދެތިން އިންސާނުންނަށް ދިރިއުޅެވޭހާ ބޮޑު ޖާގައެއް އޮވެ އެވެ.
22 މާރިޗު 2025

އެޕިސޯޑް 22

"ޝިފާޒް؟" ޔަޒްދާއަށް ބުނެވުނެވެ. އަދި ދެ ލޯ މަރާލި އެވެ.

"ހިނގާ ގެއަށް ދޯ؟" ޝިފާޒް ކުއްލިއަކަށް ބުންޏެވެ.

"ކާކު؟" ބައްތިއަކުން އަލި ކުރަމުން ދުރުން މީހަކު އަންނަ ތަން ފެނުނެވެ. ޔަޒްދާގެ އަތުގައި ހިފައިގެން ޝިފާޒް ދުއްވައިގަތެވެ. ގަބުރުސްތާން ބަލަހައްޓާ މީހާއަށް ފެންނަނީ އެންމެ މީހަކު ދުވާ ތަނެވެ. އެއީ ކާކު ކަމެއް ވަތްކެއް ނުވެ އެވެ. ނަމަވެސް އެއީ ކާކުތޯ ބަލަން ޔަޒްދާގެ ފަހަތުން އޭނާ ވެސް ދުއްވައިގަތެވެ. ސަހަރާއިން ބޭރަށް ނުކުމެފައި ޔަޒްދާ ގޮވައިގެން ޝިފާޒް ވަނީ ކުރިމަތީ ފެންނަން ހުރި ގޭ ގަސްތަކެއްގެ ތެރެއަށެވެ.

"އަހަރެން ދާން ވެއްޖެ،" ބަންގި ގޮވަން ކައިރިވި ވަރަކަށް ޝިފާޒް ހިތް ބިރުގަންނަމުން ދިޔައެވެ.

"ދެން މާދަން ރޭ ދޯ؟" ޔަޒްދާ ބުނެލި އެވެ.

އަހުމަރު އުޅެމުން ދިޔައީ ފަޅު ރަށެއްގައި ހެދިފައިވާ ވަރަށް ފުން ބިންގަރާހެއްގަ އެވެ. އެ ތަން ހުންނަނީ އެ ރަށު އެންމެ ގަސް ގިނަ ހިސާބުގައި ހެދިފައި ހުންނަ ވަރުކަނދުު ގަހުގެ ދަށުގަ އެވެ. އެ ތަނަށް ވަންނަން އިންނަނީ ބޮޑު ހޮރެއް ކޮނެފަ އެވެ. ބޭރުން ބަލާ މީހެއްގެ ލޮލުގައި އެ ތަނެއް އަޅައެއް ނުގަންނާނެ އެވެ. އެކަމަކު ވަރުކަނދު ގަހުގެ ވަށައިގެން ފައިބައިފައި އޮންނަ ފަލަ މޫތަކުގެ ތެރެއިން ދެތިން އިންސާނުންނަށް ދިރިއުޅެވޭހާ ބޮޑު ޖާގައެއް އޮވެ އެވެ. އަހުމަރަށް ކޮންމެ ކަމެއް ޖެހުނަސް ވަގުތުން ވަގުތަށް ކުރެވެ އެވެ. ހަގީގަތުގައި އިފުރީތުންނަކީ މާ ގިނައިން ދަތުރު ކުރާ ބައެއް ނޫނެވެ. އެއް ތަނުން ގެއްލިފައި އަނެއް ތަނަކަށް ފާޅުވާ ބައެކެވެ. އޭގެ ފައިދާ އަހުމަރަށް ކުރެ އެވެ. އަހުމަރު އިނީ އިސްޖަހާލައިގެންނެވެ. ކުއްލިއަކަށް މުޅި ތަނަށް ލޮޅުން އެރި އެވެ. އަލި ވިދުވަރެއް ވެސް ވިދާލި އެވެ. ވީ ކީއްކަން އަހުމަރަށް އެނގުނެވެ.

"ބައްޕާ!" އަހުމަރަށް ބުނެވުނެވެ.

"ކަލޭގެ ތި ދުލުން މަށަށް ބައްޕަ ކިޔާނެ ކަމެއް ނެތް. އަހަރެން ބުނާ ގޮތް ނުހަދަންޏާ އަހަރެންގެ ދަރިއަކަށް ވެސް ކަލޭ ނުވާނެ،" ޖީލާން ގާތަށް ހުރީ ވަރަށް ރުޅި އައިސްފަ އެވެ. "އަހަރެން އެ ވަރުން ނުކުރާށޭ ބުނި ކަމެއް ކަލޭ ޖެހޭތަ ކުރަން؟"

"އެކަމަކު ބައްޕާ. މިހާރު އެއީ އަހަރެންގެ އަނބިމީހާ. އަހަރެންނަށް އޭނާއާ ވަކިންނެއް ނޫޅެވޭނެ. ބައްޕަ ވެސް ޖެހޭނީ އެކަން ގަބޫލު ކުރަން،" އާދޭހާއެކު އަހުމަރު ބުންޏެވެ.

"އަހަރުމެން ޖެހޭނެ އިންސާނުންނަށް ވުރެ ޖެހިލުން ކުޑަވާން،" ޖީލާން ބުންޏެވެ. "އެ މީހުންގެ ބޮލުތެރެއަށް އަހަރުމެންނަށް އެރެވޭނެ. އަހަރުމެންނަށް އެ މީހުން ފެންނާނެ. އަހަރުމެންގެ މުށުތެރެއަށް އިންސާނާ ލެވޭނެ. އެކަމަކު އޭގެ ކުރިން އަހަރެންނަށް ހީވަނީ އަހުމަރު ތި ހުރީ އިންސާނެއްގެ މުށު ތެރޭގައި ތާށިވެފައިހެން. ކީއްވެ އަބަދު އިންސާނުން ބޭނުންވާ ގޮތަށް ކަންތައް ވާންވީ؟ ދެން އެހެންނެއް ނުވާނެ. އަހުމަރު ކިތަންމެ ބޭނުން ވިޔަސް ޖެހޭނީ ތިކަން ހުއްޓާލަން. އެހެން ނޫނީ އަހަރެންނަށް ޖެހޭނީ އޭނަގެ ފުރާނަ ނެތް މަސްގަނޑު ކަލޭއާ ހަވާލު ކުރަން."

"އޭނާ ބޭނުން ވެގެން އުޅޭ ވަރަށް ވުރެ ބޮޑަށް އަހަރެން މިކަން ބޭނުން. އޭނަ އަހަރެންނަށް އެއްވެސް ގެއްލުމެއް ނުދޭ. އެކަމަކު އޭނަގެ ކުށުން އަހަރެން އޭނައާ އަޅައިގަތީ. ބައްޕައަށް ވެސް އެނގޭނެ އެކަން،" ހިތްދަތިވެފައި އިން އަހުމަރު ބުންޏެވެ. "އޭނާއަށް ނަމަނަމަ ގޮތެއް ނުހަދާތި. އަހަރެން މަރުވެދާނެ."

"އެހެން ވިއްޔާ ތިކަން ހުއްޓާ. އަހުމަރު މިހާރު އަހަރެންގެ ނުގަބޫލުގައި ކިތައް ކަންތައް ކޮށްފިން؟ އިންސާނުން މަރައި، އެ މީހުން މޮޔަކޮށް ތި ހަދަނީ ކީއްކުރަން؟ ކޮބާ ބޭނުމަކީ؟" ޖީލާން ސުވާލު ކުރި އެވެ.

"އެއީ އަހަރެންގެ މަގުސަދަށް ހުރަސް އަޅާ މީހުން. އެ މީހުން ޖެހޭނީ ނެތިދާން،" އަހުމަރު ބުންޏެވެ.

ޖީލާން ދެ ފަރާތަށް ބޯ ހޫރުވާލި އެވެ. ޅަ އިރުއްސުރެ އަހުމަރަކީ ބޯހަރު، ގޮތްދޫ ނުކުރާ މީހެކެވެ. ކޮންމެ ކަމެއްގައި ވެސް ދޫ ދޭން ޖެހެނީ ދެން ތިބޭ މީހުންނަށެވެ. ކޮންމެ ކަމެއް ވެސް އަހުމަރު ކުރާނީ އޭނަ އެންމެ ބޭނުންވާ ގޮތަށެވެ. އެއީ އަބަދުވެސް ކަންކަން ހިނގާ ގޮތެވެ. ޖީލާންއަށް އެ ވަރު ވިސްނެ އެވެ. ނަމަވެސް މި ފަހަރު އަހުމަރު ހިފާފައި އެ ހުރީ ރަނގަޅު ކަމަކާއިގެންނެއް ނޫނެވެ. އެ ކަމުގައި އުޅެނިކޮށް އޭނަގެ ފުރާނަ ވެސް ހިނގައިދާނެ އެވެ. އެ މަންޒަރު ބަލާކަށް ޖީލާންއަކަށް ކެތެއް ނުވާނެ އެވެ. ވިސްނައިދިނުމަކީ ޖީލާންގެ ވާޖިބެކެވެ. ވުމާއެކު އޭނާ އެކަން ކުރީ އެވެ.

ވިއްސާރަ އަލިވެއްޖެ އެވެ. ފުސްވިލާތައް އުދަރެހުން ކެހި، ދުވާލުގެ ރާޖާ ދަރުބާރަށް ނުކުތެވެ. އިރުގެ އަލިން މުޅި ރަށް ދިއްލާލި އެވެ. ފަތްތަކުގައި ހަރުލާފައި ހުރި ފެން ތިކިތައް އަލިމަސްތަކެއް ހެން ބަބުޅަން ފެށި އެވެ. ބިމުގައި ހެދިފައިވާ ފެންފޮދުގެ ތެރެއަށް ވެއްޓޭ ފެންތިކީގެ އަޑަށް އަޑު ހަމަކުރި ރާޅުބާނިތައް ކުޅަދާނަކަން ދައްކަން ފެށި އެވެ. އެ ވަގުތު ބުޝްރީ ނުކުމެގެން ދިޔައީ ފަރީހާގެ ގެއިން މުޅި އުމުރަށެވެ. ފަރީހާ ވަރި ކުރީ އާއިލާގެ ހާޒިރުގަ އެވެ. ސައިކަލަށް އަރައި އަވިއައިނު ލޮލަށް ހެޔޮވަރުކޮށްލި އެވެ. ހިތްހަމަޖެހުމުގެ ފުން ނޭވާއެއް ހަށިފުރައި ލި އެވެ. އަދި ސައިކަލްގެ އިންޖީނު ހިންގާލައި ދުއްވާލި އެވެ. މިސްރާބު ހުރީ ވަކި ދިމާލަކަށެވެ. އެއީ ރަށުގެ ފުށްޓަރު ފަރާތެވެ. އެ ތަނަށް ދިޔައީ ހިރިިގަލެއް ހޯދާށެވެ. އެކި ގާ ފުރޮޅަމުން ދިޔަ އެވެ. ބުޝްރީ ހިތްހަމަޖެހޭ ވަރުގެ ގަލަކާ ދިމައެއް ނުވި އެވެ. ތަންކޮޅެއް ފުނަށް އެރިލި އެވެ. ބުޝްރީ ހުރީ ފައިކުރި އޮޅައިގެންނެވެ. ބައިގަޑިއެއްހާ އިރު ފަހުން ކަމުދާ ކަހަލަ ހިރިގަލެއް ލިބުނެވެ. ރަނގަޅަށް ދޮވެލައިގެން އަތް މައްޗަށް އެ ލައިގެން އެއްގަމަށް އެރި އެވެ. ސައިކަލު މަޑި ދަށުން ފެން ފުޅިއެއް ނަގާފައި އެ ދޮވެލި އެވެ. އެއީ ނަސީފް ކިޔަވާފައި ދިން ފެން ފުޅިއެކެވެ. ދެން ކޮތަޅަކަށް އެ ގާ ލި އެވެ. އަދި ސައިކަލު މަޑި ދަށަށް އޭތި ލި އެވެ. ނަސީފް ބުނީ އެ ނެގުމަށް ފަހު ބިންމަތީގައި އެ ގާ ނުޖެއްސުމަށެވެ.

ދެން ދިޔައީ ރުއް ވާ ތެރެއަށެވެ. ގޮސް، ކުރި ކިހާއް ރުކެއް ހޯދި އެވެ. ނަސީބަކުން އެ ރުއް ހުރީ އަތް ފޯރާ ހިސާބުގަ އެވެ. އެއިން އެންމެ ހެޔޮވަރު ވަރުގެ ކިހާކެއް އެޅި އެވެ. އަދި އެ ވެސް ސައިކަލު މަޑި ދަށަށް ލި އެވެ. ބުޝްރީގެ މޫނުމަތިން ފެނުނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ކުރަން އުޅޭ ކަންތައް ކާމިޔާބުވާ ކަމުގެ ފެހި ސިގުނަލު ބުޝްރީއަށް ލިބެމުންދިޔަ އެވެ. ނަމަވެސް ބުޝްރީގެ ކޮންމެ ފިޔަވަޅެއްގެ ކުރިއަށް ހަ ފިޔަވަޅު އަހުމަރު ހުރީ އަޅަން ތައްޔާރު ވެގެންނެވެ. ބުޝްރީ ކުރާ ކޮންމެ ކަމެއް އަހުމަރު ދިޔައީ ދާދި ގާތުން ބަލަމުންނެވެ. އެ ކަންކަން ކާމިޔާބު ނުވާނެހާ ހުރިހާ ގޮތަކަށް އަހުމަރު ކަންތައް ކުރާނެ އެވެ. ޔަޒްދާ ކާމިޔާބު ކުރަން ބުޝްރީއަކަށް ނުކެރޭނެ އެވެ. އަހުމަރު ހުރީ ދުރާލައި އެކަމަށް ތައްޔާރު ވެގެންނެވެ. ކަންތައް އަތް ނުފޯރާ ފަށަށް އަރައިފި ނަމަ ބުޝްރީގެ ދުވަސް ދުއްވާލަން ވެސް އަހުމަރު ހުރީ ބޭނުންވެފަ އެވެ.

ބުޝްރީ ގަޑިއަށް ބަލާލި އެވެ. ގަޑިން ދަންވަރު ބާރަ ޖެހި އެވެ. އޭނާ އެތަނުގައި ހުންނަތާ 45 މިނެޓް ވެއްޖެ އެވެ. އަދިވެސް ނަސީފެއް ނާދެ އެވެ. ގަޑި ކިޔާފައި ގަޑިއަށް ނައުމަކީ ނަސީފްގެ އާންމު ކަމަކަށް ވެއްޖެ އެވެ. ގުޅީމަ ފޯނެއް ނުނަގަ އެވެ. މެސެޖަކަށް ޖަވާބެއް ނުދެ އެވެ. ބުޝްރީ ހުރީ ގަސްތަކެއްގެ މެދުގަ އެވެ. އެތަނުގައި މިދިލިގަހާއި ބޯކެޔޮގަހާއި ދިއްގާ އަދި ކުރެދި ގަސްތައް ހުއްޓެވެ. ބުޝްރީ ހުރި ދިމާއިން، ރާޅު ޖަހާ އަޑު ފިޔަވާ އެހެން އަޑެއް ނީވެ އެވެ. އަނދިރި ކަމުން އޭނާ ހުރީ ފޯނުން އަލިކޮށްގެންނެވެ.

"ނަސީފް ވެސް ބުނާނެ މި ކަހަލަ ތަންތަނަށް އަންނަން،" ހިތާހިތުން ބުޝްރީ ބުންޏެވެ. "މި ނޫން ތަންތަން ވެސް މި ރަށުގައި އޮންނާނެއެއްނު."

ކުއްލިއަކަށް ހާ ގޮވާ އަޑު އިވުނެވެ. އަޑު އަންނަނީ ކޮން ދިމާލަކުން ކަމެއް ނޭނގެ އެވެ. ބުޝްރީ ވަށައިގެން ހޯދާލި އެވެ. އެއްވެސް މީހެއް ނުވަތަ އެއްޗެއްގެ ހިލަމެއް ނެތެވެ. ދެން، ހަމަހިމޭންވި އެވެ. އިރުކޮޅެއް ނުވެ ކުއްލިއަކަށް ބުޅާ ކޯޅޭ އަޑު ކަހަލަ އަޑެއް އިވުނެވެ. މި ފަހަރު އަޑު އައީ ބުޝްރީގެ ފުރަގަހުންނެވެ. ބުޝްރީއާ ދާދި ގާތުންނެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވަންނަން ފެށި އެވެ. ކިތަންމެ ހަމަޖެހޭ ކަމަށް ހެދިގެން ހުއްޓަސް ދާހިއްލަން ފެށި އެވެ. މީހާ ހޫނު އަރައި ތެމިއްޖެ އެވެ. ވައި ހިޔަންޏެއް ވެސް އެ ތަނަކަށް ނުޖެހެ އެވެ. ބުޝްރީ ހުރީ ފަހަތް ބަލަން ބޭނުންވެފަ އެވެ. އެކަމަކު ނުކެރިފަ އެވެ. އެ އަޑު ބުޝްރީއާ ގާތް ވަމުން ދިޔަ އެވެ. ބުޝްރީ ހުރި ސައިކަލުގައި ލެނގިގަނެގެންނެވެ. އަޑު އަންނަލެއް ކައިރި ކަމުން މަޑުމަޑުން ކުރިއަށް ފިޔަވަޅެއް ނެގި އެވެ. އެ ވަގުތު އަޑު ވެސް ހުއްޓުނެވެ. ދެން ފެނުނީ ބިރުން މީހާ ހަލާކުވާ ވަރުގެ މަންޒަރެކެވެ.

-ނުނިމޭ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް