ވާހަކަ: ގަބުރުސްތާނު

ވާހަކަ

ވާހަކަ: ގަބުރުސްތާނު - އެކާވީސްވަނަ ބައި

އެ ވަގުތު ގަހުގެ ގޮފިގަނޑު ހެލިލި އެވެ. އެތަނަށް ވައިރޯޅިއެއްގެ ހިޔަންޏެއް ވެސް ނުވެ އެވެ. އެހެން ވެއްޖިއްޔާ ގަހުގެ ގޮފިގަނޑު ހެލިލީ ކީއްވެ ހެއްޔެވެ؟
21 މާރިޗު 2025

އެޕިސޯޑް 21

ހިނގުމަކަށް ބަދަލެއް ނުގެނެ އެވެ. އިރުކޮޅަކު ހިނގާފައި ލޯ ހުޅުވާލި އެވެ. ކުރިމަތީ ހުރީ ވަހީދާގެ ގެ އެވެ. މަގުމަތީގައި އަލިކަން ވެސް ހުއްޓެވެ. ފެނިގެން ދިޔައީ ބިރުވެރި މަންޒަރެކެވެ. ނަމަވެސް ވަހީދާ ހިތްވަރު ކުރި އެވެ. ދުވެފައި ގޮސް ގެއަށް ވަނެވެ. އަދި ދޮރު ލެއްޕި އެވެ.

މިރޭ ވެސް ހަމަ އެ ގަޑިއަށް ޔަޒްދާ ނުކުތެވެ. ހިތުގައި އެއްވެސް ކަހަލަ ބިރުވެރިކަމެއް ނެތެވެ. ޖެހިލުންވަނީ މި ގަޑީގައި ގަބުރުސްތާނަށް ވަންނަނިކޮށް މީހަކަށް ފެނިދާނެތީ އެވެ. އެ ނޫން އެއްވެސް ޖެހިލުންވުމެއް ނެތެވެ. ޔަޒްދާގެ ހިތުގައި އޮތީ އެންމެ ކަމެކެވެ. އެއީ މިރޭ ޝިފާޒް ކޮންމެހެންވެސް އަންނާނެ އެވެ. ރޭގައި ހިނގައިދިޔަ ކަންތަކުގެ ހަގީގަތް ކިޔައިދޭނެ އެވެ. އޭނަގެ ބައްޕަ މި ކަމާ ނުރުހެނީ ކީއްވެކަން ބުނެދޭނެ އެވެ.

ޔަޒްދާ ގޮސް އެހެންޏާ ވެސް އިންނަ ގަސް ދަށުގައި އިށީނދެލި އެވެ. ޔަޒްދާ މިރޭ އިނީ ދެ ހިޔާލެއްގަ އެވެ. ޝިފާޒް އަންނާނެތޯ ނުވަތަ ނޫންތޯ އެވެ. ބައެއް ފަހަރު އޭނާއަށް ހީވެ އެވެ. ޖީލާން ވެސް އަތުވެދާނެ އެވެ. ޔަޒްދާ މަތި ބަލައިލި އެވެ. އެ ވަގުތު ގަހުގެ ގޮފިގަނޑު ހެލިލި އެވެ. އެތަނަށް ވައިރޯޅިއެއްގެ ހިޔަންޏެއް ވެސް ނުވެ އެވެ. އެހެން ވެއްޖިއްޔާ ގަހުގެ ގޮފިގަނޑު ހެލިލީ ކީއްވެ ހެއްޔެވެ؟ ކުއްލިއަކަށް ގަހުން ފުންމާލީ ޝިފާޒެވެ. ޝިފާޒް ފެނުމާއެކު ޔަޒްދާ ދުވަމުން ގޮސް ބައްދާލި އެވެ. އެ ދޭތެރެއަށް ވައިރޯޅިއަކަށް ވެސް ނުވަދެވޭހާ ބާރަށެވެ. ޔަޒްދާގެ ހިތުގައި އެތައް ޝަކުވާއެއް ފުނިޖެހިފައި ހުއްޓެވެ. އޭނާ ބޭނުންވީ އެ ޝަކުވާ ފުނި ޝިފާޒްގެ ކުރިމައްޗަށް އޮއްސާލާށެވެ.

"ސިއްސައިގެންތަ ދިޔައީ؟" ޝިފާޒް އަހާލި އެވެ.

"ބޭނުމަކީ އެއީތަ؟" ޔަޒްދާ ވެސް ކޮށްލީ ސުވާލެކެވެ. "އަހަރެން ހީކުރީ މިރޭ ވެސް ނާންނާނެ ކަމަށް. ޝިފާޒްގެ ބައްޕަ ކަމަށް މިރޭ ވެސް އަންނާނީ."

"ކީއްވެ ތިހެން ތި ބުނީ؟" ޝިފާޒަށް ވާނުވާ ނޭނގޭ ކަހަލަ އެވެ.

"ޝިފާޒަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން މި ދައްކާ ވާހަކަ،" ޔަޒްދާ ކުޑަކޮށް ހިތްހަމަނުޖެހުނެވެ.

"ބައްޕަ އައީތަ މި ތަނަށް؟ ކޮން އިރަކު؟" ޝިފާޒް އަހާލިއެވެ.

"ރޭގައި. ރޭގައި ޝިފާޒް ނާންނަމެއްނު. ބައްޕައެއްނު އައީ. ކީއްވެތަ އަޅެ ޝިފާޒް ނައީ؟" ޝަކުވާ ކުރަމުން ޔަޒްދާ އެހި އެވެ.

ރޭގައި ޝިފާޒް ވެސް އެތަނަށް އަ އެވެ. ނަމަވެސް ޔަޒްދާއެއް ނުފެނެ އެވެ. އަދި އޭނަގެ ބައްޕައެއް ވެސް ނުފެނެ އެވެ. ޝިފާޒް އައީ އެހެންޏާ ވެސް އަންނަ ގަޑިއަށެވެ. ދިޔައީ ފަތިސްވާން އުޅެނިކޮށެވެ. ޝިފާޒް ހިތަށް އެރީ ޔަޒްދާ ނާންނަނީ ކަމަށެވެ. އެހެންކަމުން އެ ތަނުގައި ހިނގައިދިޔަ އެއްވެސް ކަމެއް ޝިފާޒްއަށް ނުފެނުނީތާ އެވެ. ބައްޕަ ހެދި ވަރުގަދަ ސިހުރެއްގެ ސަބަބުންނެވެ. އެކަން ޝިފާޒަށް ވިސްނުނެވެ. އެހެން ނޫން ނަމަ އޭނައަށް ހުރިހާ ކަމެއް ފެންނާނެ އެވެ. ކަން ހިނގައިދިޔަ ގޮތެއް އޭނައަކަށް ނޭނގެ އެވެ. ޔަޒްދާ ގާތު އަހަން ވެސް ޖެހިލުންވި އެވެ. ނަމަވެސް ދެއްކީ ކޮން ވާހަކައެއް ކަން ޝިފާޒް އެނގެން ބޭނުންވެ އެވެ.

"ސޮރީ. ރޭގައި އަހަރެންނަށް ކުޑަ ކަމެއް ދިމާވީ. އެހެންވެ ނާދެވުނީ. ދެން އެހެންނެއް ނުވާނެ،" ޝިފާޒް ބުންޏެވެ.

"ދެން ކީއްކުރަންތަ ބައްޕަ ފޮނުވީ؟ އަހަރެން ހުރީ ވަރަށް ޖެހިލުންވެފައި. އެކަނި މި ކަހަލަ ތަނެއްގައި ޝިފާޒްގެ ބައްޕައާ ވާހަކަ ދައްކަން ހުންނާކަށް ނުކެރޭނެއެއްނު،" ޔަޒްދާ ބުންޏެވެ.

"އަހަރެން ނުފޮނުވަމޭ. ބައްޕައަކީ ބައްޕައަށް ފެންނަ ގޮތަކަށް ކަންތައް ކުރާ މީހެއް."

"އެކަމަކު ބުނީމެއްނު ބައްޕަ އާއި ދައްތަ ޝިފާޒަށް ވަރަށް ރަނގަޅު ވާނޭ،" ޔަޒްދާ ބުންޏެވެ.

"އާނ. ރަނގަޅުވާނެ. ކިހިނެއްވީ ތިހެން ތި ބުނީ؟" ޝިފާޒް އަހައިލި އެވެ.

"ބައްޕަ ހިއެއް ނުވޭ އަހަރެންނާ މެދު އެހާ ހިތްހަމަޖެހޭ ހެންނެއް. މި ބުނީ މި ކައިވެންޏާ މެދު އެހާ ރުހޭ ހެންނެއް،" ޔަޒްދާ އިސްޖަހާލަމުން ބުންޏެވެ.

"ކިހިނެއްވީތަ؟ އެ ކަހަލަ އެއްޗެއް ބައްޕަ ބުނީތަ؟" ޝިފާޒް ބުންޏެވެ.

ހިނގައިދިޔަ ކަންތައް އަލިފުން ޔާއަށް ޔަޒްދާ ކިޔާދިނެވެ. ޖީލާން ދެއްކި ވާހަކަ އާއި ޔަޒްދާ ދެއްކި ވާހަކަތައް ވެސް ކިޔައިދިނެވެ. ޝިފާޒް އިނީ ހިތްހަމަނުޖެހިފަ އެވެ. ބައްޕަ ކަންތައް އެ ކުރީ ރަނގަޅަކަށް ނޫނޭ އޭނަ ހިތަށް އެރި އެވެ. އެކަމަކު ބައްޕައާ ކުރިމަތިލާން ވެސް އެހާ އުނދަގޫވާނެ އެވެ. ބައްޕަގެ ނުގަބޫލުގައި ކަމެއް ކުރާ ނަމަ ޖެހޭނީ ހަނގުރާމައަކަށް ދާށެވެ. ހަނގުރާމަ ފަތަހަ ކުރެވޭނެ ކަމުގެ މާ ބޮޑު ޔަގީންކަމެއް އޭނައަކަށް ނެތެވެ. ދެން އޮތީ އެންމެ ގޮތެކެވެ. އެ ގޮތަށް ކަންތައް ވެއްޖެ ނަމަ އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރެވޭނެ އެވެ.

"ޔަޒޫ އެ ކަމާ މާ ބޮޑަށް ނުވިސްނާ. އަހަރެން ބައްޕައަށް ވިސްނައިދޭނަން. ބައްޕަ އަހަރެންނާ ދެކޮޅެއް ނުހަދާނެ،" ޝިފާޒް ބުންޏެވެ.

"ޔަގީންތަ؟" ޔަޒްދާއަށް ޝައްކު ވެގެން އަހައިލިއެވެ.

"ދެން އެ ވާހަކަ ބާއްވާ. ޔަޒޫ މިރޭ ހާދަ ރީއްޗޭ،" ޝިފާޒަށް ޔަޒްދާގެ ހިތް ފަތަހަ ކުރާނެ މޮޅު ގޮތް އެނގެ އެވެ. ޔަޒްދާ ލަދުން އިސްޖަހާލި އެވެ.

"މިސާލަކަށް އަހަރެން މިއީ އެހެން މީހަކަށް ވެއްޖިއްޔާ ޔަޒޫ އަހަރެން ދެކެ ހަމަ ތިހާ ލޯބި ވާނަންތަ؟" ޝިފާޒް އަހައިލިއެވެ.

"ތި ބުނީ؟ އެހެން ކޮން މީހެއް؟" ޔަޒްދާއަކަށް ނުވިސްނުނެވެ.

"މި ބުނީ ދެން މިސާލަކަށް އެހެން މީހެއް. އަހަރެންގެ ހަގީގަތް އެނގޭ ދުވަހު ޔަޒޫ އަހަރެން ދެކެ ފޫހި ވެދާނެ،" ޝިފާޒް ބުންޏެވެ.

"ތިއީ އަހަރެންގެ ޝިފާޒް. އެހެން މީހެއް ނޫން. އަހަރެންނަށް ޝިފާޒްގެ ހުރިހާ ހަގީގަތެއް އެނގޭ. އަދި އެނގޭ މިންވަރު ފުދޭ،" ޔަޒްދާ ޝިފާޒްގެ މޭގައި ބޯ އަޅާލި އެވެ. ޔަޒްދާގެ ދަތްދޮޅީގައި ހިފާފައި ޝިފާޒް އިސްއިފުލުވާލި އެވެ. އަދި ޔަޒްދާގެ ތޫނު ކަޅިރަވައަށް ބަލާލި އެވެ. ޔަޒްދާ ވެސް ޝިފާޒްގެ ލޮލަށް ބަލަހައްޓައިގެން އިނެވެ. ފުންމިން ނޭނގޭ އެ ކަޅިރަވަ ތެރެއަށް ގެނބެމުން ޔަޒްދާ ދިޔަ އެވެ. ބޭއިހުތިޔާރުގަ އެވެ. ޔަޒްދާއަށް ލޯ މަރާލެވުނެވެ.

"މިހާރު ގަޑިން ކިހާ އިރެއްތަ؟" ޔަޒްދާ ތެދުވެފައި އަހައިލި އެވެ.

"ދާންވީތަ؟" ޝިފާޒް އަހައިލި އެވެ.

"އާނ. އެހާ ލަސްވީމަ ކަމަކު ނުދާނެ. މީހަކަށް ފެނިދާނެ."

"އަހަރުމެން މިއީ ދެމަފިރިންނޭ،" ޝިފާޒް ހަނދާންކޮށްދިނެވެ.

"ދެމަފިރިން ވެސް މި ކަހަލަ ތަންތާ ތިބޭކަށް ނުވާނެއެއްނު. ދެން ޝިފާޒް ހިނގާބަ ގެއަށް ދާން. ކޮން ދުވަހަކުންތަ ގެއަށް ދާނީ؟" ޔަޒްދާ ބުންޏެވެ.

"މި ފެށޭ މަހު ސާދަ ވިލޭރެއިން ފެށިގެން އަހަރެން އުޅޭނީ ތި ގޭގައި. އެކަމަކު ޔަޒްދާ ނުވާނެ އެއްވެސް މީހެއް ގާތު ބުނެގެންނެއް."

"އެ ކީއްވެ؟" ޔަޒްދާ ސުވާލު ކުރި އެވެ.

"ޔަޒޫ ކީއްވެތަ އެހާ ސުވާލު ގިނައީ؟" ޔަޒްދާގެ ކޮލުގައި ހިފާލަމުން ޝިފާޒް ބުންޏެވެ. ޔަޒްދާ ހިނިތުންވެލި އެވެ.

"އަސްލު ޔަޒޫ ބިރެއް ނުގަނޭތަ މި ކަހަލަ ތަންތަނަށް އަންނާކަށް؟" ޝިފާޒް އަހައިލި އެވެ.

"ކުރިން ބިރުގަތް. ޖެހިލުން ވެސް ވި. އެކަމަކު މިހާރު ނުވޭ،" ޝިފާޒްގެ ގައިގައި ބައްދާލަމުން ޔަޒްދާ ބުންޏެވެ.

"ކީއްވެ ކުރިން ބިރުގަންނަނީ؟"

"ޝިފާޒަށް އެނގޭނު. ކުރިން ގޭގައި އެކަނި އުޅެން ވެސް ވަރަށް ބިރުގަނޭ. އެކަމަކު މިހާރު ނޭނގެ ކީއްވެ ކަމެއް. ޝިފާޒްއާ މި ފަހުން ދިމާވި ފަހުން ހުރިހާ ބިރެއް ފިލައި ހިނގައްޖެ،" ޔަޒްދާ ބުންޏެވެ.

"ދެން ބުނެބަލަ. ކޮން ދުވަހަކުން ޝިފާޒް ގޭގައި އުޅޭކަން މީހުންނަށް އަންގާނީ؟ ތިހެން ނުފެނި އުޅެ، އަހަރެން ޝިފާޒް ވާހަކަ ދައްކަންޏާ ހީވާނީ އަހަރެން މިއީ މޮޔައެކޭ،" ޔަޒްދާ ބުންޏެވެ.

"އަދި ތި ހުރިހާ ކަމެއް ވެސް ވާނޭ."

"އެހެން ބުނީމަ މި ހަނދާންވީ. ބަދޫއަށް އިނީ ފާޑެއްގެ ގޮތެއް ވެފައި. ވަހީދާ އަބަދު އަންނަނީ އެ ވާހަކަ ހިފައިގެން މަގޭ ގާތަށް. މަ ފޫހިވެގެން ބުނެފިން ތި ވާހަކަ ހިފައިގެން ދެން ނާންނައްޗޭ،" ޝިފާޒް ލައިގެން ހުރި ގަމީހުގެ ގިރުވާނާ ކުޅެމުން ޔަޒްދާ ބުންޏެވެ.

"ރަނގަޅު. މި ދުވަސްވަރު ރަނގަޅު ވާނީ އެހާ ގިނައިން މީހުންނާ ވާހަކަ ދައްކައި ނޫޅުނިއްޔާ. އެއީ އަހަރެން ވެސް އެހާ ރުހޭ ކަމެއް ނޫން،" ޔަޒްދާގެ ނިތްކުރިއަށް ބޮސްދެމުން ޝިފާޒް ބުންޏެވެ. "އަހަރެންނަކީ ވެސް މިހާރު މީހުންނަށް ވަރަށް ނުފެންނަ ކަހަލަ މީހެއް."

"އެހެންތަ؟" ހިނިގަނޑެއް ޖަހާލަމުން ޔަޒްދާ ބުންޏެވެ.

"މަށަށް ނިކަން ރަނގަޅަށް ބަލާލަބަލަ. ހިއެއް ނުވޭތަ މަށަކީ ތަފާތު މީހެއް ހެންނެއް؟" ޔަޒްދާގެ ދެ ލޮލަށް ބަލާލަމުން ޝިފާޒް ބުންޏެވެ.

ޔަޒްދާ ވަރަށް ފުންކޮށް ޝިފާޒަށް ބަލައިލި އެވެ. ތެދެކެވެ. އެ ލޮލުގައި އާދަޔާހިލާފު ބާރެއް އެބަ ހުއްޓެވެ. އެ ބެލުމުގައި ޖާދުލެއް ވާކަން ކަށަވަރެވެ. ކިތަންމެ ވަރަކަށް ބެލިޔަސް، ބަލައި ފޫހި ނުވާ ކަހަލަ ގޮތެކެވެ. ދޫކޮށްލާފައި ދުރަށް ދާން ބޭނުން ނުވާ ކަހަލަ ގޮތެކެވެ. ހިނދުކޮޅަކަށްޓަކައި ޔަޒްދާގެ ހުރިހާ ފިކުރެއް ހުސްވި ކަހަލަ އެވެ. ޔަޒްދާގެ ހިތުގެ ކޮންޓްރޯލް އަތުލި ކަހަލަ އެވެ.

"ޝިފާޒް؟" ޔަޒްދާއަށް ބުނެވުނެވެ. އަދި ދެ ލޯ މަރާލި އެވެ.

-ނުނިމޭ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް