ވާހަކަ: ގަބުރުސްތާނު

ވާހަކަ

ވާހަކަ: ގަބުރުސްތާނު - ސަތާރަވަނަ ބައި

ކުއްލިއަކަށް އޭނާގެ ދެ ލޯ ދިއްލުނެވެ. ހުދުކުލައިންނެވެ. ބަދޫރާއަށް ހުރެވުނުތަން ވެސް ނޭނގުނެވެ. މޭގަނޑު އަނގައަށް ނައީ ކިރިޔާ އެވެ.
17 މާރިޗު 2025

އެޕިސޯޑް 17

ވަކި ހިސާބަކުން ބަދޫރާ އެހެން މަގަކަށް އެޅީ އޭނާގެ ގެ ހުންނަ ހިސާބަށް ދިޔުމަށެވެ. އެއީ ވަރަށް އަނދިރި މަގެކެވެ. ބަދޫރާ އެކަނިމާއެކަނި ހިނގަމުން ދިޔަ އެވެ. ކުއްލިއަކަށް ވަރަށް ނުބައި ވަހެއް އޭނައަށް ދުވި އެވެ. ނޭފަތް މަތީ އަތް އަޅާފައި އެކި ދިމަދިމާލަށް ބަލާލި އެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. މީހުން އުޅޭ ސަރަހައްދު އޮތީ ތަންކޮޅެއް ދުރުގަ އެވެ. ހިނގަމުން ދަނިކޮށް އަރާ ހަމަވީ ފަޅު ގެއަކާ އެވެ. އެއީ ވަރަށް ކުރިން މީހުން އުޅުނު ގެއެކެވެ. ނަމަވެސް އުޅުނީ ތިންމައިންނެވެ. އޭގެ ތެރެއިން އެންމެ ދޮށީ އަންހެން ދަރި ވީ ނުވީއެއް ނޭނގި ގެއްލުނީ އެވެ. ބައެއް މީހުން ބުނާ ގޮތުން އެ ގޭ ތެރެއިން އެ ކުއްޖާ ފެނެ އެވެ. އަދި އެ ކުއްޖާ ރޯ އަޑު ވެސް އިވެ އެވެ. ވަރަށް ގިނަ މީހުންނަށް އެ ކަންކަން ވަނީ ތަޖުރިބާ ކުރެވިފަ އެވެ. އެއް ބަޔަކު އެކަން ގަބޫލު ކުރެ އެވެ. އަނެއް ބަޔަކު ބުނަނީ އެއީ ޔޯލަޔޯލަ ވާހަކައެއް ކަމަށެވެ. އެ ގޭގައި ދެން އުޅުނު ދެމައިން ދިޔައީ އެހެން ރަށަކަށެވެ. އެ މީހުންނަށް އެ ގޭގައި ނޫޅެވުނީ އެ އަންހެންކުއްޖާގެ އުނދަގުލުން ކަމަށް ވެސް ބައެއް މީހުން ބުނެ އުޅެ އެވެ.

ބަދޫރާ އެ ހިސާބަށް އެރި ތަނާ އެ ގޭގެ ފެންޑާގައި ހުރި އުނދޯލި ހެއްލެން ފެށި އެވެ. ބޭއިހުތިޔާރުގައި ބަދޫރާއަށް އެ ދިމާލަށް ބަލާލެވުނެވެ. އެ ވަގުތު އުނދޯލީގައި މީހަކު އިންތަން ފެނުނެވެ. އަނދިރިކަމުން އެއީ ކާކުކަމެއް ވަތްކެއް ނުވެ އެވެ. ބަދޫރާ ބިރުގަތެވެ. ޖެހިލުންވި އެވެ. އެކަމަކު އެއީ ކާކުތޯ ބަލާލަން ބޭނުންވި އެވެ. ވުމާއެކު އެ ގެއާ ކައިރިވެލި އެވެ. އަދި ރަނގަޅަށް ބަލާލި އެވެ. އެ ވަގުތު އުނދޯލި ހެއްލުން ހުއްޓުނެވެ. އަދި އޭގައި އިން މީހާ ބަދޫރާއާ ދިމާލަށް އެނބުރުނެވެ. އޭނަގެ ނޭފަތެއް ކަންފަތެއް ވަކިވާ ވަރެއް ނޫނެވެ. އަންހެނެއް ކަމެއް ފިރިހެނެއް ކަމެއް ވެސް ނޭނގެ އެވެ. ވަރަށް އަނދިރި އެވެ. ކުއްލިއަކަށް އޭނާގެ ދެ ލޯ ދިއްލުނެވެ. ހުދުކުލައިންނެވެ. ބަދޫރާއަށް ހުރެވުނުތަން ވެސް ނޭނގުނެވެ. މޭގަނޑު އަނގައަށް ނައީ ކިރިޔާ އެވެ. ބަދޫރާ ހުރީ ގުޑިލަން ވެސް ނޭނގިފަ އެވެ. އެ މީހާ ތެދުވި އެވެ. އަދި ބަދޫރާއާ ދިމާލަށް އަންނަން ފެށި އެވެ. ބަދޫރާ މަޑުމަޑުން ފަހަތަށް ޖެހުނެވެ. އެ މީހާ އައި ވަރަކަށް ބަދޫރާ ފަހަތަށް ޖެހެމުން ދިޔަ އެވެ. ކުއްލިއަކަށް އެ މީހާ ގެއްލުނެވެ. އެ ވަގުތު ބަދޫރާގެ ކޮނޑުގައި މީހަކު ހިފި އެވެ. ބަދޫރާ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. އަދި ފަހަތަށް އެނބުރުނެވެ. ފަހަތުގައި ހުރީ އެ މީހާ އެވެ. މުޅި ހަށިގަނޑުގައި ހުރީ ކަޅު ކުލައިގެ ކެހެރި ފަޅާފަ އެވެ. އިސްކޮޅުން އެހާ ދިގެވެ. ބަދޫރާއާ ދިމާލަށް އޭނާ ގުދުވެލި އެވެ. އެ ވަގުތު ބަދޫރާ ހޭނެތިގެން ވެއްޓުނެވެ.

ޔަޒްދާ ގެއަށް ދިޔަ އިރު ބުޝްރީ ހުރީ ޔަޒްދާމެންގޭ ދޮރުމަތީގަ އެވެ. އޭނާ ފެނުމުން ޔަޒްދާ ހިނގުން ބާރު ކޮށްލާފައި ގޮސް ގޯތިތެރެއަށް ވަނެވެ.

"ޔަޒްދާ! އިހަށް މަޑުކޮށްބަލަ. ވީ ގޮތެއް އަހަރެން ކައިރީ ބުނެބަލަ. ތިހެން އިގްނޯ ކުރީމައި އަހަރެން މި ހުންނަނީ ވާނުވާގައި. މީހަކު އެއްޗެކޭ ކީތަ؟ އަހަރެންނަށް ޔަޒްދާ ހިތްހަމަނުޖެހޭ ކަމެއް ކުރެވުނީތަ؟" ބުޝްރީ ބުންޏެވެ.

"އަހަރެން ބޭނުމެއް ނޫން ބުޝްރީއާ ވާހަކަ ދައްކާކަށް،" ޔަޒްދާ ގޭތެރެއަށް ވަންނަމުން ބުންޏެވެ.

"އެކަމަކު އެއީ ކީއްވެތަ؟ ސަބަބު ބުނެބަލަ."

"ސަބަބު ބުޝްރީއަށް ވެސް އެނގޭނެ،" ބުޝްރީ ހީކުރީ ޔަޒްދާ އެ ބުނަނީ އޭނައާ ކައިވެނި ކުރަން އުޅޭ ވާހަކަ ކަމަށެވެ. އެކަމާ ޔަޒްދާ ހިތްހަމަނުޖެހުނީ ކަމަށެވެ.

"އެކަމަކު އެއީ އަހަރެން ވަރަށް ބޭނުން ކަމެއް،" ބުޝްރީ ބުންޏެވެ. ބުޝްރީ އެހެން ބުނުމުން ޔަޒްދާ ބުޝްރީގެ މޫނުމަތީ ޖެހި އެވެ.

"ތިއީ ކޮން ކަހަލަ މީހެއް؟ އެ ކަހަލަ ކަންކަން ކުރަން ޖެހިލުމެއް ނުވޭތަ؟" ޔަޒްދާ ބުންޏެވެ.

"ކީއްވެތަ ޖެހިލުންވާންވީ؟ އެއީ ދީނުގައި ހަރާން ކަމެއް ނޫނޭ،" ބުޝްރީ ބުންޏެވެ.

"ބުޝްރީ ތި ހުރީ ދުނިޔެއިން މޮޔަވެފައި،" އެހެން ކިޔާފައި ޔަޒްދާ ދޮރު ލައްޕައި ތަޅުލިއެވެ. ބުޝްރީއަށް ހުރިތަނުގައި ހުރެވުނީ އެވެ. ގުޑާލަން ވެސް ނޭނގިފަ އެވެ.

"އަހަރެންގެ މީހަކަށް ޔަޒްދާ ހަދާނަން. އެއީ ޔަޒްދާގެ ނުގަބޫލުގައި ވިޔަސް ވަރިހަމަ،" ހިތާހިތުން ބުޝްރީ ބުންޏެވެ.

ސައިކަލް ޕާކް ކޮށްލާފައި ބުޝްރީ މަޑުކޮށްލީ ރަށުގެ އަތިރިމަތީގައި ހުންނަ ފިނިއަށީގަ އެވެ. އިރުކޮޅަކާ ގަޑިއަށް ބަލާލަ އެވެ. ހިތް އަވަސް ވެފައި ހުރި ވަރުން އޭނައަށް އެއް ތާކު އިންނަން ވެސް އުނދަގޫ ވެގެން އުޅުނެވެ. އެކަމަކު ކެތްކޮށްލައިގެން އިނީ އެވެ. ގަޑިއަކީ ދެ ނަމާދު ދޭތެރެ އެވެ. އަތިރިމަތީގައި ވަރަށް މީހުން މަދެވެ. ދުރުދުރުން ފެންނަން ތިބީ ހައެއްކަ މީހުންނެވެ. ބުޝްރީ ތެދުވި އެވެ. މަގާ ދިމާލަށް ބަލާލި އެވެ. މަގުގެ އަނެއް ކޮޅުން ދެތިން މީހަކު ފެންނަން ތިއްބެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔަ މީހާއެއް ނުފެނެ އެވެ. އަނެއްކާވެސް ގޮސް އަށީގައި އިށީނެވެ. އެ ވަގުތު އޭނަގެ ބުރަކަށީގައި އެއްޗެއް ޖެހުނު ހެން ހީވި އެވެ. ފުންމައިގެން ތެދުވި އެވެ. އަދި ބަލާލި އެވެ.

"މަށޭ، މަށޭ،" ނަސީފް އަށިން ތެދުވަމުން ބުންޏެވެ. ބުޝްރީ ފުން ނޭވައެއް ބޭރު ކޮށްލި އެވެ.

"ކަލޭ ކިހިނެއް ކުއްލިއަކަށް މިތަނަށް ތި އައީ؟" ވަށައިގެން ހޯދާލަމުން ބުޝްރީ ބުންޏެވެ. އަދި އަށީގައި އިށީނެވެ.

"މަ އައީ ވަލު ތެރެއިން. އެތާ އޮންނާނެ ހަނި މަގެއް، އެ ދިމާއިން ލާފައި އައީ،" ގަސްތަކާ ދިމާލަށް ބަލާލަމުން ނަސީފް ބުންޏެވެ.

"އެކަމަކު އެ ދިމާއަކު ނޫނެއްނު ކަލޭ އުޅެނީ. ރަށުގެ އެއްކޮޅުގައި ކަލޭ އުޅޭ ގެ. އަނެއްކޮކޮޅުގައި އަހަރުމެން މިތިބީ. ކަލޭ ކީއްކުރަން އެތަނަށް ވަދެ އުޅުނީ؟" ބުޝްރީ ސުވާލު އުފެއްދި އެވެ.

"ކަލޭ ތި އުޅެނީ މަށާ އިންޓަވިއު ކުރަންތަ؟ އެ ކަމަށްތަ މަ މިތަނަށް ތި ގެނައީ؟" ނަސީފް ބުންޏެވެ.

"ނޫނޭ. ވަރަށް ބޮޑު ކަމަކު ކަލޭ ގާތަށް މި އަންނަން ޖެހުނީ. މަ އަޑު އެހިން ކަލޭ އެ ކަހަލަ ކަންކަން ކުރާ ވާހަކަ،" ބުޝްރީ ބުންޏެވެ.

"ކޮން ކަހަލަ ކަމެއް؟" ދެ ބުމަ ގޮށްޖަހާލަމުން ނަސީފް އަހާލި އެވެ.

"އިސްތިރިއެއް ހަދައިދޭންވީ،" ވަރަށް ސިއްރުން ބުޝްރީ ބުންޏެވެ.

"ކަލޭއަށް ކިހިނެއް އެނގުނީ މަ އެކަހަލަ ކަންކަން ކުރާ ކަމެއް؟" ނަސީފް އަހައިލި އެވެ.

"ދެން އެނގިދާނެއެއްނު. ބުނެބަލަ ވާނެތަ؟"

"ފައިސާ އެބަ ހުރި؟" ނަސީފް ފުރަތަމަ ވެސް އަހާލި އެވެ.

"މަށަށް އެނގޭ ކަލޭ ފުރަތަމަ ވެސް އަހަނީ ތި ސުވާލުކަން. މަ މި އައީ ކަލޭ ހިތް ފުރޭ ވަރުގެ އަގެއް ހިފައިގެން. ބުނެބަލަ މި ކަން ވާނެތަ؟" ކެތްމަދުވެފައި ބުޝްރީ އެހި އެވެ.

"ކާކާ ހެދި މޮޔަވެގެން ތި އުޅެނީ؟" ނަސީފް ބުންޏެވެ.

"ޔަޒްދާ،" އެ ނަން އިވުމުން ނަސީފަށް ވީ ގޮތް ބުޝްރީއަކަށް ނުފެނުނެވެ.

"ޔަޒްދާ އަހަރެންގެ މީހަކަށް ހަދައިދޭންވީ. ވާނެތަ؟ ވަރަށް ޔަގީން ވާން ޖެހޭނެ،" ބުޝްރީ ބުންޏެވެ. ނަސީފް އެއްޗެކޭ ނުބުނެ މަޑުކޮށްލި އެވެ.

"ކިހިނެއްވީ؟" ބުޝްރީ ބުންޏެވެ. "ނުވާނެތަ؟"

"ވާނެ. ޔަގީން ތި ކަން ވާނެކަން،" ނަސީފް އެހެން ބުނި އިރު އޭނާ ހިތުގައި ވަރަށް ގިނަ އެއްޗެހި ރާވާލި އެވެ. "އެކަމަކު މަ ބުނީމެއްނު އޭނާއާ އަވަލައިގެން އުޅޭ ޖިންނިއެއްގެ ވާހަކަ. ކަލޭ އެކަން ހަނދާން ނެތުނީތަ؟"

"މަ ހީކުރީ އެކަން ނިމިއްޖެ ކަމަށް،" ބުޝްރީ ބުންޏެވެ. "އަދިވެސް އެ ޖިންނި އެބަ އުޅޭތަ؟"

"އާނ. މިހާރު އެ ދެ މީހުން ކުރިއަށް ވުރެ ވެސް ގާތް."

"އޭނ؟ ގާތޭ؟ ކަލޭ ކީކޭ ތި ކިޔަނީ؟" ބުޝްރީއަށް ބުނެވުނެވެ.

"ކަލޭ އެ ކަމާ ހާސް ނުވޭ. މަ މިހުރީނު. މަ ކަލޭއަށް ތި ކަން ވަރަށް ރަނގަޅަށް ކޮށްދޭނަން. އެކަމަކު ހިލޭ. މަ ބޭނުމެއް ނޫން އެންމެ ރުފިޔާއެއް ވެސް،" ވިސްނާލަމުން ނަސީފް ބުންޏެވެ.

"ހިލޭއޭ؟ އެ ކީއްވެ ހިލޭ؟" ބުޝްރީ އަޑު އަހާފައިވާ ގޮތުން ނަސީފަކީ އެންމެ ފައިސާ ފޮއްޗެއް ވެސް ދޫކުރާ މީހެއް ނޫނެވެ. އަދި އެހާ ދަހި މީހެކެވެ.

"އެއީ ދެން އަހަރުމެން ދެ މީހުންގެ ރައްޓެހިކަމުގައި މަ ކޮށްދޭ ކަމެއް."

"އަހަރެން ކީއް ކުރަންވީ؟ އެއްވެސް އެއްޗެއް ބޭނުންވާނެތަ މި ކަމަށް؟" ބުޝްރީ އަހާލި އެވެ.

"ކަލޭ އެއްވެސް ކަމެއް ކުރާނެ ކަމެއް ނެތް. ހުރިހާ ކަމެއް ވެސް ކުރާނީ މަ،" ނަސީފް ބުނެލިއެވެ.

"އެހެންވިއްޔާ ދެން ހިނގާ ގެއަށް،" ބުޝްރީ ބުންޏެވެ.

"ކަލޭ ނައްޓާލާ. މަ ދާނީ އަދި އިރުކޮޅަކުން،" ނަސީފް ބުންޏެވެ.

ހެނދުނު ނަސީފްގެ ކޯލެއް ބުޝްރީއަށް އަ އެވެ. ބުޝްރީ ހީކުރީ ކަންތައް ކޮށް ނިމުނީ ކަމަށެވެ. ވީ އުފަލުން އަވަސް އަވަހަށް ފޯނު ނެގި އެވެ.

"ކީކޭ؟ ކޮބާ ނިންމާލީތަ؟" ބުޝްރީ ބުންޏެވެ.

"ކޯއްޗެއް؟ މަށަށް ރޭގައި ނިދުނީއޭ. އެހެންވެ ނުދެވުނީ. ދެންމެ މި ހޭލެވުނީ،" ނަސީފް ބުންޏެވެ.

"އޭނ؟" ބުޝްރީގެ ލޮލުން ނިދި ފިލައިދިޔަ އެވެ. "އޭތް. ސަކަރާތް ޖަހަން މި ދެން ކޮން ގަޑިއެއް؟"

-ނުނިމޭ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް