ވާހަކަ: ގަބުރުސްތާނު
ވާހަކަ: ގަބުރުސްތާނު - ސޯޅަވަނަ ބައި
އެޕިސޯޑް 16
"އާނ. ތިއީ ވެސް ދޮގެއް ނޫން. އެކަމަކު މަށަކަށް ހަމަ އެއް ކަމެއް ވެސް ނުވޭ،" ހަސަނު ބުންޏެވެ.
"ދެން ނޭނގެ ކާކު ކަމެއް ވެސް،" ބުޝްރީ ބުންޏެވެ.
ޔަޒްދާ ބަދިގެތެރޭގައި އުޅުނީ މެންދުރަށް ކައްކާށެވެ. މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. ކޮންމެ ދުވަހަކު ވެސް އިންތިޒާރު ކުރެވެމުން ދަނީ ރޭގަނޑު މެންދަމުގެ ވަގުތަށެވެ. އެއީ ޝިފާޒްއާ ބައްދަލު ކުރުމަށެވެ. ޔަޒްދާ ގޭސް އުނދުން ނިއްވާލި އެވެ. އަދި ތަރުކާރީ ކޮޅެއް ކޮށަން މޭޒު ކައިރީގައި އިށީނެވެ. އެ ވަގުތު ގޭސް އުނދުނުގެ ގޮބު އެނބުރެން ފެށި އެވެ. މަޑުމަޑުންނެވެ. ގޭސް ލީކް ވާހެންނެވެ. ޔަޒްދާ އިނީ އޭނަގެ އަމިއްލަ ދުނިޔޭގަ އެވެ. ހިޔާލަކަށް ގެއްލިފައި އިނދެގެން ތަރުކާރީކޮޅު ކޮށަމުން ދިޔަ އެވެ. ގޭސް ލީކް ވަމުން ދާ ކަމެއް އޭނައަކަށް ނޭނގެ އެވެ. ތަރުކާރީ ކޮށާ ނިމުމުން އޭތި މަޑު ކުރުމަށް ގޭސް އުނދުން ރޯ ކުރުމަށް ދިޔަ އެވެ. އެ ވަގުތު ބޭރުން މީހަކު ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ޔަޒްދާ އެ ދިމާލަށް ދާން އުޅެފައި ވެސް ހިޔާލު ބަދަލުވި އެވެ. އަދި އުނދުން ރޯކުރަން އުޅުނެވެ. އަނެއްކާވެސް އެ އަޑު އިވުނެވެ. މި ފަހަރު ބޭރަށް ނުކުތެވެ. ކާ ކޮޓަރިއާ ދިމާ ގަސްތަކުގެ ތެރެއިން އެ އަޑު އިވުމުން އޭނާ އެ ދިމާލަށް ހިނގަމުން ދިޔަ އެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް މީހެއްގެ ފިޔަވަޅު ހުއްޓެވެ. އާދައިގެ އިންސާނެއްގެ ފިޔަވަޅަށް ވުރެ އެ ފިޔަވަޅުތައް ދެ ގުނަ ބޮޑެވެ. ޔަޒްދާ ކުޑަކޮށް ޖެހިލުންވި އެވެ. އިތުރަށް އެ ކަމުގެ ހަގީގަތް ހޯދުމުގެ ޝައުގުވެރިކަމެއް ނެތެވެ. ވުމާއެކު އަނެއްކާވެސް ކާ ކޮޓަރިތެރެއަށް ވަނެވެ.
ދެން އުނދުން ރޯ ކުރަން އުޅެއުޅެ އެކަން ވާ ގޮތެއް ނުވި އެވެ. އެތައް އިރަކު މަސައްކަތް ކޮށްގެން ވެސް އެކަން ކާމިޔާބެއް ނުވި އެވެ. މުޅިތަނުގައި ހިފާފައި ހުރީ ގޭސް ވަހެވެ. ޔަޒްދާއަށް އެކަން ފާހަގަވި އެވެ. އަވަހަށް ހުރިހާ ދޮރުތަކެއް ހުޅުވާފައި ފަންކާ ޖަހާލި އެވެ.
އަހުމަރު އުދުހެމުން ދިޔައީ ފަޅު ރަށަކާ ދިމާލަށެވެ. އެ ރަށުގައި އުޅެނީ ރަށް ބަލަހައްޓާ މީހާ އެކަންޏެވެ. އޭނާ އުޅޭ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި ހުރި މިދިލި ގަހެއްގެ ކުރިއަށް އަހުމަރު ގޮސް ޖެއްްސި އެވެ. ބޮޑު ދެ ފިޔަގަނޑު ލައްޕާލި އެވެ. އަދި ވަށައިގެން ހޯދާލި އެވެ. އޭރު ދުރުން އުދުހެމުން އަންނަ އެހެން އިފުރީތެއް ފެނުނެވެ. އެ ސޮރު ވެސް އައިސް އެ ގަހަށް ތިރި ކުރި އެވެ. ދެ މީހުން ހަތަރު ކަޅި ހަމަވި އެވެ. އަހުމަރު ހުރީ ޖެހިލުންވެފަ އެވެ. ނަމަވެސް އަނގައަކުން ނުބުނެ އެވެ. ކުރިމަތީ ހުރީ އަހުމަރުގެ ބައްޕަ ޖީލާން އެވެ. ޖީލާންއަކީ އަހުމަރަށް ވުރެ ހަތަރު ގުނަ ބިޔަ އިފުރީތެކެވެ. އަދި އެހާމެ ވަރުގަދަވާނެ އެވެ.
"އަހަރެން ބުނި އެއްޗެއް ދަރިފުޅަކަށް ނުވިސްނުނު ދޯ؟" ހިތްހަމަނުޖެހިފައި ޖީލާން ބުންޏެވެ. އަހުމަރު އެއްވެސް އެއްޗެއް ނުބުނެ އެވެ. ޖެހިލުންވެފައި ހުރީ އެވެ.
"ޖަވާބު ދީބަލަ. އަހަރެން ބުނި އެއްޗެއް ހަނދާން އެބަ ހުރިތަ؟" ޖީލާން ބުންޏެވެ.
"ހަނދާން އެބަ ހުއްޓޭ ބައްޕާ!" މަޑުމައިތިރި ކަމާއެކު އަހުމަރު ބުންޏެވެ.
"އެހެންވެއްޖިއްޔާ ކީއްވެ ބައްޕަ ބުނާ ގޮތް ނުހަދަނީ؟ އަހުމަރަކީ ބޯހަރު މީހެއްކަން ބައްޕައަށް އެނގޭ. އެކަމަކު ތި ވަރު ވާނެ ކަމަކަށް ބައްޕަ ހިއެއް ނުކުރަން،" ޖީލާން ބުންޏެވެ.
"އަހަރެން ވެސް ހިއެއް ނުކުރަން މިހެން ވެދާނެ ކަމަކަށް،" އިސްޖަހާލަމުން އަހުމަރު ބުންޏެވެ.
"ތިއީ އަހުމަރު ގަސްތުގައި ކޮށްގެން އުޅޭ ކަމެއް. މިހާރުން މިހާރަށް ތިކަން ހުއްޓާލާ،" ރުޅިގަދަވެފައި ޖީލާން ބުންޏެވެ.
"އެކަމަކު ބައްޕާ!"
"މަށަށް ނުގޮވާ. މަ ބުނާ ގޮތް ނުހަދަންޏާ މަށަށް ބައްޕަ ކިޔާނެ ކަމެއް ނެތް،" ޖީލާން ބުންޏެވެ.
"ބައްޕައަށް ހަމަ ރަނގަޅަށް އެނގޭނެ ދެން މި ކަމެއް ނުހުއްޓޭނެކަން. އަހަރެން ކިހިނެއް ޔަޒްދާ ދޫކޮށްލާނީ؟ ބައްޕަ އޭނާއަށް އަނިޔާ ނުކުރާތި. ބިރު ނުގަންނުވާތި،" އާދޭހާ އެކު އަހުމަރު ބުންޏެވެ.
"މިހާރު މަށަށް ވެސް ގޮތް ކިޔައިދޭން ފެށީތަ؟" ޖީލާންގެ އަޑުގައި ވަނީ ހަރުކަށިކަމެވެ. "މަ ކުރަން ވީ ކަންތައް އަހުމަރަކަށް ނޭނގޭނެ."
"އެކަމަކު އަހަރެންނަށް އޭނަ ދެން ދުލެއް ނުކުރެވޭނެ. މިހާރު އެއީ އަހަރެންގެ އަތްނބެއް. އޭނާ އަހަރެންނާ އިންނަން ވައުދުވި ހިސާބުން އޭނަ އެވީ އަހަރެންގެ މީހަކަށް. ދެން ކިހިނެއް އޭނައާ ވަކިވާނީ؟" ދެރަވެލާފައި އަހުމަރު ބުންޏެވެ.
"ތިއީ އަހަރެން ބަލަން ބޭނުން ކަމެއް ނޫނޭ. ބައްޕަ ތި ކަމަކާ އެއްގޮތަކަށްވެސް ގަބޫލެއް ނޫން. އަހަރެންގެ ރުހުމެއް ތި ކަމަކަށް ނުލިބޭނެ."
"އެކަމަކު އަހަރެން ބުނެފިން މިރޭ ބައްޕަ އާއި ދައްތަ އޭނައާ ބައްދަލު ކުރަން އަންނާނޭ،" އަހުމަރު ބުންޏެވެ.
"އަހަރެން ގާތު ނާހައި ކީއްކުރަން އެހެން ބުނީ؟ އަހަރުމެން ނޫޅެން ބައްދަލު ކުރާކަށް. ތިއީ ކާކުކަން އޭނައަށް އެނގުނީމަ އޭނަ ވެސް ފޫހިވާނެ. ރުޅިއަންނާނެ. ބިރުގަންނާނެ،" އަހުމަރުއާ ގާތަށް ޖެހިލަމުން ޖީލާން ބުންޏެވެ.
"އަހަރެން އޭނާއަށް ދުވަހަކު ވެސް ނާންގާނަން އަހަރެންގެ ހަގީގަތެއް،" އަހުމަރު ބުންޏެވެ.
"ތިހެން ކިހާ ދުވަހަކު އުޅެވޭނެ؟ އަހުމަރު ހީކުރަނީ މުޅި އުމުރު ތިހެން އުޅެވޭނެ ކަމަށްތަ؟ ނުވާނެ ތި ކަމެއް. އަހަރުމެން ތެރެއިން އެއްވެސް މީހަކު ތި ކަމާ ގަބޫލެއް ނޫން،" އެހެން ކިޔާފައި ޖީލާން އުދުހިގަތެވެ. ޖީލާން ގޮސް އޮބާލަންދެން އަހުމަރު ބަލަހައްޓައިގެން ހުއްޓެވެ.
"މަށަށް އެނގޭ ތި އެންމެން ވެސް މި ކަމާ ރުހޭނެ ގޮތެއް. މަށަކަށް ވެސް ގޮތެއް ހުހެއް ނުވާނެ،" ހިތާއިހިތުން އަހުމަރު ބުންޏެވެ.
ޔަޒްދާ އާއި ވަހީދާ އަދި ބަދޫރާ ތިބީ އަތިރިމަތީގަ އެވެ. ޔަޒްދާގެ އަތުގައި ދަނޑިކޮޅެއް އޮތެވެ. އެއިން ބިންމަތީގައި ޝިފާޒްގެ ނަން ފަވާލި އެވެ. ބަދޫރާ ބަލައިލީ ވަހީދާއަށެވެ. ވަހީދާ ނިތްއަރުވާލި އެވެ.
"ޔަޒޫ. ދެން ދިރިއުޅުމާއިގެން ކުރިއަށް ދާން ވެއްޖެއެއްނު؟ އަބަދު ކިހިނެއް ތިހެން އުޅޭނީ؟" ވަހީދާ ބުނެލި އެވެ.
"ކީކޭ ތި ބުނީ؟ ތި ބުނީ ޝިފާޒް މަތިން އަހަރެން ހަނދާން ނައްތާލާށޭތަ؟ އޭނާ ދިރި ދުނިޔޭގައި ސަލާމަތުން ހުއްޓައި ކިހިނެއް އޭނަ މަތިން ހަނދާން ނައްތާލާނީ؟ އެއީ އަހަރެންގެ ފިރިމީހާއޭ،" ހިތްހަމަނުޖެހިފައި ޔަޒްދާ ބުންޏެވެ. ޔަޒްދާމެން ދައްކާ ވާހަކަ އަޑު އަހަން ކާނި ގަހުގެ މަތީގައި އޮތް ގޮފިގަނޑެއްގައި އަހުމަރު އިނެވެ. ޔަޒްދާގެ ދުލުން ފިރިމީހާއޭ އެއީ ބުނުމުން އަހުމަރު ވަރަށް އުފާވި އެވެ.
"ނޫނޭ. އަހަރެން ނުބުނަން އޭނަ މަތިން ހަނދާން ނައްތާލާށެކޭ. އެކަމަކު އޭނަ ދުނިޔޭގައި އެބަ ހުއްޓޭ ކީއްވެ ތި ކިޔަނީ؟" ހައިރާންވެފައި ވަހީދާ ބުންޏެވެ. އެ ވަގުތު ވަހީދާގެ އަތުގައި ބަދޫރާ ކޮއްޓާލި އެވެ. އަދި އޭނާ ބަލާލުމުން ބަދޫރާ ދެ ކޮޅަށް ބޯ ހޫރުވާލި އެވެ.
"ބަދޫ ނުބުނަންތަ؟" ބަދޫރާއާ ދިމާލަށް އެނބުރިފައި ޔަޒްދާ އަހާލި އެވެ. "ޝިފާޒް އެބަ އުޅޭއޭ. ކޮންމެ ރެއަކު އަހަރެންނާ މީޓް ވެސް ކުރޭ. އަހަރުމެން އެކީގައި ވަރަށް ގިނަ ވަގުތު ހޭދަ ކުރަން."
"މީޓް ކުރަމޭ؟ ގޭގައި އުޅެންޏާ އަބަދުވެސް މީޓް ވާނެއެއްނު،" ބަދޫރާ ބުންޏެވެ. "އަހަރެން ބުނީމެއްނު ޝިފާޒް އައީމަ އަހަރެންނަށް ގުޅާލައްޗޭ. އަހަރެން ބޭނުމޭ ޝިފާޒްއާ ބައްދަލުކޮށްލަން."
"އެކަމަކު އޭނަ ބޭނުމެއް ނުވޭ މީހުންނާ ބައްދަލު ކުރާކަށް. އަދި ބުނި އޭނަގެ ވާހަކަ މީހުން ކައިރީ ވެސް ނުދައްކައްޗޭ. ފިރިމީހާގެ ވާހަކަ މީހުން ކައިރީ ދެއްކުމަކީ އަހަރެން މާ ކުރާ ހިތްވާ ކަމެއް ނޫން،" ޔަޒްދާ އިނީ ބިންމަތީ އިން ޝިފާޒްގެ ނަމާ ދިމާލަށް ބަލަހައްޓައިގެންނެވެ. ގަހުގައި އިން އަހުމަރު އުފާ ކުރި އެވެ. ޔަޒްދާގެ ބޮލުތެރެއަށް އޭނައަށް ރަނގަޅަށް ވަދެވިއްޖެކަން ޔަގީން ވުމުންނެވެ.
"ފިރިމީހާގެ ވާހަކަ ދެއްކުމަކީ އަހަރުމެން ވެސް ކުރާ ކަމެއް ނޫނޭ. އެކަމަކު ޝިފާޒްއާ ބައްދަލުކޮށްލުމަކީ އަހަރުމެން ވަރަށް ބޭނުން ކަމެއް. އަހަރުމެން މިއީ ޔަޒޫގެ އެންމެ ގާތް އެކުވެރިން. އެހެންވީމައި އެއީ މައްސަލައެއް ނޫނެއްނު؟" ވަހީދާ ބުންޏެވެ.
"ޝިފާޒްއާ ބައްދަލު ކުރަން ތި ވަރަކުން ތި އުޅެނީ ކީއްވެ؟" އެއީ ޔަޒްދާ ހިތަށް އެރި ސުވާލެކެވެ. ދުލު ކުރިއަކަށް ނުގެނެ އެވެ. ޔަޒްދާ ވިސްނާލި އެވެ. ޝިފާޒަކީ އެ މީހުންނަށް ނުފެންނަ މީހެއް ނޫނެވެ. ދެން އެ ވަރަކުން އޭނައާ ބައްދަލު ކުރަން އެ އުޅެނީ ކީއްކުރަން ހެއްޔެވެ؟
"ޝިފާޒް ބޭނުމެއް ނުވެއޭ މީހުންނާ މީޓް ކުރާކަށް. އޭނަގެ ލައިފަށް އަދި އެހާ ސޭފެއް ނޫނޭ. ބަދޫ ކައިރީ އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނީމެއްނު،" ޔަޒްދާ ބުންޏެވެ.
"އާނ. އަހަރެން ހަނދާން އެބަ ހުއްޓޭ. ދެން އެ ވާހަކަ ބާއްވާ،" ވަހީދާއާ ދިމާލަށް ބަލާލަމުން ޔަޒްދާއަށް ނިސްބަތްކޮށްފައި ބަދޫރާ ބުންޏެވެ.
ތިން މީހުން ވެސް އެތަނުން ގެއަށް ދާން ހިނގައިގަތީ އަނދިރިވުމުންނެވެ. ރަށުގެ ބޮޑު މަގުން ތިން މީހުން ދިޔައީ އެކި ވާހަކަ ދައްކަމުންނެވެ. ވަކި ހިސާބަކުން ބަދޫރާ އެހެން މަގަކަށް އެޅީ އޭނާގެ ގެ ހުންނަ ހިސާބަށް ދިޔުމަށެވެ. އެއީ ވަރަށް އަނދިރި މަގެކެވެ.
-ނުނިމޭ-