ވާހަކަ: ގަބުރުސްތާނު

ވާހަކަ

ވާހަކަ: ގަބުރުސްތާނު - ފަނަރަވަނަ ބައި

'އަހަރެންނަށް އެނގޭ އަހަރެންގެ ޝިފާޒް މަރެއް ނުވާކަން. ހިތަށް އަރަނީ އެތާ ވަޅުލާފައި އޮންނާނީ ކާކުބާވައޭ؟'
15 މާރިޗު 2025

އެޕިސޯޑް 15

"ޔަޒޫ އަހަރެންނަށް އިތުބާރު ކުރަންތަ؟" ޔަޒްދާގެ ދަތްދޮޅީގައި ހިފައި އިސްއުފުލުވާލަމުން ޝިފާޒް ބުންޏެވެ.

"އަމިއްލަ ނަފުސަށް ވުރެ ވެސް ބޮޑަށް،" ޔަޒްދާ ބުންޏެވެ.

"އަހަރެން ދެކެ ލޯބިވޭތަ؟"

"އިންތިހާއަށް."

ޔަޒްދާއަށް ބުނެވުނީ ކިހާ ބޮޑު އެއްޗެއްކަން އޭރަކު ނުވިސްނެ އެވެ.

"ދުވަހަކު ވެސް އަހަރެން ދޫކޮށްލާނަންތަ؟" ޝިފާޒް އަހައިލި އެވެ.

"ދުވަހަކު ވެސް ނުކުރާނަން،" ލޯތްބާއެކު ޔަޒްދާ ބުންޏެވެ. އަދި ޝިފާޒްގެ މޭގައި ބޯ އަޅާލި އެވެ.

ޔަޒްދާއަށް ހީވީ އާ ކައިވެނީގެ ރޭ ހެންނެވެ. ޔަޒްދާގެ ހިތް އުފަލުން ނަށަށް ފެށި އެވެ. ލޯބީގެ ހުޅުކޮޅު ކަނިކަނި ޖަހަޖަހައި ހުއްޓާ އަލި ގަދަވި އެވެ. ޔަޒްދާ އުދުހެމުން ދިޔައީ ލޯބީގެ މާ ބަގީޗާތައް ތެރޭގައި މިނިވަން ކޮކާލެއް ފަދައިންނެވެ. ހަނދުވަރުގެ އަލިކަން ހަނދާން ކޮށްދިނީ މާމުއި ހަނދުގެ ހަނދާންތަކެވެ. ޖަޒުބާތީ އެ އޮއިވަރުގައި ޖެހި ޔަޒްދާ ބެހިގެން ދިޔަ އެވެ. ލައްގާނީ ކޮންތާކަށް ކަމެއް ނޭނގެ އެވެ. ޝިފާޒަށްޓަކައި އޭނަގެ ނަފުސާއި ޖިސްމު ހިބައިން ދެވުނެވެ. ދުވަހަކު ވެސް ނުލިބޭހާ އުފާ އެރޭ ޔަޒްދާއަށް ލިބުނެވެ.

ޔަޒްދާ ކޮޅަށް ތެދުވި އެވެ. އަދި ގައިން ވެލިތައް ފޮޅާލި އެވެ. ޝިފާޒް ހުރީ ޔަޒްދާއަށް ބަލަހައްޓައިގެންނެވެ. އެ ބެލުމުގައި ޖާދުވީ ގޮތެއް ހުއްޓެވެ. ޔަޒްދާ ވެސް ބަލައިލި އެވެ. ލަދުން އިސްޖަހާލިއެވެ.

"ކިހިނެއްވީ؟" ޝިފާޒް އަހާލި އެވެ.

"ކަމެއް ނުވޭ. ހިނގާބަލަ ގެއަށް ދާން. އަހަރެން ބޭނުންވަނީ ކުރިން އުޅުނުހެން ޝިފާޒްއާ އެއްކޮށް އެއް ގެއެއްގައި އުޅެން. މިހެން ވަކިން ކިހިނެއް އުޅޭނީ؟"

"އަހަރެން އަދި ދާނަމޭ ގެއަށް ވެސް. ޔަޒޫ ކެތްކޮށްބަލަ. އަހަރެން ކުރަން ޖެހޭ ބައެއް ކަންކަން އެބަ ހުރި. އެ ކަންކަން ހަމައަކަށް އަޅުވާލާފައި ދެވޭނީ،" ދުރު ބަލަހައްޓައިގެން ހުރެ ޝިފާޒް ބުންޏެވެ.

"މިރޭ ކީއް ކުރަން އެތާ މަހާނަ ކައިރީ ހުރީ؟ އަދިވެސް އަހަރެން ދިރިހުރިކަމާ މެދު ޝައްކެއް ވަނީތަ؟" ޝިފާޒް ބުންޏެވެ.

"ނޫން. އަހަރެންނަށް އެނގޭ އަހަރެންގެ ޝިފާޒް މަރެއް ނުވާކަން. ތިހިރީ އަހަރެންގެ ކުރިމަތީގައެއްނު. ހިތަށް އަރަނީ އެތާ އޮންނާނީ ކާކުބާވައޭ؟" ޔަޒްދާ ބުންޏެވެ.

"އެއީ އަހަރުމެން ވިސްނަން ޖެހޭ ކަމެއް ނޫން. ކޮންމެ މީހަކު އޮތަސް އަހަރުމެންނަށް ކޮން ކަމެއް ދޯ؟" ފަރުވާ ކުޑަ ގޮތަކަށް ޝިފާޒް ބުނެލި އެވެ.

"މީގެ މަލެއް އަބަދުވެސް ޔަޒޫ ބޮލުގައި ޖަހައިގެން އުޅެބަލަ. އޭރުން އަހަރެން މަތިން ހަނދާން ހުންނާނެ،" އުނި މަލެއް ޔަޒްދާގެ ބޮލުގައި ޖަހައިދެމުން ޝިފާޒް ބުންޏެވެ.

"މިއީ ހާދަ މީރު ވަސް ދުވާ މަލެކޭ. އުނިމާ ދޯ މިއީ؟ ޝިފާޒް ގައިން ވެސް މި ވަސް ދުވަނީ. މިހާރު ޖަހަނީ އެހެން ވައްތަރެއްގެ ސެންޓެއްތަ؟" ޔަޒްދާ އަހައިލި އެވެ.

"އާނ. ވަރަށް ގިނަ ކަންކަން ބަދަލު ވެއްޖެއެއްނު. އެހެންވެ ދެން އަހަރެން ވެސް ބައެއް ކަންކަން ބަދަލުކޮށްލީ،" ހިނިތުންވެލަމުން ޝިފާޒް ބުންޏެވެ.

"އަހަރެން ހަނދާން ނެތުނީއޭ. ބަދޫރާ ބުނި ޝިފާޒްއާ މީޓްކޮށްލަން ބޭނުމޯ،" ޔަޒްދާ ބުންޏެވެ.

"އެ ކީއްކުރަން؟"

"އޭނައަށް އަދިވެސް ގަބޫލެއް ނުކުރެވޭ ޝިފާޒް ދުނިޔޭގައި ހުރި ކަމަކަށް،" ޔަޒްދާ ބުންޏެވެ. "އެހެންވެ ބޭނުމޯ ބަލާލަން."

"އަޅާލާނެ ކަމެއް ނެތް. އަހަރެން އުޅޭކަން މީހުންނަށް އެނގޭކަށް ނުޖެހެއޭ. އަހަރެން ބުނީމެއްނު އަހަރެން މަރާލަން އުޅެނީއޭ. އެހެންވެ ފިލަފިލައިގެން މި އުޅެނީ،" އޮޅުވާލަމުން ޝިފާޒް ބުންޏެވެ.

"ޝިފާޒް ދެން ދުވާލު އުޅެނީ ކޮންތާކު؟ ކޮންތާކުން ކަނީ؟" ޔަޒްދާ އަހާލި އެވެ.

"އަސްލު ބުނަންތަ؟ އަހަރެންގެ ވެސް އާއިލާއެއް އޮންނާނޭ. އެކަމަކު މިތާ ކައިރި ރަށެއްގައި އެ މީހުން އުޅެނީ. އަހަރެން ދުވާލު އުޅެނީ އެ ރަށުގައި. ރޭގަނޑުވުމުން އަންނަނީ މި ތަނަށް. އަހަރެންނަށް އެނގޭ އަހަރެން ހޯދަން ޔަޒޫ އަންނާނީ މިތަނަށްކަން،" ޝިފާޒް ކިޔައިދިނެވެ. "އަހަރެންގެ ހުންނާނެ ބައްޕަ އާއި ދައްތައެއް. އެ މީހުން އަހަރެންނަށް ވަރަށް ރަނގަޅުވާނެ."

"އާއިލާއެކޭ؟ ގައިމު ކުރިން ތި ވާހަކައެއް އަހަރެން ގާތު ނުބުނޭ. ދެން ކީއްވެ އެ މީހުން އަހަރުމެންގެ ކައިވެންޏަށް ނައީ؟" ޝަކުވާ ކުރަމުން ޔަޒްދާ ބުންޏެވެ. "އަހަރެން ވެސް ބޭނުން އެ މީހުންނާ ބައްދަލުކޮށްލަން."

"އަސްލުވެސްތަ؟" ޔަޒްދާގެ ދެ އަތުގައި ހިފާލާފައި ޝިފާޒް ބުންޏެވެ. "އެހެންވިއްޔާ މާދަމާ ރޭ މިތަނަށް އެ މީހުން ގެންނާނަން."

"މިތަނަށޭ؟ ގެއަށް ގެންނަންވީނު. މިއީ މީހުން އަންނަ ކަހަލަ ތަނެއް ވެސް ނޫނޭ. އެކަމަކު އަހަރެން އަންނަނީ ޝިފާޒްއާ މިތަނުން ބައްދަލު ވާތީ."

"ނޫނޭ. އެ މީހުންނަށް ކަމުދާނީ މި ކަހަލަ ތަންތަން. ގަޑިއަށް އަންނައްޗޭ. އަހަރެން ދެން ދަނީ. އިރުކޮޅަކުން ބަންގި ގޮވާނެ." ޔަޒްދާ ހީކުރީ ޝިފާޒް ނަމާދަށް ދިޔުމަށް އަވަހަށް ދާން އުޅެނީ ކަމަށެވެ.

ޔަޒްދާ ގެއަށް ގޮސް ފެންވަރާލިއެވެ. އަދި ނިދުމަށް ތައްޔާރުވި އެވެ. މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. މީހާ ހުރީ ހިތްހަމަޖެހިފަ އެވެ. އުފަލުން ގޮސް ހިތް ފުރިފަ އެވެ. ބޭނުންވަނީ އަބަދުވެސް ޝިފާޒްގެ ގާތުގައި ހުންނާށެވެ. ގާތުގައި އޮންނާށެވެ. އެކީގައި ވަގުތުތައް ހޭދަ ކުރާށެވެ. ލޯބިވާ ފިރިމީހާގެ އުނގުތެރޭގައި އިންނާށެވެ.

ބުޝްރީ އިނީ އަތިރިމަތީގަ އެވެ. ވިސްނަމުން ދިޔައީ ހަޔާތުގައި ފަތަން ޖެހިފައިވާ އޮއި ގަދަ ކަނޑުގެ ބިޔަ ރާޅުތަކާ މެދުގަ އެވެ. ކޮންމެ ގޮތެއް ވިޔަސް ޔަޒްދާއާ ކައިވެނި ކުރަން އޭނާ ބޭނުންވެ އެވެ. އެކަމަކު އެކަން ކުރެވޭނީ ފަރީހާ ގަބޫލު ނަމަ އެވެ. ފަރީހާގެ ނުގަބޫލުގައި ބުޝްރީއަށް އެކަން ކުރާކަށް ނުކެރޭނެ އެވެ. އެއީ އޭނާ ބޭނުންވާ ގޮތެއް ވެސް ނޫނެވެ. އެހެންކަމުން ފަރީހާގެ ރުހުން ހޯދަން ކޮންމެވެސް ކަމެއް ކުރަން އެބަ ޖެހެ އެވެ.

"ކީއްކުރަން މި ތަނަށް އަންނާށޭ ބުނީ؟" ހަސަނު އައިސް އިށީންނަމުން އަހައިލި އެވެ.

"ވަރަށް މުހިންމު ވާހަކައެއް ދައްކާލަން،" ބުޝްރީ ފުން ނޭވާއެއް ބޭރުކޮށްލި އެވެ.

"ކޮން ވާހަކައެއް؟ ހާދަ ސީރިއަސް ވެފައި ތި އިންނަނީ. އަނެއްކާ ކަމެއް ގޯސް ވީތަ؟" ހަސަނު ބުންޏެވެ.

"މަ މި ވިސްނަނީ ޔަޒްދާއާ ކައިވެނި ކުރަން،" ބުޝްރީ ބުންޏެވެ.

"ކަލޭ މޮޔަވީތަ؟ ކީއްކުރަން ޔަޒްދާއާ ކައިވެނި ކުރަނީ؟" ހައިރާންވެފައި ހަސަނު ބުންޏެވެ.

"ކީއްތަވީ؟ ކޮބާތަ މައްސަލައަކީ؟ އޭނަ ވެސް ހަމަ ހުސްކޮށް ހުރި މީހެއް. އެހެން ނޫނަސް އޭނައަށް ވެސް މީހެއްގެ އެހީތެރިކަން ބޭނުން ވާނެ،" ބުޝްރީ ބުންޏެވެ. "މައްސަލައަކަށް ވެގެން މި އުޅެނީ ފަރީ ނުގަބޫލު ވާތީ."

"މަ ނަމަވެސް ތި ކައިވެންޏަކާ ގަބޫލެއް ނުވާނަން. ބަލަ އެއީ ޝިފާޒްގެ އަންހެނުންނޭ."

"ކޮބާތަ ތި ބުނާ ޝިފާޒެއް؟ ދުނިޔެއަކު ނެތެއްނު. ދެން ކީއްކުރަންތަ ޝިފާޒްގެ އަންހެނުންނޭ ތި ކިޔަނީ؟" ހިތްހަމަނުޖެހިފައި ބުޝްރީ ބުންޏެވެ.

"އެކަމަކު ވެސް ތިއީ ރަނގަޅު ކަމެއް ނޫން. މީހުން ފާޑުފާޑުގެ ވާހަކައެއްނު ދައްކާނީ،" ހަސަނު އޭނައަށް ފެންނަ ގޮތް ބުންޏެވެ.

"މީހުން އެއްޗެއް ނުބުނާ ގޮތަކަށް ނޫޅެވޭނެ. މަށެއް ނޫޅެން މީހަކު އެއްޗެއް ކިޔާފާނެތީ ބިރުންނެއް. ފަރީ ގަބޫލު ވެއްޖިއްޔާ މަ މިހިރީ މިއަދު ވެސް އެކަން ކުރާ ގޮތަށް،" ބުޝްރީ ވާހަކަ ދެއްކި އެވެ. "ކޮންމެ ގޮތެއް ވިޔަސް ޔަޒްދާ މީހަކާ އިންނާނެ. މުޅި އުމުރު އެހެންނެއް ނުހުންނާނެ."

"ދެން އެއީ ކަލޭތަ؟ ޔަޒްދާ ވެސް ތި ކަމާ ގަބޫލުތަ؟"

"ނޭނގެ. މަ އަދި ނުވެސް އަހަން،" ބުޝްރީ ބުންޏެވެ.

"ދެން؟" ހައިރާންވެފައި ހަސަނު ސުވާލު ކުރި އެވެ.

"އޭނަ ރުއްސާނަން،" ބުޝްރީ ބުންޏެވެ.

"ކަލޭ ތި ހުރީ ދުނިޔެއިން މޮޔަވެފައި،" ހަސަނު ތެދުވަމުން ބުންޏެވެ.

"އޭތް، މަޑުކޮށްބަލަ. އަދި ދާކަށް ނުވެއެއްނު،" ބުޝްރީ އެދުނެވެ. ހަސަނު އިށީނެވެ.

"މަ ބުނީ ކަލެއަށް އެއްވެސް ކަހަލަ އުނދަގުލެއް ވޭތަ؟ ނޫނީ އެއްޗެއް ފެނޭތަ؟" ވަރަށް މަޑުމަޑުން ބުޝްރީ އަހައިލި އެވެ.

"ތި ބުނީ؟"

"މި ބުނީ އެ ހުރާގަނޑަށް ގޮސް އައި ފަހުން އެއްވެސް ކަހަލަ ކަމެއް ވޭ ހޭ؟" ބުޝްރީ އެހި އެވެ.

"ނޫން. އެއްވެސް ކަމެއް ނުވޭ. ކީއްވެ ތިހެން ތި އެހީ؟ ކަލެއަށް އުނދަގުލެއް ވަނީތަ؟"

"ދެން ބުނެބަލަ،" ބުޝްރީ ބުންޏެވެ.

"މަށަކަށް ނުވޭ. މަ ހަމަ ނޯމަލް،" ހަމަޖެހިލާފައި ހަސަނު ބުންޏެވެ. "ކަލެއަށް ކަމެއް ވަނީހޭ؟"

"ނޫން. ނުވޭ. އެކަމަކު އަހަރުމެން ތެރެއިން ފަހަރަކު މީހަކު އެބަ ނިޔާވޭ. އެއީ ވިސްނާލަން ޖެހޭ ކަމެއްނު. އަހަރެން އެކަމާ ވަރަށް ޖެހިލުންވޭ،" ނުތަނަވަސްވެފައި އިނދެ ބުޝްރީ ބުންޏެވެ.

-ނުނިމޭ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް