ވާހަކަ: ގަބުރުސްތާނު

ވާހަކަ

ވާހަކަ: ގަބުރުސްތާނު - އަށްވަނަ ބައި

އެ ވަގުތު އޭނާ ހިނގައިގަތެވެ. ޔަޒްދާއާ ދިމާލަށެވެ. ޔަޒްދާ ދެ ލޯ މަރައިލި އެވެ. ދެވަނަ ސިކުންތުގައި ލޯ ހުޅުވާލި އެވެ.
8 މާރިޗު 2025

އެޕިސޯޑް 8

ހަނދުވަރުގެ އަލި ފިޔަވައި އެހެން އައްޔެއް ނެތެވެ. ޔަޒްދާ ހިނގައިގަތުމަށް ކުރިމައްޗަށް އެނބުރުނެވެ. މޫނާއި މޫނު ޖެހޭ ހިސާބުގައި ހުރީ ނުދަންނަ ފިރިހެނެކެވެ. މޫނުމަތީގެ އެއްފަޅި ހުރީ ފިހިފަ އެވެ. ޔަޒްދާއަށް ހަޅޭލަވައިގަނެވުނެވެ. އަދި ފަހަތަށް ޖެހިލެވުނެވެ. އަނގަމަތީ އަތް އަޅައިގެން ޔަޒްދާއަށް ހުރެވުނީ އެވެ. އެ މީހާ ހުރީ ހިނިތުންވެގެންނެވެ. ކަޅު ކުލައިގެ ގަމީހެއް ލައިގެން، ކަޅު ޖީންސެއް ލައިގެން ހުރި އެ މީހާ ޒުވާނެވެ. އިސްކޮޅުން އެހާ ދިގެއް ނޫނެވެ. އިސްތަށިގަނޑު ދިގުވެފައި ބޮލެވެ.

"ކަ... ކާކު ތީ؟" ޔަޒްދާއަށް ބުނެވުނެވެ.

"އަހަރެން ނުދަންނަންތަ؟ އަހަރެން ހީކުރީ ޔަޒްދާއަށް އަހަރެން އެނގޭނެ ކަމަށް،" އޭނާ ވާހަކަ ދެއްކީ ޝިފާޒްގެ އަޑުންނެވެ. ޔަޒްދާ ދިޔައީ ސިއްސައިގެންނެވެ. ދެ މީހެއްގެ އަޑު އެހާ އެއްގޮތް ވެދާނެ ހެއްޔެވެ؟ ޔަޒްދާ ވިސްނާލި އެވެ. އަދި އެ މީހާއަށް ރަނގަޅަށް ބަލައިލި އެވެ. އޭނާ ވައްތަރީ ވެސް ޝިފާޒްއާ އެވެ. ޝިފާޒް ވެސް ހުންނަނީ ބޯ ދިގު ކޮށްފަ އެވެ. މޫނުގެ އެއްފަޅީގައި ވަރަށް ބޮޑު ލަކުނެއް އިނދެ އެވެ. ޔަޒްދާއަށް ހުރީ ގަބޫލު ކުރަން ދަތި ވެފަ އެވެ. އެއީ އެ ރަށުގައި އެ ކަހަލަ މީހަކު އުޅޭ ކަމެއް އެނގިފައި ނުވާތީ އެވެ.

"ޝިފާޒް؟ ތި... ތިއީ އަހަރެންގެ ޝިފާޒެއް ނޫން،" ޖެހިލުންވެ ހުރެ ޔަޒްދާ ބުންޏެވެ. އޭރު ވެސް ހޮސްޕިޓަލުން ޔަޒްދާއަށް ގުޅަމުން ދަނީ އެވެ. ޔަޒްދާއަށް ފޯނު ބަލާލާކަށް ހަނދާނެއް ނުވެ އެވެ.

"ޔަގީންތަ؟" ޔަޒްދާއާ ގާތަށް ޖެހިލަމުން އޭނާ އަހައިލި އެވެ. ޔަޒްދާ އަނެއްކާވެސް ފަހަތަށް ޖެހިލި އެވެ. އޭނާ ހުރީ ބިރުން ތުރުތުރުއަޅާ ހާލުގަ އެވެ.

"ތިއީ ކާކު ހޭ؟" ޔަޒްދާ އަނެއްކާވެސް ސުވާލު ކުރި އެވެ.

އެ ވަގުތު އޭނާ ހިނގައިގަތެވެ. ޔަޒްދާއާ ދިމާލަށެވެ. ޔަޒްދާ ދެ ލޯ މަރައިލި އެވެ. ދެވަނަ ސިކުންތުގައި ލޯ ހުޅުވާލި އެވެ. އޭނާއެއް ފެންނާކަށް ނެތެވެ. ވަށައިގެން އޮތީ ފަޅުކަމެވެ. މީހެއްގެ ހިލަމެއް ވެސް ނެތެވެ. ޔަޒްދާގެ ރިންގު ވަމުންދާ ފޯނު ނެގި އެވެ. އަދި އަވަސްއަވަހަށް ހޮސްޕިޓަލާ ދިމާއަށް ހިނގައިގަތެވެ.

ޔަޒްދާއަށް ހޮސްޕިޓަލަށް ދެވުނު އިރު ޝިފާޒް އޮތީ ނިދާފަ އެވެ. ޔަޒްދާ ގޮސް އެނދު ކައިރީގައި އިށީނެވެ. އަދި ޝިފާޒްގެ ބޮލުގައި ފިރުމާލި އެވެ.

"ވަރަށް ގިނައިން ހޮޑުލާފައި އެ އޮތީ. ލޭ ވެސް ހުރި،" ނަރުސް އައިސް ބުންޏެވެ.

"ދެން ޑޮކްޓަރު ކީކޭ ބުނަނީ؟" ނިތްކުރި މަތީގައި ހުރި ދާތައް ފުހެލަމުން ޔަޒްދާ ބުންޏެވެ.

"އަހަރެން ބުނަންތަ ވާހަކައެއް؟ އެކަމަކު އެއްވެސް މީހެއް ގާތު ނުބުނާތި އަހަރެންނޭ ބުނީ. މިއީ އަހަރެން ކަހަލަ މީހަކު ބުނަން ނުވާ ކަހަލަ ވާހަކައެއް،" ޔަޒްދާއާ ކައިރި ވެލަމުން ނަރުސް ބުންޏެވެ. "މިއީ ޑޮކްޓަރީ ކަމެއް ނޫން. އޭނަގެ އެތެރެ ހަށީގައި އެއްވެސް މައްސަލައެއް ހުރި ކަމަކަށް ރިޕޯޓްތަކުންނެއް ނުދައްކާ. ޑޮކްޓަރު ވެސް އެ ހުންނަނީ ބުނާނެ އެއްޗެއް ނޭނގިފައި. ހުރިހާ ރިޕޯޓެއް ވެސް ނޯމަލް."

"ދެން؟ ބުނަން ތި އުޅެނީ ކީކޭ؟" ޔަޒްދާ މަޑުމަޑުން އަހައިލި އެވެ.

"މިއީ ފަންޑިތަވެރިކަމެއް،" ނަރުސް ބުންޏެވެ. "އަޅެ އެ ކަހަލަ މީހަކަށް މީނަ ދައްކާލަބަލަ. ފަހަރެއްގައި ހަމަ ރަނގަޅު ވެސް ވެދާނެ. މީނައަށް މިވާ ގޮތުން އަހަރެންނަށް އެ ކަހަލަ ކަމަކަށް ޝައްކުވަނީ،" ނަރުސް ވެސް ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

ޔަޒްދާގެ ހިތުގައި ބިރުވެރިކަން ހިނގައިލި އެވެ. ހިތަށް އެރި އެވެ. ކޮންމެ މީހަކު ވެސް އެހެން އެ ބުނަނީ ކޮންމެވެސް ކަމެއް ވެގެންނެވެ. ނަސީފްއާ ވާހަކަ ދައްކާލަންވީ އެވެ. ޝިފާޒް ގެއަށް ގެންދަންވީ އެވެ. އެ ކަހަލަ އެތައް ހިޔާލެއް އެ ވީ މަދު ސިކުންތުކޮޅު ތެރޭގައި ޔަޒްދާގެ ސިކުނޑީގައި އެނބުރެމުން ދިޔަ އެވެ.

ހެނދުނު ހެނދުނާ ޑޮކްޓަރު އަ އެވެ. ކުރީ ރޭ ހެދި ޓެސްޓްތަކުގެ ނަތީޖާތައް ބެލި އެވެ. ޝިފާޒްއާ ވެސް ވާހަކަ ދެއްކި އެވެ. ޝިފާޒްގެ ހަށިގަނޑު ދުވަހެއް ދުވަހަކަށް ދަނީ އަނަރޫފަ ވަމުންނެވެ. އެ ވަރަށް ލޭ އާދެ އެވެ. ލޭ އެޅިޔަސް ރަނގަޅެއް ނުވެ އެވެ.

"ޑޮކްޓަ. އަޅުގަނޑު ބޭނުންވަނީ ޝިފާޒް ގެއަށް ގެންދަން،" ޔަޒްދާ ބުންޏެވެ.

"އެކަމަކު މި ހާލަތުގައި ގެއަށް ގެންދިޔުން ރަނގަޅެއް ނުވާނެ،" ޑޮކްޓަރު ބުންޏެވެ.

"އެކަމަކު ވެސް ހެޔޮ. އަޅުގަނޑުގެ ފިރިމީހާ ޑިސްޗާޖް ކޮށްދީ،" ޔަޒްދާއާ ޑޮކްޓަރު ވަރަށް ގިނަ ވާހަކަ ދެއްކި އެވެ. ކޮންމެ ގޮތެއް ވިޔަސް ޔަޒްދާ ހުރީ ޝިފާޒް ގޮވައިގެން ގެއަށް ދާ ގޮތަށެވެ.

ގެއަށް ވަދެވުމާއެކު ބުނަން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ހިތަށާއި ސިކުނޑިއަށް ވެރިވި އެވެ. ޔަޒްދާއަށް ބޭއިހުތިޔާރުގައި ހިނިތުންވެވުނެވެ. ގާތުގައި ބަދޫރާ އާއި ބުޝްރީ ވެސް ތިއްބެވެ. ކޮޓަރީގައި އެންމެން ތިބި ނަމަވެސް ވަރަށް ހަމަހިމޭނެވެ. އެއްވެސް މީހަކު އަނގައިންނެއް ނުބުނެ އެވެ. ޝިފާޒަށް ވަރުބަލިކަމުން ވާހަކަ ދެއްކޭ ވަރެއް ނޫނެވެ. އެނދުގައި ބޭއްވުމުން ޝިފާޒް ދެ ލޯ މަރައިލި އެވެ. ނިދާލެވޭތޯ އެވެ. އެންމެން ކޮޓަރިން ނުކުތެވެ. އަދި ސޯފާގައި އިށީނެވެ.

"ޔަޒްދާ. ކީއްވެ ޝިފާޒް ހޮސްޕިޓަލުން ތި ގެނައީ؟ އޭނަ މާލެ ގެންދަން ނުވިސްނަންތަ؟" ކަންބޮޑުވެފައި ބުޝްރީ އަހައިލި އެވެ. ޔަޒްދާ ބަލައިލީ ބަދޫރާއަށެވެ.

"އަހަރުމެންނަކަށް ހިއެއް ނުވޭ މިއީ ޑޮކްޓަރީ ކަމެއް ހެންނެއް. ހީވަނީ މިއީ ރޫހާނީ ކަމެއް ހެން. ސިހުރު ކަހަލަ ކަމެއް،" ބަދޫރާއަށް ވިސްނުން ގޮތް އޭނާ ބުންޏެވެ.

"އޭނ؟ އެ ކިހިނެއް ވާނެ ކަމެއް؟ ސިހުރޭ؟ ކާކު ދެން ޝިފާޒަށް ސިހުރު ހަދާނީ؟" ހައިރާންވެފައި ބުޝްރީ ސުވާލު ކުރި އެވެ.

"ސިހުރު ނޫނަސް ފަންޑިތަވެރިކަމެއް މި ކަމުގައި އެބަ އުޅޭ،" ބަދޫރާ ރަނގަޅު ކޮށްލި އެވެ.

"ޔަޒްދާ އެ ކަހަލަ ކަންކަން ގަބޫލު ކުރަން؟" ޔަޒްދާއާ ދިމާއަށް އެނބުރެމުން ބުޝްރީ އަހާލި އެވެ.

"ގަބޫލުނުކޮށް ނެތެއްނު ވާކަށް. ހެދި ހުރިހާ ރިޕޯޓްތަކެއް ނޯމަލް. ޑޮކްޓަރުންގެ ބަހުގައި ޝިފާޒްގެ ކިބައިގައި އެއްވެސް މައްސަލައެއް ނެތް. އެކަމަކު ދުވަހެއް ދުވަހަކަށް އޭނަގެ ހާލަތު ދަނީ ދަށަށް. ދެން ކީކޭ އަހަރެން ބުނާނީ؟" ގޮތްހުސްވެފައި އިނދެ ޔަޒްދާ ބުންޏެވެ. "އެކަން ވެސް ބަލާލުމަކުން ގެއްލުމެއް ނެތެއްނު."

"އަހަރެން ވެސް އެ ކަހަލަ ކަންކަން ގަބޫލު ކުރަމޭ. އެކަމަކު ޝިފާޒަށް އެ ކަހަލަ ކަމެއް ވެދާނެ ކަމަށް ގަބޫލު ކުރަން ހަމަ އުނދަގޫވަނީ،" ހަގީގަތް ފޮރުވަން މަސައްކަތް ކުރަމުން ބުޝްރީ ބުންޏެވެ.

"ކޮންމެ މީހަކަށް ވެސް އެ ކަހަލަ ކަމެއް ދިމާ ވެދާނެ. އެއީ ޖިންނިންނަކީ އަހަރުމެން ތެރޭގައި ވެސް އުޅޭ ބައެއް. އެ ސޮރުމެންނާ އަހަރުމެންނާ ދެމެދު ފަރުދާ ލެވިފައި ވިޔަސް ބައެއް ހާލަތުގައި އެ ސޮރުމެންނަށް އަހަރުމެން ފެންނާނެ. އަހަރުމެންގެ ރައްކާތެރިކަމަށް އަހަރުމެން އަމިއްލައަށް ކަންކަން ކޮށް ދުއާ ކުރަން ޖެހޭނީ،" އެކި ދިމަދިމާއަށް ނަޒަރު ހިންގާލަމުން ބަދޫރާ ބުންޏެވެ.

"ބަދޫއަށް އެ ކަހަލަ ކަންކަން ވަރަށް ރަނގަޅަށް އެނގޭ ދޯ؟" ޔަޒްދާ އަހައިލި އެވެ.

"އަހަރެންގެ ކާފައަކީ ފަންޑިތަ ހަދައި އުޅުނު މީހެއް. އެހެންވެ ކޮންމެވެސް ވަރަކަށް އެ ކަހަލަ ކަންކަން ދަންނަން،" އެތާ ތިބީ ތިން މީހުންނެއް ނޫނޭ ބަދޫރާއަށް ހީވާން ފެށި އެވެ. ހަގީގަތަކީ ވެސް އެއީ އެވެ. ޔަޒްދާގެ ފުރަގަހުން ފެންނަން ހުރީ ބިޔަ އިންސާނެއްގެ ސޫރަ އެވެ. ނަމަވެސް އެއްވެސް މީހަކަށް އެ މަހުލޫގެއް ނުފެނެ އެވެ.

"ނޭނގެ މިތަނުގައި ވެސް ނެތް ކަމެއް،" ވަށައިގެން ބަދޫރާ ހޯދަން ފެށި އެވެ.

"ކޯއްޗެއް؟" ފަހަތް ބަލާލަމުން ބުޝްރީ އަހައިލި އެވެ.

"ޖިންނިއެއް ދޯ؟" ޔަޒްދާ ބުންޏެވެ. ޔަޒްދާ އެހެން ބުނީ މަޑުމައިތިރި ރާގެއްގަ އެވެ. އޭނާއަށް ކުރިމަތިވެގެން އުޅޭ ކަންތައް އެއްވެސް މީހަކާ ހިއްސާ ކުރަން ބޭނުން ނުވަނީ މީހުން ގަބޫލު ނުކޮށްފާނެތީ އެވެ. އެކަމަކު ބުޝްރީ އާއި ބަދޫރާ އާއި ވަހީދާއަކީ ވެސް އެ ކަންކަން ގަބޫލު ކުރާ މީހުންނެވެ.

ޔަޒްދާއަށް އެ ވާހަކަތައް މީހަކަށް ކިޔައިނުދެވެނީ އެހެން ބާރަކުންނެވެ. އޭނާއަށް އެކަން ނުވިސްނުނަސް އޭނަގެ ވިސްނުމާއި ހިތާއި ސިކުނޑިއަށް ވެރިވެގެންފައި ވަނީ އެހެން ފަރާތެއްގެ ބާރެކެވެ. ހިނިތުންވެލައިގެން ހުރި މަހުލޫގު ޔަޒްދާއާ ދިމާއަށް ގުދުވެލި އެވެ. އަދި ކަންފަތަށް ފުމެލި އެވެ. ޔަޒްދާ ވަގުތުން ފޮޅާލިއެވެ. އަދި ކޮޅަށް ތެދުވި އެވެ.

-ނުނިމޭ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް