ވާހަކަ: ގަބުރުސްތާނު

ވާހަކަ

ވާހަކަ: ގަބުރުސްތާނު - ހަތްވަނަ ބައި

ޔަޒްދާގެ ފަހަތުން އައި ހިޔަނި އިނީ ފާރުމަތީގަ އެވެ. އެ މީހުން ދައްކަމުން ދިޔަ ހުރިހާ ވާހަކައެއް އަޑު އިވޭ ހިސާބުގަ އެވެ. ދެލޯ ހީވަނީ އަނގުރު އަލިފާންކޮޅެއް ހެންނެވެ.
7 މާރިޗު 2025

އެޕިސޯޑް 7

"ކޮން ކަމެއް؟" އަވަސް އަވަހަށް ވަހީދާ އަހައިލި އެވެ.

"ފުރަތަމަ ތި ކޮޅުން ފަށާ. އަހަރެންނަށް އެނގުނު އެއްޗެއް އިހަށް ބާއްވަމާ ހިނގ،" ނަސީފް ބުންޏެވެ.

"މި އުޅެނީ މީނަގެ ފިރިމީހާއަށް ކަމެއް ދިމާ ވެގެން،" ބަދޫރާ ފެށި އެވެ. އަދި ފަހުމީގެ މަރާ ހިސާބުން ފެށިގެން ޝިފާޒަށް ދިމާވަމުންދާ ހުރިހާ ކަމެއް ކިޔައިދެމުން ދިޔަ އެވެ. ނަސީފް ދިޔައީ ހުރިހާ ވާހަކައެއް ކަނުލައި އަޑުއަހަމުންނެވެ. ބަދޫރާ އެއްވެސް ކަމެއް ސިއްރެއް ނުކުރެ އެވެ. އޭނައަށް އެނގޭ މިންވަރަކުން ހުރިހާ އެއްޗެއް ކިޔައިދިނެވެ. ވަހީދާ ވެސް ވާހަކައިގައި ބައިވެރިވި އެވެ. ނަސީފް ދޭތެރެއަކުން ސުވާލެއް ކޮށްލަ އެވެ. ޔަޒްދާ އޭރު ވެސް އިނީ އަނގައިން ނުބުނެ އެވެ. އޭނައަށް ދިމާވި ކަންކަން ވެސް ދިޔައީ ސިއްރު ކުރަމުންނެވެ. އެއްވެސް އެއްޗެއް ކިޔައެއް ނުދެ އެވެ.

"މި މީހުން އެ ދައްކަނީ ތެދު ވާހަކައެއްތަ؟" ނަސީފް ސުވާލު ކޮށްލީ ޔަޒްދާއާ އެވެ. ޔަޒްދާއަށް އަނގައިންނެއް ނުބުނެވުނެވެ. އެއަށް ވުރެ އޭނަ އިނީ މާ ބިރުގަނެފަ އެވެ. އެ ވަގުތު ބަދޫރާ ޔަޒްދާގެ އަތުގައި ހިފާލި އެވެ. އަދި އެ ސުވާލަށް ޖަވާބު ދިނުމަށް އިޝާރާތުން ބުންޏެވެ. ޔަޒްދާ ބޯޖަހާލި އެވެ.

"ވާހަކަ ދެއްކީމަ ކަންކަން ކުރިއަށް ދާނީ. އެހެން ނޫނީ އެއްވެސް މީހަކަށް ނޭނގޭނެ ވާނުވާއެއް،" ނަސީފް ބުންޏެވެ. "ކޮން އިރަކު ޝިފާޒް ކަރުން ލޭ އަންނަން ފެށީ؟"

"ހޮޑުލާން ފެށި ދުވަހު،" ވީހާ ވެސް ކުރުކޮށް ޔަޒްދާ ޖަވާބު ދެމުން ގެންދިޔަ އެވެ.

"އިތުރު ކަމެއް ވާކަން އެނގޭތަ؟ މި ބުނީ މީހަކު ފެނި ހިޔަންޏެއް ފެނި އެ ކަހަލަ ކަމެއް ވޭތަ؟ ބޮލުގައި ރިއްސާތީ އުޅޭތަ؟" ނަސީފް ފަހަރަކު ސުވާލެއް ކުރި އެވެ.

"މީހަކު ފެންނަ ވާހަކައެއް ނުބުނޭ. އެކަމަކު ދޭތެރެއަކުން ވަރަށް ބިރުން ތެޅިގަނެފާނެ. ވީ ކިހިނެއްތޯ އެހީމަ ވީ ގޮތެއް ނުބުނާނެ. ދެން ބޮލުގައި ރިއްސާތީ އުޅެން ފެށީ ހޮޑުލެވެން ފެށި ފަހުން،" ޔަޒްދާއަށް އެނގޭ މިންވަރަށް ކިޔާދިނެވެ.

"އެހެންވީމާ އަހަރެން ޖެހޭނީ ތިކަން ބަލާލަން. އަދި އެބަ އޮތް ވަރަށް މުހިންމު ސުވާލެއް،" ޔަޒްދާއާ ދިމާލަށް ބަލާލަމުން ނަސީފް ބުންޏެވެ. "ޔަޒްދާއޭ ދޯ ބުނީ ކިޔަނީ؟ ޔަޒްދާއަށް އެއްވެސް ކަހަލަ އުނދަގުލެއް ވޭތަ؟ ދޮގު ނުހަދާ ޖަވާބު ދޭތި އިނގޭ."

ޔަޒްދާ ވަގުތުން ބޯ ހޫރުވާލި އެވެ. އޭނައަށް ފެނުނު މަންޒަރާއި އިވުނު އަޑުތައް ކިޔައިދޭހާ ހިތްވަރެއް އޭނަ ގަޔަކު ނެތެވެ. އެއަށް ވުރެ އޭނަ އިނީ މާ ބޮޑަށް ބިރުގަނެފަ އެވެ. އަނެއް ކޮޅުން މީހަކު އެއިން ވާހަކައެއް ގަބޫލު ކުރާނެ ކަމާ މެދު ވެސް އޭނާއަށް ޝައްކެވެ. އެހެންކަމުން ޔަޒްދާ ބޭނުންވީ އެ ހުރިހާ ވާހަކައެއް ސިއްރު ކުރާށެވެ. އެއްވެސް ވާހަކައެއް ކިޔައިދޭކަށް ބޭނުމެއް ނުވި އެވެ. ކިޔައިދިނުމަކުން ވާނެ ފައިދާއެއް ނޯންނާނޭ ހިތަށް އަރަނީ އެވެ.

"ޔަގީންތަ؟" ޔަގީންކޮށްލުމަށް ނަސީފް އަހައިލި އެވެ. ޔަޒްދާ ދެން ވެސް ބޯޖަހާލިއެވެ. އެކަމަކު އެއީ ދޮގެއްކަން ނަސީފަށް ޔަގީނެވެ. ޔަޒްދާމެން އެ ގެއަށް ވަދެގެން އައި ގަޑީގައި ނަސީފަށް ފެނުނީ ޔަޒްދާގެ ފުރަގަހުގައި ހުރި ހިޔަންޏެވެ. ނަސީފް ފެނުމުން ހިޔަނި ގެއްލިގެން ދިޔައީ އެވެ. އެ ވާހަކަ ނަސީފެއް އެ މީހުން ގާތު ނުބުނެ އެވެ.

"ޔަޒްދާ ބޭނުން ނަމަ އަދިވެސް ހުރިހާ ވާހަކައެއް ކިޔައިދެވިދާނެ އިނގޭ. ފަހުން ކިޔައިދޭން ހަދައިގެން ވަގުތު ފާއިތު ވެދާނެ،" ނަސީފް ބެލީ ޔަޒްދާގެ އިތުބާރު ލިބޭތޯ އެވެ. ނަމަވެސް އެކަން ކާމިޔާބު ވާނެ ހެނެއް ނަސީފަކަށް ހިއެއް ނުވެ އެވެ.

ދެވަނަ ވިސްނުމަކަށް ދާން ޔަޒްދާއަށް މަޖުބޫރުވި އެވެ. ހިތުގެ ވިންދު އަވަސްވި އެވެ. ނޭވާލުން ވެސް ދެ ގުނައަށް އަވަސްވި އެވެ. އެ މަންޒަރު ބަލަން ނިކަން ޝައުގުވެރިކަން ދީގެން ނަސީފް އިނެވެ. ވާނުވާއެއް ބަދޫރާ އާއި ވަހީދާއަކަށް ނޭނގެ އެވެ. ނަސީފް އެ ވަރަށް ޔަޒްދާއާ އެ ކަހަލަ ސުވާލު އެ ކުރަނީ ކީއްވެ ކަމެއް އެ ދެ މީހުންނަކަށް ނުވިސްނެ އެވެ. ޔަޒްދާގެ ހަރަކާތްތަކަށް އައި ބަދަލު ފެނިފައި ނަސީފަށް ކޮންމެވެސް ވަރެއްގެ ޔަގީންކަމެއް ލިބުނެވެ.

"ޔަޒޫ؟" ވައި އަޑަކުން ބަދޫރާ ބުންޏެވެ.

"ހިނގާ ދެން ދާން. މިހާރު ޝިފާޒް އުޅޭނެ ލަސް ވެގެން،" އެންމެ ފަހުން ޔަޒްދާއަށް ކެތް ނުވެގެން ބުންޏެވެ. އަދި ކޮޅަށް ތެދުވި އެވެ.

"އިހަށް މަޑު ކޮށްބަލަ،" ބަދޫރާ އެދުނެވެ. އަދި ޔަޒްދާގެ އަތުގައި ހިފެހެއްޓި އެވެ. "މިތާ އިށީނދެބަލަ."

"ހަމަޖެހިބަލަ. އަދި ދާކަށް ނުވެއެއްނު. ޔަޒްދާ ހިތްހަމަނުޖެހެންޏާ އަހަރެން އެއްވެސް ސުވާލެއް ނުކުރާނަން. އެކަމަކު ސުވާލު ނުކޮށް، ޖަވާބު ނުލިބި އެއްވެސް ކަމެއް ކުރިއަކަށް ނުދާނެ އިނގޭ،" ވިސްނައިދޭ ރާގެއްގައި ނަސީފް ބުންޏެވެ.

އޭރު ވެސް ޔަޒްދާގެ ފަހަތުން އައި ހިޔަނި އިނީ ފާރުމަތީގަ އެވެ. އެ މީހުން ދައްކަމުން ދިޔަ ހުރިހާ ވާހަކައެއް އަޑު އިވޭ ހިސާބުގަ އެވެ. ދެލޯ ހީވަނީ އަނގުރު އަލިފާންކޮޅެއް ހެންނެވެ. އަނގައިން ދުންތަކެއް ނުކުންނަމުން ދިޔަ އެވެ. އިންސާނެއްގެ ސިފައިގައި އިނަސް ބޮލުގައި ދެ ދަޅު ހުއްޓެވެ. ހަށިގަނޑުގައި ކަޅު ކުލައިގެ ކެހެރިތަކެއް ނުކުމެފައި ހުއްޓެވެ. އޭނާ އިން ސިފަ އިންސާނަކަށް ފެނިއްޖެ ނަމަ ބިރުން ހަލާކު ވާނެ އެވެ.

"ކަންކަން ކުރިއަށް ގެންދެވޭނީ ދެ ފަރާތުން ވާހަކަ ދައްކައިގެން. އެހެން ނޫނީ ކޮޅަކުން ކޮޅެއްގައި ލައްވައެއް ނުލާނެ،" ނަސީފް ވާހަކަ ދެއްކި އެވެ.

"ބަދޫ ޕްލީސް. ހިނގާ މިތަނުން ދާން. އަހަރެން އެބަ ވަރަށް ބިރުގަނޭ،" ބަދޫރާގެ އަތަށް ދަމާލަމުން ޔަޒްދާ ބުންޏެވެ.

"ކޮން ކަމަކާ ބިރުގަންނަނީ؟ އަހަރެން މިތާ އިންދާ ޔަޒްދާ ތި ހީކުރާ ކަހަލަ އެއްވެސް މީހަކަށް ޔަޒްދާއަށް ގޯނާއެއް ނުކުރެވޭނެ. ބިރުނުގަނެ ހަގީގަތަށް ހުރިހާ އެއްޗެއް ކިޔައިދީބަލަ،" ނަސީފް އަނެއްކާވެސް އެދުނެވެ. ޔަޒްދާ އެއްބަހެއް ނުވި އެވެ. އެއްވެސް ވާހަކައެއް ކިޔައިދޭކަށް ބޭނުމެއް ނުވި އެވެ. އެ ވަގުތު އޭނާއަށް ފޯނު ކޯލެއް އަ އެވެ. ގުޅަނީ ހޮސްޕިޓަލުންނެވެ. އަވަސް އަވަހަށް ފޯނު ނެގި އެވެ.

"ކީކޭ؟" ޔަޒްދާއަށް އަހާލެވުނެވެ.

"އާނ، މިދަނީ،" ޔަޒްދާ ފޯނު ބޭއްވި އެވެ. "ހޮސްޕިޓަލަށް ދާން ޖެހިއްޖެ. ޝިފާޒް ވަރަށް ސަކަރާތްވެގެން އެ ގުޅީ. އަހަރެން މި ދަނީ."

"ޔަޒޫ މަޑުކޮށްބަލަ،" ބަދޫރާ ގޮވައިލި އެވެ.

"ތި ކުދިން އިހަށް މަޑުކޮށްބަލަ،" ނަސީފް އެދުނެވެ. "އޭނަ އެ ދިޔައީ އެމަޖެންސީ ވެގެން. އެކަމަކު ކަލޭމެން ކުދިން އަހަރެން ދައްކާ ވާހަކަ އަޑުއަހާލާތި."

ބަދޫރާ އާއި ވަހީދާ ހަމަޖެހިލި އެވެ. ނަސީފް ދައްކަން އުޅެނީ ކޮން ވާހަކައެއް ކަމެއް އެ މީހުންނަކަށް ނޭނގެ އެވެ. ބަދޫރާ ބަލައިލީ ވަހީދާއަށެވެ. ވަހީދާ އިޝާރާތްކޮށްލީ އޭނާއަށް ވެސް ވާނުވާ ނޭނގޭ ކަމަށެވެ. ކަންތައް ދިމާ ވެގެން އުޅެނީ ޔަޒްދާގެ ފިރިމީހާއަށެވެ. އެހެންވީމަ އެ ދެ މީހުން ކައިރީ ނަސީފް ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެއީ ބަދޫރާގެ ހިތުގައި އުފެދުނު ސުވާލެކެވެ. އެކަމަކު ނަސީފްއާ އެ ސުވާލު ކުރާކަށް ނުކެރުނެވެ.

"ހިތަށް އަރާ ދޯ އަހަރެން މި އުޅެނީ ކޮން ވާހަކައެއް ދައްކަން ބާވައޭ؟" ނަސީފް ބުންޏެވެ.

ދެ މީހުން އެކަކު އަނެކަކަށް ބަލާލާފައި ބޯޖަހާލި އެވެ. ދެ މީހުން ވެސް ތިބީ ޖެހިލުންވެފަ އެވެ.

ފާރުމަތީ އިން މަހުލޫގު އުދުހެމުން ދިޔައީ ޔަޒްދާގެ ފަހަތުންނެވެ. ޔަޒްދާ ދިޔައީ ދެވޭ އެންމެ ބާރު ހިނގުމެއްގަ އެވެ. ފަހަތުން މީހަކު އަންނަހެން ހީވެގެން ޔަޒްދާ އިރުކޮޅަކާ ފަހަތް ބަލައިލަ އެވެ. އެކަމަކު ހިނގުމަކަށް ބަދަލެއް ނުގެނެ އެވެ. މީހާ ދާހިއްލަން ފެށި އެވެ. އޭރު ގަބުރުސްތާނާ ހިސާބަށް އާދެވިއްޖެ އެވެ. ޔަޒްދާއަށް ބިންމަތިން އެއްޗެއް ފެންނަން ފެށިހެން ހީވި އެވެ. ދެ ފިޔަގަނޑު ލާފައިވާ އެ މަހުލޫގު އިންތިހާއަށް ބޮޑެވެ. ޔަޒްދާއަށް ފެންނަމުން ދިޔައީ އޭގެ ހިޔަންޏެވެ. ހަނދުވަރުދޭ ރެއެއް ކަމުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހިޔަނި ފެނެ އެވެ. ޔަޒްދާ ހިންދިރުވާލި އެވެ. ނަމަވެސް މަތި ބަލާލާކަށް ނުކެރުނެވެ. ފިޔަގަނޑުން ވައި އަޅުވާލާފައި އެ ސޮރު މައްޗަށް އަރައިގެން ދިޔަ އެވެ. ޔަޒްދާއަށް ފުން ނޭވައެއް ބޭރުކޮށްލެވުނީ ހިޔަނި ގެއްލުމުންނެވެ. ދެން ވެސް ފަހަތުން މީހަކު އަންނަހެން ހީވެގެން ފަހަތް ބަލާލި އެވެ. ހިނގުން ހުއްޓާލާފަ އެވެ. އެއްވެސް މީހެއްގެ ހިލަމެއް ވެސް ނެތެވެ. ހަނދުވަރުގެ އަލި ފިޔަވައި އެހެން އައްޔެއް ނެތެވެ. ޔަޒްދާ ހިނގައިގަތުމަށް ކުރިމައްޗަށް އެނބުރުނެވެ.

-ނުނިމޭ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް