ވާހަކަ: ގަބުރުސްތާނު

ވާހަކަ

ވާހަކަ: ގަބުރުސްތާނު - ހަވަނަ ބައި

'އޭނާ އަންނާނެ. އޭނާ އަހަރެން މަރާލާނެ.' އެ ކިޔާ އެއްޗެއް އެތާ ތިބި އެއްވެސް މީހަކަށް އަޑެއް ނީވެ އެވެ. ޔަޒްދާއަކަށް ވެސް ނީވެ އެވެ.
6 މާރިޗު 2025

އެޕިސޯޑް 6

ނަމަވެސް އެއީ އެހެން މީހުންނަށް ފެންނަ ގޮތެވެ. ތަނަށް ވެރިވެފައި އޮތީ ފަނޑު އަނދިރިކަމެކެވެ. ޝިފާޒް ކާން ފެށި އެވެ. އެއްވެސް އެއްޗެއް ނުބުނެ އިނދެގެން ކައި ނިންމާލި އެވެ. ޔަޒްދާ ދިޔައީ ފާހާނާއަށެވެ. ޝިފާޒް އެއްލި ކަޅިއަކުން ފެނުނީ ކަޅު، ކުޑަކުއްޖަކު ވޯޑް ތެރެއަށް ވަދެގެން އަންނަ ތަނެވެ. އެ ފަނޑު އަލިކަމުގެ ތެރެއިން އެ ކުއްޖާ ސިފަވަމުން ދިޔައީ ވަރަށް ބިރުވެރި ކޮށެވެ. ޝިފާޒްގެ ހަނދާނަށް އައީ ހުރާގަނޑެވެ. އެ ކުއްޖާ މަޑު ހިނގުމެއްގައި ޝިފާޒްގެ އެނދާ ދިމާއަށް އަންނަމުން ދިޔައެވެ. ޝިފާޒް އޮތީ ބިރުން ހަލާކުވެފަ އެވެ. އެހެން މީހުންނާ ދިމާއަށް ބަލާލި އެވެ. އެހެން މީހުންނަށް އެ ކުއްޖާ ފެނޭތޯ އެވެ. ނަމަވެސް ގިނަ މީހުން ތިބީ ނިދާފަ އެވެ. ޝިފާޒް ފަހަތަށް ފަހަތަށް ޖެހެމުން ދިޔަ އެވެ. އެ ކުއްޖާ އައިސް ޝިފާޒްގެ އެނދު ކައިރިއަށް ހުއްޓުނެވެ. ހަށިގަނޑުގައި ހުރީ ކެހެރި ފަޅާފަ އެވެ. ލޯ ހުރީ ރަތްކުލައިން ދިއްލިފަ އެވެ. ނިގުލެއް ވެސް އޮތެވެ. ޝިފާޒް ބިރުން ހަޅޭއްލަވަން ފެށި އެވެ. އެ ވަގުތު އެންމެން އެ ތަނަށް ބަލާލި އެވެ. ނަރުހުން ޝިފާޒް ކައިރިއަށް ދިޔަ އެވެ. ވީ ކިހިނެއްތޯ އޮޅުން ފިލުވި އެވެ. ޔަޒްދާ ވެސް ފާހާނާއިން ނުކުތެވެ.

"ކިހިނެއްވީ، ޝިފާޒް؟" ޔަޒްދާ އަހާލި އެވެ. ޝިފާޒަށް އެއްޗެއް ބުނެވޭ ވަރެއް ނޫނެވެ. ބިރުން ގޮސް މީހާ އޮތީ ތުރުތުރު އަޅާ ހާލުގަ އެވެ. ޔަޒްދާގެ ގައިގައި ބައްދައިގަނެގެން އޮވެ ކިޔަމުން ދިޔަ އެވެ.

"އޭނާ އަންނާނެ. އޭނާ އަހަރެން މަރާލާނެ."

އެ ކިޔާ އެއްޗެއް އެތާ ތިބި އެއްވެސް މީހަކަށް އަޑެއް ނީވެ އެވެ. ޔަޒްދާއަކަށް ވެސް ނީވެ އެވެ.

މީހުންތައް ތެރެއިން ފޭދިގެން އެ ކުޑަކުއްޖާ ދުންކޮޅެއްހެން މައްޗަށް އަރައިގެން ދިޔަ އެވެ. އެ މަންޒަރު ފެނުނީ ޝިފާޒަށް އެކަންޏެވެ. އެ ވަގުތު ޝިފާޒަށް ހޮޑުލެވެން ފެށި އެވެ. ހޮޑުލާ ބަނޑު އެއްކޮށް ހުސްވި އެވެ. އެންމެ ފަހުން ލޭ ވެސް އަންނަން ފެށި އެވެ. އެ ވަގުތަކީ ހާއްސަ ޑޮކްޓަރެއް ވެސް ނެތް ވަގުތެކެވެ. ނަރުހުން އަވަސް ވެގަތީ އިންޖެކްޝަނެއް އެއްޗެއް ޖެހޭތޯ އެވެ. އެއީ ޑޮކްޓަރެއްގެ ލަފާގެ މަތިންނެވެ. އެންމެ ފަހުން ނިދާ އިންޖެކްޝަނެއް ޖަހައިގެން ޝިފާޒަށް ނިދުނެވެ. ޔަޒްދާއަށް ހަމަނޭވައެއް ލެވުނެވެ. އޭނާ ހުރީ މިރޭ ވީ ކަންތަކާ ވެސް ކަންތައް ބޮޑު ވެފަ އެވެ. އަނެއްކާ ޝިފާޒަށް ވާގޮތެއް ނޭނގޭތީ އެކަމާ މާ ހާސްވެ އެވެ. ދެން ހަދާނެ ގޮތެއް ވިސްނުމަކަށް ނަ އެވެ. ހިޔާލެއް ދޭނެ މީހަކު ވެސް ނެތެވެ.

"މިހާރު ކިހިނެއް؟" ބުޝްރީ އާއި ޔަޒްދާ ތިބީ ހޮސްޕިޓަލް ގޯތި ތެރޭގައި ހުންނަ ޖޯލިފަތީގަ އެވެ.

"ހަމަ އެކަހަލަ ގޮތެއް. ހޮޑުލުމަކަށް ބަދަލެއް ނާދޭ. މީހާ އެހާ ހުންގަދަ ވެފައި ހީކަރުވާތީ އުޅެނީ. އެއްޗެއް ކާކަށް ނުކެރޭ،" އިސްދަށަށް ޖަހައިގެން އިނދެ ޔަޒްދާ ކިޔައިދެމުން ދިޔަ އެވެ.

"ހިނގާ މާލެ ގެންދެވޭތޯ އުޅެމާ،" ބުޝްރީ ހިޔާލެއް ދިނެވެ.

"ތިކަން ވެސް އަހަރެން އެކަނި ނުވާނެތީ މި ހުންނަނީ،" ދެރަވެލާފައި ޔަޒްދާ ބުންޏެވެ.

''އަހަރެން ވެސް މި ހުރީނު. އަހަރެން ތިކަމުގަ އުޅޭނަމޭ،" ގަޔާވެލާފައި ބުޝްރީ ބުންޏެވެ.

"އެކަމަކު..."

"މާލެ ދާން ތައްޔާރު ވާންވީނު؟" ބުޝްރީ ބުންޏެވެ.

"އެކަމަކު ޑޮކްޓަރުން ބުނޭ މާ ބޮޑު ކަމެއް ފެންނާކަށް ނެތޭ. އެކްސްރޭ ވެސް ހުރިހާ ޓެސްޓްތައް ވެސް ހުންނަނީ ނޯމަލްކޮށް،" ޔަޒްދާ ބުންޏެވެ.

"އެ މީހުންނަށް ވެސް ނޭނގޭ ކަމެއް އޮވެދާނެތާ. މިތަނުން ނުފެންނަ ކަމެއް އެހެން ތަނަކަށް ގޮސް ޓެސްޓު ހަދާލީމާ ވެސް ފެނިދާނެއްނު،" ބުޝްރީ ބާރުއަޅަމުން ބުންޏެވެ.

"ޝިފާޒްއާ ވެސް ވާހަކަ ދައްކާލަން ޖެހޭނެ،" ޔަޒްދާ ބުންޏެވެ.

ޔަޒްދާ ވިސްނަމުން ދިޔައީ ޝިފާޒް މާލެ ގެންދިޔުމާ މެދުގަ އެވެ. އެއީ ބުނެލަން ފަސޭހަ ކުރަން އުނދަގޫ ކަމެކެވެ. އެކަމަކު ނުކޮށް ވާކަށް ނެތެވެ. ޔަޒްދާ ހިތަށް އެރި އެވެ. ޝިފާޒް ގަބޫލު ނުވިޔަސް މިފަހަރު ޖެހޭނީ މާލެ ދާށެވެ. ރަށު ހޮސްޕިޓަލުގައި އޮންނަތާ ވެސް ހަތަރު ދުވަސް ވީ އެވެ. އެއްވެސް ލުޔެއް ނުލިބެ އެވެ. އެއްވެސް ކުރިއެރުމެއް ވެސް ނުލިބެ އެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް މާލެ ދެވޭތޯ އުޅެންވީ އެވެ. ހިޔާލުތަކަށް ގެއްލިފައި އިންދައި، ފަހަތުން މީހަކު ގޮވާލި އެވެ. ޔަޒްދާ ފަހަތް ބަލާލި އެވެ. ހިނގަމުން އައީ ބަދޫރާ އާއި ވަހީދާ އެވެ.

"މިހާރު ޝިފާޒް ކިހިނެއް؟" ބަދޫރާ އަހާލި އެވެ.

"ހަމަ ސޭމް. އެއްވެސް ކުރިއެރުމެއް ނުލިބޭ،" މާޔޫސްވެފައި އިން ޔަޒްދާ ބުންޏެވެ.

"އަހަރެން ބުނީ ހިނގާބަލަ ތިކަން އެހެން ގޮތަކަށް ބަލާލަން،" ބަދޫރާ ބުންޏެވެ.

"ތި ބުނީ؟" ނުވިސްނިގެން ޔަޒްދާ އަހައިލި އެވެ.

"ހިނގާބަލަ ފަންޑިތަ ހަދާ މީހެއް ކައިރިއަށް،" ވައި އަޑަކުން ވަހީދާ ބުންޏެވެ.

"އޭނ؟ އެ ކީއްކުރަން؟" ޔަޒްދާ އަހައިލި އެވެ.

"އެއީ ތި ވެދާނެ އެކަހަލަ ކަމަކަށް ވެސް. މަށަށް ވަރަށް ބޮޑަށް ހީވޭ އެކަހަލަ ކަމެއްހެން. ފުރަތަމަ ފަހުމީ. ދެން ބަލިވެ އުޅެން ތި ފެށީ ޝިފާޒް. އަސްލު ވެދާނެ އެ މީހުންގެ ބިޒްނަސްއަށް މީހަކު ނުވަތަ ބަޔަކު އެއްޗެއް ހަދާފައި ކަމަށް ވެސް. ނޫނީ އެސްފީނާ ކަމަށް ވެސް. މިއީ ޔޯލަ ކަންކަމެއް ނޫން. މިއީ ހިނގާ ކަންކަން. އަހަރެން ބުނީތީ ވެސް ހިނގާބަލަ މިކަން ބަލާލަން،" ބަދޫރާ ކިޔައިދިނެވެ.

"އެއީ ތެދެއް ޔަޒޫ. އެ މީހުން ކުރިއަރާތީ ބަޔަކު ނުބައި އެއްޗެއް ހަދާފައި ވެސް ހުރެދާނެ. ބަލާލުމަކުން ނެތެއްނު ގޯހެއް،" ވަހީދާ ވެސް އެއްބަސްވި އެވެ. ޔަޒްދާ ފަހަރަކު މީހަކާ ދިމާއަށް ބަލާލި އެވެ. ދެ މީހުން ވެސް އެ އައީ އެ ވާހަކަ ދައްކަންކަން ޔަޒްދާއަށް ވިސްނުނެވެ. ޔަޒްދާ މަޑުމަޑުން ބޯޖަހާލި އެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ތިން މީހުން ހިނގަމުން ދިޔައީ ރަށުގެ ބޮޑު މަގުންނެވެ. މަޑުމަޑުން ވާހަކަ ދައްކަމުން ދިޔަ އިރު ޔަޒްދާ ހުރީ އަނގައިން ނުބުނެ އެވެ.

"އަސްލު އެއީ ކާކު؟" އެންމެ ފަހުން ޔަޒްދާ އަހައިލި އެވެ.

"ކޮބާ؟" ވަހީދާ ވެސް ކޮށްލީ ސުވާލެކެވެ.

"މި ދަނީ ކޮން ނަމެއް ކިޔާ މީހެއްގެ ގެއަށް ހޭ؟" ޔަޒްދާ އަހައިލި އެވެ.

"އެއީ މިތާ ކައިރި ރަށެއްގެ މީހެއް. އޭނަ ހުރީ މި ވަގުތު މީހަކަށް ފަންޑިތަ ހަދަން އައިސް މި ރަށުގައި. އޭނައަށް ކިޔަނީ ނަސީފް. މެދު އުމުރުގެ މީހެއް. މީހުން އޭނަ ވަރަށް މޮޅު ކުރޭ. އަހަރުމެންނަށް ވެސް އޭނަގެ ގޮތް ބަލާލެވިދާނެއެއްނު،" ބަދޫރާ ބުންޏެވެ.

"ޔަޒޫ ތި އައީ ޝިފާޒް ގާތު ބުނެފައިތަ؟" ވަހީދާ ސުވާލުކޮށްލި އެވެ.

"ނޫން. މަށަކަށް ހިއެއް ނުވޭ އޭނަ މި ކަހަލަ ކަންކަން ގަބޫލު ކުރާނެ ހެންނެއް. އެހެންވެ ނުބުނަން. ބުނިން ބަދޫމެންނާ އެއްކޮށް ފިހާރައަކަށް ގޮސްލާފައި އަންނާނަމޭ،" ޔަޒްދާ ކިޔައިދިނެވެ.

ތިން މީހުން އެކުގައި ގޮސް ވަނީ ރަށުގައި ހުރި ދުވަސްވީ ގެއަކަށެވެ. ރަށުގައި އުޅުނަސް އެއީ އާންމުކޮށް ޔަޒްދާ އައިސް އުޅޭ ހިސާބެއް ވެސް ނޫނެވެ. ޖެހިލުންވެ ހުރެ އެ ގެއަށް ވަނީ ސަލާމް ވެސް ނުގޮވަ އެވެ. އެ ވަގުތު މީހަކު ވާހަކަ ދައްކާ އަޑު އިވުނެވެ.

"ކީއްކުރާ ކުދިންކޮޅެއް؟" ދެބައި އުމުރުފުރާގެ ނަސީފް ބުންޏެވެ.

"މިއީ އެ މީހާ،" ވަހީދާ މަޑުމަޑުން ބުންޏެވެ.

"މިއަދު ގުޅީމެއްނު ބައްދަލުކޮށްލަން. އަހަރުމެން ގުޅީ،" ބަދޫރާ ބުންޏެވެ. ނަސީފް އިނީ ޖޯލިފަތީގަ އެވެ.

"އާދޭ އިށީންނަން،" އޭނާ ބުންޏެވެ. ތިން މީހުން އެކުގައި ގޮސް އިށީނެވެ.

ޔަޒްދާއަށް ކަމެއް ފާހަގަ ކުރެވުނެވެ. ޔަޒްދާ އެ ގެއަށް ވަނީއްސުރެ ނަސީފް ބަލަނީ އެވެ. އެ ބެލުމުގައި ހުރީ ނުތަނަވަސްކަމެކެވެ. ހީވަނީ ޔަޒްދާގެ ކޮނޑާ ދިމާލަށް ބަލާ ހެންނެވެ. ހިތަށް އެރި އެވެ. އޭނަ އެ ވަރަށް އެ ބަލަނީ ކީއްވެ ހެއްޔެވެ؟ އެކަމަކު އެ ސުވާލުގެ ޖަވާބު ހޯދާނީ ކިހިނެއް ހެއްޔެވެ؟ އޭނައާ އެ ސުވާލު ކުރާކަށް ނުކެރޭނެ އެވެ.

"ކޮން ކަމަކާއޭ ތި އައީ؟" ނަސީފް އަހައިލި އެވެ. ވަހީދާ އާއި ބަދޫރާ ބަލައިލީ ޔަޒްދާއާ ދިމާއަށެވެ. ކިޔައިދޭށޭ ބުނާ ކަހަލަ ގޮތަކަށެވެ. ޔަޒްދާ އިނީ ހިތްނުތަނަވަސްވެފަ އެވެ. އެއްވެސް އެއްޗެއް ނުބުނެ އިސްދަށަށް ޖަހާލި އެވެ.

"ކޮންމެވެސް އެއް ކުއްޖަކު ކިޔައިދޭންވީނު؟ އެހެން ނޫނީ މަށަށް ކިހިނެއް އެނގޭނީ ވާނުވާއެއް،" ނަސީފް ބުންޏެވެ. "އެކަމަކު މަށަށް ވެސް އެއް ކަންތައް އެނގިއްޖެ."

"ކޮން ކަމެއް؟" އަވަސް އަވަހަށް ވަހީދާ އަހައިލި އެވެ.

-ނުނިމޭ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް