ވާހަކަ: ގަބުރުސްތާނު

ވާހަކަ

ވާހަކަ: ގަބުރުސްތާނު - ފަސްވަނަ ބައި

އެ ވަގުތު ކޮޓަރީގެ ބޮކި ނިވުނެވެ. އަދި ކޮޓަރި ދޮރު ހުޅުވުނެވެ. އެތެރެއަށް ވަދެގެން އައީ ޝިފާޒަށް ފެނުނު މީހާ އެވެ.
5 މާރިޗު 2025

އެޕިސޯޑު 5

އެ ވަގުތު ކުރިމަތީ ފިރިހެނަކު ހުއްޓެވެ. މޫނާއި މޫނު ޖެހޭ ހިސާބުގަ އެވެ. ދެ ލޯ ބޮޑުކޮށްގެންނެވެ. ޝިފާޒަށް ވީ ގޮތެއް ވެސް ނޭނގުނެވެ. އޭނަގެ ދެލޯ ހުރީ ހުދު ކުލައިން ދިއްލިފަ އެވެ. ފިރިހެނެއްކަން އެނގެ އެވެ. އެއަށް ވުރެ ބޮޑަކަށް ސާފެއް ނުވި އެވެ. ޝިފާޒް ސިއްސައިގެން ގޮސް ފަހަތަށް ވެއްޓުނެވެ. ބިރުން ގޮސް މީހާއަށް ކުޑަކަމުނުދެވުނީ ކިރިޔާ އެވެ. އޭނާގެ ލޮލުގެ އަލިގަދަކަމުން ބަލަން ވެސް އުނދަގޫވި އެވެ. އޭނާ ތިރިވި އެވެ. އަދި ޝިފާޒްއާ ކައިރި ވަމުން ދިޔަ އެވެ. ޝިފާޒް މޫނުމަތީގައި އަތް އެޅި އެވެ. އަދި ވަރަށް ބާރަށް ޔަޒްދާއަށް ގޮވަމުން ގެންދިޔަ އެވެ. ހަޅޭއް ވެސް ލެވި އެވެ. ޝިފާޒްގެ އަތުގައި މީހަކު އަތްލި އެވެ. އެ އަތް އޭނާ ފޮޅުވާލި އެވެ. އެ ވަގުތު ކޮޓަރި ދޮރު ހުޅުވާލާފައި ޔަޒްދާ ނުކުތެވެ. އަދި ހައިރާންވެފައި ޝިފާޒް ކައިރިއަށް ތިރިވި އެވެ.

"ކިހިނެއްވީ؟ ކީއްވެ މިތާ ތި އިނީ؟" ޝިފާޒްގެ ބޮލުގަ އާއި އެތަންމިތާ އަތްލަމުން ޔަޒްދާ ސުވާލު ކުރި އެވެ. ޝިފާޒް އިނީ ބިރުން ފިއްކެނޑޭވަރު ވެފަ އެވެ.

"އޭތް! ކިހިނެއްވީ ހޭ؟ ހިނގާ ކޮޓަރިއަށް،" ޔަޒްދާ ބުންޏެވެ. ޝިފާޒް ތެދުވެގެން ހިނގައިގަތެވެ. އަދި ކޮޓަރިއަށް ވަދެ އެނދުމަތީގައި އިށީނެވެ. ގާތުގައި ޔަޒްދާ ވެސް އިށީނެވެ. އަދި ފެންތައްޓެއް ގެނެސްދީފައި ޝިފާޒަށް ބޯންދިނެވެ.

"ހަމަޖެހިބަލަ. ކީއްވެތަ ތިހާ ބިރުން ތި އިނީ؟ އަނެއްކާ ކުރިން ރޭ މަށަށް ދިމާވި ކަހަލަ ކަމެއް ދިމާވީތަ؟" ޖެހިލުންވަމުން ޔަޒްދާ ބުންޏެވެ.

"ނޫން ނޫން،" ޔަޒްދާ ބިރުގަނެފާނެތީ އަވަސް އަވަހަށް ޝިފާޒް ބުންޏެވެ.

"ދެން ކިހިނެއްވީ؟ ކީއްވެތަ އެތާ ބިންމަތީގައި އިނީ؟" ޔަޒްދާގެ ސުވާލެއް ހުހެއް ނުވި އެވެ.

"ކަމެއް ނުވޭ. ހިނގާ ދެން ނިދަން. އަހަރެން ބޭނުމެއް ނޫން އެ ވާހަކަ ދައްކާކަށް،" ޝިފާޒް ވާހަކަ ދެއްކި އިރު އަޑުގައި ވަނީ ތުރުތުރެކެވެ.

"އެކަމަކު..." ޔަޒްދާ އިތުރު އެއްޗެއް ބުނަންވާ އިރަށް ޝިފާޒް އެނދަށް އަރައި އޮށޯތެވެ. ކުރެވޭނެ އިތުރު ކަމެއް ނެތުމުން ޔަޒްދާ ވެސް އޮށޯތެވެ. އޭނާ ހިތަށް އެރި އެވެ. ޝިފާޒަށް ކިހިނެއްވީބާވަ އެވެ؟ އެހެންޏާ ޝިފާޒް ކިބައިން ނުފެންނަ ސިފަތަކެއް ކުއްލިއަކަށް ފެންނަން މި ފެށީ ކީއްވެބާވަ އެވެ؟ އޭނާ ހިތަށް އަރައި ފައިބަމުން ދިޔަ ސުވާލުތަކަށް ޝިފާޒްގެ ޖަވާބެއް ނުލިބޭނެކަން އެނގެ އެވެ. ކޮންމެ ފަހަރަކު ވެސް ސުވާލެއް ކުރާ އިރަށް އަޑު ނީވޭ ކަމަށް ހަދާފައި ދަނީ އެވެ. ނުވަތަ ވާހަކަ އޮޅުވާލަނީ އެވެ.

ޔަޒްދާ ނިދޭތޯ ދެ ލޯ މަރާލި އެވެ. އިސާހިތަކު ނިދުނެވެ. އެ ވަގުތު ކޮޓަރީގެ ބޮކި ނިވުނެވެ. އަދި ކޮޓަރި ދޮރު ހުޅުވުނެވެ. އެތެރެއަށް ވަދެގެން އައީ ޝިފާޒަށް ފެނުނު މީހާ އެވެ. އޭނާއެކޭ ހިޔަންޏެކޭ އެއްގޮތެވެ. މަޑު ހިނގުމެއްގައި އައިސް ޔަޒްދާ ގާތަށް ހުއްޓުނެވެ. އަދި ޔަޒްދާގެ މޫނާއި މޫނު ޖެހޭ ހިސާބަށް ގުދުވެލި އެވެ. އޭނަގެ ދިގު އިސްތަށިގަނޑު ޔަޒްދާގެ މޫނުމަތީގައި ޖެހުނެވެ. ޔަޒްދާގެ އަތުން އެކަން ރަނގަޅު ކޮށްލި އެވެ. އަދި ފުން ނިންޖެއްގެ ތެރެއަށް މީހާ ގަރަގު ވެގެން ދިޔަ އެވެ. އޭނާ ތެދުވި އެވެ. އަދި ޔަޒްދާ ގާތުގައި އެނދުގައި އިށީނެވެ. ޔަޒްދާގެ މޫނުގައި ފިރުމާލި އެވެ. އޭނަގެ އަތް ވަނީ ތެމިފަ އެވެ. ނަމަވެސް އެއީ ވާރޭ ވެހެމުން ދިޔަ ވަގުތެއް ވެސް ނޫނެވެ. އެހެނަސް އޭނާ ލައިގެން ހުރި ގަމީހާއި ޖީންސް ވެސް ވަނީ ތެމިފަ އެވެ. ކުއްލިއަކަށް އޭނާގެ ދެލޯ ދިއްލާލި އެވެ. އަދި ޔަޒްދާގެ ދެލޯ އޭނަގެ އިނގިލން ހުޅުވާލި އެވެ. ހަތަރު ކަޅި ހަމަކޮށްލި އެވެ. ސިއްސައިގެން ގޮސް ޔަޒްދާއަށް ހޭލެވުނެވެ. ވަށައިގެން ހޯދާލި އެވެ. ކޮޓަރިތެރެ ހުރީ އަލިކޮށެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ފެނުނީ ހުވަފެނެއް ކަމާ މެދު ޝައްކެވެ. އެހެނަސް އެ ތަނުން އެހެން މީހެއްގެ އަސަރެއް ފެންނާކަށް ނެތެވެ. ޔަޒްދާއަށް މާ ނޭވާ ލެވެމުން ދިޔަ އެވެ. ޝިފާޒްއަށް ގޮވަން ހިތަށް އަރާފައި ވެސް އަޅާ ނުލީ އެވެ. ދެން ވެސް ބެލީ ނިދޭތޯ އެވެ. ނަމަވެސް މީހާ އޮތީ ވަރަށް ބޮޑަށް ބިރުގަނެފަ އެވެ. ދެ ލޯ މަރާލީ މަޑުމަޑުންނެވެ.

ހެނދުނު ތެދުވި އިރު ޝިފާޒް އޮތީ ހުން އައިސްފަ އެވެ. މީހާ ތުރުތުރު އަޅަމުން ދެ އެވެ. އެ ވަރަށް ހޮޑު ވެސް ލަ އެވެ. ޔަޒްދާ އުޅުނީ ޝިފާޒަށް ޖޫސް ތައްޓެއް ނުދެވިގެންނެވެ. ހަމަ އެތިކޮޅެއް ދޭ އިރަށް ހޮޑުލަ އެވެ. އެންމެފަހުން އެކި އެއްޗެހި ދީގެން ވެސް ހަމައަކަށް އެޅޭ ގޮތް ނުވެގެން ހޮސްޕިޓަލަށް ދިޔަ އެވެ. ވަގުތުން އެޑްމިޓް ކުރި އެވެ. އެއްޗެއް ނުކެވުމުން ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. މީހާ އޮތީ ވަރަށް ބޮޑަށް ވަރުބަލިވެފަ އެވެ. އައިވީ ގުޅާފައި ބޭސް ދިނެވެ.

"ދެން ނިދޭތޯ ބަލާ،" ލޯތްބާ އެކު ޔަޒްދާ ބުންޏެވެ.

"ޔަޒޫއަށް އަހަރެންނާ ހެދި ވަރަށް އުނދަގޫވޭ ދޯ؟" ޝިފާޒް މަޑުމަޑުން އަހާލި އެވެ.

"ކީއްވެ ތިހެން ތި ބުނީ؟ ފިރިމީހާ ބަލިވީމާ އެހީވާން ހުންނާނީ އަނބިމީހާއެއްނު. މިއީ މާ ބޮޑު ކަމެއް ނޫން. އަހަރެން ދެރަ ވަނީ ޝިފާޒްއަށް ލުޔެއް ނުލިބޭތީ. އެކަމަކު ރަނގަޅު ބޭހާ ޖެހުނީމާ ވަރަށް އަވަހަށް ރަނގަޅު ވާނެ،" ޝިފާޒްގެ ބޮލުގައި ފިރުމާލަމުން ޔަޒްދާ ބުންޏެވެ. ޝިފާޒް ދެލޯ މަރާލީ ހަށިގަނޑުގައި އަޅަމުންދާ ވޭންތަކަށް ލުޔެއް ލިބޭތޯ އެވެ.

ރޭގަނޑު ވުމުން ކާ އެއްޗެއް ބަލާ ހޮސްޕިޓަލުން ޔަޒްދާ ނުކުތެވެ. ޔަޒްދާ ނުކުތް އިރު ޝިފާޒަށް އޮތީ ނިދިފަ އެވެ. ޔަޒްދާ ނުކުތް އިރު ގަޑިން ނުވައެއް ޖަހަނީ އެވެ. ގެއަށް ގޮސް ނޫޑްލްސް ކޮޅެއް ތައްޔާރުކޮށްލި އެވެ. ޝިފާޒަށް އެންމެ މީރު ވާނެ ހެންނެވެ. ޔަޒްދާ ކިތަންމެ ހިތްވަރުކޮށްފައި އުޅުނަސް ރޭގަނޑު އެކަނި ގޭގައި އުޅުމަކީ ވަރަށް ޖެހިލުންވާ، ބިރުގަންނަ ކަމެކެވެ. ނަމަވެސް މިއަދު އެ ނޫން ގޮތެއް ނެތުމުން އުޅެނީ އެވެ.

ގެ ތަޅުލާފައި ޔަޒްދާ ނުކުތީ ހޮސްޕިޓަލަށް ދިޔުމަށެވެ. މަޑުމަޑުން ހިނގާފައި ދިޔައީ ގަބުރުސްތާނު ކައިރިންނެވެ. އެއީ ހޮސްޕިޓަލަށް އެންމެ އަވަހަށް ދެވެން އޮންނަ މަގަކީ އެއީ ކަމުގައި ވާތީ އެވެ. ނަމަވެސް މަގުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަނެއްކޮޅުން އެ މަގަކީ ވަރަށް އަނދިރިކޮށް އޮންނަ މަގެކެވެ. އެހެނަސް ހަމަ ހިތްވަރުކޮށްލާފައި ޔަޒްދާ ހިނގަމުން ދިޔަ އެވެ. ޔަޒްދާ ހިނގަމުން ދިޔަ އިރު ކުއްލިއަކަށް ފަހަތުން މީހަކު އަންނަ ހެން ހީވި އެވެ. ޔަޒްދާ އަކަށް ފަހަތް ބަލާލާކަށް ނުކެރުނެވެ. ނަމަވެސް މި ރަށުގައި އެ ގޮތަށް އަންހެނުންނާ މައްލަވަ ކުރާ ކަހަލަ ފިރިހެނުން ވަރަށް ނޫޅޭނެ އެވެ. އެ ކަހަލަ ކަންކަން ކުރަން ކެރޭ މީހަކު ވެސް މަދު ވާނެ އެވެ.

އެ މީހަކު ހިނގަމުން އަންނަނީ ޔަޒްދާއާ ދާދި ގާތުން ހެން ހީވެ އެވެ. ޔަޒްދާ ހިނގުން ބާރުކޮށްލި އެވެ. އެ މީހަކު ވެސް ހިނގުން ބާރުކޮށްލި އެވެ. ފިޔަވަޅު އަޑު ވެސް އިވެމުން ދިޔަ އެވެ. ޔަޒްދާގެ ހިނގުން މަޑު ދުވެއްޔަކަށް ބަދަލުވި އެވެ. ދެވޭ އެންމެ ހަލުވިކޮށް ޔަޒްދާ ދިޔަ އެވެ. އެ ވަރުން ވެސް ފަހަތެއް ބަލައެއް ނުލަ އެވެ. ޔަޒްދާ ދުވެދުވެ ވަރުބަލިވި އިރު ވެސް ހޮސްޕިޓަލާ ހަމައަކަށް ނުދެވުނެވެ. ހީވަނީ އެއް ތަނެއްގައި ދުވެވޭ ހެންނެވެ. ޔަޒްދާ ދެ ފަރާތަށް ބަލައިލި އެވެ. ފެންނަނީ އެއް މަންޒަރެކެވެ. ކުރިއަށް ވުރެ ޔަޒްދާ ބިރުގަތެވެ. ވަރަށް ބާރަށް ދުއްވައިގަތެވެ. ފަހަތުން އަންނަ 'މީހަކު' ވެސް ދުއްވައިގަތް އަޑު އިވުނެވެ. ދެން ފެނުނީ ޔަޒްދާ ބިރުން ހަލާކުވާ ވަރުގެ މަންޒަރެކެވެ. ބިންމަތިން ހިޔަންޏެއް ފެނުނެވެ. އެ ހިޔަނި އިނީ ޔަޒްދާގެ ބޯމަތިން ފެންނާށެވެ. އިންސާނެއްގެ ހަށިގަނޑު އިން ނަމަވެސް ބޮޑު ދެ ފިޔަގަނޑު ފެނުނެވެ. ބޮލުގައި އިން ދެ ދަޅު ވެސް ފެނުނެވެ. އެއީ ހީވާ ގޮތެއް ނޫނެވެ. ނުވަތަ ވަހުމެއް ވެސް ނޫނެވެ.

ޔަޒްދާގެ ކުރިމަތިން ފެންނަމުން ދިޔައީ ހަގީގަތެވެ. ޔަޒްދާއަށް ރޮވޭ ގޮތްވި އެވެ. ދުވަމުން ގޮސް ހޮސްޕިޓަލާ ހަމައަށް ދެވުނު އިރު އެ ހިޔަނި ގެއްލިއްޖެ އެވެ. ނަމަވެސް ޔަޒްދާގެ ބޯމަތިން އޭތި ދިޔަ އިރު ޔަޒްދާއަށް އެ ހަށިގަނޑު ފެނުނެވެ. މޫނެއް ނުފެނުނެވެ. އިސްތަށިގަނޑާ ހެދި އެވެ. ދެ ފިޔަ ވެސް ފެނުނެވެ. ޔަޒްދާ އެންމެ ހައިރާންވި ކަމަކީ އެއީ ދަންނަ ހެން ހީވާ 'މީހަކަށް' ވުމެވެ. ނަމަވެސް ކާކުކަން ވިސްނުމަކަށް ނާދެ އެވެ. ހަނދާން ކުރަން އުޅެއުޅެ ވެސް ހަނދާނެއް ނުވި އެވެ.

ހޮސްޕިޓަލަށް ވަދެވުނު އިރު މީހާ ހުރީ ދާހިއްލާ ފޯވެފަ އެވެ. ދާތައް އަތުގެ ނުފުށުން ފުހެމުން ފެންނަ މީހަކަށް ހިނިތުންވެލަމުން ޝިފާޒް އޮތް އެނދާ ދިމާއަށް ދިޔަ އެވެ.

"ހާދަ ލަހުން ތި އައީ،" ގަޑި ދައްކާލަމުން ޝިފާޒް ބުންޏެވެ. "އަހަރެން ވަރަށް ބަނޑުހައި ވެފައި މި އޮންނަނީ. ފޯނަށް ގުޅީމަ ބުނަނީ ނިވާލާފައޭ."

"އާނ. ކުޑަކޮށް ލަސްވީ، ސޮރީ. މި ހުރީ ޝިފާޒަށް އެންމެ މީރު ގޮތަށް ނޫޑްލްސް ކައްކާފައި. ހިނގާ ކާން. އަހަރެން ވެސް އަދި ނުކަން،" ހިނިތުންވާން މަސައްކަތް ކުރަމުން ޔަޒްދާ ބުންޏެވެ.

އެ ތަނުގައި އެ ވަގުތު އެޑްމިޓްކޮށްފައި ތިބީ ތިން މީހުންނެވެ. އެއިން ކޮންމެ މީހެއްގެ އެހީތެރިޔާ އާއި ދެ ނަރުހުންގެ އިތުރުން އެހެން މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް އެއީ އެހެން މީހުންނަށް ފެންނަ ގޮތެވެ. ތަނަށް ވެރިވެފައި އޮތީ ފަނޑު އަނދިރިކަމެކެވެ.

-ނުނިމޭ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް