ވާހަކަ: ގަބުރުސްތާނު
ވާހަކަ: ގަބުރުސްތާނު - ހަތަރުވަނަ ބައި
އެޕިސޯޑު 4
"ފަހުމީ އެބަ ހުރި... އެތާ...!" ހަސަނަށް އެއްޗެއް ބުނެވޭ ވަރެއް ނޫނެވެ. އަޑު ތުރުތުރު އަޅަނީ އެވެ.
"ކޮންތާކުތަ؟ ކިހިނެއްވީތަ؟" ޝިފާޒް އަހާލި އެވެ.
"އޭނަ އެބަ ހުރި **ޖެހިފައި،" ހަސަނަށް ބުނެވުނެވެ. ބުޝްރީ އާއި ޝިފާޒް ދެ ލޯ ބޮޑު ވެގެން ދިޔައެވެ.
"އޭނ؟ ކަލޭ ހަމައިގައިތަ ތިހިރީ؟" ޝިފާޒަށް ބުނެވުނެވެ.
"އާއެކޭ. މަ ހަމައޭ. އޭނައެއްނު ހަމައިން ނައްޓައިގެން ** ޖެހުނީ. އޭނަގެ ގޭގައި ހުރީ ވެސް. މިހާރު ޕޮލިހުން އެބަދޭ އެ ގެއަށް. ހިނގާބަލަ ދާން އަހަރުމެން ވެސް،" އެ ތަނުން ނުކުންނަމުން ފަހުމީ ބުންޏެވެ. ފަހަތުން ބުޝްރީ އާއި ޝިފާޒް ވެސް ނުކުތެވެ.
އެ މީހުންނަށް ގެއާ ހިސާބަށް ދެވުނު އިރު ފަހުމީގެ ހަށިގަނޑު ގެއިން ނެރެނީ އެވެ. މަތީގައި އޮތީ ފޮތިގަނޑެއް އަޅާފަ އެވެ. މީހުން ގިނަކަމުން ގޭތެރެއާ ހިސާބަކަށް ނުވަދެވުނެވެ. ތުންތުންމަތިން އެކި ވާހަކަ ދެކެވެމުން ދިޔަ އެވެ. އެތެރެއިން މީހުންގެ ރުއިމުގެ އަޑު މެދުނުކެނޑި އިވެމުން ދިޔަ އެވެ. ފަހުމީގެ އަތްނބަކާއި ކުޑަ ފިރިހެން ކުއްޖަކު ހުންނާނެ އެވެ.
"އަތުގެ ތަންތަން ހުރީ ނޫފައިގަނެފަޔޯ. ބައެއް ތަންތަނުގައި ދަތް އަޅާފައި ވެސް ހުއްޓޯ. ހީވަނީ ކުޑަކުއްޖަކު ދަތް އަޅާފައި ހުރި ހެންނޯ،" އަންހެނަކު ބުނި އަޑު އިވުނެވެ.
ކުޑަކުއްޖެކޭ ބުނުމުން ޝިފާޒްގެ ގައިން ހީބިހި ނަގައިގެން ދިޔަ އެވެ. އަނެއްކާ ފަހުމީގެ މަރަކީ އަމިއްލައަށް ވީ މަރެއް ނޫންބާވައޭ ހިތަށް އެރި އެވެ. މީހަކު އޭނަ މަރާލީބާވަ އެވެ؟
"އާނ. ރޭގައި ގެއަކަށް ނާދެޔޯ. ރައްޓެހިންނާ އެކު ތަނަކަށް ޖައްސާލާފައި އަންނާނަމޭ ބުނެފަޔޯ ދިޔައީ. އޭނާ އަންހެނުން ނިދާ ހޭލި އިރު، ހުރީ އެތާ އެލިފަޔޯ،" އެހެން މީހަކު ބުނި އަޑު އިވުނެވެ.
"ރޭގައި ތިޔަ ކަމެއް ތިޔަ ހިނގީ. ކޮން ރައްޓެހިންނެއް ބާ ދޯ؟" މީހަކު ބުންޏެވެ.
"ޕޮލިހުން އެކަން ތަހުގީގު ކުރާނެއެއްނު."
ޝިފާޒް އުޅަނބޮށިން ބުޝްރީގެ އަތުގައި ޖަހާލި އެވެ. ދެ މީހުން ދެ މީހުންނަށް ބަލާލާފައި އެއްވެސް އެއްޗެއް ނުބުންޏެވެ. އެ ވަގުތު އެ ތަނުން ޔަޒްދާ ފެނުނެވެ. ޝިފާޒް ދިޔައީ ސިއްސައިގެންނެވެ. ދެ ލޯ ބޮޑުކޮށްގެން ހުރެ މީހުންތަކުގެ ތެރެއިން ޔަޒްދާ ގޮވައިގެން ބޭރަށް ނުކުތެވެ.
"ޔަޒޫ ކީއް ތި ކުރަނީ މިތާ؟" ޝިފާޒް އަހައިލި އެވެ.
"އަހަރެންނަށް ވެސް މި ހަބަރު ލިބުނީމަ މި އައީ. އަވައްޓެރިއެއް ބުނީ،" ޔަޒްދާ ބުންޏެވެ.
"އެކަމަކު މި ކަހަލަ ތަންތަނަށް އަންނާކަށް ނުވާނެ. ހިނގާދާން ގެއަށް،" ޔަޒްދާގެ އަތުގައި ހިފައިގެން ޝިފާޒް ސައިކަލަށް އެރި އެވެ.
"ޝިފާޒްމެން ރޭގައި ކޮންތާކަށް ދިޔައީ؟" ގެއަށް ވަދެފައި ޔަޒްދާ އަހައިލި އެވެ.
"އޭނ؟ ކޮ... ކޮންތާކަށް؟" ޝިފާޒަށް ބުނެވުނެވެ.
"ޝިފާޒް ވެސް ދިޔައީ. ފަރީހާ ބުނި ބުޝްރީ ވެސް ގެއިން ނުކުމެގެން ދިޔަ ވާހަކަ،" ފަރީހާއަކީ ބުޝްރީގެ އަންހެނުންނެވެ. "އަނެއްކާ މިއަދު މި އެނގުނީ ފަހުމީ ވެސް ރޭގައި ގޭގައި ނޫޅޭކަން. ތި އެންމެން ތިއީ އެއް ތަނެއްގައި ވޯކް ކުރާ ރައްޓެހިން. ދާ ތަނަކަށް ދާނީ އެކީގައެއްނު."
"އަހަރުމެން ނޫނަސް ފަހުމީގެ ރައްޓެހިން ތިބޭނެ. އޭނަ ދިޔަ ތަނަކަށް އެ މީހުންނާ އެކު ވެސް ގޮސްދާނެއެއްނު،" ޝިފާޒް ނޫން ކަމަށް ހެދެމުން ބުންޏެވެ. ޝިފާޒަކީ ޔަޒްދާއަށް ދޮގު ހަދާ މީހެއް ނޫނެވެ. ވުމާއެކު ހަގީގަތް ފޮރުވަން ވަރަށް އުނދަގޫވި އެވެ.
"އެހެންތަ؟ އެކަމަކު އެތާ ތިބި ބައެއް މީހުން ބުނި ފަހުމީ ވައިފް ބުންޏޭ ބުޝްރީމެންނާއެކު އޭ މި ދަނީ،" ޔަޒްދާ އިތުރަށް އެނގެން ބޭނުންވެގެން ބުންޏެވެ.
"ހަމަ ތެދެއްތަ؟ އެހެން ބުނިތަ؟ ބުޝްރީއޭތަ ބުނީ؟" ޔަޒްދާގެ ދެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ޝިފާޒް އެހި އެވެ. ޔަޒްދާ ހުރީ ހައިރާންވެފަ އެވެ. ބުނާނެ އެއްޗެއް ނޭނގިފަ އެވެ.
"ބުނެބަލަ. އެހެންތަ ހަމަ ކީ؟"
"ދޫކޮށްލަބަލަ. ޝިފާޒް ކިހިނެއް ވެގެންތަ ތި އުޅެނީ؟" ޝިފާޒްގެ އަތް ފޮޅުވައިލަމުން ޔަޒްދާ ބުންޏެވެ.
"އަހަރެން ޔަގީންކޮށްލަން ބޭނުންވީ. މީހުން ކިޔާފާނެ ކޮންމެ އެއްޗެއް ވެސް. އެއީ ރޭގައި މަށާއި ބުޝްރީއާ އުޅުނީ އެކީގައި. ގައިމު ތި ފަހުމީއެއް ވެސް އެހެންވިއްޔާ އުޅޭނެތާ،" އޮޅުވައިލަން މަސައްކަތް ކުރަމުން ޝިފާޒް ބުންޏެވެ.
"ތިއެއް މަށަކަށް ނޭނގެ. އެތާ ތިބި މީހުން ކީ އެއްޗެއް މި ބުނީ. ބުޝްރީ ވެސް ފަހުން ހުރި އެތަނަށް ގޮސް ދޯ؟ އަހަރެން ދުށިން،" ހަނދާން ވެގެން ޔަޒްދާ އަހައިލި އެވެ.
"ކިހިނެއް މިވީ؟" ރެސްޓޯރެންޓެއްގައި ތިބީ ބުޝްރީ އާއި ހަސަނާއި ޝިފާޒެވެ.
"ކީކޭތަ ޕޮލިހުން ބުނަނީ؟ އަހަރުމެންނާ ހިސާބަށް އަނެއްކާ އަންނާނެތަ؟" ޖެހިލުންވެފައި ބުޝްރީ ބުންޏެވެ.
"ނޭނގެ. އެކަމަކު ހޮސްޕިޓަލުން ބުނަނީ އަމިއްލައަށް ކަމަށް މަރުވީ. މަ ހިތަށް އަރާ އޭނަ ހަށިގަނޑުގައި ނޫފައިގަނެފައި އެ ހުރީ ކީއްވެބާވައޭ. އަނެއްކާ ދަތް އަޅާފައި ހުރި ތަންތަން ވެސް ހުއްޓޭ މީހުން ކީ،" ހަސަނު ބުންޏެވެ.
"އެ ރޭ ވީ ކަންކަން އެއްވެސް މީހެއް ގާތުގައި ބުނާނެ ކަމެއް ނެތް. އެހެން ނޫނީ މި ކަންތައް ވެސް އަންނާނީ އަހަރުމެންގެ ބޮލަށް،" ޖެހިލުންވެފައި ބުޝްރީ ބުންޏެވެ.
"އެކަމަކު އޭނަ އަމިއްލައަށް މަރުވާންވީ ސަބަބެއް މަށަކަށް ހަމަ ނުވިސްނޭ،" ޝިފާޒް ބުންޏެވެ.
"އޭނަ މާ ބޮޑަށް ބިރުގަތީ ކަންނޭނގެ،" ހަސަނު ބުންޏެވެ.
"އެކަމަކު އަމިއްލައަށް މަރުވާ ވަރަށް މީހުން ބިރުގަނޭތަ؟" ބުޝްރީ އެހި އެވެ.
"އަހަރުމެންނަށް ނޭނގޭ ކަމެއް ވެސް ހިނގާފައި އޮވެދާނެއެއްނު؟" ޝިފާޒް ނޫން ގޮތަކަށް ބުނެލި އެވެ.
"އަހަރުމެންނަށް ނޭނގޭ ކޮން ކަމެއް؟ އެންމެން އެކީގައެއްނު އުޅުނީ. އޭނައަށް ވަކިން ކަމެއް ވީ ނަމަ އަހަރުމެންނަށް ވެސް އެނގޭނެއެއްނު،" ހަސަނު ބުންޏެވެ.
"އެހެން ނޭނގިދާނެ ހަމަ،" މަޑުމަޑުން ޝިފާޒް ބުންޏެވެ.
"ކަލޭ މާ ނެގިމަޑުވެފައި ކީއްވެ ތި އިންނަނީ؟" ބުޝްރީ އެހެން ބުނީ ޝިފާޒްއާ ދިމާލަށެވެ. "އަނެއްކާ ކަލޭއަށް އިތުރު އެއްޗެއް އެނގެނީތަ؟"
ޝިފާޒް ވަގުތުން ބޯ ހޫރުވާލި އެވެ. އަދި ކޮފީ ތަށިން ފޮދުވަރެއް ބޯލި އެވެ.
"އެކަމަކު ވައިފް ވަރަށް ޝައްކު ކުރޭ. ވަރަށް ގިނަ ސުވާލު ވެސް ކުރޭ،" ޝިފާޒް ބުންޏެވެ. "މަ އެއްޗެއް އެނގޭ ކަމަކަށް ނުހަދަން."
ކަންތައް ވީ ވެސް ޝިފާޒްމެން އުންމީދު ކުރި ގޮތަށެވެ. އެ މީހުންނާ ހިސާބަށް މައްސަލަ ނައިސް އެކަން ވެ ނިމުނީ އެވެ. އަމިއްލައަށް މަރުވި ކަމެއްގެ ގޮތުގައި ޕޮލިހުން ނިންމީ އެވެ. ބުޝްރީއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެ ހިސާބުންނެވެ.
ޝިފާޒް އާއި ޔަޒްދާ ތިބީ ނިދާށެވެ. ދެ މީހުން ދެ ފަރާތަށް އެނބުރިގެންނެވެ. ޔަޒްދާ އޮތީ ލޯ މަރައިގެންނެވެ. ނިދޭތޯ އެވެ. ޝިފާޒް އޮތީ ކުޑަދޮރުގެ ފޮތިގަނޑާ ދިމާއަށް ބަލަހައްޓައިގެންނެވެ. ލޮލަށް ނިދި ނައިސްގެންނެވެ. ލޯ މަރާލާ އިރަށް ސިފަ ވަނީ ފަހުމީ އެ ރަށާ ދިމާއަށް ބަލަހައްޓައިގެން އިން މަންޒަރެވެ. ހަމަ ޔަގީނުން ވެސް ފަހުމީއަށް ކޮންމެވެސް އެއްޗެއް ފެނުނީ އެވެ. ފަހުމީގެ މަރާ އެ ރޭ ދިމާވި ކަންކަމާ އެއްވެސް ގުޅުމެއް ވޭ ހެއްޔެވެ؟ ޝިފާޒަށް އެ ހުރާގަނޑުން ފެނުނު ކުޑަ ހިޔަނި ވެސް ހަނދާން އެބަ ހުއްޓެވެ. ހަނދު ދެ ފަޅި ވެފައި ހުރި މަންޒަރު ވެސް ހަނދާން އެބަ ހުއްޓެވެ. އެއީ އާދައިގެ ކަންކަމެއް ނޫނެވެ. ބުޝްރީ އާއި ހަސަނަށް އެ ކަންކަން ނުފެނުނީ ކީއްވެ ހެއްޔެވެ؟ އެއީ ވެސް ޝިފާޒްގެ ހިތުގައި އުފެދުނު ސުވާލެކެވެ. އެ ވަގުތު ކުޑަދޮރު ކައިރިން ހިޔަންޏެއް ހުރަސް ކުރި އެވެ. ޝިފާޒަށް އެ ދިމާއަށް ބަލާލެވުނެވެ. ހިޔަނި ދިޔައީ މަޑު ހިނގުމެއްގަ އެވެ. ޝިފާޒަށް ހިންދިރުވާލެވުނެވެ. އަދި ޔަޒްދާއަށް ބަލައިލި އެވެ. ޔަޒްދާ އޮތީ ނިދާފަ އެވެ. އަނެއްކާވެސް ހިޔަންޏެއް ފެނުނެވެ. ހަމަ އެއް ގޮތަކަށް ހިނގާފައި ދަނިކޮށެވެ. ދަނީ އެއް ކޮޅަކަށެވެ. ބަލާ ބެލުމަށް ހީވަނީ ބޯ ދިގު ކޮށްފައި ހުރި ފިރިހެނެއް ހެންނެވެ. ހަށިގަނޑު ހުރީ އެކަހަލަ ގޮތަކަށެވެ.
ޝިފާޒް ތެދުވެ އެނދުގައި އިށީނެވެ. ދޮރު ފޮތިގަނޑާ ދިމާލަށް ބަލަހައްޓައިގެންނެވެ. ވަޔާ ފޮތިގަނޑު ހެލިލި އެވެ. ނަމަވެސް ކޮޓަރީގައި ހުންނާނީ ފަންކާ ނުޖަހަ އެވެ. ވައި ޖެހޭނެ އެއްވެސް ގޮތެއް ނުހުންނާނެ އެވެ. ޝިފާޒް ކޮޅަށް ތެދުވި އެވެ. ކުޑަދޮރާ ދިމާއަށް ބަލަމުން ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. ދޮރު ހުޅުވާލާފައި ކޮޓަރިން ނުކުތެވެ. ސިޓިންރޫމުގައި އެއްވެސް އަލިކަމެއް ނެތެވެ. ނަމަވެސް ދެ މީހުން ނިދަން ދިޔައީ ބޮކި ދިއްލާފަ އެވެ. ބޮކި އެނދީ ހެއްޔެވެ؟ ޝިފާޒް ބޮކި ދިއްލޭތޯ ސްވިޗާ ކުޅެލި އެވެ. ބޮކި ދިއްލުނެވެ. އެ ވަގުތު ކުރިމަތީ ފިރިހެނަކު ހުއްޓެވެ. މޫނާއި މޫނު ޖެހޭ ހިސާބުގަ އެވެ. ދެ ލޯ ބޮޑުކޮށްގެންނެވެ.
-ނުނިމޭ-