ވާހަކަ: ގަބުރުސްތާނު

ވާހަކަ

ވާހަކަ: ގަބުރުސްތާނު - ތިންވަނަ ބައި

އޭރު ވެސް އޭނަ ހުރީ މައްޗަށް ބަލަހައްޓައިގެންނެވެ. ހަނދު ހުރީ ދެ ފަޅި ވެފަ އެވެ. އަދި ހަނދު އެހާ ބޮޑެވެ. އެއްވެސް ވިލާއެއް ނެތެވެ. އެކަމަކު ތަނަށް ވެރިވެފައި ވަނީ އަނދިރިކަމެވެ.
3 މާރިޗު 2025

އެޕިސޯޑު 3

އެހެން އެ ބުނީ އޭނައަށް ފެނުނު މަންޒަރު ފަހުމީއަށް ފެނުނުތޯ ޔަގީންކޮށްލުމަށެވެ. އެ ވަގުތު ފަހުމީ، ޝިފާޒްއާ ދިމާއަށް ބަލައިލި އެވެ.

"އާނ. އެކަކަށް ފެނުނު އެއްޗެއް އަނެކަކަށް ނުފެނުނު." ފަހުމީ އެހެން ބުނުމުން އޭގެ މާނަަ ޝިފާޒަށް ވިސްނުނެވެ. އޭނައަށް ވެސް އެ ހިޔަނި ފެންނަނީ އެވެ. ފަހުމީ އަނެއްކާވެސް ހުރާގަނޑާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. ޝިފާޒް ވެސް ބަލައިލި އެވެ. އޭރު އެ އެއްޗެއް ހަނާ އަޅަނީ އެވެ. ޝިފާޒް އިނީ ބިރުންނެވެ. ނަމަވެސް އެ މަންޒަރު މޫނުމަތިންނެއް ނުދައްކަ އެވެ. ބުޝްރީ އާއި ހަސަނަކަށް ވާނުވާއެއް ނޭނގެ އެވެ. އެކަމަކު އެންމެންނަށް ވެސް ކަމެއް ފާހަގަ ކުރެވުނެވެ. ޑިންގީ ދުއްވާތާ ދިހަ ވަރަކަށް މިނެޓް ވެއްޖެ އެވެ. އަދިވެސް ތިބީ ތިބި ހިސާބުގަ އެވެ. އެކަން އެންމެ ފުރަތަމަ ފަހަގަ ކުރެވުނީ ބުޝްރީ އަށެވެ.

"ކިހިނެއްތަ މިވަނީ؟ ދެތިން މިނެޓުން ދޯ އަހަރުމެންނަށް އެ ހުރާގަނޑަށް ދެވުނީ؟ އެކަމަކު ރަށަށް ދާން ކިހާ އިރެއް އެބަ ނަގާ؟" ހައިރާންވެފައި ބުޝްރީ ބުންޏެވެ.

"އަހަރެން ވެސް ތިހެން މި ހިތަށް އަރަނީ. ހާދަ އިރެއް ވެއްޖޭ ދުއްވާތާ، އެކަމަކު ހަމަ އޮތް ތަނުގައޭ ޑިންގީ މި އޮންނަނީ،" ފަހުމީ ބުންޏެވެ. ފަހުމީ ހިތަށް އަރަމުން ދިޔަ އެއްޗެހި އެއްވެސް މީހަކާ ހިއްސާ ކުރާކަށް ބޭނުމެއް ނުވި އެވެ. ބިރުގެންފައި އިންލެއް ބޮޑު ކަމުން މީހާ އިނީ ވަރަށް ބޮޑަށް ނެގިމަޑުވެފަ އެވެ.

"އަނެއްކާ ކަނޑުމަތި އެޅީތަ؟" ހަސަނު އެހެން ބުނީ ސަމާސާ ރާގެއްގަ އެވެ.

"ދެން މިކަހަލަ ގަޑިއެއްގައި ބުނާ ކަހަލަ އެއްޗެއްތަ ތީ؟ ހަސަނަށް ވެސް ރަނގަޅު އެއްޗެއް ނުބުނެވެންޏާ އަނގަ މަޑުންލައިގެން އިނދެބަލަ،" ހިތްހަމަނުޖެހިފައި ޝިފާޒް ބުންޏެވެ.

ޝިފާޒް އިރުކޮޅަކާ ފަހުމީއަށް ބަލާލަ އެވެ. ފަހުމީ ގިނައިން އިންނަނީ އެ ހުރާގަނޑަށް ބަލަހައްޓައިގެންނެވެ. ޝިފާޒަށް އެ ދިމާލަށް ބަލައިލަން ވެސް ނުކެރެ އެވެ. މީހާ އިނީ ބިރުންނެވެ. އެކަމަކު ލޮލުގެ ހިމަކޮޅުން ނަމަވެސް ބެލޭތޯ މަސައްކަތް ކުރެ އެވެ. ފެންނަން ހުރި ހިޔަނި ހަމަ އެތަނުގައި ހުއްޓެވެ. ހަނާ އެޅުން ހުއްޓާލި އެވެ. އަދި އަންނާށޭ ބުނާ ގޮތަށް އަތުން އިޝާރާތް ކުރަމުން ގެންދިޔަ އެވެ. ޝިފާޒަށް އިނދެވުނު ތަން ވެސް ނޭނގުނެވެ. ޑިންގީއިން ނުވެއްޓުނީ ކިރިޔާ އެވެ.

"ކަލޯ މިތަނުން އަވަހަށް ދެވޭތޯ ހިނގާ. މާ ގިނަ އިރު މިހެން ތިބުން ރަނގަޅެއް ނުވާނެ،" ފަހުމީ ބުންޏެވެ.

"ދެވޭތޯއެއް ނޫންތަ މަ މި އުޅެނީ؟ ގައިމު އިންޖީނުގައި އެއްވެސް މައްސަލައެއް ނެތް. ބަރާބަރަށް އޭތި އެބަ ވޯކް ކުރޭ. ދެން މަށަކަށް ނޭނގެ މީގައި ވެގެން މި އުޅޭ ގޮތެއް،" ބުޝްރީ ބުންޏެވެ.

"ކޮންމެވެސް ނުބައެއް އެބަ އުޅޭ. މިހާރު ގަޑިން ކިހާ އިރެއްތަ؟" ހަސަނު ބުންޏެވެ.

އެ ވަގުތު ހަނދު މައްޗަށް ވިލާގަނޑެއް އެރި އެވެ. ބޯ ވިލާގަނޑެކެވެ. މުޅިތަން އަނދިރި ވެގެން ދިޔަ އެވެ. އެއްވެސް އަލިކަމެއް ފެންނާކަށް ނެތެވެ. ރަށުން ފެންނަމުން ދިޔަ އަލިކަން ވެސް ވަނީ ވަރަށް ބޮޑަށް ފަނޑު ވެފަ އެވެ. ވެގެން އުޅޭ ގޮތް އެއްވެސް މީހަކަށް ނޭނގެ އެވެ. ގެނައި ބައްތިތައް ދިއްލޭތޯ އުޅުނެވެ. އެއްވެސް އެއްޗެއް މަސައްކަތެއް ނުކުރި އެވެ.

"މި އެއްޗެހި އެހާ އަވަހަށް ހަލާކު މިވީ ކީއްވެ؟" އަތްތިލައިގައި ބައްތިން ތަޅަމުން ބުޝްރީ ބުންޏެވެ. "ގައިމު އަންނަމުން ލެއްވި އާ ބެޓެރީތަކެއް ހުންނާނީ."

"އޭތް. ބަލާބަލަ،" ފަހުމީއަށް ބުނެވުނެވެ.

"ކޯއްޗެއް؟" ހަސަނު އަހައިލި އެވެ. އޭރު ފަހުމީ ހުރީ މަތި ބަލަހައްޓައިގެންނެވެ. އެންމެން މަތި ބަލައިލި އެވެ. އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ދެން ފަހުމީއަށް ބަލައިލި އެވެ. ނަމަވެސް ޝިފާޒަށް ފެނުނީ ތަފާތު މަންޒަރެކެވެ. އޭރު ވެސް އޭނަ ހުރީ މައްޗަށް ބަލަހައްޓައިގެންނެވެ. ހަނދު ހުރީ ދެ ފަޅި ވެފަ އެވެ. އަދި ހަނދު އެހާ ބޮޑެވެ. އެއްވެސް ވިލާއެއް ނެތެވެ. އެކަމަކު ތަނަށް ވެރިވެފައި ވަނީ އަނދިރިކަމެވެ.

"ފަހުމީ، ކަލޭ މި ގަޑީގައި ވެސް ސަކަރާތް ޖެހޭތޯ ތި އުޅެނީ؟" ބުޝްރީ ހިތްހަމަނުޖެހިފައި ބުންޏެވެ. އެ ވަގުތު ފަހުމީއަށް ވިސްނުނެވެ. އެ މީހުންނަށް އޭނައަށް ފެންނަ މަންޒަރު ނުފެންނަނީ އެވެ. އެހެން ނޫން ނަމަ އެހެންނެއް ނުބުނާނެ އެވެ.

"ފުރޭތަ އާއި ހަންޑިއެއް ނޫޅޭނެ،" ހިތާއިހިތުން ފަހުމީއަށް ބުނެވުނެވެ. "މިއީ އެ ޒަމާނެއް ނޫން."

"އަޅެ ދެން ކިހިނެއްތަ ހަދާނީ؟" ބުޝްރީއަށް ބުނެވުނެވެ.

"މޯޑަށް ގުޅާބަލަ. އޭނަ ގެންގުޅޭނެ ޑިންގީއެއް. ބުނޭ ބަލާ އަންނާށޭ،" ހަސަނު ބުންޏެވެ. އެ ވަގުތު އެންމެން ވެސް ފޯނު މަތިން ހަނދާންވި އެވެ. ފޯނުތަކަށް ސިގްނަލެއް ނުލިބެ އެވެ. ހުރިހާ ފޯނުތަކެއްގެ ހާލަތަކީ ވެސް އެއީ އެވެ.

"އަޅެ ވަރުގަދަ ކަމެއްނު. މިއީ ކޮން ކަހަލަ ދަތުރެއްތަ؟" ޝިފާޒް ބުންޏެވެ.

"ކާކު މި ހިޔާލު ދިނީ؟"

"އެއްވެސް މީހަކު އަނެކަކު ކުށްވެރި ކޮށްގެން ނުވާނެ،" ބުޝްރީ ބުންޏެވެ. "އެ މީހަކަށް ކިޔުނު ހެޔޮ އެއްޗެއް ކިޔާބަލަ."

އިރުކޮޅެއް ނުވެ ފަތިސް ނަމާދު ބަންގީގެ އަޑު އިވުނެވެ. އެންމެން ވެސް ހައިރާންވި އެވެ. އެހާ އިރު ވަންދެން އެތަނުގައި ތިބެވުނު ކަމެއް އެކަކަށް ވެސް ނޭނގެ އެވެ. މުޅި މާހައުލު ބަދަލުވެގެން ދިޔަ އެވެ. ފަހުމީ ހުރާގަނޑަށް ބަލައިލި އެވެ. ކުރިން ފެންނަން ހުރި ހިޔަންޏެއް ނެތެވެ. ޑިންގީ ވެސް ދުވަން ފެށި އެވެ. ހަނދު އޮއްސުނެވެ. ފުސްކޮށް ފެންނަން އޮތް ރަށުގެ އަލިކަން ރީތިކޮށް ފެންނަން ފެށި އެވެ. ކޮންމެ މީހަކަށް ވެސް ހަމްދު ކުރެވުނެވެ. ދެތިން މިނެޓް ތެރޭގައި ރަށަށް އައިސް ވެލިގަނޑުގައި ފައި ޖެހުމުން ބުނެދޭން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. ސަލާމަތުން ރަށަށް އާދެވުނީތީ އެންމެންގެ މޫނު މައްޗަށް ވެސް ހިނިތުންވުން ވެރިވި އެވެ. ޝިފާޒް ބަލައިލީ ފަހުމީ އަށެވެ. ފަހުމީ ހުރީ ހިތް ނުތަނަވަސްވެފައިކަން އޭނާގެ މޫނުމަތިން އެނގެ އެވެ.

"ރޭގައި ކޮންތާކަށް ދިޔަ ރެއެއްތަ؟ މާ ލަސްވީމަ އަހަރެން ގުޅާގުޅާ ފޯނެއް ނުނަގާ،" ޔަޒްދާ ބުންޏެވެ.

"ފޯނު ރިންގު ވޭތަ؟" ޝިފާޒް ޔަގީންކޮށްލުމަށް އަހައިލި އެވެ.

"އާނ. ރިންގުވޭ. އެކަމަކު ފޯނެއް ނުނަގާ،" ޔަޒްދާ ތަކުރާރުކޮށްލި އެވެ.

ޝިފާޒް ހިތަށް އެރި އެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ ފޯނަކަށް ސިގްނަލެއް ނުލިބެ އެވެ. އަނެއްކާ ޝިފާޒްގެ ފޯނުގައި އެއްވެސް މިސް ކޯލެއް ނެތެވެ. ޔަޒްދާ ގާތުގައި އެ ވާހަކަތައް ކިޔައިދޭކަށް ބޭނުމެއް ނުވިއެވެ. ޔަޒްދާ އަކީ ބިރުން އުޅޭ މީހެކެވެ. ކޮންމެ ކަމެއް ދިމާވިޔަސް ހުންނާނީ ވަރަށް ބިރުގަނެފަ އެވެ. އެ ވަރުގެ މީހެއް ގާތުގައި އެކަހަލަ ވާހަކައެއް ދައްކާކަށް ޝިފާޒް ބޭނުމެއް ނުވި އެވެ.

މަސައްކަތް ކުރާ ތަނަށް ދާން ޝިފާޒް ނުކުތެވެ. ސައިކަލުގައި ނުކުމެގެން ރަށުގެ ބޮޑު މަގަށް އެޅި އެވެ. ދުއްވަމުން ދިޔައީ ބާރު ސްޕީޑެއްގަ އެވެ. ޝިފާޒަށް މީހަކު ގޮވާލިހެން ހީވެގެން އަރިމައްޗަށް ބަލާލި އެވެ. އެ ވަގުތު ސައިކަލުގައި އެއްޗެއް ޖެހުނު ހެން ހީވި އެވެ. ވަށައިގެން ބަލައިލި އެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދެން ބަލާލީ ސައިކަލު ފުރޮޅާ ދިމާއަށެވެ. އެ ދިމާލުގައި ތެތް އެއްޗެއް ހުއްޓެވެ. ވެލިގަނޑު ވެސް އޮތީ ތެމިފަ އެވެ. ކޮންމެވެސް ވަރަކަށް މަޑު ނޫކުލަ ފެންނަން ހުއްޓެވެ. ހީވަނީ އެއްޗެއް ޖެހި ފިތިފައި ހުރި ހެންނެވެ. ޝިފާޒް އިނީ ބިރުންނެވެ. މަގުމަތީގައި މީހުން މަދު އެ ގަޑީގައި އެކަހަލަ ކަމެއް ދިމާވެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. ސައިކަލު ދުއްވާލަން ހިފާލި އެވެ. ސައިކަލު ފުރޮޅުގައި ހުރީ ދަވަ ފާޑުގެ އެއްޗެކެވެ. އެއީ ފެނެއް ނޫންކަން ޝިފާޒަށް ޔަގީނެވެ. އަވަހަށް ގަރާޖާ ދިމާއަށް ދިޔަ އެވެ. އަދި އެތަން ދޮވެ ސާފުކޮށް ދިނުމަށް ބުންޏެވެ.

"ކޮން ތަނެއް؟" ގަރާޖުގައި އުޅޭ ބޭރު މީހާ ސުވާލު ކުރި އެވެ.

"މި ތަ..." ޝިފާޒު ބަލާލި އިރު ސައިކަލު ހުރީ ސާފުކޮށެވެ. ކުރިން ފެނުނު އެއްވެސް އެއްޗެއްގެ ނިޝާނެއް ވެސް ނެތެވެ.

"ކަލޭ މިއަދު ހާދަ ލަސްވީ؟" ޝިފާޒް އައުމުން ބުޝްރީ ބުންޏެވެ. "ރޭގައި ވީ ކަންތައް އެއްވެސް މީހަކަށް ކިޔައިދިނިންތަ؟"

"އަދި މިއަދު މެންދުރު މިވީ. އަދި ގެއިން ވެސް މި ނުކުތީ. ދެން މަ ކާކަށް ކިޔައިދޭނީ؟" ޗޮކެއް ކަނޑާލަމުން ޝިފާޒް ބުންޏެވެ.

"ކަލެއަކަށް ނޭނގޭނެ. އަސްލު މަ އިނީ ވަރަށް ބިރުން،" މަޑުމަޑުން ބުޝްރީ ބުންޏެވެ.

"ކިހިނެއްވީ؟ ކަލޭއަށް އެއްޗެއް ފެނުނީތަ؟" ޝިފާޒްގެ ޝައުގުވެރިކަން އިތުރުވި އެވެ.

"މަށަށް..."

"ފަހުމީ... ފަހުމީ...!" ދުވަމުން އައި ހަސަނު މާ ނޭވާ ލަމުން ބުންޏެވެ.

"ފަހުމީ ކީއްކުރީ؟" ބުޝްރީ އަހާލި އެވެ.

"ފަހުމީ އެބަހުރި... އެތާ...!" ހަސަނަށް އެއްޗެއް ބުނެވޭ ވަރެއް ނޫނެވެ. އަޑު ތުރުތުރު އަޅަނީ އެވެ.

-ނުނިމޭ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް