ވާހަކަ: ގަބުރުސްތާނު

ވާހަކަ

ވާހަކަ: ގަބުރުސްތާނު - ދެވަނަ ބައި

ގަސްތަކުގެ ތެރެއިން ހޯލި ބިންދާ އަޑު އިވެމުން ދިޔަ އެވެ. އެންމެން ވެސް އެ ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ.
2 މާރިޗު 2025

އެޕިސޯޑް 2

ޔަޒްދާގެ ބޯ ލާ ކޮޅުގައި ހުރީ ކާކު ކަމެއް ނޭނގެ އެވެ. އޭނާ ފެންނަނީ ކަޅު ހިޔަންޏެއް ހެންނެވެ. އޭނާ ޔަޒްދާއާ ދިމާއަށް ގުދުވެލި އެވެ. އަދި މޫނާއި މޫނު ޖެހޭ ހިސާބަށް ކައިރިވެލި އެވެ. ޔަޒްދާ ނިދީގައި އަނެއް ފަރާތަށް އެނބުރިލި އެވެ. އޭނާ އެތައް އިރަކު ޔަޒްދާއާ ދިމާއަށް ބަލަހައްޓައިގެން ހުރެފައި އެތަނުން ދިޔަ އެވެ.

ޝިފާޒް އާއި ބުޝްރީ ތިބީ އެނދެއް ޖަހާށެވެ. އެ ތަނުގައި އެހީތެރިންގެ ގޮތުގައި އިތުރު ދެ މުވައްޒަފަކު އުޅެ އެވެ. އެއީ ހަސަނާއި ފަހުމީ އެވެ.

"ހަސަނު ތި ބުނާ ގޮތުން އެއީ ފުލޯކު ވާހަކަ. އެކަމަކު އަހަރުމެން ކާފަމެންގެ ކާފަ ޒަމާނުގައި ހިނގައިދިޔަ ކަންކަން އެއީ. އެކަން ލޮލުން ފެނިފައި ތިބި މީހުން މި ރަށުގައި އުޅޭ،" ޝިފާޒް ބުންޏެވެ.

"މަ ނުބުނަމޭ ފުލޯކެކޭ. އެކަމަކު އެއީ ޔޯލަ ވާހަކައޭ މީހުން ބުނަނީ. މި ޒަމާނުގެ މީހުން އެކަހަލަ ކަންކަން ގަބޫލު ކުރުން އެއީ ވަރަށް ނާދިރު ކަމެއް. ހަމަ ގައިމު ވެސް މަށަށް ލޮލަށް ފެނުނީމާ ނޫނީ ގަބޫލެއް ނުކުރާނަން،" ލަކުޑިގަނޑެއް ނަގައި މޭޒެއްގެ މަތީ ބާއްވަމުން ހަސަނު ބުންޏެވެ.

"ކަލެއަށް ނުފެންނަންޏާ އެއީ ދެން ނުވާ ކަމެއްތަ؟" ބުޝްރީ އަހައިލި އެވެ.

"އަޖާއިބު. ނުވާ ކަމެކޭ އަޅެ ބުނެފިތަ؟" ހަސަނު ބުންޏެވެ.

"ހޫނ. ދެން އެންމެ ރަނގަޅޭ. ހިނގާ މަ ބުނާ ކަމެއް ކުރަން،" ފަހުމީ ހިޔާލެއް ދިނެވެ. "މިތާ ކައިރީގައި އެ އޮތް ހުރާގަނޑަށް ދާން ހިނގާ. މީހުން ބުނޭ އެ ތަނުން ޖިންނި ކުއްޖެއް ފެންނަ ވާހަކަ. އޭގެ ހުރި ތެދު ދޮގެއް ބަލާލަން ދާން ހިނގާބަލަ. ކެރޭނެ؟"

"ޔަގީންތާ! ކޮން އިރަކަށް ރެޑީ ވާންވީ؟" ޖޯޝާއެކު ހަސަނު ބުންޏެވެ.

"ހަމަ މިރޭ ދާނީ. މިއީ ސާދަ ވިލޭރޭ. މިކަހަލަ ހަނދު ބޮޑުވާ މޫސުމަށް އެ ކުއްޖާ ފެންނަ ވާހަކަ ބުނަނީ. އެ ކުއްޖާ ހުންނަނީ ވަރަށް ކަޅުކޮށޭ މީހުން ބުނަނީ. އެކަމަކު ހަނދުވަރުގެ އަލިން ގައިމު ވެސް އަލިވާނެތާ،" ޝިފާޒް އޭނާއަށް ފެންނަ ގޮތް ބުންޏެވެ.

"ކިހާ އިރަކު ނައްޓާލާނީ؟" ބުޝްރީ އަހައިލި އެވެ.

"ބާރަ ޖަހާ އިރު. އެ ކުއްޖާ ފެންނަނީ މެންދަމުން އަލިވާ ފަހުންނޯ،" ފަހުމީ ބުންޏެވެ.

"އެންމެން ގަޑިއަށް އަންނާތި. އެއްވެސް މީހެއް ގާތު މި ވާހަކަ ދައްކައިގެން ނުވާނެ،" ޝިފާޒް ބުންޏެވެ.

ބާރަ ޖެހީ ހަތަރު މީހުން ވެސް ބަނދަރުމަތީގައި ތިއްބަ އެވެ. ބުޝްރީ ގެންގުޅޭ ޑިންގީއެއްގައި ހުރާގަނޑަށް ދާން ނައްޓާލި އެވެ. ހަތަރު މީހުން ވެސް ތިބީ މިރޭ ފެނިދާނެ މަންޒަރަކާ މެދު ހިތްނުތަނަވަސްވެފަ އެވެ. އެކަމަކު ކޮންމެ މީހަކު ވެސް ބޭނުންވަނީ އަނެއް މީހާއަށް ތިމާ ޖެހިލުންކުޑަކަން ދައްކާށެވެ. އެހެން ނޫނީ ފިނޑި މީހެކޭ ބުނެފާނެ އެވެ.

"ކޮބާ ބޯލާނެ އެއްޗެއް ގެނައިންތަ؟" ފަހުމީ އަހައިލި އެވެ.

"މިދަނީ ޕިކްނިކް ކުޅޭކަށް ނޫނޭ،" ބުޝްރީ ބުންޏެވެ.

ދެތިން މިނެޓް ތެރޭގައި ހުރާގަނޑަށް ދެވިއްޖެ އެވެ. ހަތަރު މީހުން އެކީގައި ކަހަލަ ގޮތަކަށް ޑިންގީއިން ފައިބައިގެން ހިނގައިގަތެވެ. ހުރާގަނޑުގެ އެއް ފަރާތުގައި ވަރަށް ބޮޑު ދޮންވެލިގަނޑެއް އޮވެ އެވެ. އަނެއް ފަރާތުގައި އޮންނަނީ ގަލާއި އަކިރި އެވެ. ނިސްބަތުން އެ ތަނަކީ ބޮޑު ތަނެކެވެ. އެ ތަނުގައި ހިނގާފައި ހަތަރު މީހުން ގޮސް ގަސްތަކުތެރެއަށް ވަނެވެ. ހަނދުވަރުގެ އަލިން ގަސްތައް ތެރެ ވަނީ އަލިކޮށްލާފަ އެވެ. ގިނައިން އެ ތަނުގައި ހެދިފައި އޮތީ ކުރެއްޖާއި މަގުލާއި ބޯކޭލެވެ. ބޯކެޔޮ ގަސްތަކުގައި މާގަނޑުތައް ފޮޅިފައި އޮތެވެ. އޭގެ މަލަކީ ސިހުރު ހަދަން ވަރަށް ގިނައިން ބޭނުންކޮށް އުޅޭ މަލެކެވެ. މީރު ވަހެއް ދުވާ އެ މާގަނޑު ބޮޑުވާނެ އެވެ.

އެ ކުއްޖާ ފެންނަ ދިމާލޭ މީހުން ކިޔާ ދިމާއަށް ކުރިމަތިލައިގެން ގަސްތަކު ތެރޭގައި ހަތަރު މީހުން ތިއްބެވެ. ގަޑިން އެކެއް ޖެހި އެވެ. ދޭއް ޖެހި އެވެ. އިންތިޒާރު ކޮށްކޮށް ފޫހި ވި އިރު ވެސް އެކަހަލަ ހިލަމެއް ވެސް ނެތެވެ.

"ކޮބާ މަ ބުނީ ކީކޭ؟ މީހުން ބިރުގަންނުވަން ދައްކާ ވާހަކަތަކޭ މި ހުންނަނީ،" ހަސަނު ބުންޏެވެ.

"އަދި މަޑުކޮށްބަލަ. އަދި ލަސްވެގެން އުޅޭ ވަރެއް ނުވެއެއްނު،" ފަހުމީ ބުންޏެވެ.

"އާނ. އިރު އަރަންދެން މިތާ ތިބެންވީ. އޭރަށް ތި ބުނާ ހަންޑި ކުއްޖާ އާއި ފުރޭތައާ ފެންނާނެ،" މަލާމާތުގެ ރާގެއްގައި ހަސަނު ބުންޏެވެ.

"ކަލޭ މާ ހިތް އަވަސް ވެގެން ތި އުޅެނީ ކޮންތާކަށް ނުދެވިގެންތަ؟" ޝިފާޒް އަހައިލި އެވެ. "މެންދަން އަދި އެވީ. އަނގަ މަޑުންލައިގެން މިތާ އިނދެބަލަ."

ގަސްތަކުގެ ތެރެއިން ހޯލި ބިންދާ އަޑު އިވެމުން ދިޔަ އެވެ. އެންމެން ވެސް އެ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. ހީވަނީ މީހަކު ހިނގާ އަޑު އިވޭ ހެންނެވެ. އެ އަޑު ކައިރި ވަމުން ދިޔަ އެވެ. ކޮންމެ މީހަކު ވެސް އަނެކަކާ ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ. އަޑު ކައިރި ވަމުން އައިސް އެ މީހުން ތިބި ތަން ފަހަނައަޅައި ދިޔަ އެވެ. ކޮންމެ މީހަކު ވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އަޑު ދިޔައީ އެ މީހުންނާ ދާދި ގާތުންނެވެ. ނަމަވެސް މީހަކު ފެންނާކަށް ނެތެވެ. ހިނގާ އަޑު ވެސް އިވެމުން ދިޔަ އެވެ. އެހެނަސް އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ.

"ދެން ކަލޭ ކީކޭ ބުނާނީ؟" ވައިއަޑަކުން ހަސަނާ ދިމާއަށް ފަހުމީ ބުންޏެވެ.

"ކަލޭއަށް އެއްޗެއް ފެނުނުތަ؟" ހަސަނު ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. "އެ ވާނީ ކުކުޅެއް ކަހަލަ އެއްޗަކަށް."

ހަސަނު އެހެން ބުނި އިރު ވެސް އެއީ ކުކުޅެއް ނޫންކަން އެންމެންނަށް ވެސް ގަބޫލު ކުރެވެ އެވެ. އެކަމަކު ގަބޫލުކުރާ ކަމަށް ނުހެދުނީ އެވެ. ދެން ވެސް އެންމެންގެ ނަޒަރު ހުއްޓިފައި ހުރީ އެ ކުއްޖާ ފެންނާނެއޭ ބުނާ ދިމާއަށެވެ. ކުއްލިއަކަށް ޝިފާޒަށް އެއްޗެއް ފެނުނެވެ. ފެނުނު އެއްޗެއް ޔަގީންކޮށްލުމަށް ގަސްތަކު ތެރެއިން ކުޑަކޮށް ނުކުމެލި އެވެ. އެކަމަކު އިނީ އިށީނދެ އެވެ.

"އޭތް. ކަލޭ ކޮންތާކަށް ތި ދަނީ؟" ބުޝްރީ ބުންޏެވެ. އަތުގެ އިޝާރާތުން، މަޑުކޮށްލުމަށް ޝިފާޒް ބުންޏެވެ.

ޝިފާޒަށް ފެނުނީ ކުޑަކުއްޖެއްގެ ފިޔަވަޅުތަކެވެ. މީހަކު ފެންނަން ނެތް ނަމަވެސް ފިޔަވަޅުތައް ކުރިއަށް އަޅަމުން ދާތަން ފެންނަމުން ދިޔަ އެވެ. ޝިފާޒް ހިންދިރުވާލި އެވެ. މީހުން އެ ދައްކަނީ ތެދު ވާހަކައޭ ހިތަށް އެރި އެވެ.

"އާދެބަލަ މިކޮޅަށް. ބަލާބަލަ އެހެރަ ވާ ގޮތެއް،" ފިޔަވަޅުތައް ދައްކާލަމުން ޝިފާޒް ބުންޏެވެ. ދެން ތިބި ތިން މީހުން ވެސް ފުންމައިގެން ގޮސް ބަލަން ތިއްބެވެ. ނަމަވެސް އެ މީހުންނަކަށް އެއްޗެއް ފެންނަ ގޮތެއް ނުވި އެވެ.

"ކޯއްޗެއްތަ؟" ފަހުމީ އަހައިލި އެވެ.

"ނުފެނޭތަ؟" އިނގިލި ދިއްކޮށްލަމުން ޝިފާޒް ބުންޏެވެ.

"އާނ. މަށަކަށް ނުފެނޭ. ކަލޭމެންނަށް ފެނޭތަ؟" ފަހުމީ އެހެން ބުނުމުން ހަސަނާއި ބުޝްރީ ވެސް ބޯ ހޫރުވާލި އެވެ.

"އެހަރަ ފިޔަވަޅުތަކެއް ބަލާބަލަ،" އެންމެ ފަހުން ޝިފާޒް ބުންޏެވެ.

"އަހަރުމެންނަކަށް ނުފެނޭ."

"މި ގަޑީގައި ސަކަރާތް ނުޖަހާ ދެން،" ޝިފާޒް ބުންޏެވެ.

"ސަކަރާތް ތި ޖަހަނީ ޝިފާޒެއްނު. ބަލަ އަހަރުމެންނަކަށް ނުފެނެއޭ،" ބުޝްރީ ބުންޏެވެ.

އެ ވަގުތު ޝިފާޒްގެ ހިތަށް ބިރުވެރިކަން ވަނެވެ. ފިޔަވަޅުތައް ގޮސް އޮބާލަންދެން ޝިފާޒް އިނީ ބަލަހައްޓައިގެންނެވެ. ދެން ތިބި މީހުން ކޮޅަށް ތެދުވި އެވެ. އަދި އެތަނުން ފުރައިގެން ދިޔުމަށް ބުންޏެވެ. ޝިފާޒް ހުރީ ވަރަށް މަޑުމަޑުންނެވެ. ފެނުނު މަންޒަރުން ހިތަށް ހަމަނުޖެހުން ވެރިވެފަ އެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ ޝިފާޒަށް ހީވި ހީވުމެއް ނޫނެވެ. އޭނައަށް ފެނުނީ އަސްލެކެވެ. ދެން ތިބި މީހުންނަށް އެ މަންޒަރު ނުފެނުން އެއީ ޝިފާޒްގެ މައްސަލައެއް ނޫނެވެ.

ހަތަރު މީހުން ޑިންގީއަށް އަރައި ހަމަޖެހިލި އެވެ. އަދި ރަށާ ދިމާއަށް ދާން ދުއްވާލި އެވެ.

"ކަލެއަށް ކަމެއް ފާހަގަ ވޭތަ؟" ޝިފާޒް އަހައިލި އެވެ.

"އަނެއްކާ ކަލޭ ކީކޭ ކިޔަން ތި އުޅެނީ؟" ބުޝްރީ ބުންޏެވެ.

"މީގެ ދުވެލި ހާދަ މަޑޭ. އެކަމަކު ފުލް ކޮށްފައި ދޯ މީނީ،" ޝިފާޒް ބުންޏެވެ. އެހެން ބުނުމުން ބުޝްރީ ވެސް ބަލައިލި އެވެ. އެއީ ތެދެކެވެ. ސްޕީޑް އިނީ އެންމެ ބާރުކޮށްފަ އެވެ. އެކަމަކު ދުވެލި ވަރަށް މަޑެވެ. އޭރު ވެސް ރަށަށް ވުރެ ކައިރީގައި އޮތީ ހުރާގަނޑެވެ.

ޝިފާޒް ހުރާގަނޑަށް ބަލައިލި އެވެ. ހީވީ ރަނގަޅަށެވެ. ދޮންވެލިގަނޑު މަތީގައި ކަޅު، ކުޑަ ހިޔަންޏެއް ފެންނަން ހުއްޓެވެ. ދެން ތިބި މީހުންނަށް ޝިފާޒް ބަލައިލި އެވެ. އޭގެ ތެރެއިން ފަހުމީ އިނީ ހުރާގަނޑަށް ބަލަހައްޓައިގެންނެވެ.

"ބަލަން އައި އެއްޗެއް ނުފެނުނެއްނު ދޯ؟" ޝިފާޒް ބުންޏެވެ. އެހެން އެ ބުނީ ފަހުމީއަށް އޭނައަށް ފެނުނު މަންޒަރު ފެނުނުތޯ ޔަގީންކޮށްލުމަށެވެ. އެ ވަގުތު ފަހުމީ، ޝިފާޒްއާ ދިމާއަށް ބަލައިލި އެވެ.

-ނުނިމޭ-

އިތުރު އާޓިކަލް

އިތުރު އާޓިކަލް