އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހު ކޯލްޑްޕްލޭއިން އަހްމަދުއާބާދުގައި ބޭއްވި ފޯރިގަދަ ކޮންސަޓް
ރެކޯޑް އަދަދެއްގެ މީހުން ދިޔަ ފަހު ޝޯއާ އެކު ކޯލްޑްޕްލޭގެ އިންޑިއާ ދަތުރު ނިންމާލައިފި
އިނގިރޭސިވިލާތުގެ ރޮކް ބޭންޑު ކޯލްޑްޕްލޭގެ 'މިއުޒިކް އޮފް ދަ ސްފިއާސް' ޓުއާގެ އިންޑިއާ ދަތުރު ބޮޑު ތަރުހީބަކާ އެކު ނިންމާލައިފި އެވެ.
މުމްބާއީގައި ތިން ޝޯ އަދި އަހްމަދުއާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ޖެހިޖެހިގެން ބޭއްވި ދެ ޝޯއާ އެކު މިދިޔަ ދެ ހަފްތާ ތެރޭ ފަސް ޝޯއެއް ކޯލްޑްޕްލޭއިން އިންޑިއާގައި ހުށަހަޅައިދިނެވެ.
ރޭ ފަހު ޝޯ ބޭއްވީ އެ ގައުމުގެ ޖުމްހޫރީ ދުވަހު އެވެ. ކޯލްޑްޕްލޭއިން މިއަދު ބުނިގޮތުގައި އެ ޝޯ ބަލަން 1.34 ލައްކަ މީހުން ދިޔަ އެވެ. އިންޑިއާގެ ނޫސްތަކުން ބުނިގޮތުގައި މިއީ އެ ގައުމުގައި ޓިކެޓް ގަނެގެން މިއުޒިކް ޝޯއެއް ބަލަން ލައްކައަކަށް ވުރެ ގިނަ މީހުން ވަތް ކަމަށް ރެކޯޑް ކުރެވުނު ފުރަތަމަ ފަހަރެވެ.
މީގެ ކުރިން އިންޑިއާގައި ޓިކެޓު ވިއްކައިގެން ބޭއްވި އެންމެ ބޮޑެތި މިއުޒިކް ޝޯތަކަކީ ދިލްޖީތު ދޮސަންޖް އާއި ޖަސްޓިން ބީބާގެ ކޮންސަޓް އެވެ. އެ ދެ ކޮންސަޓަށް ވެސް ދިޔައީ 50،000 މީހުންނެވެ. ޔޯޔޯ ހަނީ ސިންގް ވަނީ 2020 ވަނަ އަހަރު ހަލްދިއާގައި ޕާފޯމްކޮށް، އެ ޝޯއަށް 2 ލައްކަ މީހުން ވަތް ކަމަށް ބުނެފަ އެވެ. އެކަމަކު އެއީ ހަގީގަތެއްކަމެއް ކަށަވަރުވެފައެއް ނުވެ އެވެ.
ކޯލްޑްޕްލޭގެ އިންޑިއާ ޓުއާ ފެށީ މި މަހު 18ގަ އެވެ. އެ މީހުންގެ މުމްބާއީ ޝޯތައް ވެސް ނުހަނު ކާމިޔާބެވެ. ޝްރެޔާ ގޯޝާލް، ސުހާނާ ހާން، ނަވްޔާ ނަންދާ ނަވެލީ އަދި ކާޖަލް އަގަރްވާލް ފަދަ ތަރިން ވެސް ވަނީ ޝޯ ބަލަން ގޮސްފަ އެވެ. މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޖަސްޕްރީތު ބުމްރާ އަހްމަދުއާބާދުގެ ޝޯގައި ބައިވެރިވި އެވެ.
ކޯލްޑްޕްލޭގެ ލީޑް ވޯކަލިސްޓް ކްރިސް މާޓިން ވަނީ އަހްމަދުއާބާދުގައި ރޭ ބޭއްވި ޝޯގައި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އަސަރުގަދަ ޓްރިބިއުޓްއެއް ދީފަ އެވެ. އިންޑިއާގެ ގައުމީ ލަވަ 'ވަންދޭ މަތަރަމް'ގެ ހިތްގައިމު ވާޝަންއަކާއި އޭ.އާރް ރަހުމާންގެ 'މާ ތުޖޭ ސަލާމް' ވެސް އެ ބޭންޑުން ޕާފޯމް ކުރި އެވެ. މި ހިތްގައިމު ވަގުތުކޮޅު ނިންމާލަމުން ކްރިސް ވަނީ އިންޑިއާއަށް އިހުތިރާމު އަދާކުރުމުގެ ގޮތުން "ސެލޫޓް ޓު މަދާ އިންޑިއާ"އޭ ބުނެފަ އެވެ.
ސްޓޭޖް ޕްރެޒެންސްއަށް މަޝްހޫރު ކްރިސް މާޓިން އޯޑިއަންސްއާ ގުޖުރާތީ ބަހުން ކޮޑަކޮށް ވާހަކަ ދައްކާލި އެވެ. މީގެ ސަބަބުން ފޭނުންގެ ފަރާތުން އޭނާއަށް ވަރަށް ބޮޑަށް ތައުރީފު ލިބުނެވެ.
ކޯލްޑްޕްލޭގެ މި ޓުއާގެ އާދައިގެމަތިން ޝޯތަކުގައި އެކި ޒާތުގެ ލައިޓް ބޭނުންކޮށްގެން ޖައްވު ތަރިތަކުން ވިދާލައިފައި އޮންނަ މަންޒަރު ސިފަކޮށްދިނެވެ. އަދި ޝޯގެ ވަކި ހިސާބަކުން އޯޑިއަންސްގެ ފޯނުތައް ދުރަށްލާން ކްރިސް އެދުނެވެ. އެއީ ޝޯ އެންމެ ފުރިހަމައަށް ތަޖުރިބާ ކޮށްލާށެވެ. މީގެ އިތުރުން ކްރިސް އޯޑިއަންސްއާ އެއްކޮށް ލަވަކިޔުމާއި ހަވާއެރުވުން ވެސް ކުރިއަށްދިޔަ އެވެ.
ޕާފޯމަންސަށް ފަހު ކޯލްޑްޕްލޭ އިން ވަނީ ބެލުންތެރިން ދިން ހޫނު ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.