ސްކައިރޮކް ބޭންޑުގެ އަލަތު އަލްބަމް 'ސަމުގާ' ލޯންޗުކުރި ޝޯގައި ލީޑް ވޯކަލިސްޓް އިންޝާ އަހުމަދު ރޭ ލަވަކިޔަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މިއުޒިކް

ސްކައިރޮކްގެ ފުރަތަމަ އަލްބަމް 'ސަމުގާ' ނެރުން ހިތްގައިމު ޕާފޯމަންސަކުން

ތިންކް އިން އިންތިޒާމްކޮށްގެން ރޭ އޮލިމްޕަހުގައި ބޭއްވި ހާއްސަ ޝޯއަށް އޯޑިއެންސްގެ ބޮޑު ތަރުހީބެއް ލިބުނު
1 އޯގަސްޓު 2024

ދިވެހި ފަންނުވެރި މިއުޒިކް ބޭންޑް ސްކައިރޮކްގެ ފުރަތަމަ އަލްބަމް 'ސަމުގާ' ނެރުމަށް ރޭ ހާއްސަ ޝޯއެއް އޮލިމްޕަހުގައި ބޭއްވި އެވެ.

ފުރިބާރުވެފައި އޮތް އޮލިމްފަހަށް ގޮސް ގޮނޑީގައި ޖައްސާލި އިރު އޯޕަނިން އެކްޓް ފެށިއްޖެ އެވެ. ރެނދަނުގެ ނުލުން ދިއްލާލާފައި ހުރި ސްޓޭޖް ފެނުމާ އެކު ވެސް މިއީ ހިތްގައިމުވާނެ ޝޯއެއްކަން ޔަގީން ކުރެވުނެވެ. ލަވަކިޔުންތެރިޔާ މުހައްމަދު ޔޫސުފް އޭނާގެ ގިޓާއިން ރީތި ރާގެއް ކުޅެމުން ހިތްގައިމު އަޑުން ލަވައެއް ކުރިއަށް ގެންދަނީ އެވެ.

ސްކައިރޮކް ބޭންޑްގެ ފުރަތަމަ އަލްބަމް 'ސަމުގާ' ނެރުމަށް ތިންްކް އިން އިންތިޒާމްކޮށްގެން ރޭ ބޭއްވި ޝޯ ފަށައިދިނުމަށް ލަވަކިޔުންތެރިޔާ މުހައްމަދު ޔޫސުފް ލަވައެއް ހުށަހަޅަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޔޫސުފްގެ ހުށަހެޅުމަށް ފަހު ސްކައިރޮކް ބޭންޑުން ސްޓޭޖަށް އެރި އެވެ.

އިޝްތިހާރު ކުރުމާއި އިވެންޓް މެނޭޖްމަންޓްގެ ދާއިރާގައި ފުންނާބުއުސް ތިންކްގެ ކޮންސެޕްޓަކަށް ހަދާފައިވާ އެ ސްޓޭޖުގެ ފުރިހަމަކަން އަނެއްކާވެސް ފާހަގަ ކުރާނަމެވެ. ސްޓޭޖްގެ ފަހަތުގައިވާ ސްކްރީން ހަނދާއި އިރާއި ރޭގަނޑުގެ ތަރިތައްހެން ދައުރުވަމުން ދެ އެވެ. ތިންކް އިން މި ޝޯ އިންތިޒާމްކޮށް، ސްޓޭޖާއި ލައިޓިން ހަދާފައިވަނީ ސްކައިރޮކްގެ ލަވަތަކަށް އިތުރު ދިރުމެއް ގެނެސްދޭ ފަދަ ގޮތަކަށެވެ.

ސްކައިރޮކް އިން ރޭގެ ޝޯގައި ލަވަ ހުށަހަޅަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސްކައިރޮކްގެ ޕާފޯމަންސް ފެށީ ދުވަސް ފެށިގެން އަންނަ ކަހަލަ ގޮތަކަށެވެ. ހެނދުނު ސިފަކޮށްދޭން ކޮށްފައިވާ މަަސައްކަތާ އެކު، ބަލަން ތިބި މީހުންނަށް އެކަން އިހްސާސް ކުރެވުނެވެ.

'އިރު' އަދި 'ހޭވައްލާ ތައްޔާރު' ފަދަ ލަވަތަކުން ކުރެވުނު މި އިހްސާސަށް ފަހު، އަލްބަމްގެ އިތުރު ލަވަތައް ކަމުގައިވާ 'ރޭވާ' އަދި 'ސަމުގާ' މީގެ ކުރިން ސިންގަލްސްގެ ގޮތުގައި އަޑުއިވިފައިވާތީ، އޯޑިއަންސް ގެންދިޔައީ ބޭންޑްގެ އަޑު ދަށުން ލަވަ ކިޔަމުންނެވެ.

ޝޯގައި ލަވަތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ތިއެޓްރިކަލް ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަހުމަދު ފައިޒަން ވަކިން ޑްރަމް ކުޅޭ އިރު އޭނާއަށް އެންމެންގެ ކަޅި ހުއްޓެ އެވެ. އަދި ހަމަ އެގޮތަށް ބޭސް ގިޓަރިސްޓް މުހައްމަދު އިނާން އާއި ލީޑް ގިޓަރިސްޓް ޒަޔާން ފައިސަލް ވެސް ހިނދުކޮޅަކަށް ކުރިއަށް ނުކުމެ އެ މީހުންގެ މިއުޒިކް ހުނަރުން އެންމެންގެ ސަމާލުކަން ދަމައިގަނެ އެވެ.

ސްކައިރޮކް ބޭންޑުން ރޭ އޮލިމްޕަހުގައި ބޭއްވި ޝޯގައި ލީޑް ވޯކަލިސްޓް އިންޝާ އަހުމަދު ލަވަކިޔަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ބޭންޑްގެ ލަވަކިޔުންތެރިޔާ އިންޝާ އަހުމަދު ވަނީ އޭނާގެ ޕާފޯމެންސުން މުޅި އޯޑިއަންސް ހައިރާންކޮށްލާފަ އެވެ. އޭނާގެ ހުނަރަށް ބެލުންތެރިން އަތްތިލަބަޑީގެ ހޫނު ތަރުހީބު ދިނެވެ. އަލްބަމްގައި ވިސްލް ނޯޓްސް ނުހިމެނުނަސް ޝޯގައި އޭނާ ވަނީ އެ ހުނަރު ދައްކާލާފަ އެވެ.

ހަމަ އެގޮތަށް ފަރުހާން 'ބަރަވެލި ބަބުރު'ގެ އަވަސް ބައި ކީ ގޮތް ވެސް ކަމުދިޔަ އެވެ. 

ޝޯ ނިންމާލުމާ އެކު ބޭންޑްގެ ޕާފޯމަންސަށް ބޮޑު ތަރުހީބެއް ލިބުނު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ލަވަތަކާ ގުޅޭ ނެށުމާއި ހަރަކާތްތައް ގެނެސްދޭން މުހައްމަދު މުންތަސިރު (މުންކޮ)ގެ އިރުޝާދުގެ ދަށުން ޕާފޯމްކުރި ޒުވާނުންގެ ނެށުމާއި ފޯރި ވެސް ޝޯއިން ފާހަގަކުރެވުނެވެ.

'ސަމުގާ' އަލްބަމްގައި ހިމެނޭ 10 ލަވަ ޝޯގައި ހުށަހަޅައިދިން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ރާއްޖޭގައި އަލްބަމެއް ލޯންޗުކުރުމަށް މިފަހުން މިފަދަ ގޮތަކަށް ޝޯއެއް ބާއްވާފައި ނުވާތީ މިކަން ވީ ވަރަށް ތަފާތު ކަމަކަށެވެ.

ޝޯގެ ފުރަތަމަކޮޅުގައި ނެށުންތެރިން އެ މީހުން ނެށުމުން ކިޔައިދޭން މަސައްކަތް ކުރަމުންދިޔަ ވާހަކަ ގެނެސްދިން ގޮތް ފުރިހަމަ އެވެ. އޯޑިއަންސްގައި ތިބި މީހުން އެއްފަހަރާ ސަމާލުކަން ދޭން ޖެހުނު ކަންކަން ގިނަކަމުން ބައެއް ފަހަރު ލޯމަތިން ނެށުންތެރިން ކައްސާލާތީ ފަހުކޮޅުގައި ކުޑަކޮށް ވާނުވާ ނޭނގިގެން އުޅެން ޖެހުނެވެ. ނަމަވެސް އަލްބަމްގެ ހަކަތަ ތަމްސީލްކޮށްދިނުމަށް އެ މީހުން ކުރި މަސައްކަތަށް ސާބަސް ހައްގެވެ.

ނެށުންތެރިން ހިމަނައިގެން ލަވަތަކަށް އިތުރަށް ދިރުން ގެނެސްދިނުމަށް މަސައްކަތްކޮށްފައިވޭ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
'ސަމުގާ' އަލްބަމް ލޯންޗްކުރުމަށް ބޭއްވި ޝޯގެ ތެރެއިން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޝޯ ނިންމާލުމާ އެކު އެންމެން ތެދުވެ އަތްޖަހަމުން ތަރުހީބު ދޭން ފެށި އެވެ. ބޭންޑުގެ ހުނަރަށާއި މި އަލްބަމް މިހާ ސަޅިކޮށް ލޯންޗްކުރުމަށް ތިންކް އިން ކޮށްފައިވާ މަސައްކަތަށެވެ. ސްކައިރޮކްގެ އަލްބަމަށް ދިރުން ގެނެސްދިން އަދި ބަލާހިތުން ބަލާލެވުނު ތަފާތު ހުށަހެޅުމެއް ކަމުގައިވުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް