މުހައްމަދު ޒައިން އަހުމަދު ޝަހީދު (ކ) ހިމެނޭ ބޭންޑް 'ނުއިނގިގުން'ގެ ފުރަތަމަ އަލްބަމް 'ރުނބާ ވޮލިއުމް 1' ބައިސްކޯފުގައި ނެރެނީ

މިއުޒިކް

ޒައިން މިފަހަރު ގެނެސްދެނީ ނުއިނގިގުން ބޭންޑުގެ 'ރުނބާ' އަލްބަމް

މުހައްމަދު ޒައިން އަހުމަދު ޝަހީދު ލީޑް ވޯކަލިސްޓުގެ ގޮތުގައި ހަރަކާތްތެރިވާ ބޭންޑްގެ ފުރަތަމަ އަލްބަމްގައި ހިމެނެނީ ގަދީމީ ދިވެހި ރަހަ އާއި ޒަމާނީ މިއުޒިކު މަސްހުނިކޮށްފައިވާ ލަވަތަކެއް
21 މާރިޗު 2024

ރާއްޖޭގައި ދިވެހި ބަހުން ރެޕް ލަވައެއް އެއްވެސް މީހަކު ކިޔާފައިނުވާ ޒަމާނެއްގައިި ޓީވީއެމް ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި މުހައްމަދު ޒައިން އަހުމަދު ޝަހީދު، 13 އަހަރުން ދަށުގެ ބައިގައި ބައިވެރިވެ، 2001ގައި 'މަށެއް ނޫން' ކިޔައިގެން ދިވެހިން ހައިރާންކޮށްލި އެވެ.

އޭނާގެ ހުށަހެޅުން ފުރިހަމަކަމުން، މުޅި ސްޓޭޖަކީ އޭނާގެ ތަނަކަށް ހެދި އެވެ. އޭނާގެ އިޝާރާތާއި ހަރަކާތާއި ދޫފަރިތަކަމާ އެކު ކިޔަމުން ދިޔައީ ދިވެހިންގެ ތެރޭގައި މަޝްހޫރު ފުލޯކް، ފޫޅުދިގު ހަންޑީގެ ވާހަކަ އެވެ. އޭރު ވެސް، ޒައިންގެ އަޑު ވަރުގަދަ އެވެ. ހަގު އުމުރުގައި ސްޓޭޖް ހުށައެޅުން ވެސް އެހާމެ ރަނގަޅެވެ. މުޅި އޯޑިއަންސް އެ ލަވައިގެ ތެރެއަށް އެއްކޮށް ވެއްދި އެވެ.

އަދިއަދަށް ދާންދެން ވެސް ދިވެހިންގެ ތެރޭގައި އެ ލަވަ މަގުބޫލެވެ. މިހާރު ވެސް ފޫހިކަމެއް ނެތި ބަލައިލެވެ އެވެ.

އެ މާޒީން ނުކުމެލަން ހިނގާށެވެ. ޒައިންއަކީ މިހާރު ބައްޕައެކެވެ. ގާނޫނީ ވަކީލެކެވެ. އެކަމަކު އޭނާގެ މިޔުޒިކްގެ ހުނަރު މަރުވިޔަކަ ނުދިނެވެ.

ޒައިން ޓީވީއެމް ލަވަ މުބާރާތުގައި 'މަށެއް ނޫން' ލަވަ ކިޔަނީ

ޒައިން ސީއެޗްއެސްއީ އިން 2007ގައި އޭ ލެވެލް ނިންމުމަށް ފަހު މަތީ ތައުލީމު ހާސިލްކުރަން ދިޔައީ އިނގިރޭސިވިލާތަށެވެ. ގާނޫނީ ދާއިރާއިން ކިޔެވުމަށް ފަހު، އިނގިރޭސިވިލާތާއި އެމެރިކާގައި އޭނާ 2020އާ ޖެހެންދެން މަސައްކަތްކުރި އެވެ.

އިނގިރޭސިވިލާތުގައި އޭނާ އުޅުނު ދުވަސްވަރު، އެތަނުގެ ބުލޫސް ބޭންޑަކާ ގުޅި އެކި ތަންތަނުގައި ލައިވްކޮށް މިޔުޒިކް ކުޅެ، ލަވަކިޔާ ހެދި އެވެ. އަލްބަމެއް ވެސް ނެރުނެވެ.

ދިވެހި ބަހާއި ދިވެހި އާދަކާދަ އާއި ސަގާފަތަށް ޒައިން ލޯބިކުރެ އެވެ. އޭނާ ބުނިގޮތުގައި ރާއްޖެއިން ބޭރުގައި އަދާކުރި ވަޒީފާ ދޫކޮށް އެނބުރި ރާއްޖެ އައީ ދަރިއެއް ލިބުމުން އެ ދަރިފުޅު ދިވެހިންގެ ދިރިއުޅުމަށް އަހުލުވެރިކުރުވުމަށެވެ. ދިވެހި ބަސް ދަސްކޮށްދިނުމުގެ ބޭނުމުގަ އެވެ. ދިވެހި އާދަކާދަ ނޭނގި ބޮޑުވިޔަނުދިނުމަށެވެ.

ޒައިން އާއި އޭނާގެ އާއިލާ

ރާއްޖެއިން ބޭރުގައި އުޅުނު ދުވަސްވަރު ދިވެހި ބަހުން ލަވަ ހަދައި ނެރެން 'އިންޓާނަލް އެެސްޓްރޮނޯޓް'ގެ ނަމުގައި ސައުންޑް ކްލައުޑަށް ޒައިން އައީ އޭނާގެ ލަވަތަކެއް އަޕްލޯޑް ކުރަމުންނެވެ.

ގިނަ ބަޔަކަށް އެއީ ޒައިންކަން ނޭނގިދާނެ އެވެ. އެކަމަކު އޭގައި އޭނާ އަމިއްލައަށް ލިޔެ މިހާތަނަށް 32 ދިވެހި ލަވަ ހަދައިފި އެވެ. އޭނާ ފޮލޯކުރަމުން އަންނަ މީހުންގެ އަދަދު 2000އަށް އަރަ އެވެ.

'ނުއިނގިގުން'ގެ ފްރަންޓްމޭން އަކީ ޒައިން

'ނުއިނގިގުން' ބޭންޑުގެ މެމްބަރުން

ޒައިން ހިމެނޭ ބޭންޑް 'ނުއިނގިގުން'ގެ ފުރަތަމަ އަލްބަމް 'ރުނބާ ވޮލިއުމް 1' މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ބައިސްކޯފުގައި ވަނީ ނެރެފަ އެވެ. 

އެ ބޭންޑްގައި ޒައިން ގިޓާ ކުޅެ އެވެ. ޑްރަމް ވެސް ޖަހަ އެވެ. އޭނާގެ އިތުރުން ބޭންޑްގައި ހިމެނެނީ ލީޑް ގިޓާރިސްޓު މުހައްމަދު އައްފާން، ޑްރަމަރު މުހައްމަދު ޖިލްވާޒް (ޖިއްލެ) އަދި ބޭސިސްޓް އަހުމަދު ލަތީފު (އައްމައްކޮ) އެވެ.

ޒައިން ބުނި ގޮތުގައި ބޭންޑް އުފެއްދީ ކުޑައިރުގެ ގާތް ރަހުމަތްތެރިޔާ އައްފާން އެވެ. ދެ މީހުންނަކީ ޕްރައިމަރީ ސްކޫލްގެ ކްލާސްމޭޓުންނެވެ. އަހުމަދު ލަތީފަކީ ފުރާވަރު ޒަމާނުއްސުރެ އެކުވެރިއެކެވެ. މީގެ ކުރިން އެމީހުން ވަނީ އެކި ޕްރޮޖެކްޓްތަކުގައި އެކީގަ އާއި ވަކިވަކިން ވެސް މަސައްކަތްކޮށްފަ އެވެ.

"އަހަރެމެން އެންމެންނަކީ ވެސް މިއުޒިޝަނުން. އައްމައްކޮ ކުޅޭނެ ގިޓާ، ކީސް، ބޭސް އަދި ޑްރަމްސް. އައްފާން ކުޅޭނެ ގިޓާ، ކީސް އަދި ޑްރަމް. ޖިއްލެ ދެން ޑްރަމް. އަހަރެން އިންޓާނަލް އެސްޓްރޮނޯޓް ޕްރޮޖެކްޓް ހިންގި ގޮތަށް މި އެންމެން ވެސް އެމީހުންގެ އަމިއްލަ އިލެކްޓްރޯނިކް މިއުޒިކް ޕްރޮޖެކްޓް ގެންގުޅޭ،" ޒައިން ބުންޏެވެ.

"އެހެންވެ އެއްގޮތަކުން ބުނާ ނަމަ މިއީ ވަރަށް ޔުނީކް ބޭންޑެއް. އިލެކްްޓްރޯނިކް މިއުޒިކް ޕްރޮޑިއުސަރުންގެ އިތުރުން ލައިވްކޮށް މިއުޒިކް ކުޅޭ ބޭންޑެއް."

ޒައިން އޭނާގެ ބޭންޑްގެ ފުރަތަމަ އަލްބަމް 'ރުނބާ ވޮލިއުމް 1' ނެރުމުގެ ހަފްލާގައި ވާހަކަ ދައްކަނީ

ބޭންޑްގެ ޑްރަމަރު ޖިލްވާޒްއަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅު ޑްރަމަރެކެވެ. އޭނާ ތައާރަފުވީ ހެވީ މެޓަލް ބޭންޑް 'ބްލަޑް ވައިލް'އާ އެކު ކަމަށް ވިޔަސް، ޒައިން ބުނީ މިހާރު އެހެން ޖޮންރާތަކަަށް ވެސް ޖިލްވާޒް މިއުޒިކް ކުޅެމުން އަންނަ ކަމަށެވެ.

މުހައްމަދު ޒައިން އަހުމަދު ޝަހީދު (ކ) 'ނުއިނގިގުން' ބޭންޑުގެ ފުރަތަމަ އަލްބަމް 'ރުނބާ ވޮލިއުމް 1' ނެރުމުގެ ހަފްލާގައި ބައިވެރިވަނީ

އިނގިރޭސިވިލާތުގައި ޒައިން އުޅުނު ދުވަސްވަރު ބޭންޑްގެ އެހެން މެންބަރުން މެލޭޝިއާ އާއި އިންޑިއާ ފަދަ ގައުމުތަކުގައި ދިރިއުޅުނެވެ. މިއުޒިކީ ރޮނގުން އެކި ތަޖުރިބާތައް ހޯދައި އަމިއްލަ މިއުޒިކް ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔަ އެވެ.

'ރުނބާ ވޮލިއުމް 1' ގައި ފަސް ލަވަ ހިމެނެ އެވެ. ކޮންމެ ލަވައެއް ވެސް އޭގެ ގޮތުގައި ތަފާތެވެ. ގަދީމީ ދިވެހި ރަހަ އާއި ޒަމާނީ މިއުޒިކު މަސްހުނިކޮށްފަ އެވެ. ޖޮންރާއަކަށް ފައްތާލާ ނަމަ ދިވެހި ފޯކް މިއުޒިކާއި ސައިކެޑެލިކް ރޮކް މިއުޒިކްގެ ރަހައެކެވެ. ޒައިން ކިޔާފައިވާ މި ލަވަތަކަކީ ޔުނީކް ސައުންޑެކެވެ. އަދި އެއް ލަވަ އަނެއް ލަވައާ ވަރަށް ތަފާތެވެ. ނަމަވެސް ޒައިން ބުނިގޮތުގައި އެއީ ބޭންޑުން ގަސްދުގައި ކުރި ކަމެއް ނޫނެވެ.

"މި ބޭންޑުގައި މި ތިބީ ހުނަރުވެރި، މިއުޒިކް ކުޅުމުގައި 15 އަހަރުގެ ތަޖުރިބާ ހުރި މީހުން. އަހަންނަކީ ފްރަންޓްމޭން އަދި ވޯކަލިސްޓް ކަމުގައި ވެދާނެ. އެކަމަކު އަސްލު އަހަރުމެންގެ ޔުނީކް ސައުންޑް މި ނިކުންނަނީ އިންސްޓުރުމަންޓްގެ ފަހަތުގައި މި ތިބި މެންބަރުންގެ ސަބަބުން،" ޒައިން ބުންޏެވެ.

މި އެންމެން މިއުޒިކާ މެދު ދެކެނީ އެކި ނަޒަރުން އަދި ހިޔާލު ހޯދަނީ އެކި ގޮތްގޮތަށްކަން ޒައިން ފާހަގަ ކުރި އެވެ.

"އެއްކޮށް ޖޭމް ކުރާ އިރު ޔުނީކް އެލެމެންޓްސް ހޯދަން މަސައްކަތް ކުރަން. އެކަކު އަނެކަކުގެ ފަރާތުން ވެސް އިންސްޕަޔާވޭ،" އޭނާ ބުންޏެވެ.

ނުއިނގިގުން ބޭންޑް 'ފަންނުގެ ދަރިން'ގައި ޕާފޯމް ކުރަނީ

'ރުނބާ ވޮލިއުމް 1'ގެ ލަވަތަކުގެ ތެރެއިން 'ބޮޑު ދާލު' އާއި 'ސީދާ' ވަކިން ބޮޑަށް ކަމުދާކަން ޒައިން ފާހަގަކުރި އެވެ. ހެޑްސެޓް ކަންފަތަށް ހެޔޮވަރުކޮށްލައި 'ސީދާ' އަޑުއަހައިފި ނަމަ މި ބޭންޑްގެ މިއުޒިކާއި ޒައިންގެ އަޑުގެ އަވައިގައި މީހާ ރަނގަޅަށް ޖެހޭނެ އެވެ. މި ދެ ލަވައަކީ އަހަންނަށް ވެސް އެންމެ ކަމުދިޔަ ދެ ލަވަ އެވެ.

'ބޮޑު ދާލު' އަކީ ބޮޑު ލަވަ އެކެވެ. އަށް މިނިޓު ދިގު މި ލަވަ ފަށަނީ ކުރީ ޒަމާނުގައި ކުދިން ނިންދަވަން ކިޔާ ނާނާއެއް ކަމުގައިވާ 'ފެން ބަލާ ދާ މަގުމަތީ ވެޔޮ ހެދިފައި ކެކުރި އޮވޭ' އިންނެވެ. ލަވައިގައި ރެޕް ބަޔަކާއި ރައިވަރެއްގެ ބައި ހިމެނެ އެވެ. މަޑުމަޑުން ފަށާ ލަވައިގެ މިއުޒިކްގެ ތެރެއަށް މީހާ އެއްކޮށް ވައްދާލަ އެވެ. ބޮޑުބެރު ލަވައެއްގެ ޖޯޝާއި ހަކަތަ ހުރެ އެވެ. 

ލަވަތަކުގެ ޅެންތައް ހަދަނީ ޒައިން އެވެ. އޭނާ ބުނީ ބައެއް ލަވަތަކަށް މިއުޒިކް ފުރަތަމަ ހަދާފައި އޭގެ ފަހުން ޅެން ހަދަނީ ކަމުގަ އެވެ. ދިރިއުޅުމުުން އިންސްޕަޔާވެގެން ހަދާ މި ލަވަތައް އެންމެ ސަޅީ މިއުޒިކާ އެއްކޮށް ޅެން ވެސް ނިންމާލެވިއްޖެ ނަމަ އެވެ. ޅެން ހެދުމުގައި އިހުގެ ދިވެހި ސްޓައިލް، ބަސްފުރޮޅުން ކަހަލަ އުކުޅުތައް ޒައިން ބޭނުންކުރެ އެވެ.

މިއުޒިކްގެ ދާއިރާގައި އޭނާ އަންނަނީ އެހެނިހެން ގޮތްގޮތުން ވެސް ހަރަކާތްތެރިވަމުންނެވެ. ޒުވާން ފަންނާނުން ކުރިއަރުވައި އެ މީހުންނަށް ފުރުސަތުތައް ފަހިކޮށްދޭ 'ފަންނުގެ ދަރިން'ގެ ބޯޑް މެންބަރެއްގެ ދައުރު ޒައިން އަދާކުރެ އެވެ. އަދި އޭނާ އަކީ މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ލޯޔަރު ވެސް މެ އެވެ.

'ރުނބާ ވޮލިއުމް 1' އަލްބަމް ލޯންޗު ކުރުމަށް ބައިސްކޯފުގައި ބޭއްވި ލިސްނިން ޕާޓީގެ ތެރެއިން
'ރުނބާ ވޮލިއުމް 1' އަލްބަމް ލޯންޗު ކުރުމަށް ބައިސްކޯފުގައި ބޭއްވި ހަފުލާގެ ތެރެއިން

'ނުއިނގިގުން' ބޭންޑުގެ އިތުރު އުފެއްދުންތައް ވެސް ކުރިއަށް އެބަހުއްޓެވެ. ދިވެހިވަންތަ ދިވެހި ޅެންވެރިކަމާއި ދިވެހި ރައިވަރާއި ދިވެހި ވާހަކަތަކުން ހިޔާލު ހޯދައިގެން އުފައްދާ  އިތުރު ލަވަތައް މި ބޭންޑުން ނެރޭނެ އެވެ.

"މިފަދަ ދިވެހިވަންތަ ލަވަތައް އުފެއްދުމަކީ ފަހުރެއް،" ޒައިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް