ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 39
ޒާރާގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ސައިފް ނިކުތްއިރު ބޭރުގައި ސޯފާތަކުގައި ޒުބައިރު އާއި ޖުމާ ތިބެފައި ބަލައިލި އެވެ. ޒުބައިރު ކުއްލިއަކަށް ކޮޅަށް ތެދުވެފައި ކައިރިއަށް އަންނަން ފެށި ގޮތުން ސައިފްއަށް ހުއްޓެވުނެވެ. އިރުކޮޅެއް ނުވެ އައިސް އަރާ ހަމަވެފައި ސައިފް ނުވިސްނާ ހުއްޓާ މޫނުމަތީ ޖަހައިފި އެވެ.
"ޒުބައިރު!" ޖުމާއަށް ފުންމައިގެން ތެދުވެފައި އަނގަމަތީ އަތް އެޅުނެވެ.
ޒާރާ ވެސް ވަކި ހިސާބަކަށް ގޮސްގޮސްފައި އަޑު އިވިގެން ސިހިފައި އެނބުރި ބަލައިލި އެވެ.
ޒުބައިރު ދެވަނަ ފަހަރަށް ޖަހަން ނޫޅެ ސައިފްގެ ކޮނޑުގައި އަތް އަޅުވާ ފަހަތަށް ކޮށްޕާލި ގޮތުން ސައިފް ގޮސް ލައްވީ އެންމެ ކައިރީ ހުރި ފާރުގަ އެވެ. ޖުމާ ވަގުތުން ދުވެފައި އެ ދިމާއަށް އަ އެވެ. ބިރުން އޭނަގެ މޭގަނޑު ރޫރޫއަޅަ އެވެ. އެފަދަ މަންޒަރެއް ކުރިމަތިން އޭނައަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ.
"ޒުބަ...އިރު ހެޔޮނުވާނެ..." ޖުމާގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ.
ސައިފް ކޯތާފަތުގައި އަތް ފިރުމާލައިފައި ތިރިކޮށްލިއިރު ހުރީ ފެންކަޅިވެފަ އެވެ. އެ ވަގުތު ޖުމާނާ އައިސް ސައިފް އާއި ޒުބައިރުގެ ދެމެދަށް ހުއްޓުނު ނަމަވެސް ޖުމާނާ ކުރުވެ ޒުބައިރުގެ ރުޅިވެރި ނަޒަރުން ސައިފްއަށް ސަލާމަތެއް ނުވެވުނެވެ.
"އަހަރެމެން ކަލެއާ ޖުމާ ކައިވެނިކުރުވީ ކިހާ އިތުބާރެއް ކޮށްފަ. ތީ ތިހާ ގޮތްކުޑަ މީހެއް ކަމަކަށް ހިއެއްނުކުރަން. ދެން އެންމެ ދުވަހަކަށް ވެސް ޖުމާ މި ގެއަކު ނުބަހައްޓާނަން. ކަލޭ ތިކުޅޭ ކުޅިގަނޑު ކުޅެން ހުރޭ. ޖުމާ ދާނީ އަހަރެމެންނާ އެކު މާލެ،" ޖުމާނާ ހުރަހަކަށްވެ ހުރުމުން އަތް ނުލެވިގެން ޒުބައިރު ވާހަކަދެއްކީ ސައިފްއާ ދިމާއަށް ޝަހާދަތް އިނގިލި އުފުލާލައިގެން ހުރެ އެވެ.
ޖުމާނާގެ ލޮލުން އޭރު ކަރުނަ އަތުވެއްޖެ އެވެ. ބިރާއި ހިތާމައިން އޭނަގެ އަތްފައި ތުރުތުރުލާން ފަށައިފި އެވެ. އިތުރަށް ވާހަކައެއް ވެސް ނުދެއްކުނެވެ.
ސައިފް އަނގައިން ވެސް ނުބުނެ ހުއްޓާ ޒުބައިރު ޖުމާނާގެ އަތުގައި ހިފައިގެން އެތަނުން ދުރަށް ގެންދިޔަ އެވެ. އޭނަ ޖުމާނާގެ އަތުން ދޫކޮށްލީ އެ ގެއިން ނިކުމެފަ އެވެ.
"ޖުމާ ރޯނެ ކަމެއް ނެތް. މާ ލަސްނުވަނީސް އޭނަގެ ހަގީގަތް އެނގުނީތީ ޝުކުރުކޮށްބަލަ! ދަރިއަކު ލިބުނު ފަހުން އެނގުނު ނަމަ ކިހިނެއްވާނީ؟" ޒުބައިރު ދަމުން ޖުމާނާއާ ވާހަކަދެއްކި އެވެ.
ޒާރާ އޭރު ކޮންމެވެސް ދިމާއަކަށް ވަދެ ފިލައިފި އެވެ. މާޒް އަޑުފަށްގަނޑު ގަދަވެގެން ކޮޓަރީގައި އޮވެފައި ނިކުތްއިރު ފެނުނީ ސައިފް އެކަނިމާއެކަނި ގޭގެ ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުއްޓައެވެ.
"ދެންމެ އަޅެ މީހަކު ހަޅޭއްލެވިތަ؟" މާޒް އެހުރި ހިސާބުގައި ހުއްޓި ހުރެފައި ސުވާލުކޮށްލި އެވެ.
ސައިފް އެކައްޗެއްވެސް ނުބުނެ ގޮސް ދޮރު ހުޅުވާލައިފައި ވަދެ ގެއްލުނީ ކޮޓަރިއަށެވެ. މާޒް ދޮންބެ ގެއްލުނު ދިމާއަށް ބަލަން ހުރެލާފައި އަނެއްކާވެސް އެތެރެއަށް ވަނެވެ.
***
ގެއަށް ވަދެވުމާ އެކު ޖުމާނާ މިސްރާބު ޖެހީ ޒޯޔާގެ ކޮޓަރިއާ ދިމާއަށެވެ. ޒުބައިރު ވަން ގޮތަށް މަންމަ އާއި ބައްޕައަށް ގޮވަމުން މަޑުކުރީ ސިޓިންރޫމްގަ އެވެ. ޒޯޔާ އާއި ޖުމާނާ ބައްދަލުވީ އެ ކޮޓަރި ދޮރާ ހަމައިންނެވެ.
"ޖުމާ! ކިހިނެއްވީ؟" ޖުމާނާގެ ލޮލުގައި ހުރި ކަރުނަތައް ފެނުމާއެކު ޒޯޔާ ކަންބޮޑުވެފައި ވާހަކަދެއްކި އެވެ.
ޖުމާނާ ވަކި އެއްޗެއް ނުބުނެ ދެމިގަތީ ކޮޓަރި ތެރެއަށެވެ. ޒުބައިރު ސިޓިންރޫމްގައި ހުރެގެން މަންމަމެނަށް ގޮވައި ގެންދިޔަ ތަން ބަލަން ހުރެފައި އެތަނަށް ގޮސް ހަބަރު ބަލަން ބޭނުންވި ނަމަވެސް ޒޯޔާއަށް ފުރަތަމަ ދެވުނީ ޖުމާނާގެ ކައިރިއަށެވެ. އޭނަ ދޮރު ލައްޕާލާފައި ވަންއިރު ޖުމާނާ އެނދުގައި އޮތީ ނިގާބު ނެގި ގޮތަށް އެނދަށް ވެއްޓިގަނެގެން ބާލީހުގައި މޫނު ފޮރުވައިއިގެންނެވެ.
"ޖުމާ ޕްލީޒް ވެގެން އުޅޭ ގޮތެއް ނުބުނަންޏާ އަހަރެން ބިރުގަނޭ،" ޖުމާނާ ރޮނީކަން އެނގުމުން ޒޯޔާގެ ހިތަށް އަސަރުކުރި އެވެ.
އޭނަ ޖުމާނާގެ ކޮނޑުގައި ހިފައި ކުޑަކޮށް ތަޅުވާލައިފައި ޖަވާބެއްގެ އިންތިޒާރުގައި މަޑުކުރި އެވެ. ހަދާނެ ގޮތެއް ނޭނގިގެން އޭނަ އެންމެފަހުން ޖުމާނާގެ ބުރަކަށީގައި ފިރުމަން ފެށި އެވެ.
ބޭރުގައި ޒުބައިރު، މަންމަ އާއި ބައްޕަ ބައިތިއްބައިގެން ސައިފް އާއި ޒާރާގެ ކަންތައްގަނޑުގެ ވާހަކަ ކިޔައިދެނީ އެވެ. އެކި ފަހަރު މަތިން އޭނައަށް އެ ދެ މީހުންގެ ފަރާތުން ފެނިފައިވާ މަންޒަރުތަކާއި ސައިފްގެ ކޮޓަރިން ޒާރާ ނިކުތް ދެ ފަހަރުގެ ވާހަކައިން ތަފްސީލު ދިނީ ސައިފްއާ ދޭތެރޭ އެ މީހުންގެ ހިތުގައި އޮތް ހުރިހާ ގާތްކަމަކާއި ލޯތްބެއް ފިލުވާލައިފަ އެވެ. ޝައްކުވެފައި ހުއްޓަސް އޭނަ ހުރީ ޔަގީން ނުވަނީސް އެއިން އެއްވެސް ވާހަކައެއް ނުދައްކަންވެގެންނެވެ. އެކަމަކު ޒާރާއާ ސުވާލުކުރުމުން އެ ހުރިހާ އިލްޒާމެއް އެއީ ތެދު ކަމަށް ގަބޫލުކުރުމާ އެކު އޭނަގެ ކެތްތެރިކަން ކޮޅުންލީ އެވެ. ޒުބައިރު މިއަދު އެ ގެއަށް ދިޔައީ ޖުމާނާ އާއި ސައިފް ކުރިމަތީ ބައިތިއްބައިގެން އެ ހަގީގަތް ހާމަކުރާށެވެ. އެކަމަކު އެ ވަގުތު ވެސް އޭނައަށް ފެނުނީ އޭނަގެ ލޭ ކައްކުވައިލި ފަދަ މަންޒަރެކެވެ. ޖުމާނާ ނިކުމެގެން އައުމާ އެކު ޒާރާ އާއި ސައިފް ބަދިގޭގައި އެކަހެރިވި މަންޒަރެވެ. އެތެރޭގައި ހިނގީ ކޮން ކަމެއް ކަމެއް ނޫނީ ދެކެވުނީ ކޮން ވާހަކައެއް ކަމުގެ ތަފްސީލު ހޯދާކަށް އޭނަ މިއަދު މަޑެއް ނުކުރެ އެވެ.
ކުޑަ އިރުކޮޅެއް ފަހުން އަމީރާ އައިސް ދޮރުގައި ޓަކި ދިނުމާ އެކު ޒޯޔާ ދުވެފައި އެ ދިމާއަށް ދިޔަ އެވެ. ޖުމާނާ އޭރު ވެސް ބޯ ހިއްލައެއްނުލަ އެވެ.
"މަންމާ ކީއްވެތަ ޖުމާ އެ ރޮނީ؟" ޒޯޔާއަށް މަންމަ ފެނުމާ އެކު ރޮވިފައިވާ އަޑަކުން ސުވާލުކުރި އެވެ.
އަމީރާ އަންހެންދަރިފުޅަށް ބަލާލައިފައި ގޮސް ޖުމާނާގެ މަގަތުގައި އިށީނދެލި އެވެ.
"ހިތްވަރުކުރޭ ޖުމާނާ! ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކު. ނަސީބެއްނު މާ ލަސްނުވަނީސް ސައިފްގެ ހަގީގަތް އެނގުނުކަން،" އަމީރާ ޖުމާނާއަށް ހިތްވަރުދިނުމުގެ ގޮތުން ވާހަކަދެއްކި އެވެ.
"ކީއްވެތަ ކޮންމެ މީހަކު އެހެން ތި ކިޔަނީ؟" ޖުމާނާ ތެދުވަމުން ރޮވިފައިވާ އަޑަކުން ސުވާލުކުރި އެވެ.
"ކީކޭތަ؟" ޒޯޔާއަށް އަހައިލެވުނެވެ.
"މާ ލަސްނުވަނީހޭ އެ ކިޔަނީ ކީއްވެތަ؟ ކިހިނެއްތަ އެނގެނީ ސައިފް އާއި ޒާރާ މިހާރު ގުޅުމެއް އޮންނަ ކަމެއް؟ އަހަރެން އެހީމަ އޭނަ ބުންޏޭ އެއީ މާކުރީގެ ކަމެކޭ އެކަމަކު އެކަން ނިމިއްޖެއޭ. އޭނައަށް ޖަވާބު ދޭނެ ފުރުސަތެއް ވެސް ނުދީ ޒުބައިރު ގޮސް ޖެހީ..." ޖުމާނާ ރޮމުން ރޮމުން އަނެއްކާވެސް މޫނުގައި އަތް އެޅި އެވެ.
"ޖުމާނާއަކަށް ނޭނގޭތަ ޒާރާ ކައިރީ ޒުބައިރު އެހީމަ އޭނަ އެއްބަސްވެއްޖެއޭ އެކަމެއް ހިނގާ ކަމަށް. ޒުބައިރު އަމިއްލައަށް އަޅުވައިގެން އުޅޭ އިލްޒާމެއްގެ ވާހަކައެއް ނޫން މި ދައްކަނީ،" އަމީރާ އަމިއްލަ ދަރިފުޅުގެ ދިފާއުގައި ބުނެލި އެވެ.
ޖުމާނާ ވަގުތުން މޫނުން އަތް ނެގި އެވެ.
ޒޯޔާ ވެސް ހައިރާންވެގެން ބުނާނެ އެއްޗެއް ނޭނގިފައި ބަލަން ހުއްޓެވެ. އޭނަގެ ހަނދާނަށް އައީ ޒާރާ އަމިއްލައަށް ސައިފްއާ އެކީ ކިޔެވި ވާހަކަ ބުނި ދުވަހެވެ. އަދި ޒާރާ އަބަދުވެސް ސައިފްއާ ވާހަކަދައްކަން މަސައްކަތް ކުރާކަން އޭނައަށް ވެސް ފާހަގަވެފައި ވެ އެވެ. އެކަމަކު ސައިފް އަބަދުވެސް ދުރުން އުޅެނީ އެހެން މީހަކަށް ޝައްކެއް ވެދާނެތީ ކަންނޭނގެ އެވެ.
"އަހަރެން ގޮތެއް ނިންމާނީ ސައިފް ކައިރީ އަހާފަ. އޭނަގެ އަނގައިން އެއްބަސްވީމަ،" ޖުމާނާ ލޯ ފުހެލާފައި ތެދުވި އެވެ.
ޒޯޔާ ކޮންމެވެސް އެއްޗެކޭ ބުނަން އުޅުމުން އަމީރާ ޒޯޔާގެ އަތުގައި ހިފާފައި ހުއްޓުވި އެވެ. ދެމައިން ބަލަން ތިއްބާ ޖުމާނާ މޫނުފޮތިކޮޅު އައްސާލައިގެން ނިކުމެގެން ދިޔަ އެވެ. އޭނަ ނިކުތްއިރު ޒުބައިރު އާއި ސުލްތާން ސޯފާތަކުގައި ހިމޭންވެފައި ތިއްބެވެ. ޖުމާނާ ފެނުމާ އެކު ޒުބައިރު ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނެވެ. ޖުމާނާ އަތުގެ އިޝާރާތުން މަނާކޮށްފައި އެ ދިޔަ ގޮތަށް ގޮސް އެ ގެއިން ނިކުތެވެ.
ގެއަށް ވަދެވުމުން ޖުމާނާ ފުރަތަމަ ވެސް މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ. އަވަސް އަވަހަށް ގޮސް ހުޅުވާލިއިރު ކޮޓަރިތެރެ އޮތީ ހުހަށެވެ. އޭނަ ދެން ބެލީ ފާހާނާ އެވެ. ސައިފްގެ ހިލަމެއް ނުވުމުން ބަދިގެ އާއި ކުދިންގެ ކޮޓަރި ވެސް ބެލި އެވެ. އެ ކުދިން ކައިރީ ދޮންބެ ކޮބައިތޯ އެހުމުން އެ ކުދިންނަށް އެނގޭ ކަމަކަށް ނުވި އެވެ. ޖުމާނާ ދެން ގޮސް ޓަކި ޖެހީ މާޒްގެ ކޮޓަރީގަ އެވެ. މާޒް އައިސް ދޮރު ހުޅުވާލައިފައި ކިހިނެއްވީތޯ އެހި އެވެ.
"ކޮބާ ދޮންބެ؟" ޖުމާނާ ސުވާލުކުރި އެވެ.
"ނޭނގެ. ފެނުނު ތަންކޮޅެއް ކުރިން ކޮޓަރިއަށް ވަންތަން. ދައްތަ ކައިރީ ނުބުނޭތަ؟" މާޒް ބޯ ކަހާލައިފައި ރައްދުގައި ވާހަކަދެއްކި އެވެ.
ޖުމާނާ އަނެއްކާވެސް އެނބުރުނީ ކޮޓަރިއާ ދިމާއަށެވެ. އޭނަ ގޮސް ފޯނު ނަގައިގެން ސައިފްއަށް ގުޅަމުން ބޭރަށް ނިކުތްތަނާ ޒާރާ ކޮންމެވެސް ދިމާއަކުން ނިކުމެގެން އައިސް އެތަނަށް ވަންތަން ފެނިފައި ފޯނު ތިރިކޮށްލެވުނެވެ.
"ޖުމާ!" ޒާރާ ވަކި ހިސާބަކަށް އައިސްފައި ހުއްޓުނެވެ.
އެ މޫނުން މޮޅިވެރިކަމާއި ލަދުވެތިކަން ފެންނަން ހުއްޓެވެ.
"ޒުބައިރު ކައިރީ ކީކޭ ކިޔައިގެން ޒާރާ ތި އުޅެނީ؟ އަހަންނަށް އިނގޭ ސައިފް އާއި ޒާރާގެ ގުޅުމަކީ މާޒީގަ ވެ ނިމިފައިވާ ކަމެއްކަން،" ޖުމާނާ ވާހަކަފެށީ ޒާރާއަށް ފުރުސަތު ނުލިބޭ ގޮތަށެވެ.
"އަހަރެން ވެސް ހީކުރީ ތިހެން. މާޒީވެ ނިމިފަ އޮތް ކަމެއް ކަމަށް. އެކަމަކު އަލުން ފެނުނީމަ ދެ މީހުންނަކަށް ވެސް ދުރަކު ނުތިބެވުނު. އަހަރެމެން ވަރަށް މަސައްކަތް ކުރިން ޖުމާނާއަށްޓަކައި އިތުރަށް ކުރިއަށް ނުގެންދަން،" ޒާރާ އިސްޖަހައިގެން ހުރެ ކުށްވެރިއަކު ފަދައިން ވާހަކަދެއްކި އެވެ.
"ދޮގު. ހުސް ދޮގު. ސައިފް އަހަންނަށް ވަފާތެރިވާނެ،" ޖުމާނާ ދެ ފަރާތަށް ބޯހޫރާލަމުން އަދިވެސް އެއް ފަހަރު ފިރިމީހާގެ ދިފާއުގައި ވާހަކަދެއްކި އެވެ.
"ނުވާ ކަމެކޭ ކިޔާފަ ފުރައިގެން ދާ ގޮތަށް އަހަރެން ނިންމައިގެން ހުރީ. އެކަމަކު..." ޒާރާ އިސް އުފުލާލައިފައި ވަކި ހިސާބަކުން ވާހަކަ ހުއްޓައިލަމުން ބަނޑާ ހިސާބުގައި އަތް އަޅައިލި އެވެ.
ޖުމާނާއަށް ލޯ ބޮޑުކޮށްލެވުނެވެ. ޒާރާ އެ ރަށަށް އައި ފަހުން އަދި ވީ ކިހާ ދުވަހެއް ހެއްޔެވެ؟
"މައްސަލައަކީ މާބޮޑަށް ގާތްވެވުނީމަ،" ޒާރާ ބަނޑުން އަތް ނުނަގައި ހާމަކޮށްލި އެވެ.
ޖުމާނާ ކުރިއަށް ޖެހިލާފައި ޒާރާގެ މޫނުގައި ބާރުބާރަށް ޖަހައިފި އެވެ. ކުރެވުނީ ކީއްކަން އޭނައަށް ވެސް ރޭކައިލީ އަތުން ދިލަ ނަގައިގަތީމަ އެވެ. ކަންބޮޑުވެގެން ފަހަތަށް އެ އަތް ލައިފައި ޒާރާއާ ދިމާއަށް ބަލައިލެވުނެވެ. އެއާއެކު އަނެއްކާވެސް ލޭ ކެކިގަތެވެ.
ޒާރާ ފެންކަޅިވެފައި ބަލަން ހުރެގެން މޫނުމަތީ އަތުން ފިރުމަން ފެށި އެވެ. ޖުމާނާ ބޭނުންވީ ވަގުތުން އެ ގެއިން ވެސް ނިކުންނާށެވެ. ސައިފްއާ ސުވާލު ކުރުމުގެ ހުރިހާ ހިޔާލެއް އޭނަގެ ސިކުނޑިން ބޭރަށް އުދުހިގެން ހިނގައްޖެ އެވެ. އޭނަ ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެ އަލަމާރި މަތިން ފޮށި ނަގައި އެނދުމަތީ ހުޅުވާފައި ބާއްވާފައި ހެދުންތައް ނަގައި އަޅަން ފެށި އެވެ.
***
ނިދަ ނިދާފައި އުމާމާއަށް ހޭލެވުނުއިރު ރައްޔާން އޮންނަ ފަރާތް އޮތީ ހުހަށެވެ. ގަޑި ބަލާލިއިރު ބާރަ ޖަހައިފި އެވެ. އުމާމާ އެނދުން ފައިބައިގެން ރައްޔާން ހޯދަމުން ނިކުތްއިރު ބަދިގެއިން އަލިކަން ފެންނަން ހުއްޓެވެ. އޭނަ ގޮސް ވަންއިރު ރައްޔާން މޭޒުކައިރީ ލެޕްޓޮޕް ބަހައްޓައިގެން އިނީ ކޮންމެވެސް މަސައްކަތެއްގަ އެވެ.
"ނުނިދާ އަދިވެސް ހަމަ ވޯކްކުރަނީތަ؟" އުމާމާ ގޮސް ރައްޔާންގެ ފުރަގަހަށް ހުއްޓިފައި ކޮނޑަށް ދެ އަތް ވައްޓާލި އެވެ.
"އެއްވެސް ކަމެއް ނުކޮށް ހުރީމަ އެކޮޅަށް ގޮސް ހިންދެމިލާނެ ވަގުތެއް ވެސް ނުވާނެ،" ރައްޔާން ސްކްރީނުން ނަޒަރު ވަކިކޮށްނުލާ ޖަވާބުދިނެވެ.
"ދެން ހަމަ ދާން ޖެހޭތަ؟ އެކޮޅުގަ އެ ތިބީނު އައްމާރު ވެސް ޒުބައިރު ވެސް،" އުމާމާ ހިންދެމިލާފައި ޖެހިގެން ހުރި ގޮނޑި ދުރުކޮށްލައިގެން އިށީނެވެ.
ރައްޔާން އުމާމާއަށް ބަލާލައިފައި ހިނިތުންވެލި އެވެ.
"އަހަރެން ކިޔެވުން ހުއްޓާލާފަ ރައްޔާން ފަހަތުން ދާންވީ ދޯ؟" އުމާމާ އެންމެ ފަހުގެ ހަތިޔާރު ނެގި އެވެ.
"ބްލެކްމެއިލް ކުރަން ވެސް ދަސްކޮށްފި!" ރައްޔާން އުމާމާގެ އަތުގައި ހިފައިލި އެވެ.
"އަހަންނަށް ރައްޔާންއާ ދުރުގަ ނުހުރެވެންޏާ ދެން ނެތެއްނު އެ ނޫން ގޮތެއް. ކޮންމެ ދުވަހަކު ވީޑިއޯ ކޯލްކޮށްގެން އަހަންނަކަށް ކެތެއްނުވާނެ. އައި ނީޑް ޓު ޓަޗް ޔޫ ވެންއެވާ އައި ވޯންޓު،" އުމާމާ އަނެއް އަތް ރައްޔާންގެ މޭމަތީ ހިންގައިލި އެވެ. ފުރަތަމަ ދެ ގޮށް ނައްޓާފައި ހުރިއިރު ގަމީހުގެ ތެރެއިން ތުނިކޮށް އެ މޭމަތީ ފަޅާފައިވާ އިސްތަށިތައް ހުރީ ފެންނާށެވެ.
"ފަހުން ހޭނިދާނެ. އެހެން ނޫނަސް ކިޔަވާ ނިމުނީމަ އުމާމާ ވެސް ހިތަށްއަރާނެ ނަސީބޭ ހުއްޓާނުލެވުނީ. އަހަރެން ބޭނުން އަހަރެންގެ ވައިފް ކާމިޔާބު ހޯދާތަން ދެކެން،" ރައްޔާން އުމާމާގެ އަތްތިލަ ގެންގޮސް ތުންފަތް ޖައްސައިލި އެވެ.
"އަދިވެސް ނުނިމޭތަ؟ ހިނގާ ނިދަން ދާން. ރައްޔާން ކައިރީ ނެތީމަ ނުނިދިގެން އަހަރެން މި ނިކުތީ،" އުމާމާ ބޮލުން ލެޕްޓޮޕަށް އިޝާރާތްކޮށްލާފައި އެހި އެވެ.
"ހިނގާ ދޯ. މާދަން އަނެއް ބައި،" ރައްޔާން އުމާމާގެ އަތުން ދޫކޮށްލާފައި ލެޕްޓޮޕް ލައްޕާލުމަށް ފަހު ތެދުވި އެވެ.
ދެ މީހުން އެކީ ގޮސް ކޮޓަރިއަށް ވަދެފައި ނިދަން އޮށޯތުމުގެ ކުރިން ރައްޔާން ވަނީ ފާހާނާއަށެވެ.
"މިއަދު ޒޯޔާ ގުޅި ގަޑީގަ ބުނި ވަރަށް އެހެން ކަހަލަ ވާހަކައެއް،" ރައްޔާން އެނބުރި އައިސް އެނދުގައި އިށީނދެފައި ފެށި އެވެ.
"އެ ކޮން ކަހަލަ ވާހަކައެއް؟" އުމާމާ އެހި އެވެ.
"ޖުމާނާ އާއި ސައިފް އުޅެނީ ޑިވޯސްވާން،" ރައްޔާން ހާމަކޮށްލި އެވެ.
އުމާމާގެ މެއަށް ހީވީ ފެން އެއްޗެއް އޮއްސައިލި ހެންނެވެ. އޭނައަށް އޮށޯވެ ނޯވެވިގެން ތެދުވެ އިށީނދެފައި އަދިވެސް އެއް ފަހަރު ކީކޭހޭ އަހާލައިފި އެވެ.
"ޒޯ ބުނީ ސައިފް ކުރިން އިންނަން ބޭނުންވެގެން އުޅުނު ކުއްޖާއާ އަލުން އެފެއާއެއް ހިންގިކަން ފަޅާއެރީއޭ. ހީ ވެސް ނުވޭ ދޯ. އުމާމާ ވެސް ބުނީމެއްނު އެއީ ރަނގަޅު ޒުވާނެކޭ. އަހަރެން އެންމެ ދެރަވަނީ ޖުމާއަށް ވާނެ ގޮތް ހިތަށް އަރާފަ. އޭނަ އެހާ ދުވަސް ފަހުން މީހަކާ އެ އިނީ ވެސް،" ރައްޔާން އިތުރަށް ކިޔައިދިނެވެ.
އުމާމާ ވެސް އިނީ ވިސްނާނެ އެއްޗެއް ނޭނގިފަ އެވެ. އޭނައަށް އެނގިފައި އޮތް ގޮތުން ވިއްޔާ ސައިފް ގުޅެން ބޭނުންވީ ޚުދު އޭނައާ އެވެ. އެހެންވިއްޔާ އަދި އޭނަ ނޫނަސް އެހެން ކުއްޖަކު އުޅެނީތާ އެވެ. އެކަމަކު ސައިފްއަކާ ނުވެސް ގުޅެ އެވެ. ބައެއް ފަހަރު ފެންނަ ފެނުމަށް ހީވާ އެއްޗަކާއި ހަގީގަތާ މުޅިން އިދިކޮޅެވެ.
"ޕުއާ ޖުމާ،" އުމާމާއަށް ބުނެވުނެވެ.
(ނުނިމޭ)
ކޮމެންޓް (6)
ނީނާ
މަށޭ
މާޝާ
އައިޝާ
ޕަރސަން
ޒާނާ