ވާހަކަ: ހިތް އެދި ގޮވާތީ

ވާހަކަ

ވާހަކަ: ހިތް އެދި ގޮވާތީ

27 ފެބްރުއަރީ 2024
3

ޒާރާ ބޯޖަހާލައިފައި ތެދުވެގެން ގޮސް ދޮރު ކައިރީ ހުއްޓުނެވެ. ބޭރުން ކޮންމެވެސް މީހަކު ތަޅުގައި ހިފައިލީ އެ ގަޑީގަ އެވެ. އަދި އެތެރެއިން ތަޅުލާފައި ހުރުމުން ދޮރުގައި ޓަކި ޖަހަން ފެށި އެވެ. ސައިފްގެ ފައި ދަށުން ބިންގަނޑު ދެމިގަތް ކަހަލަ އެވެ. ޒާރާ އެ ދޮރު ހުޅުވަން ތަޅުގައި ހިފާލިތަން ފެނުމުން ދުވެފައި އެ ދިމާއަށް ގޮސް ޒާރާގެ އަތުގައި ހިފުނެވެ.

"ޝްޝްޝް!" ސައިފް އަނެއް އަތުގެ ޝަހާދަތް އިނގިލިން ތުންފަތުގައި ޖައްސާލައިފައި ޒާރާއަށް ހިމޭންވާން އެންގި އެވެ.

ދެން އޭނަ އިންތިޒާރު ކުރީ ދޮރުގައި ޓަކިޖެހުން ހުއްޓޭނެ އިރަކަށެވެ. ޖަވާބު ނައުމުން ފަހަރެއްގައި އެމީހަކު އެނބުރި ހިނގައިދާނެ އެވެ.

އެނދުމަތީ އޮތް ފޯނު ރިންގްވާން ފެށި އަޑާ އެކު ސައިފްއަށް އެ ދިމާއަށް ބަލައިލެވުނެވެ. އަތުގެ އިޝާރާތުން އަދިވެސް އެއް ފަހަރު ޒާރާ ކައިރީ ހިމޭނުން ހުންނަން އަންގާފައި އޭނަ އެ ދިމާއަށް ދިޔަ އެވެ. ފޯނު ނަގައި ބަލާލިއިރު ޖުމާނާ ގުޅަނީ އެވެ. ސައިފްއަށް ބުމަ ކައިރިކޮށްލެވުނެވެ. ފޯނު ނަގާނީ ކަމެއް ނުވަތަ ނޫންކަމެއް ނިންމަން ކުޑަ ވަގުތުކޮޅެއް ނެގިއެވެ.

"ހަލޯ،" ސައިފް ގޮތެއް ނިންމާފައި ފޯނު ނަގައި ކަންފަތުގައި ޖެހި އެވެ.

"ހޭލެވިއްޖެ ދޯ. އާދެބަލަ ދޮރު ހުޅުވަން،" ޖުމާނާ އެދުނެވެ.

"މިދަނީ،" ސައިފް ފޯނު ބާއްވާފައި ނިތުގައި ހިފާލި އެވެ.

ވަށައިގެން ލޯ ހިންގައިލިއިރު ކޮޓަރިތެރެ އޮތީ އަނދިރިކޮށެވެ. ނިދާބޮކީގެ ފަނޑު އަލި ނޫނީ ނުވެ އެވެ. ސައިފް ގޮސް ޒާރާގެ ކައިރީ ހުއްޓިފައި ދޮރާއި ފާރާ ދޭތެރެއަށް ވާނެހެން ކަނަށް ވަންނަން އެންގި އެވެ. އޭނަ ދޮރު ހުޅުވީ އެއަށް ފަހުގަ އެވެ.

"ހާދަ ވަރަކަށް ދޮރުގަ ތެޅިއްޖެއޭ،" ޖުމާނާ އެތެރެއަށް ވަދެގެން އަންނަމުން ވާހަކަދެއްކި އެވެ.

"އަހަރެން ބުނީމެއްނު އަވަހަށް އަންނާށޭ. ކީއްވެ އެހާ ލަހުން ތި އައީ؟" ސައިފް ޖުމާނާގެ ފަހަތުން ގޮސް ވަކި ހިސާބަކުން ހުއްޓިފައި ކުއްލިއަކަށް ޖުމާނާގެ ގައިގައި އޮޅުލައިގެންފި އެވެ.

"ސައިފް..." ޖުމާނާ އެއްޗެކޭ ބުނަން އުޅެފައި ހުއްޓައިލި އެވެ.

ޖުމާނާ ދޮރާ ފުރަގަސްވާ ގޮތަކަށް ބަހައްޓައިގެން އަތުގެ އިޝާރާތުން އޭނަ ޒާރާއަށް އެންގީ އެތަނުން ނިކުތުމަށެވެ.

"ޖުމާ ހީކުރީ އަހަރެން ސަމާސައެއްގެ ގޮތުގައި ބުނި އެއްޗެއް ކަމަށްތަ؟" ޒާރާ ނިކުތުމާ އެކު ސައިފް ކުރިއަށްވުރެ ހަމަޖެހިލާފައި ޖުމާނާގެ ކޮނޑުގައި މޫނު ފޮރުވާލަމުން ނޭފަތް އެތެރެއަށް ދަމައިލި އެވެ. އެ ހަށިގަނޑުން ދުވާ ސެންޓް ވަހަކީ އޭނަގެ ހިތާއި ރޫހުގެ ހަމަޖެހުމެވެ.

"ދޮރު ވެސް ނުލައްޕާ އެހުރީ. މީހަކަށް ފެނިދާނެ،" ޖުމާނާ ހަނދާންކޮށްދިނެވެ.

"ދޫކޮށްލާއިރަށް އަނެއްކާ ފިލައިގެން ހިނގައިދާނެ،" ސައިފް ހަމަ ހިލާ ދުރަކަށް ނުޖެހުނެވެ.

އިރުކޮޅަކުން ދޮރުމަތިން ކަރުކެހިލިއަޑަށް ދެ މީހުން ސިހިފައި ދެ ދިމާއަށް ޖެހިގެންފައި ދޮރާ ދިމާއަށް ބަލާލި އެވެ.

"މިއަށް ކިޔަނީ ދޮރު. މި ލައްޕާނީ މިހެން އިނގޭ،" ޒޯޔާ ހިނިތުންވުމެއް ފޮރުވާލަން މަސައްކަތް ކުރަމުން މަޑުމަޑުން ދޮރު ލައްޕައިލި އެވެ.

ޖުމާނާ ވަގުތުން ގޮށްމުށްކަވާލައިފައި ސައިފްގެ ކޮނޑުގައި ބޮނޑިއެއް އެޅި އެވެ. ލަދުން އޭނަ މަރުވެދާނެ އެވެ.

ސައިފް ބެލީ ދޮރު ތަޅުލެވޭތޯ އެވެ.

"ކަމްއޯން އައި ނީޑް އެ ޑިސްޓްރެކްޝަން،" އޭނަ އެނބުރި އައިސް ޖުމާނާގެ އަތުގައި ހިފާ ދަމާލައިފައި ގެންގޮސް އެނދަށް އެރުވި އެވެ. ވެދިޔަ ކަންތަކާ ހެދި އޭނަ އެހުރީ ބޯގޮވަން ކައިރިވެފަ އެވެ. އެ ހިޔާލުތަކާ އަވަހަށް ދުރަށް ދާން ބޭނުމެވެ. ޒާރާއަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފައި އެހާ ފަސޭހައިން ނިކުމެގެންދިޔަ ސަބަބެއް ވެސް އޭނަ ހޯދަން އެބަ ޖެހެ އެވެ. އެކަމަކު އެ ހުރިހާ ކަމަކާ މެދު ވިސްނާނީ ފަހުންނެވެ.

"ޑިސްޓްރެކްޝަން؟" ޖުމާނާ ވަގުތުން ސައިފްގެ މޭގައި އަތް އަޅާފައި އިތުރަށް ކައިރިވިޔަނުދީ ހުއްޓުވި އެވެ.

"އެއީއެއް ނޫން އަހަރެން ބުނަން އުޅުނު އެއްޗަކީ،" ސައިފް ޖުމާނާގެ މޫނަށް ބަލައިލީ ކުށްވެރިއަކު ފަދައިންނެވެ.

ޖުމާނާ ވަގުތުން ދެ ފަރާތަށް ބޯހޫރައިލި އެވެ. އޭނައަށް ސައިފްގެ ވާހަކަ ގަބޫލެއް ނުކުރެވުނެވެ.

"އެހެންވީމަ އަހަންނަކީ ސައިފްގެ ހުރިހާ މައްސަލަތައް ސިކުނޑިން ނެރެލަން ބޭނުންކުރާ ޓޫލްއަކަށްތަ މިވީ؟" ޖުމާނާ ސީރިއަސްވި އެވެ.

"ޖުމާއަށް އެނގެއެއްނު އަހަރެން ޖުމާ ދެކެ ލޯބިވާކަން،" ސައިފް އެންމެފަހުން ހިންދެމިލި އެވެ.

ޖުމާނާ މޫނު އުފުލާލައިގެން ސައިފްއަށް ބަލަން އިނެވެ.

"ޖުމާއެއްނު ބުނީ އަހަރެން ސްޓްރެސްވެގެން އުޅޭ ވާހަކަ ވެސް،" ސައިފް ޖުމާނާގެ ކައިރީ އެނދުގައި އިށީނދެލި އެވެ.

"އިނގޭތަ ޒުބައިރު އަހަރެން ކައިރީ ބުނި އެއްޗެއް؟" ޖުމާނާ އިރުކޮޅަކުން ވާހަކަދެއްކި އެވެ.

ސައިފް އަވަހަށް އެ މޫނަށް ބަލައިލި އެވެ. އޭނަގެ ހިތް އަވަސްވި އެވެ.

"ޒުބައިރު ބުނީ ކައިވެނީގެ ކުރިން ސައިފް ލޯބިވާ ކުއްޖަކު ހުރިތޯ ސުވާލުކުރަން،" ޖުމާނާ ކިޔައިދިނެވެ.

"އެ ކީއްވެ؟ މިހާރު އެ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ކޮބާ؟" ސައިފްއަށް ބުމަ ކައިރިކޮށްލެވުނެވެ. އެ ޒުބައިރުއަށް ވެގެންވިއްޔާ އޭނަ އާއި ޖުމާނާގެ ހަމަޖެހޭ ދިރިއުޅުމުގައި ކުނިޖައްސާނެ އެވެ. އޭނައަށް އަތް މުށްކަވައިލެވުނީ ހިތްހަމަނުޖެހިފަ އެވެ.

"އަހަރެން ވެސް ތިހެން އެހީ. އެކަމަކު އޭނަ ބުނީ އޭރު ސައިފް ކައިވެންޏަކަށް ބޭނުންޖެހިފަ ހުރިލެއް ބޮޑުކަމުން އަވަސްއަރުވާލާފަ ގޮތެއް ނިންމިއަސް ފަހުން ހިޔާލު ބަދަލުވެދާނެއޭ. ދަރިއަކު ނުލިބެނީސް ދެ މީހުންނަށް އުޅެވެން ނެތިއްޔާ ވަކިވެވޭނީ ވެސް އެއިރުންނޭ،" ޖުމާނާ ވާހަކަދައްކަމުން ދުރަށް ނަޒަރު ހުއްޓައިލި އެވެ.

ޒުބައިރު އޭނައާ ބައްދަލުކޮށްފައި ކުއްލިއަކަށް އެ ޒާތުގެ ވާހަކަތަކެއް ދެއްކި ސަބަބާ މެދު އޭނަ ވެސް އެ ހުންނަނީ ހައިރާންވެފަ އެވެ. އަދި ޒުބައިރު ބުނި އެންމެ ބޮޑު ވާހަކަ އޭނަ ސައިފް ކައިރީ ވެސް ނުބުނެ އޮތީ އެވެ.

"ޒުބައިރު ކަހަލަ ވިސްނޭ މީހަކު ކީއްވެ ދެމަފިރިން ދޭތެރެއަށް ވަންނަން އެ އުޅެނީ؟ އިޒް ހީ ސްޓިލް އާފްޓާ ޔޫ؟ އޭނަ އެ އުޅެނީ އަހަންނާއި ޖުމާގެ ކައިވެންޏަށް ރުހުން ދެވުނީމަ ދެރަވެގެންތަ؟" ސައިފް ކުއްލިއަކަށް ކޮޅަށް ތެދުވި އެވެ.

"ޒުބައިރު ބުނީ ސައިފް އަހަންނަށް ސިއްރުން އެހެން އަންހެނަކާ ގުޅުން ބާއްވައޭ،" ޖުމާނާ އެންމެފަހުން ހާމަކޮށްލި އެވެ. އެ ޖުމްލަ ނިންމާލާފައި އަވަސްއަވަހަށް ލޯ މަރައިލީ ސައިފްގެ މޫނަށް ނުބަލަންވެގެންނެވެ. އެއީ ތެދެއް ނަމަ ސައިފްގެ މޫނުގެ ކުލަވަރުން އެކަން އޭނައަށް އެނގޭނެ އެވެ. އަދި އެއީ ތެދަކަށް ވެއްޖެ ނަމަ އޭނައަށް އެ ހަގީގަތާ ކުރިމަތިލުމުގެ ހިތްވަރެއް ނެތެވެ.

"ޖުމާ އަހަންނަށް ބަލާލަބަލަ!" ސައިފް ޖުމާނާގެ ދަތްދޮޅީގައި ހިފާލައިފައި އެދުނެވެ.

ޖުމާނާ ލޯ ހުޅުވައިލީ ދެނެވެ. ސައިފްގެ ލޮލުގައިވި އާދޭސް އޭނައަށް ފެނުނެވެ. ކައިރީގައި އިށީންނަން ސައިފްއަށް ހިތްވަރު ލިބުނީ ޖުމާނާ ރައްދުގައި އެއްޗެއް ނުބުނީމަ އެވެ.

"އަހަރެން ހީކުރީ ވެދިޔަ ތަނުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް. އެހެންވެ އަހަރެން ނުބުނީ. އެކަމަކު މި ހިސާބަށް އައީމަ އަހަރެން ބުނެފާނަން. ކިޔަވަން އުޅުނުއިރު އަހަރެން އުޅުނިން އަންހެންކުއްޖަކު ފަހަތުން، އެކަމަކު ކާމިޔާބެއްނުވި. އެ ހިސާބުން އެ ޗެޕްޓާ ނިމުނީ،" ސައިފް ޖުމާނާގެ ދަތްދޮޅިން ދޫކޮށްލާފައި އަތްތިލައިގައި ހިފާލައިގެން އިނދެ ކިޔައިދިނެވެ.

ޖުމާނާގެ ހިތަށް ފުރަތަމަ ވެސް އައީ ޒާރާގެ ނަމެވެ. އެކަމަކު އެކަން އޭނަ ހާމައެއް ނުކުރެއެވެ.

 ސައިފް އިތުރަށް ތަފްސީލުދޭތޯ އިން ނަމަވެސް ވާހަކަ އެ ހިސާބުން ކުރުކޮށްލީ އެވެ. ދައްކާނެ ވާހަކައެއް ނޭނގިފައި ތިބި ބަޔަކު ފަދައިން ދެ މީހުން އެކަކު އަނެކަކަށް ބަލަން ތިބެފައި އިސްޖެހި އެވެ.

"އަހަރެން ވަރަށް ނިދި އާދޭ އެބަ،" ޖުމާނާ ސައިފްގެ އަތުތެރޭ އޮތް އަމިއްލަ އަތް މަޑުމަޑުން ދަމައިގެންފައި އިން ތަނުން ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ.

ދޮރު ލެއްޕުމާ އެކު ސައިފްއަށް ދެ އަތުން އިސްތަށިގަނޑަށް ވާންކޮށްލެވުނެވެ.

ޖުމާނާ އައިސް ނިދަން އޮށޯތުމުން ބަލަހައްޓައިގެން އިނދެލާފައި ޓީޝާޓެއް މަހާލައިގެން ސައިފް ނިކުތީ ބޭރަށެވެ. މާޒް އެތެރެއަށް ފޮނުވާލައިފައި އޭނަ ގޮސް އިށީނދެލީ އާކިފް ކައިރީ މާޒް އިން ގޮނޑީގަ އެވެ. ކުޑަ ދެ ކުދިން ގަދަ ނިދީގައި ތިބިއިރު ބަލަހައްޓަން ތިބި މީހުން އެ ގަޑީގައި ކޮންމެވެސް ފިލްމެއް އަޅުވައިގެން އެއަށް ގެއްލިފަ އެވެ. ސައިފް އޭގެ ތެރެއަށް ވަދެވޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު އޭނަގެ ހިތާއި ސިކުނޑީގައި އެނބުރެމުންދިޔަ ހައިޖާނުގަނޑު މާބޮޑެވެ.

***

ފަތިސް ނަމާދަށް ދިއުމުގެ ކުރިން ފާހާނާއަށް ވަދެލަންވެގެން ސައިފް އައިސް ކޮޓަރިއަށް ވަން އިރު ޖުމާނާ ތެދުވެ އިނީ އެނދުގަ އެވެ. ހީވަނީ ދެންމެ ހޭލައިގެން އިން ހެންނެވެ. ސައިފް ހުއްޓިލާފައި ޖުމާނާ ވަކި އެއްޗެއް ނުބުނުމުން ގޮސް ފާހާނާއަށް ވަނެވެ. އޭނަ ނިކުތީ މިސްކިތަށް ދާން ވުލޫ ވެސް ކޮށްގެންނެވެ. ޖުމާނާ އޭރު ލޯގަނޑު ކުރިމަތީ ހުރީ ބޮލުގައި ހުޅިއެއް ޖަހަންވެގެންނެވެ. ސައިފް އަނެއްކާވެސް ބަލައިލާފައި ޖުމާގެ ފަރާތުން އެއްވެސް އިޝާރާތެއް ނައުމުން ނިކުމެގެން ދިޔަ އެވެ.

ދުވަހުގެ ބާކީ ބައި ވެސް ނިމިގެން ދިޔައީ އެފަދަ ގޮތަކަށެވެ. ޖުމާނާ އެއްވެސް ވަރަކަށް ސައިފްއާ ވާހަކައެއްނުދައްކަ އެވެ. އެކަމަކު އެހެން މީހަކަށް ފާހަގަވެދާނެތީ މީހުން ތިބޭ ތަންތަނުގައި ކޮންމެހެން ބުނަން ޖެހޭ އެއްޗެއްވިއްޔާ ބުނެހަދަ އެވެ. ފަހު ދުވަހަށް ވުމުން ފެންޑާގެ ތަރުތީބު ބަދަލުކުރުމާއި ޒީނަތްތެރިކުރަން ބޭނުންކުރި ސާމާނު ނަގައި ފޮށިގަނޑުގަނޑަށް އެޅުމުގެ މަސައްކަތް ކުރިއަށް ދިޔަ އެވެ.

އަމީރާމެންގެ އާއިލާ ތިބެފައި އެމީހުންނާ އެކު ދެން އައިސް ތިބި މީހުން ވެސް އެ ދުވަހު ފުރަން އޮތީ ހަމަޖެހިފަ އެވެ. ހަވީރުވެގެން އައިއިރު ގޭތެރެއިން މީހުންތައް ގާތްގަނޑަކަށް ހުސްވެ މާހައުލު އޮތީ މުޅިން ބަދަލުވެފަ އެވެ. އާކިފް އާއި ބިލާލް ވެސް ގަދަފަދަކޮށް އެކަނި އުޅޭތީ ފެނެ އެވެ.

އެންމެން ހަވީރު ސައި ބޮއިގެން ނިކުތް ފަހުން ޖުމާނާ މަޑުކުރީ ތަށިތައް ދޮންނާށެވެ. އިރުކޮޅަކުން ސައިފް އައިސް ވަނެވެ. އޭނަ ގޮނޑިއެއް ދަމާލައިގެން މޭޒު ދޮށުގައި އިށީންތަނާ ޖުމާނާ އެނބުރި ބަލައިލި އެވެ. ކާކުކަން އެނގުމުން އަނެއްކާވެސް މަސައްކަތަށް އެނބުރުނެވެ. ސައިފް އިންތިޒާރު ކުރީ ޖުމާނާ ނިމިގެން އަންނާނެ ވަގުތަކަށެވެ.

"ދެން ތިހެންތަ އުޅޭނީ؟" ޖުމާނާ އިސްކުރު ބަންދުކޮށްފައި އަތް ފުހެމުން އެނބުރިލުމާ އެކު ސައިފް އެހި އެވެ.

ޖުމާނާ ވަކި އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުއްޓެވެ. ސައިފްއަށް ނީނދެވިގެން ގޮނޑިން ތެދުވެފައި ގޮސް ޖުމާނާގެ ކައިރިއަށް ހުއްޓި އަތުގައި ހިފައިލި އެވެ.

"ތިހެން ރުޅިއައިސްފަ ހުރީމަ ޖުމާއަކާ ނުވެސް ގުޅޭ،" ސައިފް ޖުމާނާގެ ތުންފަތަށް ހިނިތުންވުމެއް ގެނެވޭތޯ މަސައްކަތް ކުރި އެވެ.

"އަހަރެންގެ ދިރިއުޅުމުގަ މިވަގުތު ނުވެސް ނެތް މީހަކާ މެދު ތިހާ ޖެލަސްވެގެން ތި އުޅެނީ،" ސައިފް އަދިވެސް މަސައްކަތް ކުރި އެވެ.

"ނެތްތަ މިހާރަކު؟" ޖުމާނާ އަހައިލީ ގަބޫލުނުކުރެވިފައި އަހައިލި މީހަކު ފަދައިންނެވެ.

"ޖުމާ! އަހަރެން ކީއްކުރަން ދޮގުހަދަންވީ؟" ސައިފްއަށް ގޮތްހުސްވި އެވެ. ޖުމާނާގެ އިތުބާރު އަލުން ހޯދަން އޭނަ ހަދާނީ ކިހިނެއް ހެއްޔެވެ؟

"ގަބޫލުކޮށްބަލަ!" ސައިފް ޖުމާނާގެ ދެ އަތުގައި ހިފާލަމުން ކުރިމަތީ ހުއްޓުނެވެ.

އޭނަ ފަހަތަށް ޖެހިލީ ފަހަތުން ފިޔަވަޅުގެ އަޑު އިވުނީމަ އެވެ. ޒާރާ ވަން ތަން ފެނިފައި ޖުމާނާ އެތަނުން ނިކުންނަން ހިނގައިގަތެވެ. ސައިފް މަޑުކޮށްލީ ފްރިޖު ހުޅުވަން އުޅޭ ކަމަށް ހެދިފަ އެވެ. ޖުމާނާއަށް ޒާރާއާ ދޭތެރޭ ޝައްކު އުފެދިފައިވާކަމެއް އޭނައަށް ކުޑަކޮށް ވެސް ނޭނގެ އެވެ. އެހެން ނޫން ނަމަ އޭނަ އެތާކު މަޑެއް ނުކުރީހެވެ.

"އަހަރެންގެ އެބަ އޮތް ސުވާލެއް،" ސައިފް ފްރިޖުން ފެން ފުޅި ނަގާފައި އައިސް މޭޒު ކައިރިއަށް ހުއްޓުނެވެ.

ޒާރާ ހުއްޓުނެވެ.

"ރޭގަ އަހަރެންގެ ކޮޓަރިއަށް ވަނީ ރަނގަޅު މަގްސަދެއްގަ ނޫންކަން އެނގޭ. އެކަމަކު އެހާ ފަސޭހައިން ނިކުމެގެން އެ ދިޔައީ ކީއްވެކަމެއް ނޭނގުނު. ވަޓް އާ ޔޫ ޕްލޭނިން؟" ސައިފް ތަށްޓަށް ފެން އަޅާފައި ބޯންވެގެން އަތަށް ނަގައިގެން ހުރެ ސުވާލުކުރި އެވެ. އޭނަ ވާހަކަދެއްކީ ވީހާވެސް މަޑުންނެވެ.

"ޔޫ ޑޯންޓް ރިމެމްބާ ޑޫ ޔޫ؟" ޒާރާ އައިސް ސައިފް ކުރިމައްޗަށް ހުއްޓިފައި ކޮށްލީ ހީނުކުރާ ފަދަ ސުވާލެކެވެ.

ސައިފްއަށް ބުމަ ކައިރިކޮށްލެވުނެވެ. ޒާރާ އެ ކިޔަނީ ކީކޭ ހެއްޔެވެ؟

"އަހަރެން ބޭނުންވި ކަންތައްވީމަ އަހަރެން ނިކުމެގެން ދިޔައީ،" ޒާރާ ލަދުގަނެގެން އުޅޭ ކުއްޖަކުހެން ތިރީ ތުންފަތުގައި ދަތް އަޅާލައިފައި އިސްޖެހި އެވެ.

"ތި ކިޔާ އެއްޗެއް ސާފުކޮށް ކިޔާބަލަ!" ސައިފް ގާތަށް ރުޅި އައިސްގެން ފެން ތަށި އަނބުރާ މޭޒުމަތީ ބެހެއްޓި ވަގުތު އެއިން އެއް ބައި ބަންޑުންވި އެވެ.

"އަންހެނުންގެ މަގާމުގަ އެހެން މީހަކު ހުއްޓާ ފެނުނީމަ ފާހަގައެއް ވެސް ނުވި ދޯ؟" ޒާރާ ފާޑަކަށް ހީލި އެވެ.

"ޝަޓްއަޕް. ނިދާފަ އޮތަސް އަހަންނަށް ޖުމާ ފާހަގަވާނެ. ފާޑުފާޑު ދޮގު ވާހަކަ ނުދައްކާ މިތަނުން ނިކުމޭ! އަހަންނާއި ޒާރާގެ މެދުގަ ތިޔަ ކިޔާ ޒާތުގެ އެއްވެސް ކަމެއް ނުހިނގާ،" ސައިފް ދޮރާ ދިމާއަށް އިޝާރާތްކޮށްލާފައި ރުޅިވެރި ނަޒަރަކުން ޒާރާއަށް ބަލައިލި އެވެ.

"އެނގޭނެ ދުވަހެއް އަދި އަންނާނެ،" ޒާރާ ކާމިޔާބުގެ ހިނިތުންވުމެއް ވެރިކޮށްލާފައި އެތަނުން ނައްޓާލި އެވެ.

ޒާރާ ގޮސް ނިކުތުމާ އެކު ސައިފްއަށް ކޮޅަށް ހުންނަން ދަތިވެގެން ކައިރީގައި ހުރި ގޮނޑީގެ އަތްގަނޑުގައި ބާރުބާރަށް ހިފެހެއްޓުނެވެ. ޒާރާ އެ ދައްކަނީ ހުސް ދޮގު ވާހަކަ އެވެ. އޭނަ އޮތީ ނިދާފަ އެވެ. އަމަލުވެފައެއް ނޫނިއްޔާ އެވެ. ޒާރާ އެ ބުނާ ވަރުގެ ކަމެއް ހިނގި ނަމަ އޭނައެއް ނޭނގި ނުދާނެ އެވެ. ނިދީގައި ޖުމާ ކަމަށް ހީކޮށް ބައްދާނުލެވޭކަމެއް ނޭނގެ އެވެ. އެއަށްވުރެ މައްޗަކަށް ނުދާނެކަން ކަށަވަރެވެ.

ޒާރާގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ސައިފް ނިކުތްއިރު ބޭރުގައި ސޯފާތަކުގައި ޒުބައިރު އާއި ޖުމާނާ ތިބެފައި ބަލައިލި އެވެ. ޒުބައިރު ކުއްލިއަކަށް ކޮޅަށް ތެދުވެފައި ކައިރިއަށް އަންނަން ފެށި ގޮތުން ސައިފްއަށް ހުއްޓެވުނެވެ. އިރުކޮޅެއްނުވެ އައިސް އަރާ ހަމަވެފައި ސައިފް ނުވިސްނާ ހުއްޓާ މޫނުމަތީ ޖަހައިފި އެވެ.

(ނުނިމޭ)

ކޮމެންޓް (3)

ޒާނާ

27 ފެބްރުއަރީ 2024
މިދެން ކިހާދެރަކަމެއް. ޒާރާ މިއުޅެނީ ފިރިހެނުން ހުސްވެގެންބާ... މީހެއްގެ ފިރިއަކާ ހެދި އުޅެން. ޒުބައިރު ކަމެއް ވަކިދެރައެއް ނޫން. މިދެމީހުނަށް އެމީހުން ނީނދެ ތިބިއިރު ނުފެނިފަ މިހާރު ފެނިގެން މިއުޅެނީ.
3 0

ޕަރސަން

27 ފެބްރުއަރީ 2024
މީ ދެން ހާދަ ބޭކާރު ޑްރާމާ ގަނޑެކޭ.
8 0

ޙަސަން

27 ފެބްރުއަރީ 2024
ޒުބައިރު މި އުޅެނީ ޖުމާނާ ނުލިބިގެން. މިހާރު މިވާހަކަ ވެސް ހިންދީ ފިލްމަކަށް ވާން ފަށައިފި.
9 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް