ވާހަކަ: ހިތް އެދި ގޮވާތީ

ވާހަކަ

ވާހަކަ: ހިތް އެދި ގޮވާތީ

25 ފެބްރުއަރީ 2024
5

އެޕިސޯޑް 37

އުމާމާ ހިނގައިގަތީ ދާން ބޭނުންނުވެފައި ހުރި މީހަކު ފަދައިންނެވެ. އެކަމަކު އެނބުރި އައިސް މެދުކެނޑުނު ހިސާބުން ރައްޔާން ކުރިއަށް ގެންދާނެކަމާ މެދު ކުރެވޭ ފޮނި އުންމީދާ އެކު އެކަމަށް އެދިއެދި ހުރެގެންނެވެ. މިއަދުގެ ވަގުތުތައް އެހެން ހުރިހާ ދުވަހަކަށް ވުރެ ދިގުވާނެ އެވެ. ކުރަން ޖެހޭ އިންތިޒާރު ހިތިވާނެ އެވެ. އެކަމަކު އޭގެ މޭވާ ނުހަނު ފޮނިވާނެ އެވެ.

އުމާމާ ނިކުތުމާ އެކު ރައްޔާން އެނބުރުނީ ބާއްވަން ތައްޔާރުވެފައިވާ ބައްދަލުވުމަށެވެ. ލެޕްޓޮޕް ހިފައިގެން ނިކުމެ މޭޒު ކައިރީ ޖައްސައިލީ އަތްފޯރާ ހިސާބުގައި ފެން ފުޅިއެއް ވެސް ބަހައްޓައިގެންނެވެ. މަދު މިނިޓްކޮޅަކަށް ވެފައި ހުއްޓާ ބައްޕަ ގުޅި އެވެ. ރައްޔާން ފޯނަށް ބަލަން އިނދެލާފައި ނިންމީ ނަގާށެވެ. ބައްޕަ ވާހަކަދައްކަން ނުވެސް ފަށަނީސް، ދައްކަން އެ އުޅެނީ ކޮން ވާހަކައެއްކަން އޭނައަށް ލަފާކުރެވުނެވެ. ހައިދަރުގެ މައުލޫއުއަކީ ދުވަހެއްގެ ކޮޅުން ވެސް ނުދައްކާ ހުއްޓައިލެވޭނެ މައުލޫއުއެއް ކަމެއް ނޭނގެ އެވެ. އުމާމާ އޭނަގެ އަތްނބެއްގެ ގޮތުގައި ހުރިހާ ދުވަހަކު އެމީހުންނަށް ހައިދަރުގެ އުނދަގޫ ޖެހޭނެ އެވެ. އެކަމަކު އޭނައަށް އުމާމާއާ ވަކިވެވޭކަށް ނެތެވެ. ހާއްސަކޮށް އަދި މިހާރު އުމާމާގެ ހިތް އޭނައަށް ލިބިފައިވަނިކޮށެވެ.

ފޯނު ނިމުނު ގޮތަށް ބައްދަލުވުން ފަށަންދެން އޭނަ އިނީ އުމާމާގެ ހިޔާލުގަ އެވެ.

އުމާމާ ނިމިގެން ގެއަށް އައިއިރު ވެސް ރައްޔާން އިނީ ލެޕްޓޮޕް ހުޅުވައިގެން ބަދިގެ މޭޒުދޮށުގަ އެވެ. އެތެރެއަށް ވަންއިރު ސްކްރީންއާ ފުރަގަސްވާ ގޮތަށް ހުރުމުން ބައްދަލުވުން އަދިވެސް ކުރިއަށް ދާކަމެއް ނުވަތަ ނޫންކަމެއް ނޭނގުނެވެ. އެހެންވެ ދޮރުމައްޗަށް އަރާފައި އެއްފަހަރު ގޮވާލުމަށް ފަހު އޭނަ ވަގުތުން ހިމޭންވި އެވެ.

އުމާމާ އަތުގެ އިޝާރާތުން ކޮންމެވެސް ވާހަކަތަކެއް ދައްކާފައި ކޮޓަރިއާ ދިމާއަށް ދިޔަ އެވެ. ދެން އައިސް ވަނީ ފެންވަރައިގެންނެވެ.

ރައްޔާންއަށް އުމާމާގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގައިލެވުނެވެ. އުމާމާ އޭނަގެ ގަމީހަކާއި ކުރު ސޯޓެއް ލައިގެން އެ ނިކުތީ ގަސްތުގައި އޭނަ ތަޅުވަން ހެއްޔެވެ؟ އަދި މަތީ ދެ ގޮށް ހުރީ ނާޅުވައި ދޫކޮށްލައިފަ އެވެ. ކޮންމެވެސް ވަރަކަށް ހިއްކާފައި ހުއްޓަސް އެއް ފަރާތުން ގެނެސް ކުރިމައްޗަށް ވައްޓާލައިފައި އޮތް އިސްތަށިގަނޑުން ތެތްކަން ރީތިކޮށް ފައުޅުވާން ހުއްޓެވެ.

އުމާމާ ފްރިޖާ ދިމާއަށް އަންނަން ފެށުމުން ރައްޔާން ލެޕްޓޮޕް އަނބުރައިލީ އެހެން މީހުންނަށް އުމާމާ ނުފެންނާނެ ގޮތަށެވެ. އޭނަ އަޑުއަހަން އިނަސް ބަލަން އިނދެވުނީ އުމާމާގެ ހަރަކާތްތަކަށެވެ.

އުމާމާ ފްރިޖު ހުޅުވައިގެން ބަލަބަލާފައި ސްޓޯބެރީ ތަށްޓެއް ނަގައިގެން އައިސް ރައްޔާން ކުރިމަތީ ހުއްޓުނެވެ. ރައްޔާންގެ މޫނުން ނަޒަރު ވަކިކޮށްނުލާ ހުރެގެން އެތަނުން ސްޓޯބެރީއެއް ނަގާފައި ދަހި ގޮތަކަށް ކާލި އެވެ. ރައްޔާންއަށް އެތަން ފެނުމުން ހިންދިރުވައިލެވުނެވެ. އެ ލޮލުން އުމާމާއަށް ފެނުނީ އޭނަ ބޭނުންވި ކުލަވަރެވެ.

އަތުގެ އިޝާރާތުން ބޭނުންތޯ އެހުމުން ރައްޔާން މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރުވައިލި އެވެ. ކޮންމެވެސް މީހަކު ރައްޔާންގެ ޖަވާބަކަށް އެދިގެން ސުވާލެއް ކުރުމުން ސްކްރީނަށް ނަޒަރު ބަދަލުކޮށްލި އެވެ. އެކަމަކު އޭނަގެ ސަމާލުކަން އެގޮތުގައި ދެމެހެއްޓުނީ ހިނދުކޮޅަކަށެވެ. އަނެއްކާވެސް ބަލައިލެވުނީ އުމާމާ އަށެވެ. އުމާމާ ދެވަނަ ސްޓޯބެރީ ނަގައިގެން ތުންފަތުގެ ވަށައިގެން ކާއްތާލައިފައި އަނެއްކާވެސް މީރުކޮށް ކާލައިފި އެވެ. ދެން ރައްޔާންއަށް ބަލަން ހުރެލާފައި އެތަނުން ދާންވެގެން އެނބުރިއްޖެ އެވެ.

ރައްޔާންގެ ކެތްތެރިކަން ކޮޅުންލީ އުމާމާ ދޮރާ ހަމައިން ހުއްޓިފައި އެނބުރި ބަލައިލުމަށް ފަހު ދެވަނަ ފަހަރަށް ހިނގައިގަތް ހިސާބުންނެވެ.

ވަގުތުން ލެޕްޓޮޕް ލައްޕާލައިފައި ދިގު ފިޔަވަޅުތަކެއްގައި ފަހަތުން ގޮސް އުމާމާއާ އަރާހަމަކޮށްފައި ކުއްލިއަކަށް ދެ އަތުން އުނަގަނޑު ވަށާލައި އުފުއްލާލައިފި އެވެ. އުމާމާ ސިއްސައިގެން ގޮސް ހަޅޭއްލަވައިގަތުމާއި ހީގަތުމާ އައީ އެކުއެކީގަ އެވެ.

"ނައު ލެޓްސް ސީ ހޫ ކެން ޓީޒް ބެޓާ،" ރައްޔާން އުމާމާގެ ކަންފަތުގައި ދަތްއަޅާލި ވަގުތު އުމާމާއަށް ކުރިއަށްވުރެ ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

ހުޅުވާފައިވާ ކޮޓަރި ދޮރުން ވަދެފައި ރައްޔާން އެ ދޮރު ލައްޕައިލީ އެ ދިމާއަށް ނުވެސް އެނބުރި ފައިންނެވެ.  

***

ސައިފް އާއި ޒާރާގެ ވާހަކަ މެދުކެނޑުނީ ގެއަށް ވަން ޒުބައިރު ފެނިފަ އެވެ. ޒުބައިރު އެވަގުތު އެ ދެ މީހުންނަށް ބަލައިލި ގޮތް ސައިފްއަށް ފާހަގަވި އެވެ. އޭނަ އަވަހަށް ތެދުވެފައި ޒާރާ ކައިރީ ދަނީއޭ ބުނުމަށް ފަހު އަވަސްއަވަހަށް އެ ގެއިން ނިކުތެވެ. އޭނަ ނިކުތުމަށް ފަހު ޒާރާ ކައިރީ ޒުބައިރު ސުވާލުކޮށްފިއްޔާ ދޭނެ ޖަވާބަކާ މެދު ހިތަށް އަރާފައި ނުތަނަސްވި އެވެ. ކޮންމެ ގޮތެއްވިއަސް އުމާމާގެ ނަން އަންނާކަށް އޭނަ ބޭނުމެއް ނުވެ އެވެ. ސަބަބަކާނުލާ އުމާމާއަށް ދެރައެއް ލިބޭކަށް ނޭދެ އެވެ. އަދި ޒާރާ އެއީ އުމާމާގެ އެންމެ ގާތް އެކުވެރިޔާއަށް ވީހިނދު ޒާރާގެ ވިސްނުން ވެސް ހުންނަން ޖެހޭނީ އެ އުސޫލުން ކަމުގައި އޭނަ ގަބޫލުކުރެ އެވެ.

އެ ރެއަށް ފަހު ސައިފް އުޅުނީ ކުރިއަށްވުރެ ވެސް ބޮޑަށް ޒާރާއާ ދުރުންނެވެ. ވާހަކަނުދައްކާ ވާން އޮތް ނަމަ ވާހަކަ ވެސް ނުދައްކަ އެވެ. އެކަމަކު ޒާރާ އެއާ އިދިކޮޅެވެ. އޭނައާ ވާހަކަދައްކަން ބަހަނާ ހޯދާހެން އޭނަ ކުރިމައްޗަށް އަންނަން ވެސް އެހާ ބަހަނާ ހޯދަ އެވެ. އެއް ފަހަރަކު ނޫންކަމަށް ހެދިފައި އައިސް އޭނަ ގައިގައި ޖެހިގެންފި އެވެ. އެހެން ފަހަރަކު އޭނަގެ ގަޔަށް ޖޫސް ތަށްޓެއް ބަންޑުން ޖަހައިފި އެވެ. އެކުވެރިޔަކާ ވާހަކަދައްކާހެން ފަށަފަށައިގެން ވެސް އައިސް އޭނައާ ވާހަކަދައްކަން ވެސް މަސައްކަތް ކުރަނީ އެވެ.

"އައިމް ސޯ ސޮރީ،" ސައިފް ގޮސް ސިންކު ދޮށުގައި ޓީޝާޓް ދޮންނަން ހުއްޓާ ޒާރާ ގޮސް ކައިރިއަށް ހުއްޓިފައި ވާހަކަދެއްކި އެވެ.

"އިޓްސް އޯކޭ،" ސައިފް ރުޅިއައި ކަމަކަށް ނުހެދި އެވެ.

"ހަމަ އަސްލުވެސް އަހަރެން ގަސްތަކު ނޫން،" ޒާރާ ކުރިއަށްވުރެ ކައިރިވެލާފައި ސިންކުން ފެން ގޮށްޓެއް ނެގުމަށް ފަހު ސައިފްގެ މޭމަތި ދޮވެދޭން ފެށި އެވެ.

"ޒާރާ ސްޓޮޕް އިޓް. އަހަންނަށް ބޭނުމެއް ނުވެއޭ ޒާރާގެ އެހީއެއް،" ސައިފްގެ ކެތްތެރިކަން ކޮޅުންލީ އެ ހިސާބުންނެވެ.

އޭނަ ޒާރާގެ އަތް ފޮޅުވައިލި ވަގުތު އިއްތިފާގުން އެތަނަށް ވަދެވުނީ ޖުމާނާއަށެވެ. އޭނަ އައީ ސައިފް ޓީޝާޓް ހަޑިވެގެން ދޮންނަން ދިޔަ ވާހަކަ ކުއްޖަކު ބުނެގެން ހަބަރު ބަލައިލަން ވެގެންނެވެ. އެވަގުތު ސައިފް އެހާ ރުޅިއައިސްފައި ޒާރާއާ މުހާތަބުކުރިތަން ފެނުމުން އޭނަ ނިކަން ހައިރާންވެފައި ކައިރިއަށް އަ އެވެ.

"ކިހިނެއްވީ؟ ކީއްވެ މާ ރުޅި އައިސްގެން ތި އުޅެނީ؟" ޖުމާނާގެ އަޑަށް ޒާރާ އަވަހަށް ފަހަތަށް ޖެހުނެވެ.

"ބަލާބަ މި ފިލާނީ ކިހިނެއް؟" ސައިފް އިސްކުރު ބަންދުކޮށްލުމަށް ފަހު އަންހެނުންނާ ދިމާއަށް އެނބުރިފައި ޓީޝާޓް ދައްކައިލި އެވެ.

ހުދު ޓީޝާޓުގެ މޭމަތިން ރީނދޫކުލައަށް ބަދަލުވެފައިވާތަން ފެނުމުން އޭނައަށް ވެސް އަނގަމަތީ އަތް އެޅުނެވެ.

"ތި ބާލައިގެން އަތުން އުނގުޅާލީމަ ފިލާފާނެ. ދޭ ޓީޝާޓް ބަދަލުކޮށްލަން އަހަރެން ތި ފިލުވަފާނަން،" ޖުމާނާ އަނގަމަތިން އަތް ނަގާފައި ވާހަކަދެއްކި އެވެ.

ސައިފް ބޯޖަހާލުމަށް ފަހު އަވަހަށް އެތަނުން ދާންވެގެން ހިނގައިގަތެވެ. އެވަގުތު ޒާރާ ފަހަތުގައި ހުރެފައި ޖުމާ ކައިރިން މާފަށް އެދެން ފެށި އަޑު އިވުނެވެ.

"ޖުމާ އާދެބަލަ!" ސައިފް ހުއްޓިފައި އެދުނެވެ.

އޭނަ ގޮސް ކޮޓަރިއަށް ވަންތަނާ ފަހަތުން ޖުމާނާ ވެސް ވަދެއްޖެ އެވެ. ސައިފް ކޮޓަރި ތަޅުލުމަށް ފަހު ޓީޝާޓް ދަމައިގެންފައި ޖުމާނާ އަތަށް ދިނުމަށް ފަހު ގޮސް އެނދުގައި އިށީނދެލި އެވެ.

"އަސްލު ކިހިނެއްވީ؟ ޓީޝާޓް ހަޑިވެގެން ދެން މީހުން ތިހާ ރުޅިއާދޭތަ؟" ޖުމާނާ ސައިފްގެ ކައިރީ އިށީނދެފައި އަނެއް އަތުން ސައިފްގެ އަތުގައި ހިފާލައިފައި ކުޑަކޮށް ހިނިއައިސް އިނދެގެން އެހި އެވެ.

"އެއީ އޭނަ ގަސްތުގަ ކުރި ކަމެއް،" ސައިފްއަށް ބުނެވުނެވެ.

"ގަސްތުގައޭ؟ އޭނަ ދެން ގަސްތުގަ އެކަހަލަ ކަމެއް ކުރާނެތަ؟" ޖުމާނާ ހައިރާންވި އެވެ.

ބުނަން ބޭނުންވި ވަރަށްވުރެ އިތުރަށް ބުނެވުނުކަން އިހްސާސްވުމުން ސައިފްއަށް ނޭފަތު ކުރީގައި ދެ އިނގިލިން ހިފާ ބާރުކޮށްލާފައި ތިރިކޮށްލެވުނެވެ.

"އަހަންނަށް އިނގޭ މާބޮޑަށް ސްޓްރެސްވެގެން ދޯ ތިއުޅެނީ؟ އެހެންނުވާނީ ނިދާށޭ ބުންޏަސް ގިނަ ފަހަރު ހޭލާ ތިހުންނަނީ. ޔޫ ރިއަލީ ނީޑް ސަމް ރެސްޓް،" ޖުމާނާ ސައިފްގެ ކޯތާފަތުގައި ހިފާލައިފައި ނިކަން ލޯބިން ވާހަކަދެއްކި އެވެ.

ޖުމާނާ މޫނު ކައިރިކޮށްލައިގެން އޭނައަށް ބަލަން އިން ގޮތާއި އެ ވާހަކަ ދެއްކި ރާގުން ސައިފްގެ ހިތް ފުރިގެން އަ އެވެ.

"ވަޓް އައި ނީޑް އިޒް ޔޫ،" ސައިފް ހިނިތުންވެލާފައި ޖުމާނާގެ ކޯތާފަތުގައި ބޮސްދިނެވެ. ދެން ނިތުގަ އެވެ. ލޮލާއި ދަތްދޮޅީގަ އެވެ. އެންމެފަހުން ތުންފަތުގަ އެވެ.

"ސައިފް،" ޖުމާނާ ވާހަކަދައްކަން އުޅުނެވެ. ދުރަށް ޖެހިލަން އުޅުނެވެ. އެއީ އެކަށީގެންވާ ގަޑިއެއް ނޫންކަން ބުނެދޭން މަސައްކަތް ކުރި އެވެ.

އެކަމަކު ސައިފް އެ ފުރުސަތެއް ނުދިނެވެ. ދުރުކޮށްލަން އެ މޭގައި ވިއްދައިލި އަތުން ޖުމާނާއަށް ވެސް ހައްތަހާ ބޮޑަށް ހިފެހެއްޓުނީ އެވެ. މޭމަތިން އެ އިނގިލިތައް ދަތުރުކޮށްލާފައި ގޮސް ކޮނޑުމަތިން ގޮސް އެންމެފަހުން ސައިފްގެ އިސްތަށިގަނޑު ތެރެއަށް ވައްދާލައި ވާންކޮށްލީ ކުރިއަށްވުރެ ވެސް ކައިރިކޮށްލަން ބޭނުންވެގެން އުޅޭ މީހަކު ފަދައިންނެވެ.

ކޮންމެވެސް މީހަކު ދޮރުގައި ޓަކިޖަހަން ފެށި އަޑަށް އެމީހުންގެ ރީތި ވަގުތުކޮޅަށް ނިމުމެއް އަ އެވެ.

"އަޅާނުލާ އެއިރުން ހިނގައިދާނެ!" ޖުމާނާ ދާންވެގެން ތެދުވަން އުޅެނިކޮށް ސައިފް ޖުމާނާގެ އަތުގައި ހިފެހެއްޓި އެވެ.

"ވެދާނެ އެކުދިން ގޮވަނީ ކަމަށް ވެސް،" ޖުމާނާ އަތްފޮޅުވާލަން އުޅުމުން ސައިފް ދޫކޮށްލި އެވެ.

އޭނަ ތެދުވެ ބުރުގާ އަޅާލުމަށް ފަހު މޫނުފޮތިކޮޅު އައްސާލީ ލޯގަނޑު ކުރިމައްޗަށް ހުއްޓިފަ އެވެ. ސައިފް އެ އޮތް ގޮތަށް އޮއްވާ ޖުމާނާ ގޮސް ކުޑަކޮށް ދޮރު ހުޅުވާލައިފައި ބޭރުން އެ ދެއްކި ވާހަކައެއް އަޑުއެހުމަށް ފަހު މި ދަނީއޭ ބުނެ އަނެއްކާވެސް އެތެރެއިން ދޮރު ލެއްޕި އެވެ.

"ދައްތަ ކޮންމެވެސް ކަމަކު ގޮވަނީ. ޒާރާ އައިސް އެ ބުނީ،" ޒާރާގެ ނަން ކިޔާލުމާ އެކު ވެސް ސައިފްގެ މޫޑު ހަރާބުވި އެވެ.

"ވެދާނެ އޭނަ އަހަރުމެން ގިނައިރުވާތީ ނެރެންވެގެން ހެދި ދޮގަކަށް ވެސް،" ސައިފް ތެދުވެ ބާލީސްތަކުގައި ލެނގިލި އެވެ.

ޖުމާނާ ގާތަށް ހިނި އަ އެވެ. އޭނަ މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރާލުމަށް ފަހު އެބަ އަންނަމޭ ކިޔާފައި އަނެއްކާ ނިކުންނަން ތައްޔާރުވި އެވެ.

"އަވަހަށް އަންނައްޗޭ!" ސައިފް ގޮވާލި އެވެ.

ނިދިޖެހިފައި ހޭލެވުނުއިރު ކޮޓަރި ތެރެއަށް ވެރިވެފައި ހުރީ ނިދާ ބޮކީގެ ފަނޑު އައްޔެވެ. ސައިފް އަނެއް ފަރާތަށް އެނބުރުނު ވަގުތު ކައިރީގައި އޮތް ޖުމާނާގެ ގައިގައި އަތް ޖެހުނެވެ.

"ކޮން އިރަކު އައީ؟ އަހަންނަށް ނުވެސް ގޮވަމެއްނު،" ސައިފް ޖުމާނާގެ ފަހަތުން ބައްދައިލި އެވެ.

ޖުމާނާގެ ފަރާތުން ޖަވާބެއް ނުލިބުމުން އޭނަ ހީކުރީ ނިދީ ކަމަށެވެ. އެވަގުތު އޭނައަށް ތަފާތު ކަމަކަށް ފާހަގަވީ ޖުމާނާގެ ހަށިގަނޑުން ދުވި ސެންޓްގެ ވަހެވެ. އެއީ ޖުމާނާ އާންމުކޮށް ޖަހާ ސެންޓުގެ ވަހެއް ނޫނެވެ.

"ކޮން ސެންޓެއް ޖަހައިގެން ތި އޮތީ؟" ސައިފް ޖުމާނާގެ ކޮނޑުގައި ހިފައި މަގަތަށް އަނބުރައިލި އެވެ.

ފަނޑު އަލީގެ ތެރެއިން ފެންނަން އޮތް ޒާރާ ދެކެފައި އޭނައަށް ހީވީ ގައިގައި ވިހަގަދަ އެއްޗެއް ކަށި ޖެހިހެންނެވެ. ފުންމައިގެން ތެދުވެފައި އަވަސް އަވަހަށް އެނދުން ފޭބުނެވެ.

"ޒާރާ! ޒާރާ ހައު ޑެއާ ޔޫ؟" ސައިފް އެއް ފަހަރު ބާރު ބާރަށް އެ ނަން ކިޔާލައިފައި ދެވަނަ ފަހަރަށް ވާހަކަދެއްކީ ބޭރަށް އަޑު ހިނގައިދާނެތީ ކުރިއަށްވުރެ މަޑުންނެވެ.

ޒާރާ އެވަގުތު ތެދުވެ އިށީނެވެ. އަނގައިން ވެސް ނުބުނެ އޭނަ ފާޑަކަށް ސައިފްއަށް ބަލަން އިނެވެ.

"ހަމަ މިހާރު ނިކުމޭ މިތަނުން،" ސައިފް އަތުގެ އިޝާރާތުން ދޮރު ދައްކައިލި އެވެ.

ޒާރާ ބޯޖަހާލައިފައި ތެދުވެގެން ގޮސް ދޮރު ކައިރީ ހުއްޓުނެވެ. ބޭރުން ކޮންމެވެސް މީހަކު ތަޅުގައި ހިފައިލީ އެ ގަޑީގަ އެވެ. އަދި އެތެރެއިން ތަޅުލާފައި ހުރުމުން ދޮރުގައި ޓަކިޖަހަން ފެށި އެވެ. ސައިފްގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލަ އެވެ. ޒާރާ އެ ދޮރު ހުޅުވަން ތަޅުގައި ހިފާލި ތަން ފެނުމުން ދުވެފައި އެ ދިމާއަށް ގޮސް ޒާރާގެ އަތުގައި ހިފުނެވެ.

(ނުނިމޭ)

ކޮމެންޓް (5)

ތާތި

25 ފެބްރުއަރީ 2024
މިހާރު ހިތަށް އަރާ ޒާރާ އެވަރަކުން އުމާމާ ރައްޔާނާ ގުޅެން ބާރުއެޅީ އުމާމާ އާއި ސައިފް އަލުން ގުޅޭނެ ފުރުސަތެއް ނުދޭންވެގެން ބާއޭ.. އެދެމީހުން ކުރިން ވެސް ވަކިވާން ޖެހުނީ ޒާރާއާ ހެދި ބާ؟
3 0

ޭޢުމާމާ

25 ފެބްރުއަރީ 2024
ޒާރާ. މަ ހިޔެއް ނުކުރަން ކަލޭ ތިހެން އުޅޭނެކަމަކަށް.
4 0

ފާތު

25 ފެބްރުއަރީ 2024
އުމާމާހާދަސެކްސީއޭމިބައިގަ ވަރަށްލޯބި ޒާރާކިހިނެއްތިއުޅެނީ ސައިފުއާދުރުގަހުރޭ ކޮންމެސްއެހެންފިރިހެނަކާއުޅެބަލަ
3 0

ޕަރސަން

25 ފެބްރުއަރީ 2024
ޒާރާ ދެން މީ ކިހިނެއްވެގެން އުޅޭ އަންހެނެއް؟
3 0

ޒާނާ

25 ފެބްރުއަރީ 2024
ކިހާދެރަކަމެއް އެ ޒާރާއަކާއި ހެދި. މޮޔަވެގެންތަ އެއުޅެނީ. ވަރަށް ރީތި މިބައިވެސް. އެކަމަކު ޒާރާ އަވަހަށް ބޭރުކުރޭ އެރަށުން...
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް