ވާހަކަ: ހިތް އެދި ގޮވާތީ

ވާހަކަ

ވާހަކަ: ހިތް އެދި ގޮވާތީ

20 ފެބްރުއަރީ 2024
2

އުމާމާ ދަބަސް ހިފައިގެން ގޮސް ކޮޓަރިން ނިކުތް އަޑަށް ސޯފާގައި ފޯނަށް ބަލަހައްޓައިގެން އިން ރައްޔާން ތެދުވެފައި އެދިމާއަށް އެނބުރުނެވެ.

ވަގުތުން އުމާމާ ގަނޑުވި އެވެ.

"ކިހިނެއްވީ؟ ހަނދާންނެތި އެއްޗެއް ނުލައި ނިކުމެވުނީތަ؟" އުމާމާ ހުއްޓުނުތަން ދެކެފައި ރައްޔާން ސުވާލުކުރި އެވެ.

އުމާމާ ހިޔާލަކުން ނިކުމެވުނު މީހަކު ފަދައިން ދެ ފަރާތަށް ބޯ ހޫރައިލީ ކަމެއް ނުވެއޭ ބުނާ އުސޫލުންނެވެ. އެކަމަކު ރައްޔާންއަށް ގަބޫލެއް ނުކުރެވުނެވެ. އުމާމާ އައިސް ކައިރިއަށް ހުއްޓުމާ އެކު ދަތްދޮޅީގައި ހިފާ އުފުލާލައިފައި ހަތަރުކަޅި ހަމަކޮށްލި އެވެ.

"ޑޫ ޔޫ ހޭވް ޓު ވެއާ ދިސް؟" އުމާމާ ރައްޔާން ލައިގެން ހުރި ކަޅު ސޫޓް ޖެކެޓްގައި ހިފާލައިފައި އެހި އެވެ.

އުމާމާގެ މި ސުވާލުން ރައްޔާން ވެސް ހައިރާންކޮށްލި އެވެ.

"ހަމަ އެހާ ހުތުރީތަ އަހަރެން މިހެން ޑްރެސްކުރީމަ؟" ރައްޔާން އުމާމާގެ އަތުގައި ހިފާލަމުން އެހި އެވެ.

"އިޓްސް ދަ އޮޕޮސިޓް އެކްޗުއަލީ. އަހަރެން ބޭނުމެއް ނޫން އަހަރެމެން މިދާ ތަނުން އެންމެން ރައްޔާންއަށް ބަލާކަށް،" އުމާމާ ނުބުނަން އުޅެފައި އެންމެފަހުން ހާމަކުރި އެވެ.

ރައްޔާން ގާތަށް ހިނިއަ އެވެ. އުމާމާ ލަދުގަތްވަރު ފޮރުވަންވެގެން ދެއްކީ ރުޅި އެވެ. ލޯ ހިމަކޮށްލާފައި ރައްޔާން ހިފަހައްޓައިގެން ހުރި އަތް ނޫން އަނެއް އަތް މުށްކަވާލައިފައި ރައްޔާންގެ މޭމަތީ މާބޮޑަށް ތަދުނުވާނެހެން ތަކުރާރުކޮށް ޖެހި އެވެ. ރައްޔާން ހެމުންހެމުން އުމާމާގެ އެ އަތުގައި ހިފެހެއްޓި އެވެ.

"ދެން ރައްޔާން ދޫކޮށްލަންވީ! އަހަރެން ދާންވެއްޖެ. ރައްޔާން ހުރޭ ހޭން،" އުމާމާ ރައްޔާންގެ ފަރާތުން ވީއްލިގަންނަން މަސައްކަތް ކުރި އެވެ.

"އަޑުއަހާބަލަ!" ރައްޔާން އުމާމާގެ ދެ އަތަށް ބާރުކޮށްލައިފައި ދުރަށް ދިޔަ ތަންކޮޅު ވެސް ކައިރިކޮށްލާފައި ގެނެސް ކުރިމަތީ ބެހެއްޓި އެވެ.

ރައްޔާން ހުނުން ހުއްޓާލުމުން އުމާމާ ވެސް އަޑުއަހަން ފެށި އެވެ.  

"މިހާރު އެނގިއްޖެއެއްނު އުމާމާ ބޭރަށް ނިކުންނައިރު އަހަރެންނަށް ކޮންމެ ފަހަރަކު ކުރެވޭ އިހްސާސް،" ރައްޔާން އުމާމާގެ ލޮލާއި ލޯ ގުޅުވާލައިގެން ހުރެ ސީރިއަސްވެފައި ވާހަކަދެއްކި އެވެ.

"އޯ،" އުމާމާއަށް ބުނެވުނެވެ.

ރައްޔާންގެ ނަޒަރު އެވަގުތު އޭނަގެ ތުންފަތަށް ދަތުރުކޮށްލިތަން އުމާމާއަށް ފެނުނެވެ. ޚުދު އުމާމާއަށް ވެސް ރައްޔާންގެ ތުންފަތަށް ނަޒަރެއް ދެވުނެވެ. އޭނަ ރައްޔާންގެ ލޮލަށް ބަލައިލި ވަގުތު ރައްޔާން ވެސް ބަލައިލި އެވެ. ދެ މީހުންނަށް ވެސް އެކަކު އަނެކަކުގެ ސިއްރު ނަޒަރު ފާހަގަވެއްޖެ އެވެ. އުމާމާއަށް ނޭވާ ހިފަހައްޓައިލެވުނެވެ. އެ ހިތުގެ ތެޅުން އަވަސްވި އެވެ.

ރައްޔާން އިރުކޮޅަކު ބަލަން ހުރެލާފައި އޭނަގެ ދެ އަތުން ދޫކޮށްލުމަށްފަހު ދާން ހިނގާށޭ ކިޔާފައި ދޮރާ ދިމާއަށް ހިނގައިގަތެވެ. އުމާމާއަށް ކުރެވުނީ ބޮޑު ކާމިޔާބެއް ލިބެން އުޅެފައި ކުއްލިއަކަށް ބަލިވުމުން ކުރެވޭ ފަދަ އިހްސާސެކެވެ. ރައްޔާން ގޮސް ދޮރު ހުޅުވަންދެން އޭނަ ގުޑިނުލާ ބަލަން ހުއްޓެވެ. ހިނގައިގަތީ އޭގެ ފަހުންނެވެ.

ޓެކްސީ ދަތުރު ފެށިގެން ނިމެންދެން އުމާމާ ބެލީ ރައްޔާން އަށެވެ. ރައްޔާން ބަލައިލަފާނެހެން ހީވާއިރަށް ކޮންމެވެސް އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލަ އެވެ. ރައްޔާން ވަކި ހިސާބަކުން އުމާމާގެ އަތުގައި ހިފާލައިފައި ގެނެސް އޭނަގެ ފައިމަތީ ބޭއްވި އެވެ. ރައްޔާންގެ މި އަމަލުން އުމާމާގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ. ގުޅިފައިވާ އެ ދެ އަތަށް އޭނަ ބެލީ ދުވަހަކު އެހާ ރީތި މަންޒަރެއް ނުފެންނަ މީހަކު ފަދައިންނެވެ.

އެކުވެރިންގެ ގޭގައި އެމީހުން ހޭދަކުރީ އުފާވެރި ވަގުތުކޮޅެކެވެ. އެންމެން އެހާ އެކުވެރި އެވެ. އަލަށް ބައްދަލުވެގެން އުޅޭ ހެނެއް ހިއެއްނުވެ އެވެ. އަމިއްލަ އާއިލާގެ ބަޔަކު ބައިވެރިކުރާހެން ކޮންމެ ކަމެއްގައި ބައިވެރިކުރި އެވެ. އެއް މޭޒު ދޮށުގައި ތިބެ މަޖާކޮށް ހީ ސަމާސަކޮށް ކައި ހެދުމުގެ ފުރުސަތު ލިބުނެވެ.

އަދި އެވަރަކުން ނިމުނީއެއް ނޫނެވެ. އޭގެ ފަހުން އެންމެން ނިކުމެ ޓެރެސްގައި ތަފާތު ގޭމްތައް ކުޅުން އޮތެވެ. އެންމެ މުސްކުޅި މީހާއިން ފެށިގެން އެންމެ ކުޑަކުއްޖާއާ ހަމައަށް އެ ގޭމްތަކުގައި ބައިވެރިކުރި އެވެ. ގެއަށްދާ ވަގުތު ކައިރިވުމުން އެމީހުން އެދުނީ އެ ރޭ އެ ގޭގައި މަޑުކުރުމަށެވެ. އުމާމާ ވަގުތުން މަނާވެގަތެވެ. އެކަމަކު އޭނައަށް އެކަމުން ބޯދަމައިގަނެވުނީ ނިކަން ކިޔައިގެންނެވެ.

ރައްޔާން ކައިރީ ތިރީގައި އިންތިޒާރުކުރަން ބުނެފައި އުމާމާ މައްޗަށް އައީ އެކުވެރިޔާއާ އެކު ފާހާނާއަށް ވަދެލުމަށެވެ.

"އުމާމާ!" އުމާމާ ފާހާނާއިން ނިކުތް ވަގުތު ރީނާ ބެލްކަނީގައި ހުރެފައި ގޮވި އެވެ.

"ކިހިނެއްވީ؟" އުމާމާ ގޮސް ރީނާ ކައިރިއަށް ހުއްޓުނެވެ.

"އަހަންނަށް އަދި ފުރުސަތެއް ނުލިބިގެން އަހާނުލެވިފަ މި ހުންނަނީ. އުމާމާ ހަޒްބެންޑްގެ ނުހުރޭތަ ބްރަދާއެއް؟" ރީނާ ސުވާލުކޮށްލާފައި ރަކި ފާޑަކަށް ހީގެންފައި އަނގަމަތީ އަތް އެޅި އެވެ.

"އެކެއް ނޫން. ދޭއް،" އުމާމާ އަތުގެ އިނގިލިތަކުން ދޭއް ދައްކާލަމުން ހިނިއައިސްފައި ޖަވާބުދިނެވެ.

"ހުވާތަ؟" ރީނާ އަނގަމަތިން އަތް ނެގި ގޮތަށް އަނެއްކާ ލޯބޮޑުކޮށްލާފައި އަތް އެޅި އެވެ.

"އޭ އަހަރެން ދާންވެއްޖެ. ރައްޔާން މިހާރު ލަސްވެފަ ކަންނޭނގެ ހުންނާނީ،" އުމާމާ އަވަހަށް ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

ސިޑިން ފޭބިއިރު އުމާމާ އާއި ރީނާ ހޭ އަޑަށް ތިރީގައި ތިބި އެންމެން ބަލައިލި އެވެ. އުމާމާ އަވަހަށް ސީރިއަސްވެލި އެވެ. ރައްޔާން ތެދުވުމާ އެކު އޭނަ ގޮސް ކައިރިވެފައި ރައްޔާންގެ އަތުގައި ހިފާލި އެވެ. އެންމެނަށް ވަދާއުކިޔައި ޝުކުރު އަދާކުރުމަށް ފަހު ދެން އޮތީ ވަކިވުމުގެ ވަގުތެވެ.

ކާރުގައި އިނދެފައި އުމާމާ ރައްޔާންގެ ކޮނޑުގައި ބޯ އެޅި އެވެ.

"ވަރުބަލިވީތަ؟" ރައްޔާން އަހައިލި އެވެ.

"އުނހު،" އުމާމާ ވަގުތުން ދެކޮޅުހެދި އެވެ.

ރައްޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ.

ކޮޓަރިއަށް ވަދެފައި ރައްޔާން ފާހާނާއަށް ވަނުމުން އުމާމާ ހެދުން ބަދަލުކޮށްލީ ކޮޓަރީގަ އެވެ. އިސްތަށިގަނޑު ނިއުޅާލުމަށް ފަހު އޭނަ ނިދަން އޮންނަ ފަރާތުން އަރައި އިށީނެވެ. ލައިގެން ހުރި ކުރު ސޯޓުގައި ދެފައި ހާމަވާނެތީ އުނަގަނޑުން ތިރި ރަޖައިން ފޮރުވައިލި އެވެ. ފޯނު ނަގައިގެން ނޯޓިފިކޭޝަންތައް ބަލަން އިންދާ ރައްޔާން ނިކުތް އަޑު އިވުނެވެ. އުމާމާ އެދިމާއަށް ބަލާވެސް ނުލައި ފޯނަށް ސަމާލުކަން ދީގެން ކަމަށް ހެދިގެން އިނެވެ.

"އެތަނުން ސޮރަކު އެހި އުމާމާގެ ސިސްއެއް ހުރޭތޯ،" ރައްޔާން އައިސް އެނދުގެ އަނެއް ފަރާތުން އަރައި އިށީނދެލި އެވެ.

"ނޯ ވޭ. އަހަރެން ކައިރީ އެހި ރައްޔާންގެ ކޮއްކޮއެއް ނޫނީ ބޭބެއެއް ހުރޭހޭ،" އުމާމާ ފޯނުން ނަޒަރު ވަކިކޮށްލާފައި އެ މޫނަށް ބަލައިލި އެވެ.

ދެ މީހުންގެ ހިނިގަނޑު ފަޅައިގެން ދިޔައީ އެކުއެކީގަ އެވެ. އުމާމާ ހެމުންހެމުން ރައްޔާންގެ ކޮނޑުގައި ޖަހާލިތަނާ ރައްޔާން އެ އަތުގައި ހިފެހެއްޓި އެވެ.

"މާގިނައިން އަތް އިސްކުރަންޏާ އަތް އައްސަންޖެހިދާނެ އިނގޭ،" ރައްޔާންގެ ޖުމްލަ ނިމުމާ އެކު އުމާމާގެ ނޭވާ ކަރުތެރޭގައި ތާށިވި އެވެ.

ހުހަށް އޮތް އަތުން އަނގަމަތީ އަޅައި ނިވާކޮށްލެވުނެވެ.

ރައްޔާން އަތުން ދޫކޮށްލި އިރަށް އުމާމާ އެ އަތް ގެނެސް އުނގަށްލި އެވެ. އެކަމަކު ހަމަ އިރުކޮޅެއްނުވެ ރައްޔާން ނުވިސްނާ އިންދާ އަނެއްކާ ޖަހައިފި އެވެ. އަދި ހަމަ ޖަހައި ނިމުމާ އެކު ފުންމައިގެންފައި ފަހަތަށް ގޮސް އެނދުން ފޭބި އެވެ. ރަޖާ ދޫކޮށްލާފައި އޭނަ ދުވެފައި ގޮސް ދޮރު ހުޅުވާލައިފައި ނިކުތެވެ. ހުއްޓިނުލާ ގޮސް ބަދިގެއަށް ވަދެފައި ފްރިޖު ހުޅުވާލުމަށް ފަހު ފެން ފުޅިއެއް ނަގައި ދެތިން ކޯވަރު އަނގައަށް އަޅައިގެން ބޯލި އެވެ.

"ރައްޔާން!" އެ ދޮރުފަތް ލައްޕާލި ވަގުތު ކައިރީގައި އައިސް ޖައްސާފައި ހުރި ރައްޔާން ފެނިފައި އުމާމާ ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ފެން ފުޅި ވެސް ދޫވެގެން ވެއްޓުނީ ތިރިއަށެވެ.

"އައުޗް،" ފިނިފިނި ފެން ފައި ދަށަށް ފެތުރިގަތް ވަގުތު އުމާމާއަށް ބުނެވުނެވެ.

އުމާމާ އިތުރަށް ދުވާނެ ފުރުސަތު ނުދީ ރައްޔާން ހުޝިޔާރުކަމާ އެކު އޭނަގެ އަތުގައި ހިފާލައިފައި ހިފެހެއްޓި އެވެ. އުމާމާއަށް ހައްތަހާ އުނދަގޫވާނެހެން ދެ އަތް ގެންގޮސް ފުރަގަހަށް ލައިފައި ރައްޔާންގެ އެއް އަތުން އެ ދެ އަތް އެކީ ހިފަހައްޓާލި އެވެ. ހުހަށް އޮތް އަތް ހިއްލާލައިފައި އުމާމާގެ ކޯތާފަތްމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅެއް ކަންފަތް ފުރަގަހަށް ލައްވާލަދިނެވެ. ފައިދަށުގައި އޮތް ފެންގަނޑު ކިތަންމެ ފިނި ނަމަވެސް މާހައުލު އާދަޔާހިލާފަށް ހޫނުވެގެން އައިކަމުގެ އިހްސާސް ދެ މީހުންނަށް ވެސް ކުރެވުނެވެ.

އިތުރަށް ފޮރުވުމުގެ މާނައެއް ނެތެވެ. ދެ މީހުން ވެސް ތިބީ އެކަކު އަނެކަކަށް ބޭނުންވެފަ އެވެ. އެކަމަކު ހަމައެކަނި ލޮލާއި ހަށިގަނޑުގެ ބަހުރުވައަކުން ރައްޔާންއަކަށް ނުފުދުނެވެ.

"ކެން އައި؟" ރައްޔާން އެދުނީ ހުއްދައަށެވެ. އުމާމާގެ ރުހުމާ ނުލާ އޭނައަށް ކުރިއަކަށް ނުދެވޭނެ އެވެ. އުމާމާ ނޫނެކޭ ބުނެފި ނަމަ އެ ވަގުތު ވެސް އޭނަ ހުރީ ފަހަތަށް ޖެހެން ނިންމައިގެންނެވެ.

"ޕްލީޒް...!" އުމާމާގެ އަޑު ނިކުތީ ކުރެހިގެންނެވެ.

އިތުރަށް ރައްޔާން ކައިރީ ބުނާކަށް ނުޖެހުނެވެ. އޭނަގެ ކަނދުރާމަތީ ރައްޔާން ހިފަހައްޓާލި ހިސާބުން އުމާމާގެ ދެ ލޯ މެރުނެވެ. މުޅިން އެހެން ދުނިޔެއަކަށް ގެއްލުނެވެ. އޭނައަށް ހޭވެރިކަންވީ ރައްޔާން އިރުކޮޅަކުން ދުރަށް ޖެހިލީމަ އެވެ. ލޯ ހުޅުވާލިއިރު އުމާމާގެ ލޮލުން ހައިރާންކަން ފެންނަން ހުއްޓެވެ.

"ހިނގާ އެތެރެއަށް!" އުމާމާ ވާހަކަދައްކަން އުޅުނު ވަގުތު ރައްޔާން ބުނެލި އެވެ.

އޭނަގެ އެއް އަތް މިނިވަން ކުރުމަށް ފަހު އަނެއް އަތުގައި ހިފާލައިގެން ރައްޔާން މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ. އެކީގައި އުމާމާ ދިޔަ އެވެ. ރައްޔާންގެ ކޮންމެ ފިޔަވަޅަކަށް ފަހު ކައިރީގައި ހުރެ ފިޔަވަޅެއް އަޅަމުންނެވެ. ރައްޔާން ގެންދިޔަ ކޮންމެ ތާކަށް އެކީގައި ދާން ރުހިގެންނެވެ.

***

ހިތާނީއާ ދިމާކޮށް ޖުމާނާގެ އާއިލާ އައި ދުވަހު ސައިފް އުޅުނީ އަވަދިނެތި މަސައްކަތުގަ އެވެ. ހަފްތާއަކަށް ޗުއްޓީއަށް ދާތީ ނިންމަން ހުރި ކަންކަން ހުއްޓެވެ. އޭނައަށް އެމީހުން ބަލައެއް ވެސް ނުދެވެ އެވެ. ފަހުން ގެއަށް އައިތަނާ ޖުމާނާ އެމީހުންނާ ހަވާލުވި ކަންތައް ކުރި ގޮތުގެ ވާހަކަ ކިޔައިދިނެވެ. ކުރިއެކޭ އެއްގޮތަށް ޖެހިގެން ހުންނަ ގެއިން އެތަނުން އެއް ބަޔަކަށް ތިބެވޭނެހެން ތަން ހެދި އެވެ. އަދި ގެއިން އެއް ކޮޓަރި އަމީރާދައްތަ އާއި ސުލްތާންބެއަށް ދިނެވެ. ކުދިވެރިންގެ ހިތާނީ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި އޮތީ ގޭގެ ފެންޑާގަ އެވެ.

ފެންޑާ ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅުނުއިރު ބިލާލްގެ ބައްޕަގެ އާއިލާގެ މީހުންގެ އެހީތެރިކަން ވެސް ލިބުނެވެ. އެކީގައި އުޅުނުއިރު އުނދަގޫވެފައި ތިއްބެއް ކަމަކު ޖުމާނާ އެ ގެއިން ނިކުތުމަށް ފަހު މަޑުމަޑުން ހުރިހާކަމެއް އައީ ބަދަލުވަމުންނެވެ. އުނދަގޫ ނުވަންޏާ ރުޅިއެއް ވެސް ނާންނާނެ ނޫން ހެއްޔެވެ؟ ހާއްސަކޮށް ބިލާލްގެ މާމަ އާއި ކާފަ ގިނަގިނައިން އައިސް އެކި މަސައްކަތުގައި އެއްބާރުލުންދީ އެހީތެރިވެދީ ހެދި އެވެ.

ހޮސްޕިޓަލުގައި އެއް ދުވަސް ކޮށްފައި ގެއަށް ދޫކޮށްލުމާ އެކު ހަފްލާ ރަނގަޅަށް ފެށުނީ އެވެ. ކުރީ ރޭ ހޭލާ ހުރުމުން ޖުމާނާ އެދުނީ ސައިފް އިހަށް ނިދި ހަމަކުރަން ޖައްސާލުމަށެވެ. ގޭގައި އޭނައަށް އެހީވެދޭން ދައްތަމެންނާއި ބިލާލްގެ އާއިލާ ވެސް ތިއްބެވެ. އަދި ދައްތަމެންނާ އެކު އައިސް އުޅޭ ރައްޓެހިން ވެސް އެހާ ހެވެވެ.

ސައިފްއަށް ނިދުނީ ކިހާ އިރަކު ކަމެއް ނޭނގެ އެވެ. އޭނައަށް ހޭލެވުނުއިރު ކޮޓަރި ތެރެ އޮތީ އަނދިރިކޮށެވެ. އޭނަ ތެދުވެ އިށީން ވަގުތު ކޮންމެވެސް މީހަކު ފާހާނާގެ ދޮރު ހުޅުވާލައިފައި ނިކުތެވެ.

"ޖުމާ!" ސައިފް ގޮވާލި އެވެ.

އެކަމަކު ޖުމާނާ ޖަވާބެއް ނުދިނެވެ. ނިކުންނަން ވެގެން ދޮރާ ހަމައަށް ގޮސްފައި ހުއްޓުނީ ކީއްވެ ކަމެއް ނޭނގެ އެވެ. ފާހާނާގެ ދޮރު އެއްކޮށް ނުލައްޕާ ހުރުމުން ބޭރަށް ފޭދިފައި ހުރި އަލީގެ އެހީގައި އެމީހަކު ފާރުގައިވާ ސްވިޗް ބޯޑުން ސްވިޗް ޖައްސައިލި އެވެ. ކޮޓަރި ތެރެއަށް އަލިވެގެން ދިޔައިރު ސައިފް ފަދައިން ދޮރުމަތީ ހުރި މީހަކު ވެސް ހުރީ ބަލަހައްޓައިގެންނެވެ.

"ސައިފް،" ޒާރާގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވި އެވެ.

"ޒާރާ،" ސައިފްއަށް ވެސް އެ ނަން ކިޔާލެވުނެވެ. އެކަމަކު އޭނަގެ މޫނުމަތިން ފެނުނީ މާ ހަމަޖެހޭ ކުލަވަރެއް ނޫނެވެ.

(ނުނިމޭ)

ކޮމެންޓް (2)

މާޝާ

20 ފެބްރުއަރީ 2024
ޒޯޔާ ކިހިނެއް މި އުޅެނީ؟ ގަސްތުގަ ސައިފްއާ ޖުމާގެ މެދުގަ މިސްއަންޑަރސްޓޭންޑިންގްއެއް ކްރިއޭޓް ކުރަނީތަ؟ އެހެން ނުހަދައްޗޭ. އުމާމާ އާ ރައްޔާން ވަރަށް ލޯބި މިހާރު. ދެން އަންނަ ބައިގެ އިންތިޒާރުގަ މިހާރު މިހިރީ. ވާހަކަ ވަރަށް ރީތި
2 0

ޒާނާ

20 ފެބްރުއަރީ 2024
ވަރަށް ސަޅި. އެކަމަކު ކިހިނެތް ވާން މިއުޅެނީ. ސައިފް އާއި ޖުމާ ދުރުނުކުރައްޗޭ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް