ވާހަކަ: ހިތް އެދި ގޮވާތީ

ވާހަކަ

ވާހަކަ: ހިތް އެދި ގޮވާތީ

18 ފެބްރުއަރީ 2024
4

"މައި ލަވް..." އުމާމާ އަނަރޫފަވެފައި ހުރިވަރު ފެނުމުން ރައްޔާންގެ ކެތްތެރިކަން ކޮޅުންލި އެވެ. އެހެން އެއްވެސް ކަމަކަށް ނުވިސްނާ އުމާމާ ގެނެސް އެ ދެ އަތުގެ ތެރޭގައި ބޮނޑިކޮށްލައިފި އެވެ.

ވަގުތުން އުމާމާގެ ބަޑި ފަޅައިގެންދިޔަ އެވެ. ރައްޔާންގެ މޭގައި މޫނު ފޮރުވައިގެން ހުރެ ޅަކުއްޖެއް ފަދައިން އޭނަ ރުޔެވެ. ދެ މީހުން އެ ތިބި ގޮތަށް ތިއްބާ ފަހަރަކު މީހަކު ނިކުމެގެން ގޮސް ތަން ހުސްވި އެވެ. ފާތުން މަންމަ ދަމުން ރައްޔާންގެ ކޮނޑުގައި އަތް ބާއްވާލައިފައި ތިރިކޮށްލި އެވެ.

އުމާމާގެ ކަރުނަތައް ހުއްޓުނުއިރު ގޭތެރެ ވެސް އެއްކޮށް ހިމޭންވި އެވެ. ރައްޔާން އުމާމާގެ ބުރަކަށީގައި ފިރުމާލައިފައި ދުރުކޮށްލުމަށް ފަހު ގެންގޮސް ސޯފާގައި ބެއިންދި އެވެ.

"މަޑުކުރޭ! އެބަ އަންނަން،" ރައްޔާން މިސްރާބު ޖެހީ ބަދިގެއަށެވެ.

އުމާމާ އެ ދިމާއަށް ބަލަހައްޓައިގެން އިނެވެ. ރައްޔާން އެނބުރި އައީ އާވިއަރައަރާ ހުރި ކޮންމެވެސް ކަހަލަ ބުއިމެއް ހިފައިގެންނެވެ. އުމާމާ ދެ ކަކޫ ނަގައި މެޔާ ކައިރިކޮށްލައިގެން އިނދެފައި ރައްޔާން ކައިރިވުމާ އެކު ދެ ފައި ތިރިކޮށްލި އެވެ.

"ތޭންކްސް،" ރައްޔާން ޖޯޑު ދިނުމުން އުމާމާ އޭގައި ހިފި އެވެ.

ތުންޖަހަންވެގެން އޭނަ އެތެރެ ބަލާލިއިރު އެ ހުރީ ނިކަން މަޑުމަޑު ރީނދޫކުލަ ކަހަލަ ކުލައެއްގަ އެވެ.

"އިޓްސް ކެމޮމައިލް،" އުމާމާ ބަލައިލި ގޮތް ފެނިގެން ރައްޔާން ބުނެދިނެވެ.

އޭނަ އިށީނދެލީ އުމާމާއާ ކުޑަ ތަންކޮޅެއް ދުރުގައި ސޯފާގެ އަނެއް ކޮޅުގަ އެވެ. އެކަމަކު އަތްދިއްކޮށްލައިފި ނަމަ އަތްލެވޭ ހިސާބުގަ އެވެ.

"މީރު،" އުމާމާ ކޯވަރެއް ބޯލާފައި ބުނެލި އެވެ.

ރައްޔާން ބޯޖަހާލައިފައި ދުރު ބަލައިލި އެވެ. އޭނަ ޖީބުގައި އޮތް ފޯނު ނަގައި ކުރިމަތީ ހުރި މޭޒުމަތީ ބާއްވާލައިފައި ސޯފާގައި ރަނގަޅަށް ހަމަޖެހިލި އެވެ. އުމާމާގެ ނަޒަރު ރައްޔާންގެ މޫނު ދޫކޮށްފައެއް ނުދެ އެވެ.

"ކީއްވެ ތި ބަލަނީ؟" ރައްޔާން އިރުކޮޅަކުން ބަލާލައިފައި އަހާލައިފި އެވެ.

ވަގުތުން އުމާމާ ރަކިވެއްޖެ އެވެ. އޭނަ މޫނު ފޮރުވައިލީ ޖޯޑު ތަންކޮޅެއް މަތި ކޮށްލާފައި އޭގެ ނިވަލުގަ އެވެ.

"ނުބަލަންވީތަ؟" އުމާމާ ލޯ ފެންނަވަރަށް ޖޯޑު ތިރިކޮށްލައިފައި ރައްޔާންއަށް ނަޒަރެއް ދިނެވެ.

"އުނހު. ބަލާނެ ވަރަކަށް ބަލަންވީ. އުމާމާގެ ހައްގެއްނު،" ރައްޔާން  އުމާމާގެ މޫނަށް ވާގޮތް ބަލަން އިނެވެ.

"ފްލައިޓް ކިހިނެއް؟" އުމާމާ މައުލޫއު ބަދަލުކޮށްލަންވެގެން އަވަސްއަވަހަށް އެހި އެވެ.

"ކިހިނެއް ވާނީ؟ އަހަރެން ހަމައެކަނި ބޭނުންވެފަ ހުރީ އުމާމާ ހެޔޮ ހާލުގަ ހުއްޓާ އަމިއްލަ ލޮލުން ދެކެން،" ރައްޔާން ނުސީދާ ބަހުން ބުނެދިނީ ދަތުރު ދިގު ވާހަކަ އާއި މުޅި ދަތުރު އޭނަ ހޭދަކުރީ ހަމަޖެހުމެއްނެތި ކަމުގަ އެވެ.

"ރައްޔާން ތި އައީނު. އައިމް ފައިން ނައު،" އުމާމާ އިރުކޮޅަކުން ސައި ޖޯޑު ހުސްކޮށްލާފައި މޭޒުމަތީ ބެހެއްޓި އެވެ.

ރައްޔާން ތެދުވީ އެ ޖޯޑު ހިފައިގެންނެވެ.

"ދޭ ދެން ފްރެޝްވެލަން. އަހަންނަށް ބުނަން ނުކެރިފަ މި ހުންނަނީ ރައްޔާން މޭމަތި ތެމިފަ ތިހުރީ އަހަރެންގެ ލޮލާއި ނޭފަތުން އައި ފެނުން،" އުމާމާ ރައްޔާން ނިކުތް ވަގުތު ދުރުގައި އިނދެގެން ވާހަކަދެއްކި އެވެ.

"ހަހަ. އިޓްސް ޖަސްޓް ޓިއާސް އެން ސްނޮޓް. އިޓް ޑަޒަން ސްކެއާ މީ،" ރައްޔާން ހީގެންފައި ރައްދުދިނެވެ.

އެކަމަކު އޭނަ އުމާމާ ބުނިހެން ފެންވަރާލަން ގަސްތުކޮށް ދަބަސް ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ރައްޔާން އެތެރެއިން ދޮރުލެއްޕި އަޑާ އެކު އުމާމާ ކުޝަންތައް ބޯ ދަށަށް ލައިގެން ދިގު ދިގަށް ސޯފާގައި އޮށޯވެލި އެވެ. ރައްޔާންގެ ފޯނު ކައިރީ އޮތް މޭޒުމަތީ އޮވެގެން ދިއްލޭވަރުން އޭނަ ނެގިއިރު މެސެޖުތަކެއްގެ ނޯޓިފިކޭޝަންތަކެކެވެ. އުމާމާ ފޯނު ނަގައި ވިސްނައިލީ ރައްޔާން އޭގައި ޖަހާފައި ހުންނާނެ ކޯޑަކާ މެދުގަ އެވެ. އެ ހިސާބުން ވެސް އޭނައަށް ވިސްނުނީ ރައްޔާން އާއި އޭނަގެ ދެމެދުގައި އަދިވެސް ގިރާނުކުރެވޭ އެތައް ފާރެއް ވާކަމެވެ.

ފޯނު އަނބުރާ ބާއްވާފައި އުމާމާ އަމިއްލަ ހިޔާލުތަކަށް ގެއްލިފައި އޮތެވެ.

"އުމާމާ! ނާސްތާކުރަން ތެދުވަންވީއެއްނު؟" އުމާމާއަށް ލޯ ހުޅުވައިލެވުނީ ރައްޔާން އައިސް ގޮވަނިކޮށެވެ.

"އަހަންނަށް ނިދުނީތަ؟" އުމާމާ ލޯ ހުޅުވާލައިފައި ރައްޔާންއަށް ބަލައިލި އެވެ.

ރައްޔާން މިހާރު ފެންވަރައިގެން ނިކުމެ ހުރީ އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައަށްދާ ސްވެޓްޕޭންޓެއްގަ އެވެ. އެ އިސްތަށިގަނޑުން އަދިވެސް ތެތްކަން ފައުޅުވާން ހުއްޓެވެ. އެކަމަކު ރައްޔާން ނާސްތާކުރަން ހިނގާށޭ އެ ބުނީ ތައްޔާރުކޮށްފައި އައިސް ކަންނޭނގެ އެވެ.

"ނުކައި ހުންނާތީ އަދިވެސް ހަށިގަނޑު މާ ވަރުދެރަވީމަ އަބަދު ތި ނިދެނީ،" ރައްޔާން އުމާމާ ތެދުވަން އެހީވުމުގެ ގޮތުން އެ އަތުގައި ހިފި އެވެ.

ކުއްލިއަކަށް ކޮޅަށް ތެދުވުމުން އުމާމާގެ ބޮލަށް އެނބުރުންއަރާ ކަހަލަ ގޮތެއްވި އެވެ. އޭނައަށް ރައްޔާންގެ ޓީޝާޓްގައި ބާރަށް ހިފެހެއްޓުނެވެ. ރައްޔާން ވެސް އަވަސްއަވަހަށް އުމާމާގެ ކޮނޑާ ހިސާބުން އަނެއް އަތުން ވަށާލައި ހިފެހެއްޓި އެވެ. ރައްޔާން ބުމަ ކައިރިކޮށްލި ގޮތުން އުމާމާއާ ދޭތެރޭ ކަންބޮޑުވެފައިވާވަރު ހާމަކޮށްދިނެވެ.

އިރުކޮޅަކުން ދެ މީހުން އެކީ ގޮސް ބަދިގެއަށް ވަނެވެ.

އަމީރާ ރައްޔާންގެ ފޯނަށް ގުޅީ އެމީހުން ނާސްތާކުރަން ތިއްބަ އެވެ. ރައްޔާން އިރުކޮޅަކު ވާހަކަދައްކާލައިފައި އުމާމާ އަތަށް ފޯނު ދިނެވެ. އަމީރާ އާއި ޒޯޔާގެ އިތުރުން ސުލްތާން ވެސް ވަކިވަކިން އުމާމާއާ ވާހަކަދެއްކި އެވެ. ރަނގަޅަށް ކައިބޮއި އުޅުމަށާއި އަމިއްލަ ސިއްހަތަށް ފަރުވާ ބެހެއްޓުމަށް އެމީހުން ތަކުރާރުކޮށް ނަސޭހަތްދިނެވެ. އަދި އުމާމާ މުޅިން ހަމައަކަށް އެޅުނުއިރަކުން ނޫނީ ދެން ރައްޔާން އައިސްގެން ނުވާނެ ކަމަށް ރައްޔާން ކައިރީ ބުނިއިރު ސުލްތާން ބުނެގެން ފޯނު އޮތީ ސްޕީކަރަށް ވެސް ލައިފަ އެވެ. އުމާމާ އާއި ރައްޔާންއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.

"ބައްޕަ ސްޕީކަރަށް ލާން މި ބުނީ އުމާމާއަށާއި ދެ މީހުންނަށް ބުނާ އެއްޗެއް ވީމަ. އުމާމާ ނުވާނެ ރައްޔާން އަންނަން އުޅުނަސް ފޮނުވައިގެނެއް،" ސުލްތާންގެ ވާހަކަ އިވިފައި އަވަހަށް އާނއެކޭ ބުނެ އެއްބަސްވި އެވެ.

ރައްޔާން ފާޑަކަށް ހިނިއައިސްފައި އުމާމާގެ ކުލަވަރު ބަލަން އިނެވެ.

"ވަޓް؟ އަހަރެން އަމިއްލައަކަށް ބުނެގެނެއް ނޫނެއްނު. ރައްޔާންގެ ޕޭރެންޓުންނެއްނު އެ ބުނީ އެހެން،" އުމާމާ ފޯނުކަނޑާލައިފައި ރައްޔާން ބަލަން އިން ގޮތުން އަމިއްލަ ދިފާއުގައި ވާހަކަދެއްކި އެވެ.

"އަހަރެން އެއްޗެކޭ ބުނެފިތަ؟" ރައްޔާން ކެއުން ކުރިއަށް ގެންދިޔަ އެވެ.

"ނުބުންޏަސް އަހަންނަށް އިނގެއޭ ހިތަށް ތިއަރާ އެއްޗެއް،" އުމާމާ އަނެއްކާވެސް ބުންޏެވެ.

ރައްޔާން ހީގެންފައި ދުރު ބަލާލި އެވެ. އުމާމާ ކުރި ކަމަކީ މޭވާ ތަށީގައި އޮތް އުލުން ކޮށާފައި އޮތް ބޮޑު ކަރާކޮޅެއް ނަގައި ރައްޔާންއަށް ލެވީ އެވެ.

"ޔޫ ލުކް ބެޓާ ވެން ޔޫ އާ ސައިލެންޓް،" އުމާމާ ހިނިތުންވެލި އެވެ.

***

ކުލާސްތައް ގެއްލޭނެތީ ޖެހިގެން އައި ދުވަހު އުމާމާ ޔުނިވަސިޓީއަށް ދާން ފެށި އެވެ. އޭނަގެ ތަބީއަތު އައީ ރަނގަޅުވަމުންނެވެ. ޑްރައިވަރުގެ ބަދަލުގައި އޭނަ ގެންދިޔައީ ރައްޔާން އެވެ. އެ ރޭ ރަނގަޅަށް ނިދާލެވުމުން ރައްޔާން ވެސް ހުރީ ދަތުރު ވަރުބަލިކަން ފިލައި ހަމަޖެހިފަ އެވެ. އެކަމަކު އުމާމާއަށް ރައްޔާންއާ ދުރުގައި ހުންނާކަށް ފަސޭހައެއް ނުވި އެވެ. އޭނަގެ ހިތާއި ސިކުނޑިން ރައްޔާން ފިލާ އެންމެ ވަގުތެއް ވެސް ނަ އެވެ. އޭނަ އެތަނަށް ބާލައިފައި ގޮސް ރައްޔާން ކުރާނެ ކަމަކާ މެދު ވިސްނުނެވެ. ނިމިގެން އަވަހަށް ގެއަށް ދާ ވަގުތު ނައިސްގެން އެކަމަށް ކުރެވުނު އިންތިޒާރު އެހާ ދިގެވެ. ބްރޭކް ގަޑީގައި ކާން ކެންޓީނަށް ވަދެ އިނދެގެން ވެސް އޭނަ ގުޅީ ރައްޔާންއަށެވެ.

"އަހަރެން ބުނީމެއްނު އަހަންނަކީ ބަސްއަހާ ކުއްޖެކޭ. ބަލާބަ،" އުމާމާ އޭނަގެ ސީދާ މަގްސަދު ފޮރުވަން ވެގެން ރައްޔާންއަށް ދެއްކީ ކާން ގެނެސްފައި ހުރި އެއްޗިއްސެވެ. އޭނަ ރައްޔާންގެ ލަފައަށް އަމަލުކުރާކަން ދައްކަން ބޭނުންވީ އޭނަ އެ ގުޅީ ރައްޔާން މަތިން ހަނދާންވާ ވަރުންކަން ފޮރުވުމެވެ.

"ގުޑް ގާލް،" ރައްޔާން ހިނިތުންވެފައި އުމާމާއަށް ތައުރީފްކުރި އެވެ.

އޭނަ ވެސް އެވަގުތު އުޅުނީ އެކުވެރިއަކާ އެކު ބޭރަށް ނިކުމެ އެވެ. އެކަނިތޯ އެހުމުން އުމާމާއަށް އެކުވެރިޔާ ވެސް ދެއްކި އެވެ. އުމާމާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

***

އުމާމާ ހީކުރި ގޮތާ ހިލާފަށް އޭނަ ބަލާ ދިޔައީ ރައްޔާންގެ ބަދަލުގައި ޑްރައިވަރެވެ. ކާރުގައި އިނދެގެން އުމާމާ އެތައް ސުވާލެއް ކުރި އެވެ. ރައްޔާން ނައީ ކީއްވެތޯ އާއި ގޭގައި އުޅޭތޯ އެވެ. ކުރަނީ ކީއްތޯ އެވެ. ޑްރައިވަރު ހަމައެކަނި ބުނީ ރައްޔާން ކޮންމެވެސް ކަމެއް ކުރަންވެގެން ގުޅާފައި ބަލާ ދާން ބުނުމުން އައީ ކަމަށެވެ.

"ރައްޔާން!" ގެއަށް ވަދެވުމާ އެކު އުމާމާ ގޮވާލި އެވެ.

"ބަދިގޭގަ،" ރައްޔާންގެ އަޑު އަ އެވެ.

އުމާމާ ދަބަސް ސޯފާ މައްޗަށް އެއްލާލައިފައި ގޮސް ބަދިގެ ދޮރުމައްޗަށް އެރިއިރު ރައްޔާން އޭޕްރަން އަޅައިގެން އުނދުން ކައިރީ ކޮންމެވެސް އެއްޗެއް ކައްކަން ހުއްޓެވެ. އަދި ވައިގެތެރޭ އެ ކައްކާ އެއްޗެއްގެ މީރު ވަހެވެ. އުމާމާ ދިޔަ ގޮތަށް ގޮސް ރައްޔާންގެ ކައިރިއަށް ހުއްޓިފައި ފުރަގަހުން ބައްދައިލި އެވެ. އުމާމާގެ މި ކުއްލި ހަރަކާތުން ރައްޔާން ވެސް ސިހުނެވެ. މޫނު އަނބުރާލައިފައި އުމާމާއަށް ބަލައިލެވުނެވެ.

"އެވްރީތިން އޯކޭ؟" ރައްޔާން އުމާމާގެ މޫނުން ކަންބޮޑުވާ ކަހަލަ އެއްވެސް ކަމެއް ފެނޭތޯ ބެލި އެވެ.

އުމާމާއަށް ކުރެވުނު ކަންތަކާ މެދު ލަދުގަތީ އެ ހިސާބުންނެވެ. އޭނަ އަވަހަށް ދުރަށް ޖެހިފައި ރައްޔާން ކައްކާ އެއްޗަކަށް ސަމާލުކަންދޭ ކަމަށް ހެދުނެވެ. ރައްޔާން އަދިވެސް އެ މޫނަށް ބަލާލީ އުމާމާގެ ޖަވާބެއްގެ އިންތިޒާރުގަ އެވެ. އެކަމަކު އުމާމާ އެއްވެސް ޖަވާބެއް ނުދޭނެކަން ޔަގީންވުމުން އަނެއްކާވެސް ކެއްކުމަށް އެނބުރުނެވެ.

"އަންނާނަން ފްރެޝްވެގެން،" އުމާމާ އަވަހަށް އެތަނުން ދާންވެގެން ބަހަނާއެއް ހޯދައިލި އެވެ.

ކޮޓަރިއަށް ވަން ގޮތަށް އެނދުމައްޗަށް ވެއްޓިގެންފައި ބާލީހަށް މޫނު ހަރައިގެން އޮވެ ތަކުރާރުކޮށް ދެތިންފަހަރު ހަޅޭއްލަވައިގަތެވެ. ފާހާނާއަށް ވަދެ މޫނު ދޮވެލައިގެން ނިކުމެ ހެދުން ބަދަލުކޮށްގެން ބަދިގެއަށް އަލުން އައިއިރު ވެސް އެ މޫނުގައި ވި ރަތްކަމެއް ނުފިލަ އެވެ. ރައްޔާން މޭޒުމައްޗަށް ކާއެއްޗެހި ނަގާތަން ފެނުމުން އުމާމާ ކާނެ ތަށްޓާއި ޖޫސްއަޅާ ތަށިތައް ހަމަކުރި އެވެ. މޭޒުދޮށުގައި އިށީނދެފައި އޭނަ ނެގީ ފޯނެވެ. ރައްޔާންއަށް ނުބަލަންވެގެން އިނީ ފޯނަށް ސަމާލުކަން ދީގެންނެވެ.

"ކާގަޑީ ފޯނު ބާއްވާ އެއް ފަރާތުގަ،" ރައްޔާން އުމާމާގެ އަނެއް ފަރާތުގައި އިނދެފައި އެ އަތުން ފޯނު ޖަހައިގެންފައި ބަންޑުން މޭޒުމަތީ ބޭއްވި އެވެ.

"ޔެސް ސާ،" އުމާމާ ރައްޔާންއަށް ސެލިއުޓް ނަގާފައި ބުނެލި އެވެ.

ރައްޔާން ހިނިގަނޑެއް ޖަހައިލި އެވެ.

ކާން ފެށުމާ އެކު އަނެއްކާވެސް އެތަނަށް ހިމޭންކަން ވެރިވި އެވެ.

އެ ހިމޭންކަން ނަގައިލީ އުމާމާގެ ފޯނު ރިންގް ވާ އަޑަށެވެ.

އުމާމާ ފޯނު ނަގައި ނަޒަރެއް ދީފައި ރައްޔާންއަށް ބަލައިލި އެވެ. ރައްޔާން ބުމަ އަރުވައިލި އެވެ.

"ކީކޭ؟" އުމާމާ ފޯނު ނެގި އެވެ.

"ހަޒްބެންޑް އެބަ އުޅޭ. ހުއްދަ ހޯދާފަ އިނގޭނީ،" އުމާމާ އަޑުއަހަން އިނދެފައި ޖަވާބުދިނެވެ.

އުމާމާ "ހަޒްބެންޑް"އޭ ބުނެލި ގޮތް ރައްޔާންއަށް ކަމުދިޔަ އެވެ.

އެވަގުތު އެކޮޅުން ބުނި އެއްޗަކުން އުމާމާ ހީގެންފައި އަނެއް އަތް ލޯމަތީ އަޅައި ނިވާކޮށްލި އެވެ. އުމާމާ އަތް ނަގާފައި ބަލައިލީ ރައްޔާންއަށެވެ. ރައްޔާން ކާން އިނދެގެން އުމާމާގެ ކޮންމެ ކުލަވަރަކަށް ބަލަމުންދިޔަ އެވެ.

"ހޫމް ދެން ބާއްވާ،" އުމާމާ އަނެއްކާވެސް އަޑުއަހަން އިނދެލާފައި ބާއްވަމުން ބުނެލި އެވެ.

ފޯނު ކުރިން އޮތް ތަނުގައި ބޭއްވިއިރު ވެސް އޭނަގެ ތުންފަތުގައި ވި ރަކި ހިނިތުންވުމަކަށް ބަދަލެއް ނާދެ އެވެ.

"އަހަންނާ އެކު ކިޔަވަން އުޅޭ ދެ ކުއްޖަކު އެ ގުޅީ. އެމީހުން ގޭގަ އޮންނަ ހަފްލާއަކަށް ދައުވަތު ދޭންވެގެން،" އުމާމާ އިސްވެ ކިޔައިދިނެވެ.

"އުމާމާ ބޭނުންތަ ދާން؟" ރައްޔާން އެހި އެވެ.

"ރައްޔާން އަހަރެންގެ ޕްލަސް ވަންއެއް ގޮތުގަ އެކީގަ ދަންޏާ،" އުމާމާ ބޭނުންވާ ގޮތް ހާމަކުރި އެވެ.

"ޑަން،" ރައްޔާން ލުއި ހިނިތުންވުމަކާ އެކު އެއްބަސްވި އެވެ.

"އިޓްސް އެ ޑޭޓް،" އުމާމާގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެއްޖެ އެވެ.

***

ތުއްތުކުއްޖަކަށް ނަންކިއުމުގެ އުފަލުގައި ބާއްވާ ދައުވަތަކަށް ވީތީވެ ދިއުމުގެ ކުރިން ދެ މީހުންވެގެން ރަނގަޅު ހަދިޔާއެއް ގަނެ ޕާރުސަލްކުރި އެވެ. އުމާމާ ތައްޔާރުވާން ފުރުސަތު ދީފައި ރައްޔާން ފެންވަރަންވެގެން ދިޔައީ ގެސްޓްރޫމުގައި ހުންނަ ފާހާނާ އަށެވެ. އުމާމާ ފާހާނާގައި އުޅެނިކޮށް ރައްޔާން ކޮޓަރިއަށް ވަދެ އުޅޭ އަޑު އިވުނެވެ. އެކަމަކު އޭނަ ނިކުތްއިރު ތައްޔާރުވެގެން ބޭރަށް ނިކުމެއްޖެ އެވެ.

ވަގުތު އޮތުމުން އުމާމާ އޭގެ ބޭނުން ހިފި އެވެ. އެ ރެއަށްޓަކައި އޭނަ ތައްޔާރުކުރި ކަޅުކުލައިގެ އަބާޔާ އާއި ޝޯލްއާ އެކު ލުއި މޭކަޕްއެއް ކޮށްލައި ލޮލުގައި ވެސް އަނދުން އެޅި އެވެ. ދަބަސް ހިފައިގެން ގޮސް ކޮޓަރިން ނިކުތް އަޑަށް ސޯފާގައި ފޯނަށް ބަލަހައްޓައިގެން އިން ރައްޔާން ތެދުވެފައި އެ ދިމާއަށް އެނބުރުނެވެ.

ވަގުތުން އުމާމާ ގަނޑުވި އެވެ.

(ނުނިމޭ)

ކޮމެންޓް (4)

ތާތި

18 ފެބްރުއަރީ 2024
އުމާމާ ނިޤާބް ނެގީތަ؟
1 1

މަށޭމީ

19 ފެބްރުއަރީ 2024
@ތާތި ޖުމާ ނިގާބުގަ ހުންނަނީ. ނޮޓް އުމާމާ
1 0

މަންޖެ

18 ފެބްރުއަރީ 2024
ބައްޕަ އައީތަ؟ އޯ..ނޯ... ނޫންންން
2 0

ޒާނާ

18 ފެބްރުއަރީ 2024
ވަރަށް ރީތި. ދެކުދިންނަށްވެސް ލޯބި ވެވިއްޖެތާ ދޯ. ދެންއޮތް ބަޔަށް އިންތިޒާރުގައި....
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް