ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 33
ރައްޔާން އެކަނި އޮވެގެން ހީހީފައި ހުއްޓުނީ ލޮލުން ކޮންމެވެސް ވަރަކަށް ފެން އައީމަ އެވެ. ހިމޭނުން އޮވެ ލޯ ފުހެލާފައި އަނެއްކާވެސް ފޯނު އަތަށް ނަގައި ނަޒަރެއް ދިނެވެ. އެވަގުތު ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ.
ރައްޔާން އެ ރޭ ނިދަން އޮވެފައި އާންމުކޮށް އުމާމާ ގުޅާ ގަޑިއަށް ލެޕްޓޮޕް ގެނެސް ބައިންދައިގެން އިންތިޒާރު ކުރި އެވެ. ހަވީރު އެ ދެކެވުނު ވާހަކައަށް ފަހު އުމާމާ ރުޅިއައިސްގެން ފޯނު ބޭއްވިއަސް އާންމުކޮށް ގުޅާ ގަޑީގައި ހަނދާންވެގެން ގުޅާނެކަން އޭނައަށް އެނގުނެވެ. ފަހަރެއްގައި މެންދުރު ހުސްކޮށް ލިބުމުން ނިދާލަން ވެސް އުމާމާ ގަސްތުކޮށްފާނެ އެވެ.
ރައްޔާން ހީކުރިހެން ހަމަ އެ ގަޑިއަށް އުމާމާ ގުޅި އެވެ.
"ތަނަކަށް ދާންތަ ތިއުޅެނީ؟" ރައްޔާންއަށް އަހައިލެވުނެވެ.
"ކީއްވެ ތިހެން ތިބުނީ؟" އުމާމާ ނޭނގޭ ކަމަށް ހެދުނެވެ.
އޭނަ ރައްޔާން ގުޅަންވާއިރަށް ރީތިވެލައިގެން އައިސް އިންކަން ހަނދާން ނެތޭނީ ކިހިނެއް ހެއްޔެވެ؟ އޭރު ރައްޔާންއަށް ގުޅާފައި ފޯނު ބޭއްވީއްސުރެ އޭނަގެ ހިތާއި ސިކުނޑީގައި ވީ އެއް ހިޔާލުތަކެކެވެ. ރައްޔާންގެ ހިތް ފަތަޚަކުރާނެ އުކުޅުތަކެވެ. ގޫގުލްކޮށްގެން ވެސް އޭނަ ބެލީ ފިރިހެނުންގެ ހިތާ ހަމައަށް ވާސިލްވާނެ "ޓިޕްސް" އެވެ. މީގެކުރިން އޭނަ ރައްޔާންއަށްޓަކައި އެއްވެސް ވަރަކަށް ތައްޔާރުނުވާކަން ފުރަތަމަ ފަހަރަށް އިހްސާސްވި އެވެ.
އުމާމާ އެއް ދުވަހަކު އެކުވެރިޔަކާ އެކު ގޮސް ފުރަތަމަ ނަޒަރުން ރީތިވެގެން ގަނެގެން ގެނައި ފިޔާތޮށިކުލައިގެ މިޑީއާ އެކު މަތިން ލީ ހުދު ޖެކެޓްކޮޅެކެވެ. އެ އިސްތަށިގަނޑު އެއް ފަރާތަކުން ގެނެސް ކޮނޑުމައްޗަށް ވައްޓާލައިފައި އޮތްއިރު ތުންފަތުގައި ވެސް ކުލަ ޖައްސާފައި ހުއްޓެވެ.
"ތަނަކަށް ދާން ތައްޔާރުވެގެން ހުރިހެން ހީވާތީ،" ރައްޔާން ޓީޝާޓް ބާލާފައި އެއް ފަރާތަކަށް އެއްލާލި އެވެ.
"ފެންވަރައިގެން ނިކުމެ ދެން ހަމަ ތައްޔާރުވެލީ،" އުމާމާ އެއްބަސްވި އެވެ.
ރައްޔާން އާފުރެން ފެށުމުން އަނގަމަތީ އަތް އެޅި އެވެ. އޭނަ ބާލީހުގައި ރަނގަޅަށް ބޯ އަޅައިގެން ހަމަޖެހިލި އެވެ. ރަޖާ އޮތީ އުނަގަނޑާ ހިސާބުގަ އެވެ.
"މިހާރު ނިދިއައީ ދޯ އަހަންނާ ވާހަކަދައްކަންވީމަ؟" އުމާމާ ތުން އަނބުރައިލި އެވެ.
ރައްޔާން ގާތަށް ހިނިއަ އެވެ. "އާފުރުނަސް ނިދާނީ އުމާމާ ބުނީމައޭ."
"އިރުކޮޅަކުން ގުގުރީގަ އޮއްވާ ފެންނާނީ،" އުމާމާ ލެޕްޓޮޕް އަތަށް ނަގައިގެން ގޮސް ފްރިޖް ކައިރިއަށް ހުއްޓުނެވެ. އެންމެ އިރުކޮޅަކަށް ވެސް ރައްޔާން ނުފެންނަ ހިސާބުގައި ހުންނަން ބޭނުންނުވާ ކަހަލަ އެވެ.
އޭނަ ފްރިޖުން ފެން ފުޅިއެއް ނަގައިގެން އައިސް އަނެއްކާ މޭޒު ކައިރީ އިށީނެވެ.
"މިހާރު އެހެންވީމަ އުމާމާއަށް ނިދަން ފަސޭހަވާނެ ދޯ އަހަރެންގެ ގުގުރީގެ އަޑު ނީވޭތީ؟" ރައްޔާން އެ ވާހަކައާ ގުޅުވައިގެން ބުނެލި އެވެ.
އުމާމާ ފެން ބޯން އުޅެފައި ކުއްލިއަކަށް ހުއްޓި ރައްޔާންއަށް ބަލައިލި އެވެ. އޭނަ ތަށި މޭޒުމަތީ ބަހައްޓާފައި އިސްޖަހައިލި އެވެ. މޮޅިވި ކަހަލަ އެވެ.
"އެކަނި ނިދުމަކީ މާ ފައްކާ ކަމެއް ނޫން،" އުމާމާ އިއްވައިލި އެވެ.
ރައްޔާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މިހާރަކަށް އައިސް އުމާމާގެ ވާހަކަތައް މި ހުންނަނީ ކުރިއާ މުޅިން ތަފާތުކޮށެވެ. އޭނަ އެންމެފަހުން އެކޮޅަށް ގޮސް އުޅުނުއިރު ވެސް ފަހުން ނިދީ ވެސް އޭނަ ކައިރީ އެކޮޓަރީގަ އެވެ.
"ދުވަސްކޮޅެއް ވީމަ ހޭނިދާނެ،" ރައްޔާން ޖަވާބުގައި ބުނެލި އެވެ.
އުމާމާ ވަކި އެއްޗެއް ނުބުނެ އިނދެފައި މައުލޫއު ބަދަލުކޮށްލީ އެހެން ދިމާއަކަށެވެ. ރައްޔާންގެ ވާހަކަ ހުރި ގޮތުން އޭނަ ވެސް އިތުރަށް އެ މަގުން ކުރިއަށްދާން ބޭނުން ނުވީ ކަހަލަ އެވެ. އެކަމަކު ބޭއްވުމުގެ ކުރިން އަދިވެސް އެއް ފަހަރު ރައްޔާންއަށް އޭނަ ކައިރިއަށް ދެވޭނެ ދުވަހަކާ ބެހޭގޮތުން ސުވާލުކުރި އެވެ. ރައްޔާންގެ ހިތް އެދުނީ އެ ވަގުތު ވެސް އުމާމާއާ އެންމެ ގާތުގައި ވުމަށެވެ. އެކަމަކު އޭނަ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރި އެވެ. ޖަވާބުދިނީ ކުރިން ވެސް އޭނަ އުމާމާއަށް ޖަވާބުދިން ގޮތަށެވެ.
ރައްޔާންއަށް ނިދުނުތަން ބަލަން އިނދެފައި އުމާމާ ލެޕްޓޮޕް ލައްޕައިލި އެވެ. މޭޒުމައްޗަށް ލެޕްޓޮޕް ދޫކޮށްލާފައި އޭނަ ދެން ގޮސް ވަނީ ކޮޓަރިއަށެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި އަމިއްލަ ސޫރައަށް ނަޒަރެއް ދީފައި ޓިޝޫއެއް ނަގައި ތަންކޮޅެއް ބާރުލައިފައި ތުންފަތުގައިވާ ލިޕްސްޓިކްތައް ފުހެލި އެވެ. އިސްތަށިގަނޑު ވެސް އަތަށް އޮޅާލައިފައި ބޮލު މެދަށް ހުޅިއެއް ޖަހައި ހައްޔަރުކޮށްލި އެވެ. އެނދަށް ވެއްޓިގަތުމުގެ ކުރިން ޖެކެޓްކޮޅާއި ހެދުން ބާލާފައި ޓީޝާޓަކާއި ސޯޓަކަށް ހަދައިލި އެވެ. މެންދުރުގެ އެ ގަޑީ ނިދާލަން ބޭނުންވިއަސް ނިދި ވަނީ ލޮލާ ރުޅިވެފަ އެވެ. ރައްޔާން ހަމަ އެއްވެސް ވަރަކަށް އަންނާކަށް ގަސްތެއްނުކުރެ އެވެ. ކޮންމެ ފަހަރަކު ތަކުރާރުކޮށް އޭނަ އެއް ސުވާލެއް ކުރާއިރު ވެސް ޖަވާބުދެނީ އެއް ގޮތަކަށެވެ. މަސައްކަތުގެ ބަހަނާއަކީ އޭނައާ ދުރުގައި ހުންނަން ދައްކާ ބަހަނާއެއް ކަންނޭނގެ އެވެ.
ކުރީކޮޅު ރައްޔާން އޭނައާ ހެދި އުޅުނުހެން ހީވިއަސް ފަހުން މާބޮޑަށް އަޅައިނުލާ ހުރިހާ ކަމެއް ދޫކޮށްލީ އޭނަގެ އަތްމައްޗަށެވެ. ފުރުމުގެ ކުރިން މައްސަލަ ޖެހުނު ގޮތަށް އޭނައާ އެއް އެނދުގައި ނިދުން ދޫކޮށްލި އެވެ. އޭނަ ކައިރިއަށް އައިސް ވެސް ރައްޔާން އުޅުނީ ވަކިންނެވެ. އެއީ އޭނަ އަމިއްލައަށް އިސްނަގައިގެން ގޮސް އެތާ ނިދަން ފަށަންދެނެވެ.
"ރައްޔާން ހަމަ އަސްލު ވެސް އަހަރެން ދޫކޮށްލަން އަމިއްލަ ނަފްސް ކޮންވިންސް ކުރީ ކަންނޭނގެ،" ހިތަށްއެރި އެއްޗަކުން އުމާމާއަށް ސިހިފައި ލޯ ހުޅުވައިލެވުނެވެ.
***
މާބޮޑަށް ކިޔެވުމުގެ ތެރޭގައި އުޅެން ފެށުމުން އުމާމާގެ ނުތަނަވަސް ހިޔާލުތަކާ ދުރުވުމުގެ ފުރުސަތު ލިބުނެވެ. އެހެން ނޫނަސް ރައްޔާން ވެސް ކޮންމެ ދުވަހަކު އެ ގުޅާ ގަޑީގައި ނޫނީ އޭނައަށް މެސެޖެއް ވެސް ކޮށްލަނީއެއް ނޫނެވެ. ނުނިދާ އެއް ރެއަކު ތަންކޮޅެއް ގިނައިރު ހޭލާ ހުރެފައި އަނެއް ދުވަހު ހެނދުނު ތެދުވެ އުޅުނުއިރު ވަރުބަލިކަން އިހްސާސްވާން ފެށި އެވެ. ޔުނިވަސިޓީ އިން އައިއިރު އޭނަ ހުރީ ހުންއައިސްފަ އެވެ. ބޭސްކަ އިގެން އުމާމާ އޮށޯތީ ނިދާށެވެ. އޭނައަށް ދެން ހޭލެވުނީ މެއިޑު އައިސް ގޮވަނިކޮށެވެ.
އުމާމާ އެނދުން ތެދުވި ވަގުތު ބޮލަށް އެނބުރުން އެރި އެވެ. އަވަހަށް އެނދުގައި އިށީނދެވުނެވެ. މެއިޑަށް ގޮވާލައިފައި ދޮރު ހުޅުވާށޭ ގޮވާލީ ވެސް ބަލިކަށި އަޑަކުންނެވެ. ނަސީބަކުން ކޮޓަރި ހުރީ ތަޅުނުލަ އެވެ. މެއިޑު އައިސް ކަންބޮޑުވެގެން ސުވާލުތައް ކުރި އެވެ. އޭނަ ހުރީ ނުވެސް ކަ އެވެ. ހަށިގަނޑުގައި ހަކަތައެއް ނެތެވެ. ކާނީ ކޯއްޗެއްތޯ އެހުމުން އުމާމާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ.
މެއިޑު ނިކުމެފައި ދެން އައީ އޭނައަށް ސޫޕްގަނޑެއް ހަދައިގެންނެވެ. އުމާމާ ހިތްވަރުން އެއިން ދެތިން ސަމުސާވަރު ބޯލި އެވެ. އަލުން ހުން ނަގާފައި ހުއްޓަސް ބޭހުގެ ގަޑި ހަމަނުވާތީ އޭނަ ބޭހެއް ނުކަ އެވެ. އަނެއްކާވެސް އޮށޯތީ ނިދާށެވެ. ދެން އުމާމާއަށް ހޭވެރިކަން ވީއިރު އޭނަގެ އަވަށްޓެރިންގެ ތެރެއިން ފާތުން އާއި އޭނަގެ މަންމަ އައިސް އުޅެ އެވެ.
އުމާމާ ތެދުވެ ބާލީސްތަކުގައި ލެނގިލި އެވެ. އެމީހުން ބުނީ މެއިޑު ގޮސް، އޭނަ ބަލިވެ އުޅޭތީ ކަންބޮޑުވެގެން އެ ވާހަކަ ބުނީ ކަމަށެވެ. މަސައްކަތްކޮށްފައި ގެއަށް ދާ ގޮތަށް ހަމަޖެހިފައި އޮތަސް އުމާމާ އެކަނިކޮށްފައި ދާން މެއިޑު ޖެހިލުންވީ އެވެ.
ފާތުންގެ މަންމަ އުމާމާގެ މަގަތުގައި އިނދެގެން ނިތުގައި އަތް ޖައްސާލައިފައި ނިކަން ލޯބިން ވާހަކަދެއްކި އެވެ. އެމީހުން އައީ އުމާމާއަށް ކާއެއްޗެހި ވެސް ހިފައިގެންނެވެ.
"ހިނގާ އަހަރުމެންނާ އެކު ހޮސްޕިޓަލަށް ދާން،" ފާތުންގެ މަންމަ އުމާމާއަށް ލަފާދިނެވެ.
އުމާމާ ދެ ފަރާތަށް ބޯ ހޫރައިލި އެވެ. އެތަނަށް ގޮސްގެން ވެސް އުނދަގޫވާނީ އެ މީހުންނަށެވެ. އޭނަ ބަލާނެ އިތުރު ބަޔަކު އެ ފަސްގަނޑުގައި ތިބީއެއް ނޫނެވެ.
ކާއެއްޗެއް ކެވޭތޯ އުޅެގެން އުމާމާއަށް ކެވުނީ އެތިކޮޅެކެވެ. ދެން ލެވުނީ ހޮޑެވެ. އުމާމާއަށް ރޮވުނީ އެ ހިސާބުންނެވެ. އެތާގައި އޭނައަށް އަޅައިލާނެ އެކަކު ވެސް ނެތްކަން އަނެއްކާވެސް ހަނދާންވެފަ އެވެ. އަދި ހޮޑުލެވިގެން ދައްތަ އެތަން ސާފުކުރަން ފެށުމުން ރޮއި ރޮއިފައި މާފަށް އެދެން ފެށި އެވެ. އޭނައާ ހެދި އެމީހުންނަށް އެ ޖެހުނީ ކިހާ ބޮޑު އުނދަގުލެއް ހެއްޔެވެ؟
"ހުއްޓާލަބަލަ އުމާމާ. ތީ އަދި ރޯވަރު ކަމެއް ނޫނެއްނު. މަންމައަކަށް އުނދަގުލެއް ނުވެއޭ،" ފާތުން އައިސް އުމާމާގެ ބުރަކަށީގައި ފިރުމަ ފިރުމާފައި ކައިރީގައި އިށީނދެ އިނދެގެން ނަސޭހަތްދިނެވެ.
ސާފުކޮށް ނިމިގެން އައިސް އަނެއް ފަރާތުގައި އިނދެގެން ފާތުންގެ މަންމަ ވެސް އުމާމާއަށް ވަރަށް ނަސޭހަތްދިނެވެ. އެ ރޭ އެމީހުން އޭނަ އެކަނިނުކުރަންވެގެން ގެއަކަށް ވެސް ނުދެ އެވެ. އުމާމާގެ ކަމަކީ ނިދުމެވެ. ވަރުބަލިކަމުން އެނދުން ތެދުވާނެ ހިތްވަރެއް އޭނަގެ ނުހުރެ އެވެ. ހުވަފެނުގައި ރައްޔާން އައިސް އޭނަގެ ކައިރީ އިނދެ ވާހަކަދައްކާތީ އިރުއިރުކޮޅާ ފެނެ އެވެ. އެކަމަކު ހޭލެވޭއިރު އެކަކު ވެސް ނުހުރެ އެވެ.
އެއް ފަހަރު ހޭލެވުނުއިރު އޭނަ އޮތީ ހޮސްޕިޓަލުގަ އެވެ. އަދި ކައިރީގައި ފާތުންގެ އާއިލާގެ ބައެއް މެމްބަރުން ތިއްބެވެ. އުމާމާ ލޯ ހުޅުވާލިތަން ފެނިގެން އެމީހުން އައިސް ވާހަކަދައްކަން ފެށި އެވެ. އުމާމާ ބަލަހައްޓައިގެން އޮތެވެ. އެއީ ކޮން ދުވަހެއްގެ ކޮން ވަގުތެއް ކަމެއް ވެސް އޭނައަކަށް ނޭނގުނެވެ. އެއީ ހުން އައިތާ ދެވަނަ ދުވަހުގެ ރޭގަނޑުކަން އެނގުނީ ފާތުން ބުނީމަ އެވެ.
"އުމާމާގެ ފޯނަށް ފަހަރަކު މީހަކު ގުޅާ. ރައްޔާންއާ އަހަރެން ވާހަކަދެއްކިން. އެކަމަކު އެހެން ފޯނުތަކަށް ޖަވާބު ދޭކަށް ނުކެރުނު،" ފާތުން އުމާމާގެ ކައިރީގައި ހުރެގެން ކިޔައިދިނެވެ.
"ޑޮކްޓަރު ބުނީ ކަންބޮޑުވާ ވަރު ކަމެއް ނޫނޭ. ވައިރަލް ހުމެކޭ. ތިން ދުވަސް ތެރޭ ރަނގަޅުވެދާނެއޭ. ޓެސްޓްތައް ވެސް ރަނގަޅަށް ހުރީ. މާދަން ދޫކޮށްލާނެ،" އެތަނުން އެހެން މީހަކު އުމާމާއަށް ކިޔައިދިނެވެ.
"ރައްޔާންއަށް ގުޅައިދެންތަ؟" ފާތުން އެވަގުތު އަހައިލި އެވެ.
އުމާމާ ބޯޖަހައިލި އެވެ. ފާތުން އުމާމާގެ ފޯނު ނަގާފައި އޭނަ އަތަށް ދިނީ ކޯޑު ޖަހަންވެގެންނެވެ. އުމާމާ ކޯޑު ޖަހާފައި ރައްޔާންއަށް ގުޅާލުމަށް ފަހު އޮތް ގޮތަށް އޮވެގެން ކަންފަތުގައި ޖެހި އެވެ. އޭނައަށް ފުރުސަތު ދޭންވެގެން އެތާ ތިބި މީހުން ވެސް ދުރަށް ޖެހިލި އެވެ.
"އުމާމާ އައި ޕްރޮމިސް އައި ވިލް ބީ ދެއާ އޭޒް ސޫން އޭޒް ޕޮސިބަލް. އިންޝާﷲ،" ފޯނު ނެގި ގޮތަށް ރައްޔާން ފުރަތަމަ ވެސް ވައުދުވި އެވެ. އެ އަޑުގައިވި އަސަރަކުން އުމާމާގެ ލޯ ފެންކަޅިވި އެވެ.
"ރައްޔާން..." ބަލިކަށި އަޑަކުން އުމާމާއަށް ގޮވާލެވުނެވެ.
"އައިމް ސޯ ސޮރީ،" ރައްޔާން ދެން ފެށީ މާފަށް އެދޭށެވެ. އުމާމާ އެހާ ބަލިވި ދުވަހު ކައިރީގައި ނުހުރެވުމުން އަމިއްލަ ނަފްސް ކުށްވެރިކޮށްފައި އެތައް ވާހަކައެއް ދެއްކި އެވެ.
"އަހަރެން ހަމައެކަނި ބޭނުމީ ރައްޔާން އަންނަން،" އުމާމާގެ ލޮލުން ކަރުނަ ފޭދުނެވެ.
***
"އުމާމާ ފަތިސް ނަމާދު ކޮށްލެވޭތޯ ބަލަންވީއެއްނު،" އުމާމާއަށް ހޭލެވުނީ ފާތުންގެ މަންމަ ގޮވަނިކޮށެވެ.
އެއީ އޭނަ ގެއަށް ދޫކޮށްލި ދުވަހުގެ އަނެއް ދުވަހެވެ. ހުންގަނޑު ރަނގަޅުވިއަސް ވަރުބަލިކަމެއް އޭރު ވެސް ނުދެ އެވެ. އޭނަ ފާހާނާއަށް ދިޔައީ ފާތުންގެ އަތުގައި ހިފައިގެންނެވެ. އައިސް ނަމާދުކުރީ އެނދުގައި އިށީނދެ އިނދެ އެވެ.
"އުމާމާ. ރައްޔާން އެބަ ގުޅާ،" އުމާމާ ނިމިގެން ޒިކުރުކުރަން ބާލީސްތަކުގައި ލެނގިލައިގެން އިންދާ ފާތުން އައިސް ވަދެފައި ބުންޏެވެ.
އުމާމާ ބަލައިލީ ސައިޑު ޓޭބަލްއާ ދިމާއަށެވެ. ފޯނު އޮތީ އޭނަ އިން ފަރާތް ނޫން އަނެއް ފަރާތުގަ އެވެ. އަޑު ކަނޑާލައިފައި އޮތުމުން ރިންގްވާ އަޑު ނީވުނީ އެވެ. ފާތުން ގޮސް ފޯނު ގެނެސް އުމާމާ އަތަށް ދީފައި ނިކުތެވެ.
ރައްޔާން އެހީ އޭނަގެ ހާލު ރަނގަޅުތޯ އެވެ. ޗާޖަށް ނުޖަހާ އޮތުމުން ފޯނު ނިވުނީ އެ ގަޑީގަ އެވެ. އުމާމާ ތެދުވެގެން ގޮސް ފޯނު ޗާޖަށް ޖެހި އެވެ. ހުޅުވެންދެން އޭނަ އިނީ ލަސްވެފަ އެވެ. ފޯނު ހަމަ ހުޅުވުނުތަނާ ރައްޔާން އަލުން ގުޅައިފި އެވެ.
"ކޮންތާކު ތިހުރީ؟" އުމާމާ ބޭނުންވީ އެންމެ ސުވާލެއްގެ ޖަވާބެވެ.
"ދޮރު ހުޅުވާލަބަލަ!" ރައްޔާން ޖަވާބުދިންއިރު ހިނިތުންވެލިހެން ހީވި އެވެ.
އުމާމާއަށް އެ ބުނި އެއްޗެއް ދޭހަނުވެގެން އުޅެނިކޮށް ބެލް ޖެހި އަޑު އިވުނެވެ. އޭނައަށް ކޮޓަރިން ނިކުމެވުނު ގޮތް ވެސް ނޭނގުނެވެ. ކުއްލިއަކަށް އެހާ ހިތްވަރެއް އައީ ކޮންތާކުން ކަމެއް ނޭނގެ އެވެ. ފާތުން ގޮސް ދޮރު ހުޅުވާލައިފައި އެއް ފަރާތަށް ޖެހިލި ވަގުތު އެ ދޮރުން ރައްޔާން ވަންތަން ފެނުނެވެ. އުމާމާއަށް ތަންކޮޅަކަށް ދެވުނު އިރަށް ރައްޔާން ދަބަސް ތިރީގައި ބަހައްޓާފައި ދިގު ފިޔަވަޅުތަކެއްގައި އައިސް އޭނަ ކުރިމައްޗަށް ހުއްޓިއްޖެ އެވެ.
"މައި ލަވް..." އުމާމާ އަނަރޫފަވެފައި ހުރިވަރު ފެނުމުން ރައްޔާންގެ ކެތްތެރިކަން ކޮޅުންލި އެވެ. އެހެން އެއްވެސް ކަމަކަށް ނުވިސްނާ އުމާމާ ގެނެސް އެ ދެ އަތުގެ ތެރޭގައި ބޮނޑިކޮށްލައިފި އެވެ.
ވަގުތުން އުމާމާގެ ބަޑި ފަޅައިގެންދިޔަ އެވެ. ރައްޔާންގެ މޭގައި މޫނު ފޮރުވައިގެން ހުރެ ޅަކުއްޖެއް ފަދައިން އޭނަ ރުޔެވެ.
(
ކޮމެންޓް (3)
ކިޔާ
ޒާނާ
ސްޓީލް