ވާހަކަ: ހިތް އެދި ގޮވާތީ
ޢެޕިސޯޑު 31
އަންގާރަ ދުވަހުގެ ބަޔާ ގުޅޭ
އުމާމާ މަޑުމަޑުން ބޯޖަހައިލި އެވެ. ހިތް ނޭދުނަސް އޭނަ ޖެހޭނީ އެކަން ބަލައިގަންނާށެވެ. އެގޮތް ހިޔާރުކުރީ އޭނަ އަމިއްލައަށެވެ. މިއަދު ދެން ރައްޔާންއަށް އާދޭސްކޮށްގެން އެހާ ދުރަށް ދެކޮޅަށް ދެމޭކަށް ނެތެވެ.
"އައި ވިލް ވެއިޓް ފޯ ޔޫ،" އުމާމާ ހިނިތުންވެލި އެވެ.
ފޯނު ބާއްވާފައި އެ ރޭ ނިދުމުގެ ކުރިން ރައްޔާން ހައިދަރާ ބައްދަލުކުރަން ދިޔަ އެވެ. އެ ސިކުނޑީގައި ތާޒާކޮށް، އުމާމާ ދެއްކި ވާހަކަތައް ގުގުމާފައި ހުއްޓެވެ. އެކަނި އެހާ ދުރުގައި ހުންނައިރު އުމާމާގެ ހިތަށް ދަތިކުރާ ފަދަ އެއްވެސް ކަމެއް ވާކަށް އޭނަ ބޭނުމެއް ނުވެ އެވެ. ހައިދަރު ޖެހޭނީ އުމާމާއަށް އިންޒާރު ދިނުން ހުއްޓައިލާށެވެ. އުމާމާއަކީ މިހާރު އޭނަގެ އަތްނބެކެވެ. އުމާމާގެ މައްޗަށް ހިނގާނީ އޭނަގެ ބާރެވެ. މާދަމާ ވެސް ވަކިވެގެން ދާން ބޭނުންވެއްޖެ ނަމަ އެއީ އިތުރު މައްސަލައެކެވެ.
***
"މާޒް! ފިލާވަޅު ހަދާ ނުނިމޭތަ؟" ދޮރު ހުޅުވާލި ވަގުތު މާޒް ލިޔާމޭޒު ކައިރީ އިންތަން ފެނިގެން ޖުމާނާ އެހި އެވެ.
އޭނަ އެ ދޮރު ހުޅުވީ ޓަކި ޖަހައިގެން މާޒް ޖަވާބެއް ނުދީ އިރުކޮޅެއް ވީމަ އެވެ. މާޒް އަވަހަށް ކަންފަތުގައި އިން ހެޑުސެޓު ނައްޓާލި އެވެ. ކުރިމަތީ ހުރި ލެޕްޓޮޕްއިން ކޮންމެވެސް އެއްޗެއް އަޑުއަހަނީ ކަހަލަ އެވެ.
"ކީކޭ ދައްތާ؟" މާޒް އެހި އެވެ.
"ދައްތަ މި ކިޔަނީ ފިލާވަޅު ހަދާ ނުނިމެނީހޭ؟ ހުރިހާ ކުދިން އެބަތިބި ކާން،" ޖުމާނާ ތަކުރާރުކޮށްލި އެވެ.
"މިދަނީ،" މާޒް ދާންވެގެން ތެދުވި އެވެ.
ބަދިގެއަށް ވަންއިރު އާކިފް އާއި ބިލާލް އުލާއި ސަމުސަލުން ހަނގުރާމައެއް ކުރަނީ އެވެ. އަލްޔާ އެ މަންޒަރު ބަލަން ހީލަހީލާ އިނެވެ. މާޒް ގޮސް އިށީނދެލީ އެންމެ ދުރުގައި ހުރި ގޮނޑީގަ އެވެ. ޖުމާނާ މާޒްއަށް ފެން އަޅައިދީފައި ތަށްޓެއް ނަގައި ކެވޭނެހެން ހެދި އެވެ. މާޒް ފާޑަކަށް ބަލައިލީ މޭޒުމަތީ ހުރި ކާތަކެއްޗަށެވެ. އޭނަ ނޭފަތަށް ވައްތަރު ޖައްސައިލިތަން ޖުމާނާއަށް ފެނުނެވެ.
"ކިހިނެއްވީ؟ ކަމުދާ އެއްޗެއް ނެތީތަ؟" ޖުމާނާ އަނެއްކާވެސް އެހި އެވެ.
"މި ނޫން އެއްޗެއް ނެތްތަ؟" މާޒް ޖުމާނާއާ ހަތަރުކަޅި ހަމަކޮށްލި އެވެ.
ޖުމާނާ ޖަވާބެއް ނުދީ ބަލަން ހުރި ގޮތުން މާޒްއަށް އެ ސުވާލުގެ ޖަވާބު ލިބުނެވެ.
"އަހަރެން މިރެއަކު ނުކާނަން،" މާޒް ތެދުވެގެން ދިޔަ އެވެ.
ޖުމާނާ ދެރަވި އެވެ.
"ކޮއްކޮއަކަށް ވެސް ދެން ނުކެވޭނެ،" އާކިފް މާޒް ބުނި އެއްޗެއް އަޑު އަހާފައި މޫނަށް ވައްތަރެއް ޖައްސައިލި އެވެ.
"އާކިފް އަދި ރަހަ ވެސް ނުބަލަމެއްނު؟ ގޭގައި ކައްކާފަ ހުންނަ އެއްޗިއްސަށް ޝުކުރުވެރިނުވާ ކުދިން ދެކެ ﷲ ސުބުހާނަހޫ ވަތައާލާ ލޯބިވެވޮޑިގެންނުވާނެ،" ޖުމާނާ ކެތްތެރިކަމާ އެކު ވާހަކަދެއްކި އެވެ.
"ބިލާލް ބޭނުންވަނީ ﷲ ލޯބިވާ ކުއްޖަކަށް ވާން،" ބިލާލް ކުޅިވަރު ހުއްޓާލައިފައި ކާން ފެށި އެވެ.
އަލްޔާ ހިނިތުންވެލީ ބިލާލްއާ އެއްބައިގަ އެވެ. އެތަން ފެނުމުން އާކިފް ވެސް އެ ކުދިންނާ ބައިވެރިވި އެވެ. ޖުމާނާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އޭނަ މާޒްއާ ވާހަކަދައްކަންވެގެން އެ ކޮޓަރި ކައިރިއަށް އަނެއްކާވެސް ދިޔައީ ކުދިވެރިން ނިންދަން ބައިތިއްބާފަ އެވެ. ގޮސް ދޮރު ހުޅުވާލި ގަޑީ ކޮންމެވެސް އެއްޗެއް ވައިބްރޭޓްވާ އަޑު އިވެން ފެށި އެވެ. އޭރު މާޒް ކޮޓަރި ތެރެއަކު ނެތެވެ. ފާހާނާގައި ކަމަށް ވެދާނެއޭ ހިތަށްއެރި އެވެ.
ޖުމާނާ ހޯދަނިކޮށް މާޒް ގެންގުޅޭ ފޯނު ފެނުނީ މޭޒުމަތީ ބަހައްޓާފައި ހުރި ކަރުދާސްތަކެއްގެ ދަށުންނެވެ. އޭނަ ނެގިއިރު ކޮންމެވެސް ނަންބަރަކުން ގުޅަނީ އެވެ. ޖުމާނާ ބަލަހައްޓައިގެން ހުއްޓާ މާޒް ފާހާނާ އިން ނިކުތެވެ.
"ދައްތާ ކީއް ތިކުރަނީ މި ކޮޓަރީގަ؟" މާޒް އައި ގޮތަށް އައިސް ޖުމާނާގެ އަތުން ފޯނު ޖަހައިގަތެވެ.
"ތި ކާކުގެ ފޯނެއް؟" ޖުމާނާ ސީރިއަސް ނަޒަރަކުން މާޒްއަށް ބަލަމުން އެހި އެވެ.
"ޔޫ ކާންޓް ޓެލް މައި ބްރަދަ،" މާޒް ފޯނު އަވަސްއަވަހަށް ޖީބަށް ކޮއްޕާލައިފައި ޖުމާނާއާ ދިމާއަށް ޝަހާދަތް އިނގިލި ހިއްލައިލަމުން ވާހަކަދެއްކި އެވެ.
"ކީއްވެ؟ އެއީއެއްނު މާޒްގެ ބެލެނިވެރިޔަކީ؟ އޭނަ ކައިރީ ނުބުނެ ކާކު ކައިރީ އަހަރެން ބުނަން ހުރީ؟" ޖުމާނާ ހުރީ މާޒްއަށް ދޫދޭ ގޮތަކަށް ނޫނެވެ.
"ޕްލީޒް ދައްތާ،" މާޒް އާދޭހާ އެކު އެދުނެވެ.
"ކިހިނެއް މާޒްއަށް ލިބުނު އެއްޗެއް ތީ؟" ޖުމާނާ ބޭނުންވީ އެންމެ ސުވާލެއްގެ ޖަވާބެވެ.
"ދޮންބެ ކައިރީ ނުބުނާ މަތިން ބުނާނީ،" މާޒް ޝަރުތު ހުށައެޅި އެވެ.
ޖުމާނާ ދެ ފަރާތަށް ބޯހޫރުވައިލި އެވެ. އޭނަ މިހާރު ވެސް ސައިފް ކައިރީ ނުބުނެ ގޯސް ހަދައިފި އެވެ. ދެން އެފަދައިން މާޒް ބޭނުންވާ ފަދައިން ވައުދެއް ނުވެވޭނެ އެވެ. މުސްތަގްބަލްގައި އިތުރު ކަންކަން ކުރަން މާޒްއަށް ލިބޭ ހިތްވަރަކަށް ވެދާނެ އެވެ.
ޖުމާނާ ބަލަން ހުރެލާފައި ދާން ވެގެން އެނބުރުނެވެ. މާޒް ދުވެފައި ގޮސް އޭނަ ކުރިބެއްދީ ކޮޓަރި ދޮރާ ހަމައިންނެވެ. އުމުރުން ހަގަސް މާޒް ވެސް އޭނައަށް ވުރެ އިސްކޮޅުން ދިގެވެ. ބާމަތި ފުޅާވެލާފައި ހުންނާތީ ފެންނަނީ ވަރުގަދަކޮށެވެ. މާޒްގެ ލޮލުގައި ހުރި ނުރައްކާތެރި ކުލަވަރަކުން ޖުމާނާ ކުޑަކޮށް ބިރުގަތެވެ. އެކަމަކު އޭނަ އެކަން ނުދައްކާވޭތޯ ބެލި އެވެ.
"ދޮންބެ ކައިރީ ބުނެގެން ނުވާނެ،" މާޒް ތަކުރާރުކޮށް ބުންޏެވެ.
"ކުރިމަތިން ދުރަށް ދޭ މާޒް!" ޖުމާނާ ރުޅިއައި ކަމަށް ހެދުނެވެ.
މާޒް ގުޑައެއްނުލި އެވެ. ޖަވާބުދިނީ ވެސް ދެ ފަރާތަށް ބޯ ހޫރައިލާފަ އެވެ.
"މާޒް ދުރަށް ދާށޭ!" ޖުމާނާ އަޑަށް ބާރުލައިފައި ގޮވާލި އެވެ.
ޖުމާނާ ކުރިއަށް ޖެހިލި ވަގުތު މާޒް ދޮރުފަތުގައި ލައްވެލައި ތަޅުގައި ހިފެހެއްޓި އެވެ.
"ޖުމާ!" އެ އިވުނީ ސައިފްގެ އަޑެވެ.
ޖުމާނާގެ ހިތް ހީވީ ބޭރަށް ފުންމައިލަން އުޅުނު ހެންނެވެ.
މާޒް ސިހުނު ވަގުތު ޖުމާނާ އަވަހަށް މާޒްގެ ކޮނޑުގައި ހިފާ އެއްފަރާތްކޮށްލާފައި ދޮރު ހުޅުވާލުމަށް ފަހު ނިކުމެއްޖެ އެވެ. އޭނައަށް ދުވެފައި ގޮސް ހުއްޓެވުނީ ބަދިގެއިން އޭނަ ހޯދަމުން ސިޓިންރޫމަށް ނިކުތް ސައިފްގެ ކުރިމައްޗަށެވެ. ސައިފްގެ މޫނު ފެނުމާ އެކު ޖުމާނާއަށް ކޮށްފައިވާ އަސަރު އިތުރުވި އެވެ. ލޮލަށް ޖަމާވި ކަރުނަތައް ހިފަހައްޓައިލަން ދަތިވި އެވެ. އަނގަމަތީ އެއް އަތް އަޅާ ބާރުކޮށްލަމުން އޭނަ ދުވެފައި ގޮސް ވަނީ ކޮޓަރިއަށެވެ. ސައިފް ފަހަތުގައި ހުރެ ގޮވަމުން އަންނަ އަޑު އިވުނެވެ.
ސައިފް ފަހަތުން އަންނާނެކަން އިނގޭތީ ޖުމާނާ ގޮސް ވަނީ ފާހާނާއަށެވެ. އޭނަ ދޮރު ތަޅުލާފައި ގޮސް މޫނު ދޮންނަ ތަށި ކައިރިއަށް ހުއްޓުނެވެ. ކޮޅަށް ހުންނަން ދަތިވެފައިވާ މީހަކު ފަދައިން މޫނު ދޮންނަ ތަށީގެ ދެ ފަރާތުގައި ހިފައި ހުރިހާ ބާރެއް އެއަށް ދޫކޮށްލެވުނެވެ. ލޯގަނޑަށް ނަޒަރެއް ދިންއިރު ރަތްވެފައިވާ އެ ދެ ލޮލުން ކަރުނަ ވިދަމުން ދިޔައެވެ.
އޭނަ ސިއްސައިގެން ދިޔައީ ސައިފް ދޮރުގައި ޓަކި ޖަހަމުން ގޮވަން ފެށި އަޑަށެވެ.
"ޖުމާ ކިހިނެއްވީ؟ ޖުމާ! ދޮރު ހުޅުވަބަލަ!" ސައިފް ގޮވަމުން ދިޔަ އެވެ.
ޖުމާނާ އިސްކުރު ދޫކޮށްލާފައި ދެތިން އަތްގޮށި ނަގައި މޫނު ދޮވެލި އެވެ. އޭނައަށް ކިރިޔާ ވެސް ހަމަޖެހިލެވުނީ އެއަށް ފަހުގަ އެވެ. ފުން ނޭވައެއް ލައި އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލަން މަސައްކަތް ކުރަމުން މަޑުމަޑުން ދޮރު ހުޅުވާލައިފައި ނިކުތެވެ.
"ކިހިނެއްވީ؟" ހަމަ ނިކުތުމާ އެކު ސައިފް އެހި އެވެ.
ޖުމާނާ ގޮސް ތުވާލި ނަގައިގެން މޫނު ހިއްކަމުން އެނދުގެ ފައިލާކޮޅުގައި އިށީނެވެ. ސައިފް އޭނައާ ކުރިމަތިލައިގެން އިށީނދެލީ ރީތިވާ މޭޒުކައިރީ ހުރި ގޮނޑި އެނދާ ކައިރިކޮށްލައިގެން އޭގަ އެވެ. ޖުމާނާ ތުވާލި ތިރިކޮށްލިއިރު ސައިފް އެ މޫނަށް ބަލަން އިނދެފައި އޭނަގެ އެއް އަތުގެ ކުޑަހުޅާ ހިސާބުން ހިފަހައްޓައިލި އެވެ.
"މާޒް އެބަ ގެންގުޅޭ ފޯނެއް،" ޖުމާނާ އިތުރަށް ވިސްނަން ނުހަދާ ހާމަކޮށްލި އެވެ.
"ފޯނެކޭ؟ އޭނައަށް ކިހިނެތް ލިބުނު އެއްޗެއް؟" ސައިފްގެ ދެ ބުމަ ގޮށްޖެހުނެވެ.
"އަހަރެން ތި ސުވާލުކުރީމަ މާޒް ބުނީ ސައިފް ކައިރީ ބުނެގެން ނުވާނެއޭ،" ޖުމާނާ އިތުރަށް އޮޅުންފިލުވައިދިނެވެ.
"މާޒް އެހެން ބުނީ؟" ސައިފްއަށް އަމިއްލަ ކަންފަތަކަށް އިތުބާރެއް ނުކުރެވުނެވެ.
އޭނަ ކުއްލިއަކަށް ދާންވެގެން ތެދުވި ވަގުތު ޖުމާނާ ސައިފްގެ އަތުގައި ހިފެހެއްޓި އެވެ.
"މިހާރަކު ނޫން. މާދަން އޭނައާ ވާހަކަދައްކާނީ. މިހާރު އޭނަ ހުންނާނީ ތަންކޮޅެއް މަތީގަ،" ޖުމާނާ ސައިފްގެ މޫނަށް ބަލަން އިނދެގެން އެދުނެވެ. އެ ލޮލުގައި އާދޭހެވެ. ސައިފްއަށް އެ ކުލަވަރު ދެކެފައި ދެކޮޅެއް ނުހެދުނެވެ. އޭނަ އެއްބަސްވެގެން ބޯޖަހައިލުމާ އެކު ޖުމާނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.
ޖެހިގެން އައިދުވަހު މާޒް އެކަކާ ވެސް ވާހަކައެއް ނުދައްކަ އެވެ. ސުކޫލަށް ދާން އެނދުން ހިއްލައިލި މީހާ ނިކުމެގެން ދިޔައީ ހެނދުނު ސައި ނުބޮއެ އެވެ. ދެން ގެއަށް އައިސް ވަނީ މެންދުރުން އަނބުރައި ތިނެއް ޖަހަން އުޅެނިކޮށެވެ. އެ އައި މީހާ ކޮޓަރިއަށް ވަން ގޮތަށް ހަބަރެއް ނުވެ އެވެ. ޖުމާނާ ކުދިވެރިން ފޮނުވައިގެން ވެސް މާޒް ގެނެވޭތޯ ބެލި އެވެ. އެކަމަކު މާޒްގެ ކޮޓަރި ހުންނަނީ ތަޅުލައިފަ އެވެ.
ސައިފްއަށް ގުޅައިގެން އޭނަ އެ ވާހަކަ ދެއްކި އެވެ. ސައިފް އެ ރޭ މަސައްކަތް ނިންމާފައި އައި އިރު ޖުމާނާ ބަދިގޭގައި ހުރީ ކާއެއްޗެހި ހޫނު ކުރާށެވެ. ސައިފް ވަދެގެން އައިސް ޖުމާނާގެ ފުރަގަހުގައި ހުއްޓިފައި އުނަގަނޑުގައި އަތް އަޅުވައިލި އެވެ.
"ހައި ބިއުޓިފުލް!" ސައިފް ނިކަން ލޯބިން ޖުމާނާގެ ކަނދުރާގައި ބޮސްދިނެވެ.
"ހޭއި،" ޖުމާނާގެ އަޑުގައި ހުރީ ވަރުބަލިކަމެވެ.
"ހާދަ ފާޑަކަށް؟" ސައިފްއަށް ފާހަގަވެގެން އޭނަގެ ކުރިމައްޗަށް ހުއްޓިފައި ނިތުގައި އަތުގެ ނުފުށް ޖައްސާލައި ޗެކްކޮށްލި އެވެ.
"ހުމެއް ނާދެއޭ،" ޖުމާނާ ހީލި އެވެ.
"މާޒް ފަހުން ވެސް ނުކައިތަ؟" ސައިފްއަށް ވިސްނިގެން އިތުރަށް އެހި އެވެ.
ޖުމާނާ ބޯޖަހައިލި އެވެ.
ސައިފް އޭނަގެ އަތުން ދޫކޮށްލާފައި މާޒްގެ ކޮޓަރިއާ ދިމާއަށް ދާތަން ބަލަން ހުރެވުނީ ކަންބޮޑުވެފަ އެވެ. ޖުމާނާ ނިކުމެ ބޯދިއްކޮށްގެން ބަލަން ހުރެލާފައި ވަނީ އަނެއްކާވެސް އެތެރެއަށެވެ. ސައިފް އެނބުރި އައީ މާޒްގެ ޖަވާބެއް ނުލިބި އެވެ.
"އެހާވަރުން އުޅޭނެ ކަމެއް ނެތް. އަހަރެން ދިން ޕޮކެޓްމަނީ ހުސްވެގެން ލުއި ކާނާ ނުގަނެވޭ ހިސާބަށް ދިޔައީމަ ކާން ނިކުންނާނެ،" ސައިފް ޖުމާނާ ހިތްހަމަޖައްސައިދޭން ވާހަކަދެއްކި އެވެ.
ދޮރުތައް ތަޅުލާފައި ނިދުމުގެ ކުރިން ދެމަފިރިން ނިކުމެ މަޑުކުރީ ފެންޑާގަ އެވެ. ސައިފް ސޯފާގައި އިން އިރު ޖުމާނާ އޮތީ ސައިފްގެ އުނގުގައި ބޯއަޅައިގެން އަރިއަކަށެވެ. އޭނަ ކުޑަކޮށް ބޮލުގައި ރިއްސާ ވާހަކަ ބުނުމުން ސައިފް އޭނަގެ ބޯ މަސާޖްކޮށްދެނީ އެވެ. ޖުމާނާ ލޯމަރާލައިގެން އޮތްއިރު ސައިފްގެ ނަޒަރު ހުރީ އަޑު މަޑުކޮށްފައި ހުރި ޓީވީއަށެވެ.
"މިއަދު ދައްތަމެން ގުޅައިގެން އުޅުނު ގަޑީ އަހަރެން ބުނިން ބިލާލްމެންގެ ހިތާނީއަށް އަންނަން ވާނެއޭ،" ޖުމާނާ ހިމޭނުން އޮވެއޮވެފައި ވާހަކަދެއްކި އެވެ.
"އެހެންތަ؟ ދެން ދައްތަ ބުނިތަ އަންނާނެ ވާހަކަ؟" ސައިފް ޖުމާނާގެ މޫނަށް ބަލައިލި އެވެ.
"ހޫމް. ދައްތަ ބުނި އަންނާނަމޭ. އެކަމަކު އެންމެންނަކަށް ނާދެވޭނެ. އައްމާރު ވެސް އުޅެނީ މަހެއް ފަހުން ތަނަކަށް ދާށޭ ބުނި. ރައްޔާން އުމާމާ ކިޔަވަން ފޮނުވައިގެން. އުމާމާ ނެތިއްޔާ ރައްޔާން ވެސް އެކަނި ނައިސްދާނެ. އެކަމަކު ދައްތަމެން ދެމަފިރިންނާއި ޒޯޔާ އަންނާނެ...ޒުބައިރު ވެސް ބުނި އަންނަ ވާހަކަ،" ޖުމާނާ ޒުބައިރުގެ ވާހަކަ ނުބުނަން އުޅެފައި ވެސް ސައިފް ވަކިން ސުވާލުކޮށްފާނެތީ އެ ވާހަކަ ނުބުނެއެއް ނުކެރުނެވެ.
"އުމާމާ ކިޔަވަން ދިޔައީއޭ؟" ސައިފްގެ ސަމާލުކަމަށް އައީ އެ ތަންކޮޅެވެ.
"ހޫމް. ދައްތަ ބުނި އެ މީހުން އޭރު މިކޮޅުން މާލެ ދިޔަ ގޮތަށް ގިނަ ދުވަހެއް ނުވެ ރައްޔާން އުމާމާ ގޮވައިގެން ފުރި ވާހަކަ. އެނބުރި އައީ އެކަނި،" ޖުމާނާ ތެދުވެ އިށީނެވެ.
ސައިފްއަށް ހަމައެކަނި ބޯޖަހައިލެވުނެވެ. އޭނަ ހަނދާންވީ އުމާމާ ރަށަށް އައިސް އުޅުނު އިރު ދެއްކި ވާހަކަ އެވެ. އޭނައަށް ގުޅި ގުޅުމާ ބެހޭގޮތުން ދިން ޖަވާބެވެ.
"ހިނގާ ނިދަން ދާން!" ޖުމާނާ އިރުކޮޅަކުން ކޮޅަށް ތެދުވި އެވެ.
ސައިފް ހަމައެކަނި ބޯޖަހާލައިފައި ޓީވީ ނިއްވާލުމަށް ފަހު ޖުމާނާގެ ފަހަތުން ތެދުވި އެވެ. އޭނަ ގޮސް ޖުމާނާގެ ފަހަތުން ކޮޓަރިއަށް ވަތް އިރު ސިކުނޑީގައި އަދިވެސް ވީ އުމާމާ އެވެ.
(ނުނިމޭ)
ކޮމެންޓް (3)
ސަނައްޓޭ
ޒުބައިރު
ޒާނާ