ވާހަކަ: ހިތް އެދި ގޮވާތީ

ވާހަކަ

ވާހަކަ: ހިތް އެދި ގޮވާތީ

8 ފެބްރުއަރީ 2024
3

އެޕިސޯޑް 30

ސައިފް ގުދުވެލާފައި ޖުމާނާގެ ކަންފަތް ދޮށުގައި ބުނެލި އެއްޗަކުން ކުރިއަށް ވުރެ ބޮޑަށް އެ މޫނު ރަތްވެގެން އަ އެވެ.

"އަހަންނަށް ޖުމާ އެންމެ ރީތީ ތިހެން ބްލަޝްވީމަ،" ސައިފް ޖުމާނާގެ ކޯތާފަތުގައި އިނގިލިތަކުގެ ނުފުށުން ފިރުމައިލި އެވެ.

ޖުމާނާ ދެ އަތުން މޫނު ފޮރުވާލި އެވެ. ސައިފް އެގޮތަށް ވާހަކަދައްކަންޏާ އޭނައަށް އެ މޫނަށް ބަލާކަށް ނުކެރޭނެ އެވެ.

"އަދި އެނގޭތަ އެންމެ ބޮޑަށް ބްލަޝްވަނީ ކޮން އިރަކުކަން؟" ސައިފް އެއް އަތުން ޖުމާނާގެ އުނަގަނޑުގައި ހިފާލި ވަގުތު ޖުމާނާއަށް ތެޅިގަނެވުނެވެ.

އަނގައިން ނުބުނެ ހުއްޓާ ސައިފް އަނެއްކާވެސް ސުވާލުގެ ޖަވާބު އިއްވައިލީ އޭނަގެ ކަންފަތްދޮށުގަ އެވެ.

"ސްޓޮޕް ޓޯކިން!" ޖުމާނާ މޫނުން އަތް ނަގައި ސައިފްގެ މޭގައި އެ މޫނު ފޮރުވާލުމަށް ފަހު މުށްކަވާލައިފައި ތަންކޮޅެއް ބާރަށް ސައިފްގެ ކޮނޑުގައި ޖެހި އެވެ. ސައިފްގެ ކަމަކަށް އޮންނާނީ އޭނަ ލަދުގެންނެވުމެވެ.

"އެނގެއޭ ތިބުނަން އުޅޭ އެއްޗެއް. ބަސް މަދުކޮށްފަ އަމަލު ގިނަ ކުރާކަށްނު؟" ސައިފް ޖުމާނާގެ އެ އަތުގެ ކުޑަހުޅާ ހިސާބުން ހިފާބާރުކޮށްލި އެވެ. "މައި ވައިފް އިޒް ސޯ އިމްޕޭޝަންޓް."

ޖުމާނާ ހީގެންފައި ސައިފްގެ ކައިރިން ވީއްލިގެން ދުރަށް ޖެހުނެވެ.

"އަޅެ އަހަރެން ބަލާނަން ކާކުތޯ ކެތްމަދީ. ސައިފް ހުރޭ މިތާ އަހަރެން މި ދަނީ ކޮންމެވެސް އެހެން ތާކު ނިދަން،" ސައިފް ދިމާކުރާވަރުން ޖުމާނާ ވެސް ރައްދުދޭން ނިންމި އެވެ.

"އޭ، އެހެން ނުހަދައްޗޭ. ތިހެން ހުރެގެން ބޭރަށް ނިކުތުމުގެ ކުރިން މި ގޭގަ އަހަރެންގެ ފުރާވަރުގެ ކޮއްކޮއެއް ވެސް އުޅޭކަން ހަނދާންކޮށްބަލަ!" ޖުމާނާ ގޮސް ތަޅުގައި ހިފި ވަގުތު ސައިފް ހަނދާންކޮށްދިނެވެ.

ލައިގެން ހުރެވުނު އެއްޗަކާ މެދު ޖުމާނާއަށް ވެސް ވިސްނައިލެވުނީ އެ ހިސާބުންނެވެ. ލައިގެން ހުރި ހެދުމަށް ބަލާލައިފައި އޭނަ ވަގުތުން ފަސްޖެހުނެވެ. ސައިފް ބަލަބަލާ ހުރީ އެ ފުރުސަތަށެވެ. ޖުމާނާ ތައްޔާރުނުވެ ހުއްޓާ އައި ގޮތަށް އައިސް އުރާލައިފި އެވެ. ބިމުން ފައި އުފުލުމާ އެކު ޖުމާނާއަށް ސައިފްގެ ދެ ކޮނޑުގައި ބާރަށް ހިފެހެއްޓުނެވެ.

"ނޯ މޯ ޓޯކިން،" ސައިފް އެހެން ބުނެލި ގޮތުން އެއީ ވައުދެއްކަން ޖުމާނާއަށް އެނގުނެވެ. އެ ލޮލުގެ ކުލަވަރު އެކަން ޔަގީންކޮށްދިނެވެ. އަދި އެ ރޭގެ ބޮޑު ބައެއް އޭގެ ހެއްކަކަށް ވެދިނެވެ.

***

ސުކޫލަށް ދާން މާޒް ނެގުނީ ނިކަން އުނދަގުލުންނެވެ. ދާން ނިކުތްއިރު ސައި ތަށްޓެއް ބޯލާނެ ވަގުތު ވެސް ނެތެވެ. ޖުމާނާއަށް ފާހަގަވީ މާޒްގެ މޫނުމަތީގެ ކުލަވަރެވެ. ލޮލުގައިވި ރަތްކަމެވެ. ހީވަނީ މުޅި ރޭ ނުނިދާ އުޅެފައި ނިދިޖެހުނު ވަގުތު ގޮވަން ފެށުމުން ތެދުވެގެން އައިސް އިންހެންނެވެ. އޭނަ ސައިބޯން ބުނީމަ ވެސް ގަޑިޖެހެނީއޭ ކިޔާފައި ދަބަސް ހިފައިގެން ނިކުމެއްޖެ އެވެ. ސައިފް އޭރުވީ ކުރީގައި ނިކުމެ އެވެ. ދެކޮޅު ބަލާލައިފައި ޖުމާނާ ގޮސް މާޒްގެ ކޮޓަރިއަށް ވަނެވެ.

އެނދުގެ އެއް ކޮޅުގައި އަޅާފައި ހުރި އަންނައުނުތަކަކީ ދާއެއްޗެހި ކަމެއް ނޫނީ ލާން ނަގާފައި ހުރި އެއްޗެހި ކަމެއް ނޭނގެ އެވެ. ވަސް ބަލާލައިފައި ދާހެން ހީވާ އެއްޗެހި އޭނަ ނެގީ ގެންގޮސް ދާވަށިގަނޑަށް ލާން ވެގެންނެވެ. ލިޔާ މޭޒުމަތީ ކަރުދާސްތައް ހުރީ ތަރުތީބެއް ނެތި އެވެ. ރީތިވާ މޭޒުގެ ހާލަކީ ވެސް އެއީ އެވެ. ސައިފްގެ ފުށުން ފެންނަ ތަރުތީބުކަމެއް މާޒްގެ ކޮޓަރިއަކުން ނުފެނެ އެވެ.

ޖުމާނާ، މާބޮޑަށް ނުހާވައި އެކި ތަންތަން ކޮންމެވެސް ވަރަކަށް ހޯދައިލި އެވެ. އެކަމަކު އެއިން އެއްވެސް ތާކުން ރޭގައި އޭނަ ދުށް ފޯނެއް ނުފެނުނެވެ. އޭނައަށް ޔަގީންވި އެއްޗަކީ މާޒް އެ ދިޔައީ ފޯނު ހިފައިގެން ކަމެވެ. އިއްތިފާގުން އޭނައަށް އެ ކޮޓަރިން ނިކުމެވުނީ ސައިފް ކުރިމައްޗަށެވެ. ނަސީބަކުން އަތުގައި ހުރި އަންނައުނުތަކަކީ ބަހަނާއަކަށް ފުދުނެވެ.

"އެބަ އަންނަން މި އެއްޗެހި ލޯންޑްރީއަށް ލައިފަ،" ޖުމާނާ އަތުގައި ހުރި އަންނައުނުތައް ދައްކާލައިފައި ވާހަކަދެއްކި އެވެ.

ސައިފް ބޯޖަހައިލުމުން އޭނަ އެ ދިމާއަށް ހިނގައިގަތެވެ. އެނބުރި އައި އިރު ސައިފް ގޮސް އިނީ ފެންޑާގަ އެވެ. އޮފް ދުވަހަކަށް ވުމުން އޭނަ ގަސްތުކޮށްގެން ހުރީ ގޭގެ މަސައްކަތްތައް ކުރުމަށެވެ. ފަންކާތަކުން ހިރަފުސް ފޮޅުމާއި ބައެއް ކުދިކުދި މަރާމާތުތައް އެއްކޮށްލައިގެން ފުދޭވަރަކަށް މަސައްކަތް ހުއްޓެވެ. އަދި އެ ހުރިހާ ކަންކަމަކީ އޭނަ ޖުމާނާއަށް އެކަނި ދޫކޮށްލާނެ ކަންކަމެއް ނޫނެވެ.

ޖުމާނާ ނިކުތް އަޑު އިވިގެން ސައިފް އެނބުރި ބަލައިލި އެވެ. އަތުން ހަނާ އަޅާލުމުން ޖުމާނާ ގޮސް ކައިރީގައި އިށީނެވެ. އޭނަ ވިސްނަމުން ދިޔައީ މާޒްއާ މެދުގަ އެވެ. އަދި އެ ވާހަކަ ސައިފް ކައިރީ ބުނާނެ ވަގުތަކާ މެދުގަ އެވެ.

"ހެނދުނު ސައި ބޮއެގެން ގޭގެ މަސައްކަތް ޖައްސަން މިއަދު މި އުޅެނީ. ބުނީމެއްނު ކޮންމެވެސް އެއްޗެއް ހަލާކުވެފަ ހުރި ވާހަކަ ވެސް؟ ކޯއްޗެއްތަ އެއީ؟" ސައިފް ޖުމާނާގެ އަތްތިލައިގައި ހިފާލައިފައި ގެނެސް ފައިމަތީ ބާއްވައިލި އެވެ.

"ސިންކުން ފެން ލީކުވާ ވާހަކަ ބުނީ،" ޖުމާނާ ހަނދާންވެގެން ކިޔައިދިނެވެ.

ސައިފް ބޯޖަހައިލި އެވެ.

ޖުމާނާ ފެށީ ކުދިވެރިން އަންނަންވާއިރަށް ނާސްތާ ތައްޔާރުކުރުމުގެ މަސައްކަތެވެ. އިރުކޮޅަކުން ސައިފް އައިސް ވަދެފައި އަލަމާރި ހުޅުވައިގެން ބަލަބަލާފައި ފަހަރަކު އެއްޗެއް ނަގައި މޭޒުމަތީ އަތުރަން ފެށި އެވެ. ގޭގައި ހުރި ދުވަހެއްކަމުން ހާއްސަކޮށްލަން ކުދިންނަށް އޭނަ ވެސް އެއްޗެއް ތައްޔާރުކޮށްދޭން ބޭނުންވީ އެވެ. ޖުމާނާއަށް އެ ވާހަކަ އިވުމުން ހިނިތުންވެލެވުނެވެ. ހުރިހާ ފިރިހެނުން ވެސް ސައިފް އުޅޭހެން އުޅޭނެ ނަމަ އެވެ.

"ކުރީ ދުވަހު ޒުބައިރު ގުޅި އަހަރެންގެ ފޯނަށް. ބުނި ޖުމާ ފޯނެއް ނުނަގައޭ އަނެއްކާ ބަލީހޭ،" މަސައްކަތުގައި އުޅެފައި ސައިފް ފެށި އެވެ.

"ފޯނު ޗާޖަށް ޖަހާފަ އޮއްވާ އޭނަ ގުޅާފަ ހުރީ،" ޖުމާނާ އޮޅުންފިލުވައިދިނެވެ.

"ތެދަށް ބުނެބަލަ! އަހަރެން ޕްރޮޕޯސް ނުކުރި ނަމަ ޒުބައިރު ދޯ ޖުމާގެ ޗޮއިސްއަކަށް ވާނީ،" ސައިފް ކުއްލިއަކަށް އެހި އެވެ.

"އަސްލު ދެން އަލުން މީހަކާ އިންނާކަށް ނޫން ހުރީ. އެކަމަކު އަބަދު އެހެން ހުންނަންޏާ ދައްތަމެން އަބަދުވެސް ޕްރެޝަކުރާނެ. އެހެންވީމަ ހަމަ ސައިފް ނޭހި ނަމަ ޒުބައިރުއާ ކަންނޭނގެ މެރީކުރެވޭނީ،" ޖުމާނާ ކިޔައިދިނީ ތެދަށެވެ.

ސައިފްގެ ހިތަށް ފާޑެއްގެ ގޮތެއްވި އެވެ. އޭނައަށް ޖުމާނާ ލިބިފައި ހުއްޓަސް އެފަދައިން ބުނީތީ ވެސް ހިތުގައި ހަސަދަ ހިނގައިލި އެވެ. އެކަމަކު އޭނަ އެކަން ފާޅެއްނުކުރެ އެވެ.

"އަހަރެން އެއްޗެއް އަހާލަންތަ؟" ކުޑައިރުކޮޅެއް ފަހުން ޖުމާނާ ހުއްދައަށް އެދުނެވެ.

"އާހަބަލަ!" ސައިފް އަނބިމީހާއަށް ނަޒަރެއް ދީފައި މަސައްކަތަށް ގެއްލުނެވެ.

"ސައިފް އަހަންނާ މެރީކުރުމުގެ ކުރިން ކާކާ އިންނަން ބޭނުންވީ؟" ވަރަށް ނުބުނަން ހުރެފައި ޖުމާނާ ބުންޏެވެ.

"އައުޗް،" ކެރެޓް ކޮށަން ހުއްޓާ ވަޅި އެޅުނީ ސައިފްގެ އިނގިލީގަ އެވެ.

"ކިހިނެއްވީ؟ އަތް ކެނޑުނީތަ؟" ޖުމާނާ އަވަހަށް ދުވެފައި އަ އެވެ.

ސައިފް އަތުން ވަޅި އަތުލާފައި ކެނޑިފައިވާ އިނގިއްޔަށް ނަޒަރެއް ދިނުމަށް ފަހު ފޮތިގަނޑެއް ހޯދައިގެން އަ އެވެ. ޖުމާނާ ލޭމަނާކޮށްފައި މަލަންގަނޑެއް އަޅަން އުޅުނުއިރު ސައިފް އެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ޖުމާނާއަށް އޭނަގެ ސިއްރު އެނގިއްޖެ ނަމަ މިހާރު އެ އަޅާލާހެން އަޅާލާނެ ބާވައޭ ހިތަށް އެރި އެވެ. އޭނަ އެތައް ދުވަހެއް ވަންދެން އެ މީހަކާ މޮޔަވެގެން އުޅުނު އަންހެންކުއްޖަކީ ޖުމާނާގެ ދެބެންގެދެދަރި ކުއްޖެއްގެ އަތްނބެއްކަން އެނގިއްޖެއްޔާ އޭނަގެ މަތިން އިތުބާރު ގެއްލިދާނެ ހެއްޔެވެ؟ އަދި އޭނަގެ ހިތުގައި ޖުމާނާއަށް ދެވިފައިވާ ހާއްސަކަމަކީ ކޮއްކޮމެންނަށްޓަކައި ގުޅުނު ގުޅުމުގެ އިތުރު އިހްސާސްތަކެއްކަން ގަބޫލުކުރާނެ ހެއްޔެވެ؟

"ކީއްވެ ތި ބަލަނީ؟" ޖުމާނާއަށް ސައިފްގެ ބެލުން ފާހަގަވެގެން އެހި އެވެ.

"ކާލާ ހިތުން،" ސައިފްގެ މޫޑު ބަދަލުވި އެވެ.

"ފެށީއޭ އެއްކަލަ،" ޖުމާނާ ސައިފް އަތުން ދޫކޮށްލާފައި ފަހަތަށް ޖެހުނެވެ.

ސައިފް ހިނިގަނޑެއް ޖަހާލައިފައި އަނެއްކާ މަސައްކަތް ފެށުމުން ޖުމާނާ އެންގީ ދެން ތަނެއް ކެނޑިއްޖެއްޔާ ވަޅި ފޮރުވާނެ ކަމަށެވެ. އެ ވާހަކަ އަހާފައި ކުރިއަށް ވުރެ ބާރަށް އޭނަ ހީގަތެވެ.

***

ބައްޕަގެ ސަބަބުން ފުރަތަމަ ފަހަރަށް އުމާމާ އާއި ރައްޔާންގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫއެރި އެވެ. ބައްޕަ ގުޅާފާނެތީ އުމާމާ ގިނައިން އުޅެން ފެށީ ފޯނު ނިއްވާލައިގެންނެވެ. ރައްޔާންއަށް އުމާމާގެ ހަބަރެއް ނުވެގެން ކައިރީގައި އުޅޭ އަވައްޓެރިންނަށް ގުޅި ދުވަހު އެތަނުން ކުއްޖަކު ފޯނު ހިފައިގެން އެ ގެއަށް ދިޔަ އެވެ.

އުމާމާ އެ ގަޑީގައި އިނީ ލެޕްޓޮޕް ހުޅުވައިގެން މަސައްކަތެއްގަ އެވެ. މެއިޑު އައިސް ޓަކި ޖަހާލައިފައި ކުއްޖަކު ހޯދަން އައިކަން އެންގި އެވެ. އުމާމާ އެހީ އަންހެންކުއްޖެއްތޯ އެވެ. މެއިޑު އާނއެކޭ ބުނުމުން ބުރުގާ އަޅަން ނޫޅެ ކޮޓަރިން ނިކުތެވެ. ފާތުން ފެނުމުން އޭނަ ހިނިތުންވެލާފައި ހާލު އަހުވާލު އޮޅުންފިލުވި އެވެ. ފާތުން ބުނީ ރައްޔާން ގުޅާފައި އުމާމާއަށް ނުގުޅިގެން މެސެޖެއް ރައްދުކޮށްދޭން އެދުމުން އައީ ކަމަށެވެ. އުމާމާ ޝުކުރު އަދާކޮށްފައި ފާތުން ފޮނުވާލުމަށް ފަހު އައި ގޮތަށް އައިސް ރައްޔާންއަށް ފޭސްޓައިމް އިން ގުޅި އެވެ.

"އުމާމާ ކޮންތާކު ތި އުޅެނީ؟" ރައްޔާން ވާހަކަދެއްކީ ބެލްކަނީގައި ހުރެފަ އެވެ.

ނުނިދިގެން އޭނަ ހުރީ ނިކުމެ ހޫނު ސައި ތައްޓެއް ބޯށެވެ.

"ރައްޔާންއަށް އެނގޭތަ؟ ބައްޕަ އަހަރެންގެ ނަންބަރު ހޯދައިފި. ނޭނގެ ލިބުނު ގޮތެއް ވެސް،" އުމާމާ ލެޕްޓޮޕް އުނގަށް ލައިގެން ބާލީސްތަކުގައި ލެނގިލި އެވެ.

ރައްޔާންއަށް އެ އަޑު އިވުމުން އަނެއް އަތުން ކަނދުރާމަތީ ހިފަހައްޓައިލެވުނެވެ. އެވަގުތު ރައްޔާންގެ މޫނުގެ ކުލަވަރު ދެކެފައި އުމާމާއަށް ވެސް ޝައްކެއްވި އެވެ.

"އުމާމާ ކައިރީ ބުނަންވެގެން ހުރީ. ބައްޕަ މި ގެއަށް އައީ ޕޮލިހެއް ވެސް ގޮވައިގެން. އަހަރެންގެ ބައްޕަ ވާހަކަދައްކައިގެން އެ މީހާ ފޮނުވައިލީ. ފޯނު ނަންބަރު ނުދޭންވެގެން ގޭގެ ނަންބަރު އަހަރެން ދިނީ ވެސް. އައިމް ސޮރީ،" ރައްޔާން މާފަށް އެދުނެވެ.

"އަޅެ ރައްޔާން ކީއްކުރަންތަ ނަންބަރު ދިނީ؟ ކޮންމެވެސް އެހެން ނަންބަރެއް ވެސް ދެވުނީހެއްނު؟ ތިވާނީ މި ގެއަށް ގުޅީމަ މެއިޑު ނަންބަރު ދިނީ ކަމަށް. އެއް ދުވަހަކު އަހަރެން ކައިރީ ބުނި މީހަކު ގުޅި ވާހަކައެއް،" އުމާމާ އެއް އަތުން އިސްތަށިގަނޑަށް ވާންކޮށްލާފައި ތިރިކޮށްލަމުން ރައްދުގައި ވާހަކަދެއްކި އެވެ.

"ކީކޭ ބައްޕަ ބުނީ؟" ރައްޔާން އެންމެފަހުން އެހި އެވެ.

"ނޭނގެ އަހަރެން އަޑެއް ނާހަން. ފޯނު ކަނޑާލައިފިން. އޭގެ ފަހުން ނިއްވާލައިގެން މި އުޅެނީ ގިނަ ވަގުތު،" އުމާމާ ކިޔައިދިނެވެ.

ރައްޔާން އިރުކޮޅަކު ބަހެއް ނުބުނެ އުމާމާއަށް ބަލަން އިނެވެ.

"ރައްޔާންއަށް ހީވޭތަ ބައްޕަ އަހަރެންގެ ނަންބަރު ހޯދިހެން އަހަރެން އުޅޭ ތަން ހޯދައިގެން އަތުވެދާނެހެން؟ ފަހަރެއްގަ މެއިޑު ކައިރީ ވެސް އަހައިފާނެއެއްނު؟" އުމާމާ ހާސްވެފައި ސުވާލުކުރި އެވެ.

"އަހަރެން ދާނަން އުމާމާ ބައްޕައާ ބައްދަލުކުރަން،" ރައްޔާން އުމާމާގެ ހިތްހަމަޖައްސައިދޭން ބުންޏެވެ.

"ދެން ކޮންއިރަކުން ރައްޔާން އަންނަނީ؟" އުމާމާ ކުރީ އޭނަ ކުރިން ވެސް އެންމެ ގިނައިން ކުރާ ސުވާލެވެ.

"މިސްވީތަ؟" ރައްޔާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ.

"މިސްވީއޭ ބުނިއްޔާ އަންނާނަންތަ؟" އުމާމާ ވެސް ގަދަކޮށްލި އެވެ.

ރައްޔާންގެ ހިނިތުންވުން ފިލި އެވެ. އުމާމާއަށް ވެސް އެ ކުލަވަރު ފާހަގަވި އެވެ. ރައްޔާން ދޭން އޮތީ އޭނަ ބޭނުންވާ ފަދަ ޖަވާބެއް ނޫނެވެ.

"ކިހާ ދުވަހެއް ވާނެ؟" އުމާމާ އެންމެފަހުން އެހި އެވެ.

"ނޭނގެ. އެންމެ މަދުވެގެން ވެސް ދެތިން މަސް،" ރައްޔާން ތެދަށް ބުންޏެވެ.

އުމާމާ މަޑުމަޑުން ބޯޖަހައިލި އެވެ. ހިތް ނޭދުނަސް އޭނަ ޖެހޭނީ އެކަން ބަލައިގަންނާށެވެ. އެ ގޮތް ހިޔާރުކުރީ އޭނަ އަމިއްލަ އަށެވެ. މިއަދު ދެން ރައްޔާންއަށް އާދޭސްކޮށްގެން އެހާ ދުރަށް ދެކޮޅަށް ދެމޭކަށް ނެތެވެ.

"އައި ވިލް ވެއިޓް ފޯ ޔޫ،" އުމާމާ ހިނިތުންވެލި އެވެ.

(ނުނިމޭ)

ކޮމެންޓް (3)

ކިޔާ

10 ފެބްރުއަރީ 2024
ހާދަ ކުރޭ.. ތަންކޮޅެއް ދިގުކޮށް ގެނެސްދީބަލަ.. ވ.ވ.ވ.ވ ރީތި މިވާހަކަ.. އަވަހަށް އަނެއްބައި އަޕްކޮށްލަދީބަލަ..ކޮންމެ ދުވަހަކު މިވާހަކަ ގެނެސްދީބަލަ..
1 0

ޒާނާ

8 ފެބްރުއަރީ 2024
ސަޅި. އެކަމަކު ދެން މިއަށްވުރެ ދިގުކޮއްލަ ދީބަލަ.
1 0

ފޭން

8 ފެބްރުއަރީ 2024
ހާދަ ކުރޭ. އެންމެ 2 ސީން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް