ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 29
އާދިއްތަ ދުވަހުގެ ބަޔާ ގުޅޭ
"އައި ލަވް ޔޫ،" ރައްޔާން ފުރަތަމަ ފަހަރަށް އިގުރާރުވި އެވެ.
އުމާމާ ލޯ ހުޅުވާލީ އެ އަޑަށެވެ. ރައްޔާން އެ ވަގުތު ލުއި ހިނިތުންވުމެއް ވެރިކޮށްލާފައި ގޮސް ލިފްޓަށް އަރައި ލޯމަތިން ގެއްލުނެވެ.
***
ރައްޔާން މާލެ ފޭބިއިރު ހައިދަރު ހުރީ ތަންވަޅުބަލާށެވެ. ފުލުހަކު ގޮވައިގެން އެ ގެއަށް ވަންއިރު ރައްޔާންއަށް ފެންވަރާވެސްނުލެވެ އެވެ. ކޮޓަރީގައި އުޅެނިކޮށް މަންމަ ޓަކި ޖަހާތީ ބަލާލައިފައި ރައްޔާން ބުނީ އެ ރޭ އޭނަ ނުކާނެ ވާހަކަ އެވެ.
"އިހަށް ނިކުމެބަލަ! އުމާމާ ބައްޕަ އެބަހުރި ހޯދަން އައިސް،" އަމީރާގެ މޫނުމަތިން ފެނުނީ ސީރިއަސްކަމެވެ.
ރައްޔާންއަށް ބުމަ ކައިރިކޮށްލެވުނެވެ. އޭނަ ބޯޖަހާލައިފައި މަންމަގެ ފަހަތުން ނިކުމެ ދޮރު ލައްޕާލައިފައި ދާންވެގެން ހިނގައިގަތެވެ.
ސިޓިންރޫމްގައި ބައްޕަ އާއި ހައިދަރާ އެކު ޔުނީފޯމްގައި ހުރި ފުލުސްމީހާއަކީ ރައްޔާން ވެސް ކޮންމެވެސް ވަރަކަށް ދަންނަ ފިރިހެނެކެވެ. ބައްޕަ އާއި އެ ދެ މީހުންގެ މެދުގައި ދެކެވެމުންދިޔަ ވާހަކަ ހުއްޓުނީ ރައްޔާންމެން ފެނުނީމަ އެވެ. ފުލުސް މީހާ ތެދުވެ ބައްޕައާ ސަލާންކޮށްފައި ދާންވެގެން ނިކުތްއިރު ހައިދަރު ގުޑުވާނުލާ އެ އިން ގޮތަށް އިނެވެ.
އޭނަ ކައިރިވުމާ އެކު ހައިދަރު ރުޅިވެރި ނަޒަރަކުން ބަލައިލި ގޮތް ރައްޔާންއަށް ފާހަގަވި އެވެ. އެކަމަކު އޭނަ ކުޑަކޮށް ވެސް ޖެހިލުމެއް ނުވެ އެވެ.
"އެއީ ކީއްކުރަން އައި މީހެއް؟" ރައްޔާން އިސްވެ ސުވާލުކުރި އެވެ.
"އުމާމާގެ ބައްޕައާ އެކު އައި މީހެއް. އަހަރުމެން ގޭތެރެއިން މައްސަލަ ހައްލުކުރާ ގޮތަށް ވާހަކަދެކެވުނީމަ ހަލީލު އެ ދިޔައީ،" ސުލްތާން ޖަވާބުދިނެވެ.
"ކޮން މައްސަލައެއް؟" ރައްޔާން އަނެއްކާވެސް އެހި އެވެ.
"ކޮން މައްސަލައެއްހޭ؟ އަހަރެންގެ އަންހެންދަރި ގެންގޮސް ކޮންތާކަށް ފުރުވާލާފަ ރައްޔާން ތި އައީ؟ އެ ކުއްޖާފުޅަށް ނޭނގޭނެ ގެއިން ބޭރުގަ ވެސް ފިޔަވަޅެއް އަޅާކަށް. ކިޔަވާށޭ ކިޔާފަ ގެންގޮސް ތަނަކަށް ވިއްކާލީ ނޫން ކަމެއް ވެސް އަހަންނަށް ކިހިނެއް އެނގެނީ؟ އަހަރެންގެ ލޮލުގެ ކޮއިހެން ގެންގުޅެފަ މި ގެއަށް ގެނައީ ރައްޔާންމެން ބޭނުންހާ ގޮތެއް ހަދާކަށް ނޫން،" ހައިދަރު ފުންމައިގެން ތެދުވެފައި ރުޅިއައިސް ރަތްވެފައި ހުރެ ހަޅޭއްލަވަން ފެށި އެވެ.
"އުމާމާ ހުރީ ހެޔޮ ހާލުގަ. އަހަރެން އޭނަ އެކަނިކޮށްފައެއް ނޫން މި އައީ. އޭނަ ބަލަން މީހުން ތިބޭނެ ހަމަޖައްސާފަ. އެހެންނޫނަސް އުމާމާ ބޭނުންވެގެން އަހަރެން އޭނަ ކިޔަވަން ގެންދިޔައީ." ރައްޔާން އިން ގޮތަށް ހަމަޖެހިލައިގެން އިނދެ ޖަވާބުދިނެވެ.
"ރައްޔާން!" ބައްޕަ ގޮވާލުމުން ރައްޔާން އެދިމާއަށް ބަލައިލި އެވެ.
"ރައްޔާން ހައިދަރަށް އުމާމާއާ ގުޅޭނެ ގޮތް ހަދައިދީ. އެހާ ދުރުގަ ހުންނައިރު އެ ދެމެދުގައި ކޮންޓެކްޓެއް ނެތި ދޫކޮށްލުމަކީ ރައްޔާން ކުރި ރަނގަޅު ކަމެއް ނޫން،" ސުލްތާން ހިސާބަކަށް ހިތްހަމަނުޖެހިފައި ރައްޔާންއަށް ބުންޏެވެ.
ރައްދު ދޭން ބޭނުންވިއަސް ރައްޔާން ހަމައެކަނި ބޯޖަހާލައިފައި ބައްޕަގެ އެދުމަށް ބޯލަނބަން އެއްބަސްވި އެވެ. އެކަމަކު ހައިދަރުގެ ވާހަކަތަކުގައި ހުރި ދޮގުވެރިކަމާއި އުމާމާ ބައްޕައާ ދުރުގަ ހުންނަން އެދޭވަރު އެނގޭނީ އޭނައަށް ނޫން ހެއްޔެވެ؟ ގުޅޭނެ މަގު ފަހިކޮށްދީފިއްޔާ ހައިދަރު އުމާމާއަށް ގުޅައި އިންޒާރު ދޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު ބައްޕަ ކުރިމަތީ އޭނައަށް މަޖުބޫރުވީ ހިތާ ދެކޮޅަށް ވެސް އެކަން ކުރާށެވެ.
ރައްޔާން ވިސްނާލައިފައި އުމާމާގެ މޯބައިލް ނަންބަރު ދިނުމުގެ ބަދަލުގައި ގެއަށް ގުޅެން ހުރި ނަންބަރެއް ދީ އެ ވަގުތަށް ސަލާމަތްވި އެވެ.
ހައިދަރު ދިއުމުން ބައްޕަ ވަކިން އޭނައާ ބައްދަލުކުރި އެވެ. އަދި މަންމަ ވެސް އެތަނަށް އަ އެވެ. ބައްޕަ އެހީ އުމާމާ އާއި އޭނަގެ ގުޅުމާ މެދުގަ އެވެ. އެ ގުޅުން ރަނގަޅު ނޫންކަން އެންމެންނަށް ވެސް އެނގޭ ކަހަލަ އެވެ. ކައިވެނީގެ އެހާ ކުރީކޮޅު އުމާމާ އެހާ ދުރަށް ގެންގޮސް ކިޔަވަން ބެހެއްޓުމަކީ އޭގެ އެއް ހެއްކެވެ. ރައްޔާންއަށް ދޮގެއް ނުހެދުނެވެ. އެކަމަކު އެއީ އަދި އޭނަ އުމާމާ ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމުގައި ބައްޕަ ކައިރީ ބުންޏެވެ.
އަމީރާ ދަރިފުޅުގެ މި ޖަވާބުން ހިތްހަމަޖެހިގެން ބުރަކަށީ ފިރުމައިލި އެވެ. ރައްޔާން އަކީ ހަރުދަނާ ޒުވާނެކެވެ. ކައިވެންޏަކީ ރައްޔާންގެ ނަޒަރުގައި ކުޅި ކުޅިވަރެއް ނޫނެވެ.
އެނބުރި ގޮސް ކޮޓަރިއަށް ވަންއިރު އުމާމާގެ މިސްކޯލެއް އިނެވެ. މިހާރު ކޮލެޖުން ގެއަށް އައީކަން ރައްޔާންއަށް އެނގުނެވެ. އޭނަ ފެންވަރާލައިގެން ނިކުމެ ނިދަން އަރާފައި އުމާމާއަށް ގުޅާލި އެވެ. އުމާމާ ފޯނު ނެގީ ކެނޑެން އުޅެނިކޮށެވެ.
"ރައްޔާން، އަހަރެން ފެންވަރަން މި އުޅެނީ. ދިހަވަރަކަށް މިނިޓް ފަހުން ގުޅިދާނެތަ؟" އުމާމާ ވާހަކަދެއްކިއިރު މާގަނޑު ދޫކޮށްފައި ހުރި އަޑު އިވުނެވެ.
ރައްޔާން އެކަމަށް އެއްބަސްވެގެން ފޯނު ކަނޑާލި ނަމަވެސް ދަތުރު ވަރުބަލީގައި ހުރުމުން އިރުކޮޅެއް ނުވެ ނިދިއްޖެ އެވެ. އޭނައަށް ދެން ހޭލެވުނީ އުމާމާ ގުޅަނިކޮށެވެ.
"ހަލޯ،" ރައްޔާން ފޯނު ނެގިއިރު އެ އަޑުގައިވީ ނިދީގެ އަސަރެވެ.
"ނިދީ ދޯ މިހާ އަވަހަށް؟" އުމާމާ ޝަކުވާކުރި އެވެ.
"ނިދާފަ އޮތް ނަމަ މިހެން ވާހަކަދެއްކޭނެތަ؟" ރައްޔާން ގަދަކަމުން ލޯ ހުޅުވާލައިފައި ތެދުވެ ބާލީސްތަކުގައި ލެނގިލި އެވެ. ގަޑި ބަލާލިއިރު އެގާރަ ޖަހައިފި އެވެ.
"ފޭސްޓައިމް ކޮށްބަލަ. އައި ވޯންޓް ޓު ސީ ޔޫ،" އުމާމާ އެދުނެވެ.
ރައްޔާން ލެޕްޓޮޕް ނަގައި ކައިރީގައި ބަހައްޓާފައި އުމާމާއަށް ގުޅި އެވެ. ކޯލަށް ޖަވާބުދިންއިރު ފެންނަން ހުރީ ހަމައެކަނި އެނދެވެ. އުމާމާއެއް ނެތެވެ.
އުމާމާ ލަދުން ނުފެންނަ ހިސާބުގައި އިނދެގެން ފުރަތަމަ ރައްޔާންއަށް ބެލި އެވެ. ރައްޔާން ހުސްގަޔާ އިންއިރު ތިރިން ލައިގެން އިނީ ނިދަންލާ ކުރު ސޯޓެކެވެ. އިސްތަށިގަނޑު ހޭވިފައިވާ ގޮތުން ނިދާފައި ތެދުވެ އިންކަން ރީތިކޮށް އެނގެ އެވެ. ކޮޓަރި ތެރެއަށް ނަޒަރު ހިންގާލުމުން ހިތަށް ތަދުވާ ގޮތްވި އެވެ. އޭނަ އުޅެބޮޑުވި ކޮޓަރިއަށް ވުރެ ރައްޔާންގެ ކޮޓަރި އޭނައަށް ކުޑަ ދުވަސްކޮޅަކުން ވެސް އަމިއްލަކަން އިހްސާސްކޮށްދިނެވެ.
"އައި މިސް މައި ރޫމް،" އުމާމާއަށް ބުނެވުނެވެ.
"ރޫމް އެކަނިތަ؟ އަހަރެން މިސްއެއްނުވޭ ދޯ؟" ރައްޔާން ސަމާސާކޮށްލި އެވެ.
"ކީއްކުރަން ރައްޔާން މަތިން ހަނދާންކުރަންވީ؟ އަހަރެން އެކަނިކޮށްލާފަ ގޮހެއްނު ތި ހުރީ؟" އުމާމާ ސްކްރީން ކުރިމައްޗަށް އަ އެވެ.
ފިޔާތޮށިކުލައިގެ ޓީޝާޓާ އެކު އުމާމާ އިނީ ތިރިން ސޯޓެއް ލައިގެންނެވެ. ރައްޔާން ކައިރީ ގޭގައި އުޅޭއިރު އޭނަ އެގޮތަށް ކުރު އެއްޗިއްސެއް ނުލަ އެވެ. ތެތް އިސްތަށިގަނޑުގައި އެ ވަގުތު ވެސް އޮތީ ތުވާއްޔެއް އޮޅާފަ އެވެ. ދެފައި އެނދުމައްޗަށް ނަގައި ހަމަޖެހިލައިގެން އިނދެ އޭނަ ތުވާލި ނިއުޅާލައިފައި އިސްތަށިގަނޑު ހިއްކަން ފެށި އެވެ.
ރައްޔާން ހިނިތުންވުމެއް ވެރިކޮށްލައިގެން ބަލަން އޮތެވެ.
އިތުރަށް އުމާމާގެ ކިޔެވުމާއި ދަތިތަކާ ބެހޭގޮތުން ރައްޔާން ސުވާލުކުރި އެވެ. އަވަށްޓެރިންގެ ގޮތުގައި ދިރިއުޅޭ އާއިލާގެ ވާހަކަ އުމާމާ ކިޔައިދިނެވެ. އޭނައަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އެމީހުންގެ ފުށުންނެވެ. މީގެ ކުރިން ދުވަހަކު ނުދައްކާހާ ގިނައިން އުމާމާ ވާހަކަދެއްކި އެވެ. ރައްޔާން ފެންނަން ހުއްޓަސް ދުރުގައި ހުރުމުން ލިބުނު ހިތްވަރެއް ކަހަލަ އެވެ. ރައްޔާންއަށް ކުރަން ޖެހުނު ކަމަކީ އަޑު އެހުމެވެ. އެހެން އޮވެގެން އޭނަ އިރުއިރުކޮޅާ އާފުރެ އެވެ. އުމާމާއަށް އެކަން ފާހަގަވެގެން ކޯލު ކަނޑާލުމުގެ ހުއްދަދިނެވެ. ވަކިވުމުގެ ކުރިން އޭނަ އެދުނީ ޖެހިގެން އަންނަ ދުވަހު ވެސް ހަނދާންކޮށް ގުޅުމަށެވެ.
ހައިދަރު ފުރަތަމަ އުމާމާއަށް ގުޅި ދުވަހު ބައްދަލުވާ ގޮތެއް ނުވި އެވެ. ދެން ގުޅި ދެ ފަހަރު ވެސް ފޯނު ނެގީ މެއިޑެވެ. އުމާމާގެ ނަންބަރު ހައިދަރަށް ދިނީ މެއިޑެވެ. އުމާމާއަށް ހައިދަރު ގުޅީ އޭނަ ގެއަށް އައިސް މެންދުރު ކާން އިނދެފައި ރައްޔާންއަށް ގުޅަންވެގެން ފޯނު ނަގައިގެން އިންދަ އެވެ.
ފޯނު ނަގާފައި ބައްޕަގެ އަޑު ކަންފަތުގައި ޖެހުމާ އެކު ފައި ދަށުން ބިންގަނޑު ދެމިގަތް ކަހަލަ އެވެ. ބައްޕަ ކީ ނުކީއެއް ވެސް ނޭނގެ އެވެ. އަވަހަށް ފޯނު ކަނޑާލައިފި އެވެ. އޭނަ ރައްޔާންއަށް ގުޅޭތޯ މަސައްކަތްކޮށްކޮށް އިންދާ އަނެއްކާ ބައްޕަ ގުޅި އެވެ. ފޯނު ނިއްވާލައިފައި އުމާމާ އެ ފޯނަށް ބަލަން އިން ގޮތުން ހީވީ އޭގެ އެތެރެއިން ބައްޕަ ނިކުމެގެން އައިސްދާނެތީ ބަލަން އިންހެންނެވެ. ވަގުތުން ކާހިތް ވެސް ކެނޑުނެވެ.
އެ ރޭ ރައްޔާން ވެސް މަސައްކަތެއްގައި އުޅުމުން އުމާމާއަށް ގުޅާކަށް ހަނދާނެއްނުވި އެވެ. އޭނަ ހަނދާންވީ ފަތިހު ތެދުވެ އެވެ. ގުޅާލިއިރު އުމާމާގެ ފޯނު އޮތީ ނިއްވާލައިފަ އެވެ.
***
ސުކޫލް ބަންދާ ދިމާކޮށް ދެ ފިރިހެންކުދިން ހިތާނުކުރަން ނިންމި ފަހުން ސައިފްގެ މަސައްކަތުގެ ވަގުތުތައް ކުރިއަށް ވުރެ ދިގުވި އެވެ. ކުރިއްސުރެ ކުރަމުން އައި މަސައްކަތުގެ އިތުރުން ވެސް އޭނަ މިހާރު ރޭގަނޑު އަލުން ފިހާރައަށް ދާން ފެށި އެވެ. އެގާރަ ޖަހާއިރު ފިހާރަ ލައްޕާފައި ގެއަށް އާދެވޭއިރު ހުންނާނީ އެގާރަ ގަޑި ބައިވާން ކައިރިވެފަ އެވެ. ޖުމާނާ ކޮންމެ ރެއަކު ވެސް ސައިފްގެ އިންތިޒާރުގައި ނުނިދާ އިންނާނެ އެވެ. އެ ރޭ ވެސް އޭނަ އިނީ ސައިފް ނައިސްގެން ނުނިދިފަ އެވެ. ވާރޭ ވެހެން ފެށުމުން ކުޑައެއް ބޭނުންތޯ ބަލަންވެގެން ގުޅިއިރު ފޯނު އޮތީ ނިވިފަ އެވެ. ގޭގައި ކުދިވެރިން އެކަނި ބައިތިއްބާފައި ނިކުމެވޭކަށް ވެސް ނެތެވެ. ޖުމާނާ ކަންބޮޑުވި އެވެ.
އޭނަ ސޯފާގައި އިންދާ ކޮންމެވެސް މީހަކު ދޮރެއް ހުޅުވާލައިފައި ނިކުތް އަޑު އިވުނެވެ. ޖުމާނާ ހީކުރީ ކުދިވެރިންގެ ތެރެއިން ކޮންމެވެސް ކުއްޖަކަށް ހޭލެވިގެން އޭނަ ހޯދަން ނިކުތީ ކަމަށެވެ. އެކި ދިމަދިމާއަށް ނަޒަރު ހިންގަން ސޯފާގައި އިންދާ ފެނުނީ މާޒް ގެއަށް ވަދެގެން އަންނަނިކޮށެވެ.
ޖުމާނާ ވާހަކަދައްކަން އުޅެފައި ހިތަށްއެރި އެއްޗަކުން ފަސްޖެހުނެވެ. މާޒް ވަރަށް ސިއްރުން ފޯނަކުން ވާހަކަދައްކަމުން ދިޔައީ ކޮޓަރިއާ ދިމާއަށެވެ. އޭނަ މިއޮތް ހުރިހާއިރު ހީކޮށްގެން ހުރީ މާޒް ދިހައެއް ނުޖަހަނީސް ކޮޓަރިއަށް ވަދެ ނިދާފައި އޮތް ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން ސައިފް ވަދެގެން އައީ އެ ވިސްނުމުގައި އިންދަ އެވެ. ޖުމާނާ އަވަސްވެގަތީ ސައިފް އެ ގަޑީގައި ކާން ބޭނުންތޯ ބަލާށެވެ.
ސައިފް އެދުނީ ހޫނު ކޮފީ އަކަށެވެ. އޭނަ ވަދެގެން ދިޔައީ ތެމިފައި ހުރި އަންނައުނު ބަދަލު ކުރާށެވެ.
ޖުމާނާ ކޮފީ ގިރައިގެން ކޮޓަރިއަށް ދަމުން ދޮރުމަތީ ހުއްޓިފައި މާޒްގެ ކޮޓަރިއަށް ނަޒަރެއް ދިނެވެ. އެތެރޭގައި ފަނޑު އަލިކަމެއް ފޭދިފައިވާތަން ފެނުނީ ދޮރު ދަށުންނެވެ. އެކަމަކު މާޒް ހީވާ ގޮތުން އަދިވެސް ނުނިދައި އޮންނާނީ ފޯނުގަ އެވެ. ސައިފްއަށް އެފަދަ ޝައްކެއް ވެސް ވާކަމެއް ނޭނގެ އެވެ. އެކަމަކު ރަނގަޅަށް އޮޅުންފިލުވައިގެން ނޫނީ އޭނަ ސައިފް ކައިރީ ބުނާހިތެއް ނެތެވެ. ދެބެންގެ ގުޅުން ކޮންމެވެސް ވަރަކަށް ރަނގަޅު ވެފައި ވަނިކޮށް ބުނެވޭ އެންމެ ވާހަކައަކުން އެ ގުޅުން ހީނަރުވެދާނެ އެވެ.
"ތެންކިއު،" ޖުމާނާ ކޮފީ ހިފައިގެން ވަންތަނާ ސައިފް ފާހާނާއިން ނިކުމެ އޭގައި ހިފާފައި ބުނެލި އެވެ.
ޖުމާނާ ހިނިތުންވެލި އެވެ. އޭނަ ގޮސް އިށީނދެލީ ރީތިވާ މޭޒު ކުރިމަތީ ހުރި ގޮނޑީގަ އެވެ.
"މާޒްމެން އުމުރު ކުދިން ފޯނު ގެންގުޅޭތީ އޭނަ ނުކިޔާތަ ފޯނެއް ގަނެދޭކަށް؟" ޖުމާނާ ސައިފްއަށް ނުބަލަން އެތާ ހުރި ފުޅިތައް ތަރުތީބުކުރަމުން އެހި އެވެ.
ސައިފް ކޮޅަށް ހުރެގެން ކޮފީ ކޯވަރެއް ރަހަ ބަލާލައިފައި ގޮސް އެނދުގެ މަގަތުގައި އިށީނދެލި އެވެ. ޖުމާނާ ބުނި އެއްޗެއް އަހައިގެން އޭނަ އެމޫނަށް ބަލައިލި އެވެ. ޖުމާނާ އޭނައަށް ބަލައިލީ ލޯގަނޑުންނެވެ.
"އަދިއެއް ނުކިޔާ. ކިހިނެއްވީ؟ އޭނަ ޖުމާ ކައިރީ އެކަހަލަ ވާހަކައެއް ދެއްކީތަ؟" ސައިފް އެހި އެވެ.
"އުނހު. ހިތަށް އެރީ ހަމަ. ޓީންއޭޖަށް އެރީމަ ވަރަށް ޑިމާންޑްތައް އަންނާނެވިއްޔަ. އެ ކުއްޖެއްގެ އެކުވެރިން އުޅޭ ގޮތަކަށް ވަރަށް އުޅޭހިތްވާނެ،" ޖުމާނާ އެނބުރިފައި ހިނިތުންވެލި އެވެ.
ސައިފް އިތުރު އެއްޗެކޭ ނުބުނެ އެވެ. ޖުމާނާ ފެށީ އާދައިގެ މަތިން ނިދުމުގެ ކުރިން އޭނަ ކުރާ ކަންކަން ކުރާށެވެ. ތެދުވެ އަލަމާރިން ނިދާ ހެދުން ނަގައިގެން ފާހާނާއާ ދިމާއަށް ދާން ފެށުމުން ސައިފް ގޮވި އެވެ. ސައިފް އެދުނީ އަލަމާރީގައި އޭނަގެ އަންނައުނުތައް ބަހައްޓާފައި ހުންނަ ބައި ހުޅުވުމަށެވެ. ޖުމާނާ ކުޑަކޮށް ހައިރާންވި އެވެ. ސައިފް އެ އިނީ އޭނަ ނިދަން އާންމުކޮށް ލާ ސްވެޓްޕޭންޓްގަ އެވެ. މަތިން އާންމުކޮށް ވެސް ޓީޝާޓެއް ނުލާނެ އެވެ. އޭނަ ދެން ހީކުރީ މިރޭ ފިނިވެ އެތަނުން ޓީޝާޓެއް ލާންވެގެން ނަގަން އަލަމާރި ހުޅުވަން ބުނީ ކަމަށެވެ.
އެކަމަކު އަލަމާރީގެ އެ ބައި ހުޅުވާލުމުން ލިބުނީ ހައިރާންކަމެކެވެ. އެތެރޭގައި ޕާރުސަލެއް އޮތެވެ.
"މީ ކޮންއިރަކު ލައިފަ އޮތް އެއްޗެއް؟" ޖުމާނާ ޕާރުސަލް ނަގައި ސައިފްއަށް ދައްކާލަމުން އެހި އެވެ.
"އެތެރޭ އޮތް އެއްޗެއް ބަލާބަލަ!" ސައިފް އެދުނެވެ.
ޖުމާނާ ސައިފްއަށް ނަޒަރެއް ދީފައި ޕާރުސަލް ހިފައިގެން އަ އެވެ. އޭނަ ކުރިން އިން ތަނުގައި އިށީނދެފައި ކަތުރެއް ބޭނުންކޮށްގެން ޕާރުސަލް ކަނޑާލި އެވެ. ކަރުދާސްގަނޑު ޑަސްބިނަށް ވައްޓާލައިފައި އެތެރޭގައި އޮތް ފޮށި ހުޅުވާލިއިރު ސައިފް ފަރުވާތެރިވެ އެ މޫނަށް ބަލަން އިނެވެ.
ފޮށި ހުޅުވާލިއިރު އެތެރެއިން ފެނުނީ މަޑު ފިޔާތޮށި ކުލައިގެ ކޮންމެވެސް ކަހަލަ ލޭސް ހެދުމެއްކަން އެނގުނެވެ. އަތް ޖައްސާލިއިރު އެހާ މަޑެވެ. ހެދުމުގެ ދެ ވާކޮޅުގައި ހިފައި އުފުލައިލުމާ އެކު ވަގުތުން އެ މޫނު ރަތްވެގެން އަ އެވެ.
"ދޭބަލަ ލައިގެން އަންނަން!" ސައިފް ކޮފީ ތަށި ސައިޑު ޓޭބަލް މަތީ ބަހައްޓާފައި އެދުނެވެ.
ޖުމާނާ ރަކިވެފައި ސައިފްގެ މޫނަށް ބަލައިލި އެވެ. އޭނަ މީގެކުރިން އަބަދުވެސް ނިދަން ލައި އުޅެނީ ދޫ ޓީޝާޓްތަކާއި ހަރުވާޅުތަކެވެ.
ފަސްޖެހުނު ނަމަވެސް ޖުމާނާ ދެކޮޅެއް ނުހަދަ އެވެ. ތެދުވެގެން ފާހާނާއާ ދިމާއަށް ދިޔަ އެވެ. އެކަމަކު ހެދުން ލައިގެން އަވަހަކަށް ނުއެއް ނިކުތެވެ. ސައިފް ގޮސް ދޮރުފަތުގައި ދެފަހަރު މަތިން ޓަކި ޖަހާލި އެވެ. އެ ހިސާބުން ޖުމާނާއަށް މަޖުބޫރުވީ ދޮރު ހުޅުވާށެވެ. އޭނަ ދޮރު ހުޅުވާލައިފައި ނިކުންނަން ވާއިރަށް ސައިފް ފަހަތަށް ޖެހިލައި ތަންދެއްކި އެވެ. މަޑުމަޑުން ދޮރުފަތް ދުރުކޮށްލާފައި ޖުމާނާ ނިކުތެވެ.
ސައިފް އަތް ދިއްކޮށްލީ އެ އަތުގައި ހިފާށޭ ބުނާ އުސޫލުންނެވެ. ޖުމާނާ އަތުގައި ހިފުމުން ސައިފް އޭނަ ގެނެސް ކޮޓަރި މެދާކަށް ހިސާބުގައި ބެހެއްޓި އެވެ. ދެން ވަށައިގެން ބުރެއް އަޅާލައިފައި އައިސް ކުރިމައްޗަށް ހުއްޓުނެވެ.
ސައިފް ގުދުވެލާފައި ޖުމާނާގެ ކަންފަތް ދޮށުގައި ބުނެލި އެއްޗަކުން ކުރިއަށް ވުރެ ބޮޑަށް އެ މޫނު ރަތްވެގެން އަ އެވެ.
(ނުނިމޭ)
ކޮމެންޓް (3)
ފާތީ
އިބޫ
ޒާނާ