ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑް 32
"ހިނގާ ނިދަން ދާން!" ޖުމާނާ އިރުކޮޅަކުން ކޮޅަށް ތެދުވި އެވެ.
ސައިފް ހަމައެކަނި ބޯޖަހާލައިފައި ޓީވީ ނިއްވާލުމަށް ފަހު ޖުމާނާގެ ފަހަތުން ތެދުވި އެވެ. އޭނާ ގޮސް ޖުމާނާގެ ފަހަތުން ކޮޓަރިއަށް ވަންއިރު ސިކުނޑީގައި އަދިވެސް ވީ އުމާމާ އެވެ.
"އަދިވެސް ބޯ މޮޑެދޭންވީތަ؟" ސައިފް ޖުމާނާގެ ފަހަތުން އެނދަށް އަރައި އޮށޯވެފައި އެހި އެވެ.
"ޔެސް ޕްލީޒް،" ޖުމާނާ ސައިފް މޭގައި ބޯއަޅައިލި އެވެ.
ސައިފް އެ އިސްތަށިގަނޑާ ކުޅެން ފެށުމުން އޭނާއަށް އަރާމުވެގެން ލޯ މަރައިލެވުނެވެ.
"ސޯ ގުޑް،" ޖުމާނާއަށް ބުނެލެވުނެވެ.
ސައިފްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ. އޭނާ ކުޑަކޮށް ބޯ ހިއްލާލައިފައި ޖުމާނާގެ ނިތުގައި ތުންފަތް ޖައްސައިލި އެވެ.
ހެނދުނު ސައިފް ބައްދަލުކޮށްފައި މާޒްއާ ވާހަކަދެއްކީ ނިކަން ރީތިކޮށެވެ. މާޒް ވެސް ހީވަނީ ރޭގަނޑު ގަޑީގައި ވިސްނާނުލާ ޖުމާނާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ދެރަވެފައި ހުރިހެންނެވެ. ސައިފް އެހުމުން، އެ ފޯނަކީ ރައްޓެހި ކުއްޖަކު ގެންގުޅެލަން ދިން ފޯނެއް ކަމުގައި މާޒް ބުންޏެވެ. އަދި ކުލާހުގައި އޭނާ ނޫން ހުރިހާ ކުދިންހެން ފޯނު ގެންގުޅޭކަން ހާމަކުރި އެވެ. ސައިފް އެހީ މާޒް ފޯނު ބޭނުންވަނީ އެއިން ކޮން ބޭނުންތަކެއް ކުރަންތޯ އެވެ. މާޒް އެވަގުތު އިސްޖެހި އެވެ.
"މާޒް ދިހައަކަށް ދާ އަހަރު ދޮންބެ އިރާދަކުރެއްވިއްޔާ ފޯނެއް ގަނެދޭނަން. ގޭމު ކުޅެން ބޭނުމިއްޔާ މިވަގުތަށް ލެޕްޓޮޕްގެ ބޭނުން ހިފޭނެއެއްނު،" ސައިފް ވިސްނާލައިފައި ވާހަކަދެއްކި އެވެ.
މާޒް ބޯޖަހައިލި އެވެ.
"ދޮންބެ!" މާޒް ގޮވައިލީ ސައިފް ދާން ހިނގައިގަތީމަ އެވެ.
"ދައްތަ ކައިރީ ބުނޭ ސޮރީއޭ..." މާޒް ދެރަވެފައި ވާހަކަދެއްކި އެވެ.
"މާޒް ބުނަންވީއެއްނު،" ސައިފް ހިޔާލެއް ދިނެވެ.
"ނުކެރޭނެ،" މާޒް މަނާވެގަތެވެ.
"އެންމެ ރަނގަޅު. ދޮންބެ ބުނެފާނަން. އެކަމަކު ދެން ނުވާނެ ދައްތައާ އެގޮތަށް މުހާތަބުކޮށްގެން. މާޒްއަށް އެނގެއްނު ދައްތަ ކޮންމެ ކަމެއް ވެސް ކުރާނީ މާޒްއަށް ރަނގަޅަކަށްކަން،" ސައިފް ކޮއްކޮގެ ބޮލުގައި ފިރުމާލައިފައި ވާހަކަދެއްކި އެވެ.
މާޒްގެ ޖަވާބު އައީ ބޯޖަހައިލުމަކުންނެވެ.
މާޒް އެ ދުވަހު ސުކޫލަށް ދިއުމުގެ ކުރިން ސައި ތަށި ބޯން ވެސް ދިޔަ އެވެ. ޖުމާނާގެ މޫނަށް ބަލައިލި ވަގުތު ޖުމާނާ ހިނިތުންވެލި އެވެ. މާޒް އަވަހަށް އިސްޖަހާލި އެވެ. ސައި ތަށި ހުސްކޮށްލައިގެން އޭނާ ބެލީ އެތަނުން ނިކުމެގެން ދެވޭތޯ އެވެ.
***
"އަނެއްކާ އަހަރެންގެ ބައްޕައަށް ރައްޔާން ކަމެއް ކުރީތަ؟ މިހާރު މަހެއް މިވީ އޭގެ ފަހުން. އަދި އެންމެ ފަހަރަކު ވެސް ނުގުޅާ،" އުމާމާ ވާހަކަދެއްކީ ފޭސްޓައިމް މެދުވެރިކޮށެވެ.
އާދައިގެ މަތިން އުމާމާ ކޮލެޖުން އަންނަ ގަޑިއަށް ރައްޔާން ވެސް ވަގުތު ހުސްކޮށްގެން އައިސް އިނީ ކޮޓަރީގަ އެވެ. އަތްފޯރާ ހިސާބުގައި ސައިޑު ޓޭބަލް މަތީ އާވި އަރައަރާ ހުރި ކޮފީ ތަށްޓެއް ހުއްޓެވެ. ރައްޔާން ދޭތެރެއަކުން ކޮފީ ކޯވަރެއް ބޯލާފައި ބަހައްޓަ އެވެ.
"އަހަރެން ދެއްކި ވާހަކައެއް ވިއްޔާ ދެއްކީ އަނގަބަހުން،" ރައްޔާން އުމާމާއަށް ރައްދުދިނުމުގެ ގޮތުން ޖަވާބުގައި ބުނެލި އެވެ.
"އަހަންނަށް އެނގޭ އެއްޗަކީ ބައްޕަ ގޮތެއް އޮއްވާ އަހަރެން އެކަނި ދޫކޮށްނުލާނެކަން،" އުމާމާ ޔަގީންކަމާ އެކު ބުންޏެވެ.
ރައްޔާން ފާޑަކަށް ހިނިއައިސްފައި ބަލަހައްޓައިގެން އިނެވެ. އޭނާގެ ފޯނަށް މެސެޖެއް އައުމުން ނަގައި ބަލައިލާފައި ބުމަ ކައިރިކޮށްލި ގޮތް އުމާމާއަށް ފާހަގަވި އެވެ.
"ކިހިނެއްވީ؟" އުމާމާ އެހި އެވެ.
"ސޮރީ؟" ރައްޔާން ފޯނުން ނަޒަރު ވަކިކޮށްލާފައި އުމާމާއަށް ބަލައިލި އެވެ.
"މީހަކު މެސެޖުކުރީތަ؟" އުމާމާ އޮޅުންފިލުވާހިތްވި އެވެ.
"އިޓްސް ޖަސްޓް ވޯކް ސްޓަފް،" ރައްޔާން އިތުރު ތަފްސީލެއްނުދެ އެވެ.
އުމާމާއަށް މަޖުބޫރުވީ އެ މައުލޫއުއަށް އިތުރަށް ވާހަކަނުދައްކާ ހުއްޓައިލާށެވެ. އޭނާ ދެން ފެށީ ފެނުނު ހުވަފެނެއްގެ ވާހަކަ އެވެ. ރައްޔާން އޭނާ ހައިރާންކޮށްލަން ބުނެ ވެސް ނުލާ ގޮސް ގޭގައި ހުއްޓާ ފެނުނު ވާހަކަ އެވެ. އެ ވާހަކަ ކިޔައިދިންއިރު ހިތާއި ހިތުން އުމާމާ އެދުނީ ރައްޔާން ތަންކޮޅެއް ސީރިއަސްކޮށް އެ ވާހަކަ ނެގުމަށެވެ. އޭނާގެ ހުވަފެންތައް ސީދާކޮށްދޭން ރައްޔާން އަބަދުވެސް މަސައްކަތްކޮށްދޭނަމޭ ބުނި ފަދައިން އޭނާގެ އެ ހުވަފެން ވެސް ރައްޔާން ސީދާކޮށްދިނުމަށެވެ.
ކޮޓަރީގައި މީހަކު ޓަކިދޭން ފެށުމުން ރައްޔާން މަޑުކޮށްލާށޭ ކިޔާފައި ތެދުވެގެން އެ ދިމާއަށް ދިޔަ އެވެ. އުމާމާ ސްކްރީނަށް ބަލަހައްޓައިގެން ބަދިގޭ ތެރޭ އިނދެފައި މެއިޑު ދާތަން ފެނިގެން އިޝާރާތްކޮށްފައި ކައިރިއަށް ގެނަ އެވެ. އޭނާ އިން ތަނުން ނުތެދުވަންވެގެން މެއިޑު ލައްވާ ތަށްޓަކަށް ޖޫސް އަޅައިގެން ގެނެސް ބޯން ފެށި އެވެ. މޭޒުމަތީ ބައެއް ފޮތްތަކާއި ކަރުދާސްތައް ބަހައްޓާފައި ހުއްޓެވެ.
ރައްޔާން ފެންނަ ހިސާބުގައި ނެތަސް ކޮންމެވެސް މީހަކާ ވާހަކަދައްކާ އަޑު އިވޭތީ އުމާމާ އިނީ އަޑު އަހާށެވެ. އެކަމަކު ދުރުގައި ހުރީތީ އެ ދެއްކި ވާހަކައެއް ސާފުވާ ވަރެއް ނުވި އެވެ.
"މިހާ ލަހުން ކާކު ހޯދަން އައީ؟" ރައްޔާން އެނބުރި އައިސް ކައިރިވީ އިރަށް އުމާމާ އަހައިފި އެވެ.
ރައްޔާން އުމާމާއަށް ނަޒަރެއް ދިނެވެ. ކުރިއާ ހިލާފަށް އުމާމާ އޭނާގެ ކަންތައްތަކާ ޝައުގުވެރިވާކަން ފާހަގަވި އެވެ.
"ނަތިން ފޯ ޔޫ ޓު ވޮރީ،" ރައްޔާން އެ ވާހަކަ ވެސް އެ ހިސާބުން އޮއްބައިލި އެވެ.
އުމާމާގެ ހިތަށް ގޮތެއްވި އެވެ. ރައްޔާންގެ އޭނާއަށް ނޭނގޭ ހާދަ ސިއްރެއް މިހާރު ހުންނާނެ އެވެ. ކުރިން ވެސް އެ ދެ މީހުންނަށް އެކަކު އަނެކަކަކީ ދެ ބީރައްޓެހިންނެވެ. ކައިވެންޏަށް ފަހު އުފެދުނު ގާތްކަން ވެސް އެތަކެއް މޭލު ދުރުގައި ހުންނަން ޖެހުމުން މަޑުމަޑުން ދުރުވާން ފަށައިފި ކަންނޭނގެ އެވެ.
"އުމާމާ، މި ގަޑީ އިހަށް ބާއްވަނީ އިނގޭ،" ރައްޔާން އުމާމާއަށް ބަލައި ވެސް ނުލާ ލެޕްޓޮޕް ގެންގޮސް މޭޒުމަތީ ބެހެއްޓި އެވެ.
އޭނާ ފޯނު ކަނޑާލުމުގެ ކުރިން އުމާމާ "ބާއި"އޭ ބުނެލި އަޑު އަ އެވެ.
އެ ކޯލު ކެނޑުމުން އުމާމާ ދެން ގުޅީ ޒޯޔާއަށެވެ. ބޭރަށް ފުރި ފަހުން އެއީ އޭނާ އިސްވެ ޒޯޔާއަށް ގުޅާ ފުރަތަމަ ފަހަރެވެ. އޭގެ ކުރިން ޒޯޔާ ދެ ދުވަހެއްގެ މަތިން އޭނާގެ ހާލު ބަލަން ގުޅި އެވެ. އަދި އެހާ ލަސް ވަގުތެއްގައި ގުޅައިގެން ޒޯޔާ ފޯނު ނަގާނެކަމުގެ މާ ބޮޑު އުންމީދެއް ނެތެވެ.
"އުމާމާ. ހައި،" ޒޯޔާ ފޯނު ހިފައިގެން ގޮސް ސޯފާގައި ޖައްސައިލި އެވެ.
"ކީއްވެ ގޭތެރޭގައި މޫނު އަޅައިގެން ތިޔަ އުޅެނީ؟ ބަޔަކު އުޅެނީތަ؟" އުމާމާގެ ސަމާލުކަމަށް އައީ ޒޯޔާ އެ ގަޑީ ގޭގައި މޫނު ބުރުގާ އަޅައިގެން އިނީމަ އެވެ.
"އެބަ އުޅޭ މި ދުވަސްކޮޅު ބަޔަކު އައިސް،" ޒޯޔާ އެއްބަސްވި އެވެ.
"އެހެންތަ؟ ކޮން ބައެއް އެއީ؟" އުމާމާއަށް ބުމަ ކައިރިކޮށްލެވުނެވެ.
ރައްޔާން އޭނައަށް ރެޔަކާއި ދުވާލު އެއް ފަހަރު ގުޅާއިރު އެއް ފަހަރު ވެސް އެފަދަ ވާހަކައެއް ބުނެފައެއް ނެތެވެ.
"ބައްޕަގެ އެކުވެރި ފެމެލީއެއް،" ޒޯޔާ ފަސްއެނބުރި ބަލާލައިފައި ތަންކޮޅެއް މަޑުން ބުނެލި އެވެ.
"އެކަމަކު ރައްޔާން ނުބުނޭ ތިކަހަލަ ވާހަކައެއް. އެ ކީއްކުރަން އައިސް އުޅޭ ބައެއް؟" އުމާމާ އޮޅުންފިލުވަން ބޭނުންވި އެވެ.
"އެމީހުންނަކީ ލަންކާގައި އުޅޭ ފެމެލީއެއް. ޗުއްޓީ ހަދާލަން މިކޮޅަށް އައިސް އުޅެނީ. ޖުމާދައްތަ ގުޅާފައި އެ ގޭ ކުދިންތައް ހިތާނީއަށް ދާން ބުނީމަ އެމީހުން ވެސް ދާންވެގެން އުޅެނީ އަހަރުމެންނާ އެކު ބައިގިނަކޮށްލަން. މަޖާ ވެސް ވާނެއެއްނު،" ޒޯޔާ އުމާމާ ނާހާ ވާހަކަތަކަށް ދަންދެން އަމިއްލައަށް ކިޔައިދިނެވެ.
އަދި އެއިން ކޮންމެ ވާހަކައަކުން އުމާމާގެ ސުވާލުތައް ވީ އިތުރެވެ. ހާސްކަން ވެސް މެ އެވެ. ރައްޔާން އެއް ފަހަރު ވެސް އެ ގޭގައި އިތުރު ބަޔަކު އުޅޭ ވާހަކަ އޭނާ ކައިރީ ނުބުނީ ކީއްވެ ހެއްޔެވެ؟
"ކޮން ބައެއް ދަނީ ޖުމާ ރަށަށް؟ ރައްޔާން ވެސް ދޭތަ؟" އުމާމާ، ޒޯޔާ ވިސްނާނެ އެއްޗަކަށް ނުބަލައި އެހި އެވެ.
"ކީ އެކަހަލަ ވާހަކައެއް،" ޒޯޔާގެ ހިނިތުންވުން ފުޅާވި އެވެ.
އުމާމާ ފަހުން ގުޅާނަމޭ ކިޔާފައި ކުއްލިއަކަށް ފޯނު ބާއްވައިފި އެވެ. އޭނާ ދެން އަނެއްކާވެސް ގުޅީ ރައްޔާން އަށެވެ. އެކަމަކު ރައްޔާން އޭނާގެ ފޯނަކަށް ޖަވާބެއް ނުދިނެވެ.
***
ޖެހިގެން އައި ދުވަހު އުމާމާ ގުޅީ އެކޮޅަށް ހެނދުނު ގަޑީގަ އެވެ. ރައްޔާން ވެސް އޮފީސް ނިންމާފައި ހަވީރު ގެއަށް އައި ގަޑި އެވެ. އުމާމާ ޔުނިވަސިޓީއަށް ނުދަނީތޯ އެހުމުން އޮފް ދުވަހެއް ކަމަށް ބުނެ އަވަސްއަވަހަށް ޖަވާބުދިނެވެ. ރައްޔާން ގޮސް ސޯފާގައި އިށީނދެލި އެވެ. އެވަގުތު ފަހަތުން އައިސް ހުއްޓުނު ކުއްޖަކު ނިކަން އަދަބުވެރިކޮށް ސަލާން ގޮވާލައިފައި ސައި ހަދަންތޯ އެހިއިރު އުމާމާއަށް ފެނުނެވެ.
"ހޫ އިޒް ޝީ؟" އުމާމާ އަވަސް އަވަހަށް އެހި އެވެ.
ރައްޔާން ފުރަތަމަ ޖަވާބުދިނީ އަންހެންކުއްޖާއަށެވެ. ސައި ބޯނީ އަދި އިރުކޮޅަކުންނޭ ބުނުމުން އަންހެންކުއްޖާ ބޯޖަހާލައިފައި ދުރަށް ދިޔަ އެވެ. ފޯނަށް ގެއްލުނު ނަމަވެސް އެތަނުން ދިޔަ ކަމެއް އުމާމާއަކަށް ނޭނގުނެވެ.
"ބައްޕަގެ އެކުވެރިއެއްގެ ދަރިއެއް،" ރައްޔާން އުމާމާ ކުރި ސުވާލުގެ ޖަވާބުގައި ބުނެލި އެވެ.
"ކޮން ނަމެއް ކިޔަނީ؟ ރައްޔާން ނުބުނަމެއްނު ގެއަށް އިތުރު ބަޔަކު އައިސް އުޅޭ ވާހަކައެއް،" އުމާމާ ޝަކުވާކުރި އެވެ.
"އުމާމާއަށް މުހިންމު ވާހަކައަކަށް ނުވާނެތީ،" ރައްޔާން ތެދުވެގެން ސިޑިއާ ދިމާއަށް މިސްރާބު ޖެހި އެވެ.
"ކީއްވެ ނުވާނީ؟" އުމާމާގެ ރައްދު އައިލެއް އަވަހެވެ.
"މި ގޭގައި އުޅޭ މީހެއް ނޫންވީމަ،" ރައްޔާން އިއްވައިލި އެވެ.
"އަދި ހަމަ ބަޔަކު އުޅުމާ ތި އުޅޭ މީހުންނާ ވެސް ތަފާތު ދޯ؟ ކިހާ ގާތްވީމަ ޖުމާމެން ރަށަށް އެމީހުން ގޮވައިގެން ދާން ބައްޕަމެން ބޭނުންވާނީ،" އުމާމާއަށް މަޑަކުން ނުހުރެވުނެވެ. ރައްޔާން ނޫނަސް އެހެން ފަރާތަކުން ވެސް އޭނާ މައުލޫމާތުތަކެއް ހޯދައިފިކަން ފަޅާއެރިއަސް މައްސަލައެއް ނެތެވެ.
ސިޑީގެ ވަކި ހިސާބަކުން ރައްޔާން ހުއްޓުނެވެ. އުމާމާއަށް ރަނގަޅަށް ބަލައިލި އެވެ.
"އަހަރެން ކައިރީ އެ އަންހެންކުއްޖާގެ ނަމެއް ވެސް ނުބުނަމެއްނު. ކޮންކޮން ބައެއްތަ ތި ފެމެލީގައި އުޅެނީ؟" އުމާމާ ހީވަނީ ތަހުގީގެއް ފަށައިގެން އުޅޭހެންނެވެ.
"އުމާމާ، ކީއްކުރަން ހޯދާހާ މައުލޫމާތެއް؟ އިޓްސް ނޮޓް ލައިކް ޔޫ އާ ގޯއިން ޓު މީޓް ދެމް،" ރައްޔާން ހިނިއައިސްފައި ޖަވާބުދިނެވެ. ދެން އަނެއްކާވެސް ސިޑިން އަރަން ފެށި އެވެ.
"ކިހިނެއް އެނގެނީ؟ ބައްޕަމެން އެހާ ގާތްކޮށް އުޅޭނީ ކަމެއްވެއެއްނު. އަހަންނަށް އެނގޭ އިރެއްގައި އަހަރެންގެ އާއިލާ ވެސް އުޅުނީ އެހެން،" އުމާމާ ވިސްނީ މުޅިން އެހެން މާނައެއްގަ އެވެ.
"ހޫމް ތީ ވެދާނެ ގޮތެއް. އެ ގޭ ކޮންމެ އަންހެންކުއްޖަކާ މި ގޭ މީހަކާ މެރީކުރުވަން ބައްޕަމެން ވިސްނަނީ ކަންނޭނގެ،" އުމާމާގެ ވާހަކައިގެ މިސްރާބު ހުރި ގޮތް ކޮންމެވެސް ވަރަކަށް ލަފާކުރެވިގެން ރައްޔާން ބުނެލި އެވެ.
އެވަގުތު އުމާމާގެ މޫނަށް ވީގޮތް ފެނިފައި އޭނައަށް މަޖާވި އެވެ.
"އުމާމާގެ މައްސަލައެއް ނެތް ދޯ އަހަރެން ދެއަތްނބަށް މީހަކާ އިނަސް. އުމާމާއަށް ރަނގަޅީ ވެސް އެގޮތެއްނު،" ރައްޔާން ހަމަ ގަސްތުގައި އުމާމާ ތަޅުވަންވެގެން ވާހަކަދެއްކި އެވެ.
އުމާމާ ވަގުތުން ފޯނު ކަނޑާލި އެވެ.
ދެން ގުޅިއިރު ރައްޔާންއަށް ގޮސް ކޮޓަރިއަށް ކިރިޔާ ވަދެވުނީ އެވެ.
އުމާމާ މިފަހަރު ވީޑިއޯއެއް ވެސް ނުޖައްސަ އެވެ. އެހެންވެ ރައްޔާން ވެސް ފޯނު ގެނެސް ކަންފަތުގައި ޖައްސައިލި އެވެ.
"އައި ނިއު އިޓް. އައި ސޯ ނިއު އިޓް. ރޭގައި އެހާ ލަހުން ތި ކޮޓަރި ދޮރުގައި ވެސް ޓަކިދިނީ އެ ކުއްޖާ ދޯ؟ އެހެންވެ ދޯ އަހަރެން ކައިރީ ރައްޔާން ނުބުނީ؟" އުމާމާ އަވަސްއަވަހަށް ވާހަކަދެއްކި ގޮތުން ރައްޔާންގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާ އެވެ.
އޭނާ އަނގަ މަތީ އަތް އަޅައިގެން އިރުކޮޅަކު ހުރެލާފައި އިތުރަށް އުމާމާ ތަޅުވާލަން ގަސްތުކުރި އެވެ.
"އެހާ ދުރުގައި ހުރި މީހަކަށް ތި ހުރިހާ އެއްޗެއް އެނގުނު ގޮތެއް ވެސް އޮންނާނެ ދޯ؟" ރައްޔާން ގޮސް ދަބަސް ބަހައްޓާފައި އެނދަށް ވެއްޓިގަތެވެ.
"އެނގުނު ގޮތެއް ބަލާނެކަމެއް ނެތެއްނު،" އުމާމާ ހުރީ ރުޅިއައިސްފައިކަން އެ މޫނު ނުފެނުނަސް ރައްޔާންއަށް ޔަގީންވި އެވެ.
"އަހަރެން ކުރި ސުވާލަކަށް އަދި ޖަވާބެއް ނުދެމެއްނު. އަހަރެން ދެއަތްނބަށް މީހަކާ އިނަސް އޯކޭތަ؟" ރައްޔާން ދެވަނަ ފަހަރަށް އެހި އެވެ.
"އޯވަ މައި ޑެޑް ބޮޑީ،" އުމާމާ ޖަވާބު ދީފައި އަނެއްކާވެސް ފޯނު ކަނޑާލި އެވެ.
ވަގުތުން ރައްޔާންގެ ހިނިގަނޑު ފަޅައިގެންދިޔަ އެވެ. އޭނަ އެކަނި އޮވެގެން ހީހީފައި ހުއްޓުނީ ލޮލުން ކޮންމެވެސް ވަރަކަށް ފެން އައިމަ އެވެ. ހިމޭނުން އޮވެ ލޯ ފުހެލާފައި އަނެއްކާވެސް ފޯނު އަތަށް ނަގައި ނަޒަރެއް ދިނެވެ. އެވަގުތު ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ.
(ނުނިމޭ)
ކޮމެންޓް (2)
ޢަލީ
ޒާނާ