ވާހަކަ: ހިތް އެދި ގޮވާތީ

ވާހަކަ

ވާހަކަ: ހިތް އެދި ގޮވާތީ

22 ފެބްރުއަރީ 2024
2

އެޕިސޯޑް 36

 ކޮޓަރިތެރެއަށް އަލިވެގެން ދިޔައިރު ސައިފް ފަދައިން ދޮރުމަތީ ހުރި މީހަކު ވެސް ހުރީ ބަލަހައްޓައިގެންނެވެ.

"ސައިފް،" ޒާރާގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވި އެވެ.

"ޒާރާ،" ސައިފްއަށް ވެސް އެ ނަން ކިޔާލެވުނެވެ. އެކަމަކު އޭނަގެ މޫނުމަތިން ފެނުނީ މާ ހަމަޖެހޭ ކުލަވަރެއް ނޫނެވެ.

ސައިފް ހަނދާންވި އެވެ. ޖުމާގެ ބޮޑުދައިތަމެންނާ އެކު އިތުރަށް އައި މީހުންގެ ތެރެއިން އޭނައަށް ދަންނަ މޫނެއް ފެނުނުހެން ހީވި އެވެ. އެކަމަކު އެވަގުތު އޭނައަށް މާބޮޑަށް ސަމާލުކަން ނުދެވުނީ އެވެ. ނޫނީ ގިނަ ދުވަސް ފަހުން ޒާރާ ފެނުމުން ފާހަގަކުރަން ނޭނގުނީ އެވެ. އެކަމަކު މިހާރު ޔަގީންވެއްޖެ އެވެ.

"ހައި. ކުރިން ވެސް ހީވި ދަންނަ ގޮތެއް ހުރިހެން. އެކަމަކު އަދި މި އެނގުނީ. ކިހިނެއް ހާލު؟" ސައިފް އޭނަގެ ހާސްކަން ފޮރުވަމުން ހިނިތުންވެލެވޭތޯ މަސައްކަތް ކުރި އެވެ.

"ދެޓްސް ކްރޭޒީ. ޔޫ ވާ މައި ބެސްޓް ފްރެންޑްސް ސްޓޯކާ ފޯ އިޔާޒް،" ޒާރާ ހަށަން ބަނދެލި އެވެ.

"ޒާރާ..." ސައިފްއަށް ކަނދުރާމަތީ ހިފައިލެވުނެވެ.

މީ އޭނައަށް ޒާރާއާ ހަމަޖެހިލައިގެން ވާހަކަދެއްކޭނެ ވަގުތެއް ނޫނެވެ. އަދި ޒާރާގެ ވާހަކަ އެ ހުރީ އިތުރަށް ވިސްނައިނުދީ ދޫކޮށްލެވޭ ގޮތަކަށް ވެސް ނޫނެވެ.

"އަހަންނަށް ކަމެއް ކޮށްދީފާނަންތަ؟ އަހަންނާއި އުމާމާގެ ވާހަކަ އެހެން އެއްވެސް މީހަކު ކައިރީ ނުބުނެ ހުރެވިދާނެތަ؟ އުމާމާ ވެސް ބޭނުމެއް ނުވާނެ އެގޮތެއް،" ސައިފް އާދޭހާ އެކު އެދުނެވެ.

"ވިސްނާނަން ތިކަމާ،" ޒާރާ ހިނިތުންވުމެއް ދައްކާލައިފައި ނިކުތެވެ.

ދޮރު ލައްޕާލުމަށް ފަހު ސައިފްއަށް ވެސް އަނެއްކާވެސް އިށީނދެވުނީ އެނދުގަ އެވެ. ދެ އަތުން ބޮލުގައި ހިފާލައިގެން ވިސްނުމަކަށް ގެއްލިފައި އިންދާ އަނެއްކާވެސް ދޮރު ހުޅުވުނެވެ. އޭނަ ހީކުރީ ޒާރާ އަލުން އައީ ކަމަށެވެ. އަވަސް އަވަހަށް އަތް ތިރިކޮށްލާފައި ބަލައިލެވުނީ އެހެންވެ އެވެ.

"ކިހިނެއްވީ؟ އަދިވެސް ނިދި ހަމަނުވަނީތަ؟" ޖުމާނާ އެތެރެއަށް ވަދެގެން އަންނަމުން ވާހަކަދެއްކި އެވެ.

"ކީއްވެ ތިހެން ތިބުނީ؟" ޖުމާނާ ކައިރިވުމާ އެކު އަތުގައި ހިފާލައިފައި ގެނެސް އުނގުގައި ބައިންދަމުން ސައިފް އެ މޫނަށް ބަލައިލި އެވެ.

"ވަންއިރު ބޮލުގަ ހިފަހައްޓައިގެން އިނީމަ،" ޖުމާނާ ސައިފްގެ އިސްތަށިގަނޑާ ކުޅެން ފެށިއެވެ.

"ބޮލަކު ނުރިއްސާ،" ސައިފް ޖުމާނާގެ އަތުގައި ހިފާ ތިރިކޮށްލާފައި އެ އިނގިލިތަކަށް މަޑުމަޑުން ފިތައިލި އެވެ.

"އެހެންވިއްޔާ ރެޑީވެގެން ހިނގާ ބޭރަށް. އާކިފް އަހައިފި ދޮންބެ ނުފެނިގެން،" ޖުމާނާ ކުއްލިއަކަށް ތެދުވަން އުޅުނު ވަގުތު ސައިފް އޭނަގެ އުނަގަނޑު ވަށާލަމުން ބައްދައިލި އެވެ.

"ކިހިނެއްވީ؟" ޖުމާނާ ކަންބޮޑުވެއްޖެ އެވެ.

ސައިފްގެ އިސްތަށިގަނޑުގައި ފިރުމާލަ ފިރުމާލާ އޭނަ ޖަވާބެއްގެ އިންތިޒާރުގައި މަޑުކުރި އެވެ.

"އައި ލަވް ޔޫ،" އެ މޭގައި މޫނު ފޮރުވާލައިގެން އިނުމުން ސައިފްގެ އަޑު އައީ ހިސާބަކަށް ނުސާފުކޮށެވެ.

ޖުމާނާއަށް ސާފުނުވެގެން ސުވާލުކުރަން އުޅެނިކޮށް ސައިފް މޫނު އުފުލާލައިފައި ހަތަރުކަޅި ހަމަކޮށްލަމުން އަނެއްކާވެސް ތަކުރާރުކޮށްލި އެވެ. "އައި ލަވް ޔޫ."

ޖުމާނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ބަލަން އިނދެލާފައި ހިނިތުންވެލެވުނީ އެވެ.

"އަހަރެން ބޭނުމެއް ނޫން ޖުމާ އަހަންނަށް ގެއްލޭކަށް. ޔޫ އާ ދި ބެސްޓް ތިން ދެޓް ހެޕެންޑް ޓު މީ،" ސައިފް ހީވަނީ ކަމެއް ސާބިތުކޮށްދޭން މަސައްކަތް ކުރާހެންނެވެ.

ޖުމާނާއަށް ލިބިފައިވާ ހައިރާންކަން އިތުރުވި އެވެ. ސައިފް ކުއްލިއަކަށް އެގޮތަށް އެ ވާހަކަދައްކަނީ ކީއްވެ ބާވައޭ ހިތަށްއެރި އެވެ. ނިދާ ހޭލައިގެން އެހާ ޖަޒުބާތީ ވުމުގެ ސަބަބަކީ ފެނުނު ނުބައި ހުވަފެނަކަށްވުން އެކަށީގެންވާކަމުގައި އެ ހިތް ބުންޏެވެ.

"އިރާދަކުރެއްވިއްޔާ ސައިފްއަކަށް އަހަންނެއް ނުގެއްލޭނެ،" ކުޑަކުއްޖަކު ހިތްހަމަޖައްސައިދޭން އުޅޭހެން ޖުމާނާ ސައިފްގެ ހިތްހަމަޖައްސައިދޭން ވާހަކަދެއްކި އެވެ.

އިރުކޮޅަކު ބަލަހައްޓައިގެން އިނދެލާފައި ސައިފް އޭނަ ދޫކޮށްލާފައި ތެދުވި އެވެ. އޭނަ ފާހާނާއަށް ދާން ފެށުމުން ޖުމާނާ ވެސް ކޮޓަރިން ނިކުންނަން އެނބުރުނެވެ.

 ސައިފް ނިކުތްއިރު އާކިފް ކައިރީ އިނީ މާޒް އެވެ. މާޒް ކޮއްކޮ ރުއްސަން ޓީވީއިން ކާޓޫނެއް އަޅުވައިގެން އެއިން ފެންނަމުންދިޔަ މަންޒަރުތަކާ މެދު ވާހަކަދައްކަމުން ދިޔަ އެވެ. ސައިފްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ. އެ ހިނިތުންވުން ފިލީ އޭގެ އިރުކޮޅެއް ފަހުން ބަދިގެއިން ނިކުމެގެން އައިސް ތަބަކެއްގައި އެންމެނަށް ޖޫސް ބަހަން އުޅުނު ޒާރާ އައިސް ކައިރިއަށް ހުއްޓުނީމަ އެވެ. ސައިފް ޖޫސްތަށީގައި ނުހިފާ މަނާވެގެންފައި މާޒް ތެދުވި ގޮނޑީގައި އާކިފްގެ އެންމެ ގާތުގައި އިށީނެވެ. ޒާރާ ކޮނޑު އަރުވާލައިފައި ގޮސް ބާކީ ތިބި އެހެން މީހުންނަށް ޖޫސް ދީ ނިންމައިލާފައި ގޮސް ހުސް ގޮނޑިއެއްގައި ޖައްސައިލި އެވެ. ފޯނު ނަގައިގެން ހާވަން އިނދެއިނދެފައި ވެސް އިރުއިރުކޮޅާ އޭނަ ބަލައިލަނީ ސައިފް އަށެވެ. ސައިފް އަޅައެއްނުލަ އެވެ.

***

ފިރިހެންވެރިންނަށް ކާން ގޮވި ގަޑީ ސައިފް މަޑުކުރީ ފަހުން އަންހެނުންނާ އެކު ދާންވެގެންނެވެ. އެކަމަކު އެ ދެ މީހުން ވަދެ ޖައްސާލިތަނާ އަންހެން ގުރޫޕު ވަދެއްޖެ އެވެ. ޒޯޔާ ފަހުން އަންނާނަމޭ ކިޔާފައި ދާން އުޅުމުން ގޮވީ ޖުމާނާ އެވެ. އޭނަ ހީކުރީ ސައިފްއަށް ވެސް އެގޮތް ކަމުދާނެ ކަމަށެވެ. ސައިފްގެ މޫޑު ބަދަލުވީ ޒޯޔާގެ ފަހަތުން އައިސް ކުރިމަތީ އިށީން ޒާރާ ފެނިފަ އެވެ.

"މިއަދު އެންމެ މިސްވަނީ އުމާމާ. އޭނަ ނުލާ އަހަރެން އައިކަން އެނގުނަސް ރުޅި އަންނާނެ،" ހިމޭނުން އިނދެއިނދެފައި ޒާރާ ފެށި އެވެ.

"ތެދެއް ތިބުނީ. އުމާމާ ނުލާ ޒާރާ އައީމަ އޭނަ ވަރަށް ހިތްހަމަނުޖެހޭނެ މިފަހަރު،" ޒޯޔާ ވެސް ޒާރާއާ އެއްބައިވެލި އެވެ.

"ޖުމާއަށް އެނގޭތަ އަހަރެންނާއި ސައިފް ކިޔަވަން އުޅުނީ އެކީގައިކަން؟" ޒާރާ އަނެއްކާވެސް ވާހަކަދެއްކި އެވެ.

"ނޯ ވޭ،" ޒޯޔާ ވަގުތުން ކެއުން ހުއްޓާލައިފައި އަނގަމަތީ އަތް އެޅި އެވެ.

އޭނަ ބަލައިލީ ސައިފް އާއި ޖުމާނާ އަށެވެ.

"ތެދެއް؟" އެހެން އެންމެން ފަދައިން ޖުމާ ވެސް ސައިފްގެ މޫނަށް ބަލައިލި އެވެ.

ތިން އަންހެންކުދިންގެ ނަޒަރު އޭނައަށް ސީދާވެފައިވާތަން ފެނިގެން ސައިފްއަށް މަޖުބޫރުވީ ހަގީގަތް ހާމަކުރާށެވެ.

އޭނަ މަޑުމަޑުން ބޯޖަހައިލި އެވެ.

"އައި ފީލް އޯލްޑް،" ޖުމާ އަނގައަށް ގޮތެއް ހަދައިލި އެވެ.

ޒޯޔާ އެވަގުތު ހީގަތެވެ. "ކޮންތާކު މިހާރު ވެސް ޖުމާ ހީވަނީ އަހަރެމެންނާ އެއް އުމުރެއްގެ ކުއްޖެއްހެން."

"ހައު އޯލްޑް އާ ޔޫ؟" ޒާރާ އަވަހަށް އެ ފުރުސަތުގެ ބޭނުން ހިފި އެވެ.

ސައިފް ހިތްހަމަނުޖެހިގެން ޒާރާއަށް ބަލައިލި އެވެ. ޒާރާ ސައިފްގެ ނަޒަރުން އެއްޗެއް އެނގުނު ކަމަކަށް ނުހެދި އެވެ. ޒޯޔާ ވެސް ކޮންމެވެސް ވަރަކަށް ލަދުގަތެވެ. ދެން އޭނަ ހިތަށް އެރީ ސައިފްއާ އެއް ކުލާހެއްގައި އުޅުނު ކުއްޖަކަށްވީތީ އަހަން ކެރުނީ ކަމަށެވެ. އެކަމަކު ސައިފްއާ ގާތްވިއަސް ޖުމާއަކީ ޒާރާއަށް އާ މީހެއް ވިއްޔާ އެވެ.

"އުމުރަކީ ހަމައެކަނި ނަންބަރެއްނު،" ސައިފް ތެދުވެގެން ސިންކާ ދިމާއަށް ދިޔަ އެވެ.

"ސީރިއަސްކޮށް ބުނެބަލަ!" ޒާރާ އެވަރުން ވެސް ދުލެއް ނުކުރި އެވެ.

ޖުމާނާ އެއްވެސް އެއްޗެކޭ ހިތަށް ނާރާ ވަގުތުން ބުނެލައިފި އެވެ.

"ވަޓް؟ އުމާމާގެ ހަޒްބެންޑަށް ވުރެ ބޮޑެއްނު،" ސައިފް ފުރަގަސްދީގެން ހުރެފައި ޒާރާ ރައްދު ދިން އަޑު އިވިގެން ދެ އަތް މުށްކަވައިލެވުނެވެ.

ޒާރާގެ މަގްސަދަކީ ޖުމާނާ ދެރަކޮށްލުން ނޫނީ ލަދުގަންނަވާލުން ކަމާ މެދު އޭނަ ޝައްކެއްނުކުރެ އެވެ.

"ރައްޔާންގެ އެންމެ ބޮޑު ބޭބެ ޒުބައިރުއާ އުމުރުން އެއްވަރުވާނީ،" ޖުމާނާ އިތުރަށް ކިޔައިދިނެވެ. ޒާރާ މާބޮޑަށް އެކަމާ ސީރިއަސްވެގެން އުޅޭތީ އޭނައަށް ކުޑަކޮށް މަޖާ ވެސް ވި އެވެ. ކައިވެނީގެ ކުރިން އުމުރާ ދޭތެރޭ ފިކުރު ކުރެވުނަސް ކައިވެންޏަށް ފަހު ސައިފްގެ ފަރާތުން އޭނައަށް ފެނުނީ އެކަމާ މެދު އޭނަ ކަންބޮޑުވާން ނުޖެހޭކަމުގެ ހެކިތަކެވެ. ސައިފް އުޅޭ ގޮތުން ގިނަ ފަހަރު އޭނައަށް އިހްސާސްވަނީ އޭނައަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި އުޅެ ގިނަ ތަޖުރިބާ ލިބިފައިވާ މީހަކީ އެއީ ހެންނެވެ.

"ޝީ މައިޓް ބީ ލިޓްލް އޯލްޑާ. ބަޓް އައިމް ދަ ބޮސް އިން އަވާ ރިލޭޝަންޝިޕް،" ސައިފް އެނބުރި އައިސް ޖުމާނާ ކައިރިއަށް ހުއްޓިފައި އެންމެން ތިއްބާ އެހެން ބުނެލާފައި އެއް ލޯ މަރާލުމަށް ފަހު ނިކުމެގެން ދިޔަ އެވެ.

އޭނަ ހަމަ ނިކުތުމާ އެކު އެތެރެއިން އެންމެން ހީގަތް އަޑު އިވުނެވެ. ސައިފްގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވި އެވެ. އޭނަ ކުރަން ބޭނުންވި ކަންތައް ކާމިޔާބުވެއްޖެ އެވެ.

ސައިފް ބޭނުންވި ގޮތަށް ޒާރާއާ ވަކިން ވާހަކަދައްކައިލާނެ ފުރުސަތެއް ލިބުނީ އެ ރޭ އިރުއޮއްސޭ ނަމާދަށް ގޮސްފައި އައި މަގުމަތީގަ އެވެ. ސައިފް އައިސް އެ ގެއާ އަރާ ހަމަވީއިރު ޒާރާ ދޮރާށިން ނިކުމެގެން ޖެހިގެން ހުރި ސައިފްމެން ގެއަށް އަންނަން ނައްޓައިލީ އެވެ.

"ޒާރާ!" ސައިފް ގޮވާލި އެވެ.

ޒާރާ އޭނައަށް ބަލާލައިފައި އައިސް ކައިރިވި އެވެ.

"ގޭގައި މިވަގުތު އިތުރު ބަޔަކު އުޅޭތަ؟" ސައިފް ދެކޮޅު ބަލާލީ މަގުމަތިން ޖުމާނާގެ އާއިލާ މީހަކަށް ފެނިދާނެތީ އެވެ.

"އުނހު. ޒޯޔާ ވެސް ދައްތަ ވެސް ތި ގޭގަ ވީ. އެހެން މީހުން ނަމާދަށް ގޮސް ކަންނޭނގެ،" ޒާރާ އޮޅުންފިލުވައިދިނެވެ.

"ހިނގާ ވާހަކަދައްކާލަން އިހަށް ތި ގެއަށް،" ސައިފް އެތެރެއަށް އިޝާރާތްކޮށްލަމުން އެދުނެވެ.

ޒާރާ ބޯޖަހާލައިފައި އަލުން ދޮރާށި ހުޅުވާލުމަށް ފަހު އެތެރެއަށް ހިނގައިގަތެވެ. އެކީގައި ދާން ފަސްޖެހުނު ނަމަވެސް ސައިފް ވެސް އެތެރެއަށް ވަނެވެ.

އެކަކު ވެސް ނެތި ހިމޭންވެފައިވާ ސިޓިންރޫމްގައިވާ ސޯފާތަކުން ސޯފާއެއްގައި އޭނަ އިށީނދެލީ މީހަކަށް އެތަނަށް އާދެވުނަސް ގޯސް އެއްޗެއް ހީނުވާނީ އެފަދައިން އެންމެންނަށް ފެންނަ ތަނެއްގައި އިނދެގެން ކަމަށް ގަބޫލުކުރެވިގެންނެވެ.

"ޒާރާ ކައިރީ އަހަރެން ބުނީމެއްނު އުމާމާގެ ވާހަކަ ނުދައްކައްޗޭ،" ސައިފް ވަގުތު ބޭކާރު ކުރުމެއްނެތި ސީދާ މައުލޫއުއަށް ދިޔަ އެވެ.

"އަހަންނަށް ޝުކުރު އަދާނުކޮށް ފުރަތަމަ ވެސް ޝަކުވާތަ ކުރަން ފެށީ؟ އަހަރެން އުމާމާގެ ވާހަކަ ކީއިރު ސައިފް އާއި އޭނަގެ ގުޅުމުގެ ވާހަކަ ނުވެސް ބުނަމެއްނު،" ޒާރާ ގޮސް ކުރިމަތީ ހުރި ސޯފާގައި ޖައްސާލައިފައި ކުޑަކޮށް ކުރިއަށް ޖެހިލަމުން ހިތްހަމަނުޖެހިފައި ރައްދު ދިނެވެ.

"އަދިއެއް ނުބުނޭ،" ސައިފް އިނީ ފާޑަކަށެވެ.

"ތިހާ އިތުބާރު ނުކުރެވެންޏާ ނުބުނާށޭ ބުނީ ކީއްކުރަން،" ޒާރާ ހަށަން ބަނދެލި އެވެ.

"ޒާރާއަށް އެނގޭތަ އުމާމާ އާއި އަހަރެންގެ ގުޅުން އެނގުނީމަ ވާނެ ގޮތް؟ އަހަންނަށް ވުރެ ބޮޑަށް އުމާމާއަށް ދެރަ ލިބޭނީ. އޭނަގެ ކެރެކްޓާއަށް މީހުން ފާޑުކިޔާނީ. އަހަރެމެން ގުޅުމެއް ނުބާއްވައޭ ބުންޏަސް އެންމެންގެ ހިތުގައި ޝައްކުތައް އުފެދޭނެ،" ސައިފް ވެސް ކުޑަކޮށް ކުރިއަށް ޖެހިލައިގެން އިނދެ ޒާރާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރި އެވެ.

ޒާރާގެ ޖަވާބަކަށް ވީ ހަމައެކަނި ކޮނޑު އަރުވާލުމެވެ.

***

ރައްޔާން ހެނދުނު ގަޑީގައި އޮންލައިން ބައްދަލުވުމެއްގައި ބައިވެރިވާން ވެގެން އުމާމާ ޔުނިވާސިޓީއަށް ފޮނުވަން ނިންމީ ޑްރައިވަރުގެ ހަވާލުގަ އެވެ. ނާސްތާކުރަން ދެ މީހުން ވެސް ނިކުތީ ތައްޔާރުވެގެންނެވެ. ރައްޔާން ހާމަކުރީ އުމާމާ ބަލައި ދާ ގަޑިއަށް ވެސް އޭނަ ހުސްނުވާނެ ކަމަށެވެ.

"އެކަމަކު އަހަރެން އަންނަ ގަޑީގަ ގޭގަ ހުންނާނަން ދޯ؟" ނާސްތާކޮށް ނިމިގެން ތެދުވަމުން އުމާމާ އެހި އެވެ.

"ދެން ކޮން ތާކަށް އަހަރެން ދާނީ؟" ރައްޔާން ހިނިތުންވެލި އެވެ.

އުމާމާ ތެދުވެ ދަބަސް ކޮނޑުގައި އަޅުވާލައިފައި ދޮރާ ދިމާއަށް ދާން ފެށުމުން ފަހަތުން ރައްޔާން ވެސް ދިޔަ އެވެ.

"ސީ ޔޫ،" އުމާމާ ނިކުންނަން އުޅެފައި ރައްޔާންއާ ދިމާއަށް އެނބުރި ކޯތާފަތުގައި ބޮސްދިނުމަށް ފަހު ދުރަށް ޖެހިލި އެވެ.

ކުއްލިއަކަށް އޭނައަށް ލިބިގެން އުޅެނީ އާ ހިތްވަރެކެވެ.

އުމާމާ އަނެއް ފަރާތަށް އެނބުރުނު ވަގުތު ރައްޔާން އޭނަގެ އަތުގައި ހިފާ މަގަތަށް އަނބުރާލައިފައި ކުއްލިއަކަށް ކައިރިވެލި އެވެ. ރައްޔާން ދިން ހަދިޔާއިން އުމާމާގެ އެތެރެހަށީގައި އަލިފާން ހިފި ކަހަލަ އެވެ. ބޭއިހުތިޔާރުގައި އުފުލުނު ދެ އަތުން ރައްޔާންގެ ކަނދުރާމަތީ އަޅުވާލައި ކުރިއަށް ވުރެ ކައިރިވެލެވުނެވެ. ހަމައެއާ އެކު ރައްޔާންގެ ދެ އަތުން ވެސް އޭނަ ވަށާލައި ގަޔާލައި ފިއްތައިލީ ވައިރޯޅިއަކަށް ވެސް އެ ދެމެދުން ހުރަސްކޮށްފައި ނުދެވޭނެ ހެންނެވެ.

"ސީ ޔޫ ސޫން،" ޖަވާބުދިންއިރު ރައްޔާންގެ ނަޒަރު ހުއްޓުނީ ރަތްވެފައިވާ އުމާމާގެ ތުންފަތަށެވެ. ދެންމެ ދެންމެ ލޭ އޮހޮރިގެންފާނެ ކަހަލަ އެވެ.

އުމާމާ ހިނގައިގަތީ ދާން ބޭނުންނުވެފައި ހުރި މީހަކު ފަދައިންނެވެ. އެކަމަކު އެނބުރި އައިސް މެދުކެނޑުނު ހިސާބުން ރައްޔާން ކުރިއަށް ގެންދާނެކަމާ މެދު ކުރެވޭ ފޮނި އުންމީދާ އެކު އެކަމަށް އެދިއެދި ހުރެގެންނެވެ. މިއަދުގެ ވަގުތުތައް އެހެން ހުރިހާ ދުވަހަކަށް ވުރެ ދިގުވާނެ އެވެ. ކުރަން ޖެހޭ އިންތިޒާރު ހިތިވާނެ އެވެ. އެކަމަކު އޭގެ މޭވާ ނުހަނު ފޮނިވާނެ އެވެ.

(ނުނިމޭ)

ކޮމެންޓް (2)

ޒާނާ

22 ފެބްރުއަރީ 2024
ވަރަށް ރީތި. އެކަމަކު ކުރެވެނީ އަބަދުވެސް އެއް ޝަކުވާާއެއް. މާ ކުރިއްޔޭ... ތަންކޮޅެއް ދިގުކޮއްލަދޭށޭ.
3 0

ޢުމާމާ

22 ފެބްރުއަރީ 2024
ޒާރާ. ދެން ކޮންކަމެއް ތީ؟ މީހަކު ހޯދައިގެން އިނދެބަލަ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް