ދިވެހި ފިލްމު 'ކަންބަޅި'ގެ ޕޯސްޓަރެއް

'ކަންބަޅި'ގެ ވީޑިއޯ ލަވައެއް ނެރެފި

އައި ފިލްމްސްގެ 'ކަންބަޅި' އަކީ އިލްޔާސް ވަހީދު ލިޔެ އޭނާ އަހުމަދު އިފްނާޒް ފިރާގުއާ އެކު ޑައިރެކްޓްކޮށް ނެރޭ ބިރުވެރި ފިލްމެއް
28 ޖެނުއަރީ 2024

އޮލިމްޕަހުގައި އަންނަ ބުރާސްފަތި ދުވަހު އަޅުވާ 'ކަންބަޅި'ގެ ވީޑިއޯ ލަވައެއް ނެރެފި އެވެ.

މަރިޔަމް ސަލްވާ ކިޔާފައިވާ 'އާދޭ ދާން' އިން ފިލްމުގެ ލީޑް ތަރި ނުޒުހަތު ޝުއެއިބު އާއި ރަވީ ފާރޫގު އަދި މި ފިލްމުން އަލަށް ދާއިރާއަށް ތައާރަފުވާ 6 އަހަރުގެ ސާރާ ބިންތު މުހައްމަދު ފާރިގް ފެނެ އެވެ.

'އާދޭ ދާން' އަކީ މި ދާއިރާގައި އަލަށް މަސައްކަތް ފަށާފައިވާ އަބްދުލް ބާސިތު އަބްދުއްސަމަދު ޅެން ހަދައި އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) މިއުޒިކް ހަދާފައިވާ ލަވައެކެވެ.

އޮލިމްޕަހުގައި ބުރާސްފަތި ދުވަހު ޕްރިމިއާކުރާ 'ކަންބަޅި'ގެ ލަވަ 'އާދޭ ދާން'

އައި ފިލްމްސްގެ ތިންވަނަ ފީޗާ ފިލްމު 'ކަންބަޅި' އަކީ އިލްޔާސް ވަހީދު ލިޔެ އޭނާ އަހުމަދު އިފްނާޒް ފިރާގުއާ އެކު ޑައިރެކްޓްކޮށް ނެރޭ ބިރުވެރި ފިލްމެކެވެ.

ފިލްމުގައި ދައްކަނީ ސިންގަލް މަންމަ އަކާއި އޭނާގެ ދަރިފުޅު އާ އެޕާޓްމަންޓަކަށް ބަދަލުވުމާ އެކު ކުރިމަަތިވާ އާދަޔާހިލާފު ބިރުވެރި ބައެއް ކަންކަމެވެ. ދެމައިންނަށް ދިމާވާ މި ކަންކަމުގެ ހަގީގަތް ހޯދަން މަންމަ މަސައްކަތް ކުރެ އެވެ. ބިރުވެރި ކަންކަން ދިމާވަނީ އެޕާޓްމަންޓްގެ ސަބަބުންތޯ، ނުވަތަ ކުއްޖާއާ އަވަލައިގެން އުޅޭ އެއްޗެއްގެ ސަބަބުންތޯ، ނުވަތަ އެއަށް ވުރެ ވެސް ބިރުވެރި އެހެން ކަމެއް އުޅެނީތޯ ހޯދަން އުޅެ އެވެ.

'ކަންބަޅި'ގެ ދެވަނަ ޓްރެއިލާ

'ކަންބަޅި' ސޯޝަލް މީޑިއާގައި އަންނަނީ ބޮޑު ސަމާލުކަމެއް ހޯދަމުންނެވެ. ފިލްމު މާކެޓް ކުރުމަށް ސްނެޕްޗެޓް އާއި އިންސްޓަގްރާމަށް ހާއްސަ ފިލްޓާއެއް ވަނީ ނެރެފަ އެވެ.

 ފިލްމުގެ ޓިކެޓް އޮންލައިންކޮށް ވެސް ގަނެވޭނެ ކަމަށް ޓީމުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް